ފާގަތިކަން އެންމެނަށް؟
ޕްލޭނުގެ ތަސައްވުރަކީ ޕޮލިސެންޓްރިކް ތަރައްޤީއެވެ. ޢަމަލީ މިސްރާބު ހުރީ މާލެ ސަރަހައްދު އެއްފަސްކުރުމަށެވެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
07 ޖުލައި
ޤައުމީ ތަރައްޤީގެ މަޝްރޫޢު ނުވަތަ ޤައުމީ ތަރައްޤީގެ ޕްލޭނަކީ ޤައުމެއްގެ ތަރައްޤީގެ އިސްތިރާޖުތައް ހިމެނޭ އެންމެ މުހިންމު ލިޔުމެވެ. އެ ޕްލޭނުގައި ޤައުމަށް ދިމާވެފައިވާ ގޮންޖެހުންތަށް ދިރާސާކޮށް ބަޔާން ކުރެވިފައި ހުރެއެވެ. އަދި ޤައުމުގެ މިސްރާބު ބައްޓަން ކުރުމުގައި ސަރުކާރުން ހިޔާރު ކުރާ އަސާސް ތަކެއްގެ މައްޗަށް ބިނާ ކޮށް ސިޔާސަތުތަކެއް އެކުލަވާލާ، ޤައުމީ ތަސައްވުރެއް ހާމަކޮށްފައި އޮވެއެވެ.
މި ސިޔާސަތު ތަކާއި ތަސައްވުރު އެއީ ރައްޔިތުން ކުރިމަތީ ޤަބޫލު ކުރެވޭ ސައްހަ އެއްޗަކަށް ވަނީ ހަމަ ހަޤީޤަތު ގައިވެސް ސަރުކާރު (ތަކުން) އޭގައި ބަޔާން ކުރެވިފައިވާ ފަދައިން ކަންކަން ކުރާ ނަމައެވެ.
ދިގު މުއްދަތަކަށް ދިވެހިރާއްޖެ ތަރައްޤީ ކުރުމުގެ ވިސްނުމުގައި ޤައުމީ ތަރައްޤީގެ ޕްލޭނެއް ސަރުކާރުން މިހާރު ވަނީ އެކުލަވާ ލާފައެވެ. މި ޕްލޭނަށް ޤާނޫނީ ބާރު ލިބިދިނުމަށް ތައްޔާރު ވެފައި ވާއިރު، ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފު ކުރިފަހުން، ރާއްޖޭގެ ތަރައްޤީ ކުރިއަށް އޮތް އެތަށް ޒަމާނަކަށް ބަދަލު ވެގެން ދާނެ ވަރަށް މުހިންމު އެހެން ދެ ސިޔާސަތެއް ސަރުކާރުން ތަންފީޒު ކުރަން ފަށާފައިވެއެވެ. މީގެ ތެރެއިން އެއް ސިޔާސަތަކީ ރާއްޖޭގެ އާބާދީ އާއި ތަރައްޤީ އެއްފަސް ކުރުމަށް ރަސްމާލެ ސަހަރު ވުޖޫދު ކުރުމެވެ. ރަސްމާލެ އަކީ ރާއްޖޭގައި މިހާތަނަށް ހިންގާ އޭންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއެވެ. އެތަށް މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ހިއްކާ ބިމުގައި އަދި އޭގެ އިތުރަށް، އެތަށް ބިލިއަން ރުފިޔާ އިންވެސްޓް ކޮށްގެން ސަހަރަކަށް ބޭނުންވާ ޚިދްމަތްތަކާއި ވަސީލަތްތައް އެތަނުގައި ޤާއިމު ކުރެވޭނެ އެވެ.
