ސިޔާސީ ކޯޅުމުގެ ތެރޭގައި ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވަން ދަތިވެފައި

އެމްޑީޕީއިން ބުނަނީ 1.1 މިލިޔަން ޑޮލަރަށް އެކުލަވާ މިޕްލޭންގެ ދެލިކޮޕީ މަރުޙަލާތަކުގައި ބައިވެރިނުވާނެކަމަށް.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

05 އޮކްޓޯބަރު
ކޮންސަލްޓަންޓުގެ ޓީމަކުން ދިވެހިރާއްޖޭގެ ކޮންމެ މީހުން ދިރިއުޅޭ ރަށަކަށް ދަތުރުކުރާން ފަށައިފިއެވެ. ބޭނުމަކީ ޤާނޫނީގޮތުން ޙައިސިއްޔަތު ލިބިގެންވާ ފުރަތަމަ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލެވުމެވެ. ނަމަވެސް މިމަސައްކަތާ ޤައުމުގެ ސިޔާސީ ހަލަނބޮލިކަމާ އަރާރުންވެއެވެ.
20 އަހަރުގެ ރާސްތާއަކަށް 1.1 މިލިޔަން ޑޮލަރު ޚަރަދުކޮށްގެން އެކުލަވާ މި ޕްލޭންގެ ދެލިކޮޕީއަށް މައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ތަރުޙީބެއް ނެތުމަކީ ޕްލޭނަށް ލިބޭ ދެރަވަރުކަމެއްގެ ގޮތުގައި ނެކްސިއާ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރ ޙާމިދު ޞާދިޤް ސިފަކުރައްވައެވެ. ނެކްސިއާ އަކީ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާން ޙަވާލުކުރި ކޮންސަލްޓަންސީ ކުންފުންޏެވެ. އޭނާ މޯލްޑިވްސް އިންޑިޕެންޑެންޓާ ވާހަކަދައްކަވަމުން ވިދާޅުވީ އެމްޑީޕީ އިން ބައިވެރިވާން ދެކޮޅު ހެދުމަކީ ޕްލޭންގެ ފުރިހަމަކަމަށް ލިބިގެންދާނެ އުނިކަމެއް ކަމަށެވެ. އެހެންވީމާ ގިނަ ޕާޓީތަކުގެ ތެރޭގައި، ފުޅާކޮށް މަޝްވަރާނުކޮށް، މިޕްލޭން އެކުލެވިޔަސް އެމައްޗަށް ޢަމަލުކުރާނެ ކަމާމެދު އުފެދޭ ޝައްކު ބޮޑެވެ.
ސެޕްޓެންބަރު 2025 ގެ ކުރީކޮޅު އެމްޑީޕީ އިން ބުނީ ޤައުމީ ތަރައްޤީގެ ދިގުރާސްތާ ތަޞައްވަރެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނިޔަތާމެދު އެޕާޓީއިން ސުވާލު އުފައްދައެވެ. ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވާން ފަށާފައިވާ އިރުވެސް، "އެތަނުން އެއަރޕޯޓެއް، މިތަނުން ބިމެއް" ހިއްކާން ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ވަޢުދުވެޑައިގަންނަވަމުން ކަން އެމްޑީޕީއިން ފާހަގަކުރިއެވެ. އެޕާޓީއިން ބުނަނީ ރައީސް މުޢިއްޒުގެ ސިޔާސަތުތަކާއި އިސްކަންދޭ ތަރުތީބުގައި ހަމައެއް ލަމައެއް ނެތް ކަމަށެވެ. އެކަމުގެ މިސާލަކަށް އެމްޑީޕީ އިން ފާހަގަކުރަނީ ގުޅީފަޅާއި، ގިރާވަރުފަޅުން ގޯތިދީ، ލޭންޑް ޔޫސް ޕްލޭން އެކުލަވާފައި އޮތްއިރުވެސް، އެތަންތަނުގެ ބިންހިއްކުމާއި، ޢުމްރާނީ ވަޞީލަތްތައް ޤާއިމުކުރުމުގެ ބަދަލުގައި، މާދުރުގައި އޮތް ރަސްމާލެ ހިއްކާން އުޅުއްވާ އުޅުއްވުމަށެވެ.
"ސަރުކާރުން ދުސްތޫރީ އަސާސްތަކާއި، ހެޔޮ ވެރިކަމާއި، ދައުލަތުގެ މުއައްސަސާތައް" ހަލާކުކުރަމުންދާ ކަމަށާއި، އެހެންވީމާ އަލަށް އެކުލަވާ ޕްލޭނަކާމެދު ޔަޤީންކަމެއް ނޯންނާނެ ކަމަށް އެމްޑީޕީއިން ބުނެއެވެ. އަދި އެފަދަ ޕްލޭނެއް ތަންފީޒުވެސް ކުރެވޭން އޮންނާނެކަމަށް އެޕާޓީއިން ޤަބޫލު ނުކުރާ ކަމަށެވެ.

