"ވަރަށް ވެސް ދަތި ފަތްތަރެއްގައި": ރާއްޖޭގެ ޒުވާން މަސައްކަތްތެރިންގެ ބޭނުން ހިފޭނެ ވަގުތު ފާއިތުވަނީ
"ޑިމްގްރަފިކް ޑިވިޑެންޓް" ގެ ބޭނުން ހިފޭނެ ވަގުތު ދަނީ ކުޑަތަންވަމުން.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
13 ޖޫން
ޗައިނީޒް ރެސްޓޯރެންޓެއްގެ މޭޒެއްގައި ތިބެގެން ސިޔާސީ، އިގްތިސާދީ އަދި މިއުޒިކްއާ ގުޅޭ ވާހަކަތައް ދެއްކީމެވެ. އެހެންނަމަވެސް، އެކި މައުޟޫތަކުގެ ތެރެއިންވެސް އެންމެ ތަކުރާރުކޮށް ދެކެވުނު ވާހަކައަކީ ޒުވާނުންނަށް އޮތް ވަޒީފާގެ ފުރުސަތުތައް މަދުވެފައިވާކަމާއި، ޒުވާނުންނަށް ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅުޖައްސަން އުނދަގޫވެފައިވާ ވާހަކައެވެ.
މިގައުމުގެ ވަޒީފާއަދާ ނުކުރާ އާބާދީގެ 35 އިންސައްތަ އަކީ ޒުވާނުންނެވެ. ޒުވާނުންގެ ތެރެއިން ހިމެނޭ ވަޒީފާ އަދާކުރާ ގިނަ ފަރާތްތައް ބުނާ ގޮތުގައި، އެމީހުން އަދާކުރާ ވަޒީފާތަކުގައި ގިނަ ވަގުތު މަސައްކަތްކުރަން ޖެހުނަސް ލިބޭ އާމްދަނީ ވަރަށް ކުޑައެވެ. އަދި މިކަމުގެ ސަބަބުން ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށްކުރާ އަސަރުތައް ވަރަށް ބޮޑެވެ.
"އަޅުގަނޑުމެން ހަގީގަތުގައިވެސް މިތިބީ ވަރަށް ދަތި ފަތްތަރެއްގައި. ހީވަނީ ކޮންމެ ދުވަހަކަށްވުރެ އަނެއްދުވަހު ކަންކަން ގޯސްވަމުންދާހެން،" 29 އަހަރުގެ ފްރީލޭންސަރަކު ބުންޏެވެ. މީނާއަކީ ހުޅުމާލޭގައި ހުޅުވާފައިވާ މި އައު ރެސްޓޯރެންޓަށް އައިސްފައިވާ ގްރޫޕުގެ ތެރެއިން މީހެކެވެ.
18 އަހަރާއި 35 އަހަރުގެ ޒުވާނުންގެ ތެރެއިން ގާތްގަނޑަކަށް ހަތަރު ބައި ކުޅަ އެއްބައި މީހުންނަކީ ވަޒީފާ، ކިޔެވުން ނުވަތަ ޓްރެއިނިންއެއްގައި މިވަގުތު ނެތް މީހުންނެވެ. މިއީ ގާތްގަނޑަކަށް މުޅި މާލޭގެ އާބާދީކަމަށް ބެލެވޭ، 117،076 ޒުވާނުންގެ އަދަދެކެވެ. އެހެންނަމަވެސް، މީގެ ކުރިން ދުވަހަކުވެސް ހިމެނިފައިނުވާ މިންވަރަކަށް މިގައުމުގެ މަސައްކަތްކުރާ އާބާދީގައި ކިޔަވައިގެން ތިބި ޒުވާނުން އެބަތިއްބެވެ. 18 އަހަރާއި 64 އަހަރާ ދެމެދުގެ މަސައްކަތްކުރާ އުމުރުފުރާގެ އާބާދީގެ 45 އިންސައްތައަކީ ޒުވާނުންނެވެ.
އިކޮނޮމިސްޓުންނާއި ޑޭޓާ އެނެލިސްޓުން ކިޔާ ގޮތުގައި މިއީ "ޑިމްގްރަފިކް ޑިވިޑެންޓް" އެކެވެ. މީގެ މާނައަށް ބަލާއިރު، ޑިވިޑެންޓްގެ މާނައަކީ އިތުރުވެފައިވާ މަންފާއެއް ނުވަތަ ސަރޕްލަސްއެކެވެ. މީގެން މި ދައްކުވައިދެނީ ރާއްޖޭގައި މިވަގުތު މުސްކުޅިވަމުން އަންނަ އަދި ކުޑަކުދީންގެ އާބާދީއަށް ވުރެ ޒުވާން މަސައްކަތްތެރިންގެ އާބާދީ ގިނަވެފައިވާކަމެވެ. އެހެންކަމުން، މި ޒުވާން ކިޔަވައިގެންތިބި މަސައްކަތްތެރިންގެ ބޭނުން ރަނގަޅު ގޮތުގައި ހިފިއްޖެނަމަ، ރާއްޖޭގެ އުފެއްދުންތެރިކަމާއި ކުރިއެރުން ތަނަވަސް ވެގެންދިއުމުގެ ފުރުސަތު އެބައޮތެވެ.