މިހެންކަމުން، ހިތަށް އަރާ ސުވާލަކީ ޤައުމީ ތަރައްޤީގެ ޕްލޭނުގައި ބުނާ ތަރައްޤީގެ މޮޑެލް އަކީ މިއީ ތޯއެވެ؟ ޤައުމީ ތަރައްޤީގެ ޕްލޭނުގެ 3،4.5 ވަނަ ބާބުތަކުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގްރޭޓަރ މާލޭ ސަރަހައްދަށް ޚިދްމަތް ތަކާއި މީހުން ތޮއްޖެހުންކަން ފާހަގަ ކޮށްފައި ވެއެވެ. މިކަމަށް އޮތް ހައްލަކީ 'ޕޮލިސެންޓްރިކް' (އެއް ސަރަހައްދަށް ވުރެ ގިނަ ސަރަހައްދުތައް) ތަރައްޤީ ކުރުން ކަމަށް ބުނެފައިވެއެވެ. "ޕޮލިސެންޓްރިކް އާކިޕެލަގޯ" އެއްގޮތަށް ތަރައްޤީ ކުރުމަށް ސަރަހައްދީ ހަބް، ރަށްތަށް ކްލަސްޓަރ ކުރުން، ދަތުރުފަތުރުގެ ވިޔުގަތައް ސަރަހައްދުގައި ޤާއިމު ކުރަން ޖެހޭކަމަށް ލިޔެވިފައި ވެއެވެ. ރޮކެޓް ސައިންސެއް ނޫނެވެ. މިއީ ބަޔަކަށް މިލިއަނުން ރުފިޔާ ދީގެން ކަރުދާހަށް ނުނެގި ކަމުގައި ވިއަސް ސަރުކާރު ތަށް ހިންގާ، ޤާނުނު ހަދަން ތިބި މޭސްތިރިންނަށް މީގެ އެތަށް އަހަރެއް ކުރިންވެސް އެނގޭނެ ހަޤީގަތެކެވެ. އަދި ކީއްތޯ، މިއީ ރަށްރަށުގެ ހޮޅުއަށި ތަކުގައިވެސް ރަށްރަށުގެ ރައްޔިތުންވެސް، "ޕޮލިސެންޓްރިކް" އޭ ނުކިޔެއްކަމަކު، އަދި އެހެން ލަފުޒެއް ބޭނުން ކޮށްގެން ނަމަވެސް، ދައްކާފައިވާ ވާހަކަތަކެވެ.
މީހުން ހިޖުރަ ކުރުމަށް އޮންނަ މައިގަޑު އަސާސަކީ ތަނެއްގައި "ޕުލް ފެކްޓަރު" ތައް އުފެއްދުމެވެ. އެ ޕުލް ފެކްޓަރު ތައް އެއީ ޤުދުރަތީ ގޮތުން، ހަމަ ހުރެފައި އުފެދޭ އެއްޗިއްސެއް ނޫނެވެ. އެއީ ބަޔަކު އެކަން އެގޮތަށް ކުރަން ނިންމައިގެން، އެކަމަށް ޚަރަދު ކޮށްގެން، މަގުފަހި ކޮށްގެން ޤަސްތުގައި އުފައްދާ ދަގެއްފާނަށް ދަގަޑު ދަމާފަދަ ބާރުތަކެކެވެ. އެ އުފެއްދި ޕުލް ފެކްޓަރ ތަކުގެ ނަތީޖާ، މިއަދު ގިނަ ދިވެހިން ތަކެއް ކޮންމެ ދުވަހަކު ތަހައްމަލު ކުރަން މަޖުބޫރު ވެފައިވެއެވެ.
ރާވާފައިވާ ގޮތަށް ރަސްމާލެ މަޝްރޫޢު ތަންފީޒު ކުރެވިގެން ދާނަމަ، އެއީ ރާއްޖޭގެ އާބާދީ އެއްކޮށްހެން މާލޭ ސަރަހައްދުގައި އާބާދު ކުރުމަށް މަގުފަހިވާނެ ބިޔަ ބޮޑު މަޝްރޫޢެކެވެ. މިހާރު ލިޔެފައިވާ ޤައުމީ ތަރައްޤީގެ ޕްލޭނުން ތަސައްވަރު ކޮށްފައިވާ ޕޮލިސެންޓްރިކް ތަރައްޤީ އާއި ބޮޑު ފުށު އެރުމެކެވެ. ޤައުމީ ތަރައްޤީގެ ލިޔެވިފައިވާ ދުރުވިސްނުން ޕޮލިސެންޓްރިކް ވެފައި ޕަބްލިކް އިންވެސްޓްމަންޓް ގެ ބޮޑުބައެއް މެޓްރޮޕޮލިޓަން އެއްފަސް ކުރުމަކަށް މިސްރާބު ޖެހީމައި، ޤައުމީ ތަރައްޤީގެ ސްޕޭޝަލް ޑިވެލޮޕްމަންޓުގެ ސިޔާސަތު ތަކަށް ދެންވާނީ ކިހިނެއްތޯއެވެ. އަނެއްކާ ޕޮލިސެންޓްރިކް ޑިވެލޮޕްމަންޓް ޤައުމަށް ގެންނަން އުޅެނީ ހަމަ ދިވެހިން، ދިވެހިންގެ ރާއްޖޭގެ އެކި އަތޮޅު ތަކުގައި ރަށްވެހިވެ، ދިރިއުޅޭނެތީ ބާވައެވެ. ނޫނީ ކޮންމެސް އެހެން ޒާތެއްގެ ރަށްވެހި ކަމެއް އުފަން ކުރުވަން ބާއެވެ.
