ނަފްސާނީ ޞިއްޙަތުގެ މައްސަލައިގައި ދައުލަތުން ފެންނަ ކުއްލި ޙަރަކާތްތެރިކަން

1300 މީހުން ފުރަތަމަ އެޕޮއިންޓުމަންޓްގެ އިންތިޒާރުގައި ވެއިޓްލިސްޓުގައި އެބަތިބި.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ވޭތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި ސަރުކާރުން އެވަނީ މަޑުމަޑުން އަނދަމުންދާ ނަފްސާނީ ޞިއްޙަތުގެ ބަލިމަޑުކަމުގެ ގިނިތައް ރަމަތަކުރަން އަޅާން ޤަސްދުކުރާ ފިޔަވަޅުތަކެއް އިޢުލާންކޮށްފައެވެ.
ނަފްސާނީ ބަލިތަކަށް ޚާއްޞަ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް އަވަސްކޮށްފައިވާކަން ހާމަކޮށްފައި ވެއެވެ. ހެލްތު މިނިސްޓަރު ޕޮލިސް ކޮމިޝަނަރާއި ބައްދަލުކުރައްވައި، ގިނަ ދުވަސްތަކެއް ވަންދެން އެކުއެކީގައި ހިންގަމުން އައިސްފައިވާ ސަޕޯޓް ސާވިސްތައް އެއްކީލިކުރަން މަޝްވަރާ ހިންގާފައި ވެއެވެ. ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން އާ 12 މަޤާމެއް އުފައްދައި، އިޝްތިހާރުކޮށްފައި ވެއެވެ. އެ ޑިޕާޓްމަންޓުގެ ޑިރެކްޓަރާއި ޑެޕިއުޓީ ހެލްތު މިނިސްޓަރަކު ދައުލަތުގެ ޓީވީއަށް ސަރުކާރުގެ ސިޔާސަތުތަކާ ބެހޭ ގޮތުން ޚާއްޞަ ބަސްދީގަތުމެއް ދެއްވިއެވެ. އޭގެ ފަހުން ސްކޫލް ކައުންސެލަރަކު ބުލީކުރުމާ ބެހޭ ގޮތުން އެޓީވީގައި ވާހަކަ ދެއްކެވިއެވެ.
ހޯމަ ދުވަހު ރައީސް ޑރ މުޙައްމަދު މުޢިއްޒު ހަފްތާއަކު އެއްފަހަރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ފެއްޓެވީ ނަފްސާނީ ޞިއްޙަތަށް އެހީތެރިވުމުގެ ޢުމްރަނީ ވަޞީލަތްތައް "އެދެވޭ ފެންވަރުގައި" ނެތްކަން ޤަބޫލުފުޅުކުރައްވައި، ކުރިން ރާވާފައިވާ ގޮތަށް ބޭރުގެ ލޯނުގެ އެހީއަށް އިންތިޒާރު ކުރުމުގެ ބަދަލުގައި ސަރުކާރުގެ ބަޖެޓުން، ވަޢުދުވި-ހޮސްޕިޓަލަށް ފައިސާ ހަމަޖައްސަވާނެކަން އިޢުލާން ކުރައްވާފައެވެ. އަދި ނަފްސާނީ ބަލިމަޑުކަމަކީ ދިވެހިރާއްޖޭގައި އިތުރުވަމުން އަންނަ އަދި ޚާއްޞަ ސަމާލުކަން ބޭނުންވާ ދާއިރާއެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
ބޭރުގެ ފައިސާގެ އެހީގައި އަޅަން ރާވާފައިވާ ނަފްސާނީ ބަލިތަކަށް ޚާއްޞަ ހޮސްޕިޓަލް ޤާއިމުކުރަން ނިންމާފައި އޮތީ ލ. ގަމުގައެވެ. ނަމަވެސް ގްރޭޓަރ މާލެ ސަރަޙައްދުގައި ޚާއްޞަ ފެސިލިޓީއެއްވެސް ޤާއިމު ކުރާނެއެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ނަފްސާނީ ޞިއްޙީ ފަރުވާގެ ޚަރަދު އާސަންދައިން ދޭން ޖެނުއަރީ 1 އިން ފެށިގެން ނިންމާފައިވާ ކަމާއި، މިއަހަރުގެ އޭޕްރީލް 24 ވަނަ ދުވަހުގެ ނިޔަލަށް 10،953 ބަލިމީހުން ސައިކޮލޮޖިކަލް ތެރަޕީ ހިމެނޭހެން، ޑަކްޓަރަށް ދައްކައި، ފަރުވާ ހޯދާފައިވާކަން ފާހަގަކުރެއްވިއެވެ. މިޢަދަދުން ރިވެލުކުރަނީ އަމިއްލަ އަތުން ފައިސާ ދައްކާން ޖެހުނީމާ ފަރުވާ ނުލިބި ތިބި މީހުންގެ ގިނަ ކަމަށެވެ. އަދި ޖުމުލަ ޑިމާންޑުގެ ބޮޑު ކަމަށެވެ. 
ކަންމިހެން ހުރިއިރު، މި އޭޕްރީލް 20 ވީ ހޯމަ ދުވަހުގެ ވަގުތެއްގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ދަނާލެއްގައި 18 އަހަރުގެ ދަރިވަރަކު އަމިއްލައަށް މަރުވެފައި ވެއެވެ. 
ބުދަ ދުވަހު 10 ޖަމްޢިއްޔާއަކުން މިމައްސަލައިގައި ބަޔާނެއް ޢާންމުކޮށްފައި ވެއެވެ. މަރުވި ދަރިވަރުގެ އެންމެ ފަހު ވަގުތުތަކުގައި ފުލުހުންގެ ވިކްޓިމް ސަޕޯޓާއި ޔުނިވާސިޓީ ޑޯމިޓަރީ ސްޓާފުންނާއި ނަފްސާނީ ޞިއްޙަތުގެ އެހީ ހޯދާން ކުރި މަސައްކަތަށް އެ ބަޔާނުގައި އަލިއަޅުވައި، ފާޑުކިޔާފައި ވެއެވެ. 
ނަފްސާނީ ޞިއްޙަތުގެ ނިޒާމަށް ބޭނުންވާ ގިނަ ކަންތައްތަކެއް ހަފްތާއެއްގެ ތެރޭގައި ބިނައެއް ނުކުރެވޭނެއެވެ. އޭޝިއާ ފައުންޑޭޝަނުން ނޮވެމްބަރު މަހު ޝާޢިއުކުރި ދިރާސާއެއްގައި ދިވެހިރާއްޖޭގެ ނަފްސާނީ ޞިއްޙަތާއި ސައިކޯސޯޝަލް ސަޕޯޓްގެ ޚިދުމަތްތައް ބައްޓަންވެފައިވާ ގޮތުގެ މައްޗަށް ނަޒަރު ހިންގާފައި ވެއެވެ. މިދާއިރާއަށް އެކަށީގެންވާގޮތުގައި އިންވެސްޓު ކުރެވިފައި ނެތްކަމާއި، ނަފްސާނީ ބަލިމަޑުކަމާމެދު ދެކޭ ހަވާސާކުރުވަނިވި ވިސްނުންތަކާމެދު ކަންބޮޑުވުން ފައުޅުކޮށްފައި ވެއެވެ. 
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރައީސް މުޢިއްޒު ވަނީ ނޭޝަނަލް މެންޓަލް ހެލްތު ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ތަޢާރަފު ކޮށްފައެވެ. 

