"ބާރުވެރިކުރުވާކަށް މީހަކަ ނާންނާނެ! އަހަރުމެން ބާރުވެރިވާންޖެހޭނީ އަމިއްލައަށް!" ހަތަރު ދައުރު ކައުންސިލަރަކަށް އިންތިޚާބުވި ސާމިޔާ

މުލަކު ކައުންސިލަރު ސާމިޔާއަކީ އަންހެނުންގެ ބާރުވެރިކަމުގެ މިސާލެއް.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

30 އޮކްޓޯބަރު
މަސްވެރިންގެ ދުވަސް ފާހަގަކުރާން އިންތިޒާމުތައް ހަމަޖައްސާންވީމާ މ. މުލަކުގެ މަސްވެރިން ގޮވަނިއްޔަކީ ރަށުގެ ފިރިހެންވެރިންނަކަށް ނޫނެވެ. އެކަމަށް އެދެނީ ސާމިޔާ މުޙައްމަދު ގެ ގާތުންނެވެ. އެކަން ހިންގާ، ރާވާން އެނގޭނީ އޭނާއަށެވެ.
ފަސް ގޮނޑީގެ މައްޗަށް އެކުލެވޭ ރަށު ކައުންސިލުގެ މެންބަރުންގެ މެދުގައި މަސައްކަތްތައް ބެހި އިރު، ސާމިޔާ – ކައުންސިލުގެ ނާއިބް ރައީސާ ޙަވާލުވީ 100 އިންސައްތަ ފިރިހެނުން ޙަރަކާތްތެރިވާ މަސްވެރިކަމުގެ ސިނާޢަތާ ގުޅޭ މަސައްކަތް ތަކެވެ. އޭނާއަކީ ކައުންސިލަށް ހޮވުނު ދެ އަންހެނުން ކުރެން އެކަކެވެ.
"މަސްވެރިންގެ ދާއިރާގައި މިހުރީ އަޅުގަނޑު، އަޅުގަނޑު މީ އަންހެން މެމްބަރެއް މިރަށުގައި މަސްކިރަން ބޯޓެއް ނަޔަސް ރަށުގެ ހުރިހާ ކެޔޮޅުން ދޯނިތަކުގެ ކައްޕިން ގުޅާނީ އަޅުގަނޑަށް ތަދިވިޔަސް މިހެން މިހެން ހައްދަވާ ދެއްވާށޭ ކިޔާފައި، އަޅުގަނޑު ހަމަ މިފްކޯ ތަންތަނަށް ގުޅައިގެން ބޯޓު ހަމަޖައްސަނީ" އޭނާ މޯލްޑިވްސް އިންޑިޕެންޑެންޓުގައި ވިދާޅުވިއެވެ.
ހަތަރު ދައުރު، ލޯކަލް ކައުންސިލެއްގައި އިންތިޚާބުވެ، ޚިދުމަތްކުރި ހަމައެކަނި އަންހެނަކީ ސާމިޔާއެވެ. 2021 ގައި އަންހެނުންނަށް ޚާއްޞަ ގޮނޑި އެކަށައެޅުމުގެ މާކުރިއްސުރެވެސް އޭނާ ފަސޭހަކަމާއެކު، ވޯޓު ހޯދައި، އިންތިޚާބުތައް ކާމިޔާބު ކުރެއެވެ. މިހާރު އަންހެނުންނަށް ގޮނޑި ޚާއްޞަކުރީމާ ކުރިން 6 އިންސައްތައިގައި ހުރި އަންހެނުންގެ ޢަދަދު، ލޯކަލް ކައުންސިލުތަކުގައި 40 އިންސައްތައަށް އުފުލިއްޖެއެވެ.

