ހިޔާލު ހޯދުމުގެ ވޯޓުގެ ގާނޫނު: އިދިކޮޅުން ބުނަނީ ރިޔާސީ ދައުރު ދަންމާލަނީކަމަށް
ދައުރު ދަންމާލުމުގެ ވާހަކަ ވެރިކަންކުރާ ޕާޓީގެ މަޖިލިސް މެންބަރުން ދައްކަވާ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
28 ސެޕްޓެމްބަރު
އަލަށް ވުޖޫދުވި ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމާބެހޭ ގާނޫނު މެދުވެރިކޮށް ބޮޑެތި ދުސްތޫރީ ބަދަލުތަކެއްގެ މައްޗަށް ވޯޓު ނަގާން ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސައްކަތް ފަށާފައިވާ އިރު، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ބުނަނީ މިގާނޫނުގެ މަގްސަދަކީ 2028 ގައި ނިމޭން އޮތް 5 އަހަރުގެ ރިޔާސީ ދައުރު ދަންމާލުން ކަމަށެވެ.
މިބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވީ 16 ސެޕްޓެންބަރު ވީ އަންގާރަ ދުވަހުގައެވެ. އެގާނޫނު ފާސްކުރީ 93 ގޮނޑީގެ މައްޗަށް އެކުލެވޭ ރައްޔިތުންގެ މަޖިލީހުގެ 64 މެންބަރުންގެ ވޯޓާ އެކުގައެވެ. ދެކޮޅު ހެއްދެވީ އެމްޑީޕީގެ 12 މެންބަރުންނެވެ. އެމްޑީޕީއިން ބުނަނީ ސަރުކާރުގެ މަގުސަދަކީ ހިޔާލުފައުޅުކުރުމާއި ރައްޔިތުން އެދޭގޮތް އިއްވުމުގެ ހުރިހާ ކޮޅުމައްޗެއް ބައްދާ، ކޮންޓްރޯލް ކުރުން ކަމަށެވެ.
އެމްޑީޕީއިން މިތުހުމަތު އުފުލާއިރު، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަޖިލިސް މެންބަރު މައްޗަންގޮޅި ދާއިރާގެ އިބްރާހިމް މުހައްމަދު (ޖަނާބު) އޮތީ ވެރިކަމުގެ ދައުރު ދެންމުމާ އެއްކޮޅަށް ވާހަކަދައްކަވާފައެވެ. އޭނާއަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ބޭބެއެވެ. މެންދުރު ޓީވީ ގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ "ރައްޔިތުންގެ އާންމު މަސްލަހަތާއި ޖަމާއީ ފައިދާއަށްޓަކައި" ވެރިކަމުގެ ދައުރު ދަންމާން ޖެހޭކަމަށެވެ.
މިވާހަކަ މެންބަރު ޖަނާބު ދެއްކެވިއިރު، 13 ސެޕްޓެންބަރު ގައި ޗަންޕާ މުހައްމަދު މޫސާ (އުއްޗު) ބަސްދީގަތުމެއްގައި، ވެރިކަމުގެ ދައުރު 10 އަހަރަށް ދަންމައިގެން މެނުވީ ޑޮލަރުގެ މައްސަަލަ ފަދަ ކަންކަން ހައްލުކުރެވޭން ނެތްކަމަށް ވިދާޅުވިއެވެ.
7 އަހަރަށް ރިޔާސީ ދައުރު ދަންމާން ވެރިކަން ކުރާ ޕާޓީގެ ސަޕޯޓަރުން ސޯޝަލް މީޑިޔާގައި ގޮވަމުން ދެއެވެ. ރައްޔިތުންގެ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން 75 ގޮނޑީގައި ތިއްބެވީ ވެރިކަން ކުރާ ޕާޓީގެ މެންބަރުންނެވެ. އެހެންވީމާ ގާނޫނު އަސާސީއަށް ބަދަލުގެންނާން ބޭނުންވާ އަދަދުގެ އަގުލަބިއްޔަތެއް އެޕާޓީގެ އަތުގައި އެބަ އޮތެވެ. އެހެންނަމަވެސް، އަސާސީ މިނިވަންކަމާއި ހައްގުތަކަށް އަދި ރިޔާސީ ދައުރުފަދަ ވެރިކަމުގެ އަސާސީ ސިފަތަކަށް ބަދަލު ގެންނަނަމަ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގާން ޖެހެއެވެ.
