އަލިބެގެ ތަރިޖެހިގެ: ކުޅުދުއްފުށީގައި ހުރި ޤަރުނެއްވީ ގެ

ތަރިޖެހިގެޔަށް ޒިޔާރަތެއް - ކެމެރާގެ ލެންސްގެ ތެރެއިން.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

27 ޖެނުއަރީ
ކޮންމެ ދުވަހަކު ހެނދުނުވެސް އޭނާގެ ދައްތަގެ ގެއިން ހިނގާފައި ގޮސް، މީގެ 72 އަހަރު ކުރިން އޭނާ އުފަންވި ތަރިޖެހިގެޔަށް ޢަލީ މުޙައްމަދު (އަލިބެ) ޒިޔާރަތްކުރެއެވެ. 2008 ގައި މަންމަ ނިޔާވި ފަހުން ނިދަނީ އެގެޔަކު ނޫނެވެ. ނަމަވެސް ވަޅި ތޫނުކުރުމާއި، ދަރު ފެޅުމާއި، މިހެންގޮސް އެބާވަތުގެ ގިނަ މަސައްކަތްގަނޑެއް އެގޭގެ ތެރޭގައި އަލިބެ ހިންގައެވެ. ބޮޑުއަށީ ފާރުގައި ފެންނާން އެހެރީ އަލިބޭގެ ބައްޕަ ކަނޑާ ނަގައި، ފިލާ ފޮތިތަކަކުން ބޯޑަރު އަޅާފައިހުރި 6 ތުނޑުލީ ތަރިއެކެވެ. 
އެގޭގެ ބޭނުން ހަމައެކަނި ހިފާ މީހަކީ އަލިބެއެވެ. އޭނޭ އެގޭގައި އެކަނި މާ އެކަނިވެސް 17 އަހަރު ދުވަސް ވާންދެން ދިރިއުޅުނެވެ. ފަން ފުރާޅުން، ޓިނު ފުރާޅަށް ވީ ބަދަލުގެ އިތުރު ތަފާތެއް ނުވަތަ "ތަރައްޤީ"އެއް އެގެޔަށް ގެނެސްފައި ނުވާ ކަމަށް އަލިބެ ބުނުއްވިއެވެ.
އަލިބެޔާ އެއްބަނޑު އެއްބަފާ އިތުރު 3 ކުދިން ތިބެއެވެ. އެ ހުރިހާ ކުދިންވެސް ދިރިއުޅެނީ ވަކިވަކިން، އެހެން ތަންތަނުގައެވެ. ހަތަރު ބެއިންގެ މެދުގައި ތަރިޖެހިގެ ހުރި ބިން ބެހީއެވެ. އެހެންވީމާ ތަރިޖެހިގެޔާ އިންވެގެން އަލިބޭގެ އެއްބަނޑު އެއްބަފާ މީހުން ގެދޮރު ބިނާކޮށްފައި އެބަހުއްޓެވެ. އަލިބެގެ ކެއިންބުއިމާއި ނިދުން ހަމަޖެހިފައި ހުރީ މިއިން ގެޔެއްގައެވެ. ނަމަވެސް އަލިބެ ގިނަ ވަގުތު ހޭދަކުރަނީ ތަރިޖެހިގޭގައެވެ. އޭނާ ވަޑާމުގެ މަސައްކަތް ކުރެތެރެވެ. އެދެނީ ޢުމުރުން ބާކީ އޮތް ބައިވެސް އެގޮތުގައި ހޭދަކުރާށެވެ.
ތަރިޖެހިގެ އަޅާފައި ހުރީ އިހުގެ ތަރުތީބަށެވެ. ބޮޑުއައްޓެއް ހުރި ބޭރުގެ އެކެވެ. މިހާރުގެ ގޮތުންނަމަ ސިޓިންގް ރޫމެވެ. އެތަނުގައި ބޮޑު ގަޑިއާއި، އަދަރާދަ ގޮނޑި އެބަހުއްޓެވެ. ދެން އެތެރެގެއެވެ. ނިވާވެ، ނިދާން ވަންނަ، އަދުގެ ބަހުގައި ނަމަ ބެޑްރޫމެވެ. އެތަނުގައި ދެ އެނދު ހުއްޓެވެ. ދެން ބިތްދޮށުން ގިފިއްޔެކެވެ. ބަދިގެ ހުރީ މައިގޭގެ ޢިމާރާތާ ވަކިންނެވެ. 