ޚާއްޞަ ހޮސްޕިޓާ

އާ ހޮސްޕިޓަލް އަޅަން އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ރައީސް ވިދާޅުވ އެވެ. އެމުއްދަތުގައި ހެލްޕްލައިން ރަނގަޅުކުރުމާއި، ކޭސްތައް ބެލެހެއްޓޭ ގޮތުގެ އިންޓަރ އޭޖެންސީ (ކަމާބެހޭ ފަރާތްތަކުގެ މެދުގައި) ޕްރޮޓޮކޯލްތައް ރަނގަޅުކުރުމާއެކު، މިހާރު ހުރި ފެސިލިޓީތަކުގައި – މާލޭ ހޮސްޕިޓަލްތަކާއި، ސަރަޙައްދީ އަދި ޓާޝަރީ ހޮސްޕިޓަލްތަކުގެ ތެރަޕިސްޓުންނާއި އެހެން މުވައްޒަފުންގެ – ކެޕޭސިޓީ އިތުރުކުރުމަށް އަމާޒު ހިފޭނެއެވެ. 
މާލޭގެ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ހުންނަ ނޭޝަނަލް ސެންޓަރ ފޯ މެންޓަލް ހެލްތަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އަދި ފުޅާ ޞިއްޙީ ޚިދުމަތްދޭ ދައުލަތުގެ މުއައްސަސާއެވެ. މި ސެންޓަރު ހުޅުވީ 2019 ވަނަ އަހަރު މަލްޓިޑިސިޕްލިނަރީ (އެކި ފަންނު އެކުލެވޭ) ޓީމަކާ އެކުގައެވެ. ނުވަ އެނދުގެ އިންޕޭޝަންޓް ސައިކިއޭޓްރީ ޔުނިޓެއް 2022 ވަނަ އަހަރު އެސެންޓަރަށް އިތުރުކުރި އިރު، މިހާރު ހުރި ފެސިލިޓީތަކަށް އަދިވެސް ޑިމާންޑާ އެއްވަރަށް ޚިދުމަތެއް ނުދެވެއެވެ. 
"ސައިކިއޭޓްރިކް ވޯޑުގައި ހުންނަނީ ފަސް ހަ ކޮޓަރި" ނަން ނުޖެހުމަށް އެދި މާލޭގެ އަމިއްލަ ނަފްސާނީ ޞިއްޙަތުގެ ކްލިނިކެއްގައި ވަޒީފާ އަދާކުރާ ކައުންސެލަރަކު ބުންޏެވެ. "ހޮސްޕިޓަލުގައި ފަރުވާ ހޯދަންޖެހޭ ކަމަށް ބެލެވޭ ބަލިމީހުން ބޭސް ލިޔެފައި ގެއަށް ފޮނުވާލާފައިވާކަން އެނގިފައި އެބަހުރި،" އޭނާ އިތުރަށް ކިޔައިދިނެވެ. 
އެންސީއެމްއެޗްގެ ޑިރެކްޓަރު އާމިނަތު ޝަހުޒާ މި ހަފްތާގައި ވިދާޅުވީ ވެއިޓްލިސްޓުން ރަމްޒުކޮށްދެނީ ހޭލުންތެރިކަން އިތުރުވުމާއި ޚިދުމަތްތައް އިންތިޒާމުކުރާ ގޮތުގެ އޮނިގަނޑުގައި ހުރި މައްސަލަތައް ކަމަށެވެ. އަންގާރަ ދުވަހުގެ ރޭ ޕީއެސްއެމްގެ ކޮމާކޯޅި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންނަވާ އޭނާ ވިދާޅުވީ "އެންމެން ވެސް ނަފްސާނީ ޑޮކްޓަރަކަށް އެބަދޭ،" ކަމަށެވެ. އަދި އެކި ބާވަތުގެ، އެކި ދަރަޖައިގެ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދީ، ދާއިރާހެ ޚިދުމަތްތައް ސިންދަފާތު (ޑައިވަރސިފައި) ކުރަންޖެހޭ ކަމަށެވެ. 
ނޭޝަނަލް މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ޙައްލު ހޯދާން މަސައްކަތްކޮށްފައިވަނީ މަރުކަޒީ ހޮސްޕިޓަލެއް ޤާއިމުކޮށްގެން ފަރުވާ ދިނުމާއި، ލާމަރުކަޒީ އުޞޫލަކުން ނަފްސާނީ ޞިއްޙަތުގެ ފަރުވާ ދިނުމާ ދެމެދު ހުރި ފުށުއެރުންތަކެކެވެ. މަރުކަޒީ ސެންޓަރެއް ނުވަތަ ހޮސްޕިޓަލެއް ޤާއިމުކުރުމަކީ އެތަންތަނުގައި ބަންދުކޮށްގެން ފަރުވާ ދިނުމުގެ މޮޑަލަށް ކަންފަހި ކުރާނެ ކަމެކެވެ. ނަމަވެސް މިޒަމާނުގައި މިއިއްޔަކީކޮންމެހެން ކުރަންޖެހިގެން މެނުވީ ކުރާ ކަމެއް ނޫނެވެ. ޑަބްލިޔުއެޗްއޯގެ ގައިޑްލައިން އަކީ ނަފްސާނީ ޞިއްޙީ ޚިދުމަތްތައް ޕްރައިމަރީ ކެއަރއާ ގުޅުވައި، މުޖުތަމަޢުގެ ތެރޭގައި ބައިތިއްބައިގެން ފަރުވާ ދިނުމެވެ. 
އޭޝިއާ ފައުންޑޭޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ނަފްސާނީ ބަލިމަޑުކަމުގެ ޙާލަތުގައި މީހުން ދެމިތިބޭން ޖެހެނީ އެކި ފަންތިއާއި ގިންތީގެ ފަރުވާ ލިބޭން ނުހުންނާތީއެވެ. ސްކޫލް ފެންވަރުގެ ސަޕޯޓާއި ޕްރައިމަރީ ކެއަރ ގުޅި ލާމެހިފައި ނުވުމެވެ. 

