ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގެ އިމަށް ސަރުކާރުން މިބަދަލު ގެންނަނީ ކީއްވެ؟

ތިމާވެށީގެ ވާކާލަތު އުފުލާ ފަރާތްތަކުން ބުނަނީ ޙިމާޔަތްވަނީ ހަމައެކަނި ވަގުތީ ސިޔާސީ މަންފާކަމަށް.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

06 ޖުލައި
ފަސޭހަފަސޭހައިން ރައްކާތެރިކޮށް ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކަށް ބަދަލު ނުުގެނެވޭ ގޮތަށް ކަމާބެހޭ ޤަވާއިދަށް އިޞްލާޙް ގެނައުމުގެ ކުރިން، މިފަދަ 6 ސަރަޙައްދެއްގެ އިމަށް 3 ހަފްތާގެ ތެރޭގައި ސަރުކާރުން ބަދަލު ގެނެސްފިއެވެ. މިއީ ދިވެހިރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގެ ޖުމުލަ 6 އިންސައްތައެވެ. 
އޭޕްރީލް އަދި މޭ މަހު ގެނައި ބަދަލުތަކާއެކު ގެޒެޓެ ކުރި ލިސްޓުގައި ޔުނެޕް ވޯލްޑް ޑޭޓާބޭސް ފޮރ ޕްރޮޓެކްޓެޑް އޭރިޔާޒް (ޑަބްލިއުޑީޕީއޭ) ގައި ކަނޑައަޅާފައިވާ އޮތް ދ އަތޮޅުގެ ސަރަޙައްދެއްވެސް ހިމަނާފައި ވެއެވެ. އެސަރަޙައްދުގައި ފަތުރުވެރިކަމުގެ މަޝްރޫޢެއް ހިންގުމުގެ ބޭނުމުގައެވެ.
މިދިޔަ އަހަރުވެސް ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގެ އިންތަކަށް ބަދަލު ގެނެސްފައި ވެއެވެ. މާލެ އަތޮޅުގައި އަތްނުލާ އޮތް މަދު ފަޅުތަކުގެ ތެރެއިން ރަސްފަރީގެ އިން އެވަނީ ހަނިކޮށްފައެވެ. އަދި ޖެހިގެން އޮތް ފަޅުގައި ރިޒޯޓެއް ތަރައްޤީކުރަން ބިންހިއްކާން ފަށައިފިއެވެ.
އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އިން ބުނަނީ ގެނެސްފައިވާ ބަދަލުތައް ހުށަހަޅާފައި އޮތީ ނިމިދިޔަ ސަރުކާރުން ކަމަށާއި، ކަމާބެހޭ ޤަވާއިދަށް މިގެނައި އިޞްލާޙް ތަކުގެ ސަބަބުން ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކަށް ބަދަލު ގެންނާން އިހުނަށްވުރެ އުނދަގޫވާނެ ކަމަށެވެ.
އެހެންނަމަވެސް، ތިމާވެށީގެ ޙިމާޔާތުގައި ވަކާލާތު ކުރާ ފަރާތްތަކުން މިބަދަލުތައް ސިފަކުރަނީ ކުރު މުއްދަތުގެ ސިޔާސީ ބޭނުމާއި ފައިދާއަށް ގެނައި ބަދަލުތަކެއްގެ ގޮތުގައެވެ. ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގެ އިމަށް ހިތުހުރި ބަދަލެއް ގެނެސްފައި، އެކަމުގައި ޞައްޙަކަމުގެ ފާހަގަ ޖެހުން ފަސޭހަކުރާ ބަދަލެއްގެ ގޮތުގައެވެ. އަދި މައުނަވީގޮތެއްގައި ތިމާވެށި ޙިމާޔަތްކުރުމުގެ ނިޔަތް ސިޔާސީންގެ ކިބައިގައި ނެތްކަން ފާހަގަކުރެއެވެ. 
ދިވެހިރާއްޖޭގައި ޙިމާޔަތްކޮށް ރައްކާތެރިކޮށްފައިވާ 93 ސަރަޙާއްދެއް އޮވެއެވެ. އެހެންނަމަވެސް 6 ސަރަޙައްދެއް ޙިމާޔަތްކޮށްފައިވަނީ ކަރުދާސްގަނޑުގައި އެކަންޏެވެ. އެއްވެސް މިންވަރެއްގެ ބެލެހެއްޓުންތެރިކަމެއް ނެތެވެ. 
އިންތަކަށް ބަދަލު ގެނައުން
