އެއް ވޯޓަކުން ދެ އިންތިހާބު: މި ސިޔާސީ ބަދަލާ ގުޅޭ ގޮތުން ދިވެހިރާއްޖެ ދަނީ ވިސްނަމުން
ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެކީގައި ބާއްވައިފިނަމަ 150 މިލިއަން ރުފިޔާ ސަލާމާތްކުރެވޭނެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
12 އޮގަސްޓް
މި ލިޔުމަކީ، ޔޫރަޕިއަން ޔޫނިއަންގެ އެހީގެ ދަށުން ހިންގާ އެޑްވާންސިން ޕޮލިޓިކަލް ޕްލޫރަލިޒަމް އެންޑް ޓްރާންސްޕޭރެންސީ (އޭޕީޕީޓީ) ޕްރޮޖެކްޓްގެ ދަށުން އިންޓަނިއުސް ޔޫރަޕް މެދުވެރިކޮށް ހިންގާ ސްޓްރެންތެނިން ޕީސް އެންޑް ޑިމޮކްރަސީގެ އެހީތެރިކަމާއެކު ތައްޔާރުކޮށްފައިވާ ލިޔުމެކެވެ.
ކޮންމެ ފަސް އަހަރެއްގެ ތެރޭގައި ދެ ފަހަރު ރާއްޖޭގެ ސްކޫލްތައް ބަންދުކޮށް، ކެމްޕެއިން ހަރަކާތްތަކުގެ އަޑުތަކުގެ ސަބަބުން ދަރިވަރުންނަށް ކިޔަވަން ދަތިތައް ކުރިމަތިވެ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ސަރުކާރުން 300 މިލިއަން ރުފިޔާ (19.4 މިލިއަން ޑޮލަރު) ހަ މަސް ދުވަހުގެ ތެރޭގައި ހޭދަކުރެއެވެ.
އަވަސް މުސްތަގުބަލެއްގައި، މި ނިޒާމް ބަދަލުކުރުމާ މެދު، ވޯޓު ލުމުގެ ހައްގު ލިބިފައިވާ ފަރާތްތަކުން ގޮތެއް ކަނޑައަޅަންޖެހިދާނެއެވެ. މި ނިންމުމުގެ ސަބަބުން ދިވެހި ރާއްޖޭގެ ސިޔާސީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވެއެވެ.
މިދިޔަ ނޮވެމްބަރު މަހުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ތަގުރީރުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުވަނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާމެދު އާންމުން ދެކޭގޮތް ހޯއްދެވުމަށްޓަކައި ވޯޓެއް ބޭއްވުމަށް ނިންމަވާފައިވާކަމަށް އިއުލާންކޮށްފައެވެ. މީގެ އިތުރުން، އިންތިޙާބުތަކާ ބެހޭ ނިޒާމަށް އިތުރު ބަދަލުތައް ގެނައުމަށް ރައީސްވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން، ރޭންކްޑް ޗޮއިސް ނުވަތަ ޕްރެފަރެންޝަލް ވޯޓިން ތައާރަފްކުރުމާއި، ރައީސްކަމުގެ ހުވާކުރައްވާ ދުވަސް ނޮވެންބަރު މަހުގެ 11 ވަނަ ދުވަހަށް ބަދަލުކުރެއްވުން ހިމެނެއެވެ. މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ރައީސް ވަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ބާއްވަން ނިންމަވާފައިވާކަން ވެރިކަންކުރާ ޕާޓީގެ މަޖިލީސް މެންބަރުންނަށް އަންގަވާފައެވެ. މި ބަދަލުތައް ގެންނެވުމަށްޓަކައި، ޤާނޫނުއަސާސީ އިޞްލާހުކޮށް، ތަޞްދީގުކުރެވެންޖެހެއެވެ. ޤާނޫނުއަސާސީގައިވާ ގޮތުން މިފަދަ އިޞްލާހުތައް މި ޤާނޫނަށް ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަން ކަނޑައެޅުމަށްފަހުގައެވެ. މިއީ ޤާނޫނުއަސާސީގެ ދެވަނަ ބާބުބަގައި ހިމެނޭ އަސާސީ ހައްގުތަކާއި ރިޔާސަތުގެ ދައުރާއި ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރާ ގޮތާ ގުޅޭ މާއްދާތައް އިސްލާހުކުރުމަށް އަމަލުކުރުމަށް ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ ގޮތެވެ.
