"ޕާޓީތަކާމެދު މާޔޫސްވެއްޖެ" - ވޯޓު ލާ ޢަދަދު މަދުވެ، އެފަރަގު ރަށްފުށާއި ސިޓީތަކުގެ ދެމެދު ބޮޑުވަނީ
މާލޭގެ ވޯޓު ލާ ނިސްބަތް، ރާއްޖޭގެ އެހެނިހެން ކަންކޮޅުތަކާ އަޅާކިޔާއިރު 13 އިންސައްތަ ދަށުގައި.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
02 ނޮވެމްބަރު
އައްޑޫ ސިޓީގެ އެކުލެވިގެންވާ ގޮތާއި، ސިޓީގެ ކުރިމަގާ މެދު ނިމިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ގޮތްކަނޑައަޅާ ނިންމުމުގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގިއިރު، ދެބައިކޮށްފައި އެއްބައި ވޯޓު ޙައްޤުވާ މީހުން ތިބީ ގޭގައެވެ. މާލޭގައި އަމުދުން ވޯޓު ފޮށި ދޮށުގައި މީހަކު ނެތެވެ. ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ އިޢުލާން ކޮށްފިއެވެ. ނަމަވެސް ވޯޓަރުންގެ ފުށުން ފެނުނު ފޫހިކަމާއެކު ޑިމޮކްރެޓިކް ޕްރޮސެސްއާމެދު ސުވާލު އުފެދިފައި ވެއެވެ.
އައްޑޫ ސިޓީ ރޫޅާލުމުން ދިގު ރާސްތާގައި ނުކުންނާނެ ނޭދެވޭ ނަތީޖާތަކާއި، އަނެއްކޮޅުން ފޭދޫ، މީދޫ އަދި ހުޅުދޫ ސިޓީއިން ވަކިވުމުން ހުރި މޮޅުގެ މައްޗަށް ހޫނު ބަޙުޘްތަކެއް ހިނގިއެވެ. އައްޑޫގެ އެކި ލީޑަރުން ނުކުމެ ޖޯޝުގައި އެމީހަކަށް ފެނުނު ޚިޔާލެއް ފައުޅުކުރަމުން ދިޔައެވެ. ނަމަވެސް، 52.87 އިންސައްތަ ވޯޓަރުން ވޯޓު ފޮށި ދޮށަކަށް ނުނިކުތެވެ.
ވޯޓު ލާން ނުކުތް މީހުން މަދުކަމުގެ މައްޗަށް ސޯޝަލް މީޑިޔާގައި އެކި ފަރާތްތަކަށް ކަންބޮޑުވުން ފައުޅުކޮށްފައި ވެއެވެ. އެކަންބޮޑުވުންތަކަށް މީދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙްމާން (އައްދު) ރައްދު ދެއްވީ ޖެނުވަރީ 2024 ގައި މާލޭގެ މޭޔަރ ހޮވާން ލީ ވޯޓުން މިސާލު ނަންގަވަމުންނެވެ. އައްދު ކެމްޕޭނު ކުރެއްވީ މީދޫ، އައްޑޫ ސިޓީއިން ވަކިވުމަށެވެ.
”މާލޭ މޭޔަރުކަމަށް އާދަމް އާޒިމް އިންތިހާބުވީ، ވޯޓު ދިނުމުގެ ހައްގުލިބިގެންވާ 54680 މީހުންގެ ތެރެއިން 7621 މީހުން ވޯޓް ދީގެން. ވޯޓްލުމުގެ އާބާދީގެ 13 ޕަސެންޓުން މޭޔަރުކަމަށް އާދަމް އާޒިމް އިންތިހާބުވިއިރު، މިދެންނެވި އިންތިހާބުގައި ވޯޓްލީ ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 31 ޕަސެންޓު މީހުން،" އޭނާ ލިޔުއްވިއެވެ.