ސަރުކާރުން ދޮގުކުރޭ
ބިލުގެ ބަހުސްގައި މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވީ ހިޔާލު ހޯދުމުގެ އާންމު ވޯޓަކީ 2028 ރިޔާސީ އިންތިހާބު "ވަގަށް ނެގުމުގެ" އާލާތެއް ކަމަށެވެ. އޭނާ ވިދާޅުވީ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމުގެ އެންމެ 21 ދުވަސް ކުރިން ކެމްޕޭނަށް ހުޅުވާލުމާއި، ވޯޓު ނެގޭ މައްސަލައާބެހޭ މައުލޫމާތު ކަރުދާހެއް އާންމުކުރަންޖެހޭ ކަމަށް އޮތްއިރު، އެކަރުދާހުގައި ހިމަނާނީ ކޮންކޮން މައުލޫމާތެއްކަން ނިންމުމުގެ އިހުތިޔާރާއި ބާރު އިލެކްޝަންސް ކޮމިޝަނަށް އޮތް އޮތުމަކީ ހަމަޖެހޭ އުސޫލެއް ނޫންކަމަށެވެ. އެހެންވީމާ ރައްޔިތުންގެ ވިސްނުން ވަކިގޮތަކަށް އަނބުރާ، ބައްޓަންކުރުމަށް ސަރުކާރަށް ނަހަމަ އެޑްވާންޓޭޖެއް ހޯދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީއަށް ނިސްބަތްވެވަޑައިންނަވާ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ "ރަސްކަމެއް ގާއިމު ކުރާކަށް މިގައުމުގައި ފުރުސަތެއް ނުދެވޭނެ" ކަމަށެވެ.
އެހެންނަމަވެސް، އެމްޑީޕީގެ މިތުހުމަތުތައް ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ދޮގުކުރެއްވިއެވެ. “މިސަރުކާރުން ރިޔާސީ ދައުރެއް ނުދަންމާނެ. އެކަމެއް ނުކުރާނަން. ރައީސުލްޖުމްހޫރިއްޔާ ކުޑަކޮށްވެސް އެކަމަށް ތާއީދެއް ނުކުރައްވާ" އޭނާ ޔަގީންކަން ދެއްވިއެވެ. އޭނާ ވިދާޅުވީ އިދިކޮޅުން ދޮގު ހަބަރު ފަތުރަނީ ކަމަށެވެ. އަދި އެމްޑީޕީއިން ބުނަމުންދާ ގޮތާ ހިލާފަށް، ސަރުކާރުން އެދެނީ މަޖިލީހުގެވެސް އަދި ރައީސުލްޖުމްހޫރިއްޔާގެވެސް ދައުރު ކުޑަ ކުރަންކަމަށް ވިދާޅުވެ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮަށް ބާއްވަން ހުށަހަޅާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޕްރިފަރެންޝަލް ވޯޓިންގް ނުވަތަ ރޭންކްޑް ޗޮއިސް ވޯޓިންގް ނިޒާމަށް ބަދަލުވުމަށާއި، ރިޔާސީ ދައުރުގެ މުއްދަތު 11 ނޮވެންބަރުން އައު ވާގޮތަށް އަލުން ރުޖޫއަވުމަށްވެސް ފެންނަ ނުފެންނަ ވޯޓެއް ނަގާން ގަސްތުކުރައްވާކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެފައި ވެއެވެ.
ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ވިދާޅުވީ މިހުށަހެޅުއްވުންތަކަށް ތާއީދު ލިބިއްޖެނަމަ ރިޔާސީ ދައުރުގެ މުއްދަތު 1 ހަފްތާއިން ކުރުވާނެ ކަމަށެވެ. އަދި 20 ވަނަ މަޖިލީހުގެ ދައުރު 6 މަސް ދުވަހުން ކުޑަވާނެ ކަމަށެވެ. "އަޅުގަނޑުމެންގެ 6 މަސް ދުވަހުގެ މުސާރަ ގުރުބާން ކުރާނަން. މިއީ އެމްޑީޕީއިން ދުވަހަކުވެސް ކުރާނެ ކަހަލަ ކަމެއް ނޫން." އޭނާ ވިދާޅުވިއެވެ. މިއާއެކު ދެއިންތިހާބު އެއްކޮށްލުމުން 70 މިލިޔަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށާއި، އެމްޑީޕީއިން ހަރަދުކުޑަކުރުމުގެ ފިޔަވަޅުތަކަށް ތާއީދު ނުކުރާކަން ރައްޔިތުންނަށް މިހާރު ފެންނާނެ ކަމަށެވެ.
ފަލާހް އިތުރަށް ވިދާޅުވީ ފެންނަ ނުފެންނަ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމާބެހޭ ގާނޫނެއް 2008 ގައި ގާނޫނު އަސާސީ ވުޖޫދު ކުރުމަށްފަހު، ލަސްނުކޮށް ފާސްކޮށްފައި އޮންނާން ވާނެކަމަށާއި، އެމްޑީޕީއިން ކުރާ ތުހުމަތާ ހިލާފަށް މިގާނޫނު ވުޖޫދުކުރީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ވީ އެންމެ ފުޅާ ދާއިރާއެއްގައި ހޯދޭނެ ގޮތްތަކަކަށް ފަހިކުރާން ކަމަށެވެ.
ދިވެހިރާއްޖޭގެ ވަކިވަކި ސަރަހައްދުތަކާއި އަތޮޅުތަކުގައި މިބިލު މެދުވެރިކޮށް ހިޔާލު ހޯދުމާއި ފެންނަ ނުފެންނަ އާންމު ވޯޓު ނެގޭނެއެވެ. އައްޑޫ ސިޓީގެ ރަށްތައް ސިޓީ ކައުންސިލުން ވަކިވެ، ވަކި ރަށު ކައުންސިލުތަކެއް ގާއިމުކުރާން އެދޭތޯ ބަލާން މި ފެށޭ އޮކްޓޫބަރުގައި ވޯޓެއް ނަގާން ގަސްތުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވެއެވެ. އަދި "އައްޑޫ" މި ނަން ކޮންމެ ރަށެއްގެ ނަމުގެ ކުރީގައި ހިމަނާންވެސް މިވޯޓުގައި ހިޔާލަށް އަހާނެ ކަމަށް ވެއެވެ.
އިޖުރާއަތާ ގުޅޭ ސުވާލުތަކާއި ޝައްކު
މިނޫހާ ވާހަކަދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ވިދާޅުވީ ރިޔާސީ އިންތިހާބުގެ 6 މަސް ދުވަސް ފަހުން މަޖިލިސް އިންތިހާބު ބޭއްވުމުގެ ބަދަލުގައި ރިޔާސީ ދައުރުގެ މެދަށް ވާގޮތަށް އެއިންތިހާބު ބޭއްވުން ރަނގަޅު ކަމަށް ބުނާ މީހުން މިހާރުވެސް މާ ގިނަކަމަށާއި، އޭރުން، މަޖިލިސް އިންތިހާބަކީ ސަރުކާރާމެދު މަގުބޫލުކަން އޮތް މިންވަރު މިނެކިރާން ލިބޭ ފުރުސަތަކަށް ހެދޭނެ ކަމަށެވެ. "ދެއިންތިހާބު އެއް ކުރީމާ، ވެރިކަން ކުރާ ޕާޓީއަށް މާ ގިނަ ގޮނޑި، މިހާރަށްވުރެވެސް ގިނަ ގޮނޑި ލިބުން އެކަށީގެންވޭ،" އޭނާ ވިދާޅުވިއެވެ.
