"ގަސް ކަނޑަންޏާ، ތިޔަ ޕްރޮޖެކްޓެއް ބޭނުމެއް ނޫން": ސަރުކާރުގެ ނިންމުމުގެ މައްޗަށް ކުޑަފަރީގެ ރައްޔިތުން ހޯދި ކާމިޔާބީ
މައި ސަރުކާރުން މަޟްރޫއުތައް ހިންގަން ރާވައި ކުރަހާ ކުރެހުންތައް ބަލިކުރުމަކީ ރަށްތަކުގެ ރައްޔިތުންނަށް މަދުން ނޫނީ ނުވާކަމެއް.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
19 އޮގަސްޓް
ނަރުދަމާގެ އާ މަޝްރޫޢެއް ކުރިއަށް ގެންދިއުމަށްޓަކައި ޕައިޕް އެޅުމަށް ގަސްތައް ކެނޑުމުގެ ޕްލޭނަކާއެކު، މާލެއިން ބްލޫޕްރިންޓް ހިފައިގެން އައި ކޮންޓްރެކްޓަރުން ކުރިމަތިލާން ޖެހުނީ ރުޅިގަދަވެފައިވާ ކުޑަފަރީގެ ރައްޔިތުންނާއެވެ. ރަށު ރައްޔިތުން ގޮވަމުން ގެންދިޔައީ، އެގޮތަށް އެ ޕްރޮޖެކްޓު އެ ރަށުގައި ހިންގުމަށް ބޭނުންނުވާކަމަށެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ދެން ފެނިގެން ދިޔައީ އާންމުކޮށް ނުފެންނަ ފަދަ މަންޒަރެކެވެ. މި ކުޑަކުޑަ ރަށުގެ ރައްޔިތުންވަނީ މި މަޝްރޫޢު ހިންގާނެ ގޮތް މުޅިން ބަދަލުކޮށް ކާމިޔާބު ހޯދާފައެވެ.
އެރަށު ކައުންސިލްގެ ރައީސް އަލީ ޝަމީމް ވިދާޅުވީ 2019 ވަނަ އަހަރު ބޭއްވުނު މަޝްވަރާ ކުރުމުގެ ބައްދަލުވުމުގައި މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީގެ މަންދޫބުން އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށް، މި މަޝްރޫޢުގެ ޑިޒައިންގެ ތެރޭގައި ހިމެނޭ ޕައިޕް އެޅުމަށްޓަކައި އެ ރަށުގެ މައި މަގުތަކުގައި ހުރި ގަސްތައް ކަނޑާލުމަށް ހުށަހެޅުމުން، އެކަމާ އެރަށުގެ ރައްޔިތުންވަނީ ހަރުއަޑުން ދެކޮޅު ހަދާފައިކަމަށެވެ. ކިރިޔާވެސް ހުރަހަކަށް ވާކަހަލަ ގަސްތައް ކެނޑުމަކީ އާންމު ގޮތެއްގައި ތަރައްގީގެ މަޝްރޫޢުތަކުގައި އަމަލުކުރަމުން އަންނަ ގޮތެކެވެ. މިގޮތަށް ގަސްތައް ކަނޑާލުމުން މަޝްރޫޢު ހިންގާ އިންޖިނިއަރުންނަށް މަސައްކަތްކުރުމަށް ފަސޭހަވިކަމުގައިވީނަމަވެސް، މިކަމުގެ ސަބަބުން ރާއްޖޭގެ ރަށްތަކުގެ މަލަމަތި ބަދަލުވެގެންދެއެވެ.