އޭޕްރީލް 27 އާއި މޭ 18 އާ ދެމެދު އެންވަޔަރަމަންޓް މިނިސްޓްރީ އިން އިމަށް ބަދަލު ގެނެސް، ގެޒެޓުކުރި ސަރަޙައްދުތަކަކީ ދ ފުށިކަނޑު، ވ ވައްޓަރު، ވ މިޔަރު ކަނޑު، ލ މާބައިދޫ ކޯރު، ކ ހުރާ ކަނޑޫފާ އަދި އައްޑޫ ނޭޗަރ ޕާކެވެ.
1995 އަދި 1999 ވަނަ އަހަރު ޙިމާޔަތްކޮށްފައިވާ ލިސްޓުގައި މިސަރަޙައްދުތައް ހިމަނާފައި ވީނަމަވެސް، އެ ސަރަޙައްދުގެ ސީދާ އިމެއް ކަނޑައަޅާފައެއް ނެތެވެ. އެހެންނަމަވެސް 2024 ގައި ޢާންމުކުރި ”ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގެ ހޭންޑްބުކް“ ގައި ސަރަޙައްދުގެ އިންތައް ކަނޑައަޅައި ޑަބްލިއުޑީޕީއޭ އަށް ފޮނުވާފައި ވެއެވެ. 
މިފަހުން ގެނައި ބަދަލުތަކުގެ ތެރެއިން އެންމެ ކަންބޮޑުވަނިވި ކަމަކީ އައްޑޫ ނޭޗަރ ޕާކު އަދި ދ ފުށިކަނޑުގެ އިމަށް ގެނައި ބަދަލެވެ. އެއީ ބަދަލު ގެނައި ތަންތަނުގެ ތެރެއިން ސިޔާސީގޮތުންނާއި އިޤްތިޞާދީގޮތުން އެންމެ ގިނަ އަދި ބޮޑެތި މަޞްލަޙަތުތަކާ ގުޅިފައިވާ ސަރަޙައްދުތަކެވެ.
އައްޑޫ ނޭޗަރ ޕާކަކީ ޔުނެސްކޯ ބަޔޮސްފިޔަރ ރިޒާވްގައި ހިމެނޭ އަދި ދިވެހިރާއްޖޭގައި މެނޭޖުކޮށްގެން ޙިމާޔަތްކޮށް ބަލަހައްޓާ 6 ތަނުގެ ތެރެއިން އެއް ސަރަޙައްދެވެ. އައްޑޫ ނޭޗަރ ޕާކުގެ އިމަށް ގެނައި ކުއްލި ބަދަލުގެ ބޭނުމަކީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނަށް ސަރުކާރު ކެންޑިޑޭޓަށް ކަންފަހިކުރާން ކަމުގެ ތުހުމަތު އޮތީ އުފުލިފައެވެ.
ދ ފުށިކަނޑުގެ އިމަށް ގެނައި ބަދަލުތަކާމެދުވެސް އެފަދަ ތުހުމަތުތައް އެބަހުއްޓެވެ. އިހުގައި ފުށިކަނޑާއި ހުޅަނގު ދެކުނުން އޮތް ފަޅު ހިމެނެއެވެ. އެހެންނަމަވެސް އައު އިމުގެ ތެރޭގައި ފަޅެއް ނުހިމެނެއެވެ. 
ޓުވަރިޒަމް މިނިސްޓްރީގެ ވެބްސައިޓުގައި ލިސްޓުކޮށްފައިވާ އައު މަޝްރޫޢުތަކުގެ ތެރޭގައި އެ ފަޅުން ހަތަރު ސަރަޙައްދެއް ވަކިވަކިން ފާހަގަކޮށްފައި ވެއެވެ. އޭގައިވާ ގޮތުން ޖުމުލަ 120.1 ހެކްޓަރި އެވަނީ ޔަޝް އެގްޒޯޓިވް އައިލެންޑް ޕްރައިވެޓް ލިމިޓެޑަށް އިންޓެގްރޭޓެޑް ޓުވަރިސްޓް ރިޒޯޓެއް ތަރައްޤީކުރާން ދީފައެވެ.
ތަފާތު ބެއްލެވުމަށް ކަހާލައްވާ
ވ ވައްޓަރު އަިދ ވ މިޔަރުކަނޑުގެ އިމަށް ގެނެސްފައިވާ ބަދަލުތަކަކުން މާކަ ބޮޑު އުނިކަމެއް ސަރަޙައްދަކަށް ނުލިބެއެވެ. ހޭންޑްބުކްގައި ކަނޑައަޅާފައިވާ  އިމާ ދާދި އެއްގޮތެވެ. 
އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ޙައްސާން މުޙައްމަދު ވިދާޅުވީ ލ މާބައިދޫ ކޯރާއި ކ ހުރާ ކަނޑޫފަލަށް ބަދަލު ގެނައީ ނިމިދިޔަ ސަރުކާރުގައި ކަމަށެވެ. އެހެނަސް މިދިޔަ މަހާ ހަމައަށް ގެޒެޓު ނުކޮށް އޮތީ ކަމަށެވެ. މާބައިދޫ ސަރަޙައްދަށް ބަދަލު ގެނައީ ކައުުންސިލުން ސިޓީ ހޮޓަލެއް އަޅާން ބޭނުންވެގެން ކަމަށާއި، ހުރާގައި ބަދަލު ގެނައީ ބޯޓުޔާޑެއް އަޅާން ކައުންސިލުން ބޭނުންވެގެން ކަމަށް އޭނާ އިތުރު މަޢުލޫމާތު ދެއްވިއެވެ.

