ރިޒޯޓު ޑީލު، ކެމްޕޭނު އެހީ، މާލީ ލަފާ: އެޕްސްޓީނާ ރައީސް ވަޙީދުގެ ޚަވާއްޞަ ގުޅުން

"އެޕްސްޓީނަށާއި ތިބާގެ ރީތި ސްޓޫޑަންޓުންނަށް ހެޔޮދުޢާ ސަލާމް،"

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

02 ފެބްރުއަރީ
އަލަށް ޢާންމުކުރި ލިޔެކިޔުންތަކުން ދައްކާ ގޮތުގައި ކުރީގެ ރައީސް ޑރ މުހައްމަދު ވަޙީދު ޙަސަން މަނިކު ވަނީ ކުޑަކުދިންނަށް ޖިންސީ އަނިޔާދިން ކުށްވެރިޔާ ޖެފްރީ އެޕްސްޓީން  އަށް ލަގްޜަރީ ރިސޯޓް އިންވެސްޓްމަންޓް ޑީލުތައް ހުށަހަޅައި، ބައިނަލްއަޤްވާމީ ކޮންޓްރެކްޓްތައް ބްރޯކަރ ކުރުމާއި، އަމިއްލަފުޅު ޙަޔާތާބެހޭ ފޮތް ލިޔުމުގައި އެހީތެރިކަން ހޯއްދަވާފައެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ޖެނުއަރީ 30 ވަނަ ދުވަހު ޢާންމުކުރި ލިޔެކިޔުންތަކުން ހާމަވަނީ ކުރިން އެނގިފައިވާ ވަރަށް ވުރެ މާ ފުން އަދި ދިގު ގުޅުމެއް އެޕްސްޓީނާ ރައީސް ވަޙީދާ ދެމެދު އޮތް ކަމެވެ. މި ގުޅުން އެންމެ ފުރަތަމަ ފަޅާއަރުވާލީ މިދިޔަ ނޮވެމްބަރު މަހު އެމެރިކާގެ ހައުސް އޮވަރސައިޓް ކޮމިޓީން ޢާންމުކުރި ފައިލްތަކުގައި ރައީސް ވަޙީދު އެޕްސްޓީނަށް "އަހަރެންގެ ސަލާމަތްތެރިޔާ" އޭ ބުނެ މުޚާތަބުކޮށް، ސިޔާސީގޮތުންވެސް ގިނަ ލަފަޔާއި އިރުޝާދު އޭނާގެ ގާތުން ހޯދާފައިވުމާއި، އެކުގައި ފަރިއްކޮޅުތަކަށް ވަޑައިގެންފައިވާކަން ހާމަވުމުންނެވެ.
އަލަށް ޢާންމުކުރި ފައިލްތަކުގައިވާ ލިޔެކިޔުންތަކުގެ މުއްދަތަކީ 2012 އިން 2015 އަށެވެ. ރައީސް ވަޙީދާ އެޕްސްޓީން ބައްދަލުކޮށް، އެކުގައި ކައިބޮއި ހަދާފައިވަނީ ޢުމުރުން 18 އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކުގެ ހަށި ގަތުމަށް މަސައްކަތްކުރިކަމުގެ ކުށް އެޕްސްޓީނުގެ މައްޗަށް ޘާބިތުވެފައި ވަނިކޮށެވެ.
އިޢުތިރާފުގެ އެއްބަސްވުމެއްގެ ދަށުން އޭނާ ޖަލަށްލީ އެންމެ އެންމެ 13 މަސް ދުވަހުގެ މުއްދަތަކަށެވެ. އެއިޢުތިފާރުގެ އެއްބަސްވުމުގެ ސަބަބުން އިތުރު ބޮޑެތި ޖިނާޢީ ދަޢުވާތަކުން ސަލާމަތްވުމުގެ ފުރުސަތު އެޕްސްޓީނަށް ލިބޭކަން، ޢާންމުކޮށް އެނގި ހާމަވެފައި ވެއެވެ. ނަމަވެސް، އެޕްސްޓީނުގެ ޝިކާރައަކަށް ވެފައިވާ ކަމަށް ބުނާ އެތައް ބަޔަކު ގެންދިޔައީ ގެއްލުމުގެ ބަދަލު ހޯދާން މަދަނީ މިންގަނޑުން އޭނާގެ މައްޗަށް އެމެރިކާގެ ކޯޓުތަކުގައި ދަޢުވާ އުފުލަމުންނެވެ.
ސެޕްޓެންބަރު 2012 ގައި އދ. ގެ ޢާންމު މަޖިލިހުގެ ޖަލްސާއަށް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ޒިޔާރަތުގައި ރައީސް ވަޙީދު ވަނީ އެޕްސްޓީންގެ މެންހެޓަން ގެޔަށް ރޭގަނޑުގެ ފަރިއްކޮޅަކަށް ވަޑައިގެންފައެވެ. އެޕްސްޓީންގެ އެސިސްޓަންޓް ލެސްލީ ގްރޮފް ރައީސް ވަޙީދުގެ އަރިހުން ސުވާލުކުރައްވައެވެ؛ އަނބިކަނބަލުން އިލްހާމް ޙުސެއިން ބައިވެރިވެވަޑައިގަންނަވާނެ ތޯއާއި، ފަރިއްނުކުޅުއްވޭ ވަކި އެއްޗެއް ހުރޭތޯއެވެ. ޖަވާބުގައި ރައީސް ވަޙީދު ލިޔުއްވާފައިވަނީ އަނބިކަނބަލުންގެ ނަމަކީ "އިލްހާމް" ކަމަށާއި "އަހަރުމެން ކޮންމެ އެއްޗެއްވެސް ކައިބޮއި ހަދަން،" ކަމަށެވެ.
އޭގެ ދެ އަހަރު ފަހުން ރައީސް ވަޙީދު އަނެއްކާވެސް އެޕްސްޓީންގެ ގެކޮޅުގައި ރޭގަނޑުގެ ފަރިއްކޮޅަކަށް ޙާޟިރުވެވަޑައި ގަތެވެ. އޭޕްރީލް 2014 ގައި ފޮނުވި އީމެއިލްއަކުން ފެންނަ ގޮތުގައި އެއަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހުގެ ދަޢުވަތު  ރައީސް ވަޙީދު ޤަބޫލުކުރެއްވިއެވެ. ދަރިކަލުން ޖެފްރީ ސާލިމް ވަޙީދަށް މިމުޢާމަލާތު ސީސީ (ކޮޕީ) ކޮށްފައި ވެއެވެ. ޖެފްރީ ސާލިމް ވަޙީދަކީ އޭރު ނިއުޔޯކުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ ޗީފް އޮފް މިޝަންއެވެ.
ތާވަލުކޮށްފައިވާ ފަރިއްކޮޅު އޮތް ރޭގެ ކުރީ ރޭގެ ވަގުތެއްގައި، 9 އީސްޓް 71 ސްޓްރީޓްގައި ހުންނަ "ޖެފްރީގެ ގެ" ގައި ރައީސް ވަޙީދުގެ ދެބަފައިން އެޕްސްޓީނާ ބައްދަލު ކުރެއެވެ. މި ބައްދަލުވުމަށްޓަކައި އެޕްސްޓީނަށް ޝުކުރު އަދާކުރައްވައި، ދަރިކަލުން ފޮލޯއަޕް ކޮންޓެކްޓަކަށް ހަމަޖައްސަވާނެ ކަމަށް ރައީސް ވަޙީދު އެ އެރޭގެ ބައްދަލުވުމާ ގުޅޭގޮތުން އެޕްސްޓީނަށް ފޮނުއްވި އީމެއިލުގައި ލިޔެފައި ވެއެވެ. "ޖެފް ދިރިއުޅެނީ މިތާ މެންހަޓަންގައި، އެހެންވީމާ ބައްދަލުކޮށްލަން ބޭނުންފުޅުނަމަ ގުޅުއްވާލެއްވީމާ އޭނާ އުފަލާއެކު ބައްދަލުކުރަން ދާނެ،" ރައީސް ވަޙީދު ލިޔުއްވިއެވެ.
ޢާންމުކުރި އެޕްސްޓީންގެ ތާވަލު ބުނާގޮތުން ރައީސް ވަޙީދާ މެއި 18 ވަނަ ދުވަހުގެ ހަވީރު 5 އަށް އެޕޮއިންޓްމަންޓެއް ހަމަޖައްސާފައިވެއެވެ. މެއި 19 ވަނަ ދުވަހުގެ ހަވީރު 7 އަށް ރޭގަނޑުގެ ފަރިއްކޮޅު އެޕޮއިންޓުމަންޓެއްވެސް އޮތީ ހަމަޖައްސާފައިކަން، ޖަސްޓިސް ޑިޕާޓްމަންޓުން ޢާންމުކުރި ލިޔެކިޔުމުން ފާޅުވެއެވެ. 2013 ވަނަ އަހަރުގެ ޖެނުއަރީ މަހު ފޯނު ކޯލަކާއި 2013 ވަނަ އަހަރުގެ މާޗް މަހު ޕެރިހަށް ކުރި ދަތުރުގައި "ރިމައިންޑާރ" އެއްގެ މުޢާމަލާތު ހިނގާފައިވާކަންވެސް އެލިޔެކިޔުމުން އެނގެއެވެ.
ރައީސް ވަޙީދު މިހާރު ހުންނެވީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބުގެ މަޤާމުގައެވެ. އޭނާ ޢައްޔަން ކުރެއްވީ 2025 ވަނަ އަހަރުގެ މެއި މަހު “ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މަޞްލަޙަތުތައް ކުރިއެރުވުމުގައި އޭނާގެ ތަނަވަސް ތަޖުރިބާގެ ބޭނުންފުޅު ކުރެއްވުމަށް" ކަމަށް އޭރު ރައީސް އޮފީހުން ބުނެފައިވެއެވެ.
މީގެ ކުރިން ވެސް މިމައްސަލައިގައި ރައީސް ވަޙީދުގެ ބަހެއް ހޯދާން އެދުމުން ޖަވާބެއް ނުދެއްވައެވެ. ލިޔުން ޝާޢިއުކުރާ ވަގުތު ޖެހުނު އިރުވެސް ދަރިކަލުން ޖެފްރީ ސާލިމް ވަޙީދުގެ ޖަވާބަކަށް ޖެހުނީ އިންތިޒާރު ކުރާށެވެ. ޚަބަރެއް ނެތެވެ.