ޢަދަދުތައް އުފުލުން

ޖެނުއަރީ މަހުން ފެށިގެން ރެކޯޑް ކުރެވުނު ފަރުވާ ހޯދި 10،953 މީހުންނަކީ، އުފެދި، ޚިދުމަތް ނުދެވިވާ ޑިމާންޑުން ނުކުންނަ ޢަދަދެއްކަމަށް ޤަބޫލު ކުރެވެއެވެ. އެންސީއެމްއެޗް އުން 2019 ވަނަ އަހަރު 7،246 މީހުން ފަރުވާ ހޯދިއެވެ. 2020 ގައި 17،708 އެވެ. 2023 ގައި ހިއުމަން ރައިޓްސް ކޮމިޝަނުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ފަސް އަހަރު ދުވަހުގެ ތެރޭގައި ނަފްސާނީ ޞިއްޙީ ފަރުވާ އާސަންދަ މެދުވެރިކޮށް 26،627 މީހުން ހޯދާފައި ވެއެވެ. އޭގެތެރެއިން 63 އިންސައްތަ މީހުން ތިބީ ގްރޭޓަރ މާލޭ ސަރަޙައްދުގައެވެ. ނަފްސާނީ ސިއްޙަތުގެ ބަލިމަޑުކަމަށް ބޭސްކާންޖެހޭ މީހުންގެ ޢަދަދު 2017 ވަނަ އަހަރު ހުރީ 203 އެވެ. 2021 ވަނަ އަހަރު އެޢަދަދު 9،163 އަށް އުފުލުނެވެ.
މިއަހަރުގެ ޖެނުއަރީ 1 އިން އޭޕްރީލް 24 އަށް ކުރިއަށް ގެންދިޔަ 10،953 ކޮންސަލްޓޭޝަންގެ ތެރެއިން 8،125 ކޮންސަލްޓޭޝަން ހިނގީ މާލޭގައެވެ.
ދައުލަތުގެ ޓީވީގައި ހެލްތު މިނިސްޓަރުގެ ނައިބު އާމިނަތު އިސްމާޢިލް ދެއްކެވި ވާހަކައިގައި ވިދާޅުވީ ކުއްލިއަކަށް ޢަދަދުތައް މައްޗަށް ޖެހޭކަމަށް އެފެންނަ ސަބަބަކީ ކުރިން ނަފްސާނީ ޞިއްޙަތުގެ ވާހަކައަކީ ލޭބަލްވެދާނެތީ ނުވަތަ ލަދުން ނުދައްކާ ވާހަކައެއްގެ ގޮތުގައި އޮވެފައި މިއަދު ހޭލުންތެރިކަން އިތުރުވުން ކަމަށެވެ. ޑަބްލިއުއެޗްއޯ ސްޓެޕްސް އިން ކުރި ސާވޭއަކުން ދައްކާފައިވާ ގޮތުގައި ދިވެހިރާއްޖޭގައި ކޮންމެ ފަސް މީހަކުން އެކަކު ޑިޕްރެޝަންގެ ޝިކާރައަކަށް ވެފައިވެއެވެ. އޭގެ ތެރޭގައި ފުރާވަރުގެ 13 އިންސައްތަ ކުދިން ހިމެނެއެވެ. 
އައިޖީއެމްއެޗް އިން މޯލްޑިވްސް އިންޑިޕެންޑެންޓަށް ލިބުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 10 އަހަރާއި 19 އަހަރާ ދެމެދުގެ ކުދިން/މީހުން ނަފްސާނީ ޞިއްޙަތުގެ ކޮންސަލްޓޭޝަންތަކަށް ދާ މިންވަރު 2015 އާއި 2024 އާ ދެމެދު 400 އިންސައްތައަށް ނުވަތަ ގާތްގަނޑަކަށް ފަސްގުނަ އިތުރުވެފައި ވެއެވެ.
މޯލްޑިވްސް އިންޑިޕެންޑެންޓް އިން އެންސީއެމްއެޗްގެ އޮންލައިން އެޕޮއިންޓްމަންޓް ޕޯޓަލް ބުރާސްފަތި ދުވަހު ޗެކު ކުރީމެވެ. ފުރަތަމަ އެޕޮއިންޓްމަންޓަކަށް އެދޭ މީހަކު ވެއިޓްލިސްޓުގައި އޮންނާނީ 1،300 ވަނައިގައެވެ. އެހެންވީމާ އަހަރު ދުވަހުންވެސް ޑަކްޓަރަށް ދެއްކޭނެ ކަމަކަށް ލަފައެއް ނުކުރެވެއެވެ. 
