”ނިކުތީ ނުނިކުމެ ނުތިބެވިގެން!“ - އެމްޑީޕީގެ ބޮޑު އެއްވުމުގެ ޝުޢޫރު
ވިޔަފާރިތައް އިނދަޖެހިފައި، އަގުތައް އާސްމާނުގައި، ކޮރަޕްޝަން ފަތުއަޑު ކިޔާފައި.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
07 އޮކްޓޯބަރު
ޙަސަން މޫސާ އަދި ޝަފްއާ ޙަމީދު
ހުކުރު ދުވަހުގެ ރޭގެ އެއްވުމަށް ދިޔަ މީހުން އާޓިފިޝަލް ބީޗަކަށް ނުކެތިއެވެ. ބޮޑުތަކުރުފާނު މަގުގައިވެސް މީހުންނެވެ. ޖޯޝުން ފުރިގެންވި މީސްގަނޑުގެ ތެރޭގައި ޤައުމީ ދިދަ ބެއްސެވެ. މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ - އެމްޑީޕީގެ ދިދައެއް ނޫނެވެ. މަދުވެގެން 2500 ތިއްބެވެ.
ޅ. އަތޮޅުން އެކަނި 70 މީހުން އެއްވުމުގައި ބައިވެރިވާން މާލެ އެވެ. އޮޕަރޭޝަނަކަށް ފަހު ދަނޑިގަނޑު ޖަހައިގެން ހިނގާ މީހަކު ހުއްޓެވެ. ވިޔަފާރިވެރިންނާއި ސިވިލް ސަރވަންޓުން ތިއްބެވެ. ޢުމުރުން ދުވަސްވީ މީހުން ހިސާބަކަށް ދުރުގައެވެ.ޝަކުވާތައް އުތުރި އަރައެވެ: ބިލުތަކަށް ފައިސާ ނުދޭ ވާހަކައާއި އެއްޗެތީގެ އަގުބޮޑުވުމުގެ ވާހަކައެވެ. ކޮރަޕްޝަނާއި ވައްކަމުގެ ވާހަކައެވެ.
”ނިކުތީ ނުނިކުމެ ނުތިބެވިގެން!“ ގިނަ މީހުންގެ ބަހަކީ މިއެވެ.
މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ހިސާބުގައި މަޖީދީ މަގުން ނުދެވިފައި ފުލުހުންގެ ބެރިކޭޑުގެ ކުރިމަތީގައި ޒުވާބާއި ކޮއްޕާ ގެޅުވުމުގެ މުޤާބިލުގައި ތިބި މީހުންގަނޑުގެ ތެރެއިން މުޒާހިރީންނާމޯލްޑިވްސް އިންޑިޕެންޑެންޓުން ވާހަކަދެއްކީމެވެ. ގިނަ މީހުން އެދުނީ ނަން ނުޖަހާށެވެ.


43 އަހަރުގެ ހިންނަވަރު އަންހެނެއް
"އައީ ހިންނަވަރުން. މިއަދު 11 ޖަހާކަށްހާއިރު މާލެ އައީ. މުޒާހަރާގައި ބައިވެރިވާން ނިންމީ ވަރަށް ބައިވަރު ޙައްޤުތަކެއް ގެއްލޭތީވެ ރައްޔިތުންގެ. ކައުންސިލްވެސް ހިފަހައްޓާފައި އޮތީމަ. އެމީހުން ކުރާ ކޮރަޕްޝަންގެ ޢަމަލުތައް ފޮރުވަން ވެގެން ކުރީގެ ކޮރަޕްޝަންގެ ޢަމަލުތަކޭ ކިޔަނީ."
69 އަހަރުގެ ވިޔަފާރިވެރިއެއް
"އަޅުގަނޑުމެން މާލެއިން މި ބައިވެރިވަނީ. މުޒާހަރާއަށް މިއައީ އަޅުގަނޑުމެން ބޭނުންވާ ގޮތަށް ކަންތައްތައް ދޭތޯ ބަލަންވެގެން. އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި އެހާ ރަނގަޅެއް ނޫން ކަންތައްތައް ދާލެއް، އެއީ މައިގަނޑު ސަބަބަކީ. އަޅުގަނޑު ކާއެއްޗެހީގެ ވިޔަފާރި ކުރަނީ. ވަރަށް ދަށްވެއްޖެ ވިޔަފާރި. އަޅުގަނޑުމެންނަށް ދަތިކަން އެބަހުރި ބައިވަރު. ފަައިސާގެ ދަތިތައްވެސް ވަރަށް ބޮޑު މިހާރު. އަޅުގަނޑުމެންނަކީ ކުއްޔަށް އުޅޭ ބައެއް، 89000 ކުލި ދައްކައިގެން އުޅޭ އިރު ހަމަ ނުހިފެހެއްޓޭ މިހާރު. އަދި ވިޔަފާރީގެ ކުލި ލީމަ 100,000 އަށް ވުރެންވެސް ބޮޑު. ދިރިއުޅުމުގެ އަގު ބޮޑުވާނެތާ އާމްދަނީ ދައްވަންޏާ.
32 އަހަރުގެ ފްލައިޓް އެޓެންޑެންޓެއް
"މާލެއިން މިއައީ. ދެން ހަމަ ސަރުކާރުން ކަަންތައް ކުރާ ގޮތް ރަނގަޅު ނޫން ހެން ހީވާތީވެ ފޯ އަ ޗޭންޖް. ކޮންމެ ބައެއްގެވެސް ކޮރަޕްޝަން އޮންނާނެ އަސްލު. ހައްދުފަހަނައަޅާ ދިޔައީމަ އަސްލު ކަންކަން އިސްލާހުކުރަން މިޖެހެނީ ނިކުންނަން އަހަރުމެން."
ޝާދިން ޝަރީފް، 29 އަހަރުގެ ސިވިލް ސަރވަންޓެއް
"ސަރުކާރު އޮފީހެއްގަ ހަމަ މަސައްކަތް ކުރަނީ.. މުޒާހަރާގައި ބައިވެރިވާން މަޖުބޫރުވެގެންދޯ އައިސް މިހިރީ.. އަހަރެމެންވެސް ވޯޓު އަޅައިގެން މި ވެރިކަން ގެނައީވެސް.. އެކަމު މިހާރު ކަންތައްތައް މިދަނީ އަތުފަތު ނުޖެހޭ ހިސާބަށް.. ޤައުމުގެ ރައުސުލްމާލާ އެއްޗެހި މިދަނީ އަޑިއަށް ދުވަހަކަށްވުރެ ދުވަހެއް. ކުރިއަކަށް ނުކަނޑާ ދޯ. އަހަރެމެން ޒުވާނުން ނިކުންނަން ޖެހޭތާ.. އެހެންވެ ނިކުމެ މިތިބީ. ކުރިއަށް ދާނަމަ އޯކޭ ދޯ، އެކަމު މިހާރު މިދަނީ ފަހަތަށް. އޭރު އެކްސްޕެކްޓް ކޮށްގެން ހުރި ގޮތަކަށް ނޫން ކަންކަން މިދަނީ. ވޯޓު ދިނީ ވަރަށް ކަންކަން ވާނެކަމަށް ދޯ. އެކަމު އެހުރިހާ ކަމެއް ނުވޭ. އެހެންވީމަ ނޯ ޗޮއިސް، މިތިބީ ނިކުމެ.. އަހަރެމެންގެ ސެލަރީވެސް ދަނީ ދަށަށް، މައްޗަކަށް ނުދޭ. އެހެންވެ ހަމަ މަޖުބޫރު ވެގެން ިމިއައީ."
"(ކުރީ ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަ) އެއީ ހަމަ ރަނގަޅު ވާހަކައެއް. އަބަދުވެސް ކޮރަޕްޝަން އޮވޭ. ސަރުކާރު އޮފީސްތަކަށް ވެސް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރޭ. އަހަރެމެން ހަ އަހަރު ހަތް އަހަރު ސަރުކާރުގައި މަސައްކަތް ކުރާ މީހުން ތިއްބަ ހަމަ، ސިޔާސީ ބާރުތަކެއް އޮވެގެން އެތައް ބަޔަކު މަތީ މަޤާމުތަކަށް އާދޭ. އެއީ ހަމަ ޢާންމު ކަމެއް ރާއްޖޭގައި. އެކަންކަން މިހާރު ރާއްޖޭގައި ހައްދުފަހަނަ އަޅާފައޭވެސް ބުނެވިދާނެ. އެކަމާވެސް އަހަރެމެން ދެކޮޅު. އަހަރެމެން މިހެން ތިއްބަ އެއްވެސް ވަޒީފާގެ ކުރިއެރުމެއް ނުލިބި، އެހެން ބަޔަކު އައިސް.. އެންމެންނަށްވެސް އިންނަން ޖެހޭ ދޯ އެ ހަމަހަމަކަން. އެ ހަމަހަމަކަން ވެސް ހޯދަން މިއަދު އައިސް މިތިބީ"
މުޙައްމަދު ބަޝީރު، 67 އަހަރު
"މުޢިއްޒު މީހުންނަށް ކުރާ އަނިޔާ، މި އަނިޔާ ތަހައްމަލް ނުކުރެވިގެން އަހަރުމެން މުޒާހަރާގައި ބައިވެރިވަނީ. އޭނަ އެދަނީ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާ ހުސްކުރަމުން. އަހަރުމެންގެ ލާރި އޭނަ އެދަނީ އޭނަ ފްލައިޓުންނާ އެތަން މިތަނުން ޚަރަދުކޮށްގެން އެހުސްކުރަމުން . ރައްޔިތުން މިތިބެނީ ނުކައި، ރައްޔިތުން ތިބެނީ ބަނޑަށް. އޭނަވީ ފްލައިޓުގައި ދަތުރުކުރަން ތަންތަނަށް ބޭރު ތަން ތަނަށް، އޭނައަށް ލިބޭ ލާރިއެއްވެސް ނެތް އެއް ތަނަކުން ވެސް، ދުނިޔޭގެ އެއްވެސް ތަނަކުން އޭނަ ޤަބޫލެއް ނުކުރެ، އެހެންވީމަ އޭން ވައްޓާލަން ސީދާ މި ނުކުންނަނީ."
"އެއީ ހުސް ދޮގު، އެމްޑީޕީ ސަރުކާރުގައި އެއްވެސް ވައްކަމެއް ހުރި ނަމަ ދެ އަހަަރު ވީ އިރު ކީއްވެ އެމީހުން ނުބަލަނީ. ހުސް ކަނޑައެޅިގެން ދޮގު އެއީ. ފެނަކަ ސަޢީދު ވެސް ޙުކުމް ކޮށްފަ އެހެރީ ސީދާ ޤަވާޢިދާ ޚިލާފަށް. އަހަރެން ޤަބޫލްކުރާ ގޮތް އެއީ. ޤަވާޢިދާ ޚިލާފަށް. ވައްކަން ކުރަނީ މި މީހުން، ސުޖާ އަތުގައި މިހާރުވެސް އެބަހުރި 40 ބިލިއަން ދެން ޖެހުނު މީހެއް އަތުގައި އެބަހުރި އެތައް ބިލިއަނެއް. އަހަންނަށް އިނގޭ ކަންތައްތައް މިއީ. ވައްކަން ކުރަމުން ކުރަމުން ގޮސް ހުރިހާ އެންމެންވެސް ކުރަނީ ވައްކަން. ވެރިމީހާ ވެސް ކުރަނީ ވައްކަން. އެހެންވީމަ އަހަރުމެންނަށް ނިކުންނަން މިޖެހެނީ، މަޖުބޫރުވަނީ. އަހަރުމެން 65 އަހަރުވީ މީހުން، އަހަރުމެންނަށް ކޮބާ ކުރަންވާ ޚިދުމަތަކީ؟! ކޮބާ ދޭ އެއްޗަކީ؟! އަންނި ދިިން 5000 ރުފިޔާ އަހަރުމެންނަށް އަދިވެސް މިލިބެނީ، ދެ އަހަރު ދުވަސް ވީ އިރު އެއްވެސް ރައްޔިތަކަށް މީނަ ދިން އެއްޗެެއް ނީންނާނެ. ހިޔާ ފްލެޓްގެ ކޮންމެ ފްލެޓްއަކަށް 200,000 ރުފިޔާ ދޭނެ ކަމަށް ބުނި، ކޮބާ އެކަންތައް؟!
މުޙައްމަދު ޝިރާޒް، 37 އަހަރުގެ ފިރިހެނެއް - ދަނޑިގަނޑު ޖަހައިގެން ސައިކަލެއް ދޮށުގައި
"އަޅުގަނޑު އުޅެނީ ހުޅުމާލޭގަ. ދިރިއުޅުމަށް އަމިއްލަ ވިޔަފާރި ކުރާ މީހެއް އަޅުގަނޑަކީ. އިޤްތިސާދީ ޙާލަތު މިއަށްވުރެ ދަށް ދުވަސްކޮޅެއް ނާދޭ ދުވަހަކުވެސް. އަޅުގަނޑު މި ފައި މިހެން ހުއްޓާވެސް މި އަންނަން ޖެހުނީ މިސަބަބާ ހެދި. އަޅުގަނޑު އެކްސިޑެންޓްވެ ފައި ބިންދައިން ދިޔަތާ މިހާރު ވެއްޖެ ހަތް މަސް. އަޅުގަނޑަށް އެނގިލައްވާނެ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައި އޮތް ދަތި ޙާލު. ޢާންމު ރައްޔިތުންނަށް ޚާއްސަކޮށް. ޢާންމު ރައްޔިތުން މިގޮތަށް މަގުމައްޗަށް ނުކުންނަން މަޖުބޫރުވަނީވެސް ސަރުކާރުގެ އިހުމާލު މިކަމުގަ އޮވެގެން. ސަރުކާރުން އަޅާލަންޖެހޭ ވަރަށް ބައިވަރު ކަންކަން އެބަހުރި. ޚާއްސަކޮށް ސިޔާސީ ކަންކަމުގަ ސަރުކާރުން ނަގަމުންދާ ޑިޒިޝަންތައް ފެއިލް ވުމުގެ ސަބަބުން. އަދި ޚާއްސަކޮށް ސަރުކާރުން މަތިބަރުވެފަ، އިޤްތިސާދަށް އެއްވެސް އުފެއްދުންތެރި ކަމެއް ނެތި، ދިވެހިން ޙާލުގަ ޖެހޭތަން އަޅުގަނޑުމެން ބަލަން ބޭނުން ނުވާތީ މިނުކުތީ."
"ސަރުކާރުތަކުގެ ކޮރަޕްޝަންތައް ބަލަން އޮންނަ ބޮޑީތަކުން ޚާއްސަކޮށް އަޅަންޖެހޭ ފިޔަވަޅުތައް ނޭޅިފަ އަދި ނުކުރެވިފަ އޮތުމުގެ ސަބަބުން ކޮރަޕްޝަން މިހާ ވަރަށް ފެތުރިފަ މިއޮތީ. ޤައުމުގަ ކޮރަޕްޝަން ނައްތާލަން ކުރަންޖެހޭ މަސައްކަތް ޢާންމު ރައްޔިތުން ނިކުމެ އެބަޖެހޭ އިންސާފު ކުރިމައްޗަށް އެމީހުން ގެނެސް އެކަން ކުރަން. ޙަޤީޤަތުގަ ކޮރަޕްޝަނޭ ކިޔާ އެންމެން ހުއްޓުވަން މަސައްކަތް ކުރަނީ. އަދި ކޮރަޕްޝަނަކީ ޢާންމު އެއްޗަކަށް މިހަދަނީ. ކޮރަޕްޝަނަކީ ރާއްޖެއަށް އޮތް ކުރިމަގަށް ކިހާ ބިރުވެރި ކަމެއް ރައްޔިތުންނަކަށް ނުވިސްނޭ. އަސްލު ޙަޤީޤަތުގައި ދިވެހި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވިސްނަ ދޭން ޖެހޭ ކޮރަޕްޝަނަކީ މި ދިވެހިރާއްޖެ ދުވަހަކުވެސް ސަލާމަތް ނުވާ ވަރުގެ ބޮޑު އަނދަވަޅެއް ކަހަލަ ކަމެއްކަން. މުޅި ޤައުމު މިއޮތީ ސަތޭކަ މީހުންނަށް ވިއްކާ ހުސްކޮށްލާފަ. އަޅުގަނޑުމެންގެ ދަރީންގެ ދަރީންނަށް މިޤައުމުން އެތިކޮޅެއްވެސް ނެތް. މިހާރު އަޅުގަނޑުމެން ތަހައްމަލް ކުރަމުން މިދަނީ އެންމެ އާދައިގެ ވަޒީފާާއެއްވެސް ނުލިބޭ ހިސާބެއްގަ. މިހާރު ކިޔަވައިގެން ނިކުންނަ ކުދިން މިއުޅެނީ ވަޒީފާ ގަނޑެއް ނުލިބިގެން. ވަޒީފާއަކަށް އިޢުލާނުކޮށް ލާއިރަށް މިހާރު އެއްހާހުން ދެހާހުން (ކުރިމަތިލަނީ). މިހާރު ނެތް ހާޑި މަސައްކަތެއް މޮޅު މަސައްކަތެއް، ކޮންމެ ކަމަކަށް ވެސް ކުރިމަތިލާނެ. ދިވެހިރާއްޖެ މިހާރު މިއޮތް ހާލަތަށް ގެނެސްފަ މިއޮތީ ކޮރަޕްޝަނަށް ވިއްކާ ހުސްކޮށްފަ އޮތީމަ. އެކަމާ ދެކޮޅަށް އަހަރެމެން ނިކުންނަން ޖެހޭ. ކޮރަޕްޝަން ހުއްޓުވަން ޖެހޭ. ކޮރަޕްޝަން މީ ވަރިހަމަ އެއްޗަކަށް ހަދައިގެން ރައްޔިތުންގެ މަޖިލީހުން ބޭނުން ކޮށްގެން ގަލަމާއި ދުލުގެ ބޭނުން ނުކުރެވޭ ގޮތަށް ރައްޔިތުން ބަންދުގަ ބެހެއްޓުމަކީ އަހަރެމެން ޤަބޫލުކުރާާ ކަމެއް ނޫން. މި ބަންދުން ފިލަން ބޭނުންވަނީ."