ވޯޓު ލީ މީހުންގެ ޢަދަދު މަދުވުމުގެ ސަބަބުތަކުގެ ތެރޭގައި އައްދު ފާހަގަކުރައްވަނީ ރެޖިސްޓަރ ކުރުމުގެ ހުރި ދަތިތަކެވެ. ވޯޓަރުން ވޯޓު ފޮއްޓާ ހަމައަށް ދަތުރު ކުރާން ހުރި ދަތިތަކެވެ؛ ރިޒޯޓުތަކާއި އެހެނިހެން ރަށްރަށުގައި ވޯޓު ފޮށި ބަހައްޓާފައި ނެތުމުން، އެތައް ބަޔަކަށް ވޯޓު ނުލެވުނު ކަމުގައި އޭނާ ވިދާޅުވިއެވެ. އައްދު ވިދާޅުވީ މީދޫގައި ވޯޓު ޙައްޤުވީ މީހުންގެ ތެރެއިން 100 އިންސައްތަ ވޯޓު ލީ ނަމަވެސް، ނުކުންނާނީ ހަމަ މި ނަތީޖާ ކަމަށެވެ. މީދޫ ނިންމީ އައްޑޫ ސިޓީ އިން ވަކިވާށެވެ.
މި ޚިޔާލު ހޯދުމުގެ ވޯޓުން ފެނުނީ ފަހަކަށް އައިސް ވަމުންދާ ކަންބޮޑުވަނިވި ގޮތެކެވެ. 2008 ގެ ފުރަތަމަ ޑިމޮކްރެޓިކް އިންތިޚާބުގެ ފަހުން، އަދާއި ހަމައަށް އިންތިޚާބުތަކުގައި ވޯޓު ލާ މީހުންގެ ނިސްބަތް، މަޑުމަޑުން ދަނީ ދަށަށެވެ. އެންމެ މަދުން ނިސްބަތުން ވޯޓު ލާން ރީރެޖިސްޓަރކުރީ 2024 ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓު ލާ ނިސްބަތްވެސް ހުރީ މިމަގުގައެވެ. 2013 ގެ ރިޔާސީ އިންތިޚާބުގައި 91 އިންސައްތަ މީހުން ވޯޓު ލިއިރު، 2023 ގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ލީ 79 އިންސައްތަ މީހުންނެވެ. ދެވަނަ ބުރުގައި، ސިޔާސީ މަސްރަހާމެދު ހިތްހަމަނުޖެހުން ފައުޅުކޮށް، 7888 މީހުން ބާޠިލު ވޯޓު ލިއެވެ. މިއީ އެންމެ ގިނަ ބާޠިލު ވޯޓު ގުނި ފަހަރެވެ.
ކަންމިހެން ހުރި ނަމަވެސް، އަތޮޅުތަކުގެ ވޯޓު ލާ ޢަދަދު ދަށަށް ދާ ތަނެއް ނުފެނެއެވެ. ދަށަށް ދަނީ މާލެއާއި އައްޑޫގައި ވޯޓުލާ ނިސްބަތެވެ. ރަށްފުށާއި، ސިޓީތަކުގެ ވޯޓަރުން ވިސްނާ ގޮތުގެ ތަފާތުތަކަށް މިޙަޤީޤަތް އަލި ކުރެއެވެ.
2024 ގެ އޭޕްރިލް ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ވޯޓުގައި މާލެއިން ވޯޓުލީ ނިސްބަތް ހުރީ ރާއްޖޭގެ އެވްރެޖަށްވުރެ 12.85 އިންސައްތަ ދަށުގައެވެ. އައްޑޫގެ ނިސްބަތް ހުރީ ރާއްޖޭގެ އެވްރެޖަށްވުރެ 3 އިންސައްތަ ދަށުގައެވެ. ރާއްޖޭގެ ވޯޓު ލީ ނިސްބަތް އެ އިންތިޚާބުގައި ހުރީ 76 އިންސައްތައިގައެވެ. މާލޭގެ ބައެއް ފޮށިފޮށީގައި 50 އިންސައްތައަށް ވުރެ ދަށުގައެވެ. މާލެއާއި އައްޑޫ ނުހިމަނާ ނަމަ ރައްޔިތުންގެ މަޖިލީހުގެ 2024 ގެ އިންތިޚާބުގައި ވޯޓު ލާން ނުކުތް މީހުންގެ ނިސްބަތް ހުންނާނީ 80 އިންސައްތައިގައެވެ.