ޕްރައިވެޓް އައިލެންޑެއް ހަދަން ރަށެއް ވިއްކަން އުޅުން

2014 ވަނަ އަހަރުގެ މެއި މަހު ބޭއްވި ބައްދަލުވުމަށް ފަހު ރައީސް ވަޙީދުވަނީ އެޕްސްޓީނަށް 425 މިލިއަން އެމެރިކާ ޑޮލަރުގެ ލަގްޜަރީ ރިސޯޓު އިންވެސްޓުމަންޓު ޑީލުތަކެއް ހުށަހަޅާފައެވެ.
"މިއަދުގެ ބައްދަލުވުމަށް ޝުކުރިއްޔާ. ބައްދަލުވުމުގެ ކުރިން ތިޔަ ބޭފުޅާ ދިވެހިރާއްޖެއާ ބެހޭ ގޮތުން ހޯއްދަވާފައި ހުންނަ މިންވަރާއި، ކުރައްވާ ސުވާލުތަކުގެ ސަބަބުން އުފަލާއެކު އާޝޯޚްވޭ. ޖެފް އާއި އަހުރެންނަށް ވެސް ބައްދަލުވުން ވަރަށް ކަމުދިޔަ،" 2014 ވަނަ އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހު ރައީސް ވަޙީދު އެޕްސްޓީނަށް ލިޔުއްވާފައިވެއެވެ.
އެ އީމެއިލް ފޮނުވީ "ރައީސް ވަޙީދުގެ އައިޕެޑުން" ކަމަށް އީމެއިލުން އެނގޭން އެބައޮތެވެ. އޭރު ރިޔާސީ އިންތިޚާބުން އެންމެ ފަސް އިންސައްތަ ވޯޓުން ލިބިވަޑައިގެން، ބޮޑު ބައްޔަކުން ބަލިވެވަޑައިގަތްތާ އަށް މަސް ދުވަސް ފާއިތުވެއްޖެއެވެ.
2014 މޭ 18 ގައި އެޕްސްޓީނަށް ރައީސް ވަޙީދު ލިޔުއްވަނީ ވިޔަފާރި ބައިވެރިޔާ "ދީދީއާ އެކު ތަރައްޤީ ކުރަމުން ދިޔަ ދެ މަޝްރޫޢެއް" ގެ ވާހަކައިންނެވެ. މިއީ ވަން އެންޑް އޮންލީ ކަނުހުރާ ހިމެނޭ ގޮތަށް ރިސޯޓްތަކެއް ތަރައްޤީކުރި ދިވެހިރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ ސިމްޑީ ގްރޫޕްގެ ޗެއާމަން އިބްރާހިމް މުޙައްމަދު ދީދީ (ސިމްޑީ ޑީޑީ) ގެ ވާހަކައެވެ. ޑީޑީގެ އަނބިކަނބަލުން މަރިޔަމް ޝަކީލާ ވަނީ 2012 ވަނަ އަހަރުގެ މެއި މަހުން 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރައީސް ވަޙީދުގެ ކެބިނެޓްގައި ހެލްތު މިނިސްޓަރުކަން ހިމެނޭހެން މަސައްކަތް ކުރައްވާފައެވެ.
"ޕްރޮޖެކްޓް 1: ފުއްގިރި" އަކީ 25 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓަކާއެކު ވީވީއައިޕީ އިންނަށް އެކަނި ޚާއްޞަކޮށްފައިވާ އެކަހެރި ރަށެކެވެ. "ތިޔަ ބޭފުޅާއަށް ލިބިވަޑައިގަންނަވާނީ ގާތްގަނޑަކަށް 10 ވަރަކަށް ވިލާ ހިމެނޭ ކުޑަ ރީތި ޖަޒީރާއެއް، ކޮންމެ ވިލާއެއްގައި ތިން ހަތަރު ކޮޓަރި ހުންނާނެ. ރަށުގެ ކަންކަން ބޭރަށް ބަރޯސާނުވެ ފުރިހަމައަށް ހިންގޭނެ ގޮތަށް އަމިއްލަ ކަރަންޓާއި ފެނާއި އެފް އެންޑް ބީ (ފުޑް އެންޑް ބެވަރޭޖް)ގެ ޚިދުމަތް ލިބޭނެ،" ރައީސް ރައީސް ވަޙީދު ކުރިން ފޮނުއްވި އީމެއިލްގައި ލިޔުއްވާފައިވެއެވެ. މި މަޝްރޫޢު އަމާޒުކުރާނީ "މެދުއިރުމަތީގެ ޝާހީ ޢާއިލާތަކަށާއި އަޅުގަނޑުމެންގެ މުއްސަނދި ރަޝިޔާގެ ކްލައިންޓުންނަށް" ކަމަށްވެސް ރައީސް ވަޙީދު ލިޔުއްވިއެވެ.
ރައީސް ވަޙީދު ވިދާޅުވީ "މި ކުޑަކުޑަ ރަށުގެ މަޝްރޫޢަކީ އަމިއްލަ ކަމެއް، އަޅުގަނޑު އެކަމުގައި ބައިވެރިވާން އެދެން. އެރަށް ރީތި ކަމުން ހަމަ ކޮންމެ މީހަކަށް ވިއްކައެއް ނުލެވޭނެ. އެ ޖަޒީރާއިން ކުރެވޭނެ ކަންކަމާ މެދު ތިޔަބޭފުޅުންގެ ޚިޔާލުތައް ދެއްވުމީ އެކަމުގެ އަގުވަޒަންކުރާ ކަމެއް" ކަމަށެވެ. އެރަށުގެ މަތިން ނަގާފައިވާ ފޮޓޯތައްވެސް ރައީސް ވަޙީދުވަނީ އެއީމެއިލްގައި އެޓޭޗުކުރައްވާފައެވެ. ފަހުން އިތުރު ފޮޓޯތަކަކާއެކު އެހެން އީމެއިލެއް ފޮލޯއަޕެއްގެ ގޮތުގައި ފޮނުވާފައި ވެއެވެ.
ދެވަނަ ހުށަހެޅުމެއް ކަމަށްވާ "ޕްރޮޖެކްޓް 2: އިންނަހުރާ ކްލަސްޓާރ" ގައި ފަސް ރަށެއް ތަރައްޤީ ކުރުމަށް 400 މިލިއަން އެމެރިކާ ޑޮލަރު ހޯދާން ރައީސް ވަޙީދު ގެންދެވީ މަސައްކަތްޕުޅު ކުރައްވަމުންނެވެ. "ކްލަސްޓާރ އިންނަހުރާ މަޝްރޫޢު ވެގެންދާނީ ދިވެހިރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާޢާތުގައި ހިނގާ އެންމެ ނަން ހިނގާ ކަމަށް. އަޅުގަނޑާއި އަޅުގަނޑުގެ އެކުވެރިޔާ ޑީޑީ މި މަސައްކަތް ކުރަމުން މިދަނީ،" ރައީސް ވަޙީދު ލިޔުއްވާފައި ވެއެވެ. "އަޅުގަނޑުމެން މިވަނީ ފައިނޭންޝަލް ފީސިބިލިޓީ ސްޓަޑީއެއް ހަދާފައި، އެ ދިރާސާ އަޅުގަނޑަށް ފޮނުވިދާނެ." ރައީސް ވަޙީދު ލިޔުއްވާފައި ވެއެވެ.
އެ މަޝްރޫޢަށް ވާދަވެރި އިންވެސްޓަރަކު ހުރި ނަމަވެސް ޝަރުޠުތައް ހުރީ މާ ސަކާ ގޮތަކަށް ނޫންކަން ހާމަކުރައްވާ، ރައީސް ވަޙީދު އެޕްސްޓީނަށް މަޢުލޫމާތު ދެއްވާފައިވަނީ "ސިންގަޕޫރުގެ ޕާޓީން މިހާރު ވާހަކަ ދައްކަނީ،" ކަމަށާއި "އެކަމަކު އޮފާރ އަކީ ލޯކަލް ޕާޓީއަށް އެންމެ 10 ޕަސެންޓް، އަދި އެކުއިޒިޝަން ފީއެއްފެ ގޮތުގައި 10 މިލިއަން،" ކަމަށެވެ. "އަޅުގަނޑުމެންގެ ފަރާތުން އެދެނީ ލޯކަލް ޕާޓީއަށް 40 ޕަސެންޓް އިކުއިޓީ، އިންވެސްޓަރަށް އެކުއިޒިޝަން ފީއެއް ނުދިނުމަށް." ރައީސް ވަޙީދު ލިޔުއްވިއެވެ.
އަދި ބޭރުގެ އިންވެސްޓަރުންނަށް ފައިދާވާނެ ގޮތަށް ސިޔާސަތަށް ބަދަލު ގެންނާން އުޅޭކަން ރައީސް ވަޙީދު ފާހަގަކުރެއްވިއެވެ: "އުފާވެރި ޚަބަރެއް. ކުޑަ ދުވަސްކޮޅަކުން ހުރިހާ ރަށެއްގެ ކުލީ މުއްދަތު 99 އަހަރަށް އިތުރުކުރެވިދާނެ."
ރައީސް ވަޙީދު އެއީމެއިލް ނިންމަވާލެއްވީ "ތިޔަބޭފުޅާއާއި ތިޔަ ބޭފުޅާގެ ރީތި ދަރިވަރުންނަށް ހެޔޮއެދޭ" ކަމަށް ވިދާޅުވެއެވެ. އެޕްސްޓީންގެ ވަށައިގެން އެނބުރެމުންދިޔަ ޒުވާން އަންހެނުންނާއި އަންހެން ކުދިންނަށް އޭނާ ކިޔަނީ އެސިސްޓަންޓުން ނުވަތަ ސްޓޫޑެންޓުން (ދަރިވަރުން)ނެވެ. މިއީ އޭނާގެ ސެކްސް ޓްރެފިކިންގް އޮޕަރޭޝަންގެ ބައެއްކަން ފަހުން އެނގިފައި ވެއެވެ.