އައު ޤަވާއިދުތަކެއް

ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގެ ޤަވާއިދަށް އެންވަޔަރަމަންޓް މިނިސްޓްރީއިން ގެނައި ދެވަނަ އިޞްލާޙެއްގެ ގޮތުގައި ގެޒެޓުކޮށްފައިވަނީ ސަރަޙައްދުތަކުގެ އިމަށް ބަދަލުގެނައުން އުނދަގޫވާ ބަދަލުތަކެވެ.
ޖޫން 14 ގައި ގެނައި އިޞްލާޙުތަކުގެ ދަށުން ޙިމާޔަތްކޮށްފައިވާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާން ނުވަތަ އެސަރަޙައްދުތަކުގެ އިމަށް ބަދަލު ގެންނާން ނުވަތަ އެތަނުގައި ވަކި ބާވަތެއްގެ ޙަރަކާތްތަކެއް ހިންގާން ހުއްދަދިނުމުގެ އިޚްތިޔާރާއި ބާރު ލިބިދެނީ އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ އަށެވެ. 
މީގެ އިތުރުން ޙިމާޔަތްކޮށްފައިވާ ސަރަޙައްދުގެ އިކޮލޮޖިކަލް ސަރވޭއެއް އަދި ޢާންމު މަޝްވަރާއެއް ހިންގުމަށް ފަހުގައި މެނުވީ އެއޮތޯރިޓީއަށް ވެސް ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކަށް ބަދަލެއް ނުގެނެވޭނެއެވެ. އިމަށް ބަދަލު ގެންނައިރު ސަރަޙައްދުގެ ދެބައިކުޅަ އެއްބަޔަކަށްވުރެ ކުޑައެއް ނުކުރެވޭނެއެވެ. އަދި މަދުކުރާ ސަރަޙައްދެއްގެ 75 އިންސައްތައަށްވާ ވަރުގެ އެހެން ސަރަޙައްދެއް ޙިމާޔަތްކުރަން ޖެހޭނެއެވެ. 
މިބަދަލުތައް ރަނގަޅުކަމަށާއި، އެއީ އެއޮތޯރިޓީގެ ފަންނީ މުވައްޒަފުންގެ ހިތްވަރުން ގެނައި ބަދަލެއްކަމަށް ތިމާވެށީގެ ވަކާލާތު އުފުލާ ފަރާތްތަކުން ބުނެއެވެ. އެހެންނަމަވެސް އީކޯކެއަރ މޯލްޑިވްސްގެ އެޑްވޮކަސީ ޑައިރެކްޓަރ މަޢީދު ޒާހިރު ވިދާޅުވީ އިމަށް ބަދަލު ގެންނަނީ ސިޔާސީންގެ ކުރު ނުވަތަ މެދު ރާސްތާގެ ބޭނުންތައް ފުއްދާން ކަމަށާއި، ތަބީޢީ މާޙައުލުގެ ޤުދުރަތީ އަދި އިޤްތިޞާދީ މުއްސަނދިކަމާއި އަގުހުރި މިންވަރަށް ރިޢާޔަތްކުރުން ކުޑަ ކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކުގެ އަޑު އަހާ މިންވަރު އައު އިން ކަނޑައެޅުމުގައި މަދު ކަމަށެވެ. 