މިޚިދުމަތް ދޭ އަމިއްލަ ފަރާތްތަކުން ދަނީ ސަރުކާރުގެ ރަސްމީ ފަރުވާގެ ނިޒާމަށް ނުކަތާ މީހުންގެ ތެރެއިން ބަޔެއް ހޯދައިގަންނަމުންނެވެ. "އެންސީއެމްއެޗް މެދުވެރިކޮށް ނަފްސާނީ ޞިއްޙަތުގެ ސަޕޯޓް ހޯދަން ގިނަ ދުވަސްތަކެއް ނަގާ،" އަމިއްލަ ކްލިނިކްގައި މަސައްކަތްކުރާ ކައުންސެލަރު ވިދާޅުވިއެވެ. "ދިގު ވެއިޓްލިސްޓެއް އެބައޮތް. ތިން މަހުން ފެށިގެންގޮސް ކިތަންމެ ދުވަހެއްވެސް ނަގާފާނެ. އަވަސް އެހީތެރިކަމެއް ބޭނުންވާ މީހުންނަށް މިއީ އުނދަގޫ ކަމެއް، އެހެންވެ އަމިއްލަ ކްލިނިކްތަކަށް ވަރަށް ގިނަ ބަޔަކު އަންނަނީ." އޭނާ ކިޔައިދިނެވެ. 
އަމިއްލަ ކްލިނިކެއްގެ ދެ ނަފްސާނީ ޑޮކްޓަރުންނަށް ވެއިޓްލިސްޓުގައި ގާތްގަނޑަކަށް 100 މީހުން އެބަ ތިއްބެވެ، އާސަންދާ އިން ކަވަރު ކުރަނީ ޚަރަދުގެ ބައެކެވެ: 600 ރުފިޔާ ދައްކަންޖެހޭ ފުރަތަމަ ކޮންސަލްޓޭޝަނުން ކަވަރު ކުރަނީ 100 (6.5 އެމެރިކާ ޑޮލަރު) ރުފިޔާއެވެ. ފޮލޯއަޕްތަކަށް ނަގާ ފީ އިން 200 ރުފިޔާއެވެ. އަދި 3800 ރުފިޔާ ނަގާނަފްސާނީ އެސެސްމަންޓުގެ ޚަރަދުން އާސަންދަ ކަވަރުކުރަނީ 1،500 ރުފިޔާއެވެ.
"އާސަންދަ ފެށުމުން އަޅުގަނޑުމެންގެ އޮޕަރޭޝަންތަކަށް ތަންކޮޅެއް ދަތިވެއްޖެ،" މިދިޔަ އަހަރު އާސަންދަ މެދުވެރިކޮށް ޚިދުމަތްް ހޯދާފައި، ފިނޭންސް މިނިސްޓްރީ އިން ފައިސާ ދެއްކުން ލަސްވިކަން ފާހަގަކޮށް އޭނާ ކިޔައިދނެވެ، "އެކަމަކު އަޅުގަނޑުމެންގެ ޚުދމަތް ކުރިއަށް ގެންދަނީ ޢާންމުން އެދޭތީ." އޭނާ އިތުރަށް ބުންޏެވެ. 
ޢުމުރުން 19 އަހަރުގެ އަބްޔަން ޢަލީ މިނޫހާ ވާހަކަދައްކަމުން ބުނީ އޭނާގެ ގިނަ އެކުވެރިންނަށް އަމިއްލަ އަތުން ޚަަރަދުކުރަން މަޖުބޫރުވެފައިވާ ކަމަށެވެ. "އައިޖީއެމްއެޗް އަށް ދާނަމަ ވެއިޓްލިސްޓުގައި ހާހެއްހާ މީހުން އެބަތިބި، އަދި އަމިއްލަ ކްލިނިކަކަށް ގޮސްފިނަމަ އެއް ސެޝަނަކަށް 600 ރުފިޔާ ޚަރަދުވޭ" ކަމަށާއި "އަސްލު އެސެސްމަންޓެއް ކޮށްފިއްޔާ އަޅުގަނޑަށް ހީވަނީ އެއަށްވުރެ ވެސް މަތިވާނެހެން، 3،000 ވަރު އަރާނެ،" އޭނާ ކިޔައިދިނެވެ. 
މިދިޔަ ހުކުރު ދުވަހު (އޭޕްރީލް 24) ހެލްތު މިނިސްޓްރީ އިން ވަނީ މިފަހުން ދިމާވި ހިތާމަވެރި ހާދިސާތަކާ މެދު ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެ، އިޙްސާންތެރިކަމާއި ޙަމްދަރުދީގެ ސިފަ އިސްކުރާން އިލްތިމާސް ކޮށްފައެވެ. ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިން 1677 އިން 24 ގަޑިއިރު ނަފްސާނީ ފަސްޓް އެއިޑް ދޭކަންވެސް ފާހަގަކޮށްފައި ވެއެވެ.
އޭގެ ތިން ދުވަސް ފަހުން މިނިސްޓްރީ އިން ވަނީ ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ ސީނިއަރ ސޯޝަލް ސާވިސް ވޯކަރުންނާއި އިދާރީ ދެ ސީނިއަރ އޮފިސަރުންނާއި ލީޑް ސޯޝަލް ސާވިސް ވޯކަރެއް ހޯދުމަށް ވަޒީފާގެ އިޢުލާންކޮށްފައެވެ. 
2021 ގައި ދިވެހިރާއްޖޭގައި ތިބީ 14 ސައިކިއޭޓްރިސްޓުންނެވެ. 2028 އަށް ވާ އިރަށް އިތުރު 25 ޑަކްޓަރުން ތަމްރީނުކުރާން ރާވައިފައިވެއެވެ. 