ގަޑުބަޑުވެފައިވާ ނިޒާމެއް
މާލޭގައި ބާއްވާ ސިޔާސީ އެއްވުންތަކާއި މުޒާހަރާތަކުންވެސް ފެންނަނީ ސިޔާސީ ކަންކަމަށް ޝައުޤުވެރިކަން ނެތުމާއި ސިޔާސީ މަސައްކަތާމެދު ނާއުންމީދު ވެފައިވާ މަންޒަރެވެ. ނުކުންނަ މީހުން ބޮޑުތަނުން މަދީއެވެ. މާލޭގެ މަގުތަކަށް އެތައްހާސް ބަޔަކު ފަސޭހަކަމާއެކު މުޒާހަރާއަށް ނެރެމުންދިޔަ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށްވެސް 175،000 މީހުން ދިރިއުޅޭ މާލެއިން 100 އެއްހާ މީހުން ނެރޭންވެސް މިހާރު އޮތީ އުނދަގޫ ކަމަކަށް ވެފައެވެ.
މި ނޫހާ ވާހަކަދެއްކި، އިދިކޮޅު މަޖިލިސް މެންބަރުންނާއި، ވެރިކަން ކުރާ ޕާޓީގެ މަޖިލިސް މެންބަރުންވެސް މިޙަޤީޤަތް ފާހަގަކޮށް، ޤަބޫލު ކުރެއެވެ. އަދި އެކަމުގެ ސަބަބަކީ ޕާޓީތަކާއި ސިޔާސީ ލީޑަރުން ވަޢުދު ނުފުއްދުމާއި، އަމިއްލަ މަޞްލަޙަތުގައި މަސައްކަތް ކުރުމުގެ ނަތީޖާއެއްގެ ގޮތުން އިތުބާރު ގެއްލުމެވެ.
"ޕާޓީ ސިސްޓަމާމެދު މީހުން ވަރަށް ބޮޑަށް މާޔޫސްވެއްޖެ،" ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވާ މަޖިލިސް މެންބަރު ޢަބްދުﷲ ރިފާޢު (ބޮޗޭ) ވިދާޅުވިއެވެ. އޭނާ އަކީ މާފަންނު ދެކުނު ދާއިރާގެ މެންބަރެވެ. އެމްޑީޕީ ދެފަޅިވުމުގެ މައްޗަށް ޢިޝާރާތް ކުރައްވާ، އޭނާ ވިދާޅުވީ "ކޮންމެ ގޮތަކުންވެސް" އެމްޑީޕީ ވެރިކަމުން ބާލާން "ވަކި ޕާޓީީއެއް ހެދީ" ކަމަށާއި، އެކަމުގެ ސަބަބުން އެމްޑީޕީ ފިކުރުގެ ވޯޓަރުންގެ ބަޔަކު ސިޔާސީ ކަންކަމާ ފެޔަށް ޖެހުނު ކަމަށެވެ.
އެހެން ނަމަވެސް، ރިޔާސީ އިންތިޚާބުން، މަޖިލިސް އިންތިޚާބަށް އަދި މަޖިލިސް އިންތިޚާބުން، ކައުންސިލު އިންތިޚާބަށް ވޯޓުލާ މީހުންގެ ނިސްބަތް މަދުވުމަކީ ޢާންމުކޮށް ކަން ހިނގާ ގޮތް ކަމަށެވެ. ވޯޓު ލާ މީހުންގެ ނިސްބަތް ހިސާބަކަށް ދަށްވަމުން ދިޔަ ނަމަވެސް، ބޮޑު މައްސަލައަކަށް އެކަންވާ ހިސާބަށް އަދި ނުދާ ކަމަށެވެ. އަދި ވޯޓު ލާ މީހުންގެ ނިސްބަތް ދަށަށް ދަނީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު "ފެއިލް" ވީމާ ކަމަށާއި، ޢާންމުންގެ އިތުބާރާއި ޝައުޤުވެރިކަން ގެއްލިފައިވާ ކަމަށެވެ.