އެޕްސްޓީން ރާއްޖެއަށް ޒިޔާރަތްކުރުމުގެ ދަޢުވަތު

އެ މަޝްރޫޢުތައް ބަލާލުމަށް ދިވެހިރާއްޖެ އަށް ޒިޔާރަތް ކުރުމަށް ރައީސް ވަޙީދު އެޕްސްޓީނަށް ދަޢުވަތު ދެއްވިއެވެ. " ހޯސްޓް ކުރާނީ ޑީޑީ އާއި އަޅުގަނޑު،" ކަމަށާއި، ޑީޑީއާ ބައްދަލުކޮށް، މުނިފޫހިފިލުވުމުން އުފާވާނެކަމަށް ރައީސް ވަޙީދު ލިޔުއްވިއެވެ. "ދިވެހިރާއްޖެއަށް ވަގުތުކޮޅެއް ޝެޑިއުލް ކޮށްދެއްވާ، ހިތާމައެއް ނުކުރާނެ."
ރައީސް ވަޙީދު ހުށަހެޅުއްވީ ލަގްޜަރީ ރިޒޯޓާއި ހޮޓަލުގެ ސިނާޢަތުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަރާތްތަކާ އެޕްސްޓީން ގުޅުވައި ދިނުމަށެވެ: "އަޅުގަނޑުމެންނަކީ ސޯލް އަދި ސުލްޠާންގެ ވެސް ރަނގަޅު ރައްޓެހިންކަމުން އެއީ ބޭނުންތެރި ކަމެއް ކަމަށް ހީވާނަމަ އެމީހުންނާ މަޝްވަރާ ކުރެވިދާނެ." ރައީސް ވަޙީދު އެޕްސްޓީނަށް ހުށަހެޅުއްވިއެވެ.
"ސޯލް" އަކީ ވަން އެންޑް އޮންލީ ރީތީ ރަށް ފަދަ މަތީ ފެންވަރުގެ ރިޒޯޓު ދިވެހިރާއްޖޭގައި ތަރައްޤީކުރުމުގައި މުހިއްމު ދައުރެއް އަދާކުރި ދެކުނު އެފްރިކާގެ މަޝްހޫރު ހޮޓެލިއަރު ސޮލް ކާރޒްނާރ އެވެ. 2020 ގައި އޭނާ މަރުވެއްޖެއެވެ.
"ސުލްޠާން" އޭ ނިސްބަތްކުރާ މީހަކީ އެޕްސްޓީންގެ އެހެން އީމެއިލްތަކުގައިވެސް ފާހަގަވާ ނަމެކެވެ. އެއ ޑީޕީ ވޯލްޑްގެ ޗެއާމަން އަދި ސީއީއޯ ސުލްޠާން އަޙްމަދު ބިން ސުލައިމް އެވެ. ޖެބެލް ޢަލީ ފްރީ ޒޯން ހިމެނޭ ގޮތަށް ދުބާއީގެ ބޮޑެތި ޑިވެލޮޕްމަންޓްތަކުގެ ފަހަތުގައި ހުންނެވި ސުލްޠާން، ޕާމް އައިލެންޑްސް ފަދަ މަޝްރޫޢުތަކުގައި ނަކީލް އާއެކު މަސައްކަތް ކުރެއްވިއެވެ. އެޕްސްޓީން ވަނީ ސުލައިމް އާއި ޖޭޕީ މޯގަންގެ ކުރީގެ ބޭންކަރު ޖެސް ސްޓޭލީއާރ ދެމެދު ބައްދަލުވުންތައް ހަމަޖައްސައިދީ، ދުބާއީ ވޯލްޑް ޕޯޓްތަކާ ގުޅޭ ޑީލްތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ.
އެހެންވީމާ ސުލައިމްގެ ޑީޕީ ވޯލްޑްގެ ނަން މިހާރު އޮތީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުގެ ތެރޭގައެވެ. ޖެނުއަރީ މަހުގެ ކުރީކޮޅު ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި ރައީސް މުޙައްމަދު ނަޝީދު ވަނީ ތިލަފުށީ ވިޔަފާރި ބަނދަރު ޑީޕީ ވޯލްޑާ ޙަވާލުކުރަން ރާވާފައިވާ ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ޕްރޮޕޯސަލް ލިބުނުކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް ތިލަފުށީ ވިޔަފާރި ބަނދަރު ވިއްކާން ރާވާފައިވާކަން އިންކާރު ކުރައްވާފައެވެ.
އަލަށް ޢާންމުވި އެޕްސްޓީންގެ ފައިލްތަކުން ސުލައިމް އާއި އެޕްސްޓީން އާއި ދިވެހިރާއްޖެއާ ގުޅުން އޮތްކަން ކަށަވަރުކޮށްދެއެވެ. ޖުލައި 1، 2014 ގައި ސުލައިމް ވަނީ ރައީސް ޔާމީނާ ބައްދަލު ކުރެއްވި ކަމަށް ރިޕޯޓް ކުރައްވައި "އެޓް މޯލްޑިވްސް" ގެ މަޢުޟޫއުގައި އެޕްސްޓީނަށް އީމެއިލް ކުރައްވާފައެވެ. "އަޅުގަނޑުމެން އެމީހުންގެ ބަނދަރާއި ލޮޖިސްޓިކް ޕާކަށް އިންވެސްޓް ކުރާނަން، މި މަޝްރޫޢަށް ފައިނޭންސް ކުރަނީ ޗައިނާއިން،" ސުލައިމް ލިޔުއްވާފައިވެއެވެ. "ރައީސް ވަރަށް ސްމާޓް، އޭނާއަށް އެނގޭ އޭނާ ބޭނުންވާ ކަންތައްތައް، އިންޑިއާގެ ވިޔަފާރިވެރިން ޝައުޤުވެރި ކުރުވުމަށް ފައިނޭންސް ސެންޓަރެއް ތަރައްޤީ ކުރަން ލަފަޔާއި އެހީތެރިކަމަށް އޭނާ އަޅުގަނޑުގެ ކިބައިން އެދިވަޑައިގެންނެވި. ވަރަށްވެސް ޝައުޤުވެރި." ސުލައިމް ކިޔައިދެއްވިއެވެ.
މީގެ ކުރިން ޑީޕީ ވޯލްޑް ޑީލެއް ރައީސް ޔާމީންގެ ރިޔާސީ ދައުރުގައި މަޝްވަރާ ކުރިއެވެ. 2015 ވަނަ އަހަރު އެޚިޔާލު ދޫކޮށްލިއެވެ. ހަމަ އެ އަހަރުގެ މާޗް މަހު ޑީޕީ ވޯލްޑާ އެކު އެމްއޯޔޫއެއްގައި ދިވެހި ދައުލަތުގެ ފަރާތުން ސޮއިކުރިއެވެ، ސޮއިކުރެއްވީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނާއިބް ރައީސްގެ މަޤާމުގައި ހުންނެވި އަޙްމަދު އަދީބެވެ. ސަރުކާރުގެ އިންވެސްޓްމަންޓު ބޯޑުން ފަހުން ނިންމީ އެއީ ދިވެހިރާއްޖެއަށް ފައިދާހުރި އެއްބަސްވުމަކަށް ނުވާ ކަމަށެވެ.
މީގެ ތިން އަހަރު ކުރިން ފޯވާޑް ކުރި އީމެއިލްއަކުން ދައްކާ ގޮތުގައި ރައީސް ވަޙީދާއި އެޕްސްޓީނާއި ޑީޕީ ވޯލްޑްގެ ޗީފް އެގްޒެކެޓިވްއާ ގުޅުން އޮވެއެވެ. ނޮވެމްބަރު 18، 2012 ގައި ރައީސް ވަޙީދުގެ ވިޔަފާރި ޕާޓްނަރު ސިމްޑީ ޑީޑީ ރިސޯޓް އިންވެސްޓްމަންޓް ޑީލްތަކުގައި ސުލައިމަށް ލިޔުއްވައި، ކެމްޕޭނަށް އެޕްސްޓީންގެ ފަރާތުން ދޭނެ ކަމަށް ބުނި އެހީތެރިކަމުގެ ވާހަކައިން އޮޅުންފިލުވާފައެވެ. "ޢިއްޒަތްތެރި ރައީސް ވިދާޅުވީ ތިޔަބޭފުޅުންގެ އެކުވެރިޔާ ޖެފްރީ ވިދާޅުވެފައޭ އޮތީ ކެމްޕޭން ސްޓްރެޓެޖިސްޓެއް ފޮނުވާނެ ކަމަށް. ވަޙީދު ވިދާޅުވީ މިއީ އެ އެހީ ހޯދާންވީ ވަގުތޭ،" ޑީޑީ ސުލައިމަށް ލިޔުއްވިއެވެ.
ސުލައިމް އެޕްސްޓީނަށްވެސް ފޯވަޑުކުރި ޑީޑީގެ މި އީމެއިލްގައި މާލޭ ކައިރީގައި ހިންގި ބިންހިއްކުމުގެ މަޝްރޫޢަކަށް ޢިޝާރާތްކޮށްފައި ވެއެވެ. "ވަރަށް އަވަހަށް ދިވެހިރާއްޖެއަށް، ޚާއްޞަ ޑްރެޖަރެއް އަންނާނެ ކަމަށް ބެލެވޭ،" ޑީޑީގެ އީމެއިލްގައި ވެއެވެ.