އެއްބާރުލުމާއި އެކުގައި މަސައްކަތްކުރުން

އަންގާރަ ދުވަހު ހެލްތު މިނިސްޓަރު ގީލާ ޢަލީ ވަނީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއާ ބައްދަލުކުރައްވައި، ދިވެހިރާއްޖޭގެ ނަފްސާނީ ޞިއްޙަތުގެ ނިޒާމު ހަރުދަނާކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. ފުލުހުން ބުނީ މަޝްވަރާ ކުރީ ކަމާބެހޭ ހުރިހާ މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމާއި ޚިދުމަތްތަކުގެ ފެންވަރާއި ނަފްސާނީ ޝިއްޙީ މައްސަލަތަކަށް އެޓެންޑުވާއިރު، ފުލުހުންނަށް ކުރިމަތިވާ އޮޕަރޭޝަނަލް ގޮންޖެހުންތަކާ ބެހޭގޮތުން ކަމަށެވެ. 
އޭޝިއާ ފައުންޑޭޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ އެކުވެ، އެއްބާރުލައި މަސައްކަތް ކުރުމުގެ ބަދަލުގައި ޕޮލިސް ވިކްޓިމް ސަޕޯޓް، ހެލްޕްލައިން، ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރ، ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމު އަދި އެންސީއެމްއެޗް މަސައްކަތްކުރަނީ ވަކިވަކިން ކަމަށެވެ. ނިޒާމު އޮތީ އެމުނިއެކުލެވުމެއް ނެތްގޮތުގައި ހާވިޔާވެފައި ކަމަށެވެ. 
އެންސީއެމްއެޗްގެ ޑިރެކްޓަރު އާމިނަތު ޝަހުޒާ ދައުލަތުގެ ޓީވީގައި ދެއްކެވި ވާހަކަގައި ވިދާޅުވީ ހެލްޕްލައިނަށް ގުޅާ މީހުންނަށް އެކަށީގެންވާ ރިފަރަލް މެކޭނިޒަމެއް ނެތް ކަމަށެވެ. 
"އަޅުގަނޑުގެ ބައެއް ރައްޓެހިން ޤައުމީ ހެލްޕްލައިނަށް ގުޅާފައިވޭ،" އަބްޔަން ބުންޏެވެ. "އެމީހުން ބުނީ އެއީ އެ ދުވަސްވަރަށް ބޭނުންވި ސަޕޯޓަށް ރަނގަޅު ކަމެއް ކަމަށް، އެކަމަކު އެއީ ދިގު މުއްދަތުގެ އެހީއެއް ނޫން. ދިގު މުއްދަތަކަށް ބޭނުންވަނީ އަޅުގަނޑުމެންނަށް ލިބޭނެ ވަސީލަތްތަކެއް އަދި 1،000 މީހުންގެ ކިއުއެއް އޮންނަ ތަނެއް ނޫން ނުވަތަ ސިއްސައިގެންދާހާ އަގުބޮޑު ތަނެއް ނޫން." އޭނާ ކިޔައިދިނެވެ. 
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޚިދުމަތް ލިބެން ނެތްކަމުގެ ދަތިކަންވެސް އެހާމެ ބޮޑެވެ. "ރަށްތަކުގައި، އަތޮޅު ތެރޭގައި ނަފްސާނީ ޞިއްޙީ ޚިދުމަތްދޭ ފަރާތްތައް ވަރަށް މަދު،" އަމިއްލަ ކްލިނިކްގެ ކައުންސެލަރު ފާހަގަކުރިއެވެ. "ގިނަ މީހުން ޖެހެނީ ޗެކަޕް ހަދަން މާލެ އަންނަން."
އެކްޝަން ޕްލޭންގެ އަމާޒަކީ 2029 ވަނަ އަހަރުގެ ނިޔަލަށް ހަ ސަރަޙައްދެއްގައި ސްޕެޝަލިސްޓް މެންޓަލް ހެލްތު ސާވިސްއެއް ޤާއިމު ކުރުމެވެ.މިހާރު ފަސް ސަރަޙައްދީ ހޮސްޕިޓަލެއްގައި ނަފްސާނީ ޑޮކްޓަރުން ތިބެއެވެ. ކުރިން ޕްލޭން ތަޞައްވަރުކޮށްފައިވާ ހަތަރު އެނދުގެ އަތޮޅު ފެންވަރުގެ ޔުނިޓް ޤާއިމުކޮށްފައިވަނީ ހަމައެކަނި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުންނެވެ.
ކޮވިޑް-19ގެ ދުވަސްވަރު ފުޅާކުރި އޮންލައިން ސެޝަންތަކުގެ ޚިދުމަތުގެ ގިނަބަޔަކު ބަލައިގަތް ނަމަވެސް، އަމިއްލަ ކްލިނިކްގެ ކްލައިންޓުންގެ ތެރޭގައި އޮންލައިން ސެޝަންތަކުން ފަރުވާ ހޯދަނީ އެންމެ ފަސް ޕަސެންޓެވެ. 