އެމްޑީޕީ އަށް ނިސްބަތްވާ ބ. ކެންދޫގެ މަޖިލިސް މެންބަރު ވެސް ޤަބޫލުކުރައްވަނީ ވޯޓު ލާ ނިސްބަތް ދަށްވުމުގެ ފަހަތުގައިވަނީ ގެއްލެމުންދާ އިތުބާރު ކަމަށެވެ. "މެނިފެސްޓޯ އެއް ލިޔެފައި، ވަޢުދު ވެފައި، އިންތިޚާބަށް ކުރިމަތިލައިގެން ހޮވުމަށް ފަހު، ވަޢުދު ފުއްދުމުގެ ކަންތައް ދަނީ ރަނގަޅަކަށް ނޫން - މިއީ ހުރިހާ ސިޔާސީ ފިކުރަކުންވެސް ފެންނަން އޮތް ޙަޤީޤަތެއް،" ވޯޓު ލައިގެން ނެރެން އެދޭ ނަތީޖާ ނުނިކުތުމުގެ މައްސަލަ ބޮޑުވެފައިވާކަން ފާހަގަކުރައްވާ، އޭނާ ވިދާޅުވިއެވެ.
މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ ރައީސް ކަމާއި، ޓުވަރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުވެސް ފުރުއްވާ، ޒާކިރު އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތަކާއި ލީޑަރުންގެ ފަރާތުން ހަރުދަނާ، ވަކިވަކި ސިޔާސީ ފަލްސަފާއާއި ފިކުރިއްޔާތެއް ފައުޅުނުވާކަމީވެސް މައްސަލައެއް ކަމަށެވެ. "ރާއްޖޭގެ ސިޔާސީ ޕާޓީތައް އުފެދި، ހިނގަނިއްޔަކީ ފަލްސަފާއަކަށް، ފިކުރަކަށް ނޫން،" އޭނާ ވިދާޅުވިއެވެ.
އެހެންވީމާ، ޒާކިރު ވިދާޅުވަނީ، އަގުތަކާއި، ވިސްނުމާއި، ފިކުރުގެ ރޮނގުން ވަކި ސިޔާސީ ޕާޓީއެއް ޚިޔާރުކުރާން ދަތިވަނީއެވެ. "މިސާލަކަށް އެމްޑީޕީ - އެމްޑީޕީ މިބުނަނީ ސެންޓަރ ރައިޓް (ކަނާތު-މެދު ފިޔަ) ޕާޓީއެކޭ، އެކަމަކު ޙަރަކާތްތެރިވަނީ ސެންޓަރ ލެފްޓް (ވާތު-މެދު ފިޔަ) ގެ ޕާޓީއެއްގެ ގޮތުގައި،" ކަމަށާއި، އެހެންވީމާ ޕާޓީގެ ތެރޭގައިވެސް އެކި ބާވަތުގެ ވިސްނުމުގެ މީހުން އެކި ކޮޅުކޮޅަށް އެބަތިބި ކަން ފާހަގަކުރައްވާ، ޒާކިރު ވިދާޅުވީ އެކަމުގެ ސަބަބުން ފިކުރާއި ފަލްސަފާގެ މައްޗަށް ބިނާވާ ސިޔާސަތު ޕާޓީގެ ތެރެއިން ނުކުތުން ނާދިރު ކަމަށެވެ. "އެހެންވީމާ މިހުންނަނީ މަސްހުނި ސިޔާސަތުތަކެއް،" އޭނާ ވިދާޅުވިއެވެ.
މިހުރިހާ ކަމެއްގެ މައްޗަށް ލީޑަރުން އަމިއްލަ އެދުމާއި މަޞްލަޙަތު އިސްކުރުމުން "އުންމީދު ފަނޑުވޭ، އުންމީދު ގެއްލޭ،" ކަމަށް ޒާކިރު ވިދާޅުވިއެވެ. " ޢާންމުން ދެކެނީ، ވޯޓުން ކަމެއް ބަދަލު ނުކުރެވޭނިއްޔާ، ވަގުތީ ފައިދާއެއް ވޯޓުން ނެގުމަކީ އެންމެ ރަނގަޅު ގޮތޭ،" ވިދާޅުވެ، ޒާކިރު ހާމަކުރެއްވީ "އެހެންވީމާ ތާޢީދުކުރާ މީހާ މޮޅުވިޔަސް ނުވިޔަސް ވަރިހަމަ" ކަމަށާއި "އިންތިޚާބު ވުމަށްފަހު އެމީހުންގެ ފުށުން އެއްވެސް ކަމެއް ޢާންމުން އުންމީދު ނުކުރޭ،" ކަމަށެވެ.
