ހަނގުރާމައިގެ ހިޔަނީގައި ދިވެހިން ޢީދު ފާހަގަކޮށްފި

ޑިއޯގޯ ގާސިއާއަށް ދެ މިސައިލް ފޮނުވާލިއިރު، ތެޔޮ ފީފާއެއްގެ އަގު ގޮސް 110 ޑޮލަރުގައި ޖެހިއްޖެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

އެމެރިކާއާއި އިޒްރޭލުން އިރާނަށް ދެމުންގެންދާ ޙަމަލާތަކާއި، ހަނގުރާމަ 4 ވަނަ ހަފުތާއަށް ދިގުދެމިގެން ދިޔަ ގޮސް، ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ ކުލަވަރު ނުފެނުނު ނަމަވެސް، ދިވެހިރާއްޖެ އިން މި ނިމިދިޔަ ހަފްތާ ބަންދުގައި ފިޠުރު ޢީދު ފާހަގަކުރީ އާދަޔާ ޚިލާފު  އުފާ ފައުޅުކުރުމާ އެކުގައެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި، ކުދިބޮޑު އަންހެން ފިރިހެން އެންމެހާ މީސްތަކުން ނުކުމެ ޢީދު ނަމާދު ކުރިއެވެ. ރަށު ތެރެ ބޮކިލައި، ޒީނަތްތެރި ކޮށްފައި ވެއެވެ. ޢަޞުރުން ފައިބައިގެން އިރުއޮއްސޭން ދެން ކުޑަކުދިންގެ ހަވީރުތައް ބޭއްވިއެވެ.
މާލެ އާއި އެހެނިހެން ސިޓީތަކުގައި ބޮކިފަތި ދެމިއެވެ. ޖަމާޢީ އެއްވުންތައް ރޭވިފައިވާ ގޮތަށް ކުރިއަށް ގެންދިޔައެވެ. ރައީސް ޑރ މުޙައްމަދު މުޢިއްޒު އާއި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ ހުކުރު ދުވަހުގެ ހެނދުނު މުލީއާގޭގައި (ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގަނޑުވަރު) ޢާންމުންނަށް ހުޅުވާލައިގެން ޢީދު ސަލާމް ކުރައްވާފައެވެ. މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ބޭއްވި ކުޑަކުދިންގެ ހަވީރުތަކުގައި ރެޕެލިންގް ޓަވަރުތަކާއި، ކޯސްޓްގާޑުގެ އުޅަނދުފަހަރުގެ ހެވިކަން ދެއްކުމާއި، ސިފައިންގެ ބޭކަލުންނާއި ހަތިޔާރު ދައްކައިލާ، ސްނައިޕަރުން ހިމެނޭހެން ޢަސްކަރީންނާއެކު ފޮޓޯ ނެގުމުގެ ފުރުޞަތު ފަހިކޮށްދީފައި ވެއެވެ. ފުލުހުންނާއި ސިފައިން އަދި ސަރުކާރު ކުންފުނިތަކާ ގުޅިގެން ހިންގާން ރާވާފައިވާ މި ޙަރަކާތްތައް ގްރޭޓަރ މާލޭ ސަރަޙައްދުގައި އާދީއްތަ ދުވަހާ ހަމައަށް ކުރިއަށް ދިޔައެވެ. ސަރުކާރު ހުޅުވުނީ ހޯމަ ދުވަހުއެވެ. 
އުފާފާޅުކުރުންތަކަށް ނުތަނަވަސްކަން ގެނުވީ މޮރިޝަސް އާ ޙަވާލުކުރާން އުޅުމުން ދިވެހި ދައުލަތް އެމައްޗަށް ނުރުހުން ފައުޅުކުރި، ޗާގޯސް ޖަޒީރާގެ ޑިއޭގޯ ގާސިއާގައި ހުންނަ އެމެރިކާ އާއި އިނގިރޭސިވިލާތުގެ ޢަސްކަރީ މަރުކަޒާ ދިމާލަށް އީރާނުގެ ބެލިސްޓިކް މިސައިލްތައް ފޮނުވާލި ކަމަށް ރިޕޯޓު ކުރުމުންނެވެ. 