މިއާއި އެކު ދެން އޮތީ ދިވެހިރާއްޖޭގެ ބިމާއި އިސްތިޤްލާލް އާއި ގުޅިފައި އޮތް ކަމެކެވެ. އިޤްތިޞާދު ފުޅާ ކުރުމުގެ ސިޔާސަތުގެ ދަށުން ހާއްޞަ އިޤްތިޞާދީ ސަރަހައްދުތައް ރާއްޖޭގައި ޤާއިމު ކުރުމުގެ އޮނިގަނޑުގެ ތެރެއިން އުފައްދާ ސަސްޓޭނަބަލް ޓައުންޝިޕް ތަކެވެ. މި ޓައުންޝިޕްތަކަކީ 100 އިން ސައްތަ ފޮރިން-އޯނަޝިޕް އޮންނަ ތަންތަނެވެ. އެ ތަންތަން ހެދުމަށް ބޭނުންވާ ވަސީލަތްތައް ރާއްޖެ އެތެރެ ކުރާނީ ޑިއުޓީ ފްރީ ކޮށެވެ. އިންކަމް ޓެކްސް، ޖީ.އެސް.ޓީ، ވިތްހޯލްޑިންގް ޓެކްސް ދައްކާކަށް ނުޖެހެއެވެ. ލޭންޑް ޓްރާންސްފާރ ސޭލްސް ޓެކްސް ދައްކާކަށް ނުޖެހެއެވެ. އެތަނުން ލިބޭ މަނިޓަރީ ފައިދާތަށް އެ އިންވެސްޓަރަށް މިނިވަން ކަމާއެކު ޤައުމުން ބޭރު ކުރެވެއެވެ. އަދި ސަރުކާރުން ނަގަންޖެހޭ ހުރިހާ ލައިސަންސްތަކާއި ހުއްދަތަށް ނުހަނު އަވަހަށް އެފަރާތްތަކަށް ލިބިދެވޭނެއެވެ. ސަސްޓޭނަބަލް ޓައުންޝިޕް އުފެއްދުމަށް ނ.އަތޮޅުން 3 ފަޅާއި، 1 ފަރު އަދި ފަޅުރަށެއް އެކަށައަޅާ، ބޭރުގެ ކުންފުންޏެއް ކަމަށްވާ ކްރިސްޓަލްސް ހޯލްޑިންގްސް އެންޑް ބްލޫރޮކް އާއި އެގްރިމަންޓް ކޮށްފައިވެއެވެ. މަޝްރޫޢުގައި ހިމެނޭ " މޯލްޑިވްސް ޕާލް ރެސިޑަންސީ" ޕްރޮގްރާމް މާކެޓް ކުރުން ހަވާލު ކޮށްފައިވަނީ ކޮރަޕްޝަންގެ ކުލަގަދަ ތުހުމަތުތަކެއް ކުރެވިފައިވާ ހެންލީ އެންޑް ޕާޓްނާރސް ކިޔާ ބޭރުގެ ކުންފުންޏަކާއެވެ.
ޤައުމީ ތަރައްޤީގެ ޕްލޭންގައި ރާއްޖޭގެ ޤުދުރަތީ ވަސީލަތްތަކުގެ ފައިދާ ރާއްޖެއަށް ލިބެން ޖެހޭނެ ކަމަށް ބާރު އަޅާފައިވެއެވެ. ދިވެހިންނަކީ މުދާވެރި ބަޔަކަށް ހެދުމަށާއި، ތަރައްޤީގެ މަސައްކަތްތަކުގައި ދިވެހިންގެ ބައިވެރިވުން އިތުރު ކުރުމަށާއި، ތަރައްޤީގެ ފައިދާތަށް އިކްއިޓަބަލްކޮށް ބެހުމަށާއި، ވެރިކަން ހިންގުމުގެ އޮނިގަނޑުގެ އިތުބާރާއި ޔަޤީންކަން އިތުރު ކުރުމަށް ބާރު އަޅައެވެ. މި ބުނި މަޤްޞަދުތަކާއި ދިވެހިންގެ ރާއްޖޭގަ، ދިވެހިންގެ މައްޗަށް ހިނގާ ޤާނޫނުތަކާއި ހަމަތަށް ނުހިނގާ، މުޅިން ބޭރުގެ ސައްތަ އިން ސައްތަ ފޮރިން އޯނަޝިޕް އޮންނަ ސަރަހައްދުތަކެއް ވުޖޫދަށް އައުމުން ދިވެހިންގެ ވިލުނުވެރި ކަމާއި ސިޔާދަތާ އިސްތިޤްލާލަށް ހިއްސާ ކުރާނީ ކިހިނެއް ކަމެއް ތަރައްޤީގެ ޕްލޭނަކުން ހާމައެއް ނުވެއެވެ.