ވޯޓަށް ނުކުތުން
ސިޔާސީ މުފައްކިރުންނާއި އުސްތާޛުން ބުނަނީ ޑިމޮކްރަސީތަކުގައި ވޯޓު ލާ މީހުންގެ ނިސްބަތް ކުޑަވަމުން އަންނަނީ ގުޅިފައިވާ 3 ކަމެއްގެ ސަބަބުން ކަމަށެވެ؛ އެއް ސަބަބަކީ ޒަމާނުއްސުރެ ތާޢީދުކުރާ ޕާޓީތަކާ ވޯޓަރުން ފެޔަށް ޖެހުމެވެ. މިއާއެކު ޕާޓީ މެންބަރެއްގެ ގޮތުގައި ދެކޭ ދުށުމުން ނެއްޓުމާއެކު، "މިނިވަން" ބައެއް ކަމުގައި ދެކޭން ފެށުމެވެ. އަދި ކޮރަޕްޝަނާއި، ނުފުއްދި ވަޢުދުތަކުގެ މައްޗަށް ހިތްބަރުވެ، ވޯޓު ލައިގެން ހެޔޮ ބަދަލެއް އަތުވެދާނެ ކަމާމެދު ޝައްކު އުފެދުމެވެ.
މިތިން ސަބަބު އެއްތަންވުމަށް ކިޔާ އުޅެނީ "ކްރައިސިސް އޮފް އެންޖޭޖްމަންޓް" އެވެ. ދިވެހި ބަހަށް ތަރުޖަމާ ކުރާނަމަ، ބައިވެރިވުން ދަށްވުމުގެ ކާރިސާއެއް ގެ ގޮތުގައެވެ.
ކޮންމެއަކަސް، އެދޭ ބަދަލު ގެނެވޭނީ ވޯޓު ލާން ނުކުމެގެން ކަން ވެރިކަން ކުރާ ޕާޓީގެ ފަރާތުން ވާހަކަދެއްކެވި މެންބަރު ރިފާޢު ފާހަގަކުރެއްވިއެވެ. އެގޮތުން އިންތިޚާބެއް ޞައްޙަ ވާކަށް ވަކި ޢަދަދަކަށް ޙައްޤުވާ މީހުން ވޯޓުގައި ބައިވެރިވާކަށް ނުޖެހޭ ކަމާއި، ވޯޓު ލިޔަސް ނުލިޔަސް، މީހަކު އިންތިޚާބު ވާ ކަމަށް ފާހަގަކުރައްވާ، އޭނާ ވިދާޅުވީ "މިއީ ޢާންމުން ވިސްނަންޖެހޭ ކަމެއް" ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ރޭންކްޑް ޗޮއިސް ވޯޓިންގް އާއި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކުރުން ފަދަ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅުއްވާފައިވާ އިންތިޚާބީ އޮނިގަނޑުގެ އިޞްލާޙުތަކާއެކު، ވޯޓު ލާން ނުކުންނަ މީހުންގެ ޢަދަދު އިތުރުވާނެ ކަމަށެވެ. މިދެ ބަދަލު ގެނެވޭނީވެސް ޚިޔާލު ހޯދުމުގެ ޢާންމު ވޯޓަކުން ފާސްވެގެންނެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ
ގުޅުންހުރި ޓެގްސް
އިތުރު ލިޔުންތައް

"ސަލާމަތުން ގޮސް، އަމިއްލަ ވަޒަނުގައި ދެން އަވަހަކަށް ނޫޅެވޭނެކަން އެނގުނު" ޝަހިންދާ އިސްމާޢީލް
27 ނޮވެމްބަރު

"ބާރުވެރިކުރުވާކަށް މީހަކަ ނާންނާނެ! އަހަރުމެން ބާރުވެރިވާންޖެހޭނީ އަމިއްލައަށް!" ހަތަރު ދައުރު ކައުންސިލަރަކަށް އިންތިޚާބުވި ސާމިޔާ
30 އޮކްޓޯބަރު

އަދީބު ފައިލްސް: ފައިސާއިން މަޖިލިސް ގަނެލިގޮތް
21 އޮކްޓޯބަރު

