ވޭޕް މަނާކުރިތާ ހަތަރު މަސް: ވިޔަފާރިތައް ބަދަލުކޮށް ކަޅު ބާޒާރުދަނީ ކުރި އަރަމުން

ކުރީގެ ވޭޕް ވިއްކި ފިހާރަތަކަށް ދަތިވެފައިވާއިރު، ކަސްޓަމަރުން ދަނީ އެހެން ގޮތްތައް ހޯދަން މަސައްކަތް ކުރަމުން.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

16 އޭޕްރިލް
ސޯލްޓް ބާގައި ކަސްޓަމަރުން ރަތް ކުލައިގެ ސޯފާއެއްގައި އަރާމުކޮށް އިށީނދެގެންތިބެ، އެންމެ ފަހުގެ ވޭޕް ޑިވައިސްތަކާއި އާ ރަހަތައް ތަޖުރިބާކުރަމުންދިޔައެވެ. މީރު ވަސް ދުވާ ވެޕްގެ ވިލާތަކުން ސޯލްޓް ބާގެ މާހައުލުވަނީ ފުރިފައެވެ. މިހާރު އޭގެ ހަތަރު މަސް ފަހުން، އެ ފިހާރާގައި، ހަމަ ކުރީގައިވެސްހުރި ރަހުމަތްތެރި ފިލިޕީންސް ސޭލްސްގާލް، ޖޯއީ، ވަރަށް ފަރުވާތެރިކަމާ އެކު ކުދި ފުޅިތަކަށް ޑްރޮޕްލެޓްސް އަޅަމުން ގެންދެއެވެ. ވޭޕް ޕޮޑްތަކުގައި ހުރި ތަފާތުތައް ބަޔާންކޮށްދިނުމުގައި އޭނާ ކުރިން ބޭނުންކުރި ސަމާލުކަމާއެކު، ޖޯއީ މިހާރު ކަސްޓަމަރުންނަށް އެމީހުން ގަޔާވާ ވަސްތައް ހިޔާރުކޮށް ފްރެގްރެންސް ކެމިކަލްތައް މިކްސްކޮށްގެން އަމިއްލަ ސެންޓު އުފެއްދުމުގައި އެހީތެރިވެދެއެވެ. ކުރިން ވޭޕް ސަގާފަތް ދައްކުވައިދިން ވައިބްރަންޓް ގްރެފިޓީ ސްޓައިލްގެ މިއުރަލްތަކުގެ ބަދަލުގައި މިނިމަލިސްޓް ޝެލްފްތައް ބޭނުންކޮށްފައިވާއިރު، އެ ފިހާރައިގެ އައު ނަންކަމުގައިވާ، ބާފިއުމް އިން ދައްކުވައިދެނީ ކަސްޓަމް ޕާފިއުމް ބުޓިކްއެކެވެ.
މާލޭގެ އިރުމަތީގައި ހުރި ކުޑަ ފިހާރައަށް ގެނެވުނު މި އަވަސް ބަދަލުން ދައްކުވައިދެނީ މިދިޔަ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހު ސަރުކާރުން ވޭޕް ކުރުން މަނާކުރުމުގެ ސަބަބުން ކުދި ފިހާރަތަކުގެ ވިޔަފާރި ބަދަލުކުރުމަށް ކުރަން ޖެހުނު މަސައްކަތްތެކެވެ. މިގޮތުން، ބައެއް ފިހާރަތައް ބަންދުކުރަން ޖެހުނުއިރު، އަނެއްބައި ފިހާރަތަކުން ޖެހުނީ މުޅިން ތަފާތު ބާވަތްތަކުގެ ވިޔަފާރިތަކަށް ބަދަލުވާންށެވެ.  
މިފަދަ ވިޔަފާރިތަކުގެ ތެރެއިން، އަލުން އާރާސްތުކުރެވުނު މަދު ފިހާރަތަކުގެ ތެރެއިން ފާހަގަކުރެވުނު މާލޭގެ ހުޅަނގު އުތުރު ފަރާތުގައި ހުންނަ  ޓެކްނޯ ހަބް އަކީ ކުރިން ސްމޯކް ހަބްގެ ނަމުން ކަސްޓަމަރުންނަށް ހިދުމަތްދިން ތަނެކެވެ. މިތަނުން މިހާރު ރައިސް ކުކަރ، ފަންކާ، ސެމްސަންގް ޓެބްލެޓް، ޕްލޭސްޓޭޝަންސް، އެއަރ ފްރައިޔަރ އަދި ނިކޮޓިން ޕެޗްތައް ނަން ބަދަލުކޮށްފައިވާ ވައިބާ ކޮމިއުނިޓީ ޗެޓެއްގައި 1827 ފޮލޯވަރުންނަށް އިޝްތިހާރުކުރެއެވެ.  
