ނޫސްވެރިކަމާ ގުޅޭ ޤާނޫނަށް އިޞްލާހުގެނައުމާ ދެކޮޅަށް ރާއްޖޭގެ ނޫސްވެރިން ތެދުވެއްޖެ

މި ބިލުގައިވާ ގޮތުން ނޫސްތަކާއި ޗެނަލްތައް ބަންދުކުރުމުގެ ބާރު އައު ކޮމިޝަނަށް ލިބިގެންވެއެވެ.

28 އޮގަސްޓް
މީޑިއާތަކާއި ނޫސްތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، އެފަދަ ތަންތަން ބަންދުކުރުން ފަދަ ބޮޑެތި ބާރު ލިއްބައިދޭ ގޮތަށް ކޮމިޝަނެއް އުފެއްދުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އަންގާރަ ދުވަހު ބަހުސް ކުރެވެމުންދިޔައިރު، މަޖިލީހުގެ ގެލެރީގައި ނޫސްވެރިންވަނީ އެއްވެ ހަމަހިމޭންކަމުގެ ހަޅުތާލެއް ކުރިއަށް ގެންގޮސްފައެވެ.   
މި ބިލު އަލުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިމިވަނީ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން މި ބިލާ ދެކޮޅަށް ވާކާލާތު ކުރުމުގެ ސަބަބުން ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއާ ގުޅިފައިވާ މިނިވަން މެންބަރެއްކަމުގައިވާ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު މިދިޔަ ނޮވެމްބަރު މަހު މި ބިލް އަނބުރާ ގެންދަވާފައިވަނިކޮށެވެ.
މިބިލަށް އަމާޒުވެފައިވާ ފާޑުކިޔުންތައް އިތުރުވެ، މި ބިލާ ދެކޮޅަށް ނޫސްވެރިން ތެދުވެފައިވާ މި ދަނޑިވަޅުގައި،  އެމްޖޭއޭ އިން ވަނީ މިއައު ބިލަކީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަމަށް އޮތް ވަރަށް ބޮޑު ބިރެއް ގޮތުގައި ސިފަކޮށްފައެވެ. އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާމަން ވިދާޅުވި ގޮތުގައި މި ބިލަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މީޑިއާގެ މިނިވަންކަން ގެއްލުވާލުމަށް ކޮށްފައިވާ މަސައްކަތެކެވެ. މޯލްޑިވްސް މީޑިއާ ކައުންސިލްއިން ވެސް ވަނީ މިބިލް ފާސްނުކުރުމަށް މަޖިލީހަށް ގޮވާލައްވާފައެވެ.  
މި ބިލުގައި ހުށަހަޅާފައިވަނީ ޕްރިންޓާއި އޮންލައިން މީޑިއާ ރެގިއުލޭޓް ކުރާ މީޑިއާތަކުން އިންތިހާބުކޮށްފައިވާ 8 ވެރިން ހިމެނޭ ގޮތަށް ކަނޑައަޅާފައިވާ 15 މެންބަރުންގެ މީޑިއާ ކައުންސިލާއި، ޓީވީ އަދި ރޭޑިއޯ ސްޓޭޝަންތައް ބަލަހައްޓުމަށް ސަރުކާރުން އައްޔަންކޮށްފައިވާ 7 މެމްބަރުން ހިމެނޭ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާ އެއްކޮށްލުމަށެވެ. މި ބިލުގައި ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ތިއްބަވާނީ މީޑިއާތަކުން ކަނޑައަޅާ ހަތަރު މެންބަރުންނާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ތިން މެމްބަރުންނެވެ. އަދި މި ކޮމިޝަނުގެ ޗެއަރ ޕާސަންވެސް ކަނޑައަޅުއްވާނީ  ރައީސުލްޖުމްހޫރިއްޔާއެވެ.