ހާމަކުރުން

ނަފްސާނީ ޞިއްޙަތުގެ ދާއިރާގެ ކަންކަމަށް އަލިއަޅުވައި މި ހަފްތާގައި ސަރުކާރުން ފުޅާ ދާއިރާއެއްގައިވާހަކަ ދައްކާފައި ވާއިރު،  ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ވަނީ ފުލުހުންގެ ވިކްޓިމް ސަޕޯޓް ޔުނިޓަށް 18 އަހަރުގެ ކުއްޖަކު ފޮނުވި މެސެޖުތައް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޢާންމު ކޮށްފައެވެ.
އެ ހާމަކުރުމާ ބެހޭ ގޮތުން ސުވާލު ކުރުމުން ރައީސް މުޢިއްޒާ ހޯމަ ދުވަހު ސުވާލުކުރުމުން އެކަން ދިފާޢު ކުރެއްވިއެވެ. ނަމަވެސް ހަމަ އެނޭވާގައި އެކަން ކުށްވެރި ކުރައްވާފައި ވެއެވެ.
ބައިނަލްއަޤްވާމީ މިންގަނޑުން ބަލާއިރު އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުއެވެ. އެފަދައިން ޒާތީ މުޢާމަލާތެއް ހާމަކުރުމަކީ މި ޕްރޮފެޝަންގައި މަސައްކަތްކުރާ މީހުން ޤަބޫލުކުރާ ކަމެއް ނޫންކަމަށާއި "އަޅުގަނޑު ވެސް" އެކަން އެގޮތަށް ކުރަން ޤަބޫލުފުޅު ނޫންކަމަށާއި، ހިތާމަކުރައްވާ ކަމަށް ވިދާޅުވިއެއެވެ. 
ކޮންމެއަކަސް އެ ހާމަކުރުމުގެ ފަހަތުގައިވަނީ ސޯޝަލް މީޑިއާގައި އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ފެތުރުމުން އުފެދުނު މަޖުބޫރީއެއް ކަމަށާއި، އެފަދަ މައްސަލަތަކަށް އެޓެންޑުކުރާ ފުލުހުންނަށް ޕްރެޝަރު ކުރަމުންދާ ކަމަށާއި އެމީހުންގެ ޢާއިލާތަކަށް ނުރައްކަލަކާ ކުރިމަތިލާން ޖެހޭ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ކުރިއަށް އޮތްތަނުގައި "ކިތަންމެ ޕްރެޝަރެއް ކުރިޔަސް" އެއްވެސް ތަފްސީލެއް ނުދިނުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ. 
އޭޝިއާ ފައުންޑޭޝަންގެ ދިރާސާއިން ސިއްރު ހިފެހެއްޓޭނެ ކަމާމެދު އުފެދޭ ޝައްކުތަކަކީ ދިވެހި ޒުވާނުން ރަސްމީ ފަރާތްތަކުން ޚިދުމަތް ހޯދަން ފަސްޖެހޭ މައިގަނޑު ސަބަބެއްގެ ގޮތުގައި ދެނެގަނެފައި ވެއެވެ. އޭގެ ބަދަލުގައި އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ޗެޓްބޮޓްތަކާއި އޮންލައިން ޕްލެޓްފޯމްތަކަށް އެނބުރޭ ކަމަށް ބުނެފައި ވެއެވެ.
މަދަނީ ޖަމްޢިއްޔާތަކުން – އޭގެ ތެރޭގައި އޭޝިއާ ފައުންޑޭޝަންގެ ރިޕޯޓުގެ ކޯ-އޮތޯރ މޯލްޑިވިއަން ނާރސަސް އެސޯސިއޭޝަން ވެސް ހިމެނޭހެން – އެމްއެންޔޫ ދަރިވަރުގެ މަޢުލޫމާތު ހޯމް މިނިސްޓަރ ހާމަކުރެއްވި ކަމާމެދު ކަންބޮޑުވުން ފައުޅުކޮށް، ފާޑުކިޔާފައި ވެއެވެ. އެއީ ޕްރައިވެސީގެ ޙައްޤަށް އުނިކަން ލިބޭ ޢަމަލެއްގެ ގޮތުގައި ސިފަކޮށްފައި ވެއެވެ. އަދި އެކަމުން އިތުބާރަށް ލޮޅުން އަރާނެކަމަށް އިންޒާރުވެސް ކޮށްފައި ވޭމެއެވެ. 