ވޯލް ސްޓްރީޓް ޖާނަލް އިން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާނުގެ ބޯޑަރުން ގާތްގަނޑަކަށް 4،000 ކިލޯމީޓަރު އަދި އައްޑޫ ސިޓީގެ ދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އޮންނަ ޑިއޭގޯ ގާސިއާ އަށް އީރާނުން ވަނީ އިންޓަރމީޑިއަޓް ރޭންޖްގެ ދެ ބެލިސްޓިކް މިސައިލް ފޮނުވައިލާފައެވެ. ދެ މިސައިލެއް ވެސް އަމާޒަކަށް ނުފޯރިއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެއް މިސައިލް އުދުހުމުގެ ތެރޭގައި ފެއިލްވިއިރު، އެމެރިކާގެ ހަނގުރާމަ މަތީ މަނަވަރަކުން އަނެއް މިސައިލު ވައްޓާލީއެވެ.  އިނގިރޭސިވިލާތުގެ ޑިފެންސް މިނިސްޓްރީ އިން އެޙަމަލާ ކަށަވަރު ކޮށްދީފައި ވާއިރު، އެންމެ ފުރަތަމަ މިޙަމަލާގެ ރިޕޯޓެއް ޢާންމުކުރީ އީރާނުގެ ސަރުކާރާ ގުޅުންބޮޑު މެހްރު ނޫސް އެޖެންސީ އިންނެވެ. 
އެކަމަކު އީރާނުގެ އިސް އޮފިޝަލަކު އާދީއްތަ ދުވަހު އަލްޖަޒީރާ ނޫހުގައި ވިދާޅުވީ އެ ޙަމަލާއަކީ އެޤައުމުން ދިން ޙަމަލާއެއް ނޫން ކަމަށެވެ. 
ސޯޝަލް މީޑިއާގައި ދިވެހި ރައްޔިތުން ވަނީ މިސައިލް ދަތުރުކުރި ރޮނގު ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދުގެ ތެރޭގައި ނުވަތަ ކައިރީގައި ވާނެ ކަމަށް ލަފާކޮށްފައެވެ. ދިވެހި ސަރުކާރުން ކުރިން ހާމަކޮށްފައި ވަނީ ޢަސްކަރީ އޮޕަރޭޝަންތަކަށް ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުން ކުރުމަށް އެދި ހުށަހެޅުމުން ދެކޮޅު ހަދާފައިވާ ކަމަށެވެ. އެކަމަށް އެދި ހުށަހެޅީ ކޮންބައެއް ކަމެއް ފޮރިން މިނިސްޓަރު ޑރ ޢަބްދުﷲ ޚަލީލް ވިދާޅެއް ނުވެއެވެ.
ޢީދު ދުވަހުގެ ކުރިން ފޮރިން މިނިސްޓްރީ އިން ވަނީ އީރާނުގެ ސައުތު ޕާސް ގޭސް ފީލްޑަށް އިސްރާއީލުން ދިން ޙަމަލާތަކަކީ "ދުނިޔޭގެ ހަކަތައިގެ ސަލާމަތަށް ނުރައްކާވާ" "ބައިނަލްއަޤްވާމީ ޤާނޫނުތަކާ ފާޅުކަން ބޮޑު ގޮތެއްގައި ޚިލާފު ކަމެއް" ކަމަށް ސިފަކޮށް، އެޢަމަލު ކުށްވެރި ކޮށްފައެވެ. މިއީ ހަނގުރާމަ ފެށުނު ފަހުން ދިވެހި ސަރުކާރުން ނެރުނު ހަތަރު ވަނަ ބަޔާނެވެ. އަދި އިސްރާއީލު ކުށްވެރިވާ ބަސްމަގަކުން މިހާތަނަށް ސަރުކާރުން ނެރުނު އެންމެ ވަރުގަދަ ބަހެވެ.
ގަލްފުގެ ޢަރަބި ޤައުމުތަކަށް ތާޢީދުކުރާ ޚާރިޖީ ސިޔާސަތުގެ ސްޓޭންޑެއް ހާމަކުރައްވާ، ރައީސް މުޙައްމަދު މުޢިއްޒު ވަނީ ވަނީ އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ އަވަހާރަކޮށްލި މައްސަލަ ކުށްވެރި ކުރަން ދެކޮޅު ހައްދަވާފައެވެ. މިކަމުގެ މައްޗަށް ޢާންމުންގެ ކަންބޮޑުވުން ސަރުކާރަށް ރައްދުވެފައި ވެއެވެ. 