ޢާންމުންގެ މަސްލަހަތު ހިމެނޭ ނުވަތަ ޤައުމީ މުހިންމު ކަންކަމުގައި ޢާންމުންގެ ޚިޔާލު ހޯދުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ލިބިގެންވެއެވެ.
މިކަމާ ގުޅިގެން އެމްޑީޕީގެ ޗެއާމަން ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވަނީ މިސަރުކާރުގެ ސިޔާސީ ޚަރަދުތައް މިހާތަނަށް އިތުރުވެފައިނުވާ މިންވަރަކަށް މަތިވެފައިވަނިކޮށް، ސަރުކާރުން ޚަރަދުކުޑަ ކުރުމުގެ ނަމުގައި މިފަދަ ބަދަލެއް ގެނައުމަށް ވަކާލާތު ކުރުމަކީ އިހްލާޞްތެރިކަމެއްކަމަށް ބަލައިނުގަނެވޭނެ ކަމަށެވެ.
"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވަކިކުރުމަކީ ގާނޫނު އަސާސީގައި ހިމެނިފައިވާ ވަރަށް މުހިއްމު ނިޒާމެއް. ދެ އިންތިޚާބު އެއްކުރުމުން، ސަރުކާރު ޒިންމާދާރު ކުރުވުމަށް މަޖިލީހުން އަދާކުރަން ޖެހޭ ދައުރަށް ބުރޫ އަރާނެ،" އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ރިޔާސީ އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބު އެއްކޮށް ބޭވުމުން ފައިދާވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ. "ލާމަރުކަޒީ ނިޒާމާއި، ސަރުކާރުގެ ތަރައްގީގެ ލަނޑުދަނޑިތައް އެއްގޮތް ކުރުމުން، ތަރައްގީއާ ގުޅޭ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާގޮތެއްގައި ކުރުމަށް މަގުފަހިވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.
ސަލާމާތްކުރެވޭނެ ފައިސާގެ އަދަދު ދެނެގަތުން
މިދިޔަ އަހަރުގެ ޖުލައި މަހު، އެއިރު އިލެކްޝަންސް ކޮމިޝަނުގެ މުގައްރިރުގެ މަގާމުގައި ހުންނެވި ފުވާދު ތައުފީގު ވަނީ ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެއްކޮށް ބޭއްވުމަށް ތާއީދުކުރައްވާފައެވެ.
ފުވާދު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބު އިންތިޒާމް ކުރުމަށާއި، ވަކި ފަރާތަކަށް އަގުލަބިއްޔަތު ލިބިފައިނުވާނަމަ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށާއި، މަޖިލީސް އިންތިޚާބު އިންތިޒާމްކުރުމަށް ޖުމްލަ ގޮތެއްގައި ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ ހަރަދުވެއެވެ. އޭނާ އަންދާޒާ ކުރެއްވި ގޮތުގައި މި ދެ އިންތިޚާބު އެއްކުރެވިއްޖެނަމަ ގާތްގަނޑަކަށް 150 މިލިއަން ރުފިޔާ ސަލާމާތްކުރެވޭނެއެވެ.
މިފަދަ ނިޒާމެއްގައި، އިންތިޚާބީ އޮފިޝަލުން ހޯދުމަށް ފަސޭހަވެ، ދަތުރުފަތުރުކުރުމުގައި ދިމާވާ ގޮންޖެހުންތައް ކުޑަވެ، ވޯޓުލާ މަރުކަޒުތައް ގާއިމުކުރުމަށް ހޭދަވާ ފައިސާގެ އަދަދު ކުޑަކުރެވޭނެކަމަށް ފުއާދުވަނީ ނޫސްވެރިންނަށް މައުލޫމާތުދެއްވާފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބު އަބްދުއްރަހީމް މޯލްޑިވްސް އިންޑިޕެންޑެންޓަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، ކޮވިޑް-19 ގެ ސަބަބުން 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަށް އެ ކޮމިޝަނަށް މަޖުބޫރުވުމާ ގުޅިގެން، މިފަދަ ހުށަހެޅުމަކާ މެދު އެއިރު ރައްޔިތުންގެ މަޖިލީހުގައި މަޝްވަރާކޮށްފައިވާކަމަށެވެ.