މަޖިލީހުގައި ނެގޭ އިތުބާރު ނެތްކަމުގެ ވޯޓުން އިންތިޚާބުކުރެވޭ މެންބަރުން ކޮމިޝަނުން ވަކި ކުރުމުގެ ބާރު މަޖިލީހަށް ލިއްބައިދޭ ގޮތަށް މި ބިލު ފަރުމާކޮށްފައިވާތީ، އެމްޖޭއޭއިން ބުނެފައިވަނީ މި ގާނޫނަކީ ޕްރިންޓް އަދި ޑިޖިޓަލް މީޑިއާއާ ގުޅޭ ބާރުތަކުގެ ކޮންޓްރޯލް ނަގައި، މީޑިއާތައް ސީދާ ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމާއި ނޫސްވެރިންނަށް ބިރުދެއްކުމުގެ މާހައުލެއް ގާއިމުކުރުމަށް އެކުލަވާލާފައިވާ ގާނޫނެއް ކަމަށެވެ.
އެ ޔޫނިއަނުން ވަނީ މި ބިލުގައި ހިމެނޭ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު ބޮޑުވާނެ ފަދައި ސާފުނުވާ ގޮތަށް ބަޔާންކޮށްފައިވާ/ ނުސީދާ ގޮތަށް ބަޔާންކޮށްފައިވާ މާއްދާތަކާއި ނޫސްވެރިކަން ކުށަކަށް ހެދުމުގެ މަގުސަދުގައި ކަނޑައަޅާފައިވާ ހަރުކަށި އަދަބުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ބިލުގައިވާ އަދަބު ދިނުމުގެ ބާރުތަކުގެ ތެރޭގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ލިޔެފައިވާ ލިޔުންތަކަށް އިސްލާހުނުގެންނަ ނޫސްވެރިން 25،000 ރުފިޔާ (1،620 އެމެރިކާ ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރުމުގެ އިތުރުން، އަޚްލާގީ މިންގަނޑުތަކާ ޚިލާފުވާ ނުވަތަ ޤާނޫނާ ޚިލާފުވާ މީޑިއާތައް އެއް ލައްކަ ރުފިޔާއާ ހަމައަށް ބޮޑު އަދަދަކުން ޖޫރިމަނާ ކުރުން ހިމެނެއެވެ.
އަދި މީގެ އިތުރުން ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް ތަޙުޤީގުކުރަމުން އަންނައިރު، ނޫސް ވެބްސައިޓްތައް ބްލޮކް ކުރުމާއި ލައިވް ބްރޯޑްކާސްޓްތައް ހުއްޓުވާލުމާއި، ރަޖިސްޓްރީތައް ބާތިލް ކުރުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެންވެއެވެ. "ދޮގު ޚަބަރު" ފަތުރާ ނުވަތަ ބިރުވެރިކަން ނުވަތަ ނަފްރަތު އުފައްދާ ފަދަ މަޢުލޫމާތު ފަތުރާ ފަރާތްތައް ނުވަތަ ޖަމިއްޔާތަކަށް ވެސް ބޮޑެތި އަދަބު ދިނުމުގެ ބާރު މި ކޮމިޝަނަށް ލިބިގެންވެއެވެ.
ޤާނޫނު އަސާސީގައި ޤާނޫނުތައް ރަޖްޢީކޮށް ތަޠްބީޤުކުރުން މާނަކޮށްފައިވާ ގޮތާ ޚިލާފަށް އެކުލަވާލާފައިވާ މި ބިލުގައިވާ ގޮތުން، މި ޤާނޫނަށް އަމަލުކުރަން ފެށުމުގެ 12 މަސް ކުރިއާ ހަމައަށް ހުށަހެޅިފައިވާ ޝަކުވާތައް ބެލުމުގެ ބާރު މި ޤާނޫނުގެ ދަށުން އަލަށް އުފައްދާ ކޮމިޝަނަށް ލިބިގެންވެއެވެ.