ތެލުގެ ތާށިކަން

ރާއްޖޭގެ އެތެރޭގެ ޙާލަތަށް ރިޢާޔަތް ކުރާއިރު، ސަރުކާރުން މަސައްކަތް ކުރިކަމަށް ފެންނަނީ ތެޔޮ ސަޕްލައިއާ ގުޅޭ ގޮތުން ޢާންމުންނަށް ޔަޤީންކަން ދިނުމަށެވެ. މި ހަފްތާގައި އާ ދެ ފިއުލް ޝިޕްމަންޓެއް އައިސްފައިވާއިރު، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކުރިން އެއްބަސްވެފައިވާ "ނޮމިނޭޝަން" އިންތިޒާމުތަކުގެ ދަށުން އިތުރު ޑެލިވަރީތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު މުޙައްމަދު ސަޢީދު އެކްސްގައި ވިދާޅުވެފައި ވެއެވެ.
ދިވެހި ރައްޔިތުންނަށް މިހަނގުރާމައިގެ ސަބަބުން ކުރާ އަސަރު އެންމެ ކުޑަކުރުމަށް ރައީސް މުޢިއްޒު ދެއްވި ލަފާފުޅުގެ ދަށުން ސަރުކާރުން "އަވަސް އަދި ރޭވިފައިވާ ފިޔަވަޅުތައް" އަޅަމުން އަންނަ ކަމަށް ސަޢީދު ލިޔުއްވާފައި ވަނީ ތެލާއި ކެއްކުމަށް ބޭނުންކުރާ ގޭހާއި އަސާސީ ކާބޯތަކެތި މެދުކެނޑުމެއް ނެތި ލިބޭނެ ކަމުގެ "ފުރިހަމަ ޔަޤީންކަން" ތަކުރާރު ކުރައްވަމުންނެވެ.
އެސްޓީއޯގެ އެންމެ ފަހުގެ ޝިޕްމަންޓުގައި 17 ދުވަހަށް ބޭނުންވާ ވަރަށް ޑީސަލާއި ޕެޓްރޯލް ހުރި ކަމަށް އެކުންފުނީގެ އޮފިޝަލަކާ ޙަވާލާދީ "ދައުރު" ނޫހުން ބުނެއެވެ. އަދި ގޭސް ޝިޕްމަންޓެއް ވެސް އައިސް، މިހާރު ބާލަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އިތުރު ޑެލިވަރީތައް ރާވަލާ އެއްގޮތަށް ދިވެހިރާއްޖެއަށް ފޯރަމުންދާނެކަމަށް ވެސް އެސްޓީއޯއިން ބުނެފައި ވެއެވެ. 
ކަންމިހެން ހުރިއިރު، މަސްވެރި ދޯނިތަކަށް ކުރީގެ ސަބްސިޑައިޒްޑް ރޭޓުން ޑީސަލް ވިއްކާނެ ކަމަށް އެސްޓީއޯއިން ވަޢުދުވި ނަމަވެސް، ޔޫނިއަން އޮފް ޔެލޯފިން ޓޫނާ ފިޝަމަންސް އިން ހުކުރު ދުވަހު ބުނެފައި ވަނީ މާލޭ ސަރަޙައްދުގެ ދޯނިތަކަށް ވަޢުދުވި އަގުތަކުގައި ތެޔޮ ނުލިބޭ ކަމަށެވެ.
އަގުހެޔޮ ތެޔޮ ނުލިބި މަސްވެރިންނަށް ކަނޑަށް ނުނިކުމެވޭނެ ކަމަށް ޔޫނިއަނުން ބުނެފައިވާއިރު، މިހާރުގެ ތެޔޮ އަގުތަކަކީ ރާއްޖޭގެ މިފަހުގެ ތާރީޚުގައި ދުށް އެންމެ މަތީ އަގުތަކެވެ. މުޅި މަސްވެރިކަމުގެ ސިނާޢަތް ހުއްޓުމަކަށް އަތުވެދާނެ ކަމުގެ އިންޒާރު އެޔޫނިއަނުން ދީފައިވެއެވެ.
"މަސްދޯނިތަކަށް ހަމަ އަގެއްގައި ތެޔޮ ލިބޭނެ ކަމުގެ ވަގުތީ ޔަގީންކަން ސަރުކާރަށް ދިނުމަށް ގޮވާލަން،" ޔޫނިއަންގެ ބަޔާނުގައި ވެއެވެ.
ފުރަތަމަ އަގު ބޮޑުކޮށްފައި އެނިންމުން އަނބުރާ ގެނެސްފައި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ އިން ހިންގާ "ފަހިހަކަތަ" ޕްރޮގްރާމްގެ ދަށުން މަސްވެރިންނަށް ސަބްސިޑައިޒް ރޭޓުގައި ޑީސަލް ވިއްކާނެ ކަމަށް ސަރުކާރުން ވަނީ މާޗް 18 ވަނަ ދުވަހު އިޢުލާން ކޮށްފައެވެ. މިފްކޯއަށް މަސް ކިރުވާ ދޯނިތަކަށް ޑީސަލް ލީޓަރަކަށް 16.54 ރުފިޔާ ދައްކަން ޖެހޭއިރު، ޢާންމު ރައްޔިތުންނަށް ދައްކާންޖެހޭ އާ ރީޓެއިލް އަގަކީ 17.54 ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

އިޤްތިޞާދީ ގެއްލުން

މާޗް 16 ވަނަ ދުވަހު އެސްޓީއޯ އިން ވަނީ ވިޔަފާރިތަކަށް ހޯލްސޭލްކޮށް ތެޔޮ ވިއްކާ އަގު ގާތްގަނޑަކަށް ދެގުނައަށް ބޮޑުކޮށްފައެވެ. މާލޭގައި ޑީސަލްގެ އަގު 65 އިންސައްތަ އުފުލުނެވެ. މާޗް މަހުގެ ފަސް ވަނަ ދުވަހު ޕެޓްރޯލް 18 އިންސައްތައަށް އަދި ޑީސަލް 26  އިންސައްތައަށް އުފުލުނެވެ. ނަތީޖާއަކީ އަތޮޅަކަށް ކަރަންޓާއި ދަތުރުފަތުރާއި މުދާ ގެނެސް ގެންދިއުމުގެ ޚަރަދު ބޮޑުވުން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަޙްމަދު މުޙައްމަދު ހޮނިހިރު ދުވަހު ޝާއިޢުކުރެއްވި ތަޙްލީލެއްގައި ފާހަގަކުރެއްވިއެވެ.
ގަލްފުގެ ޓްރާންސިޓް ހަބްތަކުން ދުވާލަކު ގާތްގަނޑަކަށް 20 ފްލައިޓް ކެންސަލް ކުރަމުންދާއިރު ފަތުރުވެރިން އަންނަ މިންވަރު 21 އިންސައްތަ ދަށްވެފައި ވެއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޖެޓް ފިއުލްގެ އަގު 42 އިންސައްތަ ބޮޑުކޮށްފައި ވާއިރު، މިއީ ފާއިތުވި އަހަރުތަކުގައި އެންމެ އަގު އުފުލުނު ފަހަރެވެ. ނަތީޖާއަކީ އެއާލައިންތަކުންނަގާ ސާޗާޖްތައް އިތުރުކޮށް، ދިވެހިރާއްޖެ މިއަށްވުރެ ވެސް އަގުބޮޑު މަންޒިލަކަށް ވުމުގެ ހިރާސް (ރިސްކު) ކުރިމަތި ވުމެވެ. 
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާޗް މަހުގެ ފުރަތަމަ 16 ދުވަހުގެ ތެރޭގައި 81،200 ފަތުރުވެރިން އައިސްފައި ވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި 102،900 ފަތުރުވެރިން ދިވެހިރާއްޖެ އައެވެ. މިއީ 21،700 މަދުވުމެކެވެ. އެންމެ މަދުން ފަތުރުވެރިން އައީ މާޗް މަހުގެ ދެވަނަ ދުވަހުއެވެ؛ 4،107 އެވެ. އެއީ އޭގެ ކުރީ އަހަރުގެ އެދުވަހާ އަޅާކިޔާއިރު ދެބައިކުޅަ އެއްބައެވެ. އޭގެ ފަހުން، އެ ހަފްތާ ބަންދުގައި އައި މީހުންގެ ޢަދަދު ވަނީ ގާތްގަނޑަކަށް 4،500 އާއި 5،000 އާއި ދެމެދަކަށް އުފުލި، ހަމަޖެހިފައެވެ. 
ދިވެހިރާއްޖޭގެ ޖުމްލަ އިމްޕޯޓްގެ ފަސްބައިކުޅަ އެއްބަޔަކީ ތެލާއި، ޕެޓްރޯލިއަމުގެ އުފެއްދުންތަކެވެ. 2025 ގައި އިމްޕޯޓަށް ޚަރަދުކުރި 3.6 ބިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން ގާތްގަނޑަކަށް 710 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރީ ތެލަށެވެ. ތެޔޮ ގެންނަނީ އޮމާނާއި ޔޫއޭއީ (އެކުވެރި ޢަރަބި ޢިމާރާތް) އިން ކަމަށްވާއިރު، ދިވެހިރާއްޖެ އޮތީ ހަނގުރާމައިގެ ސަބަބުން ނާޒުކު ފައްތަރެއްގައެވެ. ތެލުގެ އަގު އުފުލުމާއެކު، ދުވާލެއްގެ މައްޗަށް1 މިލިޔަން ޑޮލަރު އިތުރަށް ޚަރަދު ކުރަން މަޖުބޫރު ވާނެއެވެ. 
ކަންމިހެން ހުރިއިރު، ޢާންމު ދަރަނި ހުރީ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު (ޖީޑީޕީ)ގެ ގާތްގަނޑަކަށް 133 އިންސައްތައިގައެވެ. އަދި އޭޕްރީލް 8 ވަނަ ދުވަހު 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކް އެއް ދައްކަންޖެހޭނެއެވެ. މީގެ އިތުރު 500 މިލިޔަން ޑޮލަރު އެކި ފަރާތްތަކަށް ދަރަނީގެ ގޮތުގައި މިއަހަރު އެކަނި ދައްކާން ޖެހޭނެއެވެ. 
މިހާތަނަށް ސަރުކާރުން މިމައްސަލަތަކުގައި ދީފައިވަނީ މަންމަން އަދި ވިއްސިވިހާލިވެފައިވާ ޖަވާބުތަކެއް ކަމަށް އަޙްމަދު މުޙައްމަދު ލިޔުއްވާފައިވެއެވެ. ގިނަ ޤައުމުތަކުން ފިއުލް ރިޒާވް އިތުރުކުރުމާއި، ބަދަލު ސަޕްލައި ރޫޓްތައް ހޯދުމާއި، ސަބްސިޑީއާއި އެހެނިހެން އެހީ ޢާންމުކޮށް އެންމެނަށް ދިނުމުގެ ބަދަލުގައި، ބޭނުންވާ މީހުން ބަލައިގެން ދޭން ފެށުން ފަދަ ފިޔަވަޅުތައް އަޅަމުންދާއިރު، އެމަގުން މުޢާލާތް ނުކެނޑެނީސް އެކަށީގެންވާ ފިޔަވަޅުތައް ދިވެހި ސަރުކާރުންވެސް އަޅާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. 
އޭނާ ގޮވާލެއްވީ ދާއިމީ، މީންސް ޓެސްޓް ކުރެވިފައިވާ އިންކަމް ސަޕޯޓް ސިސްޓަމަކާއި، އަންއެމްޕްލޯއިމަންޓް އިންޝުއަރެންސް ސްކީމަކާއި، ބޭރު ފައިސާ ދޫކުރުމަށް ރަސްމީކޮށް އިސްކަންދޭ އޮނިގަނޑަކާއި، ސޮވަރިން ރެސިލިއެންސް ފަންޑެއް ޤާއިމުކުރުމަށެވެ. "ކްރައިސިސްތައް އުފެދުމުގެ ކުރިން ވިލުންވެރިކަން ޤާއިމުކލުރަން ޖެހޭ؛ އެންމެ ދާއިރާއެއްގައެއް ނޫން" އޭނާ ލަފާ ދެއްވިއެވެ.
