"ދުވަހީ ލިމިޓު ހަމަވެއްޖެ" އެކަމަކު ޑޮލަރެއް ކުށްވެރިނުވެ ގަންނާނެ ގޮތެއް ނެތް
ރިޒޯޓު މުވައްޒަފުންވެސް ހަޅުތާލަށް ނުކުންނާނެކަމުގެ އިންޒާރު.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
02 ސެޕްޓެމްބަރު
މިފަހުން އޮންލައިންކޮށް ކާޑުން ޕޭމަންޓެއް ހަދާން އުޅެފި މީހަކު ނަމަ، ޑިކްލައިން ވުމާ މެނުވީ ކުރިމަތިލުން ނާދިރެވެ. ފެންނާނީ އިނގިރޭސިބަހުން އަރާ މެސެކެވެ: ”މި ވެބްސައިޓަށް ދިވެހި ރުފިޔާ ކާޑުތަކުން ފައިސާ ދެއްކުމަށް އެކަށައަޅާފައިވާ މިންވަރު މިއަދަށް ވަނީ ހަމަވެފައެވެ.“
ނިމިދިޔަ ހަފްތާގައި، ސޯޝަލް މީޑިޔާގައި އެތައް ބަޔަކު އެއަރބީއެންބީ، ގޫގްލް، އެޑޯބޭ އަދި ނެޓްފްލިކްސްފަދަ އިޝްތިރާކުތަކަށް ފައިސާ ނުދެއްކިގެން ޝަކުވާ އުފުލާފައި ވެއެވެ. ކުޑަމިމުން އަލިޕޭ އިން އީސިމް އެއް ނުވަތަ ސީއެންސީ މެޝިނަށް ބޭނުންވާ ސޮފްޓްވެޔަރއަށްވެސް ފައިސާ ދެއްކޭގޮތެއް ނުވާކަމުގެ ޝަކުވާ ގުގުމާފައި ވެއެވެ. ޑެވަލޮޕަރަކު ސަރވަރަކަށް ދައްކާން ޖެހުނު 700 ޑޮލަރުގެ ޕޭމަންޓެއް ނުދެއްކިގެން އެއް ރޭގެ ނިދި ނަގާލަން ޖެހުނު ވާހަކަވެސް ޙިއްސާ ކޮށްފައި ވެއެވެ.
ހޯމަ ދުވަހުގެ ހެދނުނު ރައީސް ޑރ މުޙައްމަދު މުޢިއްޒު އެވަނީ ބޭރުފައިސާގެ ޤާނޫނަށް ސަރުކާރުން ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުން ގެނައި ބަދަލުތައް ތަސްދީޤުކުރައްވާފައެވެ. އެ ބަދަލުތަކުގެ ދަށުން ރިޒޯޓުތަކަށް ލިބޭ ބޭރުފައިސާގެ އާމްދަނީގެ 40 އިންސައްތަ ދޭސީ ބޭންކުތަކަށް މާރުކުރަން ޖެހޭނެއެވެ.
އަދި 15.42 ގެ ރަސްމީ ޑޮލަރު ރޭޓަށްވުރެ ބޮޑު ރޭޓެއް އިޝްތިހާރު ކުރުމާއި، ޕްރޮމޯޓުކުރުން މަނާ ކުރެއެވެ.
މިއީ ޑޮލަރުގެ އަގު 22.80 ރުފިޔާއަށް އަރައިގެން ގޮސްފައިވާ މިދަނޑިވަޅުގައި، ކަޅުބާޒާރު ހަންމަތަކުރާން ކަމަށް ބުނެ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރެއިން ކަމެކެވެ. އަންގާރަ ދުވަހުގެ ހެދނުނު ފުލުހުން ވަނީ ނައިޑް އިންވެސްޓްމަންޓް ގެ އޮފީހަށް ކޯޓު ޢަމުރެއްގެ ދަށުން، ބޭރު ފައިސާ ރަސްމީ ރޭޓަށްވުރެ މަތިން ވިއްކާކަމުގެ ތުހުމަތުގައި ވަދެފައެވެ. ރ. ފުރަވެރި ހިންގާ އެކުންފުނީގެ ޑައިރެކްޓަރުންގެ ފޯނުވެސް އަތުލާފައި ވެއެވެ. އެ ކުންފުނީގެ ބޭންކް އެކައުންޓުތައް ހުރީ ފްރީޒުކޮށްފައެވެ.
