ގެއްލެމުންދާ ދިވެހި ބަސް: ޖީލެއްގެ ކުދިންނަށް މާމަކާފައާއި ވާހަކަ ނުދެއްކެނީ ކީއްވެ؟

އެއްކުއްޖަކު އަނެއް ކުއްޖަކާ ވާހަކަދައްކާ އުޅޭ ބަހަކީ އިނގިރޭސި ކަމުގައި ވެ ނިމިއްޖެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

އާމިނަތު އޭނާގެ ދަރިފުޅަށް ސުވާލަކަށް ޖަވާބު ދޭނެ ގޮތް ދަސްކޮށްދެވޭތޯ ބަލަމުން ދިޔައެވެ. ”ވަޓް އިޒް ޔޮރ ނޭމް“ ދަރިފުޅު ގާތު އިނގިރޭސިން އޭނާ އެއްސެވެ. އެކަމަކު ދަރިފުޅު ޖަވާބުދެނީ ދިވެހި ބަހުންނެވެ. އެދަރިފުޅު ބޮޑުވީ މާމައާއި ކާފަޔާ އެއް ގެޔަކުގެ ތެރޭގައެވެ. ކޮންމެއަކަސް، މިކަން މައްސަލައަކަށް ވެއްޖެއެވެ. ދުވަސްކޮޅެއްގެ ތެރޭގައި އެސޮރު މާލޭގައި ޕްރީ ސްކޫލަށް ދާން ފަށާނެއެވެ. އެހިސާބުން ބަސް ނޭނގުމުގެ މައްސަލަ ކުރިމަތިވެދާނެ ކަންމައްޗަށް މައިންބަފައިން އެތިބީ ކަންބޮޑުވެފައެވެ.
”ގިނަ ކުދިން ވާހަކަދައްކާނީ އިނގިރޭސިން،“ އާމިނަތު ބުންޏެވެ. ”އެހެންވީމާ އެބަޖެހޭ އިނގިރޭސިބަހުން ވާހަކަ ދައްކަން ދަސްކޮށްދޭން، އޭރުންތާ އޭނައަށް އެހެން ކުދިންނާ ވާހަކަދައްކާ އުޅެވޭނީ،“ އާމިނަތު އިތުރަށް ތަފްޞީލު ކޮށްދިނެވެ.
ސްކޫލްތަކުގައި ދެންވެސް ތިބީ ދިވެހި ކުދިންނެވެ. އެކަމަކު އެކުދިން ދިވެހިން ވާހަކަދައްކައެއް ނޫޅެއެވެ.
މިއަދުގެ ބޮޑެތި މީހުންނަށް މިތިބަ ދިވެހިންވެސް ބޮޑުވީ އިނގިރޭސި ބަހާވެސް އެކުގައެވެ. ހޯމަ ދުވަހުގެ ރޭ ޓީވީއެމް އިން އިނގިރޭސި ފިލްމު ބަލަމުންނެވެ. ”ފްރެންޑްސް“ ބަލަމުންނެވެ. ”ހާޑީ ބޯއިޒް“ އަދި ”ނޭންސީ ޑްރިއު“ ފަދަ ފޮތްތައް ކިޔަމުންނެވެ. ނަމަވެސް، އަދުގެ ދަރިންނަށް ވަމުންމިދަނީ އޭރުގެ ޖީލުތަކަށް ނުވި ކޮންކަމެއް، ކިހިނަކުން، ކީއްވެގެން ބާވައެވެ. 
މިޖީލުތަކުގެ ކުރިން ކުޑަކުދިން ދިޔައީ އިނގިރޭސި ބަސް ދަސްކުރަނުންނެވެ. ނަމަވެސް މޮށިއުޅުނީ ދިވެހި ބަހުންނެވެ. މުޢާމަލާތް ކުރަނީ ދިވެހި ބަހުންނެވެ. ހުރިހާ ޒާތީ މުޢާމަލާތެއްގެ ވަޞީލަތަކީ މިއަދު އިނގިރޭސިކަމުގަިއ ވެއްޖެއެވެ. ޔުނިވަރސިޓީ އޮފް އޯކްލޭންޑް، ނިއުޒީލެންޑްގެ ސީނިއަރ ލެކްޗަރަރ ޑރ ނާޝިޔާ މުޙައްމަދު ވިދާޅުވަނީ ކުރިން ޢާއިލާތަކާއި މުޖުތަމަޢުގައި މުޢާމަލާތްކުރުމަށް ބޭނުންކުރަމުން ދިޔައީ ދިވެހި ބަހެވެ. އިނގިރޭސި ބަހަކީ ޢިލްމީ ރޮނގުން ދަތުން މޮޅު ނުވަތަ ފަޚުރުވެރި ބަހެކެވެ. 
މިއަދު ރަޙްމަތްތެރިންނާއި އެއްބަނޑުއެއްބަފާ އެހެން ކުދިންނާވެސް ކުޑަކުދިން ވާހަކަދައްކާ އުޅެނީ އިނގިރޭސި ބަހުންނެވެ. ބޮޑެތި މީހުން އެކުދިންނާ މުޢާމަލާތް ކުރާއިރުވެސް ބޭނުންކުރަނީ ހަމަ އިނގިރޭސި ބަހެވެ.

ނަފުރަތު ކުރަނީކީ ނޫން، މާޙައުލީ ކަމެއް

ބަހެއް ފަނޑުވެ، ނެތި ދިއުމަށް އެބަހުގެ އަހުލުވެރިން ގެއްލިދާކަށް ނުޖެހެއެވެ. ބަހަކުން މޮށޭ މީހުން ކިތަންމެ ގިނަޔަސް، މަޑުމަޑުން ބާކީވަމުން، އަޑިއަޅަމުން ހިނގައިދާނެއެވެ. އެއީ ޢާންމު ދުވަހީ ބޭނުންތަކުގައި، ގޭގޭގައްޔާއި، ސައިހޮޓާތަކާއި، އިޖުތިމާޢީ އެއްވުންތަކުގައި އާދައިގެ މަތިން އެހެން ބަހަކުން މޮށޭން ފެށުން ޢާންމުވުމުންނެވެ. އަދި ޓެކްނޮލޮޖީއާއި މުނިފޫހިފިލުވުމާއި  މުހުތާދުތައް ފުއްދާން މާދަރީ ބަހުގެ ބަދަލުގައި އެހެން ބަހެއްގެ ބޭނުން ފަރިތަކަމާއި ޢާންމުކަމާއެކު ހިފާން ފެށުމުންނެވެ. އަމުދުން ވިސްނުމާއި ސަމާސާކުރުމާއި މިލިއުޅުމާއި އުނގެނުމުގައި އެހެން ބަހެއްގެ ބޭނުން ކުރާ ނަމައެވެ. މުޅިން ނެތި ނުގޮސް، ފަހުމުވާނެ މީހުންވެސް ތިބެމެ ހިސާބަކަށް ވާހަކަދައްކާ އުޅުނަސް ބަހެއްގެ ބޭނުން ކެނޑި ގެއްލި ހިނގައިދާނެއެވެ. 
އެންމެންވެސް އަދިވެސް ދިވެހި ބަހުން ވާހަކަދައްކާން ދަނެޔޭ، ފަހުމުވެޔޭ ބުނުމުން ފުއްދައިލެވޭން ނެތީ އެހެން ވެގެންނެވެ.
އިހުގައި، ދިވެހި ކުޑަކުދިން ތިން ބަހުގެ އަކުރުތައް މަންމަގެ އުރުން ފެށިގެން ދަސްކުރެއެވެ. ދިވެހި ބަހާއި، އިނގިރޭސި ބަހުގެ އަކުރުތަކެވެ. ދެން ޢަރައްބެވެ. ސްކޫލަށް ދާ ޢުމުރަށް އަޅާއިރު، އިނގިރޭސިއާއި ޢަރަބި ލަފުޒުތައް ހިސާބަކަށް ކިޔައި ހަދައެވެ. އޭރު ދިވެހި ބަހުން ފަރިތަކޮށް ވާހަކަދައްކާނެއެވެ. ބޮޑުވަމުން އައި އައިހެން، ހިންދުސްތާން ލަވަޔާއި ފިލްމުތަކުން އިވިފެނި، ހިންދީ ލަފުޒުތައްވެސް ހިސާބަކަށް ހުންނާނީ އެނގިފައެވެ. އަދަކު ވަނިއްޔަކީ މިހެންނެއް ނޫނެވެ.
ދިރާސާވެރިން ފާހަގަކުރާ ނުކުތާތަކުގެ ނާރެހަކީ މިއެވެ: މި އާދައުޅުންތަކަށް ބަދަލު އައިއްޔަކީ ކޮންމެހެން ދިވެހިބަހާމެދު ނަފުރަތު ކުރާތީއެއް ނޫނެވެ. މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ޑިޕާޓްމަންޓް އޮފް ސޯޝަލް ސައިންސަސްގެ އެސިސްޓަންޓް ޕްރޮފެސަރ ޑރ އާމިނަތު ރިޔާޒު ވިދާޅުވީ އާދައުޅުންތައް ބަދަލުވުމުގެ ސަބަބަކީ ބަހަވީ މާޙައުލުގައި އިނގިރޭސިބަސް ދަތުމުން ލިބޭ ފައިދާ ބޮޑުވެފައި ދިވެހި ބަހުގެ ބޭނުންތެރިކަން ހަނިވަމުން ދިއުމެވެ. ”އެހެން ގޮތަކަށް ދަންނަވާނަމަ، މިއީ އައިޑެންޓިޓީއާ ގުޅޭ ސަބަބުތަކެއްގެ ނަތީޖާއަކަށްވުރެ ބޮޑަށް މާޙައުލާ ގުޅޭ ކަމެއް،“ އޭނާ ވިދާޅުވިއެވެ. 
ބެލެނިވެރިން ކޮންމެހެން ދިވެހި ބަހާއި ޘަޤާފަތު ނައްތައިލަނީއެއް ނޫނެވެ. ނުވަތަ ދޫކޮށްލަނީއެއް ނޫނެވެ. ބެލެނިވެރިން އެ ޢަމަލުކުރަނީ ސްކޫލްތަކާއި، ވަަޒީފާގެ ބާޒާރައި، ޑިޖިޓަލް މީޑިޔާއަށް ރިޢާޔަތްކޮށްފައި، ދަރިންނަށް އެންމެ ރަނގަޅު ގޮތަށެވެ. ދަރިންނަށް އެންމެ ކަންފަހި ފުރުޞަތު އޮތް މަގުންނެވެ. ބަހެއްގެ ވަށައިގެންވާ އޮނިގަނޑު، އެހެން ބިދޭސީ ބަހެއްގެ މައްޗަށް ތަރުތީބުވެ، ހަމަޖެހި ނިމެމުން ދާ ނަމަ، ބަހެއް ދެކެ ކިތަންމެ ލޯބިވިޔަސް، އެބަހެއް އެއް ޖީލުން އަނެއް ޖީލަށް ވާރުތަވަމުން ނުގޮސްދާނެއެވެ.
ޑރ އާމިނަތު ރިޔާޒުގެ ދިރާސާއިން ދެއްކީ ބަސް ބޭނުންކުރާ ގޮތާއި އާދައުޅުންތައް ޖީލުތަކުގެ މެދުގައި ތަފާތު ކަމަށެވެ. އަމުދުން މިހާރުގެ ކުޑަކުދިންގެ ސުލޫކު މިކަމުގައި މާބޮޑުތަނުން ބޮޑެތި މީހުންނާ ޚިލާފު ކަމަށެވެ. ބޮޑެތި މީހުން ދިވެހި ބަހުން މޮށެ އުޅުނަސް، އައު ޖީލުތަކުގެ ބަހަވީ ލެނބުންތަކާއި ގަޔާވުން ހުރީ މުޅިން އެހެން ފައްތަރެއްގައެވެ. ބައެއް ކުދިންގެ ދިވެހި ބަހުގެ ފެންވަރު ހުރީ ޢާންމުކޮށް ބޭނުންހިފާ އުޅޭ ބަހެއްގެ ވަށައިގެން ބޮޑުވާ ކުދިބަޔަކުގެ ކިބައިގައި އާދައިގެ މަތިން ހުންނަންވާނެ ވަރަށް ވުރެ މާ ދަށުގައެވެ.
އިނގިރޭސި ބަހަކީ ސްކޫލްތަކުގައި ކިޔަވައިދީ މުޢާމަލާތްކުރާ ބަސްކަމުގައި 1960 ގައި ނިންމައިފިއެވެ. 2000 ވަނަ އަހަރާ ޖެހުނުއިރު، ދިވެހިރާއްޖޭގެ ހުރިހާ ސްކޫލެއްގައި ކިޔަވައިދެނީ އިނގިރޭސި ބަހުންނެވެ. 2020 ގައި ތަޢުލީމާބެހޭ ޤާނޫނުން އެކަން އެގޮތަށް ކަނޑައަޅައި، ޤަރާރު ކުރިއެވެ.
އިނގިރޭސި ބަހުން ކިޔަވައިދޭން ފެށުމުން ދިވެހި ބަސް ކިޔަވާ މާއްދާއަކަށް ވެއްޖެއެވެ. ދެން ސްކޫލްތަކުގައި ދިވެހި ބަހުން ކިޔަވައިދޭ ހަމައެކަނި މާއްދާއަކީ އިސްލާމް ކަމުގައި ވެއްޖެ މެއެވެ. މިކަމުގެ ސަބަބުން ދެ ގިންތިއެއް އުފަންވިއެވެ. އެއީ އިނގިރޭސިބަހުން މާލެއާއި މަޝްހޫރު ބޮޑެތި ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ގިންތިއާއި، ރަށްފުށުގައި ދިވެހި ބަހުން ކިޔަވާ ދަރިވަރުންގެ ގިންތިއެވެ. މިތަފާތު ނައްތައިލާ، ހުރިހާ ސްކޫލަކުން ކިޔަވައިދޭން ޖެހޭ އެއް ޤައުމީ މަންހަޖު އެކުލަވައި، އެއްކުރެވުނީ 1970 ގައެވެ. ނަމަވެސް އަދިވެސް ބައެއް މާއްދާތައް ދިވެހި ބަހުން 2000 ވަނަ އަހަރާ ހަމައަށް ކިޔަވައިދެމުން ދިޔައީއެވެ.
ދިވެހި ބަހުން ފުރަތަމަ ޕީއެޗްޑީއެއް ޙާޞިލުކުރެއްވި ސްކޮލަރކަމަށްވާ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ސީނިއަރ ލެކްޗަރަރ ޑރ އާމިނަތު ޒާހިރާ ވިދާޅުވީ މުޅި ތަޢުލީމީ ނިޒާމު ބިނާވެފައިވަނީ އިނގިރޭސި ބަހަށް ކަމަށްވާތީ އިނގިރޭސި ބަހުގެ މަޤާމު ހުރިހާ ސްކޫލެއްގައި އުފުލި، ޝަރަފުވެރިވި ކަމަށެވެ. 
2012 ގެ ޕްރީސްކޫލް ޤާނޫނާއި 2016 ގެ ޤައުމީ މަންހަޖުގައިވެސް ބުނަނީ ގްރޭޑް ސްކޫލްގެ ކުރިން ކިޔަވައިދޭން ވާނީ ދިވެހި ބަހުން ކަމަށެވެ. އެކަމަކު ބެލެނިވެރިން އެކަމާ މާކަ ގަޔައެއް ނުވިއެވެ. އެެހެންކަމުން މަންހަޖު ތަންފީޒުކުރަން އޮތީ ދަތިވެފައި ކަމަށާއި، ގިނަ ބެލެނިވެރިންގެ ނަޒަރުގައި ދަރިން މޮޅުވާނީ އިނގިރޭސި ބަހަށް ފަރިތަވި ވަރަކުން ކަމަށް ދެކޭ ކަމަށް ދިރާސާތަކުން އެނގިފައިވާކަން ޑރ އާމިނަތު ޒާހިރާ ފާހަގަ ކުރެއްވިއެވެ. 2020 ގެ ކުރިން ޕްރީސްކޫލް ދަރިވަރުންނަށް ކިޔަވައިދިނީ އިނގިރޭސި ބަހުންނެވެ. ނުވަތަ އިނގިރޭސިބަހާއި ދިވެހި ބަސް އެކުއެކީގައެވެ. އެއީ 2012 ގެ ޤާނޫނު ތަންފީޒު ނުކޮށް އޮތުމުން ކަމަށާއި،  2020 ގެ ޤާނޫނީ ބަދަލުތަކުން ދިވެހި ބަހުގެ މާއްދާ ފިޔަވައި ދިވެހިން ކިޔަވައިދޭން ނުޖެހޭގޮތަށް ބަދަލުވި ކަމަށް ޑރ އާމިނަތު ޒާހިރާ ވިދާޅުވެދެއްވިއެވެ. 
އެންމެ ތުއްތު ކުދިންނަށް ޕްރީސްކޫލް މަރުޙަލާގައި ދިވެހި ބަސް ނޫން އެހެން ބަހަކުން ކިޔަވައިދިނުމުގެ ނަތީޖާއަކީ އެދަރިވަރުންނަށް އަބަދުމެ، ފެށުނީއްސުރެ އެންމެ ގިނައިން އިވޭ އަދި ނަގައިގަނެވޭ ބަހަކަށް ދިވެހި ބަސް ނޫން އެހެން ބަހެއްވެ، މާދަރީ ބަހުގެ ބަދަލުގައި އެހެން ބަހެއްގެ އަހަންމިއްޔަތު ހިތުގައި ބިންވަޅު ނެގުން ކަމަށްވެސް ޑރ އާމިނަތު ޒާހިރާ ތަފްޞީލު ދެއްވިއެވެ.

ދެފަރާތަށް އެނގޭ ބަހެއް ނެތް 

ދިވެހި ބަހުގެ އެކެޑެމީގެ ޑައިރެކްޓަރ ޝަހުމާ ޢަލީ ވަނީ ދިވެހި ބަހުން ކުޑަކުދިންނަށް ވާހަކަދައްކާން ނޭނގޭ ކަމާމެދު ހިތާމަ ފައުޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ މިކަމުގެ ސަބަބުން ދިވެހި ބަހުގެ ކުރިމަގަށް ހުރަސްއެޅުމުގެ އިތުރުން، ޢާއިލާތަކުގެ މެދުގައިވެސް މިކަމުން ދުރުހިލޭކަން އުފައްދަމުންދާ ކަމަށެވެ. އެގޮތީ ކުޑަކުދިން އިނގިރޭސިބަހުން މެނުވީ ނުމޮށޭއިރު، ކާފައިންނާއި މާމައިންނަކަށް އިނގިރޭސި އެއް ނުއެނގެއެވެ. އެކުދިންނާ އެހެންވީމާ ވާހަކަ ދެއްކުން ދަތިކަމަކަށް ވެފައި ވެއެވެ. ”އެދެބައިގެ މެދުގައި އެންމެންނަށް އެނގޭ ބަހެއް މިހާރަކު ނެތް،“ ޝަހުމާ ޢަލީ ވިދާޅުވިއެވެ.
ޑރ ނާޝިޔާވެސް ދިރާސާއިން މިކަން  ފާހަގަ ކުރައްވާފައި ވެއެވެ. އޭނާ ވިދާޅުވަނީ ކުޑަކުދިން އެއްކުއްޖަކު އަނެއްކުއްޖަކާ އިނގިރޭސި ބަހުން ވާހަކަދައްކަނީ އެކަންޏެއް ނޫނެވެ. އެކުދިންނާ ބޮޑެތި މީހުންވެސް އިނގިރޭސި ބަހުން ވާހަކަދައްކާން ޖެހޭކަމަށް ދެކޭ މިންވަރު ދަނީ ބޮޑުވަމުންނެވެ. ކުދިންނާ ބެލެނިވެރިން އިނގިރޭސި ބަހުން ވާހަކަދެއްކުން ޢާންމުވެއްޖެއެވެ. އެކުދިންގެ މުސްތަޤްބަލަށް އެންމެ ކަންފަހި ގޮތަކީ އެއީކަމުގައި ދެކިގެންނެވެ. ޑރ ނާޝިޔާ ވިދާޅުވަނީ މިކަމުގެ ސަބަބުން މާމަޔާއި ކާފައަށް ވާހަކަނުދެއްކޭ ކުޑަކުދިން އަންނަނީ ގިނަވަމުންނެވެ. 
ޝަހުމާ ޢަލީ ވިދާޅުވަނީ ބެެލެނިވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ދިވެހި ބަހުން ލިޔެކިޔެ ހަދާނެ ފޮތް މަދުވުމެވެ. ޚާއްޞަކޮށް ކުޑަކުދިންގެ ފޮތުގެ ޢަދަދު ދާދި މަދުކަމެވެ. އެހެންނަމަވެސް ހެދިބޮޑުވެގެން އަންނަ މާޙައުލުން ބަސް އުނގަންނައިދިނުމުގައި އަދާކުރާ ދައުރަށް އަލިއަޅުވާ އޭނާ ވިދާޅުވީ އަސާސީ މިންވަރު ކިޔައިދޭން ފަށާންޖެހޭނީ ގެއިން ކަމަށާއި، ދިވެހި ބަހުގައި ދިވެހި މާޙައުލުގެ ކޮންމެ ކަމަކާއި އެއްޗަކަށް ލަފުޒު ހުރިއިރު، އެލަފުޒުތައް ކުދިންނަށް އުނގަންނައި ދިނުމަކީ ފަށައިގަންނާން ވީ ހިސާބު ކަމަށެވެ. 
ޙައްލަކީ އިނގިރޭސި ބަސް މުޅިން ދޫކޮށްލުން ނޫންކަމަށާއި، ތަޖުރިބާކާރުންގެ ހޯދުންތަކުން އެނގޭ ގޮތުގައި 2 އަހަރާއި 6 އަހަރާ ދެމެދު ކުޑަކުދިންނަށް އެއްބަހަށްވުރެ ގިނަ ބަސްތައް އެއްފަހަރާ ދަސްކުރެވޭނެ ކަމަށް ކަމަށާއި، އެހެންވީމާ އިނގިރޭސި ކިޔަވައިދިނަސް، އަސާސީ ބިންގާ ދިވެހި ބަހުން ބިނާކުރުން މުހިންމު ކަމަށްވެސް ދިވެހި ބަހުގެ އެކެޑެމީގެ ޑައިރެކްޓަރ ޝަހުމާ ޢަލީ ވިދާޅުވިއެވެ. 
 ޑރ ނާޝިޔާ ކުރިން ހިންގެވި ދިރާސާއެއްގައި ފާހަގަވެފައިވަނީ ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު ކުޑަކުދިން މޮށިއުޅެ، އުނދަގުލެއްނެތި އެއްބަހުން އަނެއްބަހަށް ބަދަލުވެލުމުގެ ކުޅަދާނަކަން ކުދިންގެ ކިބައިގައި ހުރި ކަމަށެވެ. އަދި ބައެއް ޙާލަތުގައި ޢަރަބި ބަސްވެސް ބޭނުންކުރަމުން ދާ ކަމަށެވެ. އެހެންވީމާ ދިވެހި ބަސް މުޅިން ދޫކޮށް، އެހެން ބަހަކަށް ހިޖުރަ ކުރުމަށްވުރެ، ބާވަތެއްގެ މަސްހުންޏެއް ވަނީއެވެ. ދެބަހުން ވާހަކަދެއްކުމުގައި އައިބުކަމެއް ނެތި ބަދަލުކުރަމުން ފުރޮޅަމުން ދިއުމުގެ ކުޅަދާނަކަން ކުދިންގެ ކިބައިގައި ބޮޑުވަނީއެވެ. 
އެހެންނަމަވެސް އެންމެ ފަހުގެ ދިރާސާތަކުން ފާހަގަވަނީ އެހެން ކަމެކެވެ. އިނގިރޭސި ބަހަކީ ބައެއް ޙާލަތްތަކުގައި ބޭނުންކުރާ ބަހެއްގެ ބަދަލުގައި، އަމުދުން ސިޓީތަކުގައި އަދި މެދުފަންތީގެ ޢާއިލާތަކުގައި، އެއް ކުއްޖަކު އަނެއް ކުއްޖަކާ މުޅިން މޮށިއުޅެނީ އިނގިރޭސި ބަހުންކަމަށް ވެފައިވާ ކަމަށް ޑރ ނާޝިޔާ ކިޔައިދެއްވިއެވެ.
މި މަފްހޫމަށް ކިޔައި އުޅެނީ ސަބްޓްރެކްޓިވް ބައިލިންގުއިލިޒަމް އެވެ؛ އިނގިރޭސި ބަހާއެކު ދިވެހި ބަސް ބޭނުންކުރުމުގެ ބަދަލުގައި މުޅިން އިނގިރޭސި ބަސް ބޭނުންކުރަމުން ފެށުމެވެ. އެގޮތުން ކުޑަކުދިންނަށް ދިވެހި ބަސް ފަރިތަކަމާއެކު ދޭހަކުރެވުނަސް، ޖަޒުބާތާއި މަޖަލާއި ފުން ޚިޔާލާއި ފިކުރިއްޔާތާއި ޒާތީ ވާހަކަތައް ދިވެހި ބަހުން ފައުޅުކުރާން ނުއެނގޭކަމަށް ޑރ ނާޝިޔާ ވިދާޅުވިއެވެ. އެކަމުން އެފެންނަނީ ބަހުގެ ބޭނުން ކެނޑި، ގެއްލިގެން ދާތަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެއްބަހަކަށްވެސް ފަރިތައެއް ނޫން

ދިވެހި ބަހުގެ އެކެޑެމީގެ ޑިރެކްޓަރ ޝަހުމާ ޢަލީ ވިދާޅުވީ މިކަންތަކުގައި އެންމެ ޢަޖައިބުވަނީ ކުޑަކުދިން އިނގިރޭސިބަހުން މޮށިއުޅުން ޢާންމިުވެފައި ވާ ނަމަވެސް، އިމްތިޙާނުތަކުގެ ނަތީޖާތަކުން ދަރިވަރުން އިނގިރޭސިބަހަށް މޮޅު ނޫންކަން ދައްކައިދޭ ކަމެވެ.
ދިވެހި ބަސް އަދި އިނގިރޭސި ބަހުގެ އިމްތިޙާނުތަކުގެ ނަތީޖާވެސް މިފަހުން ރަނގަޅެއް ނޫނެވެ. ޝަހުމާ ޢަލީ ވިދާޅުވީ ފަރިތަކޮށް އިނގިރޭސި ބަހުން ވާހަކަދެއްކިޔަސް، ލިޔެކިޔެ ހެދުމަކީ ތަފާތު އޮނިގަނޑެއްގެ މައްޗަށް ހިނގާ ކަމެއް ކަމަށެވެ. 
ޕްރައިވެޓް ސްކޫލެއްގެ ޕްރިންސިޕަލަކު މި ނޫހުގައި ވިދާޅުވީ ދެބަހުގެ އިމްތިޙާނުގެ ނަތީޖާ ރަނގަޅު ނޫންކަމަށާއި، އެންމެ ކުޑަ މިނުން ކޮންމެވެސް އެއް ބަހަކަށް ކުދިން ފަރިތަވާނެކަމަށް ދެކި، ވިސްނަމުން މިހާރު ދަނީ އިނގިރޭސިބަހަށް ޚާއްޞަ ސަމާލުކަން ދިނުމަށް ކަމަށް ކަމަށެވެ. އޭނާ ވިދާޅުވީ ދިވެހި ބަހަކީ ބޭކާރު އެއްޗެއް ކަމުގައި ފުރާވަރުގެ ކުދިން ދެކޭ ކަމަށެވެ.
އެ ޕްރިންސިޕަލް ދެއްކެވި ވާހަކަތަކަށް 2024 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީ އިން ހިންގި ނޭޝަނަލް އެސެސްމަންޓް އޮފް ލަރނިންގް އައުޓްކަމްސްގެ ހޯދުންތައް ފުދެއެވެ. އެ އެސެސްމަންޓުން ދައްކަނީ ބެލި ދެ ގްރޭޑްގައިވެސް ދަރިވަރުންގެ ދިވެހި ބަހުގެ މާއްދާގެ މާކްސް ސޮހެމުންދާ ކަމަށެވެ. އިނގިރޭސި ރަނގަޅުބވަމުން އަންނަ ކަމަށެވެ؛ ގްރޭޑް 3 ގެ ދިވެހި މާއްދާގެ އެވްރެޖަކީ 2016 ވަނަ އަހަރު 62 އިންސައްތައެވެ. 2024 ގައި 40 އެވެ. އެންމެ މޮޅު 25 އިންސައްތަ ދަރިވަރުންގެ ޙާލަކީވެސް މިއީއެވެ.