މޯލްޑިވްސް ރެޒިލިއަންޓް ރީފްސްގެ އެގްޒެކެޓިވް ޑިރެކްޓަރ ޝަހާ ޙާޝިމް ވިދާޅުވީ ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގެ އިމަށް ގެނެސްފައިވާ ބަދަލުތަކުގެ ކުރު މުއްދަތުގެ ސިޔާސީ ބޭނުންތަކެއް ކަމަށާއި، ތިމާވެށީގެ ޙިމާުޔަތުގައި ޤާއިމުކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ މަޤްޞަދާއި، ބާރުވެރިކަން ގެއްލެމުން ދާ ކަމަށެވެ.
އަދި އިމަށް ބަދަލު ގެނައުމުގައި ދެފުށް ނުފެނުމާއި، އެކަމަށް ސަރުކާރުން ހުށަހަޅާ ޙުއްޖަތްތަކުން ތިމާވެށީގެ ރައްކާތެރިކަމަށް ސަރުކާރުން އެކަށޭނަ ގޮތުގައި އަޅާލާކަމުގެ ޔަޤީންކަން ރައްޔިތުންނަށް ނެތެމުން ދާ ކަމަށެވެ. 
މަޝްވަރާ ހޯދާން ކަނޑައަޅާފައިވާ އިޖުރާޢަތުތައް މެދުވެރިކޮށް ރުހުމާއި ޤަބޫލު އުފެއްދުމުގެ ޢަމަލުތައް މުސްތަޤްބަލުގައި ހިންގައިދާނެ ކަމުގެ ބިރުވެސް ޝަހާ ޙާޝިމް ހާމަކުރެއްވިއެވެ. ”ޢަމަލީގޮތުން ބަލާއިރު މިއީ ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގެ އިމަށް ބަދަލުގެނެސް، ކުޑަކުރަން އޮތް ޤާނޫނީ މަގަކަށް ވެދާނެތީ ބިރުގަނޭ،“ އޭނާ ވިދާޅުވިއެވެ.
”މިއީއެއް ނޫން ފަރުތަކާއި އީކޯ ސިސްޓަމްތައް ހިނގާ ގޮތަކީ. އެތައް އަހަރެއްގެ ސައިންޓިފިކް މަސައްކަތާއި ދިރާސާއިން މެނުވީ ވަކި ސަރަޙައްދެއް ޙިމާޔަތް ކުރަން ކަނޑަނޭޅޭ. އެކަމަކު އެފަދަ ތަނެއް ހަލާކުކޮށްލަން މިނަގަނީ މަދު ދުވަސްކޮޅެއް ނުވަތަ ހަފްތާކެއްގެ ’ތަރައްޤީ‘" ކަމަށްވެސް މޯލްޑިވްސް ރެޒިލިއަންޓް ރީފްސްގެ ނަމުގައި ޚައިރާތަށް މަސައްކަތްކުރާ ޖަމްޢިއްޔާގެ ފަރާތުން ޝަހާ ޙާޝިމް ވިދާޅުވިއެވެ.
އައު ޤަވާޢިދުގެ ދަށުން ޙިިމާޔަތްކޮށްފައިވާ ސަރަޙައްދުތަކަށް ވަދެ ނުކުމެ ވުމާއި، އެސަރަޙައްދުތަކުގައި ފޮޓޯއާއި ވީޑިއޯ ނެގުމުގެ އިތުރަށް ދިރާސާ ހިންގާނެ ގޮތުގެ އިޖުރާޢަތުތައްވެސް ބަޔާންވެފައި ވެއެވެ. އަދި މެނޭޖްމަންޓް ޕްލޭންތަކުގައި އެންމެ ކުޑަ މިނުން ހިމަނަން ޖެހޭނެ ކަންކަމާއި، ތަނުގެ އަސާސީ ސިފަތަކަށް ބަދަލުގެނެވޭނެ ހައްދުތައްވެސް ކަނޑައަޅާަފައި ވޭމެެއެވެ. 

މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ

ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ

އެއްފަހަރު ދެއްވާ

ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން

ގުޅުންހުރި ޓެގްސް