ފައިސާ މާރުކުރާ ބައެއް ތަންތަން، އޮގަސްޓް ފަހުކޮޅު ލައިސަންސް ނެތި ހިންގާތީ ސަރުކާރުން ބަންދުކުރި އިރު، ހޯމަ ދުވަހުގެ ވަގުތެއްގައި އިމިގްރޭޝަނާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޤަވާއިދާ ޚިލާފަށް ބޭރުފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި 6 ބިދޭސީއަކު ހައްޔަރު ކޮށްފައި ވެއެވެ. ފުލުހުން ބުނީ އެމީހުންގެ ބޭންކް އެކައުންޓުތަކުގައި 54.4 މިލިޔަން ރުފިޔާ 3 އަހަރު ދުވަހުގެ ތެރޭގައި ދައުރުކޮށްފައިވާ ކަމަށާއި، 1.6 މިލިޔަން ޑޮލަރުގެ މުޢާމަލާތް އެއެކައުންޓުތަކުން ހިންގާފައިވާ ކަމަށެވެ.
ކާޑު މަސައްކަތް ނުކުރާނީ ކީއްވެ؟
ބޭންކް އޮފް މޯލްޑިވްސް އިން ރުފިޔާ އެކައުންޓްތަކާ ގުޅިފައިވާ ކާޑުތަކުން ޚަރަދުކުރެވޭނީ ކޮންމެ ވެބްސައިޓަކަށް ނުވަތަ އެޕްލިކޭޝަނަކަށް ބޭންކުން ކަނޑައަޅާފައިވާ ދުވަހީ މިންވަރު ހަމަވާން ދެނެވެ. މިއީ މަހުން މަހަށް ކަނޑައަޅާފައިވާ ލިމިޓުތަކުގެ އިތުރުން ކަނޑައަޅާ ދުވަހީ ލިމިޓެކެވެ. ވެބްސައިޓަކަށް ނުވަތަ އެޕްލިކޭޝަނަކަށް ކަނޑައަޅާފައިވާ ދުވަހީ ލިމިޓަކީ ކޮބައިކަމެއް، އެލިމިޓު އައުވަނީ ކޮން ހަމަޔަކުން، ކޮން ވަގުތަކު ކަމެއް ބޭންކަކުން ހާމައެއް ނުކުރެއެވެ. މިކަން ތަންފީޒުކުރާން ފެށީ މިއަހަރުގެ މޭ މަހު 30 އީކޮމަރސް ސައިޓަކުން ކުރާ މުޢާމަލާތްތަކުން 30 އިންސައްތައިގެ ޓްރާންސެކްޝަން ފީއެއް ނަގާން ނިންމި ނިންމުމާ އެކުގައެވެ.
މިމައްސަލަ ޙައްލުވީކީ ނުވަތަ ވަނީކީ ނޫންތަ؟
ބީއެމްއެލް އިން ޖޫން މަހުގެ 30 ވަނަ ދުވަހު ޑޮލަރު އިންވެސްޓްމަންޓް ސްކީމް ތަޢާރަފު ކުރިއިރު ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ ބޭރުގެ މުޢާމަލާތްތަކަށް ކާޑުން ކަނޑައަޅާފައިވާ ލިމިޓުތަކަށް ލުއިދެއްވާނެ ކަމަށެވެ. މި އިންވެސްޓްމަންޓް ސްކީމްގެ ދަށުން ސްކީމަށް ލާ ކޮންމެ ޑޮލަރަކަށް 15.42 ގެ މަގުން ވަގުތުން އެކައުންޓަށް ފައިސާ ޖަމާވާނެއެވެ. ޖެހިގެން އަންނަ ދުވަހު އިތުރު 25 އިންސައްތަ ފައިދާގެ ގޮތުގައި ޖަމާ ވާނެއެވެ. އެހެންވީމާ ސްކީމްގެ ބައިވެރިޔަކަށް ޑޮލަރެއް ބޭންކަށް 19.275 ރުފިޔާގެ ރޭޓުގައި ވިއްކެއެވެ. ނަމަވެސް ކަޅުބާޒާރުގައި ނުވަތަ ނުރަސްމީ ކޮންމެ މަޙައްލެއްގައި ޑޮލަރެެއް މާ އަގުބޮޑުކޮށް ވިއްކެއެވެ.
ދެމަސް ފަހުން ބެލިއިރު ލިމިޓްތައް ވެގެން އައިސްފައިހުރީ ހަރުކައްޓެވެ. ރިސޯޓުތަކުން ބޭރުފައިސާގެ އާމްދަނީގެ 20 އިންސައްތަ ދޭސީ ބޭންކުތަކަށް މާރުކުރާން 2024 ވަނަ އަހަރުގެ ފަހުކޮޅު ރައީސް މުޢިއްޒު މުޢިއްޒު ވާހަކަދެއްކެވިއިރު، ދެއްވާނެކަމަށް ވިދާޅުވި ލުއިތަކުގެ ވާހަކަ ދައްކަވާ ވީޑިޔޯދަނީ ސޯޝަލް މީޑިޔާގައި ބާރަށް އެނބުރެމުންނެވެ.
ހޯމަ ދުވަހު ބޭއްވި ބިލުތައް ތަސްދީޤުކުރައްވާން ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިޔަކު އެ ލުއިތަކުގެ ވާހަކައިން ސުވާލު ދެންނެވުމުން، ރުންކުރުކަމާއެކު އެއްސެވީ ތިޔަބޭފުޅާ "ކޮން ޤައުމެއްގައި ތި އުޅެނީ؟" އޭއެވެ. ދެން ލިސްޓުކުރެއްވީ ބޭރު ދަތުރުތަކުގައި ކާޑު ބޭނުންކުރާ ފަރާތްތަކަށް ދީފައިވާ ލުއިތަކުގެ ލިސްޓެކެވެ. އޭގެތެރޭގައި ބޭރުގެ ޕީއޯއެސް މެޝިންތަކާއި މެޑިކަލް އަދި ދަތުރުފަތުރުގެ ޚަރަދުތަކާއި ރާއްޖެއިން ބޭރުގެ ދަރިވަރުންގެ ލިމިޓުތަކަށް ލުއިދެއްވި ވާހަކައެވެ.
މިކަންކަމާ ރިޒޯޓުތަކާ ހުރީ ކޮން ގުޅުމެއް؟
ކޭޝް އަދި ކްރެޑިޓް ކާޑުން ކުރާ މުޢާމަލާތްތައް ސެޓްލްކުރުމާއި، އިމްޕޯޓު މުދަލަށާއި ދައުލަތުގެ ދަރަނި ދައްކާންވެސް ހޭދަކުރާން އޮތީ އެއް ބޭރުފައިސާ ވަތްގަނޑަކުންންނެވެ. އެފައިސާ ލިބެނީ ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރުމުންނެވެ. އެސިނާޢަތުންނެވެ.
އަމިއްލަ ވިޔަފާރީގެ ބޭނުންތައް ފުއްދުމަށް ބީއެމްއެލް އިން 36 މަސް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 1.6 ބިލިއަން އެމެރިކާ ޑޮލަރު ވިއްކާފައިވާއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 60 އިންސައްތަ ވިއްކީ އޮންލައިން މުޢާމަލާތްތަކަށެވެ. ހަމައެކަނި ކާޑުތަކުން ކުރާ މުޢާމަލާތްތައް 2021 ވަނަ އަހަރުން ފެށިގެން 3.7 ގުނަ އިތުރުވެ، އެވްރެޖްކޮށް މަހަކު 39.3 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. މިހާރު ކޮންމެ މަހަކު ރުފިޔާ ކާޑުން 250،000 އާއި 300،000 އާ ދެމެދުގެ ޢަދަދަކަށް މީހުން ބޭރުގެ މުޢާމަލާތްތައް ކުރާ ކަމަށް ބޭންކުން ބުނެއެވެ.
ފަތުރުވެރިކަމުން 5.6 ބިލިއަން އެމެރިކާ ޑޮލަރު ލިބޭއިރު އަދިވެސް ދަތިވަނީ ކީއްވެ؟
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ފަތުރުވެރިން އަންނަ މިންވަރު ފަސް އިންސައްތަ ދަށްވި ނަމަވެސް، ބޭރު ފައިސާގެ އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު އެއް ޕަސެންޓް އިތުރުވެފައި ވެއެވެ.
ނަމަވެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފަތުރުވެރިކަމުގެ ސިނާޢަތަށް 5.6 ބިލިއަން އެމެރިކާ ޑޮލަރު ލިބުނުއިރު، އޭގެ ތެރެއިން ޑޮމެސްޓިކް ބޭންކިން ނިޒާމަށް ވަދެފައިވަނީ އެންމެ 3.2 ބިލިއަން އެމެރިކާ ޑޮލަރެވެ. ބާކީ ބަޔަށްވާ މުޢާމަލާތްތަކަށް ބިލްކޮށް، އެފައިސާ ބޭންކުކޮށް، ޚަރަދުކުރަނީ ދިވެހިރާއްޖެއިން ބޭރުގައެވެ.
ދެން 15.42 ގެ ރޭޓުގެ މާނައަކީ ކޮބާ؟
އެއީ 2011 ވަނަ އަހަރުގެ އޭޕްރީލް މަހު ތަޢާރަފު ކުރި ބޭންޑުގެ އެންމެ މަތީ އަގެވެ. އެ ބޭންޑު ކަނޑައެޅީ އޭރު ޑޮލަރަކަށް ޖެހޭ ދިވެހި ރުފިޔާގެ އަގު ކަމުގައި ކަނޑައަޅާފައި ވާ 12.85 ރުފިޔާއަށްވުރެ 20 އިންސައްތަ ކުޑަ ނުވަތަ ބޮޑުކޮށް ވިއްކުން ހުއްދަކުރާ ރޭޓެއްގެ ގޮތުގައެވެ. އޭރުއްސުރެ އެގޮތުގައި ފްލޯޓިންގް އެކްސްޗޭންޖް ރޭޓު ބޭންޑެއް އެކަށައަޅާފައި އޮތީއެވެ.
ސަރުކާރުން ޙައްލުކުރާން އަޞްލުގައި މަސައްކަތްތަކެއް ކޮށްފިތަ؟
2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ބޭރުފައިސާގެ ޤާނޫނުގައި ރިސޯޓްތަކުން ފަތުރުވެރިއެއްގެ ބޮލަކަށް 500 އެމެރިކާ ޑޮލަރު (ގެސްޓްހައުސްތަކަށް 25 އެމެރިކާ ޑޮލަރު) ދޭސީ ބޭންކުތަކަށް މާރުކުރަން ނުވަތަ ލިބޭ އާމްދަނީގެ 20 އިންސައްތަ ދޭސީ ބޭންކުތަކަށް މާރުކުރާން މަޖުބޫރު ކުރުވިއެވެ. ޖުލައި 2025 އިން ފެށިގެން ޗައިނާގެ ޓެމޫ ހިމެނޭހެން އީކޮމަރސް 30 ޕްލެޓްފޯމަކުން ކުރާ މުޢާމަލާތްތަކުން 30 އިންސައްތައިގެ ޓްރާންސެކްޝަން ފީއެއް ނަގާން ނިންމިއެވެ. ޖޫން 2025 އިން ފެށިގެން ބޭންކުތަކުން ބޭރު ފައިސާއިން ލިބޭ ފައިސާގެ 90 އިންސައްތަ މަރުކަޒީ ބޭންކަށް 15.42 ރުފިޔާގެ ރޭޓުން (އެ ބޭރުފައިސާގެ ތެރެއިން 30 އިންސައްތަ އަނބުރާ ބޭންކުތަކަށް އަނބުރާ ދޫކުރެއެވެ) ވިއްކުމަށް ލާޒިމުކުރާ އުސޫލެއް ޤާއިމުކުރިއެވެ. މިއަހަރުގެ މެއި މަހު ކާޑުތަކުން ކުރާ މުޢާމަލާތްތަކަށް ލިމިޓުތަކެއް އެކަށައެޅިއެވެ. ޖޫން މަހު ބީއެމްއެލްގެ ޑޮލަރު އިންވެސްޓްމަންޓް ސްކީމް ތަޢާރަފު ކުރިއެވެ. އަދި މިހާރު 20 އިންސައްތައިން 40 އިންސައްތައަށް ރިޒޯޓުތަކުން ދޭސީ ބޭންކުތަކަށް މާރުކުރާން މަޖުބޫރުވާ ބޭރުފައިސާގެ ނިސްބަތްވަނީ އުފުލާފައެވެ.
މިފިޔަވަޅުތަކުގެ ނަތީޖާ ފެނިއްޖެތަ؟
އެމްއެމްއޭއިން ބުނަނީ އެތެރޭގެ ބޭންކިންގް ނިޒާމަށް ފަތުރުވެރިކަމުން ވަންނަ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 2021 އާއި 2024 އާ ދެމެދު ވަދެފައިވަނީ އެންމެ 10 އިންސައްތަ ކަމަށެވެ. އެ ޢަދަދު 2025 ވަނަ އަހަރު މާރުކުރުން މަޖުބޫރު ކުރިވިފަހުން 21 އިންސައްތައާ ހަމައަށް އަރާފައިވާކަމަށް މަރުކަޒީ ބޭންކުން ބުނެއެވެ.
2026 ވަނަ އަހަރުގެ ފުރަތަމަ ހަތަރުމަސްދުވަހުގައި ބޭންކުތަކުން ވަނީ 318.8 މިލިއަން އެމެރިކާ ޑޮލަރަށްވާ ބޭރު ފައިސާ ވިއްކާފައެވެ.
އެކަމަކު ކަޅުބާޒާރުގެ ޑޮލަރު ރޭޓު އުފުލި، ރިޒާވް ދަށަށް ގޮސްފައިވެއެވެ: ޖޫން މަސް ނިމުނުއިރު ރިޒާވްގައި ހުރީ 686.8 މިލިއަން އެމެރިކާ ޑޮލަރެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ހުރީ 832.4 މިލިއަން އެމެރިކާ ޑޮލަރެވެ. 500 މިލިޔަން ޑޮލަރުގެ ސުކޫކް އޭޕްރީލްގައި ދެއްކީ ރިޒާވުން ފައިސާ ނަގައިގެންނެވެ.
ޖޫން މަހުގެ ނިޔަލަށް ރިޒާވުން ކުރި ޚަރަދުގެ ތެރޭގައި ބޭރުގެ ދަރަނި ދެއްކުމަށް 608.6 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 202 އިންސައްތައިގެ އިތުރުވުމެކެވެ.
ރިސޯޓުތަކުން އިޢުތިރާޟް ކުރަނީ ކީއްވެގެންތަ؟
146 ރިސޯޓެއް ތަމްޘީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީޒް (މަޓީ) އިން ބުނާ ގޮތުގައި މާރުކުރުމުގެ މިންވަރު 10 އިންސައްތައަށް ވުރެ އިތުރުވެގެން ނުވާނެއެވެ. އެގޮތީ ރިސޯޓްތަކުން މިހާރު ވެސް ތެލަށް ފައިސާ، މުސާރަ އަދި ސާވިސް ޗާޖާއި ސަޕްލައި އާއި ލޮޖިސްޓިކްސްގެ އިތުރުން، ގެސްޓް ޓްރާންސްފަރ، ޓީޖީއެސްޓީ އާއި ގްރީން ޓެކްސް، ވިތުހޯލްޑިން ޓެކްސް އާއި އިންކަމް ޓެކްސް، އަދި ބިމުގެ ކުލި ދައްކަނީ ބޭރު ފައިސާއިންނެވެ. އަދި ފަތުރުވެރިއެއްގެ ބޮލަކަށް މާރުކުރާން މަޖުބޫރުކުރި 500 އެމެރިކާ ޑޮލަރު އުވާލުމާއެކު، 20 އިން 20 އިންސައްތައަށް އާމްދަނީގެ މާރުކުރަންޖެހޭ ބޭރުފައިސާގެ ނިސްބަތް އިތުރުކުރުމަކީ ދެކޮޅު ޖެއްސޭވަރަށްވުރެ ބޮޑު އުފުލުމެއް ކަމަށެވެ.
އިދިކޮޅުން މަޓީއަށް ތާއީދުކުރިއެވެ. ބިދޭސީ އިންވެސްޓަރުން ދިވެހިރާއްޖެއަށް ޝައުޤުވެރިވީ "ކޮމްޕެޓިޓިވް ރިޓަރންސް“ ލިބޭތީ ކަމަށާއި، އެ ”އިންސެންޓިވް“ އަދި ”އިތުބާރަށް“ ބުރޫއެރުމަކީ ދިގުމުއްދަތުގައި ފަތުރުވެރިކަމުގެ މުޅި ސިނާޢަތަށް ބުރޫއަރާނެ ކަމެއްކަމަށް މައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަން ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއެވެ.
މަޓީގެ އިސްއޮފިޝަލުން ރައީސް އޮފީހަށް އޮގަސްޓް 23 ގައި ޙާޟިރުކޮށް އަންގާފައިވަނީ ކަޅުބާޒާރަށް ބޮޑު އަގުގައި ބޭރުފައިސާ ސަޕްލައިކޮށްދޭ ރިޒޯޓުތައް ފާހަގަވެފައިވާ ކަމަށެވެ. މަޓީއިން ބުނެފައިވަނީ އެފަދަ ކަމެއް ނުއެނގޭ ކަމަށާއި، މަދު ވަކިބަޔަކު ކުރާ ކަމެއްގެ ބަދުނާމާއި ޒިންމާ މުޅި ސިނާޢަތުގެ ބޮލުގައި އެޅުވުން ރަނގަޅު ނޫންކަމަށެވެ. އަދި އެކަމުން އެންމެން ބުރަ އުފުލާން ޖެއްސުންވެސް ހަމަނުޖެހޭ ކަމަށެވެ.
ރައީސް މުޢިއްޒު ހޯމަ ދުވަހު ދެއްވި ރައްދުގައި ވިދާޅުވީ 40 އިންސައްތަ މާރުކޮށްގެން އެއްވެސް ރިސޯޓަކަށް އުނދަގޫ ނުވާނެ ކަމަށެވެ. ނަމަވެސް، ދެން ހަދަން ފަށާނީ މަކަރުކަމަށް ބުނެ، ބައެއް ރިޒޯޓުތަކުން އިންޒާރުކޮށްފައިވާ ކަމަށާއި، އެކަމަށް ފުރުޞަތު ނުދެއްވާނެކަމަށް ވިދާޅުވެ، ރައީސް ހާމަކުރެއްވީ ރާއްޖެއަށް ފަތުރުވެރިޔަކު އައުމާއެކު، ނިދާތަނާއި، ދާތަނާއި، ފުރައިގެން ދާންދެން ޓްރެކް ކުރެވޭނެ ނިޒާމެއް މަސް ދުވަހުގެ ތެރޭގައި ޤާއިމުކުރެވޭނެ ކަމަށެވެ. މަކަރު ޙީލަތް ހަދާން ފުރުޞަތު ނޯންނާނެ ކަމަށެވެ.
ރިސޯޓުގެ މަސައްކަތްތެރިން ހަޅުތާލު ކުރުމުގެ ވާހަކަ ދައްކަނީ ކީއްވެގެންތަ؟
ދެން ކުޑަކުރާން ހިފާނީ އެމީހުންގެ މުސާރަކަމަށް ޤަބޫލުކުރެވޭތީ އެވެ. ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނަނީ ޑޮލަރުން ދިން މުސާރަ ނުވަތަ ސާވިސް ޗާޖު ރުފިޔާއިން ދިނުމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރާން ފަށާފައެވެ.
”…މުވައްޒަފުންނަށް ލިބޭ އާމްދަނީގެ އަދަދު އިންތިހާއަށް ދަށްވެ، އޭގެ ނަތީޖާއެއްގެ ގޮތުން އެތައް އާއިލާއެއް ބިކަވ،ެ މާލީ ގޮތުން ނުއުފުލޭވަރުގެ ބޮޑު ތަކުލީފަކާ ކުރިމަތިލާންޖެހޭނެ ނިންމުމެއް،“ ކަމަށް އެ ޕެޓިޝަންގައި ބުނެފައިވެއެވެ.
”މުވައްޒަފުންނަށް ޑޮލަރުން ދެމުން އަންނަ މުސާރައާއި ސާވިސްޗާޖް ރުފިޔާއަށްދިވެހި ބަދަލުކޮށްފިނަމ،ަ މުވައްޒަފުންނަށް ގެއްލޭ ޙައްޤުތައް ހިމާޔަތްކުރުމުގެ ގޮތުން މި ޕެޓިޝަންގައި ސޮއިކުރާ އެންމެހައި މަސައްކަތްތެރީނ،ް މަސައްކަތް ހުއްޓާލައި ސުލްހަވެރި ތަކަށް އިހުތިޖާޖު ނުކުންނާނެ“ ކަމަށް އެޕެޓިޝަންގައި އިތުރަށް ބުނެފައި ވެއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ރިސޯޓުތަކުން ޑޮލަރުން މުރާސަ ދިނުން ހުއްޓާލައިގެން ނުވާނެ ކަމަށެވެ. ލޯނު ދެއްކުމާއި އެހެނިހެން އޮޕަރޭޝަނަލް ޚަރަދުތަކަށް ފައިސާ ދައްކާފައި، ޑޮލަރުން މުސާރަޔާއި ސަރވިސް އެލަވަންސް ދީފައިވެސް، 40 އިންސައްތަ ބޭރުފައިސާގެ އާމްދަނީ މާރުކުރެވޭނެކަމުގެ ”100 ޕަސަންޓް ޔަޤީންކަން،“ ލިބިވަޑައިގެން ހުންނެވިކަމަށާއި، އެކަމަށް ނުކުޅަދާނަ ހަމަ އެއް ރިޒޯޓެއް ރާއްޖޭގައި ނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވީ ދިވެހި ފައިސާއަށް އޮތް ޑިމާންޑް އިތުރުކުރުމަށް 2030 ވަނަ އަހަރުގެ ނިޔަލަށް އުޖޫރަ ދިނުން ދިވެހި ރުފިޔާއަށް ބަދަލުވާން ޖެހޭ ކަމަށެވެ.