އެކެޑެމިކް ދިރާސާތަކުންވެސް ދައްކަނީ މި ޙަޤީޤަތެވެ. 1500 ދަރިވަރުން ހިމަނައިގެން 2020 ގައި ކުރިއަށް ގެންދިޔަ ދިރާސާއެއްގައި ދައްކާފައިވަނީ އިނގިރޭސި ބަހުގެ މާއްދާއިން ރަނގަޅު މާކްސް ހޯދާ ދަރިވަރުން ދިވެއްސަށްވުރެ އިތުރު ކަމަށެވެ. 
ކޮންމެއަކަސް މިކަމުގެ ސަބަބުން ބޮޑު ބަޙުޘެއް އުފެދިފައި ވެއެވެ. ޖަނަވަރީގައި ފެންމަތިވި ޒުވާބުގައި ބައެއް ފަރާތްތަކުން ބުނަނީ އިސްލާމް މާއްދާގައި ދަރިވަރުންގެ ފެންވަރުވެސް ދިވެހި ބަހުން ކިޔަވައިދޭތީ ދަށްވަމުން ދާ ކަމަށެވެ. އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔަވައިދިނުމަށް ވިސްނާން ޖެހޭ ކަމަށެވެ. މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ ޙަސަން ޙަމީދު އިންޒާރު ދެއްވީ އެބަދަލު ގެނެސްފިނަމަ ދިވެހި ބަސް ނެތިދިއުން އަވަސް ވާނެ ކަމަށެވެ. 

އަދިވެސް ބަދަލުވެ، ހެދި، ބޮޑުވަމުން ދަނީ

ދިވެހި ބަހުގެ އެކެޑެމީގެ ޑިރެކްޓަރ ޝަހުމާ ޢަލީ ވަނީ ދިވެހި ބަހުގެ ބޭނުންތެރިކަން ނެތެމުންދާ ކަމަށް، އަމުދުން ޒުވާނުންގެ މެދުގައި ދެކެމުންދާ ދިއުމަކީ ޙަޤީޤަތެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. ”ތެދެއް، ބައެއް ޓެކްނޮލޮޖީގެ އައު އީޖާދުތަކަށް ދިވެހި ބަހުގައި ލަފުޒެެއް ނެތް، އެކަމަކު ބަސް މިދަނީ ބަދަލުވެ، ހެދެމުން،“ އޭނާ ވިދާޅުވިއެވެ. ދިވެހި ބަހުގެ ރަދީފަށް ބަސް އިތުރުވަމުން، މުއްސަނދިވަމުން ދާކަމަށާއި، ޒަމާނާ ގުޅޭގޮތުން ލަފުޒުތަކުގެ މާނައަށް އަަންނަ ބަދަލުތައްވެސް ރަދީފުގައި އަދާއިހަމަކުރަމުން ދާ ކަމަށެވެ. މިސާލަކަށް އޭނާ ނެންގެވީ ސަޅިއެވެ. ސަޅީގެ މާނައަކީ ކޫލް ނުވަތަ ރަނގަޅު ނުވަތަ ބަރާބަރެވެ. ބޮޑުކެނޑުން ނުވަތަ ފޮނިކެނޑުމެއް ނޫނެވެ.
ޝަހުމާ ޢަލީ އިތުރަށް ވިދާޅުވީ ބޭރު ޤައުމުތަކުގައި ކިޔަވާ ދިވެހި ދަރިވަރަކު ނަމަވެސް، އެކުއްޖަކުގެ މައިންބަފައިންނާ ދިވެހި ބަހުން މުޢާމަލާތް ކުރަން ޖެހެއެވެ. 
ޑރ ނާޝިޔާގެ ދިރާސާތަކުން ދައްކާގޮތުގައި ވިސްނުންތެރިކަމާއި ޢިލްމުވެރިކަމާއި ޒަމާނީކަމާއި މަސައްކަތު މާޙައުލުގެ ކާމިޔާބީއާ ޒުވާނުން އިނގިރޭސިބަސް ނުހަނު ބޮޑަށް ގުޅުވައެވެ. ނަމަވެސް ދިވެހި ބަހާމެދުވެސް ފަޚުރުވެރި ވޭމެއެވެ. ދިވެހި ބަހާ އޮންނަނީ ޖަޒުބާތީ ގުޅުމެކެވެ. ނަމަވެސް އިޖުތިމާޢީގޮތުންނާއި އިޤްތިޞާދީގޮތުން ދިވެހި ބަހުގެ އާރެއް ބާރެއް ނެތްކަމުގައި ޒުވާނުން ދެކެތެވެ.
ގެއްލެމުން ހަމައެކަނި ދަނިއްޔަކީ ލަފުޒުތަކެއް ނޫނެވެ. ދިވެހި ބަހުގެ ދަރަޖަތައްވެސް މެއެވެ. ދިވެހި ބަހުގައި އާދައިގެ ބަހުރުވައާއި މާތް ބަހުރުވަޔާއި އެންމެ މާތް ބަހުރުވަ ވެއެވެ. އެންމެ މާތް ބަހުން ވާހަކަދައްކާން ސްކޫލްގައި ކިޔަވައި ދީފައިވާނަމަވެސް، އެންމެ މާތް ދަރަޖައިން ވާހަކަދައްކާން ޖެހުނީމާ އުނދަގޫވެފައި ހިތްއަވަސްވާ ކަމަށް ފުރާވަރު ކުދިން ކިޔައިދއެވެ. ހަމަ އެދިރާސާއިން ދެއްކީ ގިނަ ފުރާވަރުގެ ކުދިންނަށް ދިވެހި ބަހުން ނަން ބުނެދޭން އެނގެނީ އެވްރެޖުކޮށް 5 ޖަނަވާރުގެއެވެ. އަދި ދިވެހި ބަހުން ކުލަތަކާއި ބައްޓަންތަކަށް ދީފައިވާ ނަންތަކެއް ނޭނގެއެވެ.