"ޕަބްލިކް ކޮންސަލްޓޭޝަން ދިޔައިރު މި މައްސަލަ ވަރަށް ބޮޑަށް ހޫނުވި. އެންމެ ފަހުން ގޮސް ތިހެން ވަންޏާ ނޭޅޭނޭ އެދިމާލަށް ދޯ ދިޔައީ، އެކަމު މީހުން ބުނީ މިގަސްތަކަކީ އަހަރެމެންނާ އަކު އުޅެމުން އައި އެއޗެހިތަކެކޭ، ނުކަނޑާށޭ. ގަސް ނުކަނޑާ ތިކަން ނުކުރެވެންޏާ ތީ ކަލެމެންނަށް ނޭނގެނިއްޔޭ އެކަން ކުރާން. ބައެއް މީހުން ބުނި ނޭޅިޔަސް ހެވޭ ތި ކަނޑައިން އަޅަންޏާ" ޝަމީމް މޯލްޑިވްސް އިންޑިޕެންޑެންޓަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. ތިމާވެށި ހިމާޔަތްކުރުމަށްޓަކައި ލަގްޒަރީ ރިސޯޓުތަކުން ގަސްތައް ނުކަނޑައި ނަރުދަމާ ގާއިމްކުރަމުންދާއިރު، މިކަމަށް އިތުރު ޚަރަދުތަކެއް ކޮށްގެން ނަމަވެސް، ސަރުކާރަށް ވެސް މިފަދަ މަޝްރޫޢުތައް މިގޮތުގެ މަތިން ހިންގެންވާނެކަމަށް ބައެއް ރައްޔިތުން ފާހަގަކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ކުޑަފަރީގެ ތާރު އަޅާފައި ނުވާ މަގުތަކުގައި ފަތްގިނަ ބާވަތްތަކުގެ ގަސްތައް ކަމުގައިވާ ބަނބުކެޔޮ ގަހާއި އަނބުގަސް ހެދިފައިހުރެއެވެ. މި ގަސްތަކުގެ ހިޔަލުގައި ރައްޔިތުންނަށް ހިތްގައިމުކޮށް ތިބެވޭނެ ފަދައިން ޖޯލު ޖަހާފައިހުރެއެވެ.
"ހުރިހާ މަގެއްގަ ނޫން އެކަމު މީހުން ދިރިއުޅޭ ގިނަ މަގުތަކެއްގަ ކަންކަންމަތީގައާއި މަގުމެދަށްވާގޮތަށް ހުންނާނެ ވަރަށް ގަސް. އާންމު މީހުން އިންދާފަ ހުރި ގަސް، އަހަރެމެން އިރަކުވެސް ނޫން މާގިނަ ދުވަސްކުރިން. ބައެއް ގަސްތަކަށް މިހާރު 26 އަހަރަށްވުރެ ގިނަ ދުވަސް ވެދާނެ. 20 އަހަރު ވަރު ވެއްޖެ ބައެއް ގަސްތަކަށް ބައެއް ގަސްތަކަށް 10 ވަރަކަށް އަހަރު،" ޝަމީމް ކިޔައިދެއްވިއެވެ. "އެ ގަސްތައް އެއްކޮށް ދާ ވާހަކަ ދެއްކީމަ މީހުން ވަރަށް ކަންބޮޑުވި، އަދި ހާއްސަކޮށް ޒުވާނުން،" އޭނާ ވިދާޅުވިއެވެ.
މި މަޝްރޫޢަށް ރަށުގެ ރައްޔިތުންގެ ފަރާތުން ކުރިމަތިވެފައިވާ ދެކޮޅުހެދުންތަކާ ގުޅިގެން، މި ޑިޒައިން މުރާޖަޢާކޮށް ބަދަލުކުރުމަށް ކޮންޓްރެކްޓަރަށް މަޖުބޫރުވިއެވެ. 38 މިލިއަން ރުފިޔާ (2.5 މިލިއަން އެމެރިކާ ޑޮލަރު) ގެ މި މަޝްރޫއުގެ ދަށުން ރިވާސް އޮސްމޯސިސް ދެ ޕްލާންޓާއި، ތިން ސްޓޯރޭޖް ޓޭންކާއި، ސީ އައުޓްފްލޯ ގެ އިތުރުން ގޭބިސީތައް ގުޅުވައިދޭ ނެޓްވޯކް ގާއިމްކޮށް، މަޝްރޫޢު ނިންމާފައިވަނީ އެންމެ ގަހެއްވެސް ކަނޑާނުލައެވެ. މި މަޝްރޫޢުގެ ޕައިޕްތައް އަޅާފައިވަނީ ވެލީގެ އަޑީގައިވާ ގަސްތަކުގެ މޫތަކަށް އަނިޔާ ނުވާނެ ފަދައިން ފަރުވާތެރިކަމާއެކުއެވެ.