"އިންތިޚާބުތަކަށް ހިނގާ ޚަރަދަށްބަލާއިރު، މިއީ ޚަރަދު ކުޑަ ކުރެވޭނެ ގޮތެއް. އަދި ދުނިޔޭގެ ގިނަ ގައުމުތަކުގައި މިފަދަ ބޮޑެތި އިންތިޚާބުތައް އެއްކޮށް ބާއްވާ،" ހަބީބް ފާހަގަކުރެއްވިއެވެ.
"އޮފިޝަލުން އަލުން ތަމްރީނު ކުރަން ނުޖެހުމާއި، ހަ މަސް ތެރޭގައި ދެވަނަ އިންތިޚާބަކަށް ތައްޔާރުވާން ނުޖެހުން ފަދަ އިތުރު ފައިދާތައް މި ނިޒާމުން ލިބިގެންދާނެ. ބައެއް ފަހަރު، ބެޖްޓް ލިބުމުގެ ކުރިންވެސް ކުރިއަށް އޮތް އިންތިޚާބަށް ތައްޔާރުވާން މަސައްކަތް ފަށަންޖެހޭ. މި ބަދަލުގެ ސަބަބުން ވޯޓު ފޮށިތައް ރަށްތަކަށް ގެންދިއުމަށް ކުރާ ޚަރަދު ކުޑަކުރެވޭނެ. މި ނިޒާމުގައި، ވަކި ދެ ވޯޓު ކަރުދާސް ބޭނުންކުރުމަށް ނިންމައިފިނަމަ، މި އިންތިޚާބުގައި ބަދަލުނުވާނެ ހަމައެކަނި ޚަރަދަކީ ވޯޓު ކަރުދާސް ޗާޕުކުރުމަށް ދާނެ ޚަރަދުކަމަށް ބެލެވޭ. މިނޫން އެހެން ހުރިހާ ޚަރަދުތަކެއް ވަރަށް ބޮޑަށް ކުޑަކުރެވޭނެ،" އޭނާ ވިދޅުވިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މިހާރުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެފައިވަނީ ޤާނޫނުން ކަނޑައަޅާ ކޮންމެ ބަދަލެއް ތަންފީޒުކުރުމަށް އެ ކޮމިޝަން ވަނީ ތައްޔާރުވެފައިކަމަށެވެ.
ދެ އިންތިޚާބު އެއްކޮށް ބާއްވައިފިނަމަ އިންތިޚާބަށް ހިނގާ ޚަރަދުތައް ކުޑަކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، އަދި މިފަދަ ތަފްޞީލްތަކާ މެދު ވިސްނަން މާ އަވަސްކަމަށާއި، ރައީސް ކުރެއްވި އިއުލާނަށްފަހު މިކަމާ ގުޅިގެން އިތުރު ފިޔަވަޅެއް އަދި އަޅާފައިނުވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މިކަމާ ގުޅިގެން ގެންނަން ޖެހޭ ގާނޫނީ ބަދަލުތައް ގެނައުމުން، މި ނިޒާމުގެ ސަބަބުން އަންނާނެ ބަދަލުތައް ސާފުވެގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.
ސިޔާސީ ހަރަކާތްތަކުގެ ސަބަބުން ކުރިމަތިވާ އުނދަގޫތައް
މައިގަނޑު ގޮތެއްގައި ވޯޓުލާ މަރުކަޒުތައްކަމަށް ކަނޑައަޅާފައިވާ ސުކޫލުތަކަށް މިކަމުގެ ބުރަ އުފުލަން ޖެހެއެވެ. އިމްތިހާނުގެ ދުވަސްވަރާ އިންތިޚާބާ ދިމާވުމުގެ ސަބަބުން ސުކޫލުތަކަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި، ކެމްޕެއިން ހަރަކާތްތައް އަޑުގަދަވުމުގެ ސަބަބުން ދަރިވަރުންގެ ނަތީޖާއަށް ނޭދެވޭ އަސަރުކުރާ ކަމަށް ހަބީބު ވިދާޅުވިއެވެ.
ހާއްސަކޮށް ތޮއްޖެހިފައިވާ ވެރިރަށްކަމުގައިވާ މާލޭގައި މިފަދަ މައްސަލަތައް ގިނައިން ކުރިމަތިވެއެވެ. ކެމްޕެއިން ބައްދަލުވުންތައް ބާއްވަންޖެހެނީ މީހުން ދިރިއުޅޭ ހިސާބުތަކުގައި ހުންނަ ހޯލްތަކުގައެވެ. ގިނަ ރަށްތަކުގައި، ކިޔަވަން ބޭނުންވާނެ ފަދަ މާހައުލެއް އެކުލެވޭ ތަންތަން ގާއިމްކުރެވިފައިނެތެވެ.
"އަޅުގަނޑުގެ ދޮށީ ދަރިފުޅު އޯ ލެވެލް ހެދިއިރުވެސް މި މައްސަލަތަކާ ދިމާވި. އަޅުގަނޑުމެން ދިރިއުޅޭ ގެއާ ޖެހިގެން މިފަދަ ކެމްޕޭން ސެންޓަރެއް ގާއިމްކުރުމުގެ ސަބަބުން، ކިޔެވުމަށް ވަރަށް އުނދަގޫވި،" ހަބީބު ކިޔައިދެއްވިއެވެ.
މިބަދަލާއެކު އަންނާނެ ކުރިއެރުންތައް
ހަބީބު ހުށަހެޅުއްވި ގޮތުގައި ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެކީގައި ކުރިއަށް ގެންދިއުމުން، މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށްޓަކައި ވެރިކަންކުރާ ޕާޓީއިން ދައުލަތުގެ ވަސީލާތްތައް ބޭނުންކުރާ ކުރުން ހުއްޓުވުމަށް މަގުފަހިވާނެއެވެ.
ފާއިތުވި ދެ އިންތިޚާބު ބުރުތަކުގައި، ވެރިކަންކުރާ ޕާޓީއިން ވަނީ ފަސޭހަކަމާއެކު މަޖިލީހުގެ ސުޕަރމެޖޯރިޓީއެއް ހާޞިލްކޮށް، އިތުރު ޕާޓީއެއްގެ ވޯޓާއި ނުލައި ފަނޑިޔާރުން މަގާމުން ވަކިކޮށް، ޤާނޫނުއަސާސީ އިސްލާހުކުރުމަށް ބޭނުންވާ އަދަދަށް ގޮނޑި ކާމިޔާބުކޮށްފައެވެ.
"ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެރިކަން ކުރާ ޕާޓީއަށް ވޯޓުދިނުމަށް ގިނަ ބަޔަކަށް ބުރަވެވޭ. މި ބަދަލުގެ ސަބަބުން މިކަމުގެ މައްޗަށް ނުފޫޒު އޮތް މިންވަރު ދަށްކުރެވިދާނެ،" ހަބީބު ވިދާޅުވި އެވެ.
ދެ އިންތިޚާބު އެކުގައި ބާއްވައިފިނަމަ ވޯޓުލާ މީހުންގެ އަދަދު 90 އިންސައްތައަށް އިތުރުކުރެވިދާނެ ކަމަށް ހަބީބު އަދި ފުއާދު އަންދާޒާކުރެއްވިއެވެ.
އާންމުގޮތެއްގައި ރިޔާސީ އިންތިޚާބަށްވުރެ، މަޖިލީސް އިންތިޚާބުގައި ވޯޓުލާ މީހުންގެ އަދަދު މަދުކަމަށާއި، ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލާ މީހުންގެ އަދަދު އެއަށްވުރެ ދަށްކަމަށް ހަބީބު ފާހަގަކުރެއްވިއެވެ.
"އެހެންކަމުން، ދެ އިންތިޚާބު އެއްކޮށްލުމުން ވޯޓުލާ މީހުންގެ އަދަދު އިތުރުވާނެ. މިކަމުގެ ސަބަބުން ވޯޓުލާ މީހުންގެ އަދަދަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އަޅުގަނޑު ދެކެން،" އޭނާ ވިދާޅުވިއެވެ.
ވޯޓު ގަތުމުގެ މައްސަލަ
ވެސްޓްމިންސްޓާ ފައުންޑޭޝަން ފޯ ޑިމޮކްރަސީއިން ތައްޔާރުކޮށްފައިވާ ރިޕޯޓަކުން ދައްކާ ގޮތުގައި ވޯޓު ގަތުމަށް ކެންޑިޑޭޓުން އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރާކަމަށް ބެލެވެއެވެ. "ކޮސްޓް އޮފް ޕޮލިޓިކްސް"ގެ މައްޗަށް ތައްޔާރުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ކެމްޕެއިނަށް އާންމުގޮތެއްގައި 2 މިލިއަނާއި 15 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ޚަރަދުވެއެވެ. މި ދިރާސާގައި، އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރިމަތިލެއްވި 13 ކެންޑިޑޭޓުންނާއެކު، މުހިންމު 22 މީހުންނާ ކުރެވުނު އިންޓަރވިއުގެ މައްޗަށް ތައްޔާރުކޮށްފައިވާ ދިރާސާއެކެވެ.