ހަމަނުޖެހުންތަކަށް ތައްޔާރުވުން
އަންގާރަ ދުވަހު، މަޖިލީހުގައި މި ބިލާ ގުޅޭ ގޮތުން ކުރެވުނު އިބްތިދާއީ ބަހުސްތައް ނިމުމުގެ ކުރިން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވަނީ މަޖިލީހުގެ މަސައްކަތްތައް މެދުކަނޑާލާފައިވާ ކަމަށް ކަނޑައަޅުއްވައި ޖަލްސާ ނިންމަވާފައެވެ. މަޖިލީހުގެ އައު ދައުރެއް ދެން ފެށޭނީ އަންނަ އޮކްޓޫބަރު މަހުގައެވެ.
ވޯޓަށް ނެންގެވުމާ ނުލައި ޖަލްސާ ނިންމަވައިލެއްވުމުން، މުޒާހަރާގެ ބައިވެރިން ވަނީ ރައީސް އޮފީހަށް ގޮސް އެމީހުންގެ ކަންބޮޑުވުންތައް ސީދާ ރައީސް ޑރ. މުޢިއްޒާ ހިއްސާކުރުމަށްޓަކައި ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް އެދި ރައީސް އޮފީހަށް ރަސްމީކޮށް ސިޓީއެއް ހުށަހަޅުއްވާފައެވެ.
ހަމަ އެދުވަހުގެ ފަހުގެ ވަގުތެއްގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ މީޑިއާ ގްރާންޓްގެ އައު ސިޔާސަތެއް އިޢުލާނުކޮށް، ރަޖިސްޓްރީކޮށްފައިވާ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ބަޖެޓުގެ 0.1 އިންސައްތަ ކަނޑައަޅުއްވާފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ މަޤާމާ ޙަވާލުވެވަޑައިގަތުމުގެ ކުރިން ވަޢުދުވެވަޑައިގެންފައިވާ ކަމެކެވެ.
މިކަމާ ގުޅިގެން ބުދަ ދުވަހު މީޑިއާ ކައުންސިލުން ވަނީ ވޯކިން ގްރޫޕެއް އެކުލަވާލައި މި ކައުންސިލް އަމިއްލައަށް ރެގިއުލޭޓްކުރުން ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކޮށް ސޯޝަލް މީޑިއާ ކެމްޕެއިނެއް ކުރިއަށް ގެންދަން ނިންމާފައެވެ. މީގެ އިތުރުން، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓުން ވަނީ ބިލު އަނބުރާ ގެންދިއުމަށް ތާއީދުކޮށްފައެވެ.
"މީޑިއާ ރެގިއުލޭޓް ކުރުމަށް މިދާއިރާގައި އުޅޭ ފަރާތްތަކާ މަޝްވަރާކުރުމާއި އެ ފަރާތްތައް އެންގޭޖްކުރަން ބޭނުންވޭ. ނޫސްވެރިންނާއި އެފަރާތްތަކުގެ ޔޫނިއަންތަކުގެ ބަހެއް ހޯދާފައިނުވުމަކީ، މި ފަދަ އިދާރާތައް ކަނޑައެޅުމުގެ ހަޤީގީ މަގުޞަދު އޮޅިފައިވާކަން ހާމަކޮށްދޭކަމެއް. މި ފަދަ އިދާރާތަކުގެ މަގުޞަދަކީ ނޫސްވެރިކަން ކުރިއަރުވައި ޑިމޮކްރަސީ އާއި ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުން،" އައިއެފްޖޭ އިން ބުނެފައިވެއެވެ.
އައިއެފްޖޭގެ ރާއްޖޭގެ އެފިލިއޭޓްކަމުގައިވާ އެމްޖޭއޭ އިން ފާހަގަކުރި ގޮތުގައި މަޝްވަރާ ކުރުމަކާއިނުލައި ބިލް ހުށަހެޅުމަކީ މި  ބިލުގެ ހަޤީގީ މަގުޞަދާ މެދު ޝައްކު އުފެދޭ ކަމެކެވެ. މިގޮތުން، މިނިވަން މެމްބަރަކު ހުށަހެޅުއްވި ބިލެއް އެކުލަވައިލުމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ ވަރަށް ބޮޑު ބައިވެރިވުމެއް އޮތްކަން ފާހަގަކޮށްފައިވެއެވެ. އަދި މިއީ މިބިލު އަސްލު ހުށަހަޅާފައިވާ ފަރާތް އޮޅުވާލުމަށް ގަޞްދުގައިކޮށްފައިވާ ކަމެއްކަމަށް މި ޔޫނިއަންއިން ވަނީ ފާހަގަކޮށްފައެވެ.