މިއީ އާންމުކޮށް ނުފެންނަ ފަދަ ކާމިޔާބީއެއް
ކުޑަފަރީގެ ރައްޔިތުން ހޯދާފައިވާ މި ކާމިޔާބީ ހޯދިތާ 6 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، މިއީ އަދިއަދަށްވެސް މަދުން ނޫނީ ނުފެންނަ ފަދަ ކާމިޔާބީއެކެވެ. މިކަމުގެ ސަބަބުން މި ފެނިގެންދިޔައީ އިންތިހާބުކޮށްފައިވާ ކައުންސިލްތައް މެދުވެރިވެގެން ރައްޔިތުންގެ ބައިވެރިވުމާއެކު ތަރައްގީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ކުރިމަތިވާ ގޮންޖެހުންތަކެވެ. މި ކައުންސިލްތަކަކީ 2010 ވަނަ އަހަރު، ރަށްތަކުގެ ހިންގުން ވަރުގަދަކުރުމާއި، ތަރައްގީއަށް މަގުފަހިކުރުވުމުގެ މަގްޞަދުގައި ތަޢާރަފްކޮށްފައިވާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އިންތިޚާބުކޮށްފައިވާ ކައުންސިލްތަކެވެ. އެހެންނަމަވެސް، މި ކައުންސިލްތަކުގެ މާލީ ނިންމުންތަކުގެ މައްޗަށް ސަރުކާރުން ކުރިމަތިކުރުވާ ފިއްތުންތަކަކީ ރަށްތަކާއި އަތޮޅުތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ.
ގިނަ ރަށްރަށުގެ ތަރައްގީގެ މަޝްރޫޢުތަކުގެ ޑިޒައިންތައް މާލޭގައި އެކުލަވާލެވެނީ، އެ ރަށްތަކުގެ ރައްޔިތުންގެ ހަގީގީ ބަހެއް ހޯދުމެއްނެތިއެވެ. ގިނަ ފަހަރު ކޮންޓްރެކްޓަރުން ޚިޔާރުކުރަނީ އެންމެ ޚަރަދު ކުޑަ ގޮތެވެ. އަދި ބޮޑެތި ބަދަލުތައް ގެނައުމަށް ހުށަހެޅުމުން، މަޝްރޫޢު ކެންސަލްކުރަން ޖެހިދާނެކަމުގެ ބިރުކުރިމަތުކުރުވައެވެ.
"އެންމެ ބިރެއް ދައްކައިގެން ރަށްރަށުގަ އެހެން ހަދަނީ. ޕްރޮޖެކްޓް ގެއްލޭނޭ، މިހެން ނަހަދަންޔާ ގެއްލޭނޭ،" ޝަމީމް ވިދާޅުވިއެވެ.
މިީއީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަބްދުالله އާދަމް އަށް އެކި ފަހަރު މަތިން ފެނިފައިވާ މަންޒަރެކެވެ.
2017 ވަނަ އަހަރު، ކުޅުދުއްފުށީގެ މަޟްހޫރު ކުޅި ހިއްކުމަށްފަހު އެއަރޕޯޓެއް އެޅުމަށް މަޟްރޫއެއް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ހިފައިގަތެވެ. މިކަމާ ގުޅިގެން، ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަތުމަށްޓަކައި ދިރާސާކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ ކޮންސަލްޓެންޓުން ކުރިއަށް ގެންދިޔަ އާންމު މަޝްވަރާކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް، އެ އަހަރުގެ އޭޕްރީލް މަހު އާދަމްވަނީ މާލެއިން ރަށަށް ދަތުރުކޮށްފައެވެ.