ސިޔާސީންގެ ބައިވެރިވުން

ތަރައްޤީގެ ޕްލޭނެއް އެކުލަވާން އިސްނަގާ ވެރިކަންކުރާ ޕާޓީގެ ނިޔަތާމެދު، އިދިކޮޅު ޕާޓީއިން އަބަދުވެސް ސުވާލު އުފައްދާނެ ކަމަށް ނެކްސިޔާގެ ޙާމިދު ވިދާޅުވިއެވެ. "އެކި ސަބަބުތަކާހުރެ މިމަސައްކަތުގައި ޝާމިލު ނުވެވޭ ފަރާތްތަކަށް ދަންނަވަން އޮތީ، މިއީ ޤައުމީ ތަރައްޤީގެ ޕްލޭނޭ، މިއީ ސީދާ ރައްޔިތުން މީހާގެ ޚިޔާލާއި، މަޝްވަރާ ހޯދައިގެން އެކުލެވޭނެ ޑޮކިއުމަންޓެއް. އެހެންވީމާ ދިގުރާސްތާގެ ތަރައްޤީއާއި ކުރިއެރުމަށް ވިސްނާ، މިޕްލޭނަށް މަޝްވަރާ ދީ، މިމަސައްކަތުގައި ބައިވެރިވުން ވަރަށް މުހިންމު،" ކަމަށެވެ.
"ކުރިއަށް ދެވޭނެ މަގަކީ ބައިވެރިވުން. އެބޭފުޅުން ދެއްވާ ޚިޔާލާއި މަޝްވަރާ ޕްލޭންގައި ހިމަނާ ވަރު ސާފުކޮށްދެމުންވެސް ދާނަން،" އޭނާ އިތުރަށް ވިދާޅުވިއެވެ.
ނެކްސިޔާގެ ޓީމުން ރަށްރަށަށް ދަތުރުކުރާން ފެށީ ސެޕްޓެންބަރު ކުރީކޮޅުގައެވެ. 9 އަތޮޅެއްގެ 50 ރަށެއްގައި ޢާންމު މަޝްވަރާ ބައްދަލުވުންތައް ހިންގާފައިވެއެވެ. އޮކްޓޫބަރުގެ ނިޔަލަށް މިދަތުރުތައް ނިންމާލެވޭނެ ކަމަށް އެޓީމުން ލަފާ ކުރެއެވެ. މަޝްވާރަތައް ހިންގަނީ ސިޔާސީ ޕާޓީތަކާއި، ވިޔާރިތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ޢާންމު ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ އެކުގައިކަމަށް ޙާމިދު ވިދާޅުވިއެވެ. އަދި ޢާންމުންނަށްވެސް މި ބައްދަލުވުންތަކުގައި ބައިވެރި ވެވޭނެއެވެ. "މިއީ އެކި ސިޔާސީ ފިކުރުގެ މީހުންނާއި، ސިޔާސީ ޕާޓީތަކުގެ މަންދޫބުން ނުވަތަ މެންބަރުންނަށް ޚިޔާލު ދޭން ލިބޭ ފުރުޞަތެއް،" ނެކްސިއާ ގެ ޙާމިދު އޮޅުންފިލުއްވައި ދެއްވިއެވެ. އަދި ހުރިހާ ސިޔާސީ ޕާޓީއަކަށް ދަޢުވަތު ދެއްވާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އެމްޑީޕީގެ މިވަގުތުގެ ސްޓޭންޑަކީ މިއީ ކަމަށްވިޔަސް، ޚިޔާލު ބަދަލުވެ، މިމަސައްކަތުގައި ބައިވެރިވެސް ވެދާނެ، އެއްކޮށް ދޮރުބަންދުވީ ކަމަށް އަޅުގަނޑުމެން ނުދެކެން،" އުންމީދު އައު ކުރައްވަމުން ޙާމިދު އިތުރަށް ވިދާޅުވިއެވެ. ޙާމިދު ވިދާޅުވީ އިތުބާރު ހިފޭ، ދެފުށްފެންނަ ޕްރޮސެސްއަކުން ކަމާބެހޭ ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން، މި ޕްލޭން އެކުލެވުމަކީ ނެކްސިއާ ގެ އަމާޒު ކަމަށެވެ.