ހަބީބު ވަނީ ވޯޓު ގަތުމަކީ އޭނާ އެންމެ ކަންބޮޑުވާ އެއްކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.
"ވޯޓު ވިއްކާކަމަށް ރައްޔިތުން ފާޅުގައި ބުނޭ. މިއީ ވަރަށް ބޮޑު މައްސަލައެއް. ކޮންމެ ރައްޔިތަކުވެސް ޒިންމާދާރުކަމާއެކު ވޯޓުލުމުގެ ހައްގު ބޭނުންކުރަންޖެހޭ،" އޭނާ ވިދާޅުވިއެވެ.
2008 ވަނަ އަހަރުން ފެށިގެން އިންތިޚާބުތައް އޮބްޒާވް ކުރަމުން އަންނަ މަދަނީ ޖަމިއްޔާއެއް ކަމަށްވާ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ގަވަނަންސް މެނޭޖަރު އައްޒަ މުޙައްމަދު ވަނީ ދެ އިންތިޚާބު އެއްކުރުމުގައި ހިމެނޭ ފައިދާތަކާއި ގެއްލުމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވާފައެވެ.
ދެ އިންތިޚާބު އެއްކުރުމުން ވަސީލަތްތައް ކަނޑައެޅުމުގެ ތެރެއިން ޚަރަދުކުޑަކުރެވި، ވޯޓުލާ މީހުންގެ އަދަދު އިތުރު ކުރެވުނުކަމުގައިވީނަމަވެސް، އަވަސް އަރުވާލައިގެން މިފަދަ ބަދަލުތައް ގެނައުމުގެ ސަބަބުން އިންތިޚާބުތަކުގައި ހިނގާ ނުރަނގަޅު ކަންކަން ދެނެގަނެ އެކަމަށް ފިޔަވަޅު އެޅޭ މިންވަރު ކުޑަވެ، ވޯޓު ގަތުމާއި، ސަރުކާރުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން އިތުރަށް ގޯސްވެ، އިންތިޚާބުގެ ނަތީޖާ ވަކި ފަރާތަކަށް ބުރަ ވުމުގެ ފުރުސަތު އިތުރުވެއެވެ.
އައްޒަ ވިދާޅުވީ އާންމުންގެ ހޭލުންތެރިކަމާއި، ބައިވެރިވުން ހިމެނޭ ފަދަ ދެފުށްފެންނަ ރެފެރެންޑަމްއެއް ބޭއްވުން މުހިއްމުކަމަށާއި، މިކަމުގައި އާންމުންގެ މަޝްވަރާ އެކަށީގެންވާ ގޮތަށް ހޯދިފައިނުވާނަމަ، ވޯޓުލާ މީހުންގެ ބައިވެރިވުން ކުޑަވެގެންދާނެކަމަށެވެ.
"ދެފުށް ފެންނަ ރިފަރެންޑަމެއް ނެތި، ޤާނޫނުއަސާސީން ރައްޔިތުންނަށް ލިއްބައިދީފައިވާ ވީޓޯ ކުރުމުގެ ބާރު ރައްޔިތުންނަށް ގެއްލި، ދައުލަތުގެ ބާރު ބިނާވެފައި އޮންނަނީ ރައްޔިތުންގެ އިޚްތިޔާރުގެ މައްޗަށް ކަމަށް އޮތް ސިޔާސީ އުސޫލު ބަލިކަށިވާނެ،" އޭނާ މޯލްޑިވްސް އިންޑިޕެންޑެންޓަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
ދުސްތޫރީ ގޮންޖެހުންތައް
އިންތިޚާބު ބާއްވާނެ ދުވަހެއް ކަނޑައެޅުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ދިނުމާ މެދު ވަނީ މަޝްވަރާކުރެވިފައެވެ. އެހެން ނަމަވެސް، ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފަސް އަހަރުގެ ދައުރެއް ކަނޑައެޅިފައިވުމަކީ، މިގޮތަށް މިކަން ނިންމުމަށް އޮތް ގޮންޖެހުމެކެވެ.