މިކަމުގެ މާހިރުން ވިދާޅުވާ ގޮތުގައި، މި ފުރުސަތުގެ ބޭނުން ހިފޭނީ ހަރުދަނާ ފިޔަވަޅުތަކެއް ހަލުވިކަމާއެކު އެޅިގެންނެވެ. މިގޮތުން، ހަރަދުކުޑަގޮތެއްގައި އިޖްތިމާއީ ހިދުމަތްތައް ފޯރުކޮށްދީ، ޒުވާނުންގެ ހުނަރުތައް ތަރައްގީކުރުމަށް ޕްރޮގްރާމްތައް ހިންގައި، އުފެއްދުންތެރިކަމުގެ ދާއިރާއާއި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާ ފަދަ އަލަށް އުފެދެމުން އަންނަ ދާއިރާތަކަށް ފައިސާ އިންވެސްޓްކުރުން ފަދަ ކަންކަން މީގެ ތެރޭގައި ހިމެނެއެވެ.
ބަންދުވަމުން އަންނަ ފުރުސަތެއް
މި ހަނި ފުރުސަތު، ކުރިއަށް އޮތް ދިހަ އަހަރު ނިމެންވާއިރަށް ބަންދުވެގެންދާނެއެވެ. މިހާރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މި މުއްދަތަށްފަހު އާބާދީގެ ބޮޑުބައި ވެގެން ދާނީ މުސްކުޅިވަމުން އަންނަ އާބާދީއަކަށެވެ. މި އާބާދީގެ އެވްރެޖު އުމުރުކަމުގައިވާނީ 35 އަހަރެވެ.
"2026 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖޭގެ އާބާދީގެ ފަސް ބައި ކުޅަ އެއްބައި ވާނީ 65 އަހަރުން މަތީގެ މީހުންނަށް،" މިދިޔަ ހުކުރު ދުވަހު ދުނިޔޭގެ އާބާދީގެ ދުވަހާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ ދެއްވި ޚިތާބެއްގައި އެމަނިކުފާނު ވަނީ ފާހަގަކޮށްފައެވެ. އަދި ރައީސްވަނީ ދަރިމައިވުމުގެ ދުޅަހެޔޮކަން އިތުރުކުރުމަށާއި، ތައުލީމުގެ ފެންވަރު މަތިކޮށް، ރަނގަޅު ފެންވަރުގެ ބޯހިޔާވަހިކަން ފޯރުކޮށްދީ، ޖުމްލަ ގޮތެއްގައި ހުރިހާ ދިވެހިންގެ އިޖްތިމާއީ އަދި އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްތައް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
މިހާރު ދިވެހިންގެ އުމުރު އިތުރުވެފައިވީނަމަވެސް، ދިވެހިން ވިހާ ކުދީންގެ އަދަދު ވަނީ މަދުވެފައެވެ. ދާދި ފަހުން ހަދާފައިވާ ދިރާސާ އަކުން ދައްކާފައިވާ ގޮތުގައި ކުދިން ހޯދުން މަދުވެފައިވާ އެންމެ ބޮޑު އެއް ސަބަބަކީ ދިރިއުޅުގެ ޚަރަދުތައް އުފުލިގެންދިއުމެވެ.
"ދިރިއުޅުމުގެ ޚަރަދުތައް މިހިރީ އަތްނުފޯރާފަށުގައި. އަސާސީ ކާބޯތަކެތި ގަތުމާއި، ބިލްތަކާއި ކުލި ދެއްކުމަކީ، އާދައިގެ މުސާރައެއް ލިބޭ މީހަކަށް މިހާރު ފަސޭހަކަމާއެކު ކުރެވޭނެ ކަމެއްނޫން. ކޮންމެ އަހަރަކުވެސް ކުރަންޖެހޭ ޚަރަދުތައްދަނީ އިތުރުވަމުން، ތަކެތީގެ އަގު ދަނީ އިތުރުވަމުން،" ދާދި ފަހުން ކޯހެއް ފުރިހަމަކޮށްފައިވާ، އިންސާނީ ވަސީލާތްތައް ކުރިއެރުވުމާ ގުޅޭ ދާއިރާއިން ވަޒީފާއެއް ހޯދުމަށް މަސައްކަތްކުރަމުން އަންނަ ޒުވާނަކު ބުންޏެވެ.