ބިޑު ނުކޮށް ކުއްޔަށް

ރައީސް ވަޙީދު ފޮނުއްވި އިންވެސްޓްމަންޓް ޕްރޮޕޯސަލަށް ފަހު އެޕްސްޓީން ވަނީ ޝައުޤުވެރިކަން ފާޅުކޮށް، ކޮންމެ ޕްރޮޖެކްޓެއްގެ ބަޖެޓާ ބެހޭ ގޮތުން ސުވާލުކޮށް، "ޒިޔާރަތްކުރަން އެދެން،" ކަމަށް ބުނެފައެވެ. އެ ޑީލު ކުރިއަށް ހިނގައިގަންނަ ގޮތެއް ނުވިއެވެ.
ސެޕްޓެމްބަރު 2015 ގައި ދުބާއީގައި ހުންނަ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ލިމިޓެޑަށް 1.55 މިލިއަން އެމެރިކާ ޑޮލަރަށް ބިޑަށް ހުޅުވާނުލައި، އެރަށް ކުއްޔަށް ދިނެވެ.
ރައީސް ޔާމީންގެ މައްޗަށް މިހާރު ޝަރީޢަތް ހިނގަމުންދަނީ އެރަށް – ފުއްގިރި ރިސޯޓް ޑީލްއާ ގުޅޭ ދަޢުވާތަކަކާ ގުޅިގެންނެވެ. މިއީ ރައީސް ޔާމިންގެ ވެރިކަމުގައި ހިންގި 90 މިލިޔަން ޑޮލަރުގެ އެމްއެމްޕީއާރްސީ ބޮޑު ޚިޔާނާތުގައި ހިމެނޭ މަޝްހޫރު ފުއްގިރިއެވެ.
ތުހުމަތު ކުރެވެނީ ބިޑަކާ ނުލައި ފުއްގިރި ކުއްޔަށް ދިނުމުގެ ބަދަލުގައި 1.1 މިލިއަން އެމެރިކާ ޑޮލަރުގެ ރިޝްވަތެއް ރައީސް ޔާމިން ބަލައިގަތް ކަމަށެވެ. ތުހުމަތު ކުރެވޭ ރިޝްވަތަކީ އިނގިރޭސި ވާޖިން އައިލެންޑްސްގެ ކުންފުންޏެއް ކަމަށްވާ އޭ އެންޑް އޭ ހޯލްޑިންގްސް ގްރޫޕް ލިމިޓެޑުން ރައީސް ޔާމިންގެ އަރިސް ބޭފުޅަކަށް ޖަމާކޮށްދީފައި، އޭގެ ފަހުން ޚުދް ރައީސް ޔާމިންގެ އެކައުންޓަށް ރީޑައިރެކްޓް ކުރި ރިޝްވަތެއްކަމަށް ތުހުމަތުކުރެއެވެ. ޕެންޑޯރާ ޕޭޕަރސް އަށް ބިނާކޮށް އޯސީސީއާރުޕީން ކުރި ތަޙްޤީޤެއްގައިވާ ގޮތުން އޭ އެންޑް އޭ ހޯލްޑިންގްސްގެ ޙަޤީޤީ މިލްކުވެރިންނަކީ  އިންޑިއާގެ ނުފޫޒުގަދަ ޑިވެލޮޕަރު އަވިނާޝް ބޮސާލޭއާ ގުޅިގެން އުޅުނު އިންޑިއާގެ ވިޔަފާރިވެރިން ކަމުގައިވާ އަމިތު ކުމާރު ގާންދީ އާއި އޭނާގެ ބޭބެ އަވިނާޝް ކުމާރު ގާންދީ އެވެ.
ރައީސް ޔާމިންގެ ރިޝްވަތާއި މަނީ ލޯންޑަރިންގެ ޝަރީޢަތުގައި ހެކިބަސް ނެގުން ކްރިމިނަލް ކޯޓުން ނިންމާލީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގައެވެ. 2023 ވަނަ އަހަރުގެ ޖޫން މަހު އަޙްމަދު އަދީބުވަނީ އޭރުގެ ޓޫރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުންނަވައިގެން އެމްއެމްޕީއާރުސީ ޚިޔާނާތުގައި ފުރިހަމައަށް ބައިވެރިވެވަޑައިގެންނެވި ކަމަށް އިޢުތިރާފުވެވަޑައިގެންފައެވެ. ރައީސް ޔާމިންގެ އެންގެވުމަށް ފުއްގިރީ ކުއްޔަށް ހިފުމަށް ދުބާއީ ކުންފުންޏެއް ހިންގާ އިންޑިއާގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވި ކަމަށް އަޙްމަދު އަދީބު ހެކިބަސް ދެއްވިއެވެ. ކޯޓުގައި އޭނާ ވިދާޅުވީ ކުލީ އެއްބަސްވުމުގައި ސޮއިކުރީ "ކޮމިޝަން" ދައްކާނެ ކަމުގެ ޔަޤީންކަން ރައީސް ޔާމިނަށް ލިބިވަޑައިގަތުމަށް ފަހުގައެވެ.
ފުއްގިރީ މިހާރު ލިސްޓްކޮށްފައިވަނީ އާރިއާ ހޮޓެލް ޕާޓްނާރޒްގެ ރިޒޯޓެއްގެ ގޮތުގައެވެ.