އަންގާރަ ދުވަހު މަޖިލީހުގައި ބޭއްވުނު ބަހުސްގައި ނާޒިމް ވަނީ ބިލަށް ފުޅާ ދާއިރާއެއްގައި ދިރާސާތަކެއް ކުރައްވާފައިވާ ކަމަށާއި، މި ބިލުގައިވާ ކަންތައްތަކާމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކުރުމަށްޓަކައި މީޑިއާގެ ފަރާތްތަކާ މަޝްވަރާކޮށްފައިވާނެކަމަށް ވިދާޅުވެފައިވެއެވެ. އަދި މިހާރު އެކުލަވާލާފައިވާ ބިލަކީ ސްކޭންޑިނޭވިއާ އާއި އީޔޫގެ މީޑިއާގެ ގަވާއިދުތަކާ އެއްގޮތްވާގޮތައް ފަރުމާކޮށްފައިވާ ބިލެއްކަމަށް ނާޒިމް ވިދާޅުވިއެވެ. މި ގޮތުން، އޭނާ ވަނީ އިނގިރޭސިވިލާތުގެ މީޑިއާ އެކްޓް 2024 އާއި އަޔަލޭންޑްގެ އޮންލައިން ސޭފްޓީ އެންޑް މީޑިއާ ރެގިއުލޭޝަން އެކްޓް 2022 އަދި ސިންގަޕޫރުގެ ޕްރޮޓެކްޝަން ފްރޮމް އޮންލައިން ފޯލްސް އެންޑް މެނިޕިއުލޭޝަން އެކްޓް 2019 ފަދަ ގާނޫނުތަކަށް އިޝާރާތް ކުރައްވާފައެވެ.
އަދި މީޑިއާއިން ކަނޑައަޅާފައިވާ މަންދޫބުންނަށް އަގުލަބިއްޔަތު އޮންނާނެކަމަށާއ، ކޮމިޝަނުގެ މުގައްރިރުގެ ވޯޓުގެ ސަބަބުން ވޯޓުގެ އަދަދު އެއްވަރުވުން ހުއްޓުވޭނެކަމަށް އޭނާ ވިދާޅުވިއެވެ. "ކޮންމެ ބޭފުޅަކު މުގައްރިރަކަށް ހުންނެވިއަސް، 4-2 ގެ އަގުލަބިއްޔަތެއް މިނިވަން މީޑިއާ މަންދޫބުންނަށް އޮންނާނެ. އެހެންވީމަ، ކޮބާތޯ މައްސަލައަކީ؟،" އޭނާ ވިދާޅުވިއެވެ.  
ކޮމިޓީ މަރުހަލާގައި މީޑިއާގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމަށް މަޝްވަރާ ކުރައްވާނެ ކަމުގެ ޔަގީންކަން މަޖިލީހުގެ ނައިބު ރައީސްވަނީ ދެއްވަވާފައެވެ.
ދިއްގަރު ދާއިރާގެ މެމްބަރު އިތުރަށް ވިދާޅުވީ، އާންމު މަސްލަހަތަށް ގެއްލުން ލިބޭނެފަދައިން، އެއްވެސް އުސޫލެއް ނެތި މީޑިއާތަކުން "ހިފެހެއްޓުމެއް ނެތި އަބުރު އަރައިގަންނަ ގަތުން" ހުއްޓުވުމަށް ހަރުދަނާ ގާނޫނީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ.