"އެކަމާ އެންމެ ބޮޑަށް ދެކޮޅު ހެދި މީހުންގެ ތެރޭގައި އަހަރެން ހިމެނޭނެ. އެ ބައްދަލުވުމުގައި ވަރަށް ގިނަވާހަކަ ދެއްކި،" އޭނާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ދެ ގޮތެއް ހުށަހެޅުނެވެ. އެއީ އެއަރޕޯޓް އެޅުމަށްޓަކައި ކުޅި ހިއްކުމެވެ. ނުވަތަ މީގެ ބަދަލުގައި އެރަށުގެ އިރުމަތީ ފަޅުން ބައެއް ހިއްކުމެވެ. "ކޮންސަލްޓެންޓުން ދެން އެހީ ބައިވެރިވި މީހުން ތާއީދު ކުރާގޮތަކަށް އަތްނެގުމަށް. ފުރަތަމަ އެހީ އިރުމަތި ފަރާތް ހިއްކަން ތާއީދުކުރާ މީހުން އަތްނަގަން، އެތާ ތިބި އެންމެން ހެން އަތް ނެގީ އެގޮތަށް. އެހެންވެ، ކުޅި ހިއްކަން ތާއީދު ކުރަނީ ކިހާ ބައެއްތޯ ނުވެސް އަހާ،" އާދަމް ފާހަގަކުރެއްވިއެވެ.
ގިނަ ރައްޔިތުން ކުޅީގެ ބަދަލުގައި އެރަށުގެ އިރުމަތީ ފަޅު ހިއްކުމަށް ތާއީދުކުރިކަމުގައިވީނަމަވެސް، މި މަޝްރޫޢުކުރިއަށް ގެންގޮސްފައިވަނީ ފުރަތަމަވެސް ނިންމާފައިވާ ގިޮތަށް ކުޅި ހިއްކައިގެންނެވެ. މިކަމަށް ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވިއެވެ. ރަށުގެ ރައްޔިތުން ތިބީ ދެ ހިޔާލެއްގައެވެ. ގިނަ ރައްޔިތުން ތިބީ އެއަރޕޯޓެއް ތަރައްގީކުރުމަށް ބޭނުންވެފައެވެ. އެހެންކަމުން، މިކަމަށް ދެކޮޅު ހަދައިފިނަމަ، މުޅި މަޝްރޫޢު ހުއްޓިގެން ހިނގައިދާނެ ކަމުގެ ބިރު އޮތެވެ.
"އަހަރެންނަށް ހީވަނީ، މިއީ ރާއްޖޭގެ ތާރީޚުގައިވެސް އެއަރޕޯޓެއް އެޅުމުގެ މަޝްރޫޢަކާ ދެކޮޅަށް އާންމު ރައްޔިތުންނާއި، ބޭރުގެ ފަރާތްތަކުން އެންމެ ދެކޮޅުހެދި މަޝްރޫޢު. އެހެންނަމަވެސް، މީގެން އެއްވެސް ކަމަކަށް ރިޢާޔާތްނުކޮށް މަޝްރޫޢުވަނީ ކުރިއަށް ގެންގޮސްފައި،" އޭނާ ފާޙަގަކުރެއްވިއެވެ.
ކުޑަފަރީގެ ނަރުދަމާއެޅުމުގެ މަޝްރޫޢުގައި ރަށުގެ ރައްޔިތުން ހޯދާފައިވާ ކާމިޔާބީއަކީ ވަރަށް މަދުން ނުފެންނަފަދަ ކާމިޔާބީއެއްކަމަށާއި، މިކަމުގެ ފަހަތުގައި ވަނީ މި ކުޑަކުޑަ ރަށުގެ ތަފާތު އިޖްތިމާއީ ފޭރާންކަމަށް އާދަމް ދެކެވަޑައިގަންނަވައެވެ.
"އެރަށުގައި ވަރަށް ބޮޑު އެއްބައިވަންތަކަމެއް އޮވޭ، ރަށުވަންތަކަމެއް އޮވޭ، ގިނަ ރަށްރަށާ ވަރަށް ތަފާތު ޑައިނާމިކް އެއް އެރަށުގަ އޮންނަނީ. ކުރީގެ ކައުންސިލުންވެސް އެ ރަށުގެ ތިމާވެއްޓާއި ގަސްތަކާމެދު ވަރަށް ބޮޑަށް ފަޚުރުވެރިވޭ. ރަށުގެ ރައްޔިތުން އެކަންޏެއްނޫން، ރަށުގެ އިސް މަގާމު ތަކުގައި ތިބި ފަރާތްތަކުންވެސް އެރަށުގެ ތިމާވެށި ރައްކާތެރިކުރުމަށް އަހަމިއްޔަތިކަމެއްދޭ. ތިމާވެށި ހިމާޔަތްކުރަން ވަކާލާތުކުރަން ރަށުގަ އުޅޭ ބަޔަކަށް ކުޑައިމީސް ބަސްބުނުމުގެ ބަދަލުގަ، އެންމެ ފުރަތަމަ އެ އަޑު އުފުލަނީ ހުދު އެމީހުން،" އާދަމް ތަފްސީލްކޮށްދެއްވިއެވެ.
ގިނަ ރަށްރަށުގެ ރައްޔިތުންނަށް ގަބޫލުކޮށްދެވިފައިވަނީ، ސަރުކާރުން ކަނޑައަޅާ މަޝްރޫޢުތަކަށް ފާޑުކިޔައި ދެކޮޅުހެދުމަކީ، ތަރައްގީއަށް އިންކާރުކުރުން ކަމަށެވެ. "މަޑަވެލި ކޯޒްވޭގެ މަޝްރޫޢަށް ބަލާއިރުވެސް، އެކަމާ އެރަށުގެ ގިނަ ރައްޔިތުން ދެކޮޅުހެދި. އެކަމަކު، މާ ބޮޑަށް ފާޑުކިޔައިފިނަމަ، މުޅި މަޝްރޫޢު ހުއްޓިދާނެއޭ މީހުންނަށް ގަބޫލުކުރެވެނީ،" އާދަމް ވިދާޅުވިއެވެ.
އާންމުކޮށް މިފަދަ މަޝްރޫޢުތައް ކުރިއަށްދާ ގޮތް
ކުޑަފަރީގެ ނަރުދަމާ ނިޒާމުގެ ޑިޒައިން ތިމާވެއްޓާއި ރަށްޓެހިގޮތަކަށް ބަދަލުކުރެވުން މިއީ އެރަށަށް ވެސް އެފަހަރު އެކަނި ކުރެވިފައިވާ ކަމެކެވެ. އެރަށުގައި ސަރުކާރު ހިއްސާވާ ކުންފުންޏެއްކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީން މިހާރު ކުރިއަށް ގެންދާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢަށް އޭނާ އިޝާރާތްކުރެއްވިއެވެ.
"ގޮނޑުދޮށް ހިމާޔަތް ކުރާ ޕްރޮޖެކްޓެއް ހިންގި ރަށެއްގަ ވިއްޔާ ގޮނޑުދޮށެއް ނެތް. ނެތެއްނު؟ ޖިއޯ ބޭގް ޖައްސާފަ ދެންބީޗެއް ނީނދޭ.. އެހެން ވާނޭ، ތިތާ ބީޗެއް ނީންނާނޭ ތިހެން ނަހަދާށޭ އަހަރެމެން ބުނީ. ދެން އެމީހުން ބުނީ އަހަރެމެން ޕްރޮޕޯޒް ކުރާ ގޮތް އަގުބޮޑޭ" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އަގުބޮޑުވާނެތޯ ބަލަން ކުއަންޓިޓީ ސަރވެޔަރެއް ނަގައިގެން ޚަރަދުވާނެ ފައިސާގެ އަދަދު އަންދާޒާކުރުމަށް ސާވޭކުރާނެ ފަރާތެއް ހޯދުމަށް އެމްޓީސީސީއިން ބޭނުންނުވި ކަމަށް އޭނާ ވިދާޅުވިއެވެ.
"ފުރަތަމަ ކަމަކަށް 198 ކައުންސިލްގައި އުޅޭ މިއެންމެން އެމީހުންގެ ރަށާއި މެދަށް ވިސްނައިގެން ކަމެއް ކުރަން އުޅޭ ވަރަކަށް އަދި ކިިތަންމެ މޮޅު މީހަކު އިނަސްވެސް (މިނިސްޓްރީއަކަށް) ނުވެސް ކުރެވޭނެ" ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ދެކެވަޑައިގަންނަވާ ގޮތުގައި، ރަށުގެ ތަރައްގީގެ މަޝްރޫޢުތައް ރާވައި ހިންގުމަކީ، ކައުންސިލްތަކަށް ފަސޭހަކަމާއެކު ކުރެވޭނެކަމެކެވެ. މިކަން ކުރުމަށްޓަކައި ކައުންސިލްތަކަށް އޮންނަ އިތުބާރު ގާއިމްކޮށް، ކައުންސިލްތައް ބާރުވެރިކުރުވުން މުހިއްމު ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.
"އަގުހެޔޮކުރުމާއި ޑިޒައިން ކުރުމާއި ޕްލޭންކުރުމާއި މީ ހަމަ ސާވިސަސް، އެމީހުންވެސް ހަމަ ހަޔަރ ކުރަން އަހަރެމެންވެސް ހަމަ ހަޔަރ ކުރަން ޖެހޭނީ. އަހަރެމެން އަބަދުވެސް ޕްލޭނިން ކޮންސަލްޓެންސީއެއް ތެރޭގައި މިއުޅެނީ. އެހެންވީމަ އޭގެތެރެއިން އަގުހެޔޮ ގޮތްތަކާއި އެއްޗެހިވެސް ހޯދަން" އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް، ކުޑަފަރީ ކައުންސިލްއިން މަޝްރޫޢު ދެފަރާތުން ބައިވެރިވެގެން ރާވައި ހިންގުމަށް ހުށަހެޅުމުން، ކޮންޓްރެކްޓަރުން ވަނީ މިކަމަށް އިންކާރުކޮށްފައެވެ.
"އިންޖިނިައަރިން ވާހަކަ އައީމަ، އެމީހުންނަށް އެއްބަސްނުވެވޭ. އަހަރެމެންގެ އިންޖިނިއަރުންނާ އެމީހުންގެ އިންޖިނިއަރުންނާ، އަހަރެމެންގެ ޕްލޭނަރުންނާ އެމީހުންގެ ޕްލޭނަރުންނާ ތިބެގެން ނިންމާށޭ ދެކޮޅުންވެސް އެއްބަސްވާގޮތަކަށް. އެއަކަށް އެކަމު އެއްބަހެއް ނުވެވޭ. އެމީހުންނަށް އެނގޭ އަހަރެމެންގެ ޓީމު ރަނގަޅުކަން" އޭނާ ވިދާޅުވިއެވެ.
"އެމީހުންގެ އެހާ ސަމާލުކަމެއް ނީންނާތީ އެއީ، އެމީހުން ބޭނުންވާކަހަލަ ކިތަންމެ ފެންވަރު ރަނގަޅު މައުލޫމާތުވެސް ހޯދިން. އެކަމު އެމީހުންނަށް ކުޑަފަރީގަ ހިންގާ ޕްރޮޖެކްޓެއްގަ ބޭނުމެއް ނޫން މިހާވަރަށް ވިސްނާކަށެއްވެސް ދޯ. މާލެ ބްރިޖު ކަންތަކުގަ ވިސްނާނެ ކަންނޭނގެ، ރަނގަޅު ފެންަވަރުގެ މީހުން ހަޔަރ ކޮށްފަ ކަންނޭނގެ ހުންނާނީވެސް" އޭނާ ވިދާޅުވިއެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ
ގުޅުންހުރި ޓެގްސް
އިތުރު ލިޔުންތައް

"ސަލާމަތުން ގޮސް، އަމިއްލަ ވަޒަނުގައި ދެން އަވަހަކަށް ނޫޅެވޭނެކަން އެނގުނު" ޝަހިންދާ އިސްމާޢީލް
27 ނޮވެމްބަރު

"ޕާޓީތަކާމެދު މާޔޫސްވެއްޖެ" - ވޯޓު ލާ ޢަދަދު މަދުވެ، އެފަރަގު ރަށްފުށާއި ސިޓީތަކުގެ ދެމެދު ބޮޑުވަނީ
02 ނޮވެމްބަރު

"ބާރުވެރިކުރުވާކަށް މީހަކަ ނާންނާނެ! އަހަރުމެން ބާރުވެރިވާންޖެހޭނީ އަމިއްލައަށް!" ހަތަރު ދައުރު ކައުންސިލަރަކަށް އިންތިޚާބުވި ސާމިޔާ
30 އޮކްޓޯބަރު

