ކެމްޕޭނަށް، ޢާއިލާއަށް އަދި އިންތިޚާބުގެ ކުރިން ހަދިޔާ: ފެނަކައިގެ ޚިޔާނާތާއި ވައްކަން

ފެނަކަ މިވީ ޢާއިލާ މީހުންނަށާއި ސިޔާސީ ކެމްޕޭނުތަކަށް ކޮންޓްރެކްޓާއި ވަޒީފާއާއި ބަހާ ތަނަކަށް.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

01 އޮކްޓޯބަރު
ތުހުމަތުގެ އިނގިލި ދިއްކުރެވޭ، ދަރަނި ބޮޑުވެފައިވާ ފެނަކަ ކޯޕަރޭޝަނުން އެތައް މިލިޔަން ރުފިޔާއެއްގެ ޚަރަދު ނަހަމަގޮތުގައި ހިންގާފައިވާކަމަށް ޚާއްސަ އޮޑިޓަކުން ދައްކައިފިއެވެ. ރިޕޯޓު މިޢާންމުކުރީ އޮކްޓޫބަރު "ލޫޓުވައިފި" މުޒާހަރާއަށް މައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ތައްޔާރުވަމުން ދަނިކޮށެވެ.
2012 އޮގަސްޓްގައި ގާއިމުކުރި، ސަރުކާރުގެ 100 އިންސައްތަ ޙިއްސާ އޮންނަ ލިމިޓެޑް ލަޔަބިލިޓީ ކުންފުނި، ފެނަކަ އިގެ މައިގަނޑު އަމާޒަކީ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް އަތޮޅު ތެރޭގައި ފޯރުކޮށް ދިނުމެވެ. 2024 ގެ މެދު ތެރެއާ ހަމައަށް އެކުންފުނީގެ 7000 އަށްވުރެ ގިނަ މުވައްޒަފުން އެބަތިއްބެވެ. މިއީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ދުވަސްވަރަށް ވުރެ ދެގުނަ އިތުރު ޢަދަދެކެވެ.

އޮޑިޓުން ފެނުނީ ކޮންކަމެއް؟

2021 އާއި 2023 އާ ދެމެދު ފެނަކަ އަށް 1.37 ބިލިޔަން ރުފިޔާގެ މަޝްރޫޢު ސަރުކާރުން ހަވާލުކުރިއެވެ. މިއީ ބިޑަށް ހުޅުވާލުމަކާ ނުލައި އެދުވަސްވަރު ސަރުކާރުން އެވޯޑުކޮށް، ސޮއިކުރި 673 މަޝްރޫޢުގެ 65 އިންސައްތައެވެ. ފެނަކަ އިގެ ޑައިރެކްޓް ޕަރޗޭސިންގް ކޮމިޓީ އިން ނިންމައިގެން ބިޑަކަށް އިޢުލާނު ނުކޮށް، ކޯޓޭޝަން ނަގައިގެން ދެތިން ކުންފުންޏަކަށް 439 ކޮންޓްރެކްޓް ދީފައިވެއެވެ. 221 މިލިޔަން ރުފިޔާގެ ސްޕެޔަރ ޕާޓްސް ގަނެފައި އޮތީ މާލިއްޔަތު ޤަވާއިދާ ޚިލާފަށް އެއް ފަރާތެއްގެ ކިބައިން ކޯޓޭޝަން ހޯދައިގެންނެވެ. 
ޖެނެރޭޓަރާއި ކޭބަލް އަދި ޓްރާންސްފޯމަރު ސަޕްލަޔަރުންގެ އަތުން ހޯދާފައި ހުރީ ފައިދާއަށް އަގުގެ 40 އާއި 55 އިންސައްތައާ ދެމެދަށް ލައިގެންނެވެ. ފެނާއި ނަރުދަމާގެ ބައެއް މަޝްރޫޢު ތިންވަނަ ފަރާތަކަށް ބިޑަކާނުލައި ދީފައި ވެއެވެ. އޮޑިޓުގައި އަންދާޒާކުރަނީ އިންޓަރނޭޝަނަލް މާކެޓުތަކުން ތަކެތި ގަންނާން ޖެހުނީމާ ތިންވަނަ ފަރާތެއް (ތާރޑް ޕާޓީ) މެދުވެރިކުރިނަމަ، 287 މިލިޔަން ރުފިޔާ ސަލާމަތްވާނެ ކަމަށެވެ.