"މިސާލަކަށް، މިކަން ކުރުމަށް އޮތް އެއް ގޮތަކީ ރައީސުލްޖުމްހޫރިއްޔާގެ ދައުރު އިތުރުކުރުން. މިއީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން،" ހަބީބު ތަފްސީލުކޮށްދެއްވިއެވެ. "ދެން އޮތް ގޮތަކީ، މަޖިލީސް މެންބަރުންގެ ދައުރު 4 އަހަރާއި 6 މަހުގެ މުއްދަތަކަށް ކުރުކޮށް، މިކަމުގެ ބަދަލު މެންބަރުންނަށް ދިނުން. 6 މަސް ދުވަހުގައި މަޖިލީސް މެންބަރުން މަސައްކަތް ނުކުރި ނަމަވެސް، އެ ބޭފުޅުން އިންތިޚާބުވެފައިވަނީ 5 އަހަރަށް ކަމަށްވާތީ، މި 6 މަސްދުވަހުގެ އުޖޫރަ އެބޭފުޅުންނަށް ދޭން ޖެހޭނެ،" ހަބީބު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާއާއި މަޖިލީސް މެންބަރުން ހުވާ ކުރައްވާނީ ވަކި ތާރީޚްތަކުގައިކަން ހަބީބް ފާހަގަކުރެއްވިއެވެ.
އަދި އެކި ތާރީހުތަކުގައި ރައީސާއި މެމްބަރުން ހުވާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްއިންވަނީ ރައްޔިތުންގެ ހޭލުންތެރިކުރުވުމުގެ މައްޗަށް ބިނާވެފައިވާ ދެފުށް ފެންނަ، އެންމެންނަށްވެސް ބައިވެރިވުމުގެ ފުރުސަތު ލިބޭފަދަ، ހިޔާލު ހޯދުމުގެ ވޯޓެއް ބޭއްވުމަށް އިލްތިމާޒުކޮށްފައެވެ.
"އާންމުންގެ ހޭލުންތެރިކަން ކުޑަވުމަކީ ވޯޓު ގަތުން ފަދަ ކަންކަން އިތުރުވާކަމެއް. މިކަންތައްތައް ދިރާސާ ނުކުރެވޭނަމަ ނިޒާމު އިސްލާހުކުރުމަށާއި ހަރުދަނާކަމަށް ހުރަސް އެޅޭނެ،" އައްޒަ ވިދާޅުވިއެވެ.
"އިންސާފުވެރިކަމާއި ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭފަދަ، އެންމެންގެ ބައިވެރިވުން ހިމެނޭ ދެފުށް ފެންނަ ބަދަލުތައް ގެނައުމަށްޓަކައި، މުޅި މުޖުތަމައު ހިމެނޭފަދަ ހިޔާލު ހޯދުމުގެ ވޯޓެއް ބޭއްވުން މުހިއްމު،" އޭނާ ވިދާޅުވިއެވެ.
މި ލިޔުމަކީ، ޔޫރަޕިއަން ޔޫނިއަންގެ އެހީގެ ދަށުން ހިންގާ އެޑްވާންސިން ޕޮލިޓިކަލް ޕްލޫރަލިޒަމް އެންޑް ޓްރާންސްޕޭރެންސީ (އޭޕީޕީޓީ) ޕްރޮޖެކްޓްގެ ދަށުން އިންޓަނިއުސް ޔޫރަޕް މެދުވެރިކޮށް ހިންގާ ސްޓްރެންތެނިން ޕީސް އެންޑް ޑިމޮކްރަސީގެ އެހީތެރިކަމާއެކު ތައްޔާރުކޮށްފައިވާ ލިޔުމެކެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ
ގުޅުންހުރި ޓެގްސް
އިތުރު ލިޔުންތައް

"ސަލާމަތުން ގޮސް، އަމިއްލަ ވަޒަނުގައި ދެން އަވަހަކަށް ނޫޅެވޭނެކަން އެނގުނު" ޝަހިންދާ އިސްމާޢީލް
27 ނޮވެމްބަރު

"ޕާޓީތަކާމެދު މާޔޫސްވެއްޖެ" - ވޯޓު ލާ ޢަދަދު މަދުވެ، އެފަރަގު ރަށްފުށާއި ސިޓީތަކުގެ ދެމެދު ބޮޑުވަނީ
02 ނޮވެމްބަރު

"ބާރުވެރިކުރުވާކަށް މީހަކަ ނާންނާނެ! އަހަރުމެން ބާރުވެރިވާންޖެހޭނީ އަމިއްލައަށް!" ހަތަރު ދައުރު ކައުންސިލަރަކަށް އިންތިޚާބުވި ސާމިޔާ
30 އޮކްޓޯބަރު