ރާއްޖޭގެ ސަރުކާރު ތަކުން ރާއްޖޭގެ ތަރައްޤީ ބައްޓަން ކޮށްފައިވާ ގޮތުގެ އަސަރު އެއީ އަންނަން ހުރި ހުރިހާ ޖީލަކަށް އޭގެ ރަގަޅު އަދި ނުރަނގަޅު އަސަރު ކުރަމުންދާ އަދި މުސްތަޤްބަލު ގައިވެސް ކުރާނެ ކަންކަމެވެ. މީގެ 29 އަހަރު ކުރިން ނިންމި ނިންމުމުގެ ނަތީޖާތައް މިހާރު އަޅަގަނޑުމެންގެ ގިނަ ބަޔަކު މިދަނީ ތަހައްމަލު ކުރަމުންނެވެ. ގެދޮރާއި، ދަތުރުފަތުރާއި، ބަނދަރާއި މިފަދަ އުމްރާނީ އިންވެސްޓްމަންޓް ތަށް އެއްތަނަކަށް ޖަމާކުރި ކުރުން އަޅުގަޑުމެން ތަޖްރިބާ ކޮށް ފީމުއެވެ. އަދި އެކަން އެގޮތަށް ފެށި ބަޔަކު ކޮށްފައިވާ ޚަރަދެއްގެ ބޮޑުކަމުން، އެއީ ފަސޭހައިން އެހެން ބަޔަކަށް ވެސް އަޅާ ނުލާ ދޫކޮށްލެވޭނެ ކަމަކަށް ނުވިއެވެ. ތަރައްޤީ ގެ ބަހުރުވައިން ނަމަ : "ޕާތު ޑިޕެންޑަންޓް" ވީއެވެ. ޤައުމީ ތަރައްޤީގެ ޕްލޭނުން ރާއްޖޭގެ ތަރައްޤީ ދެމެހެއްޓެނެވި ނޫން ގޮތަކަށް، ދިވެހިންނަށް އޭގެ ފައިދާ ނުކުރާ ގޮތަށް ތަޅު ނުއެޅުމަށް އިންޒާރު ދީފައިވެއެވެ. އެހެން ނަމަވެސް މިހާރު ނިންމާފައިވާ ނިންމުން ތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކުން އެބުނި ޕާތު-ޑިޕެންޑަންޓް ހާލަތު އަނެއްކާވެސް އާރުލާ ތަހައްމަލު ކުރަން ޖެހޭނެ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.
ޤައުމީ ތަރައްޤީގެ ޕްލޭން އުކުލަވާ ލުމުގެ މުހިންމު އެއް ބޭނުމަކީ ސާބިތު ކަމާއެކު ކަންތައްތަކެއް ހާޞިލު ކުރުމުގައި ދިގު މުއްދަތެއްގައި ޤައުމީ ފެންވަރުގައި އެންމެން ދެމިތިބުމެވެ. އިނގިރޭސި ބަހުން ނަމަ "ޔުނިޓީ އޮފް ޕާރޕަސް" އޮތުމެވެ. ހަމަ ގައިމުވެސް ދިވެހި ސިޔާސީ ވެރިން ފާއިތުވި އަހަރު ތަކުގައި އެކި ކުލައަށް ނިސްބަތް ވިޔަސް އަދި ފިކުރުގެ ގޮތުން ތަފާތު ކަމުގައި ބުނި ނަމަވެސް، އަދި ތަރައްޤީގެ ޕްލޭނެކޭ ކިޔާ ލިޔުމެއް ނެތް ނަމަވެސް، ތަރައްޤީގެ ނަމުގައި ހިންގި ކަންކަމުން އެވެރިން އޭރުވެސް އަދި މިހާރުވެސް ތިބީ ޕާރޕަސް އަކަށް ޔުނައިޓް ވެގެންނެވެ.
---
ހުރިހާ ޚިޔާލީ ލިޔުންތަކަކީ ހަމައެކަނި އެ ލިޔުމެއްގެ ލިޔުންތެރިޔާގެ ޚިޔާލެވެ. އަދި އެއީ މޯލްޑިވްސް އިންޑިޕެންޑެންޓްގެ އެޑިޓޯރިއަލް ސިޔާސަތު ކަމުގައި ނުވެދާނެއެވެ. ޚިޔާލީ ލިޔުމެއް ލިޔުއްވަން ބޭނުންފުޅުވާނަމަ، އީމެއިލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ
ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ
އެއްފަހަރު ދެއްވާ
$
ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން



