ހިފެހެއްޓުމެއްނެތް ރިޔާސީ ބާރުތައް
ސިޔާސީގޮތުން ކުރި އުއްމީދުތައް ބަދަލުވެ، މުއައްސަސާތަކުގެ ދައުރު ކުޑަވަނީ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
12 އޮގަސްޓް
މި ލިޔުމަކީ، ޔޫރަޕިއަން ޔޫނިއަންގެ އެހީގެ ދަށުން ހިންގާ އެޑްވާންސިން ޕޮލިޓިކަލް ޕްލޫރަލިޒަމް އެންޑް ޓްރާންސްޕޭރެންސީ (އޭޕީޕީޓީ) ޕްރޮޖެކްޓްގެ ދަށުން އިންޓަނިއުސް ޔޫރަޕް މެދުވެރިކޮށް ހިންގާ ސްޓްރެންތެނިން ޕީސް އެންޑް ޑިމޮކްރަސީގެ އެހީތެރިކަމާއެކު ތައްޔާރުކޮށްފައިވާ ލިޔުމެކެވެ.
2008 ވަނަ އަހަރު ވުޖޫދަށް އައިސްފައިވާ އައި ޤާނޫނުއަސާސީއަށް ފަހު، ވޭތުވެދިޔަ 16 އަހަރުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ރައީސަކު އަލުން އިންތިޚާބުވެފައިނުވެއެވެ. މިއީ އެއް މީހެއްގެ އަތް މައްޗަށް ބޮޑެތި ބާރުތަކެއް ދޫކޮށްލެވި، މި ބާރުތަކާ ގުޅިގެން ޖަވާބުދާރީ ކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރެވިފައި ނެތުމުގެ ނަތީޖާއެވެ.
ދައުލަތުގެ މުޅި ނިޒާމު ބިނާވެފައި ވަނީ އެގްޒެކެޓިވް ބްރާންޗުގެ ވަށައިގެންނެވެ. ރައީސުލްޖުމްހޫރިއްޔާއަކީ ސަރުކާރުގެ ވެރިޔާގެ އިތުރުން، މުޅި ދައުލަތް ރައްކާތެރިކުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ފަރާތެކެވެ. އިންތިޚާބުވުމަށްފަހު، ފަސް އަހަރުގެ ދައުރު ފުރިހަމަވުމާ ހަމައަށް ރައީސަކު ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ނެތެވެ. މުޅި ޤައުމެއްގެ ސަލާމަތާއި ދުޅަހެޔޮކަމަށް ވަކި ފަރުދަކަށް ބަރޯސާވުމަކީ، ތާރީޚުން ފެންނަން އޮތް ގޮތުގައި ވަރަށް ބޮޑެތި މައްސަލަތައް ކުރިމަތިކުރުވާ، ދެމެހެއްޓެނިވި ކަމެއްނޫނެވެ. ސަރުކާރުގެ އެއްވެސް މުއައްސަސާއަކީ، ވަކިން ޚާއްޞަކޮށް ރަޢީސް އޮފީސް ފަދަ މުހިންމު މުއައްސަސާއަކީ، ހަމައެކަނި އެންމެ މީހެއްގެ ނިންމުންތަކާއި، ބުއްދީގެ މައްޗަށް ބިނާވެފައިވާ މުއައްސަސާއަކަށް ވެގެންނުވާނެއެވެ. އެހެންނަމަވެސް، މިއީ ދިވެހި ރާއްޖޭގެ އެގްޒެކެޓިވް ޕްރެޒިޑެންސީގެ ސިޔާސީ ޙަޤީޤަތެވެ. އުއްތަމަ ފަނޑިޔާރާއި އެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަން ކުރުމާއި، ސިފައިންނާއި ސްކައުޓުންގެ އެންމެ ވެރިޔާއަށް ވުމުގެ ސަބަބުން، ދައުލަތުގެ އެންމެހާ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ބާރު ފުޅާވެގެން ދެއެވެ. ދާދި ފަހުން ޤާނޫނުތަކަށް ގެނެވުނު އިސްލާހުތަކާއެކު، މި ބާރުތައް ވަނީ އިތުރުވެފައެވެ. ޑިމޮކްރެޓިކް ނަޒާހަތްތެރިކަން ދެމެހެއްޓުމަށްޓަކައި ދައުލަތުގެ ނުފޫޒުން ބޭރުން މިނިވަންކަމާއެކު މަސައްކަތް ކުރަން ޖެހޭ ދެ މުއައްސަސާކަމަށްވާ އެންޓި ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަނުގެ ރައީސުން އައްޔަންކުރުމުގެ ބާރު މިހާރު އޮތީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައެވެ.
މި މައްސަލަތަކަކީ ހަމައެކަނި ދިވެހި ރާއްޖެގައި ހުރި މައްސަލަތަކެއް ނޫނެވެ. ހަރުދަނާ މުއައްސަސާތަކާއެކު ޤާއިމުކުރެވިފައިވާ ޑިމޮކްރަސީއެއް އޮންނަ އެމެރިކާގައިވެސް، މި މައްސަލަ ވަނީ ފެންމަތިވެފައެވެ. އެގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެގްޒެކެޓިވް ބާރު އިތުރަށް ފުޅާކުރެވިފައިވާއިރު، މި ކަމާ ގުޅިގެން ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. އެގޮތުން، ޓްރަމްޕް ވަނީ އެގްޒެކެޓިވް އޯޑަރުތައް ބޭނުންކުރައްވައި ކޮންގްރެސްގެ ނިންމެވުންތަކުގެ ބާރު ކަނޑުވާލާފައެވެ. މިގޮތުން، ކޮންގްރެސް އިން ފަންޑު ކުރަން ދެކޮޅު ހަދާފައިވާ ބޯޑަރުގެ ފާރަށް އަސްކަރިއްޔާއަށް ކަނޑައެޅުފައިވާ ފައިސާ ބޭނުންކުރުމަށް ޓްރަމްޕް ވަނީ އެގްޒެކެޓިވް އޯޑާރއެއްގެ ދަށުން ގައުމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވާފައެވެ. މީގެ އިތުރުން އާނާ ވަނީ ފެޑެރަލް އެޖެންސީތަކުގެ މިނިވަން މޮނިޓަރިންގެ ޒިންމާ އުފުލަން ޖެހޭ އިންސްޕެކްޓާ ޖެނެރަލް މަގާމުން ވަކިކޮށްފައެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ރިޔާސީ ބާރުތައް ލިމިޓް ކުރުމާ ބެހޭ ގޮތުން ކުރެވޭ މަޝްވަރާތައް އަލުން ވަނީ ފެށިފައެވެ. މިއީ ދިވެހި ރާއްޖެއިން ވެސް ވިސްނަންޖެހިފައިވާ ކަމެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުން
ޤާނޫނުއަސާސީން މަޖިލީހުގެ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޒިންމާދާރު ކުރުވުމުގެ ބާރު ދެވިފައިވީނަމަވެސް، ހަގީގަތުގައި މިބާރުގެ ބޭނުން ހިފާފައިވަނީ ވަރަށް މަދު ފަހަރެއްގައެވެ. 2009 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައީސް މުހައްމަދު ނަޝީދުގެ ޕާޓީއަށް ކާމިޔާބުކުރެވިފައިވަނީ 77 ގޮނޑީގެ ތެރެއިން އެންމެ 26 ގޮނޑިއެވެ. އެހެންނަމަވެސް، އެމަނިކުފާނަށް ފަހުން އިންތިޚާބުވެ ވަޑައިގެންނެވި ކޮންމެ ރައީސަކަށްވެސް މަޖިލީހުގެ ސާފު އަޣުލަބިއްޔަތެއް ލިބިފައިވާއިރު، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހާއި މިހާރުގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒަށް ވެސް މަޖިލީހުގެ ސުޕަމެޖޯރިޓީ ކާމިޔާބުކުރެވިފައިވެއެވެ. މިކަމުގެ ސަބަބުން، ސަރުކާރު ޒިންމާދާރުކުރުވުމަށް، މަޖިލީހުން އަދާކުރަންޖެހޭ ދައުރު ކުޑަކުރެވިގެންދެއެވެ.
ދާއިރާތަކަށް ބޭނުންވާ ތަރައްގީގެ މުހިންމު މަޝްރޫއުތައް ހޯއްދެވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައީސް އޮފީހަށް ބަރޯސާވެފައިވާ ބައެކެވެ. މަގުހެދުމާއި، ބަނދަރު މަރާމާތުކުރުމާއި، އަސާސީ އުމްރާނީ ވަސީލަތްތައް ގާއިމްކުރުމުގެ ކަންކަން ބަލަހައްޓަވަނި ރައީސް ކަނޑައަޅުއްވާފައިވާ ވަޒީރުންނެވެ. މިއީ އިންތިޚާބުކުރެވޭ ބައެއްނޫނެވެ. ވަޒީރުންނަށް ނުވަތަ ރައީސަކަށް ފާޑުކިޔުމުގެ ސަބަބުން އުމްރާނީ ތަރައްގީގެ މުހިންމު މަޝްރޫއުތައް ފަސްވެގެންދިއުމަކީ އެކަށީގެންވާކަމެކެވެ. ކުރުމަތިކުރެވިފައިވާ މި ހާލަތުގެ ސަބަބުން، ސިޔާސީ ގޮތުން ކުރިއެރުން ހޯއްދެވުމަށްޓަކައި ސަރުކާރާއި އެއްބައިވުމަށް މެންބަރުންނަށް މަޖުބޫރުވެއެވެ.
ރިޔާސީ ބާރުތައް ފުޅާކުރުމާއި، ކޮރަޕްޝަނާއި، ކަންކަން ރަނގަޅަށް ނުބެލެހެއްޓުން ފަދަ ކަންކަން ގާނޫނީ ގޮތުން ސައްހަކުރަން ގެންގުޅޭ ވަސީލަތަކަށް މަޖިލީސް މިވަނީ ބަދަލުވެފައެވެ. ކުރީގެ ރައީސް އަބްދުالله ޔާމީނަ މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންކޮށްފައިވަނީ ޤާނޫނުއަސާސީގައިވާ ބިން ކުއްޔަށްދިނުމާއި، އަބުރު ރައްކާތެރިކުރުމާ ގުޅޭ މާއްދާތައް ބަދަލުކޮށް އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރުމަށެވެ. ރައީސް ސޯލިހް މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ސިއްރުކުރުމަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ތެރެއިން ސަރުކާރަށް ފައިސާ ދައްކަންޖެހޭ ކުންފުނިތަކަށް ލުއި ފަސޭހަ ގޮތެއް ލިބޭފަދަ ގާނޫނު ފާސްކުރުމަށާއި، މިނިވަން ކޮމިޝަންތަކުގެ މެންބަރުން ސިޔާސީ ބޭނުންތަކަށް ބަދަލުކުރެއްވުމަށެވެ. ރައީސް މުޢިއްޒުވަނީ މަޖިލީހަށް އިންތިޚާބުވުމަށްފަހު ޕާޓީ ބަދަލުކުރުން ހުއްޓުވުމަށް ގާނޫނުއަސާސީއަށް މާއްދާއެއް ހުށަހަޅުއްވައި، މަޖިލީހުގެ ގޮނޑި ގެއްލިގެންދިއުމުގެ ބިރު އުފައްދައި، ވެރިކަންކުރާ ޕާޓީގެ ވިޕްލައިން ތަންފީޒުކުރުން ހަރުދަނާކޮށް، ލޯކަލް ކައުންސިލްތަކުގެ ބާރު ހަނިކޮށްފައެވެ.
އިދިކޮޅު މެންބަރުން ވަޒީރުންނާ ސުވާލުކުރުމަށްޓަކައި، މަޖިލީހަށް ހާޞިރުވުމަށް އެންގުމުން، މި ފަދަ އެންގުންތަކަށް ވަޒީރުން އިޖާބަދިނުން ހުއްޓާލާފައިވުމީ، މިހާރު އޮތް މަޖިލީހުގެ ބާރު ކެނޑިފައިވާ މިންވަރު އަންގައިދޭ ކަމެކެވެ.
މަގާމުތަކަށް ބޭފުޅުން އައްޔަންކުރުން
ރައީސުލްޖުމްހޫރިއްޔާއަށް ކެބިނެޓުގެ ވަޒީރުން އައްޔަން ކުރާއިރު މެނުވީ، ސިޔާސީ މަގާމްތަކަށް ބޭފުޅުން އައްޔަން ކުރެއްވުމަށް މަޖިލީހުގެ ރުހުންބޭނުމެއް ނުވެއެވެ. ކިޔެވުމުގެ ފެންވަރާއި ކުރީގެ ތަޖުރިބާއަށް ބެލުމެއްނެތި، މިފަދަ މަގާމުތަކަށް މީހުން ކަނޑައެޅުމުގައި ބައްލަވަނީ ސަރުކާރަށް ތާއީދުކުރާ މިންވަރަށެވެ. މިކަމުގެ ސަބަބުން، މި ސަރުކާރަކީ ޖަވާބުދާރީ ނުކުރެވޭ، ވާނުވާ ނޭނގޭ ސިޔާސީ މުވައްޒިފުންތަކުން ފުރިފައިވާ ސަރުކާރެކެވެ. މީގެ އިތުރުން ލާމަރުކަޒީ ނިޒާމުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާއަށް އޮތް ބާރު ވަރަށް ބޮޑެވެ. ލޯކަލް ކައުންސިލްތަކުގެ ބާރު ބަދަލުކޮށް، ރަށްތައް ހިންގުމުގެ ބާރުތަކަށް ބަދަލުގެނެސް، ސަރުކާރާ ދެކޮޅުހަދާ ކައުންސިލްތަކުގެ ބާރުތައް ކަނޑާލައި، ސަރުކާރުގެ ވުޒާރާތަކަށް ދާއިރާތަކުގެ ހިންގުން ބަދަލުކުރުމުގެ ބާރު ރައީސަށް ލިބިގެންވެއެވެ. ރަށްތަކުގެ އިޤްތިޞާދީ މިނިވަންކަމަށް މުހިންމު ފަތުރުވެރިކަމުގެ ޒޯންތައް ޤާއިމުކުރުމަކީވެސް ކައުންސިލްތަކުގެ ލަފަޔާއި ރުހުން ނެތި ކުރެވިދާނެ ކަމެކެވެ. މިގޮތުން، މީހުން ދިރިނޫޅޭ ރަށެއްގެ އިހްތިސާސް ކުޅުދުއްފުށީ ސިޓީގެ ދަށުގައި ވަނިކޮށް، އޭގެ އަނެއް ދުވަހު ރައީސްއަށް ފެނިވަޑައިގަންނަވާ ގޮތަކަށް މިކަން ބަދަލުކުރުމުގެ ބާރު ރައީސްއަށް ލިބިގެންވެއެވެ.