ފެށުނު ތަން

ނޮވެންބަރު 17، 2023 ގައި ވެރިކަމާ ޙަވާލުވެވަޑައި ގަންނަވަމުން ދެއްވި ތަޤްރީރުގައި ޤައުމީ ތަރައްޤީގެ 20 އަހަރުގެ ޕްލޭނެއް އެކުލަވާލައްވާނެ ކަން އިޢުލާން ކުރެއްވިއެވެ. އަދި އެކަމަށް ޢާންމުންގެ މަޝްވަރާއާއި ޚިޔާލު އަދި ބައިވެރިވުން ހޯއްދަވާނެކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު އޭރު ވިދާޅުވީ މި ޕްލޭނަށް ޤާނޫނީ ޙައިސިއްޔަތު ދެއްވާނެ ކަމަށާއި، މިއީ ދިވެހިރާއްޖޭގެ ކުރިމަގު ބައްޓަންވާންވީ ގޮތުގެ މިންގަނޑުތައް ބަޔާންކުރާނެ ޑޮކިއުމަންޓެއްކަމަށެވެ. އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނާއި، ޢިލްމުވެރިންނާއި، ލީޑަރުން މިޕްލޭން އެކުލެވުމުގައި ހިންގާންޖެހޭ ދިރާސާތަކަށް މަދަދު ދެއްވާންވެސް ރައީސް މުޢިއްޒު އެދިވަޑައިގަތެވެ. 
ނޮވެންބަރު 2024 ގައި ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މަޖިލިސް އަޣްލަބިއްޔަތު މެދުވެރިކޮށް، ޤާނޫނު އަސާސީއަށް ބަދަލު ގެނެސް، ޤައުމީ ތަރައްޤީގެ ޕްލޭން އެކުލެވުމާއި، އިސްތިރާޖީ ތަޞައްވަރުތައް އެކުލެވުމުގެ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކުގެ ތެރޭގައި ހިމެނިއެވެ.
މަސްދުވަސް ފަހުން މި ޕްލޭން އެކުލެވުމުގެ މަސައްކަތްކުރާން އެދޭ ބައިނަލްއަޤްވާމީ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެޓް ހުށަހަޅާން ހުޅުވާލިއެވެ. އޮގަސްޓްގެ ތެރޭގައި ނެކްސިއާ އަށް އެމަސައްކަތް ފައިނޭންސް މިނިސްޓްރީ އިން ޙަވާލުކުރިއެވެ. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އެދިގެން ހޯދި މަޢުލޫމާތުން އެނގެނީ ނެކްސިއާ އާ މިބިޑުގައ ވާދަކުރީ ރިޔަން އާއި ސީސީއޭ ކިޔާ ދެކުންފުނި ކަމެވެ. ރިޔަން އަށް ލިބުނުކަމަށްވަނީ 54.6 ޕޮއިންޓެވެ. ސީޑީއީ އަށް 50.6 ޕޮއިންޓެވެ. ނެކްސިއާ އަށް 81 ޕޮއިންޓެވެ. 70 ޕޮއިންޓު ހަމަނުވެގެން ރިއަން އަދި ސީޑީއީ ކެޓީއެވެ.
ކޮންޓްރެކްޓްގެ ޖުމުލަ އަގަކީ 17.9 މިލިޔަން ރުފިޔާ ނުވަތަ 1.1 މިލިޔަން ޑޮލަތެވެ. ޖަނަވަރީ 2026 ގެ ކުރިން ނެކްސިއާ އިން މި ޕްލޭން އެކުލަވާން ޖެހެއެވެ. އަދި މޮނިޓަރިންގް ފްރޭމްވަރކެއް ޖުލައި 2026 ގެ ނިޔަލަށް އެކުލަވަން ޖެހެއެވެ.
ޕްލޭން އެކުލަވަން ޖެހެނީ "ތަފާސްހިސާބާއި ޢިލްމީ ހެކީގެ" މައްޗަށް ބިނާކޮށްކަން ފާހަގަކުރައްވާ، ޙާމިދު ވިދާޅުވީ "ދިވެހިރާއްޖެއަށް ދުރުރާސްތާގައި ބޭނުންވާނެ ކަންކަމާއި، މިސްރާބު ބެލެންސްޑް ގޮތެއްގައި އެކަށައެޅުން ކަމަށާއި "މިއީ ހުރިހާ ޕާޓީއެއްގެ، އަދި އަޅުގަނޑުމެންނާއި އެހެނިހެން ދިވެހިރާއްޖޭގެ ދާއިރާތަކުގެ ތަޖުރިބާކާރުންގެ ވިސްނުމާއި، އުންމީދުތައް ހިމަނައިގެން ހިންގާނެ މަސައްކަތެއްކަން ޔަޤީންކުރާނެ" ކަމަށެވެ.
ނެކްސިއާގެ ޙާމިދު ވިދާޅުވީ ކަމާބެހޭ ފަރާތްތަކާ އިންޓަރވިއު ކުރުމުގެ އިތުރުން، ދާއިރާތަކުގެ ވަށްމޭޒު ބައްދަލުވުންތަކާއި، ޓައުންހޯލް އެއްވުންތަކާއި، ފޯކަސް ގްރޫޕްތަކާއި، ޚާއްސަ ނުވަތަ ނާޒުކު ޙާލަތްތަކުގެ މީހުންނާ ވަކިވަކިން މަޝްވަރާ ހިންގާނެ ކަމަށެވެ. އަދި އެކި ސިނާޢަތްތަކާއި ފަންނުތަކުން އެކުލަވާފައިވާ ދިރާސާ ކަރުދާސްތަކާއި، ޑޭޓާ އަށް ރިޢާޔަތްކުރުމުގެ އިތުރަށް އޮންލައިން ސަރވޭތައް މެދުވެރިކޮށްގެންނާއި، ސޯޝަލް މީޑިޔާ މެދުވެރިކޮށް ޚިޔާލާއި މަޝްވަރާ ހޯދަމުންދާނެ ކަމަށެވެ. ދެ ދުވަހުގެ ޤައުމީ ފެންވަރުގެ ކޮންފަރަންސެއް ބޭއްވުމުގެ އިތުރުން، މިޕްލޭނަށް އެއްކުރާ މަޢުލޫމާތު ޙިއްސާކުރަން ޚާއްޞަ ވެބްސައިޓެއްވެސް ޤާއުމިކުރާނެކަމަށް އޭނާ ކިޔައިދެއްވިއެވެ.
ޙާމިދު އެދިވަޑައިގަތީ އަމިއްލަ އިސްނެގުމުގައި ޢާންމުން މި މަސައްކަތުގައި ޙަރަކާތްތެރިކަމާއެކު ޝާމިލުވުމެވެ. ނެކްސިއާގެ ޕޯޓަލް އިން ބައިވެރިވެ ވަޑައިގެންނެވޭނެ އެވެ.

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