އޮޑިޓު ބުނާގޮތުން، 57 ރަށެއްގައި ފެނަކައިން އަމިއްލަ މަސައްކަތުގައި (ކުންފުނީގެ ތެރެއިން) ޕަވަރހައުސް އަޅާފައި އޮތީ 1 ބިލިޔަން ރުފިޔާއަށް ވުރެ އިތުރަށް ޚަރަދުކޮށްގެންނެވެ. 2024 ނިމުނުއިރު  އޭގެތެރެއިން 41 ތަނުގެ މަސައްކަތް އޮތީ ނުނިމިއެވެ. މާކެޓް ރޭޓުގައި އެ މަސައްކަތް ކުރުވިނަމަ 767  މިލިޔަނަށް މަސައްކަތް ނިންމޭނެއެވެ.  
މިބާވަތުގެ އެތެރޭގެ ގިނަ ޚަރަދުބޮޑު ޕްރޮޖެކްޓުތަކެއް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އޭގެ ތެރޭގައި މާކެޓް ރޭޓަށްވިރެ 47.5 މިލިޔަން ރުފިޔާ ބޮޑުކޮށް ޚަރަދުކޮށްގެން އެއް ރަށުން އަނެއް ރަށަށް މުދާ ގެންދިއުމާއި، މުވައްޒަފުންގެ ޢަދަދަށްވުރެ އިތުރަށް ކޮއްތަށް ފައިސާ ދައްކައިގެން، 14.2 މިލިޔަން ރުފިޔާ އިތުރަށް ޚަރަދުކޮށްފައި ވެއެވެ. 
މިފަދަ އެއް ކޭސްއަކީ ހއ. ދިއްދޫއެވެ. އެރަށުގެ ޕަވަރހައުސް ޢިމާރާތްކުރާ ތަނުގެ ފެނަކަ ސުޕަވައިޒަރު 5.4 މިލިޔަން ރުފިޔާ ކޭޓަރިންގްގެ ޚިދުމަތަށް އަމިއްލަ ކުންފުންޏަށް ފައިސާ ދޫކޮށްފައި އެބަހުއްޓެވެ. ޕަވަރހައުސް އިމާރާތްކުރާ މަޝްރޫއުތަކުގެ މެނޭޖަރުންނަށް ޕެޓީކޭޝްގެ ގޮތުގައި 26.5 މިލިޔަން ރުފިޔާ ދޫކޮށްފައި އެބަހުއްޓެވެ. އޭގެތެރެއިން 21 މިލިޔަން ޑިޕޮސިޓުކޮށްފައި އޮތީ އެމެނޭޖަރުންގެ އަމިއްލަ އެކައުންޓުތަކަށެވެ. 
އެއްގަމު އުޅަނދު ކުއްޔަށް ހިފާފައިވަނީ ޢާންމު އިޢުލާނެއް ކުރުމަކާ ނުލައެވެ. ވެހިކަލް ގަތްނަމަ ހަރަދުވާނެ ވަރަށްވުރެ 18.9 މިލިޔަން ރުފިޔާ އިތުރަށްޚަރަދުކޮށްގެންނެވެ. 
ކޮންޓްރެކްޓް ބާތިލުކުރި ކުންފުނިތަކަށް 22 މިލިޔަން ރުފިޔާ އެޑްވާންސަށް ދޫކޮށްފައި ހުރިއިރު، އެފައިސާ ފެނަކަ އިން އަނބުރާ ހޯދާފައެއް ނެތެވެ. ކޮންޓްރެކްޓް ތައް އެކުލަވާފައި ހުރީ އެކަށީގެންވާ ގެރެންޓީތައް ހިމަނައިގެންނެއް ނޫނެވެ. 
2023 ނިމުނުއިރު، ކުންފުނީގެ ދަރަނި 3.9 ބިލިޔަން ރުފިޔާއަށް އަރައެވެ. އޭގެ ތެރެއިން 2.99 ދަރާ އޮތީ ސަޕްލަޔަރުންނަށެވެ. ބިލުތަކަށް ފައިސާ ނުދައްކާތާ އަހަރު ދުވަހަށްވުރެ ގިނަވެފައި ހުއްޓެވެ. ފެނަކަ އިން ގަވާއިދުން ފައިސާ ދެނީ 79 ކުންފުންޏަކަށެވެ.