ރާއްޖޭގެ އެގްޒެކެޓިވް ޕްރެޒިޑެންސީ މިވަނީ ބާރުވެރި މުއައްސަސާއަކަށް ބަދަލުވެފައެވެ. ހަމަހަމަވެފައިވާ ޑިމޮކްރެޓިކް ނިޒާމެއްގެ ބަދަލުގައި، ހުރިހާ ބާރުތަކެއް އެއްވެފައިވާ ނިޒާމަކަށް ބަދަލުވެ، ރައީސުލްޖުމްހޫރިއްޔާއަކީ ފަނޑިޔާރުކަމާއި، ޖޫރީ އަދި އެކްޒެކިއުޝަނާއަށް މިވަނީ ބަދަލުވެފައެވެ. މަޖިލީހަކީ ނަމެއްގައި ހަމައެކަނި ރުހުން ދިނުމަށް އޮންނަތަނެކެވެ. ކައުންސިލްތައް ވަނީ އެއް ފަރާތްކުރެވިފައެވެ. އަދި މިނިވަން މުއައްސަސާތަކުގެ ބާރުތައް ވަނީ ނިގުޅައިގެންފައެވެ.
ގައުމުގެ ކުރިއެރުން ވަކި މީހެއްގެ އަތްމައްޗަށް ދޫކޮށްލުމުގެ ނުރައްކަލަކީ މިހާރު ރާއްޖޭގައި ހަމައެކަނި ތިއަރެޓިކަލް މައްސަލައެއް ނޫނެވެ. މިއީ މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ހަގީގަތެކެވެ. މިގޮތުން، ބާރުތައް ބެހިފައިވާގޮތުގެ ނިޒާމަށް އިޞްލާޙުތަކެއް ނުގެނެވޭނަމަ، ނަހަމަގޮތުގައި ބާރުގެ ބޭނުންކުރުމާއި، މުއައްސަސާތަކުގެ ބޭނުން ކެނޑިގެންދިއުމުގެ ސަބަބުން، މިޤައުމުގެ ސިޔާސީ ބިންގާ ފުޑުފުޑުވެގެން ހިނގައިދާނެއެވެ.
މި ލިޔުމަކީ، ޔޫރަޕިއަން ޔޫނިއަންގެ އެހީގެ ދަށުން ހިންގާ އެޑްވާންސިން ޕޮލިޓިކަލް ޕްލޫރަލިޒަމް އެންޑް ޓްރާންސްޕޭރެންސީ (އޭޕީޕީޓީ) ޕްރޮޖެކްޓްގެ ދަށުން އިންޓަނިއުސް ޔޫރަޕް މެދުވެރިކޮށް ހިންގާ ސްޓްރެންތެނިން ޕީސް އެންޑް ޑިމޮކްރަސީގެ އެހީތެރިކަމާއެކު ތައްޔާރުކޮށްފައިވާ ލިޔުމެކެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ
ގުޅުންހުރި ޓެގްސް
އިތުރު ލިޔުންތައް

"ސަލާމަތުން ގޮސް، އަމިއްލަ ވަޒަނުގައި ދެން އަވަހަކަށް ނޫޅެވޭނެކަން އެނގުނު" ޝަހިންދާ އިސްމާޢީލް
27 ނޮވެމްބަރު

"ޕާޓީތަކާމެދު މާޔޫސްވެއްޖެ" - ވޯޓު ލާ ޢަދަދު މަދުވެ، އެފަރަގު ރަށްފުށާއި ސިޓީތަކުގެ ދެމެދު ބޮޑުވަނީ
02 ނޮވެމްބަރު

"ބާރުވެރިކުރުވާކަށް މީހަކަ ނާންނާނެ! އަހަރުމެން ބާރުވެރިވާންޖެހޭނީ އަމިއްލައަށް!" ހަތަރު ދައުރު ކައުންސިލަރަކަށް އިންތިޚާބުވި ސާމިޔާ
30 އޮކްޓޯބަރު