އެހެންވީމާ އެންމެ ކުދި، އަސާސީ ބޭނުންތައް ކަމަށްވާ ގުނުމާއި، ގަޑި ކިޔުމާއި، ކުލަޔާއި ބައްޓަމުގެ ވާހަކައިން ސުވާލު ކުރިޔަސް، ގިނަ ކުދިން ފަށާނީ އިނގިރޭސިބަހުން ކަމަށް ޑރ ނާޝިޔާ ވިދާޅުވިއެވެ. ދިވެހި ބަހުން ކިޔުއްވާން ޖެހޭނީ ދިވެހި ބަހުން ބުނެދޭށޭ އަންގައިގެންނެވެ. ބައެއް ޕްރީސްކޫލްތަކުގެ ދަރިވަރުންނަށް އިނގިރޭސިން ފަރިތަކަމާއެކު ގުނުމާއި، ގަޑި ކިޔުމާއި، ކުލަޔާއި ބައްޓަން ބުނެދޭން އެނގުނަސް، އެއްގޮތަަކަށްވެސް ދިވެހި ބަހުން ބުނެދޭކަށް ނުއެނގެއެވެ.
މިކަމުގެ ޒިންމާ ފުރާވަރުގެ ކުދިންނާއި ޒުވާނުންގެ ބޮލުގައި އެކަނި އެޅުވޭކަށް ނެތެވެ. އެކުދިންގެ ވަށައިގެންވާ މާޙައުލުގައިވަނީ އިނގިރޭސި އެވެ. އެންމެ ކުޑަމިނުން ޤައުމީ ބޭންކްގެ ނަމަކީވެސް އިނގިރޭސި ނަމެއް ކަމަށާއި، އޮފީސްތަކުގެ މެދުގައި ހިންގާ މުޢާމަލާތްތައް ދިވެހި ބަހުން ކުރާން ޤާނޫނުން މަޖުބޫރުކޮށްފައި އޮތަސް މަސައްކަތުގެ ބޭނުމަށް ފޮނުވާ ރަސްމީ އީމެއިލްތައްވެސް ހުންނަނީ އިނގިރޭސި ބަހުންކަމަށް ދިވެހި ބަހުގެ އެކެޑެމީގެ ޑިރެކްޓަރ ވިދާޅުވިއެވެ. 
ދިވެހި ބަހުން ލިޔެފައި ހުރި ފޮތް މަދެވެ. ދިވެހި ބަހުން ފޮތެއް ނެރެފީވިއްޔާ ވިއްކާކަށްވެސް ފަސޭހައެއް ނޫނެވެ. އެފަދަ ލިޔުންތެރިޔަކު ވިދާޅުވީ ”ފޮތެއް ލިޔެފިއްޔާ ބަރޯސާވާންޖެހެނީ އަމިއްލަ ފޮތްފިހާތަކަށް،“ ކަމަށެވެ. މިފަހުން ކުޑަކުދިންގެ ދިވެހި ފޮތް ތަންފުކެއް ގިނަ ވެއްޖެއެވެ. އެއް ދިރާސާވެރިޔަކު ބުނީ 100 އެއްހާ ފޮތް ދިވެހި ބަހުން ތުއްތު ކުދިންނަށް ލިޔެ ތައްޔާރުކޮށްފައި ހުރިކަމަަށެވެ. ބަހަކަށް ލޯބި ޖެއްސުމުގައި އެބަހަކުން ވާހަކަ ކިޔާ ހެދުމަކީ ކުޑަކުދިންނަށް ކޮންމެހެން ބޭނުން ކަމެކެވެ.
ނަމަވެސް ކުޑަކުދިންނަށާއި، ފުރާވަރުގެ ކުދިންނަށް ދިވެހި ބަހުން ލިޔެފައި ހުރި ޚާއްޞަ ފޮތްތަކެއް ނެތެވެ. 15 އަހަރުގެ ކުއްޖެއްގެ މަންމަ ބުނީ ދިވެހި ބަހަށް ދަރިން އަހުލުވެރި ކުރުވާން މަސައްކަތް ކުރަން ބަލާއިރު، އެކުދިން ލިޔެކިޔާނެ ފޮތް ނުހުންނަ ކަމަށެވެ. 
އިންޓަރނެޓްގެ ދުވަސްވަރުގެ ކުރިއާ ޚިލާފަށް، ކުޑަކުދިން މިއަދު ބޮޑުވަނީ ޑިޖިޓަލް ދުނިޔެއެއްގައެވެ. އެދުނިޔޭގައި ފިޔަޖަހަނީ އިނގިރޭސި ބަހެވެ. ގޭމު ކުޅުންކަމަށް ވިޔަސް، ފިލްމާއި ސީރީޒް ބެލުން ކަމަށް ވިޔަސް، މިއުޒިކް އަޑުއެހުން ކަމަށް ވިޔަސް، ސޯޝަލް މީޑިޔާ ކަމަށްވިޔަސް އަދި މަޢުލޫމާތާއި އުނގެނުން ކަމަށްވިޔަސް ކަން އޮތީ އެހެން ކަމަށް ޑރ ނާޝިޔާ ވިދާޅުވިއެވެ. 
މިފަހުން ކޭ-ޕޮޕް ފުރާވަރުގެ ކުދިންގެ މެދުގައި މާ މަޝްހޫރު ވެއްޖެއެވެ. ފުރާވަރުގެ ދިވެހި ކުދިބަޔަކަށް މިހާރު އެދަނީ ކޮރެޔާ ބަހާއި މަންގާ އަދި އެނިމޭ މެދުވެރިކޮށް ޖަޕާން ބަސް ދަސްވަމުންނެވެ. ވަޓްސްއެޕް އަދި ވައިބަރގައި ހަދާފައި ހުންނަ ޢާއިލީ ގްރޫޕްތަކުގައި ޢާންމު މުޢާމަލާތްތައް ހިންގަނީ އިނގިރޭސި ބަހުންނެވެ.