އޮޑިޓުގައި ހިމެނި ތިން އަހަރުގެ މުއްދަތުގައި ފެނަކަ އާ ދެކޮޅަށް 100 ދައުވާ ކޮށްފައި ވެއެވެ. އަދި ސިވިލް ކޯޓުން އެކި ގަޒިއްޔާތަކުން 377 މިލިޔަން ރުފިޔާ އެކި ފަރާތްތަކަށް ދިނުމަށް ފެނަކަ އިގެ މައްޗަށް ޙުކުމް ކޮށްފައިވެއެވެ. މިއަހަރުގެ ޖޫން އައި އިރުވެސް އެ ޢަދަދުން 330 މިލިޔަން ރުފިޔާ އޮތީ އަދާނުކޮށެވެ. 
ފެނަކަ އިގެ މާލީ ޙާލަތު ކިތަންމެ ދަށް ނަމަވެސް، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް)ގެ ދަށުންނާއި ސްޕޮންސަރޝިޕް ދީގެން 46 މިލިޔަން ރުފިޔާ ޚަރަދުކުރިއެވެ.
2021 އާއި 2024 އާ ދެމެދު ސަރުކާރުން ފެނަކަ އަށް އެހީގެ ގޮތުގައި 4.03 ބިލިޔަން ރުފިޔާ ދިނެވެ. އޭގެ ތެރޭގައި 2023 ގެ ދެވަނަ ތިން މަސް ދުވަހުގައި، ރިޔާސީ އިންތިޚާބުގެ ކުރިން ސަބްސިޑީގެ ގޮތުގައި ދިން 343 މިލިޔަން ރުފިޔާ ހިމެނެއެވެ.

މިކަމުގައި ޝާމިލުވަނީ؟

އޮޑިޓުގައި ތުހުމަތުކޮށްފައިވާ ކޮރަޕްޝަން ހިނގާފައިވަނީ ރައީސް ސޯލިހްގެ ސަރުކާރުގައި އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ކަމުގައި އަޙްމަދު ސަޢީދު (މައިފޫނާ) ހުންނެވި ދުވަސްވަރު ގައެވެ. މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން، 2018 ގައި ކުރަންޖެހި، ނުނިންމާ ހުރި ޕަބްލިކް ރިލޭޝަންސް މަސައްކަތްތަކަކަށް، ސެޓްލްމަންޓް އެގްރިމަންޓެއް ހަދައިގެން ފައިސާ ދޫކުރަން ހުއްދަ ދެއްވި މައްސަލައެއްގައި، އޭނާގެ މައްޗަށް އާދިއްތަ ދުވަހު 4 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައި ވެއެވެ. 
އަޙްމަދު ސަޢީދު މިދައުވާއަށް އިންކާރުކުރައްވައެވެ. ސިފަކުރައްވަނީ ސިޔާސީ ދައުވާއެއްގެ ގޮތުގައެވެ. އަދި ހުރިހާ ކަމެއް ހިންގާފައިވާނީ އުސޫލުގެ ތެރެއިންކަމަށާއި، އޮޑިޓު ރިޕޯޓުގައި ދޮގު މަޢުލޫމާތު ހުރިކަމަށް ވިދާޅުވިއެވެ. 
ޓެންޑަރ އިވެލުއޭޝަން ކޮމިޓީގެ ބަހެއް ނެތި އައިސްޕްލާންޓެއް ގަތް މައްސަލައެއްގައިވެސް ފެނަކަ އިގެ ޗީފް އެކައުންޓަންޓާއި އަޙްމަދު ސަޢީދުގެ އްޗަށް އޭޕްރީލް ގައި ދައުވާ އުފުލާފައި ވެއެވެ. އެ ދައުވާ ކުރަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން މައްސަލަ ބަލާ، ދައުވާ ކޮށްދޭން އެދިގެންނެވެ. އެކޮމިޝަނުން އަޙްމަދު ސަޢީދުގެ ކޮރަޕްޝަންގެ އިތުރު 6 މައްސަލަ ދަނީ ބަލަމުންނެވެ. ފެނަކަ އިގެ އިތުރު "ސީރިއަސް" މައްސަލަތައްވެސް ބަލައެވެ. 
އޮޑިޓު ރިޕޯޓުގައި ފާހަގަކުރަނީ އަޙްމަދު ސަޢީދާ ގާތްތިމާގެ މީހުންގެ ކުންފުނިތަކާއެކު 92 އެގްރިމަންޓެއްގައި ސޮއިކޮށްފައިވެއެވެ. އެގްރިމަންޓުތަކުގެ ޖުމުލަ އަގަކީ 49.7 މިލިޔަން ރުފިޔާއެވެ. މީގައި ސައީދަށް ބޮޑުބޭބެ ކިޔާ މީހުންނާއި ދެ ޅިއަނުންގެ ކުންފުނި ހިމެނެއެވެ.