"މިބުނި ޚަރަދުތަކުންކުރެ ޚަރަދެއް ކުރަން ނުޖެހި، ނުވަތަ އާއިލާގެ ފަރާތުން ބަރާބަރަށް ފައިސާ ނުލިބި، ނުވަތަ ވަޒީފާއަކުން ވަރަށް ރަނގަޅު މުސާރައެއް ނުލިބި، މިތަނުގައި އާދައިގެ ދިރިއުޅުމެއް ނޫޅެވޭނެ،" އޭނާ ބުންޏެވެ.
2022 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މަސައްކަތްތެރިންގެ އާބާދީގެ ތެރޭގައި ވަޒީފާއެއް ލިބޭނެ ކަމުގެ އުންމީދު ދޫކޮށްލާފައިވާ ޒުވާނުން އިތުރުވެއްޖެއެވެ. މިއީ ގާތްގަނޑަކަށް މަސައްކަތްތެރިންގެ އާބާދީގެ 9.4 އިންސައްތައެވެ. އަދި މީގެ ތެރޭގައި ގިނައީ އަންހެނުންނަށްވުރެ ފިރިހެނުންނެވެ.
މެލޭޝިއާގައި ޓްރެވެލް އެންޑް ޓޫރިޒަމް ކިޔަވަމުން އަންނަ ދިވެހި ޒުވާނަކު ބުނެފައިވާގޮތުގައި، ކިޔަވައި ނިންމައިގެން އައިސް ރަނގަޅު ވަޒީފާއެއް ލިބުމުގެ ފުރުސަތު ވަރަށް ކުޑައެވެ.
"އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑަށް މީގެ ކުރިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާކަމީ ވަރަށް ބޮޑު ނަސީބެއް. މީގެ ބަދަލުގައި، ކޯސްތައް ނިންމައިގެން އަލަށް ވަޒީފާގެ ބާޒާރަށް ނިކުންނަ ޒުވާނުންނަށް ވަޒީފާ ހޯދުމަށް މާ ބޮޑެތި ދަތިތަކާ ކުރިމަތިވާނެ. ގިނަ ފަހަރު ކިޔަވައިގެން އައިސް އަޅުގަނޑުމެން މިޖެހެނީ އަޅުގަނޑުމެން ކިޔެވި ދާއިރާއާ ނުގުޅޭ މަސައްކަތްކުރަން،" އޭނާ ބުންޏެވެ.
މިއީ ޚާއްސަކޮށް ލިޔުންތެރިކަމާއި، ސަގާފަތާއި ފަންނުވެރިކަމުގެ އިތުރުން އިޖްތިމާއީ އަދި އިންސާނީ މަސައްކަތްތައް ފަދަ ހާއްސަ ދާއިރާތަކުގައި ފެންނަމުން އަންނަ މަންޒަރެކެވެ.
"ވަޒީފާއެއް ލިބުނަސް، މުސާރައަށް ލިބޭނީ ވަރަށް ކުޑަ އެއްޗެއް. އަދި ވަޒީފާގެ މަސައްކަތުގެ ސަބަބުން ވަރަށް ބޮޑަށް ބޯ ހަލާކުވޭ،" ޓެކް ދާއިރާގައި މަސައްކަތްކުރާ ޒުވާން ފިރިހެނަކު ބުންޏެވެ. މިއީ މިހާރު ސޯޝަލް މީޑިއާ އިންފްލުއެންޒާސް އާއި ޓިކްޓޮކް ވީޑިއޯތަކުގައި އާންމުކޮށް ދައްކަމުން އަންނަ ވާހަކައެކެވެ.
ކޮންމެ ދުވަހެއްގެ ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުން
ޗައިނީޒް ރެސްޓޯރެންޓްގައި ދައްކަމުންދިޔަ ވާހަކަ އައިސް ދެން ހުއްޓުނީ ކަންބޮޑުވުން އިތުރުވެފައިވާ ސުރުޚީތައްކަމުގައިވާ ތަކެތީގެ އަގު އުފުލި ހީނަރުވަމުން އަންނަ އިގްތިސާދާއި، ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަމާއި، ރާއްޖެއިން ނަގާފައިވާ ލޯންތައް އަނބުރާ ދެއްކުމުގެ ގާބިލިއްޔަތުކަމާ ގުޅިގެން އުފެދިފައިވާ ސުވާލުތަކަށެވެ.
މި އަގުހެޔޮ ރެސްޓޯރެންޓުން ކެއުމުގެ ބަދަލުގައި ގޭގައި ކައްކައިގެން ކެއުމުން ފައިސާ ސަލާމާތްކުވޭނެބާއެވެ؟ "މި އިގްތިސާދަކު ތިކަމެއް ނުވާނެ،" އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ބުންޏެވެ. އަދި ލޮލުން ކަރުނަ ހިލޭފަދަ، އުފުލިފައިވާ ކާބޯތަކެތީގެ އަގު އެންމެންވެސް ފާހަގަކުރިއެވެ.