ބާރުވެރިކުރުވުމުގެ ހަމަ

ވަކި، ބައެއް ކަހަލަ ކަންކަން މެނުވީ އަންހެން ކައުންސިލަރުން ކުރިޔަކަ ނުދޭކަމުގެ ޝަކުވާ ބޮޑުވެފައިވާ އިރު، ސާމިޔާ ހުރީ އެއާދަ ފޫވައްޓާލަނިވި، ސާދާ މިސާލެއްގެ ގޮތުގައެވެ. ޚާއްޞަކޮށްގެން ލިބޭ ގޮނޑީގެ ބާރަކު ނޫނެވެ. އަމިއްލަ ބާރުގައެވެ. މިއަދު އޭނާ ބަލަހައްޓަނީ ފިރިހެނުންގެ ސިނާޢަތެކެވެ. އަންހެނުންނަށް ޚާއްޞަކޮށް، އަދި ފިރިހެނުންނަށް ހުރި ނަމޫނާއެކެވެ. އެދެރެކެވެ.
ގޮތް ކަނޑައަޅާ ނިންމުމުގައި ބައިވެރިވިޔަކަ ނުދޭކަމުގެ ޝަކުވާ ފިރިހެނުންނާމެދު ކުރީމާ ސާމިޔާ ބުނަނީ ފުރަތަމަ ކަމަކީ ބާރާއި އިޚްތިޔާރު އަންހެނުންނަށް އޮތްކަން ހިތުގެ އަޑިން ޤަބޫލުކުރުން ކަމަށެވެ. ވަކި މައްސަލައެއް އެޖެންޑާ ކުރާން ބޭނުންނަމަ ކައުންސިލުގެ ރައީސަށް ފޮނުވާންވީ ކަމަށެވެ. އެޖެންޑާ ނުކޮށްދީފީވިއްޔާ އެޅޭނެ ފިޔަވަޅޫ ހުރި ކަމަށެވެ.
އަންހެނުން ކައުންސިލަރުން ބަޙުޘްތަކުގައި ޙަރަކާތްތެރިކަމާއި ޖޯޝާއެކު ބައިވެރިވާން ޖެހޭކަމަށާއި، ހަމައެކަނި ބޯޖަހާލައި، އަތްނަގާ ވޯޓު ލައިގެން ނުފުދޭކަން ސާމިޔާ ވިދާޅުވިއެވެ. 48 ގަޑިއިރު ކުރިން ކައުންސިލްގެ ރަސްމީ ޢާންމު ޖަލްސާގެ އެޖެންޑާގެ ފޮނުވާއިރު، ރަނގަޅަށް ވާހަކަދައްކާން ތައްޔާރު ވެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ބުނަން މިކަން ބަދަލު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަކީ މިއޭ؛ ލާށޭ ތި މައްސަލަ އެޖެންޑާކުރަން، ފުރަތަމަ އިނގޭށޭވީ ތިމާ ބޭނުންވާ މައްސަލައެއް އެޖެންޑާކުރުމުގެ އިކްތިޔާރާއި ބާރު އެބަ އޮތޭ، އެޖެންޑާކުރަން ރައީސަށް ފޮނުވީމާ އެއަށްވެސް އެޅޭނެ ފިޔަވަޅުތަކެއް އެބަހުއްޓޭ،" ސާމިޔާ ވިދާޅުވިއެވެ.
ޚާއްޞަކޮށް، ކުދި ރަށްރަށުގައި ކުދިބޮޑު އެންމެންގެ ޚިޔާލާއި މަޝްވަރާ ހޯދުން ލާޒިމުކަން ފާހަގަކުރައްވަމުން، ސާމިޔާ ވިދާޅުވީ ޚިޔާލު ހޯދާނަމަ، އަޑު އިއްވާން ފަސޭހަވެފައި، ބަލައިގަންނަ ވަރު ބޮޑުވާނެ ކަމަށެވެ. 
ލާމަރުކަޒީ ޤާނޫނުން އަންހެނުންނަށް ލޯކަލް ކައުންސިލުތަކުގެ މޭޒުތަކުން ޖާގަ ހަމަޖައްސައި ދީފިއެވެ. އެކަމަކު އެބާރާއި އިޚްތިޔާރުގެ ބޭނުން ފުރިހަމައަށް ހިފައި، ޤާނޫނީ ބާރުވެރިކަން އަތްމައްޗަށް ނަގައިގަތުމުގައި އަންހެނުން ފަހަތު ފަޔަށް ބުރަވާކަން ސާމިޔާ ފާހަގަކުރެއްވިއެވެ.
"ތިމާއަށް ލިބިފައި އޮތް ޙައްޤެކޭ ބޭނުން ބަޔަކާ ވާހަކަދެއްކުން، އަންހެންވެރިން، ވަކި ވަކި ޕާޓީތައް، ބެލެނިވެރިންކައިރި ކޮބާތޯ އެމީހުންގެ ވިސްނުމަކީ އަހާ ހޯދާ އެހެހުމަކީ ތިމާގެ ޒިންމާއެއް. އެ ޚިޔާލުތައް ހިފައިގެން ބައްދަލުވުމަށް އަންނާށޭ، ބުނެދޭށޭ މިވެނި ޕަސަންޓް މީހުން ބައްދަލު ކުރެވުނު އިރު އެމީހުންގެ ޚިޔާލަކީ މިއީއޭ. ތިމާ އެމްޕަވަރ (ބާރުވެރި) މިވަނީ އެހާ ހިސާބުން. މިބުނީ އިންނަ ތަރުތީބުން އައީމާ ކައުންސިލްގެ އެންމެންނަށްވެސް ކޮމިއުނިޓީގެ ޚިޔާލު އެބަ އިނގޭ" ސާމިޔާ ވިދާޅުވިއެވެ. 
ދެޖިންސުގެ ހަމަހަމަކަން ޤާނޫނުން ލާޒިމުކުރާ އިރު، ބަސް ބުނެ، އަޑު އުފުލުމުގެ ޙައްޤުން އަންހެނުން މަޙްރޫމް ނުކުރެވޭނެކަން ބަލައިގަނެ، އެކަން ޢަމަލާއި ބަހުން ދައްކާން ޖެހޭކަން ސާމިޔާ ފާހަގަކުރެއްވިއެވެ. "އަހަރުމެން ބާރުވެރިކުރުވާކަށް މީހަކަ ނާންނާނެ! އަހަރުމެން ބާރުވެރިވާންޖެހޭނީ އަހަރުމެން އަމިއްލައަށް!" އޭނާ ވިދާޅުވިއެވެ.