ޝެލްޓަރ ހޯލްޑިންގްސް އަށް 22.2 މިލިޔަން ރުފިޔާ 84 ކޮންޓްރެކްޓް އަކުން ދީފައި ވެއެވެ. އެއީ އެލުމިނިއަމް ދޮރު ހަރު ކުރާށެވެ. 15.7 މިލިޔަން ރުފިޔާގެ ޖުމުލަ 6 ކޮންޓްރެކްޓަކަށް، ޕަވަރޭ އިންވެސްޓްމަްންޓްއަށް ޕަވަރހައުސް އަދި އޮފީސް އެޅުމަށް ދީފައިވެއެވެ. ކޮރަލް އިންވެސްޓްމަންޓަށް 2 ކޮންޓްރެކްޓް މެދުވެރިކޮށް 11.6 މިލިޔަން ރުފިޔާ ދީފައިވެއެވެ. މިތިން ކުންފުންޏަށް 2024 ގައި 31.1 މިލިޔަން ރުފިޔާ ފެނަކަ އިން ދިނެވެ. 
ފެނަކަ އިން ސިރިއަސް އެންޓަރޕްރައިޒަސް ގެ އަތުން ޑީސަލް ގަނެގެން 111.9 މިލިޔަން ރުފިޔާ ޚަރަދުކޮށްފައި ވެއެވެ. އެކުންފުނީގެ އޯވްނަރުންގެ ތެރޭގައި 19 ވަނަ މަޖިލީހުގައި ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ފުރުއްވި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ޙުސެއިން ޝަހީމް (އަނދުން ހުސެން) ހިމެނެއެވެ. މިއީ ފެނަކަ އަށް ގަތް ތެލުގެ 88 އިންސައްތައެވެ. މިހުރިހާ މުޢާމަލާތެއް ހިންގާފައިވަނީ ރަސްމީ އެގްރިމަންޓެއްގައި ސޮއި ނުކޮށެވެ. ބިޑަށް ހުޅުވާނުލާން، ބިޑަކާނުލާ އެއް ފަރާތެއްގެ އަތުން މުދާ ނެގޭ މިންވަރުކަމަށް ޕްރޮކިޔޯރމަންޓް ޕޮލިސީގައިވާ މިންވަރަށް، ދުވާލެއްގެ މައްޗަށް އެތައް ފަހަރަކު އެކުންފުނިން ތެޔޮ ގަނެފައި އެބަހުއްޓެވެ.
އޮޑިޓު ރިޕޯޓުގެ އެނެކްސްގައި ލިސްޓުކޮށްފައިވާ ބިޑަކާނުލާ ކޮންޓްރެކްޓް ލިބުނު ކުންފުނިތައް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެމްޕެއިނަށްވެސް، ޑރ މުޙައްމަދު މުޢިއްޒު ކެމްޕޭނަށްވެސް ޚަރަދުކޮށްފައި ހުއްޓެވެ. 
ފެނަކަ އިން އަޒްރޯވާ މޯލްޑިވްސްއަށް 10 ކޮންޓްރެކްޓް މެދުވެރިކޮށް 107 މިލިޔަން ރުފިޔާ ދީފައިވެއެވެ. ރައީސް ޞާލިޙްގެ ކެމްޕޭޏަށް 2 މިލިޔަން ރުފިޔާ އެކުންފުނިން ދިންކަމަށް އިލެކްޝަނަށް ހުށަހަޅާފައި އޮތް އެ ކެމްޕޭނުގެ މާލީ ރިޕޯޓުން އެނގެއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ބޯޑު މެންބަރު ޞަލާޙް ޝަރީފް ރައީސް މުއިއްޒުގެ ކެމްޕޭނަށް 2.8 މިލިޔަން ރުފިޔާ ޚަރަދު ކުރިއެވެ. އޭނާއަކީ ކެންގޯ މޯލްޑިވްސްގެ ޙިއްސާދާރެކެވެ. އެކުންފުންޏަށް ބިޑަކާނުލާ 19.45 މިލިޔަން ރުފިޔާގެ ކޮންޓްރެކްޓް ފެނަކަ އިން ދީފައިވެއެވެ. 