"ކަންތައްތައް މިހާރު މިވަނީ ވަރަށް ގޯސްވެފައި. ގިނަ މީހުންނަށް މާ ގިނަ ދުވަހަކު އެއް ވަޒީފާއަކު ނުތިބެވޭ،" އުފެއްދުންތެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހަކު ބުންޏެވެ.
"އާންމުކޮށް ވަޒީފާއެއް އަދާކުރެވެނީ އެއް އަހަރުގެ މުއްދަތަކަށް. ވަޒީފާގެ ކުރިއެރުމުގެ ފުރުސަތުތަކެއް ނުހުރޭ، އަދި ކުރާ މަސައްކަތުގެ އެއްވެސް އަގެއް ނެތް،" މާކެޓިންގ ދާއިރާއިން ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރަކު ބުންޏެވެ.
އައިއެމްއެފް އަދި ވޯލްޑްބޭންކުން އަންދާޒާ ކުރާ ގޮތުން، ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 2025 ވަނަ އަހަރުގައި 5 އިންސައްތަ އިތުރުވާނެއެވެ. މިއީ ފަތުރުވެރިކަމުގެ ސަބަބުންނާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާރމިނަލް ހުޅުވުމާ ގުޅިގެން އަންނާނެކަމަށް ބެލެވޭ ކުރިއެރުމެވެ. މިއަހަރު މެއި މަހުގެ ނިޔަލަށް 5 އިންސައްތައަށް އުފުލިފައިވާ ތަކެތީގެ އަގުގެ ސަބަބުން އާންމު ރައްޔިތުން ކުރިމަތިލާންޖެހިފައިވާ ހަގީގަތާ އަޅާބަލާއިރު، ޖީޑީޕީއަށް އައި މި ކުރިއެރުމުގެ ފައިދާއެއް އަސްލު ނުފެނެއެވެ.
"ތަކެތީގެ އަގު މިހާ މައްޗަށް ގޮސްފައިވާއިރު، ސަރުކާރުން ހަދާ އުސޫލުތަކާ ގުޅިގެން އިތުރަށް ދަތިކަން އިހްސާސްކުރެވޭ. ޓީމޫ ކަހަލަ މަޝްހޫރު އޮންލައިން ވެބްސައިޓަކުން ވިޔަފާރިކުރުމުން 30 އިންސައްތަ ނެގުން؟ ގެއަށް ބޭނުންވާ ތަކެއްޗާއި، އަސާސީ ބޭނުންތައްވެސް ފުއްދަން މިވަނީ ދަތިވެފައި،" މަޝްހޫރު ޗައިނާގެ ވިޔަފާރިކުރާ ވެބްސައިޓްތަކުން ސަރުކާރުން ނެގުމަށް ނިންމާފައިވާ ވިޔަފާރިކުރުމުގެ ފީއަށް އިޝާރާތްކުރަމުން، ބިއުޓީ އިންޑަސްޓްރީގައި މަސައްކަތްކުރާ ފުރާވަރުގެ ކުއްޖަކު ބުންޏެވެ.
ރޭގަނޑުގެ ކެއުން ނިއުމަކަށް އައިސް، ބިލް ގެނެސްދެވުނެވެ. ނޫޑްލްސް، ޑަމްޕްލިން އަދި ސޮފްޓް ޑްރިންކް ހިމެނުނު މި ކެއުމަށް އަރާފައިވަނީ އެންމެ 180 ރުފިޔާ (18 ޔޫއެސް ޑޮލަރ) އެވެ. މިއީ މިހާރުގެ އިގްތިސާދީ ހާލަތާ ބަލައި ވަރަށްވެސް ރަނގަޅު އަގެކެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ
ގުޅުންހުރި ޓެގްސް
އިތުރު ލިޔުންތައް

"ސަލާމަތުން ގޮސް، އަމިއްލަ ވަޒަނުގައި ދެން އަވަހަކަށް ނޫޅެވޭނެކަން އެނގުނު" ޝަހިންދާ އިސްމާޢީލް
27 ނޮވެމްބަރު

"ޕާޓީތަކާމެދު މާޔޫސްވެއްޖެ" - ވޯޓު ލާ ޢަދަދު މަދުވެ، އެފަރަގު ރަށްފުށާއި ސިޓީތަކުގެ ދެމެދު ބޮޑުވަނީ
02 ނޮވެމްބަރު

"ބާރުވެރިކުރުވާކަށް މީހަކަ ނާންނާނެ! އަހަރުމެން ބާރުވެރިވާންޖެހޭނީ އަމިއްލައަށް!" ހަތަރު ދައުރު ކައުންސިލަރަކަށް އިންތިޚާބުވި ސާމިޔާ
30 އޮކްޓޯބަރު