"ސްމޯކް ހަބަކީ އޮންލައިންކޮށް ވޭޕް ވިއްކައިގެން އަޅުގަނޑު ފެށި ވިޔަފާރިއެއް. ފަހުން މި ވިޔަފާރި ފިހާރައަކަަށް ފުޅާކުރީ. ސަރުކާރުން ވޭޕްގެ އުފެއްދުންތައް މަނާކޮށްފައިމިވަނީ އަޅުގަނޑުމެން މި ފިހާރަ ހުޅުވިތާ އެއް އަހަރާއި މަހެއްހާ ދުވަސް ފަހުން،" މިތަނުގެ ވެރިފަރާތުުން މޯލްޑިވްސް އިންޑިޕެންޑެންޓަށް މައުލޫމާތުދިނެވެ.
"ކުދި ވިޔަފާރިއެއްގެ ހައިސިއްޔަތުން ސަރުކާރުން ވޭޕް މަނާކުރުންވީ ވަރަށް އުނދަގޫ ކަމަކަށް. އެހެން ގައުމުތަކުގައި އެކަން ކުރާ ފަދައިން ތަންފީޒުކުރުމުގެ ކުރިން އެކަށީގެންވާ މުއްދަތެއްގެ ނޯޓިސްއެއް ދީފައިނުވޭ. އެންމެ 2 ނުވަތަ 3 މަސް ދުވަހުގެ ނޯޓިސް ދީގެން، އަޅުގަނޑުމެންގެ ބާކީ ހުރި ސްޓޮކްވެސް ހުސްނުކުރެވުނު،" އޭނާ ބުންޏެވެ.
ސޭލްސް ސްޓާފުންގެ ގޮތުގައި މަސައްކަތްކުރި ބޭރުގެ ދެ މުވައްޒަފުންވަނީ ވަޒީފާއިން ވަކިކުރެވިފައިކަމަށާއި، މިހާރު އެ ފިހާރަ ބަލަހައްޓައި ޑެލިވަރީގެ މަސައްކަތްކުރަނީ އޭނާގެ އިތުރުން އޭނާގެ ދޮންބައްޕަކަމަށް އޭނާ މައުލޫމާތުދިނެވެ.  
މިދިޔަ ނޮވެންބަރު މަހު ދުންފަތުގެ އަގު ބޮޑުވުމުގެ ސަބަބުން ސިނގިރޭޓް ޕެކެޓެއްގެ އަގު 110 ރުފިޔާ (ހަތް ޑޮލަރު) އިން 250 ރުފިޔާއަށް އުފުލުމާ އެކު އެ ފިހާރައިން ނިކޮޓިން ޕެޗް ވިއްކަން މަސައްކަތް ކުރިނަމަވެސް، މިކަމަށް މާބޮޑު ޑިމާންޑެއް ލިބިފައިނުވެއެވެ.  
"މިހާރު ސްޓޮކް ހުސްވެފައި ހުރި ނަމަވެސް ނިކޮޓިން ޕެޗް ރަނގަޅަށް ވިކިފައިނުވޭ. އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެންގެ ކުރީގެ ކަސްޓަމަރުން އެހެން ތަންތަނުން ގަނެ، އަދިވެސް ވޭޕް ޕްރޮޑަކްޓްތައް ބޭނުންކުރާކަން. ވޭޕް ބޭނުންކުރުން ސަރުކާރަށް ހުއްޓިވިފައެއްނުވޭ. ސަރުކާރަށް ހުއްޓުވުނީ ހަމައެކަނި ގާނޫނީ ގޮތުން ރަޖިސްޓަރ ކޮށްގެން ވޭޕް ވިއްކުމުގެ މަސައްކަތްކުރާ ވިޔަފާރިތައް އެކަނި،" އޭނާ ބުންޏެވެ.
މިދިޔަ އޮކްޓޫބަރު މަހު ވޭޕް މަނާކުރުން އިއުލާނު ކުރުމާ ގުޅިގެން، ވިޔަފާރިވެރިންގެ ބައެއްވަނީ ރައްޔިތުންގެ މަޖިލީހުގެ ބޭރުގައި އިހުތިޖާޖުކޮށްފައެވެ. މި ވިޔަފާރިވެރިން ގޮވާލާފައިވަނީ ވޭޕްކުރުމަކީ ކުށެއްކަމުގައި  ކަނޑައެޅުމުގެ ބަދަލުގައި، ވޭޕާއި ގުޅޭ ގަވާއިދުތައް ހަރުދަނާކުރުމަށެވެ.

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ

ގުޅުންހުރި ޓެގްސް