މަޝްވަރާއާއި ކޮންސަލްޓަންސީ

ޖުލައި 28، 2012 ގައި އެޕްސްޓީން ވަނީ އޭރު ޖޭޕީ މޯގަންގެ ސީނިއާ ބޭންކަރެއް ކަމަށްވާ ޖެސް ސްޓޭލީ އަށް ރައީސް ވަޙީދުގެ އީމެއިލްއެއް ފޯވާޑްކޮށްފައެވެ. އެއީމެއިލްގައި ރައީސް ވަޙީދު ލިޔުއްވާފައިވަނީ ފައިނޭންސް މިނިސްޓަރާ ވާހަކަދައްކަވާފައި ވާކަމަށާއި، 10 އަހަރު ދުވަހުގެ މުއްދަތުން ދައްކާ ޚާލާޞްކުރާގޮތަށް، 1 އަހަރުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން 500 މިލިޔަން ޑޮލަރުގެ ލޯނެއް ނަގަން ބޭނުންވާކަމަށް ފައިނޭންސް މިނިސްޓަރ ވިދާޅުވެފައިވާ ކަމަށާއި، މިއީ މިހާރުގެ ބާޒާރުގެ އަގުމަގުކުރުން ހުރިގޮތުން ހަމަޖެހިދާނެ ކަމެއްތޯ ބައްލަވައިދެއްވުން އެދިވަޑައިންނަވާ ކަމަށެވެ.  
އޭގެ ދެ މަސް ފަހުން 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސް ވަޙީދު ޗައިނާއަށް ވަޑައިގެން ޕްރިމިއާ ވެން ޖިއާބާއޯއާ ބައްދަލު ކުރެއްވިއެވެ. އޭގެ ފަހުން ރައީސް ވަޙީދުގެ ވެރިކަމުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ޗައިނާއިން 500 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ހޯއްދެވިއެވެ. ޗައިނާއިން ފައިނޭންސް ހޯދާން އެޕްސްޓީން ލަފާދިންކަން ނުވަތަ ނޫންކަން އީމެއިލްތަކުން ސާފެއް ނުވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން ވަކިވިތާ ގާތްގަނޑަކަށް ދެ އަހަރު ފަހުން އެޕްސްޓީން ރައީސް ވަޙީދަށް އަނެއްކާވެސް އީމެއިލް ކުރިއެވެ. 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ އދ.ގެ ޢާންމު މަޖިލީހަށް ރައީސް ވަޙީދު ނިއުޔޯކަށް ވަޑައިގަންނަވާނެތޯ އެހިއެވެ. "އާ ރައީސް ގިނިކަންޏާ ވަޑައިންނަވާހާ މިންވަރަށް ހުންނެވީ އަމިއްލަ ނަފުސަށް މިހާރު އިތުބާރު ކުރައްވައިގެން،" ކަމުން، ވަޑައިނުގަންނަވާނެ ކަމަށް ރައީސް ވަޙީދު ޖަވާބު ދެއްވިއެވެ. ނަމަވެސް އަނެއްކާވެސް އެހެން ވިޔަފާރީގެ ކަމެއްގައި އެހީތެރިކަން ދެވިދާނެތޯ އެޕްސްޓީން ކުރެން އެއްސެވިއެވެ: "ދިވެހިރާއްޖޭގައި ޔޮޓް ޗާޓަރ ވިޔަފާރިއެއް ފަށާން އަޅުގަނޑާ ބައިވާނެ މީހަކު އެނގޭތޯ؟"
އެޕްސްޓީން ޖަވާބު ދިނީ: "ތަފްޞީލު؟؟" މިހެންނެވެ.
އޭގެ މަހެއްހާ ދުވަސް ފަހުން ރައީސް ވަޙީދު އެޕްސްޓީން ގާތު އެދިވަޑައިގަތީ 300 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑެތި މަޝްރޫޢުތަކަށް ކުވައިތުގައި ބިޑް ކުރަން ޝައުޤުވެރިވާ އެމެރިކާގެ ނުވަތަ ޔޫރަޕްގެ ކޮންސްޓްރަކްޝަން ކުންފުނިތަކާ ގުޅުވައިދިނުމަށެވެ. "ކުވައިތުގައި ހުންނަ އަޅުގަނޑުގެ ގާތް އެކުވެރިޔާގެ އެތެރޭގެ ކޮންޓެކްޓްތައް އެބަހުރި. ބިޑު ކާމިޔާބު ކުރުމުގެ ފުރުޞަތު ރަނގަޅު. ސަބަބަކީ އާ ޓައުންޝިޕް އެޅުމަށް ގާތްގަނޑަކަށް ދިހަ މަޝްރޫޢު ރާވާފައި އެބައޮތް. ފުރަތަމަ ބިޑަށް އިޢުލާންކުރާނީ ފެބްރުއަރީ މަހު،" ރައީސް ވަޙީދު ލިޔުއްވާފައި ވެއެވެ.
ރައީސް ވަޙީދު އެދިވަޑައިގަތް ކަންތަކުގެ ޚަބަރު އެޕްސްޓިން ވަގުތުން ފޮނުވީ އޭނާގެ އަރިސް މީހެއް ކަމަށްވާ ޑޭވިޑް ސްޓަރން އަށެވެ. އެޕްސްޓިންދެން ސްޓަރންއަށް ރައީސް ވަޙީދު ތަޢާރަފުކޮށްދިނީ: "މުހައްމަދަކީ ދިވެހިރާއްޖޭގެ ކުރީގެ ރައީސެއް، ތިބޭފުޅާއަށް އޭނާއާ ސީދާ މުޢާމަލާތް ކުރެވޭނެ."
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސްޓަރން އަކީ ޖޭޕީ މޯގަންގެ ކުރީގެ ބޭންކަރެކެވެ. އެޕްސްޓީންއާ ގާތް ގުޅުމެއް އޮވެގެން 2021 ވަނަ އަހަރު މަޤާމުން އިސްތިޢުފާ ދިން ޖޭޕީ މޯގަން އެންޑް ބާކްލޭސްގެ ކުރީގެ ސީއީއޯ ޖެސް ސްޓޭލީވެސް މިއީމެއިލްތަކުގައި ކޮޕީކޮށްފައި ވެއެވެ.
ޖުލައި 2015 ގައި ރައީސް ވަޙީދު ވަނީ ނިއުޔޯކަށް ޒިޔާރަތް ކުރައްވާ، އޭނާގެ ސިޔާސީ/ޕްރޮފެޝަނަލް ކެރިއަރާ ގުޅޭގޮތުން އެޕްސްޓީންގެ ލަފާ ހޯއްދަވާފައެވެ. "އދ ގެ ވަޒީފާއަކާ ގުޅޭ ގޮތުން ތިޔަބޭފުޅުންގެ ލަފާ ހޯދަން ބޭނުން،" ރައީސް ވަޙީދު ލިޔުއްވާފައި ވެއެވެ. ރައީސް ވަޙީދާ ބައްދަލުކުރާން އަވަހަށް ފުރައިގެން އައުމަށް އެޕްސްޓީން ހުށަހެޅިއެވެ. ނަމަވެސް އެޕްސްޓީންއާއި ރައީސް ވަޙީދުގެ ތާވަލު ދިމާނުވެގެން ބައްދަލުކުރީ، ފޯނުކޯލެއް މެދުވެރިކޮށެވެ.

އެޕްސްޓީންގެ ރާއްޖެ ދަތުރު

2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރައީސް މުޙައްމަދު ނަޝީދު ވެރިކަމުން ދުރުކޮށް، ނާއިބްގެ ގޮތުގައި ހުންނެވި ވަޙީދަށް ވެރިކަން ނަގުލުވިތާ 2 މަސް ދުވަސްވެސް ނުވަނީސް، އެޕްސްޓީން ވަނީ އޭނާގެ ދަތުރުގެ ޕްލޭންތަކާ ގުޅޭގޮތުން ޕްރައިވެޓް ޖެޓްގެ ޚިދުމަތްދޭ ފަރާތަކާ މަޝްވަރާ ކޮށްފައެވެ. "މިހާރުގެ ތާވަލު... މޭ 20 ގައި ދިވެހިރާއްޖެ، ތުރުކީ، ކަޒަކިސްތާން، ސިންގަޕޫރު، ސެންފްރާންސިސްކޯ، ރާންޗް، ނިއުޔޯކް، އެލްއެސްޖޭމ ރާންޗް – ޖުލައި އަށް." ޕްރައިވެޓް ޖެޓްގެ ޚިދުމަތްދޭ ފަރާތަށް އެޕްސްޓީން ފޮނުވޮ އީމެއިލްގައި ވެއެވެ.
އެ އީމެއިލްގެ ތާރީޚަކީ އޭޕްރީލް 4، 2012 އެވެ. އެ އީމެއިލް ކޮޕީކޮށްފައި ވަނީ އެޕްސްޓީންގެ އެހީތެރިޔާ ލެސްލީ ގްރޮފް އަށެވެ.
2013 ވަނަ އަހަރުގެ މެއި މަހުގެ ލިޔެކިޔުންތަކުން ޕްލޭންކޮށްފައިވާ ދަތުރެއްގެ ވަރުގަދަ ހެކިތައް ލިބެއެވެ. 2013 ވަނަ އަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހު އެޕްސްޓީން އޭނާގެ ޕައިލެޓާއި އެސިސްޓެންޓަށް އީމެއިލް ކޮށްފައި އެންގީ ދިވެހިރާއްޖެ ހިމެނޭ ބައިނަލްއަޤްވާމީ މަންޒިލަކަށް "ފްލައިޓް ޓައިމް ޕްލޭނެއް ތައްޔާރު ކުރުމަ" ށެވެ.
ދެ ދުވަސް ފަހުން، ދެ ދަހަރު އެޕްސްޓީންގެ ޕްރައިވެޓް ޖެޓްގެ ޕައިލެޓުކަން ކުރި ލެރީ ވިސޮސްކީ އެއީމެއިލުގެ ޖަވާބުގައި އެފަދަ ފްލައިޓު ޓައިމް ޕްލޭންތައް ފޮނުވާފައިވެއެވެ: ކަޒަކިސްތާނުން ދިވެހިރާއްޖެ އަށް (ފަސް ގަޑިއިރު 25 މިނެޓް) އަދި ދިވެހިރާއްޖެ އިން މިންސްކް (ފަސް ގަޑިއިރު 5 މިނެޓް - ކިއެވްގައި ތެޔޮ އަޅަން މަޑުކުރުން ހިމެނޭހެން) އަށެވެ.
މިދެދަތުރުގެ މުއްދަތުވެސް ރައީސް ވަޙީދުގެ ރިޔާސީ ދައުރުގެ ތެރެއަށް ވަދެއެވެ. އެއިން ދަތުރެއް އެޕްސްޓީން ކުރިކަމެއް ޔަޤީނެއް ނޫނެވެ.