މިއީ އެކަހެރި ނުވަތަ އިސްތިސްނާ ޙާލަތެއް ނުވަތަ ހާދިސާއެއް ނޫންކަމަށާއި، އަމިއްލައަށް މަރުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ޕްރައިވެސީ އާއި ކަރާމާތް ދަމަހައްޓަން ދައުލަތުން ތަކުރާރުކޮށް ނުކުޅެދިފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އެހީތެރިކަން ހޯދަން ޖެހޭ މީހުންގެ ހިތްވަރު އެލި، ނަފްސާނީ ސިއްހަތާއި ސައިކޯސޯޝަލް ސަޕޯޓް ޚިދުމަތްތަކަށް ޢާންމުންގެ އިތުބާރު ގެއްލި، ސަޕޯޓަށް އެދެން ވިސްނާ މީހުން ފަހަތަށްޖެހޭ ކަމަށް އެފަރާތްތަކުން ބުނެއެވެ. 
އިހުސާންގެ ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން ވިދިގެން އައި ދުވަސްތަކުގައި ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްދޭ އަމިއްލަ ފަރާތްތަކަށް އޮންނަ ޑިމާންޑު ބޮޑުވިއެވެ. "ފަހަކަށް އައިސް އަޅުގަނޑުމެންނަށް އިތުރު ކޯލްތަކެއް، އަދި އިންސްޓަގްރާމް ނުވަތަ ފޭސްބުކް ނުވަތަ އީމެއިލް މެދުވެރިކޮށް މެސެޖުތައް ލިބެމުން އަންނަނީ،" ކައުންސެލަރު ކިޔައިދިނެވެ.
އަބްޔަން ބުނީ އެމްއެންޔޫ ދަރިވަރުގެ ޒާތީ މަޢުލޫމާތާއި މުޢާމަލާތްތައް ހާމަކުރުމުގެ ސަބަބުން ފުލުހުންނާއި ދައުލަތުގެ ރަސްމީ އިދާރާތަކަށް ކުރާ އިތުބާރު އިހުނަށްވުރެ ކުޑަވެފައިވާ ކަމަށާއި، "މިހާރުވެސް މީހުން ޤަބޫލެއް ނުކުރޭ ކަމެއް ދިމާވުމުން ފުލުހުންނަށް އެހީތެރިވެދެވޭނެ ކަމަކަށް،" ކަމަށެވެ. 
އޭނާ އިތުރަށް ބުނީ "އަޅުގަނޑުމެން ބޭނުންވަނީ ފުލުހުންގެ ފަރާތުން ޖަވާބުދާރީވުން، އަޅުގަނޑުމެންނަށް ބޭނުންވަނީ ހޭލުންތެރިކަން، އަދި އިންސާފު. ޔުމްންގެ މައްސަލައިގައި ވެސް އިންސާފު ނުލިބުނު، ހަމަ ފިޒްލްވީ (ހުލިވެގެން އޮބިގެން ދިޔައީ). މިކަންވެސް އެހެންދާކަށް ނޭދެން. ފުލުހުން ޖަވާބުދާރީވާތަން ބަލަން ބޭނުން." އަބްޔަން ކިޔައިދިނެވެ. 
ޖަރނީ، ޕްރޮޖެކްޓް ތިމާވެށި، އުތެމަ، ދަ އީކޯ އޯރގް، ބްލޫ ގިލްޑް ފައުންޑޭޝަން، ނިއުރޯޑައިވަރސިޓީ އެސޯސިއޭޝަން، މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯސިއޭޝަން، ހޯޕް ފޯ ވިމެން، މޯލްޑިވިއަން ނާރސަސް އެސޯސިއޭޝަން އަދި ވިންގްސް އިން އެންޑޯސްކޮށްފައިވާ ކޯލިޝަންގެ ބަޔާނުގައި ހަ ޑިމާންޑެއް ފާހަގަކޮށްފައިވެއެވެ.
އޭގައި ވަނީ ސަރުކާރުން ޢާންމުކޮށް ޢާއިލާގެ ފުށުން މަޢާފަށް އެދުމާއި؛ ހޯމް މިނިސްޓަރު އެމަޢުލޫމާތުތައް ހާމަކުރިކަމުގެ މައްޗަށް ރަސްމީ ތަޙްޤީޤެއް ހިންގުމާއި؛ މަރުތަކާ ގުޅިގެން އުފެދިފައިވާ ބުލީ ކުރުމުގެ ތުހުމަތުތައް ތަޙްޤީޤުކުރުމާއި؛ ނަފްސާނީ ޞިއްޙަތާއި ނަފްސާނީ އަދި އިޖްތިމާޢީ ނުކުޅެދުންތެރިކަމުގެ ސިޔާސަތާ ގުޅޭގޮތުން މަދަނީ ޖަމްޢިއްޔާތަކާ މަޝްވަރާ ކުރުމާއި؛ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކާބެހޭ މުޢާހަދާއާ އެއްގޮތްވާ ގޮތުގެ މަތިން އަމިއްލައަށް މަރުވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި ޑޭޓާ ޕްރައިވެސީއާ ބެހޭ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމާއި؛ އަދި ސައިކޯސޯޝަލް ސާވިސް ޕްރޮވައިޑަރުންނަށް އޮވަރސައިޓް މެކޭނިޒަމެއް (ފާރަވެރިވެ، ރެގިއުލޭޓުކުރާނެ ނިޒާމެއް) ޤާއިމުކުރުމެވެ.