އަލިބެ ގޭތެރޭގައި ހިނގާލައެވެ. އުތުރު އެނދުގައި އިހުގައި ނިދަނީ މިވެނި މީހެކެވެ. ދެކުނު އެނދުގައި އެވެނި މީހެކެވެ. އިހުގައި ކޮންމެ އެނދެއްގެ މަތިން މަދިރިގެ ޖަހާފައި ހުރެއެވެ. އަލިބެ މިކަންކަން އޮޅުންފިލުވައި ދެއްވިއެވެ.
ތަރިޖެހިގެ މަޝްހޫރުވަނީ ބޮޑުއަށީ ފާރުގައި ކަނޑާނަގާފައި ހުރި، އިހު ނަންގަތް ތަރިއާ ހުރެއެވެ. އެ ތަރި، އެފާރުގައި ކަނޑާ ނެގީ އަލިބެގެ ބައްޕައެވެ. އަލިބެ ބުނުއްވަނީ ގެޔަށް ތަރިޖެހިގެ ކިޔާތީ، އެފަރުމާ ގޭތެރެއިން ފެންނާން ހުންނާނެ ގޮތެއްގެ ޚިޔާލު ކުރައްވައިގެން ބައްޕަ ނިންމެވި ކަމެކެވެ. ބޭރުގައި ބޮޑުއަށީގައި ޞަލަވާތް ފާތިޙާ ކިޔެވި އިރުގެ ހަނދާންތައް އަލިބޭގެ ލޯމަތިން ފެނިފެނި ހުންނަ ކަހަލައެވެ.
އަލިބެޔަށް ވަޑާމުގެ މަސައްކަތް ވާރުތަވީ ބައްޕާގެ ފަރާތުންނެވެ. ކުޅުދުއްފުށީ މަޝްހޫރު މުދާބޯޓުފަހަރު ބަނުމުގައި އަލިބެ މަސައްކަތް ކުރިއެވެ. ތަރިޖެހިގޭ ތެރެއިން ފެންނާންހުރި ގޮނޑި، މޭޒާއި، ތޭރިތަކާއި، ދޮރުތަކުން ފައުޅުވޭވޭ ހުރި ވަޑާމުގެ އުކުޅުތަކާއި ފަންނުވެރިކަމެވެ.
ފަތުރުވެރިންނަށް ދައްކާން ބަހައްޓާނެ ޘަޤާފަތާއި މަސައްކަތްތެރިކަމުގެ ރަމްޒެއްގެ ގޮތުގައި ތަރިޖެހިގެ ޙިމާޔަތްކުރަން ކުޅުދުއްފުށި ސިޓީ ކައުންސިލުން މިމަހުގެ ކުރީކޮޅު އޮތީ ނިންމާފައެވެ. ބަދަލު ދީފައި ބައެއް ގެވަޅުތައް ހުރި ލޮކޭޝަނަށް ބަދަލު ގެންނާން ކައުންސިލުން ކުރި މަޝްވަރާގައި، ތަރިޖެހިގެ ނަގާފައި، ބަދަލުގައި ހިއްކިތާ އަޅާ އިސްރަށްވެހިންގެ ޕާލކު ދޮށުން ބަދަލުގައި ބިން ދޭން ކައުންސިލުން ނިންމާފައިވެއެވެ.  ޤަރުނެއްވީ ތަރިޖެހިގެ ޙިމާޔަތްކުރެވި، ޖީލުތަކަށް ފެންނާނެހެން ބެހެއްޓޭނޭ މަގު ތަނަވަސްވިކަމީ ކުޅުދުއްފުށީގެ މުއްސަނދި މާޒީއާއި ރަށްވެހިކަމަށް ލިބުނު ނަޞްރެއްކަމުގައި ސިފަކުރުން އެކަށޭނައެވެ. 

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ

ގުޅުންހުރި ޓެގްސް