ކެމްޕޭން ސްޓްރެޓެޖީ

ޢާންމުކުރި އެޕްސްޓީންގެ ލިޔުންތަކުން ހާމަވަނީ ރައީސް ވަޙީދު ވެރިކަމާ ޙަވާލުވި ހިސާބުން ފެށިގެން ރައީސް ވަޙީދަށް އެޕްސްޓީން ހުރީ ތާޢީދު ދީގެންނެވެ. ރައީސް ނަޝީދު އިސްތިޢުފާ ދެއްވައި، ރައީސް ވަޙީދު ރިޔާސަތާ ޙަވާލުވެވަޑައިގެންނެވި ފެބްރުއަރީ 7، 2012 ގައި އެޕްސްޓީން ވަނީ މަރުޙަބާގެ އީމެއިލެއް ރައީސް ވަޙީދަށް ފޮނުއްވާފައެވެ. އަދި މީގެ ކުރިން ފްރާންސްގައި ބައްދަލުވެފައިވާ ކަމަށް އެޕްސްޓީންގެ އީމެއިލްގައި ޢިޝާރާތް ކޮށްފައި ވެއެވެ.
"ޑރ ވަޙީދު، އަޅުގަނޑު ވަރަށް އުފާވެއްޖެ ދިވެހިރާއްޖެ މިހާރު ތިޔަބޭފުޅުންގެ އަތުގައި އޮތުމުން،" އެޕްސްޓީން ލިޔެފައިވެއެވެ. "އަޅުގަނޑުގެ ޕެރިސް އެޕާޓްމަންޓުގައި ތިޔަ ބޭފުޅާއާއި ސަލްމާން އަޅުގަނޑާ ބައްދަލުކުރިއިރު، އަޅުގަނޑުމެން ވިސްނީމު ތިޔަބޭފުޅުންގެ ޖަޒީރާތަކަށް ޒިޔާރަތް ކުރަން... މިހާރު ޒިޔާރަތްކުރުން އަދި މާ ބޮޑު ޝަރަފަކަށް ވެއްޖެ." އޭނާ އިތުރަށް ލިޔުނެވެ.
އޭގެ ދެ މަސް ފަހުން ރައީސް ވަޙީދު ވަނީ އެޕްސްޓީން އެހީއާއި މަދަދު ފޯރުވައިދިން ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. "ޝުކުރިއްޔާ ފޯރުކޮށްދިން ވަރުގަދަ ސަޕޯޓަށް. ބައިނަލްއަޤްވާމީ ނޫސްތަކާ މުޢާމަލާތް ކުރުމަށް ރޮރީ ގިލް ވަރަށް ބޭނުންތެރި ލަފާ ދެއްވި،" އޭޕްރީލް 28، 2012 ގައި ރައީސް ވަޙީދު އެޕްސްޓީނަށް ލިޔުއްވާފައި ވެއެވެ. ކޮމަންވެލްތު މިނިސްޓީރިއަލް ކޮމިޓީ – ސީމެގް ގެ ފަރާތުން ވެރިކަން ބަދަލުވި މައްސަލައިގައި އަދިވެސް އިޢުތިރާޟުތަކާއި ޝަކުވާތައް އުފުލަމުންދާކަމަށް ވެސް ރައީސް ވަޙީދުގެ އީމެއިލްގައި ވިދާޅުވެފައި ވެއެވެ.
ރައީސް ވަޙީދު ފާހަގަކުރެއްވީ އޭނާގެ ސަރުކާރަށް ކެނެޑާ އާއި އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރުންގެ ލޯއެޅުމާ ކުރިމަތިވެފައިވާ ކަމަށާއި "ނަހަމައިން ބާރު ބަދަލުކުރި" ކަމަށް އެބޭފުޅުން ޝައްކުކުރައްވާ ކަމަށެވެ. އަދި ދަތިކުރުމުގެ ފިޔަވަޅުތަކުގެ އިންޒާރު ދިން ކަމަށެވެ. ކުރީގެ ރައީސް ނަޝީދަށް "އެއިރުގެ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު] ޑޭވިޑް ކެމަރަންގެ ސަރުކާރުން ތާޢީދުކުރާ ކަމަށާއި ދެފަރާތަށް ހަމަހަމަގޮތެއްގައި މުޢާމަލާތުކުރުމަށް އެސަރުކާރަށް ވިސްނައިދޭން އުނދަގޫ ކަމަށް ވެފައިވޭ" ރައީސް ވަޙީދު އެޕްސްޓީން ގާތު ޝަކުވާ ބެންނެވިއެވެ.
"ތިޔަބޭފުޅުންގެ ދިވެހިރާއްޖޭ ޒިޔާރަތަށް އަޅުގަނޑު އިންތިޒާރު ކުރަމުން މިދަނީ. ސުލްޠާން ދައްކަވަމުން ގެންދަވަނީ މިތަނުގައި ބައެއް އިންވެސްޓްމަންޓްތައް ހިންގުމުގެ ފުރުޞަތު އޮތް ވާހަކަ،" ރައީސް ވަޙީދު އިތުރަށް ވިދާޅުވިއެވެ.
އެޕްސްޓީން ފައިލްތަކުގައި އެތައް ފަހަރަކު ނަން ހިމެނޭ އިނގިރޭސި ވިޔަފާރިވެރިއެއް ކަމަށްވާ އިއަން އޮސްބޯން އަށް ފޮނުވި ވަކި އީމެއިލްއެއްގައި ރައީސް ވަޙީދު ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ރޫޑަރ ފިން ކުންފުންޏަށް ކޮންޓްރެކްޓު ކޮށްފައިވާ ކަމަށާއި، "ނަޝީދުގެ ރައްޓެހިންނަށް ރޫޑަރ ފިންގެ ވާހަކަ އެނގުނު ހިސާބުން އެ މަސައްކަތްތައް ބަދުނާމު ކުރަން މަސައްކަތް ކުރި. ނަސީބަކުން ތިޔަބޭފުޅުން ތިއްބެވީ ތާޢީދު ދެއްވައިގެންކަން އެކަކަށްވެސް އެނގިފައެއް ނެތް؛ އެހެންވީމާ މީޑިއާގައި ތިޔަބޭފުޅުންނަށް އެއްވެސް ޙަމަލާއެއް ރައްދުވެފައިނުވާ ކަމަށް އުންމީދު ކުރަން."
އެމްއެމްޕީއާރުސީ މެދުވެރިކޮށް ރޫޑަރ ފިން ކުންފުންޏަށް 2012 ވަނަ އަހަރު ކޮންޓްރެކްޓް ޙަވާލުކުރުމުން، އެންމެ ތިން މަސް ދުވަހުގެ މަސައްކަތަށް 221،826 އެމެރިކާ ޑޮލަރު ބިލްކޮށްފައިވާކަން މޯލްޑިވްސް އިންޑިޕެންޑެންޓަށް މީގެކުރިން ލިބިފައިވާ އީމެއިލްތަކުން ދައްކައެވެ. މިއާ ޚިލާފަށް އޮސްބޯން އާ ކުރި އެއްވެސް މުޢާމަލާތެއްގެ ރަސްމީ ރެކޯޑެއް، ލިޔެކިޔުމެއް އޮތްކަމަކަށް ނުފެނެއެވެ.
ވަހީދާއި އެޕްސްޓީން އާއި ދެމެދު ފޮނުވި ޓެކްސްޓް މެސެޖްތަކުން ދައްކާ ގޮތުގައި ކެމްޕޭނަށް އެހީތެރިކަން ދިނުމަށް އެޕްސްޓީން ވަޢުދުވެފައި ވަނީ އީމެއިލް ރެކޯޑު ފެންނާން ހުރި ދުވަސްވަރަށްވުރެ މާ ކުރިންނެވެ. އޮކްޓޯބަރު 3، 2012 ގައި ކެލިފޯނިއާގެ ކެޓަލީނާ އައިލެންޑުން ރައީސް ވަޙީދު އެޕްސްޓީން އަށް މެސެޖު ކޮށްފައި ވަނީ "އަޅުގަނޑުގެ ކެމްޕޭންގައި އެހީތެރިވެދޭނެ މީހަކު ހޯދި ކަމަށްޓަކައި ވަރަށް އުފާވޭ،" ކަމަށެވެ. އެމީހާޔާ އަޅުގަނޑަށް ވާހަކަ ދައްކާލެވޭނީ ކޮން އިރަކުންތޯ؟" ސުވާލުކުރައްވާ، ރައީސް ވަޙީދު އެދިވަޑައިގަތީ އެ ކޮންސަލްޓަންޓް ނޮވެމްބަރު މަހުގެ ފަހުކޮޅު ދިވެހިރާއްޖެއަށް ޒިޔާރަތްކޮށް "ޙާލަތު ވަޒަންކޮށް، ]އިންތިޚާބުގެ[ ފުރަތަމަ ބުރަށް ބޭނުންވާ މަޝްވަރާތަކާއި ލަފާ ދިނުމަ"ށެވެ.
2013 ގެ ރިޔާސީ އިންތިޚާބަށް އެހީއަށް އެދިވަޑައިގެންފައިވާ ވުމާ ގުޅޭގޮތުން ޚަބަރު ސާފުކުރަން ސިމްޑީ ޑީޑީ ސުލޭމަށް ނޮވެންބަރު 2012 ގައި ލިޔުއްވިތާ 3 ދުވަސް ފަހުން އެޕްސްޓީން ވަނީ ސިޔާސީ ކޮންސަލްޓަންޓަކަށް ރައީސް ވަޙީދު ތަޢާރަފުކޮށް އީމެއިލްއެއް ފޮނުވައިފައެވެ.
މެކްގީ އަކީ ބޮސްޓަންގައި ހުންނަ ނިއުގްރޭންޖް ކޮންސަލްޓިންގް ގްރޫޕްގެ ރައީސް އެވެ. ރައީސް ވަޙީދަށް ތަޢާރަފު ކޮށްދިންތާ ތިން ދުވަސް ފަހުން މެކްގީ ހުށަހެޅީ "މިހާރު ހިންގާ ކެމްޕޭން އޮޕަރޭޝަންތަކުގެ އިތުރުން މިހާތަނަށް ކެމްޕޭންގެ ޖުމްލަ އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް މުރާޖަޢާ ކުރުމަށެވެ." ރައީސް ވަޙީދު ނޮވެމްބަރު 24 ވަނަ ދުވަހު ޖަވާބުގައި ލިޔުއްވީ، ކެމްޕޭންގެ ކޮންޓެކްޓު ޕޮއިންޓެއްގެ ގޮތުގައި އިސްމާޢީލް ޝަފީޢު ޢައްޔަން ކުރައްވައިފައި ވާކަމަށާއި، "ކުރިން އެދުނު ވޯޓާސް ޑޭޓާ އާއި އެހެނިހެން މަޢުލޫމާތު ވެސް އޭނާގެ އަތުގައި ހުންނާނެ" ކަމަށެވެ.
އަވަސްގޮތެއްގައި ރާއްޖޭގެ ފަސްގަނޑުގައި ހުރެގެން އެހީއާއި ލަފާ ދެވޭނެ ގޮތެއް އިންތިޒާމުކުރަން އެދިވަޑައިގެން، ރައީސް ވަޙީދު މެކްގީ ގާތުގައި ވިދާޅުވީ ވީހާ އަވަހަށް ރާއްޖެ ވަޑައިގަތުމަށެވެ. އޭގެ ދެ ދުވަސް ފަހުން މެކްގީ ވަނީ އެޕްސްޓީން ކޮޕީކޮށް، ހަތަރު އެޓޭޗްމަންޓެއް ހިމެނޭ ރަސްމީ ކެމްޕޭން ޕެކޭޖެއް ރައީސް ވަޙީދަށް ފޮނުވާފައެވެ.
އެ ލިޔެކިޔުންތަކުން ފެންނަނީ ރައީސް ވަޙީދަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ އެމެރިކާ ސްޓައިލްގެ ފުރިހަމަ ކެމްޕޭން އޮނިގަނޑެކެވެ. ކެމްޕޭނު ޓީމުގެ ރޯލުތައް ބަޔާންކޮށްފައިވެއެވެ. ވަކި ސަރަޙައްދުތަކަށް ކެމްޕޭނު މެނޭޖަރުން ލާން ލަފާ ދީފައި ވެއެވެ. ރަށްރަށަށް އަދި އަތޮޅު އަތޮޅަށް ޚާއްޞަ "ފީލްޑް ޑިރެކްޓަރުން"، "ނިއުގްރޭންޖް ކެމްޕޭން ސޮފްޓްވެއާ އެޕްލިކޭޝަންސް" މެނޭޖްކުރާ ޑޭޓާބޭސް ޑިރެކްޓަރެއް ނަގާން ރާވާފައިވެއެވެ. ބޭނުންވާނެ ޕްރެސް އޮޕަރޭޝަންސް ސްޓާފުންގެ މަޤާމުތައްވެސް މެކްގީ ފޮނުވި އޮނިގަނޑުގައި ވެއެވެ.