ސައި ނޫނީ ކުރުނބާތަ؟

މާލެއިންނާއި ރަށުން ބޭރުން ވަފުދުތައް ޒިޔާރަތްކުރީމާ ކުރުނބާ ނޫނީ ސައި ހަދައި، އެމަސައްކަތުގައި އަވަދިނެތި އުޅެނީ ގިނަފަހަރު އަންހެން ކައުންސިލަރުންނެވެ. ނަމަވެސް އަންހެން ކައުންސިލަރުންވެސް ފިރިހެން ކައުންސިލަރުންނެކޭ އެއްފަދައިން އެބައިމީހުންނާ އެއްސަފުގައި ސާބިތުވެ ތިބޭންޖެހޭ ކަމަށް ސާމިޔާ ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުގައި އަންހެން ކައުންސިލު މެންބަރުން ކުރާ މިތަޖުރިބާ ސާމިޔާވެސް ކުރިއެވެ. ގޭތެރޭގެ މަސައްކަތްކަށް ފުދޭ ކަންކަން މެނުވީ ހޮވުނުތާ ކުރީކޮޅަކު ސާމިޔާ އަށް ކުރާނެ ޖާގައެއް ނުދެއެވެ. ފުރަތަމަ ދައުރުގައި ރަށު ކައުންސިލުން ހިންގި ގެސްޓް ހައުސްގެ ފޮޅާ ސާފުކުރުމާއި ބެލެހެއްޓުމުގެ ކަންކަން ކުރާންޖެހުނީ ސާމިޔާއާއި އޭނާއާއެކު ހދެން ހޮވުނު އަންހެން ކައުންސިލަރަށެވެ.
"ފަހުން ފަހުން އައިސް އަޅުގަނޑުމެން ބުނީ އޭތި ބަދަލު ކުރުމަށްޓަކައި އަޅުގަނޑުމެން ބުނީ މިތާ ހުންނަންވާނެއޭ ގެސްޓްހައުސްގައި މުވައްޒަފެއް،" އޮޅުންފިލިއްވައި ދެއްވަމުން ސާމިޔާ ވިދާޅުވީ "އަޅުގަނޑާއި އަންހެން ދެ މެންބަރުން ގޮސް އެތާ ފޮޅާ ސާފުކޮށް ވަރަށް ކަންތައްތައް ކުރަން، މީހަކު ހުރެފައި ދިޔައިމާ އަނެއްކާ އަޅުގަނޑުމެން އެތަން ސާފުވެސް ކުރަން، އަޅުގަނޑުމެން އަމިއްލަ އަށް ޤަބޫލް ކުރީ މިއީކީ އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއް ނޫނޭ،" ކަމަށެވެ.
ނަމަވެސް އަންހެނުން ކުރާންވާނީ ވަކި ބާވަތެއްގެ މަސައްކަތްތަކެއް ކަމުގެ އިޢުތިޤާދުގެ އަސަރު އަދިވެސް ހިސާބަކަށް އޮތްކަމަށް އޭނާ ވިދާޅުވިއެވެ.
މުލަކު ކައުންސިލުގައި ކަންކަން ތަންފީޒުކުރަނީ އިދާރީ މުވައްޒަފުންނެވެ. އިދާރީ މުވައްޒަފުންގެ ވެރިޔަކީ ސެކްރެޓަރީ ޖެނެރަލެވެ. ކައުންސިލަރުންނަށް ރިޕޯޓުކުރަނީ ސެކްރެޓަރީ ޖެނެރަލެވެ.