މުޙައްމަދު ޝައްފާޒް، 42 އަހަރުގެ ވިޔަފާރިވެރިއެއް
“އަޅުގަނޑަކީ އަބަދުވެސް އިސްލާޙަށް މަސައްކަތް ކުރާ އެމްޑީޕީއަށް ތާޢީދުކުރާ މީހެއް އެހެން ނަމަވެސް ރައްޔިތުން ވޯޓަކުން ހޮވާފަ ހުރި ވެރިއެއް ކަމަކު، ޤާނޫނު އަސާސީއާ ބޮޑެތި ޚިލާފުވުންތަކެއް ހުރުމުން ނިކުންނަން މިޖެހުނީ. އަދި މިވެރިކަން ފެށުނު ފަހުން މިކަހަލަ ޢަމަލީ މަސައްކަތެއްގަ ބައިވެރިނުވަން މިފަހަރު ނޫނިއްޔާ.. އިންތިހާއަށް ޤައުމުގެ ކަންކަން ބޮއްސުންލައިގެން ދިޔައީމަ މިއަދު މި ނުކުންނަން ޖެހުނީ. މައިގަނޑު ގޮތެއްގަ، ގޯސްކޮށް ކުރެވޭ ކަންތައްތައް އެންމެ ކުޑަމިނުން އެވާހަކަ ދައްކާލެވޭ ދަރަޖައެއްވެސް ނެތޭ މިހާރަކުއެއް. އެހެންވީމަ، ގޯސްކަންކަން ކުރިއަސް ނޭނގޭ ދަރަޖައަށޭ މިދަނީ. އޭގެ އިތުރުން ޤައުމުގެ އިޤްތިސާދު ވަރަށް ބޮޑަށް ފުނޑުފުނޑުވެގެން މިދަނީ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ ލާރި ނުދީ ލާރި ހިފެހެއްޓުމާ އަދި މިހާރު ރައީސް މުޢިއްޒު އެއޮތީ ބުނެފަ ރައްޔިތުންނަށް ދޭންޖެހޭ ފައިސާ މި ނޮވެމްބަރު މަހުގެ ނިޔަލަށް އަޅުގަނޑު ދޭނަމޭ. އެހެންވީމަ، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެބޭފުޅާ ބޭނުން މީހަކަށް ލާރި ދީގެން، ދައުލަތުގެ ފައިސާ ނަހަމަ ގޮތުގަ ބޭނުންކުރަނީ އެ ހިފަހައްޓައިގެން. ރައްޔިތުން ވަރަށް ބޮޑަށް ބިކަ ވެފަ ތިބީމަ މިއަދު މި ނުކުންނަން ޖެހުނީ."
"އަޅުގަނޑު މިކުރަނީ ކާބޯތަކެތި ވިއްކުމާ ކުދިކުދި ކޮންސްޓްރަކްޝަން މަސައްކަތާ. ކާބޯތަކެތީގެ ވިޔަފާރިއަށް ބަލާއިރު މީހުން ބިކަވެފަ ހުރި މިންވަރު އެބަ އެނގޭ ކާބޯތަކެތި ވިއްކާ ތަނުގެ ސޭލްސް އަށް ބަލާލީމަ. ޢާންމުކޮށް އެވްރެޖްކޮށް މީގެ އަހަރު ދެއަހަރު ކުރީގަ ހަތް ހާސް އަށް ހާސް ލިބޭ ތަންތަން މިހާރު ދެހާސް ރުފިޔާއަށް ވެއްޓިފަ ހުރީ. އަންނަ ބޭފުޅުން އެބަ އާދޭ ހަމަ ސައިބޯލާ ކޮފީ ބޯލަން އެކަމު ބޭނުންކުރާ މިންވަރު ދަށްވެގެން ދަނީ އެމީހާއަށް ލިބޭ މިންވަރު މަދުވީމަ. ލަވާޒާ ކޮފީ ބޯ މީހުން ނެސްކެފޭއަށް ބަދަލުކުރުމާ. ބޭނުންވޭ އެންމެންވެސް ހޭދަކުރަން ކޮފީބުއިމަށާއި ކެއުމަށް، އެކަމު ރަނގަޅު ފެންވަރެއްގަ އެކަން ނުކުރެވެނީ އެމީހާއަށް ލިބޭ އާމްދަނީއިން ދެކޮޅު ނުޖެހޭތީ."
(އެމްޑީޕީ ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކައާއިމެދު) "ތަންތަނުގެ ވެރިންނަށް ތިބި މީހުންނާ ދެކޮޅަށް ދައުވާ އުފުލީމާ ބަޔަކަށް އެއްޗެއް ހީކުރުވަން ވެގެން އެއީ. އެންމެ ފަހުން ޙުކުމް ކުރެވިގެން އެދިޔައީ ފެނަކައިގެ ކުރީގެ އެމްޑީ ސަޢީދު. އަޅުގަނޑަކީ ސަޢީދު ވަރަށް ކައިރިން ދަންނަ މީހެއް. ސަޢީދުގެ ޙާލަތު އެނގޭ. އެއީ ހަމަ ނުޙައްޤު ޙުކުމެއްކަން އެނގޭ އެއީ ސަބަބަކީ ސަޢީދު އެމްޑީ ކަމަށް އައުމުގެ ކުރިން ފެނަކައިގަ ހިނގާފަ އޮތް ކަމެއްގެ މައްޗަށް އެއޮތީ ސަޢީދުއަށް ޙުކުމް ކޮށްފަ. އެހެންވީމަ ބަލަންޖެހޭ ކަންތައްތައް ބަލަންވީ ހަމަ މިސަރުކާރުންވެސް ކޮންމެ ސަރުކާރަކުންވެސް. އެކަމަކު މިހާރު އެދައްކަނީ ބިރުކަން އެބަ އެނގޭ ކޮންމެ ތަނެއްގަ ވެރިއަކަށް ހުރި ބޭފުޅާއަށް ދައުވާ ކުރާނަމޭ، ދައުލަތުގެ މާލިއްޔަތުގެ ކުރީގެ ވަޒީރު އަމީރުއާއި ދޭތެރޭވެސް ދައުވާ ކުރާނަމޭ އެބޭފުޅުން ބުނާއިރު ދައުލަތުގެ ފައިސާ ނަހަމަ ގޮތުގަ ބޭނުންކޮށްފަ ހުރިއްޔާމުން އޭރުވެސް އޮތް މުއައްސަސާތައް މައްސަލަތައް ހުށައެޅެން. މިއަދު ވެރިކަމުގެ ބާރު ލިބުނީމަ ނަހަމަ ގޮތުގަ އެކަން ކުރީމަ އެއީ އަޅުގަނޑުމެން ޤަބޫލުކުރާ ކަމެއް ނޫން އަސްލު"
މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ
ގުޅުންހުރި ޓެގްސް
އިތުރު ލިޔުންތައް

"ސަލާމަތުން ގޮސް، އަމިއްލަ ވަޒަނުގައި ދެން އަވަހަކަށް ނޫޅެވޭނެކަން އެނގުނު" ޝަހިންދާ އިސްމާޢީލް
27 ނޮވެމްބަރު

"ޕާޓީތަކާމެދު މާޔޫސްވެއްޖެ" - ވޯޓު ލާ ޢަދަދު މަދުވެ، އެފަރަގު ރަށްފުށާއި ސިޓީތަކުގެ ދެމެދު ބޮޑުވަނީ
02 ނޮވެމްބަރު

"ބާރުވެރިކުރުވާކަށް މީހަކަ ނާންނާނެ! އަހަރުމެން ބާރުވެރިވާންޖެހޭނީ އަމިއްލައަށް!" ހަތަރު ދައުރު ކައުންސިލަރަކަށް އިންތިޚާބުވި ސާމިޔާ
30 އޮކްޓޯބަރު