ނަމަވެސް ސިންގަޕޫރު ފަދަ ގައުމުތަކަކީ ސެލްފް ރެގިއުލޭޝަނަށް އެންމެ ރަނގަޅު މޮޑެލްއެއް އޮތް ގައުމުތަކެއް ނޫންކަން އެމްޖޭއޭގެ ސެކްރެޓަރީ ޖެނެރަލް ނާއިފް އަހުމަދު ފާހަގަކުރެއްވިއެވެ.
"މީޑިއާ ރެގިއުލޭޓްކުރުމަށް ސަރުކާރުގެ ނުފޫޒު ފޯރުވިއަދީގެން ނުވާނެ. އެއީ ސަރުކާރާމެދު ވަރަށް ގިނަ ފަރާތްތަކުން އޮތް އިތުބާރު ކުޑަވެފައިވާތީ،" މޯލްޑިވްސް އިންޑިޕެންޑެންޓަށް މަޢުލޫމާތު ދެއްވަމުން އޭނާ ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުން މިއަށްވުރެ މިނިވަން މީޑިއާގެ މާހައުލެއް އޮތް ގައުމުތަކަށް ބެލުން ރަނގަޅު،" ނާއިފް ވިދާޅުވިއެވެ. ނާއިފް ދެކެވަޑައިގަންނަވާ ގޮތުގައި، މީޑިއާގެ ކަންތައްތައް ބެލެހެއްޓުމަށް، ވަކި ދެ އިދާރާއެއް އޮތުމަކީ މައްސަކައެއްނޫނެވެ. ބްރޯޑްކާސްޓިންގ ކޮމިޝަނަށް ފްރިކުއެންސީ އާއި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރުން ފަދަ ޓެކްނިކަލް ކަންކަން ބެލެހެއްޓޭނެއެވެ. އަދި  މީޑިއާ ކައުންސިލަށް ކޮންޓެންޓް މޮނިޓަރކުރުމާއި، ކޯޑް އޮފް އެތިކްސްއާ ޚިލާފިވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުންފަދަ މަސައްކަތްތައް ކުރެވޭނެއެވެ.
" މި ދެ ކޮމިޝަން މެދުވެރިކޮށް މީޑިއާ ރެގިއުލޭޓް ކުރުމަށް ކުރާ ޚަރަދަކީ، ދައުލަތުން ކުރާ އެހެން ޚަރަދުތަކާ އަޅާ ކިޔާނުލެވޭނެހާވެސް ކުޑަ ޚަރަދެއް. ސަރުކާރުން ބޭނުންވަނީ ކޮންމެ އަހަރަކުވެސް ދެ ކޮމިޝަނަށް ވަރަށް ބޮޑު ހޭދައެއް ކުރާ ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލަން،" އޭނާ ވިދާޅުވިއެވެ.
މިހާރު އޮތް ގާނޫނީ އޮނިގަނޑު އިޞްލާހުކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހޭކަން އެމްޖޭއޭ އިން ގަބޫލުކުރި ނަމަވެސް، މީޑިއާ ކައުންސިލްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެއްބާރުލުން ދިނުމަށް ސަރުކާރުން ސިޔާސީ ގޮތުން ނުކުޅެދިފައިވާކަން ނާއިފްވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އަހަރަކަށް ކަނޑައަޅާފައިވާ 3.5 މިލިއަން ރުފިޔާގެ ބަޖެޓަކީ ހަމައެކަނި މުވައްޒަފުންގެ މުސާރައާއި އިދާރީ ޚަރަދުތައް ހަމަޖެއްސުމަށްދާ ޚަރަދުކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
"އެމްއެމްސީގެ ސެލްފް ރެގިއުލޭޓަރީ މަސްއޫލިއްޔަތު އަދާ ނުކުރެވެނީ، މީޑިއާއަށް އެ މިނިވަންކަން ދިނުމަށް ސަރުކާރުން ބޭނުން ނުވާތީ،" އޭނާ ވިދާޅުވި އެވެ.

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ

ގުޅުންހުރި ޓެގްސް