ޑރ ނާޝިޔާ ވިދާޅުވީ ބަސް ދެމެެހެއްޓުމަކީ ސިޔާސަތު އެކުލަވައިގެން އެކަނި ވާން އތް ކަމެއް ނޫން ކަމަށާއި، އެއީ ދުވަހީ މުޢާމަލާތްތަކުގެ ތެރެއަށް ބަސް ވަދެގެން މެނުވީ ވާން އޮތް ކަމެއް ނޫން ކަމަށެވެ. ޚާއްޞަކޮށް ކުޑައިރާއި ރަޙްމަތްތެރިކަމާއި އުފަލާއި މަޖަލާއި ޖަޒުބާތާއި ލޯތްބާއި ޢާއިލީ ދިރިއުމުގައި ބަހުގެ ބޭނުން ނެތަމަ، ބަހެއް ނެތި ހިނގައިދިއުން ގާތްކަމަށް އޭނާ ވިދާޅުވިއެވެ. މިކަން ހިނގާނީ ޖީލަކަށްފަހު ޖީލަކުންނެވެ. 
އައު ޖީލުތަކަށް ދިވެހި ބަހުން މޮށިއުޅޭން ނޭނގޭނަމަ ދިވެހި ބަސް ނެތި ދިއުމުގެ ބިރު އޮތްކަމަށް ދިވެހި ބަހުގެ އެކެޑެމީގެ ޑައިރެކްޓަރ ވިދާޅުވިއެވެ. މިއީ ޤައުމީ ފެންވަރެއްގައި ވިސްނާ ފިކުރުކުރާންޖެހޭ މައްސަލައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބަހެއް ނެތި ދިއުމަކީ ލަފުޒުތަކެއް އެކަނި ނެތި ދިއުމެއް ނޫނެވެ. ޑރ ނާޝިޔާ ވިދާޅުވަނީ މާޙައުލީ އަދި އެއްޖީލުން އަނެއް ޖީލަށް ޢިލްމާއި ޙިލްމު ނަޤުލު ކުރުމުގެ ވަޞީލަތަކީ ބަސް ކަމަށާއި، މޫދާއި ކަނޑު، މޫސުމާއި އުޑު، ބިމާއި ދިރުންތައް އަދި އިޖުތިމާޢީ އުޅުންތަކާއި ގުޅުންތައް ފަހުމުކޮށް، ދެނެގަތުމުގެ ތަޖުރިބާ ގުޅުވައިދޭ ޗޭނަކީވެސް ބަސް ކަމަށެވެ.
ދިވެހި ބަސް ނެތި ދިއުމަކީ އިންސާނީ ވަންހައަށްވެސް ލިބޭ އުނިކަމެެކެވެ. ދިވެހި ބަހަކީ 2000 އަހަރުގެ ދިގު ތާރީޚެއް ލިބިގެންވާ އިންޑޯ ޔޫރަޕިއަން ޢާއިލާގެ އެންމެ ދެކުނު އޮތް ގޮތްޕެވެ. 800 އަހަރުގެ ލިޔުމުގެ ތާރީޚެއް ފެންނާން އެބަ އޮތެވެ. ލިޔެ އުޅުނީ އަމިއްލަ އަކުރަކުންނެވެ. އެވޭލާ އަކުރާއި، ދިވެސް އަކުރާއި، އަދު ބޭނުން މިކުރާ ތާނައެވެ. ދިވެހި ބަހުން މޮށިއުޅޭ ހަމައެކަނިހެން ބަޔަކީވެސް (މަލިކު ފިޔަވައި) ބައި މިލިޔަން ހަމަނުވާ ދިވެހިންނެވެ.
ޑރ އާމިނަތު ރިޔާޒްގެ ވިސްނުންފުޅުގައި ދިވެހި ބަސް ސަލާމަތް ނުކުރެވޭ ހިސާބަކަށް ނުދެއެވެ. ބަހެއްގެ ޙާލަތު ބަދަލުވަނީ ފިކުރިއްޔާތާއި މާޙައުލީ ސަބަބުތަކުންނެވެ. އެއީ އެއްގޮތަކަށް އަބަދުމެ ޤަރާރުވެ، ބަދަލު ނުވެ އޮންނާނެ ކަންކަމެއް ނޫނެވެ. އޭނާ ވިދާޅުވީ ދިވެހި ބަސް އެއް ޖީލުން އަނެއް ޖީލަށް ނަޤުލުކުރެވޭނީ ބަހުގެ ދައުރު އުނގެނުމާއި މީޑިޔާ އަދި ޒުވާނުންގެ ޖާގަތަކުގައި ފުޅާ ކޮށްގެންނެވެ. 
ދިވެހި ބަހުން ޅަދަރިންނާ ވާހަކަ ދެއްކުން ހުއްޓާލައިފައިވާ ޢާއިލާތަކުގެ ޢަދަދުންވެސް ބަހަށް ދިމާވެފައިވާ ގޮންޖެހުން ފެނި ފައުޅުވެއެވެ. ”މިއަދު ފިޔަވަޅު ނާޅައިފިނަމަ، ދެތިން ޖީލެއްގެ ފަހުން ދިވެހި ބަސް ނެތި ހިނގައިދާނެ. އުވި މަރުވެ ގޮސްދާނެ،“ ޑރ އާމިނަތު ރިޔާޒް ކަންބޮޑުވުމާއެކު ވިދާޅުވިއެވެ. 

މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ

ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ

އެއްފަހަރު ދެއްވާ

ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން

ގުޅުންހުރި ޓެގްސް