2012 ވަނަ އަހަރުގެ ޑިސެމްބަރު މަސް ޖެހުނުއިރު، ކެމްޕޭނުގެ މިމަސައްކަތް ގަނޑު ފަށައިގެން، އޮވެ ކުރިއަށް ދިޔައެވެ. ކްރިސްމަސް ދުވަހު އެޕްސްޓީން މެސެޖު ކުރިއެވެ: "ޚަބަރަކީ؟". ރައީސް ވަޙީދު ޖަވާބު ދެއްވިއެވެ: "މިތާނގާއި ހުންނަ އަހަރެންގެ ގޮލާ މަސައްކަތްކުރަނީ ޖިމް އާއެކު. އަދިވެސް މަސައްކަތް ކުރަނީ މިތަނުގައި ޓީމުތައް އިންތިޒާމު ކުރަން. އިންތިޚާބު އޮތީ ސެޕްޓެމްބަރު މަހު. މިވަގުތު ތަންކޮޅެއް މަޑުމަޑުން ކުރިއަށް އެބަދޭ، އެކަމަކު އާ އަހަރަށް ފަހު ޙަރަކާތްތައް ވަރުގަދަ ކުރުމުގެ އުންމީދުގައި."
ހަމަ އެ ޖަވާބުގައި ރައީސް ވަޙީދު އިތުރަށް ލިޔުއްވާފައިވަނީ އެޕްސްޓީންގެ ނެޓްވޯކުން އިތުރު އެއްބާރުލުން ހޯއްދަވަން އެދިވަޑައިންނަވާ ކަމަށެވެ. "އަޅުގަނޑަށް ބޭނުންވަނީ އޮސްބޯންގެ އިތުރު ސަޕޯޓެއް. އަޅުގަނޑުމެން މި ވާހަކަ ދައްކަނީ ރޯރީއާ، އޭނާ އަންނަނީ މެދުކެނޑިކެނޑިފައިވެސް އެހީތެރިވަމުން،" ރައީސް ވަޙީދު ލިޔުއްވިއެވެ. ރައީސް ވަޙީދު އިތުރަށް ލިޔުއްވީ "އަޅުގަނޑާ އެކު ކޮމިއުނިކޭޝަންސް ބައިގައި މަސައްކަތް ކުރަން މިތާ ދިވެހިރާއްޖޭގައި ފުލް ޓައިމް މީހަކު ބޭނުން. އެއީ ހަމައެކަނި ޔޫރަޕްގެ މީޑިއާއަށް އެއްޗެހި ލިޔެވޭނެ ފަންނުވެރި ގްރެޖުއޭޓް ދަރިވަރަކަށް ވިޔަސް އެންމެ ރަނގަޅު." ކަމަށެވެ.
ދިވެހިރާއްޖޭގައި ފުލުހުންގެ މަސައްކަތްތަކަށް އަމިއްލަ ޙައިޘިއްޔަތުން ފަންޑު ދިނުމަށް އެޕްސްޓީން ހުށަހެޅި ހުށަހެޅުން ވެސް މިމުޢާމަލާތްތަކުން ހާމަވެއެވެ. ޖުލައި 4، 2012 ގައި ރައީސް ވަޙީދު އެޕްސްޓީން ކުރެން އެދިވަޑައިގަތީ "ގޭންގް އެންޑް ކްރައިމް ރިޑަކްޝަން ސްޓްރެޓެޖީއެއް" އެކުލަވާލުމުގައި އެހީތެރިވުމަށް އެންވައިޕީޑީގެ ތަޖުރިބާކާރުން ހޯދުމަށް، ނިއުޔޯކްގެ މޭޔަރު މައިކަލް ބްލޫމްބާގްއާ ގުޅައިދިނުމަށެވެ. އެޕްސްޓީން ޖަވާބު ދިނީ އޭގެ ހަތަރު ދުވަސް ފަހުންނެވެ: "އަހަރެން ފަންޑު ކުރާނަން. ވާރޖިން އައިލެންޑްސްގައި ތިޔަފަދަ ޕްރޮގްރާމެއް އޮވޭ، ]ރާއްޖޭގެ ޙާލަތާ[ މާ ގުޅޭނެ" ކަމަށެވެ.
ރައީސް ވަޙީދުގެ ކެމްޕޭނަށް އެޕްސްޓީންގެ ފަރާތުން 2013 ވަނަ އަހަރުގެ ކުރީކޮޅު ވެސް އެއްބާރުލުން ދެމުން ދިޔަ އިރު، ފެބްރުއަރީ މަހު މެކްގީ ވަނީ ބޭސްލައިން ޕޯލިންގް މެމޮރެންޑަމް އަކާއެކު، މަސްތުވާތަކެތީގެ ތަފާސް ހިސާބުތަކާއި، އިންފްރާސްޓްރަކްޗާރ ޚަރަދުގެ ޢަދަދުތަކާއި، ކުދި ރަށްތަކުގެ ނާޒުކު ތިމާވެއްޓާއި އާބާދީއާބެހޭ މަޢުލޫމާތު ހިމެނޭ ގޮތަށް ސުވާލު ފުނިވަރެއް ރައީސް ވަޙީދަށް ފޮނުވާފައެވެ.
އެޕްސްޓީން ވަނީ ސްޓްރެޓެޖީ މަޝްވަރާތަކުގައި ބައިވެރިވެފައެވެ. ފެބްރުއަރީ 24، 2013 ގައި އޭނާ ތަޢުލީމާބެހޭ ސިޔާސަތެއް ހުށަހެޅިއެވެ. އެއީ ވަޔާރލަސް އައިޕެޑު މެދުވެރިކޮށް، ކުދި ރަށްރަށުގެ ދަރިވަރުންނަށް ފިލާވަޅު ފޮނުވޭނެ އިންތިޒާމެއް ރޭވުމަށެވެ. އެކަމަށް އަމިއްލަ ވިޔަފާރިވެރިންގެ ޝައުޤުވެރިކަން ލިބިދާނެކަމަށް އެޕްސްޓީން ލަފާކުރިއެވެ.
ފެބްރުއަރީ 27 ވަނަ ދުވަހު މެކްގީ ވަނީ ރައީސް ވަޙީދުގެ ރައީސްކަމުގެ ދުވަސްވަރު "ޒިނޭ" ގެ ކުށުގައި ޙައްދުޖެހުމުގެ ޙުކުމް އިއްވާފައިވާ އެހެނަސް ރޭޕް ޝިކާރައަކަށް ވެފައިވާ ޢުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާ ގުޅޭގޮތުން ބީބީސީ އާއި މޯލްޑިވްސް އިންޑިޕެންޑެންޓުން ލިޔުނު ލިޔުންތަކުގެ ލިންކް އެޕްސްޓީން އަށް އީމެއިލްކޮށްފައެވެ. "އިތުރު އެއްވެސް ކަމެއް ކުރިއަށް ދިއުމުގެ ކުރިން ]މިކަމާ[ މަޝްވަރާ ކުރަން ޖެހޭ ކަންނޭނގެ،" މެކްގީ ލިޔެފައިވެއެވެ. އެޕްސްޓީން ވަނީ އެ މެސެޖު ރެޑެކްޓް ކޮށްފައިވާ ރިސީވަރަކަށް ފޯވާޑްކޮށް، އެމީހުންނަށް ޔަގީންކަން ދީފައި: "އަހަރެން އެހީތެރިވެދެމުން ގެންދާނަން ހަމަގައިމުވެސް" ކަމަށެވެ.
މާޗް މަހުގެ ނިޔަލަށް ރައީސް ވަޙީގެ ދަރިކަލުން ޖެފްރީ ސާލިމް ވަޙީދު ވަނީ ކެމްޕޭން ސްޓްރެޓެޖީ އީމެއިލްތަކުގައި ކޮޕީކޮށްފައެވެ. ރައީސް ވަޙީދު މެކްގީއަށް ސިޔާސީ ކަންކަމާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވިއެވެ. ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަހު ރިޔާސީ ބަޔާން ނުދެއްވި 5 ގަޑިއިރު މަޑުކުރައްވާފައި ގެޔަށް ވަޑައިންނަވާން ޖެހިވަޑައިގަތް ވާހަކައާއި، "މަގުމަތީގެ މުޒާހަރާތަކުން ފެށުނު" ރައީސް މުޙައްމަދު ނަޝީދުގެ ޓެރަރިޒަމް ޝަރީޢަތުގެ ޚަބަރު މީގައި ހިމެނެއެވެ.
ނޮވެމްބަރު 2012 ގައި "އިބްތިދާޢީ ސުވާލުތައް" މި މައުޟޫއު ލިޔެފައިވާ އީމެއިލްއެއްގައި އެޕްސްޓީން ވަނީ ވޯޓުލާ މަރުކަޒުތަކަށް ވޯޓަރުން ބެހޭގޮތާ ގުޅޭގޮތުން ސުވާލުކޮށްފައެވެ. އަދި ރައީސް ނަޝީދު އިސްތިޢުފާ ދެއްވުމާއި، ރައީސް ވަޙީދު ވެރިކަމަށް ވަޑައިގަތުމާއެކު ދިމާވެގެން އައި ކަންކަމުގެ ފަސްފަހަތުގައިވާ ޙަޤީޤަތްތަކާއި، ރާއްޖޭގައި އިސްލާމީ ޝަރީޢަތުގެ ކަންކަން ހުރިނެތްގޮތުގެ ވާހަކައިން އެޕްސްޓީން ރައީސް ވަޙީދާ ސުވާލު ކުރިއެވެ.
އެޕްސްޓީން އިތުރަށް ބުނީ ފެބްރުއަރީ 2012 ގައި ވެރިކަން ބަދަލުކުރި މައްސަލައިގެ މައްޗަށް ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރި (ކޯނީ)އިން އެކުލެވި ރިޕޯޓު ކިޔާފައިވާ ކަމަށެވެ. ނަމަވެސް އެއީ "ދުނިޔެ ޤަބޫލުކުރުވަން އެފަރާތްތަކުން އެދޭ ކަންތައްތަކެއް ހިމަނައިގެން، ރީތިކޮށް ދައުލަތުން ކަންހިނގި ގޮތްކަމަށް ބުނާ ގޮތަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ދައުލަތުގެ ލިޔުމެއް" ކަމަށް ބުނެ، އެނާވަނީ ރިޕޯޓުގެ ޞައްޙަކަމާމެދު ސުވާލު އުފައްދާފައެވެ.
ސެޕްޓެމްބަރު 1، 2013 ގެ ރިޔާސީ އިންތިޚާބު ކައިރިވަމުން ދިޔައިރޔ އެޕްސްޓީން ވަނީ ރައީސް ވަޙީދަށް "ގުޑް ލަކް" އޭ ލިޔެ މެސެޖުކޮށްފައެވެ. އޭގެ މަހެއްހާ ދުވަސް ފަހުން ރައީސް ވަޙީދު ވަނީ ފޮރިން މިނިސްޓްރީ އިން ތައްޔާރުކުރި އިންފޮމޭޝަން ބްރީފް އެޕްސްޓީނަށް ފޮނުއްވައި، އިންތިޚާބާ ގުޅޭ ޝަކުވާތައް އޭނާއާ ޙިއްސާކޮށްފައެވެ.
"އިންތިޚާބު މިވަނީ ހީކުރި ވަރަށް ވުރެ އުނދަގޫ ގޮތަކަށް. އިންޑިއާ އިން އިންތިޚާބަށް ހުރަސް އަޅަނީ. އަދި ފުރަތަމަ ބުރު ނަޝީދަށް ވަގަށް ނަގަން އެހީތެރިވެދީފައިވޭ،" ރައީސް ވަޙީދު އެޕްސްޓީނަށް ލިޔުއްވާފައި ވެއެވެ. "ސުޕްރީމް ކޯޓަށް މައްސަލަ ލައިފި. 48 ގަޑިއިރުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް އުންމީދު ކުރަން. މި ހަފްތާގައި އިންތިޚާބުގެ އާ ތާރީޚްތައް އެނގޭނެ." ކަމަށްވެސް ލިޔުއްވިއެވެ.
އޭގެ ފަހުން ސުޕްރީމް ކޯޓުން ވަނީ ފުރަތަމަ ބުރުގެ ނަތީޖާ ބާޠިލު ކޮށްފައެވެ. ނޮވެމްބަރު މަހު ބޭއްވި ދެވަނަ ބުރު ހަނިގޮތަކަށް ކާމިޔާބުކުރެއްވީ ރައީސް ނަޝީދު ބަލިކުރައްވާ، ރައީސް ޔާމިނެވެ.