"33 ޕަސަންޓް (އަންހެނުންނަށް ޚާއްޞަކުރި ގޮނޑި) ގެންނަން އަޅުގަނޑު ވަރަށް ބޭނުންވެފައި ހުރީ، އަޅުގަނޑަށް ތަޖުރިބާ ކުރެވި ފާހަގަ ކުރެވުނީ ފުރަތަމަ އަދި ދެވަނަ ދައުރުގައި އަސްލުވެސް މިހެން ހުރި ދިމަދިމާލުގައި އެބަހުރިކަން އަންހެނުންނަށް ފުރުސަތު ލިބުމުގައި ގޮންޖެހުންތައް،" ސާމިޔާ ވިދާޅުވިއެވެ. ގޮންޖެހުންތަކާއެކުވެސް އަންހެނުނަށް ގޮނޑި ޚާއްޞަކުރުމުގެ ބޭނުންތެރިކަން އިންތިހާއަށް ބޮޑުކަމަށް އޭނާ ދެކިވަޑައިގަނެއެވެ. 
ސާމިޔާ ވިދާޅުވީ އަންހެނުން ބަސްބުނުމާއި އަޑު އިއްވުމުގެ މުހިންމުކަން އޭނާގެ މަސައްކަތު ޙަޔާތުގެ ކުރީކޮޅު ޤަބޫލުކުރެވި، ފެންނާން ފަށައިފި ކަމަށެވެ. މިސާލަކަށް ދަރިން ބޮޑުކުރާ އިރުވެސް، ބައްޕައާއި މަންމަގެ ޚިޔާލު ނުވަތަ ކަންކަމާ ކުރިމަތިލާ ގޮތާއި ވިސްނުން ތަފާތުވާނެކަން ފާހަގަކުރައްވާ، ސާމިޔާ ވިދާޅުވީ ކައުންިސލަށް 2011 ގައި ފުރަތަމަ އިންތިޚާބުވިއިރު، އިޖުތިމާޢީ ކަންކަން އިންތިޒާމުކުރުމާއި، ރަށު ފެންވަރުގެ ޙަރަކާތްތައް ރާވާ ހިންގުމުގެ ތަޖުރިބާ އަންހެން ކައުންސިލަރުންގެ ކިބައިގައި ހުރި ކަމަށެވެ. ނަމަވެސް މިހާރު އަންހެން ކައުންސިލަރުން މިނުކުންނަނީ ކޮންމެވެސް ޕާޓީއަކުން ކަމަށާއި، ކެންޑިޑެސީ މިލިބެނީ ކޮންމެވެސް ޕާޓީއަކަށް ތަބަޢަވެގެން ކަމަށެވެ. 
މުލަކު ކައުންސިލްގެ ރައީސް "އަޅުގަނޑުމެންގެ ލަފާއާއި މަޝްވަރާއާ" ހިމެނޭ ގޮތަށް އަދި ބައިވެރުމާއި އެއްކޮށް މަސައްކަތްކޮށްގެން ނިންމުންތައް ނިންމެވުމަށް މަރުހަބާކިޔުއްވިއެވެ.
"އަސްލު  އަޅުގަނޑު ޕާޓިގެ ސިފަ ޖެހިގެން މަސައްކަތް ކުރަނީ އިންތިހާބުގައި، އިންތިހާބީ މެމްބަރެއްގެ ގޮތުން އަޅުގަނޑަކީ ސިޔާސީ މީހެއް އެކަމަކު ހޮވިގެން ގޮނޑިއަށް އައުމަށްފަހު އަޅުގަނޑަކީ ރައްޔިތުންގެ މީހެއް" ސާމިޔާ ކިޔާދެއްވިއެވެ.
"އަޅުގަނޑުމެން އަންނަނީކީ ޕާޓީ މަސައްކަތް ކުރާކަށް ނޫން، އަޅުގަނޑުމެން އަންނަނީ ރައްޔިތުންނަށް ހިދުމަތް ދޭން، އެހެންވީމާ ރައީސްވެސް އަޅުގަނޑުވެސް އަންނަނީ މުލަކުގެ ތަރައްގީއަށް މަސައްކަތް ކޮށްދޭން".