ޖުލައި 2025 ގައި ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ) އިން ޕައިލެޓުންނާއި ސީޕްލޭން ފަޅުވެރިންގެ މުސާރައިގެ ތިންބައިކުޅަ އެއްބައި ލިބޭނީ ރުފިޔާގެ ގޮތުގައި ކަމަށް ނިންމާފައި ވެއެވެ؛ ހަޅުތާލު ކުރާނެ ކަމުގެ އިންޒާރު ދިނުމުން 24 ގަޑިއިރުގެ ތެރޭގައި އެއަރލައިން އިން ފަހަތަށް ޖެހުނެވެ.
މާރުކުރާ ޑޮލަރު ޙަޤީޤަތުގައި ދަނީ ކޮންތާކަށްތަ؟
އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު މިދިޔަ ހަފުތާގައި ވިދާޅުވީ ޖުލައި މަހުގެ ނިޔަލަށް މާރުކުރި ބޭރު ފައިސާގެ 56 އިންސައްތަ ދިޔައީ ބޭރުގެ ދަރަނި ދައްކާން ކަމަށެވެ. އަދި ބޭންކުތަކުން ކަވަރު ކުރަނީ އިމްޕޯޓަރުންނަށް ބޭނުންވާ ޢަދަދުގެ ގާތްގަނޑަކަށް 20 އިންސައްތަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި އަހަރުގެ ފުރަތަމަ ހަތަރުމަސްދުވަހުގެ ތެރޭގައި ބޭރުގެ ދަރަނި ދައްކާން ސަރުކާރުން 608.6 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްފައި ވެއެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ދަރަނި ދެއްކީ ޕެންޝަން އޮފީސް މެދުވެރިކޮށް އަލަށް 2.4 ބިލިއަން ރުފިޔާ އިޤްތިޞާދަށް ޗާޕުކޮށް، ނެރިގެންނެވެ.
2026 ވަނަ އަހަރުގެ ފުރަތަމަ ހަތަރުމަސްދުވަހުގެ ތެރޭގައި އިމްޕޯޓް މުދަލަށް ކުރި ޚަރަދުގެ އަގު 2.2 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 29 އިންސައްތަ އިތުރު މިންވަރެޖެވެ. މި އިތުރުވުމުގެ ބޮޑު ބައެއް ޙިއްޞާކުރީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ތެލުގެ އިމްޕޯޓަށް ކުރާންޖެހޭ ޚަރަދު ބޮޑުތަނުން އުފުލުމެވެ. މި މުއްދަތުގައި މުދާ އެކްސްޕޯޓް ކުރި މިންވަރު 41.8 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާއިރު، މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު 47 އިންސައްތައިގެ ދަށްވުމެކެވެ. މިއަހަރު މަސްވެރިންވަނީ 16 އަހަރު ނުވާހާ ދަށްވެފައެވެ.
އެހެންވީމާ ޑޮލަރު ހޯދަންވެއްޖީވިއްޔާ ދާންވީ ކޮންތާކަށްތަ؟
ބޭންކް ރޭޓަަށް ބޭނުންވާ މިންވަރަށް ޑޮލަރު ހޯދުމަކީ ވާނެ ކަމެއް ނޫނެވެ. ކަޅުބާޒާރު މުޅިން މަނާވީއެވެ. ލައިސަންސް ލިބިފައިވާ ބޭރު ފައިސާ މާރުކުރާ ތަންތަނުން ރަސްމީ ރޭޓަށް ޑޮލަރު ގަނެވިއްކާން ދަނީ ދެކޮޅު ހަދަމުންނެވެ. އެހެންވީމާ ޑޮލަރު ހޯދާން ކުށްވެރިނުވެ ހަދާނެ ގޮތެއް ބުނެދޭން އެނގޭ މީހަކު ނެތެވެ.