އަމިއްލަ ޙަޔާތްޕުޅާބެހޭ ފޮތް

އޭގެ ގާތްގަނޑަކަށް ދެ އަހަރު ފަހުން ރައީސް ވަޙީދުވަނީ އޭނާގެ ޙަޔާތްޕުޅުގެ މައްޗަށް ލިޔުއްވާ ހަނދާނީ ފޮތް ލިޔުމާއި،ޝާޢިއުކުރުމުގައި އެޕްސްޓީންގެ އެހީއަށް އެދިވަޑައިގެންފައެވެ.
"އަޅުގަނޑު މި މަސައްކަތް ކުރަނީ ދިވެހިރާއްޖޭގެ ރިޔާސަތުގައި ހޭދަކުރި ފަސް އަހަރާ ބެހޭގޮތުން ޝާޢިއުކުރަން ޤަސްތުކުރާ ފޮތެއްގެ ކަންތަކުގައި އެހީތެރިވާނެ ލިޔުންތެރިއަކު ހޯދަން. އެކަން ކުރެވޭނެ ކޮމިއުނިކޭޝަން ބެކްގްރައުންޑް ހުރި އެމެރިކާގެ ޒުވާން އަންހެން ބޭފުޅަކު ހޯދިއްޖެ. މިކަމަށް ކޮންމެވެސް ވަރަކަށް ފައިސާ ނުވަތަ ޕަބްލިޝަރަކު ހޯދާން އެހީތެރިވެދެވިދާނެތޯ؟ ތިޔަ ބޭފުޅާއަށް މީހުން އެނގިވަޑައިންނަވާނެ" ޖެނުއަރީ 2، 2015 ގައި ރައީސް ވަޙީދު އެޕްސްޓީނަށް ލިޔުއްވިއެވެ.
އޭގެ ހަފްތާތަކެއް ފަހުން އަލުން އެވާހަކައަށް އަލިއަޅުއްވާލައްވާ ރައީސް ވަޙީދު އެޕްސްޓީނަށް އީމެއިލް ފޮނުއްވިއެވެ: "އަޅުގަނޑުގެ ފޮތް 100،000 ޕައުންޑް ސްޓާލިން އަށް ހަދަން ތައްޔާރަށް ހުރި އިނގިރޭސި ލިޔުންތެރިއަކާ ވާހަކަ ދައްކައިފިން. އެވަރު ]ފައިސާ[ އެކީގައި ނުވަތަ އެއިން ބައެއް ހޯދަން އެހީތެރިވެވޭނެނަމަ އަންގަވާލައްވާ. ސިންގަޕޫރުގެ ސްޓްރެއިޓް ޓައިމްސްގެ ޕަބްލިޝަރު ދިން އަގަކީ 3000 ކޮޕީއަށް 75،000."
އެ އީމެއިލް ނިންމަވާލައްވަމުން ރައީސް ވަޙީދު ލިޔުއްވީ"މާޒީގައި ދެއްވި އެހީތެރިކަމަށް ޝުކުރިއްޔާ" މިހެންނެވެ. 

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ

ގުޅުންހުރި ޓެގްސް