ފަރުދާގެ ފުރަގަސް

ސާމިޔާ ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އިހުގައި ކުރި މަސައްކަތުން ހިތްވަރު ލިބުނު ކަމަށެވެ. އަދި ޢާންމު ޚިދުމަތަށް ނުކުންނާން ޝައުޤުވެރިކަން އުފެދުނު ކަމަށެވެ. އެކޮމިޓީއާ ސާމިޔާ ގުޅުނީ 2008 ގައެވެ. 2010 ގައި އޭނާ އެކޮމިޓީގެ ނާއިބް ރައީސަށް ވިއެވެ. އަނީސާ އަޙްމަދު ފަދަ އަންހެނުންގެ ޙައްޤުތަކުގެ ވަކާލާތުގައި އިސްކޮށް ޙަރަކާތްތެރިވާ ފަރާތްތަކާއެކު ސާމިޔާ މަސައްކަތް ކުރިއެވެ. 2011 ގެ ލޯކަލް ކައުންސިލް އިންތިޚާބަށް ނުކުންނާން އަނީސާ ސާމިޔާއަށް ހިތްވަރު ދެއްވިއެވެ.
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ޓިކެޓުގައި އިންތިޚާބަށް އޭރު ސާމިޔާ ނުކުތީ ޢާންމު ޚިދުމަތުގެ ޝައުޤުގައެވެ. 
ސާމިޔާ ވިދާޅުވީ ފިރިކަލުންނާއި ޢާއިލާގެ އެހީއާއި މަދަދު ނުހަނު ބޮޑަށް ލިބޭ ކަމަށާއި، އޭނާގެ އެންމެ ބޮޑު ސަޕޯޓަރަކީ އޭނާގެ މަންމަ ކަމަށެވެ. ކައުންސިލު މަސައްކަތުގައި އުޅެމުން ދަރިންނާއި ގޭތެރޭގެ ކަންކަން ކުރާން އެހީތެރިކަން ބޭނުންވި ހިނދު، އެހީތެރިކަން ދިނީ ސާމިޔާގެ މަންމައެވެ. ޕާޓީގެ ފަރާތުން ކެމްޕޭނަށް ނުކުންނަ މީހުންގެ އިތުރުން އެންމެ އިސްކޮށް ސާމިޔާގެ ސިޔާސީ ޙަޔާތުގައި މަދަދުވެރިކަން ދީ، އެކުގައި ނުކުމެ ހުރީ އޭނާގެ ފިރިކަލުންނެވެ. 
ކައުންސިލު އަންހެން މެންބަރުންގެ ވަޒީފާއަކީ ބުރަ މަސައްކަތެއްކަން ފާހަގަކުރައްވާ، ސާމިޔާ ވިދާޅުވީ އޭނާގެ 3 ކުދިންގެވެސް ތަޢުލީމީ ކާމިޔާބުތަކާމެދު ފަޚުރުވެރިވާކަމަށެވެ.
ގަތަރު ދައުރު ކައުންސިލަށް އިންތިޚާބުވުމުގެ ފަހަތުގައިވާ ސިއްރަކީ މުލަކު ރައްޔިތުންނާ އޮތް ގާތްގުޅުން ކަމުގައި ސާމިޔާ ވިދާޅުވިއެވެ.
"ރައްޔިތުން އެދޭ ކޮންމެ ކަމެއް ނުވެދާނެ، ނުވުމާ އެކަމަކާ އުޅުމާ އެއީ ވަރަށް ބޮޑު ތަފާތެއް، ނުވިޔަސް އަޅުގނޑު އެކަމުގައި އުޅެދޭ ކަން އިނގުން އެއީ ރައްޔިތުންނަށް އޮތް ހިތްހަމަ ޖެހުމެއްނު." ނިންމާލައްވަމުން ސާމިޔާ ވިދާޅުވިއެވެ.

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