އޮންލައިން

ރެޑިޓްގެ ދިވެހިރާއްޖޭގެ ފޯރަމްގައި ބުލީ ކުރުމާއި، އަމިއްލައަށް މަރުވުމުގެ ޚިޔާލުތަކާއި، ޢާއިލާގެ މެމްބަރުން މަރުވުމާއި، އެމްއެންޔޫ ދަރިވަރުގެ މައްސަލައިގައި ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން ޢަމަލުކުރި ގޮތާ ގުޅޭ އެތައް ކޮމެންޓެއް ލިޔެފައި ވެއެވެ. ރެޑިޓަރުން ވަނީ އެކަކު އަނެކަކަށް މަދަދާއި އެހީތެރިކަން ދޭނެކަމުގެ މެސެޖުތައް ލިޔެފައެވެ. ނަފްސާނީ ބަލިމަޑުކަން ތަޙައްމަލުކުރާ މީހުންނަށް އެކަންކަން ފެންނަ ގޮތް ޙިއްސާކޮށްފައެވެ.
އެދަރިވަރު އަމިއްލައަށް މަރުވި ފަހުން "އަހަރެން އަމިއްލައަށް މަރުވާން އުޅުނު ގޮތާއި ފުލުހުން އަހަރެންގެ ފުރާނަ ސަލާމަތް ކުރި ގޮތުގެ ފްލޭޝްބެކްތަކެއް އަންނަން ފަށައިފި،" ކަމަށާއި، "އަހަރެން އަމިއްލައަށް މަރުވިނަމަ، އަހަރެން އެންމެ ފަހުން ކުރި މުޢާމަލާތްތަކުގައި ދެއްކި ވާހަކަތައް ޢާންމުކުރާނޭ ހިތަށް އެރި،" އެކަކު ލިޔެފައި ވެއެވެ. 
އެމީހުން އިތުރަށް ބުނީ "އަހަރެން ދިރިހުރީ ވަށައިގެން ތިބި މަދު ބައެއްގެ ސަބަބުން" ކަމަށްވެސް ބައެއް މީހުން ލިޔުނެވެ. 
އޭޝިއާ ފައުންޑޭޝަންގެ ރިޕޯޓުގައި ވަނީ އޮންލައިން ޕްލެޓްފޯމްތަކަށް އެހީ ހޯދާން ދިއުމަކީ ރަސްމީ ޚިދުމަތްތަކުގ އިތުބާރު ދަށްވުމުގެ ނިޝާނެއްގެ ގޮތުގައި ފާހަގަ ކޮށްފައެވެ.

ބުލީ ކުރުން މަނާކުރުމާބެހޭ ބިލު

ހޯމަ ދުވަހު ވެސް ރައީސް މުޢިއްޒު ވަނީ ބުލީކުރުން މަނާކުރުމާބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެކަން އިޢުލާން ކުރައްވާފައެވެ. 
އޭޝިއާ ފައުންޑޭޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ދިވެހި ޒުވާނުންގެ މެދުގައި ނަފްސާނީ ޞިއްޙަތުގެ ފަރުވާ ހޯދަން ފަސްޖެހޭ ސަބަބުތަކަކީ ލޭބަލްކުރުމާއި، އެކަހެރިކުރުމުގެ ބިރާއި، ޢާއިލާގެ ޙާލަތާއި ދެކޭގޮތާއި، ފަރުވާއަށް ކަންފަހިވެފައި ނެތުމާއި، ރަސްމީ ޚިދުމަތް ފޯރުކޮށްދޭ ޑަކްޓަރުންނާއި މުއައްސަސާތަކާމެދު އިތުބާރު ނެތުމެވެ. 
އަމިއްލަ ނަފްސާނީ ސިއްހަތުގެ ކްލިނިކްތަކަށް އަމިއްލަ ހައްޓަށް ގެއްލުންދީގެން އަންނަ ކުދިންނާއި ފުރާވަރުގެ ކުދިންގެ ތެރޭގައި 12 އަހަރުގެ ކުދިންވެސް ހިމެނޭ ކަމާއި، "ބުލީ ކުރުމާއި ޢާއިލީ މައްސަލަތަކާއި ބެލެނިވެރިންނާ އޮންނަ ގުޅުމާ" ގުޅުންހުރި މައްސަލަތައް ފާހަގަވާކަމަށް އަމިއްލަ ކްލިނިކުގައި މަސައްކަތްކުރާ ފަރާތުން ކިޔައިދިނެވެ. އޭނާގެ ކްލިނިކްގެ ކޭސްލޯޑްގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަކީ ކުޑަ ނުވަތަ ފުރާވބަރުގެ ކުދިންނެވެ. 
ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި މިންކުރެވޭނެ އަމާޒުތައް ކަނޑައަޅާފައި ވަނީ ޕްރައިމަރީ ހެލްތްކެއަރ ފެސިލިޓީތަކުގެ 70 އިންސައްތައާ ހަމައަށް ނަފްސާނީ ޞިއްޙީ ޚިދުމަތްތައް ލިބޭނެ މަގު ފަހިކުރުމާއި، ޕްރައިމަރީ ހެލްތްކެއަރ ޕްރޮވައިޑަރުންގެ 90 އިންސައްތަ ނަފްސާނީ ޞިއްޙަތުގެ ރޮނގުން ތަމްރީނުކުރުމާއި، ހަ ސަރަޙައްދެއްގައި ކޮމިއުނިޓީ ބޭސްޑް ޕްރޮގްރާމްތައް ޤާއިމްކުރުމާއި، މި ހުރިހާ ކަމެއް 2029 ވަނަ އަހަރުގެ ނިޔަލަށް ފުރިހަމަ ކުރުމެވެ. 
އެކަމަކު އިންސާނީ ވަޞީލަތް ބިނާކުރެވޭނެތޯއާއި، ނިޒާމަށް އިތުބާރު ހޯދައި، އެހީއަށް އެދޭ މީހުންގެ ޕްރައިވެސީ ރައްކާތެރިކުރާނެތޯ ކުރެވޭ ސުވާލުތަކަށް އަދި ހުރީ ޖަވާބު ނުލިބިއެވެ. 
ތިމާއަށް ނުވަތަ ތިމާއަށް އެނގޭ މީހަކަށް ނަފްސާނީ ޞިއްޙަތުގެ އުނދަގޫތަކެއް ކުރިމަތިވެއްޖެނަމަ ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިން 1677 އަށް ގުޅައި، ލަސްނުކޮށް، އެހީ ހޯއްދަވާށެވެ. އިތުރު ސަޕޯޓް ޚިދުމަތްތަކުގެ ލިސްޓެއް mhsgmv.org/get-help އިން ލިބެން ހުންނާނެއެވެ.

މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ

ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ

އެއްފަހަރު ދެއްވާ

ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން

ގުޅުންހުރި ޓެގްސް