އަދަދު ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކޮމެންޓަކަށް އެދުމުން ޞަލާޙް ވިދާޅުވީ ފެނަކަޔާއެކު ގަވާއިދާ ހިލާފު އެގްރިމަންޓެއްގައި ސޮއިކޮށްފައި ނޯންނާނެ ކަމަށެވެ. 

ޓަސްލާފައި މިހާރު ކީއްވެ؟

އޮޑިޓު ރިޕޯޓު ޝާއިއުކުރީ ނިމިދިޔަ ހަފްތާގެ ހުކުރު ވިލޭރޭގައެވެ. އެރޭގެ ދަންވަރު × މެދުވެރިކޮށް ކުރި ޕޯސްޓަކުންނެވެ. އެ ޕޯސްޓު ޑިލީޓުކޮށްފައި ދެން ޕޯސްޓުކުރީ ހުކުރު ދުވަހުގެ މެންދުރު 1:53 ގައެވެ. ޕޯސްޓް ޑިލީޓުކުރި އިރު ސަރުކާރާ އެއްކޮޅު އެމްއެމްޓީވީ އިން ހުއްޓުމެއްނެތި އޮޑިޓު ރިޕޯޓު ކަވަރުކުރާން ފަށައިފިއެވެ. އެރިޕޯޓުގައި ހިމެނޭ އެމްޑީޕީގެ ލީޑަރުން ފާހަގަކޮށްދޭން ފަށައިފިއެވެ. އެމްޑީޕީއިން 3 އޮކްޓޫބަރަށް ދާ އެއްވުމަށް ހަޖޫ ޖަހާ، ނުދާން ގޮވާލުމުގެ ވަސީލަތަކަށް ސަރުކާރަށް ތާއީދުކުރާ ސޯޝަލް މީޑިޔާ އެކައުންޓުތައް މި އޮޑިޓް ރިޕޯޓު ވަނީ މިހާރު ހަދާފައެވެ.
ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ހުކުރު ދުވަހުގެ ރޭ ރައީސް މުޢިއްޒު ވިދާޅުވީ 2.2 ބިލިޔަން ރުފިޔާއަށް ޚިޔާނާތްވެފައިވާ މައްސަލަ ބަލާ، އެފައިސާ ހޯދާ، ތަޙްޤީޤު ފަށާފައިވާ ކަމަށެވެ.
އެމްޑީޕީ އިން އާދިއްތަ ދުވަހު ޢާންމުކުރި ނޫސްބަޔާނެއްގައި ބުނަނީ މިއީ ސިޔާސީ އޮޑިޓު ރިޕޯޓެއް ކަމަށާއި، ރިޕޯޓު މިވަގުތު އާންމު ނުކޮށްފިނަމަ މަގާމުން ވަކިކުރާނެ ކަމުގެ ބިރު ރައީސް މުޢިއްޒު އޮޑިޓަރ ޖެނެރަލް ޙުސެއިން ނިޔާޒީއަށް ދެއްކެވި ކަމަށެވެ. 
އޮޑިޓުގައި ނަންގަނެފައިވާ ކުންފުނިތަކާއި ތުހުމަތުގެ އިނގިލި ދިއްކުރާ މީހުންނާ ސުވާލު ކޮށްފައި ނުވާކަމަށް ބުނެ، އެމްޑީޕީއިން އޮޑިޓު ރިޕޯޓަށް ފާޑުކިޔަމުން ބުނެފައިވަނީ ނިޔާޒީ އަމަލުކުރެއްވި ގޮތުން އެތައް ވިޔަފާރިއަކަށް ސާބިތު ނުހިފޭ ވާހަކަތަކުގެ ނޭދެވޭ އަސަރު ފޯރާފައިވާ ކަމަށެވެ. އަދި މިއީ އޮކްޓޫބަރު 3 ގެ އެއްވުމާ ވިއްދާ، އާންމުންގެ ސަމާލުކަން އަނބުރާލުމަށް ސަރުކާރުން ހިންގާފައިވާ ކަމެއް ކަމަށެވެ. އެޕާޓީއިން ބުނީ "ސަރުކާރުގެ ޕްރޮޕަގަންޑާ މެޝިނަށް" ޖަވާބުދޭނީ ކޯޓުގައި ކަމަެށެވެ. 