އަދިވެސް ނޫސްތަކަށް ރޭޓާގުޅޭގޮތުން ރިޕޯޓު ކުރެވޭނެތަ؟
ތިޔަ ކަމެއް ސާފެއް ނޫނެވެ. ބޭރުފައިސާގެ ޤާނޫނަށް ގެނައި ބަދަލުގައި ބުިނަނީ ވިޔަފާރިއެއް ނުވަތަ ޤާނޫނީ ފަރާތެއް ރަސްމީ ރޭޓަށްވުރެ ބޮޑު ރޭޓެއްގައި ޑޮލަރު ވިއްކުން އިޝްތިހާރު ކުރާނަމަ ނުވަތަ ޕްރޮމޯޓު ކުރާނަމަ ނުވަތަ ކަމާބެހޭ މަޢުލޫމާތެއް ފަތުރައި، ތަކުރާރުކޮށް، ޝާޢިއުކުރާނަމަ 5 މިލިއަން ރުފިޔާ (324،250 އެމެރިކާ ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން އެ ރޭޓް ރިޕޯޓުކުރުން މަނާކުރުމުގެ ގޮތުގައި ކިޔައި، މަޖިލީހަށް އެ ބިލް ބަލައިނުގަތުމަށް އިލްތިމާސްކުރި އެވެ.
މަރުކަޒީ ބޭންކުން ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟
24 އޮގަސްޓްގައި ގަވަރުނަރު މުނައްވަރު ވިދާޅުވީ 15.42 ގެ ޑޮލަރު ރޭޓު ދިފާޢުކުރެވޭ މިންވަރަށް ރިޒާވްގައި ނެތްކަން ޤަބޫލުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އެމްއެމްއޭގެ އަމާޒަކީ ޑީ-ޑޮލަރައިޒޭޝަނާ ދިމާލަށް މިސްރާބު ޖެހުމާއި، ދެތިން އަހަރު ތެރޭގައި މެނޭޖްޑް ފްލޯޓިންގް އެކްސްޗޭންޖް ރޭޓެއް ތަޢާރަފު ކުރުން ކަމަށެވެ.
އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ޢާލީ ހާޝިމް އާއި ކުރީގެ ފިނޭންސް މިނިސްޓަރު އަޙްމަދު އިނާޒު ވެސް ގޮވާލެއްވީ އެމަގުން ހިނގުމަށެވެ. އެއީ ޑޮލަރުން ކުރާ މުޢާމަލާތް މަދުކޮށް، ޑޮލަރަށް ޖެހޭ ބޭނުން ކުޑަ ކުރުމެވެ. ތަފާތީ އެމަގަށް ވާޞިލުވާން ގޮތްބާވަތެވެ. އިނާޒް ދެކެވަޑައިންނަވާ ގޮތުގައި ދިވެހިރާއްޖޭގައި ޑޮލަރު ބަހައްޓާން ބާރު އަޅާންވީއެވެ. މަޖުބޫރު ކުރުވާންވީކީ ނޫނެވެ.
ރައީސް ޢަބްދުالله ޔާމިންގެ ވެރިކަމުގައި މަރުކަޒީ ބޭންކްގެ ގަވަރުނަރުގެ މަޤާމު ފުރުއްވި ޢަޒީމާ އާދަމްގެ ޑޮކްޓޯރަލް ތީސިސްގައި ލިޔުއްވާފައިވަނީ ފަތުރުވެރިކަމުގެ ޞިނާޢަތް އިޤްތިޞާދު ކޮންޓްރޯލް ކުރާހާ ހިނދަކު، ޑޮލަރުގެ ދައުރު ބޮޑުވާނެ ކަމަށާއި، އެހެންކަމުން ރާއްޖެއަށް އެންމެ އެކަށީގެންވަނީ ފިކްސްޑް (ކަނޑައެޅިފައިވާ ވަކި މިވެނި) ރޭޓެއް ޑޮލަރަށް އޮތުން ކަމަށެވެ. އެހެންނަމަވެސް ބޭރު ފައިސާ ކޮންޓްރޯލް ކުރަން އަޅާ ކޮންމެ ފިޔަވަޅަކުން ބޭރު ފައިސާއަށް އޮތް ޑިމާންޑު ބޮޑުވަމުން އަންނާނެ ކަމަށް އޭނާ ލަފާ ކުރައްވައެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ
ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ
އެއްފަހަރު ދެއްވާ
$
ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން
