ލާމަރުކަޒީ ނިޒާމު ވަރުގަދަކުރަން ބޭނުންނަމަ، ގެންނާންވީ 4 އިޞްލާޙެއް
އިދާރީ، ތަންފީޛީ، އިންތިޒާމީ އެއްވެސް ބާރެއް ނެތް ސިޓީ ކައުންސިލަރުންނަށް މުސާރައިގެ ގޮތުގައި 35،000 ލިބެއެވެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
18 އޮކްޓޯބަރު
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބީ ދައުރުގެ އެންމެ ފަހު އަހަރުގައި ތަންތަން ކުއްޔަށް ދިނުމާއި، އައު ޕްރޮޖެކްޓުތައް ފެށުމާއި، އައު ސްޓާފުން ނެގުން މަނާކުރީ އޮގަސްޓް 2025 ގައި ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙް ތަކަކުންނެވެ. ސަރުކާރުން ބުނަނީ އެބަދަލުތަކުގެ ބޭނުމަކީ "ލާމަރުކަޒީ ނިޒާމު ވަރުގަދަ ކުރުން" ކަމަށެވެ. އެހެންނަމަވެސް، ރާއްޖޭގެ އެކި ކަންކޮޅުން 80 އަށް ވުރެ ގިނަ ލޯކަލް ކައުންސިލުން، މިބަދަލުތަކާމެދު ނުރުހުން ފައުޅުކޮށްފައި ވެއެވެ. ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތަކަށްވެސް މިބަދަލުގެ ސަބަބުން ބުރޫ އެރާނެކަމަށް އެކައުންސިލުތަކުން ބުންޏެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތީވެސް ލާމަރުކަޒީ ނިޒާމު ވަރުގަދަކުރެއްވުމުގެ ވަޢުދައިގެންނެވެ. ވަރުގަދަ ކުރެއްވުމުގެ ފިޔަވަޅެއްގެ ގޮތުން، އަތޮޅު ކައުންސިލުތައް އުވާލައްވާން ގެންދަވަނީ ވާހަކަފުޅު ދައްކަވަމުންނެވެ. އޭރުން ރަށްރަށުގެ އެމުނި އެކުލެވިގެންވާ، ޖަމާޢީ ވަކާލާތެއް ކުރާން އޮތް ލޯކަލް ކައުންސިލުގެ ފަށަލަ ނެތުނީއެވެ.
ޓްރާންސްޕޭރަންސީ މޯލްޑިވްސް ފަދަ ހެޔޮވެރިކަމަށް ވަކާލާތުކުރާ ޖަމްޢިއްޔާ/ޖަމާޢަތްތަކުންވެސް ބުނަނީ މިބަދަލުތަކުގެ ބޭނުމަކީ ލާމަރުކަޒީ ނިޒާމު ބަލިކަށިކުރުން ކަމަށާއި، ރަށްރަށާއި، އަތޮޅުތަކުގެ ހިންގުމުގެ މައްޗަށް މައި ސަރުކާރުން އިތުރަށް ނުފޫޒު ފޯރުވޭނެ މަގުތައް ފަހިކުރުން ކަމަށެވެ.
އިޞްލާޙެއް ގެނެސް، ބާރުވެރި ކުރުވާ ނަމަ ގެންނާން ޖެހޭ ބަދަލުތަކަކީ ކޮބައި ބާވައެވެ؟
ލޯކަލް ކައުންސިލްތައް ވަރުގަދަ ކުރާން އެދޭނަމަ، ތަމްސީލުކުރާ މިންވަރާއި، ބާރުތަކަށް އުނިކަމެއް، މަދުވުމެއް އައިސްގެން ނުވާނެއެވެ. ފުރަތަމަ ކަމަކަށް، ރައްޔިތުންގެ ފަރާތުން ތަމްސީލު ކުރާން ތިބޭ މަންދޫބުންގެ ޢަދަދު މަދުކޮށްގެން ނުވާނެއެވެ. ދެވަނަ ކަމަކަށް، ކައުންސިލުތަކުގެ ބާރާއި އިޚްތިޔާރަށް އެއްވެސް ބަލިކަށި ކަމެއް ދީގެން ނުވާނެއެވެ.
އެދެހަމައިގެ މައްޗަށް، ގެންނާން ފެންނަކަމަށް އަޅުގަނޑު ދެކޭ 4 މައި އިޞްލާޙެއް ބަޔާންކުރަމެވެ.
އެއްވަނަ އިސްލާޙް: ދާއިރާތައް އެކުލަވާފައިވާ ގޮތް ބަދަލުކުރުން
މާލޭގައި ކައުންސިލަރުން އިންތިޚާބު ކުރަނީ ވަކިވަކި ދާއިރާއިންނެވެ. ސިޓީ ފެންވަރުގައި ހުރިހާ މެންބަރުންނަށް އެންމެން ވޯޓު ލައިގެނެއް ނޫނެވެ.
ނަތީޖާއަކީ، އެއް އަމާޒަކަށް، ތަޞައްވަރަކަށް މަސައްކަތް ކުރުމުގެ ރޫޙް އެއްގޮތަކަށް ނެތުމެވެ. އެކައުންސިލަރަކު އިންތިޚާބުކުރާ ދާއިރާއެއްގެ މީހުންގެ ބޭނުން މެނުވީ އޭނާއަކަށް ނުފެނެއެވެ. ފުޅާ ނަޒަރެއްގައި، މެދު އަދި ދިގުރާސްތާގައި ކޮންމެހެން ތަންފީޒު ކުރަން ޖެހޭ ސިޔާސަތުތަކާމެދު ޚިޔާލު ކުރާނެ ސިކުނދިއެއް ނެތުމެވެ.
މިފަދައިން ވަކި، ކުދި ދާއިރާތައް ހުރީމާ، ރިޝްވަތާއި އެހެނިހެން ނާޖާއިޒު ނުފޫޒުތަކުގެ ދަށުލާން ފަސޭހައެވެ. އެގޮތުން ދާއިރާއެއްގައި ތިބެނީ 5000 މީހުންނެވެ. ވޯޓު ލާނީ ގާތްގަނޑަކަށް 1500 އެއްހާ މީހުންނެވެ. އެހެންވީމާ ފަސްހަސޭތަކަ ވޯޓުން ގޮނޑި ކާމިޔާބު ކުރެވެއެވެ. ދާއިރާގެ ގިނަ ބައި މީހުން ދެކޮޅަސް، ފަސްހަސަތޭކަ ވޯޓު ގަނެލީމާ ގޮނޑި ޔަޤީންވެއެވެ.
މިސާލަކަށް ރައްޔިތުންގެ މަޖިލީހުގެ މާލޭގެ 16 ދާއިރާ އެބަ އޮތެވެ. މާލޭގެ 16 ގޮނޑި ހުރެފައި، މުޅި މާލެއިން ވޯޓު ނަގާ ވޯޓަކުން، އެންމެ މަތިން ވޯޓު ލިބޭ 16 މީހުން އިންތިޚާބު ކުރެވޭނެއެވެ. އޭރުން އިންތިޚާބު ވާނިއްޔަކީ ހަމައެކަނި ދާއިރާގެ އަޖަލުގައި ޖެހި، ދާއިރާގެ މުހުތާދުތަކަށް އެކަނި ޚާއްޞަވެފައިވާ، ހަނި ވިސްނުމެއްގެ ސިކުނޑިތަކަކުން ނޫނެވެ. ޖަމާޢީ/ޢާންމު ފައިދާއާއި މަޞްލަޙަތުތަކަށް ރިޢާޔަތްކޮށްގެން، ޤައުމީ ވަކާލާތެއް ކުރާނެ ބަޔަކު ތިބޭނެއެވެ.
ދެވަނަ އިޞްލާޙް: ދާއިރާތަކުގެ ސަރަޙައްދު އެއްގޮތްކުރުން
ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ދާއިރާތަކާއި ސިޓީ ކައުންސިލްގެ ދާއިރާތަކާ، އެއް ނަންތަކެއް ހުއްޓަސް ދިމައެއް ނުވެއެވެ. އަޅުގަނޑު އިންނަނީ ގަލޮޅު އުތުރު ދާއިރާގެ ގޮނޑީގައެވެ. އެހެނަސް، މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާއާ ކައުންސިލްގެ ދާއިރާއާ ތަފާތެވެ. ކައުންސިލުގައި ގަލޮޅު އުތުރަށް ވާ ދާއިރާގެ ސަރަޙައްދަށް ހެންވޭރު މީރުބަޙްރުގެ ފަދަ އުތުރުން ހެންވޭރުގެ ކޮށިތައް ވަދެއެވެ.
ތިންވަނަ އިޞްލާޙް: އަންހެނުންނަށް ޚާއްޞަ ގޮނޑިތަކަށް ކަނޑައަޅާގޮތް ބަދަލުކުރުން
މިހާރުގެ ޤަވާޢިދުގައި ނަމަ އަންހެނުންނަށް ޚާއްޞަ ގޮނޑިތައް، ސިޓީ ކައުންސިލުގައި ނަމަ، ގުރުން ހޮވަނީއެވެ. ޔަޢުނީ އަންހެނުންނަށް އެކަނި ކުރިމަތިލެވޭނެ ގޮނޑިތައް ޚިޔާރު ކުރަނީ ގުރަކުންނެވެ. އަންހެނުންނަށް ޚާއްޞަ ގޮނޑި ހުރުން ނުހަނު ބޭނުމެވެ. އަންހެނުންގެ ބައިވެރިވުން އިތުރުކުރާން ޚާއްޞަ ފިޔަވަޅުތަކެއްވެސް ނުހަނު ބޭނުން މެއެވެ. އެހެންނަމަވެސް މިހާރު އަންހެނުންނަށް ގޮނޑި ކަނޑައަޅާ ގޮތާމެދު ނުރުހުމާއި ޝަކުވާ ބޮޑެވެ. އަދި އަންހެނުންނަށް ފިރިހެނުންނާ ވާދަކޮށް ގޮނޑި ކާމިޔާބުނުކުރެވޭނެ ކަމަށް ފެންނަ ބޯދާ، ނާތަހުޛީބު ވިސްނުމަށް މިއޮތް ގޮތުން ބާރު ދެއެވެ.
ޝްރީ ލަންކާގައި އަންހެނުންގެ ގޮނޑި ޚާއްޞަކުރާ ގޮތަށް ބަލައިގެން ނަމޫނާ ނެގިދާނެއެވެ. ލޯކަލް ކައުންސިލްތަކުގެ 25 އިންސައްތަ ޚާއްޞަކޮށްފައި ވަނީ އަންހެނުންނަށެވެ. އަންހެނުންނަށް ޚާއްޞަ ވަކި ގޮނޑިތަކަށް ފިރިހެނުންނަށް ވާދަ ނުކުރެވެނީކީ ނޫނެވެ. އަންހެނުންގެ ކޯޓާގައިވާ ގޮނޑިތައް ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތުން ބަލާ، ޕާޓީތަކުގެ މެދުގައި ބަހާލަނީއެވެ.
މިސާލަކަށް މާލެއަށް މިކަން ތަޠުބީޤުކުރާ ނަމަ، 16 ގޮނޑި ހުރީވިއްޔާ 6 ގޮނޑި މިސާލަކަށް އަންހެންނުނަށް ޚާއްޞަ ކުރަނީއެވެ. ދެން ހުރި 10 ގޮނޑިއަށް އަންހެނުންނާއި ފިރިހެނުން ވާދަ ކުރާނެއެވެ. ޚާއްޞަ 6 ގޮނޑިއަށް ޕާޓީތަކުން ކުރިމަތިލާ މީހުންގެ ނަންތައް ކުރިއަށްލާ އޮންނާނީ އިޢުލާން ކޮށްފައެވެ. ކަނޑައަޅާ ނިމިފައެވެ. 10 ގޮނޑިއަށް ވާދަކުރި ޕާޓީތަކަށް ނިސްބަތުން ލިބުނު ވޯޓުގެ ޢަދަދުން، ޚާއްޞަ ގޮނޑިތަކަށް ޕާޓީތަކުގެ ލިސްޓުން އަންހެނުން ލާނީއެވެ.
ހަތަރުވަނަ އިޞްލާޙް: ކައުންސިލަރުންގެ މަސްއޫލިއްޔަތު މުރާޖަޢާކުރުން
މިހާރު ޤާނޫނުގައި އޮތްގޮތުން، ކައުންސިލަރުންނަށް އިދާރީ، އިންތިޒާމީ އަދި ތަންފީޛީ އެއްވެސް ބާރެއް ނެތެވެ. އަޅުގަނޑު ފަދަ ކައުންސިލަރުންނަށް މައިގަނޑު ގޮތެއްގައި އޮތް މަސައްކަތަކީ ސިޔާސަތު އެކުލެވުމުގައި ލަފަޔާއި އިރުޝާދު ދިނުމެވެ. އެކަންކަން ހަފްތާއަކު އެއް ފަހަރު (މަދުވެގެން) ބާއްވާ ކައުންސިލްގެ ޢާންމު ރަސްމީ ޖަލްސާގައި ފާސްކުރުމާމެދު ގޮތް ނިންމުމެވެ. ދުވަހީ މަސައްކަތްތަކެއް ކަނޑައެޅިފައެއް ނުހުރެއެވެ. މިއާއެކު، މޭޔަރު ޙަވާލުކުރައްވާ ކަންކަން ކުރާންވާނެ ކަމަށް އޮވެއެވެ.
ނަމަވެސް ކޮންމެ ސިޓީ ކައުންސިލަރަކަށް މުސާރައިގެ ގޮތުގައި 35،000 ރުފިޔާ ލިބެއެވެ.
މިކަން އަތޮޅު އަދި ރަށު ކައުންސިލުތަކުގައި ތަފާތުވާނެ ކަމަށް ޤަބޫލުކުރަމެވެ.
ދެޙައްލެއް އެބަ އޮތެވެ؛
އެއްގޮތަކީ ކައުންސިލުގެ ދާއިމީ ކޮމިޓީތަކެއް، ތަންފީޒީ، އިންތިޒާމީ އަދި އިދާރީ ބާރުތަކާއެކު، ޤާނޫނުގައި ހިމެނުމެވެ. ދާއިރާތަކަށް ޚާއްޞަ ކޮށްފައިވާ ކޮމިޓީތަކުގައި ނިންމާ ކަންކަމާއި، އެކޮމިޓީތަކުން ބަލާ، ދިރާސާކޮށް، ކައުންސިލުގެ ޢާންމު ރަސްމީ ޖަލްސާތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދަންޖެހޭ ކަންކަމުގެ ދާއިރާ (އިޙްތިޞާޞް) ޤާނޫނުގައި ބަޔާން ކުރަންވީއެވެ.
ދެން އޮތްގޮތަކީ ކައުންސިލަރުން ޕާޓް-ޓައިމް އުޞޫލުން ނެގުމެވެ. އޭރުން އިންތިޒާމީ، ތަންފީޛީ، އިދާރީ ބާރެއް ނެތަސް އެންމެ ރަނގަޅެވެ. ކައުންސިލަރުން ރަސްމީގޮތުން ޙާޒިރުވެވަޑައިގަންނަވާން ޖެހޭނީ ހަފްތާގެ ޢާންމު ރަސްމީ ޖަލްސާއަށެވެ. ދެން ދާއިމީ ކޮމިޓީތަކަށެވެ. އެޖަލްސާތަކަށް ޙާޒިރުވީމާ، ސިޓިންގް އެލަވަންސް ލިބޭނެއެވެ. ފުލް-ޓައިމް އުޞޫލުން މުސާރަ ލިބިވަޑައިންނަވާނީ މޭޔަރާއި، ޑެޕިއުޓީ އަށެވެ.
ބޮޑުތަނުން ޚަރަދު ކުޑަވާނެއެވެ. މުޖުތަމަޢުގައި އެކި ދާއިރާތަކުން ޚިދުމަތް ކުރަމުންދާ ޓީޗަރުން، ޑޮކްޓަރުން އަދި ރިޓަޔަރކުރައްވާފައި ތިއްބެވި ބޭބޭފުޅުންނަށް ކައުންސިލަށް ވާދަކޮށް، ހޮވި، އެމަސައްކަތުގައި ޝާމިލު ވެވޭނެއެވެ. ކައުންސިލުތަކުގެ ޕްރޮފެޝަނަލް ތަޖުރިބާ އިތުރު ކުރެވޭނެއެވެ. މުޖުތަމަޢުގެ ތަފާތު، އެކި ފަންނާއި، ޢުމުރުފުރަޔާއި، ދާއިރާގެ މީހުންގެ ބައިވެރިވުން ލިބޭނެއެވެ.
އަޑު އަހަން ބޭނުން ނުވާ ސަރުކާރު
އަތޮޅު ކައުންސިލު އުވާލުމާއި، ބާރުތައް ހަނިކުރާން އޮގަސްޓް 2025 ގައި ފާސްކުރި ޤާނޫނީ ބަދަލުތަކާމެދު ލޯކަލް ކައުންސިލުތަކުގެ އެސޯސިއޭޝަނުން ނުރުހުން ފައުޅުކޮށް، ދިމާއަށް ދެކޮޅު ހަދާފައި ވެއެވެ. މިކަންބޮޑުވުންތަކަށް ސަރުކާރުން ދިނީ ބީރު ކަންފަތެކެވެ. އެހެންވީމާ ސަރުކާރު އަދި ލޯކަލް ގަވަރންމަންޓް އޮތޯރިޓީ އާ ލޯކަލް ކައުންސިލުތަކާއެކު އޮތްގުޅުން މިހާރު އޮތީ އިންތިހާއަށް ހީނަރުވެފައެވެ.
ކައުންސިލަރެއްގެ ޙައިސިއްޔަތުން، ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެންނާން އުޅޭ "އިޞްލާޙް" ތަކާމެދު އޮތީ ކަންބޮޑުވުމާއި، ނާއުންމީދެވެ.
ބައި ސައިފް ފާތިޙް ކޮލަމް
މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރުގެ ގޮނޑި ފުރުއްވާ މުޙައްމަދު ސައިފް ފާތިޙްއަކީ މޯލްޑިވްސް އިންޑިޕެންޑެންޓްގެ ކޮލަމިސްޓެކެވެ. އޭނާ މަތީ ތަޢުލީމު ޙާސިލުކުރީ ކޮމިއުނިކޭޝަން، އިންޓަރނޭޝަނަލް ސްޓަޑީޒް އަދި ޕަބްލިކް ޕޮލިސީގެ ދާއިރާއިންނެވެ. ނޫސްވެރިއެއްގެ ގޮތުގައްޔާއި، އެޑިޓަރެއްގެ ގޮތުގައްޔާއި، ނޭޝަނަލް ޕްލޭނިންގް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑައިރެކްޓަރެއްގެ މަޤާމު ފުރާފައި ވެއެވެ. މީޑިޔާގައި މަސައްކަތް ފުރަތަމަ ކުރީ މިނިވަން ރޭޑިއޯގެ ޕްރެޒެންޓަރެއްގެ ގޮތުގައްޔާއި، މިނިވަން ޑެއިލީގެ ލިޔުންތެރިއެއްގެ ގޮތުގައެވެ. ކޮޅުނބުގައި ހުންނަ އިނގިރޭސި ހައިކޮމިޝަން އަދި ޔޫރަޕިއަން ޔޫނިއަންގެ މިޝަންއަށް ތަރުޖަމާގެ ގިނަ މަސައްކަތެއް ކޮށްފައިވެއެވެ. އޭނާ އިތުރުވާހަކަ ކިޔާ ޕޮޑްކާސްޓެއްވެސް މިހާރު ހުށަހަޅައިދެއެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ
ގުޅުންހުރި ޓެގްސް
އިތުރު ލިޔުންތައް

"ސަލާމަތުން ގޮސް، އަމިއްލަ ވަޒަނުގައި ދެން އަވަހަކަށް ނޫޅެވޭނެކަން އެނގުނު" ޝަހިންދާ އިސްމާޢީލް
27 ނޮވެމްބަރު

"ޕާޓީތަކާމެދު މާޔޫސްވެއްޖެ" - ވޯޓު ލާ ޢަދަދު މަދުވެ، އެފަރަގު ރަށްފުށާއި ސިޓީތަކުގެ ދެމެދު ބޮޑުވަނީ
02 ނޮވެމްބަރު

"ބާރުވެރިކުރުވާކަށް މީހަކަ ނާންނާނެ! އަހަރުމެން ބާރުވެރިވާންޖެހޭނީ އަމިއްލައަށް!" ހަތަރު ދައުރު ކައުންސިލަރަކަށް އިންތިޚާބުވި ސާމިޔާ
30 އޮކްޓޯބަރު