ކަންމިހެން ހުރިއިރު، ދިވެހިރާއްޖޭގެ އެންމެ ސީނިއަރ އެއް ނޫސްވެރިޔާ، ދައުރުގެ އެޑިޓަރ މޫސާ ލަތީފު ލިޔުއްވި ކޮލަމެއްގައި ފެނަކަ އެކީ އެކަށް އުވާލާން ގޮވައިލާފައި ވެއެވެ. އޭނާ ފެނަކަ ސިފަކުރަނީ ވައްކަމާއި ސިޔާސީ ގޮތުން ވަޒީފާ ދިނުމަށް ރާވާ އޮނިގަނޑު ކޮށްފައިވާ ކުންފުންޏެއްގެ ގޮތުގައެވެ. ފެނަކަ ކޮރަޕްޝަންގެ ވާހަކަ ދައްކަވަމުން ދައުލަތުގެ މީޑިޔާގެ ޕްރޮގްރާމެއްގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ބައިވެރިވެވަޑައިގަތްކަން ލިޔުއްވާ، މޫސާ ލަތީފު ފާހަގަކުރެއްވީ ވެރިކަން ކުރާ ޕާޓީގެ މި މެންބަރަކީ ރައީސް މުއިއްޒު ހުވައިކުރެއްވުމުގެ ރަސްމިއްޔާތު ތައްޔާރުކުރުމުގެ ކޮންޓްރެކްޓެއް މެދުވެރިކޮށް 12 މިލިޔަން ރުފިޔާ އަމިއްލަ ކުންފުންޏަށް ހޯދި މައްސަލަ ފެންމަތިވެފައިވާ މީހެއްކަމަށެވެ. ސަރުކާރުން ކޮރަޕްޝަނާމެދު ޖޯކެއްކަމުގައި ދެކޭކަމުގެ މިއީ މިސާލެއްކަމަށް އޭނާ ލިޔުއްވި މެއެވެ. 
ފެނަކަ އުވާލުމުގެ ގޮވެއްޔަށް ހޯމަ ދުވަހުގެ މެންދުރު ފަހު ލީކުވި މަރުކަޒީ ބޭންކްގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ރިޕޯޓު އިތުރު ބާރެއް ދިނެވެ. އޭގައި ވަނީ ފެނަކައިން 2024 އޭޕްރީލްގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކުރިން ދެ ކުންފުންޏަކަށް 12 މިލިޔަން ރުފިޔާ ދޫކޮށްފައި ވާކަމަށެވެ. 
ދައުރު ނޫހުން އެއް މަސްދަރަށްވުރެ ގިނަ މަސްދަރުން ސައްހަކަން ކަށަވަރުކޮށްފައިވާ މި ރިޕޯޓު ގައި ބުނަނީ ކެންގޯ ކިޔާ ކުންފުންޏަކަށް 2.47 މިލިޔަން އޭޕްރީލް 18 ގައި، މަޖިލިސް އިންތިހާބުގެ 3 ދުވަސް ކުރިން ފެނަކަ އިން ދިން ކަމަށެވެ. އަނެއް ދުވަހު އެފައިސާއިން 700،000 އެކި ފަރާތްތަކަށް ކެންގޯ އިން ދިނެވެ.
ދެވަނަ ކުންފުންޏަކީ ޑީ އެންޑް ވީ އެވެ. މިކުންފުނީގެ ވެރިންނަކީ ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވެވަޑައިންނަވާ މަޖިލިސް މެންބަރ އިބްރާހިމް ދީދީ އާއި އޭނާގެ އަނބިކަނބަލުންނެވެ. އޭޕްރީލް 16 ގައި އޭނާގެ ކުންފުންޏަށް ފެނަކައިން 9.8 މިލިޔަން ރުފިޔާ ދިނެވެ. އޭގެތެރެއިން 750،000 ރުފިޔާ 5 ޓްރާންސެކްޝަނަކަށް ބަހާލައިގެން 2 ދުވަސް މަތިން ކެންގޯ އަށް ޓްރާންސްފަރ ކުރިއެވެ. ކެންގޯ އިން ދެ އެފައިސާ އެކި ފަރާތްތަކަށް ފޮނުވީއެވެ. 
މިދިޔަ އަހަރުގެ ޑިސެންބަރުގައި ފެނަކަ އިގެ މެނޭޖިންގް ޑިރެކްޓަރުކަމުން އިސްތިޢުފާ ދެއްވި މުއާޒް މުޙައްމަދު ރަޝީދު ވިދާޅުވީ ގޯހެއް ހިންގާފައި ނުވާނެ ކަމަށެވެ. 

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