މިބިލު ދިރާސާކުރި މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި ސަރުކާރު ނިސްބަތްވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް އިންނެވި ހަމައެކަނި މެންބަރު މީކާއިލް ވަނީ މިބިލު ދިރާސާކުރުމާއި، ފާސްކުރުމުގައި އަވަސް އަރުވާލިކަން ފާހަގަކުރައްވާފައެވެ. އެކަށީގެންވާ ވަގުތު ބަހުސަށާއި، ހިޔާލު ބަދަލުކުރުމަށާއި، މަޝްވަރާއަށް ނުލިބޭ ކަން ފާހަގަކުރެއްވި މެއެވެ. އައު މީޑިޔާ ރެގިއުލޭޓަރީ ކޮމިޝަންގެ ބިލުވެސް ފާސްކުރީ މިފަދައިން އަވަސް އަރުވާލައިގެން ކަމަށާއި، މިބިލު ފުރަތަމަ ފާސްކުރިޔަސް، ފުރަތަމަ ފޮނުވާފައި އޮތީ ފެންނަ ނުފެންނަ، އާންމު ހިޔާލު ހޯދުމުގެ ބިލުކަމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑު މިކަން ފާހަގަކުރީމާ އަވަސް އަރުވައިލާފައި އެޓާރނީ ޖެނެރަލްގެ އޮފީހުން ހިޔާލު ހޯދުމުގެ ވޯޓާބެހޭ ބިލުގެ ކޮމެންޓުތައް ކޮމިޓީއަށް ފޮނުވީ،" މީކާއިލް އޮޅުންފިލުއްވައި ދެއްވިއެވެ.
ޓްރާންސްޕޭރަންސީ މޯލްޑިވްސް (ޓީއެމް)ގެ ކޮމެންޓެއް ހޯދާންވެސް ބިލު ފޮނުވީ ބިލު ފާސްކުރާން ހަފްތާއަކަށް ކުޑަތަންވީ ފަހުންނެވެ. މިފަދަ ވޯޓެއް ނަގާން ޖެހޭނީ "އެންމެންނަށް ބައިވެރިވެވޭ، ދެފުށް ފެންނަ ގޮތެއްގައި. ހުރިހާ ރައްޔިތުންނަކަށް ކަމާބެހޭ ތެދު މައުލޫމާތާއި ވޯޓުގެ ނަތީޖާ ނުކުންނަ ގޮތަކުން ކުރިމަތިވާނެ ކަންކަމާއި، ކުރާނެ އަސަރު އޮޅުންފިލުވައިދޭން ޖެހޭ،" ޓީއެމްގެ ގަވަރނަންސް މެނޭޖަރ އައްޒާ މުހައްމަދު މިނޫހުގައި ވިދާޅުވިއެވެ.
"އެންމެންނަށް އަތްފޯރާ ފަށުގައި ކަމާބެހޭ މައުލޫމާތު ކަރުދާސް ހުންނަންޖެހޭނެ. އޭގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންވެސް ޝާމިލުވާން ޖެހޭނެ. ހިޔާލު ހޯދުމުގެ ނުވަތަ ފެންނަ ނުފެންނަ ވޯޓެއްގެ މިނިވަންކަމާއި އިންސާފުވެރިކަމާއި އެންމެންގެ ބައިވެރިވުން ކަށަވަރުވާން ޖެހޭނެ،" އޭނާ އިތުރަށް ވިދާޅުވިއެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ
އިތުރު ލިޔުންތައް

"ސަލާމަތުން ގޮސް، އަމިއްލަ ވަޒަނުގައި ދެން އަވަހަކަށް ނޫޅެވޭނެކަން އެނގުނު" ޝަހިންދާ އިސްމާޢީލް
27 ނޮވެމްބަރު

"ޕާޓީތަކާމެދު މާޔޫސްވެއްޖެ" - ވޯޓު ލާ ޢަދަދު މަދުވެ، އެފަރަގު ރަށްފުށާއި ސިޓީތަކުގެ ދެމެދު ބޮޑުވަނީ
02 ނޮވެމްބަރު

"ބާރުވެރިކުރުވާކަށް މީހަކަ ނާންނާނެ! އަހަރުމެން ބާރުވެރިވާންޖެހޭނީ އަމިއްލައަށް!" ހަތަރު ދައުރު ކައުންސިލަރަކަށް އިންތިޚާބުވި ސާމިޔާ
30 އޮކްޓޯބަރު