މުޅި އޭޝިޔާއި ސްކޫލްތަކާއި ޔުނިވާސިޓީތައް އަދި އޮފީސްތަކުގެ މަސައްކަތު ގަޑި ކުރުކުރުމާއި، ބަންދުކުރުމާއި، ތެލާއި ކެއްކުމުގެ ގޭސް ކޮންޓްރޯލް ކޮށްގެން ވިއްކުންފަދަ އްލި އަވަސް ފިޔަވަޅުތައް އޭޝިޔާގެ ޤައުމުތަކުން އަޅާފައިވާއިރު، މާޗް 12 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޟަމީރު ވިދާޅުވީ ތެލުގެ ބޮޑުވާ އަގަށްވާ ބައި އަދާކުރާން މަލްޓިލޭޓަރަލް ދެ އިދާރާއަކުން 100 މިލިއަން އެމެރިކާ ޑޮލަރުގެ ކުއްލި ފައިނޭންސިންގް ހޯދަމުންދާ ކަމަށެވެ. އެސްޓީއޯ އިން ލަފާކުރާ ގޮތުގައި އަހަރަކު ލިބޭ 1.5 ބިލިއަން ރުފިޔާގެ އާމްދަނީ ވެސް އަގުގެ ޝޮކް "އެބްޒޯބް" ކުރުމަށް ބޭނުންކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 
ރަމަޟާން މަހުގެ ކަރަންޓް ބިލް ޑިސްކައުންޓް ފަދަ ބަޖެޓް ޚަރަދުތައް - 400 ރުފިޔާއަށްވުރެ އަގު ބޮޑުނުވާހެން - ކުރަމުން ގެންދާއިރު، ފައިނޭންސް މިނިސްޓަރ ވިދާޅުވީ އެއީ "ޚަރަދުތައް "ރޭޝަނަލައިޒް" ކޮށްފައިވާ ކަމަށެވެ. ނަމަވެސް ކަނޑާލާފައިވަނީ ކޮން ޚަރަދެއްކަން ހާމަކުރަން ދެކޮޅު ހެއްދެވިއެވެ. އިޢުލާންކުރި ހަމައެކަނި ފެންނަން ހުރި ޚަރަދު ކުޑަކުރުމުގެ ފިޔަވަޅަކީ ޢީދު ބައްތި ޖެހުމާއި ބޮކިފަތިލުން ސިޓީތަކުގައި ހިސާބަކަށް (މުޅިއަކުން ނޫން) މަޑުޖައްސާލައި، މަދުކޮށްލުމެވެ. 
މި ނޫސްވެރިންގެ ބައްދަލުވުމަށް އެއް ދުވަސް ފަހުން ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ވަނީ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނު ޙަރަކާތެއްގެ ގޮތުން މާލޭގެ މަގުތަކުގައި ސައިކަލު ރެލީއެއް ބާއްވާފައެވެ. 
މާދަމާ ހަނގުރާމަ ހުއްޓާލިޔަސް އިޤްތިޞާދީ ގިލަންވެރިކަމުން މިންޖުނުވާނެ ކަމަށް އިޖުތިމާޢީ ކޮމެންޓޭޓަރު މިދުޢަމް ސަޢުދު ވަނީ އިންޒާރު ދީފައެވެ. "ހަމަ އެކަނި ތެޔޮ ސްޓޭބަލްވާން އަހަރެއް ނޫނީ މަސްތަކެއް ނަގާފާނެ. ދަތުރުފަތުރެއް ވަގުތުންނެއް ނުފެށޭނެ. އަދި ތެލުގެ އަގު ބޮޑުވުމާއެކު މުދަލުގެ އަގު ޔަޤީނުން ބޮޑުވާނެ،" އެކްސްގައި އޭނާ ލިޔުއްވާފައި ވެއެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގައި މިއީ ކިހާ ސީރިއަސް ކަމެއްކަން ސަރުކާރަށް އެނގޭ. އެކަމަކު އިންތިޚާބު ކައިރިވެފައި އޮތުމުން ބަލިކަށިކަން ދައްކާން ބޭނުން ނުވަނީ."

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