އަދީބުފައިލްސް: ވެރިކަމުގެ ބޭނުމަށް ދައުލަތް ލޫޓުމާރުކުރި ގޮތް

ކޮރަޕްޝަނަކީ އާދައިގެ ކަމަކަށްވެ، ދައުލަތުގެ ތަބީއަތެއްކަމުގައި ބިންވަޅު ނެގިއްޖެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

29 ސެޕްޓެމްބަރު
އެ ފޮރެންސިކް ރިޕޯޓު ދަހަރު (ދިހަ އަހަރު ނުވަތަ ޑެކޭޑެ އެއް) ވާންދެން ހިރަފުސް އަރައަރާ އޮތީއެވެ. ކުރީގެ ނާއިބް ރައީސް އަހްމަދު އަަދީބުގެ ފޯނުތަކުން ނެގި ޑޭޓާގެ ވާހަކައަކީ ދިވެހިން އެކަމުގެ ހަބަރު ސާފުކޮށް ދަންނަ ކަމެކެވެ. ނަމަވެސް ހެކީގެ ގޮތުގައި ނެގި މައުލޫމާތު އަސްލު ސިފައިގައި، ރޯޑޭޓާގެ ގޮތުގައި އާންމުވެފައެއް ނެތެވެ. ސިޔާސީ ބޭނުންތައް ހާސިލުކުރުމަށާއި ބްލެކްމެއިލްގެ ބޭނުމަށް މެނުވީ މިއިން ބައެއް ތަކެތި ފެންމައްޗެއް ނުވެއެވެ.
އެ 2973 ސަފްހާގެ ރިޕޯޓު އާންމުވީ 20 ސެޕްޓެންބަރުވީ ހޮނިހިރު ދުވަހުގައެވެ. އޭޓީއެމް މެޝިނެއް ފަދައިން ފަނޑިޔާރުންނާއި، ސިފައިންނާއި، ފުލުހުންނާއި، ވިޔަފާރިވެރިންނާއި، ފިލްމީ ތަރިންނާއި، މިިނިވަން މުއައްސަސާތަކުގެ މެންބަރުންނަށް ފައިސާ ބަހަމުންދިޔަކަން 2014 ގައި އަދީބު ބޭނުންކުރި ފޯނުގެ ރެކޯޑުތަކުން ދައްކައެވެ. އޭރު އަދީބަކީ އެފަދައެއް ނެތްވަރު އާރާއި ބާރުގައި ހުރި ޓުވަރިޒަމް މިނިސްޓަރެވެ. ރާއްޖޭގެ ފަހުގެ ތާރީހު ދުށް އެންމެ ބޮޑު ޚިޔާނާތާއި ވައްކަމުގެ މޭސްތިރިއެވެ.
ދިވެހިރާއްޖޭގެ ރަށްރަށާއި ފަޅުތައް ފަތުރުވެރިކަން ތަރައްގީކުރުމުގެ ބޭނުމަށް ކުއްޔަށް ދޫކޮށް، އެ މުއާމަލާތްތަކުގެ އެކުއިޒިޝަން ފީއަށްވާ 80 މިލިޔަން ޔޫއެސް ޑޮލަރު ވަގަށް ނެގި ކައްތައްގަނޑުގެ މައްޗަށް އަލްޖަޒީރާ އިން ތައްޔާރުކުރި "ސްޓީލިންގް ޕެރަޑައިޒް" ޑޮކިއުމެންޓްރީގައި މިފޯނުތަކުން ހޯދި ރެކޯޑުތަކަށް ރިއާޔަތްކުރެއެވެ. ސެޕްޓެންބަރު 2016 ގައި އާންމުކުރި އެ ޑޮކިއުމެންޓްރީގައި ތިމަންނާއަކީ "ދިވެހިރާއްޖޭގެ ހުރިހާ ގޭންގެއްގެ ބޮސް" ކަމަށް އަދީބު ވިދާޅުވާކަން ފެނެއެވެ. އެގޮތުން މިނިވަން ނިއުސް (ފަހުން މޯލްޑިވްސް އިންޑިޕެންޑެންޓް)ގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ވަގަށް ނެގުމުގައި ބައިވެރިވިކަމުގެ ތުހުމަތު އުފުލޭ މީހުން ދޫކޮށްލުމާއި، އަދީބާ ލޯބީގެގޮތުން ގުޅުން އޮތްކަމަށް މެސެޖުތަކުން ދަލީލުކުރާ މެންބަރަކު ހިމެނޭހެން އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން ކޮންޓްރޯލްކުރުންފަދަ ކަންކަން ހިންގެވިއެވެ. ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު އަދީބަށް ވަފާތެރިކަމުގެ ބައިއަތު ހިފާފައިވެއެވެ. އަނެއްކޮޅުން ރާއްޖެ ޓީވީ "ގޮއްވާލުމަށާއި" އޮޑިޓަރ ޖެނެރަލްގެ އޮފީސް "ރޯކޮށްލުމަށް" ޕޮލިސް ކޮމިޝަނަރަށް އަދީބު އަންގައެވެ. 
އިނގިރޭސިވިލާތުގެ ފޮރެންސިކް ކުންފުންޏެއް ކަމަށްވާ ފެރަޑޭ ފޮރެންސިކްސް އިން 2015 ގައި އަދީބުގެ ފޯނުތަކުގެ މައްޗަށް ހިންގި ތަހުލީލާއި ތަހުގީގުގެ ރިޕޯޓު އާންމުކޮށްފައެއް ނުވެއެވެ. "ޑިމޮކްރަސީއެއްގައި ގޮތް ކަނޑައަޅާ ނިންމުމުގެ ކުރިން ރަނގަޅަށް މައުލޫމާތު ލިބި، އޮޅުން ފިލާފައި އޮތުމަކީ ވޯޓަރުންނަށް ލިބިގެންވާ ހައްގެއް. އެހެންވީމާ ފައިލު އޮތްގޮތަށް، އެކަށް އާންމުކުރަންޖެހޭ، އަމުދުން މިޑޮކިއުމަންޓް ބޭނުންކޮށްގެން ސަރުކާރުތަކުން ބްލެކްމެއިލް ކުރަމުންދާ އިރު،" މޯލްޑިވްސް އިންޑިޕެންޑެންޓާ ވާހަކަދައްކަވުން، މިރިޕޯޓު ލީކުކޮށްލި، އެކްސް ގެ އެކައުންޓް ޖުބްރާން ޝަރީފް (އަސްލު ނަމެއް ނޫން) ބުންޏެވެ. "މިއީ އަދި ކުޑަމިންވަރެއް،" އޭނާ އިތުރަށް ބުންޏެވެ.
މިރިޕޯޓުގައި އަދީބު 3 ފޯނުގެ ހުރިހާ ޑޭޓާއެއް ނެތެވެ. މީގައި އޮތީ ޖުލައި 2015 އިން އޮކްޓޫބަރު 2015 އަށް ރައީސް އަބްދުﷲ ޔާމިންގެ ރިޔާސީ ލޯންޗުކޮޅުގައި ބޮންގޮއްވާލި ކަމުގެ ތުހުމަތުގައި އަދީބު ހައްޔަރުކުރުމުގެ ކުރިއަށް އޮތް 4 މަސްދުވަހުގެ މުއާމަލާތެވެ. ޖުބްރާން ކިޔައިދިން ގޮތުގައި ލީކުކޮށްފައި އެވަނީ "ރޯ ޑޮކިއުމަންޓެއް" ނޫނެވެ. އެގޮތީ ލީކުކުރި ޑޮކިއުމަންޓުގައި ފޮޓޯއެއް ނެތެވެ. ސަބަބަކީ ފޮޓޯތަކުގެ ތެރޭގައި އޮރިޔާން ފޮޓޯ ހުރިލެއް ގިނަކަމެވެ. 
ޖުބްރާން ބުނީ މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ ފުރިހަމަ ތަހްގީގީ ރިޕޯޓުތައް އާންމުކުރަން ޖެހޭނަކަމަށާއި މިހާރުވެސް އިންތިހާބީ މަގާމުތަކުގައްޔާއި މަތީ ކޯޓުތަކުގެ ފަނޑިޔާރުކަމުގައި، މިކޮރަޕްޝަންގައި ބައިވެރިވެ، ޝާމިލުވާ އެތައް ބަޔަކު އެބަތިބި ކަމަށެވެ. އަދި "އެއިރެއްގައި އޮންނަ ސަރުކާރަކުން އެދުނު ގޮތެއްގެ މައްޗަށް ދައުވާ ކޮށްފައި ނުކުރާނެ މީހުން ނަގަނީ ހަމައެއް ލަމައެއް ނެތި" ކަމަށް ބުނެ، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފާޑުކިޔުން އަމާޒުކޮށްފައި ވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގެ އެންމެ ފަހު އަމަލެއްގެ ގޮތުން ކުރެއްވީ އަދީބާއި، އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރަކަށް ހިޔާނާތް ހިންގި ދުވަސްވަރު ހުރި އަބްދުﷲ ޒިޔަތަށް، މައާފުދީ، މިނިވަން ކުރުމެވެ. 
ރައީސް ސާލިހް ވެރިކަމަށް ވަޑައިގަތީ އެމްއެމްޕީއާރްސީ މައްސަލަ ތަހްގީގުކޮށް، 37 ރަށާއި ފަޅު ވިއްކައިގެން ލިބުނު އެކިއުޒިޝަން ފީ އިން ގެއްލުނުކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަންދާޒާކުރާ 142.5 މިލިޔަން ޔޫއެސް ޑޮލަރު ހޯދާނެކަމަށް ބުނަމުންނެވެ. އެކަމަށް ރިޔާސީ ކޮމިޝަނެއް، ހާއްސަ ގާނޫނެއްގެ ދަށުން ގާއިމުކުރިއެވެ. 2019 ގައި ހާމަވީ އެމްއެމްޕީއާރްސީގެ ފައިސާ 300 އެއްހާ މީހުންނަށް ފޯރާފައިވާ ކަމަށެވެ. ނަމަވެސް އެންމެ ލޯ ލާރިއެއްވެސް އަނބުރާ ހޯދިފައެއް ނެތެވެ.
ކަހާތަން ހިރުވާސްވެނުލާ މައްސަލަ ޕާކުވެފައި އޮންނަތާ ދަހަރު ފަހުން، #ADEEBFILES ތަހުގީގު ރިޕޯޓާއި ރޯ ޑޭޓާ ލީކުވީމާ އާންމުން ތިބީ ކެކިއަރާފައެވެ. ފައިސާއާއި ރިޝްވަތު ނެގުމާއި ވައްކަމާއި ފޭރުމާއި ޓެކުމާއި ހުޅުޖެހުމާއި މާރާމާރީއާއި މީހުން މެރުމުން ފަށައިގެން 18 އަހަރު ނުވާ އަންހެން ކުދިން ޖިންސީ ޝިކާރައަކަށް ހެދުމުގެ ކަންކަމުގެ މަޝްވަރާވެސް ހިންގާފައި ހުރިކަން ފޯނު ޑޭޓާއިން ސާފުވެއެވެ. ނުކުރާ ވަކި އެއް ނުބައި ކަމެއް ނެތެވެ.
ހާމަވި ޑޭޓާތަކުން އުފަން ކުރުވަނީ ސުވާލެކެވެ. ބޮޑެތި ހިޔާނާތާއި ކޮރަޕްޝަން އާންމުވެ، ދިވެހި ދައުލަތާއި، ވެރިކަމާއި، މުޖުތަމައުގައި ބިންވަޅު ނެގި، ހަރުވެ ނިމުނީ ބާވައެވެ؟ ޑިމޮކްރަސީ އިން ކްލެޕްޓޯކްރަސީ (ވެރިކަމުގެ ތިބި މަދު މީހުންގެ އަމިއްލަ މަންފާއާއި ފައިދާއަށް ދައުލަތް ލޫޓުމާރުކޮށްގެން، މުދަލާއި ވަސީލަތް އަމިއްލަ މިލްކު ފަދައިން ބޭނުންކުރަމުން ދިއުން) އަކަށް ބަދަލުވީ ބާވައެވެ؟

އިއްތިފާގުވެވޭ ހަގީގަތް

ވޭތިވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ހިންގާފައިވާ ހިޔާނާތާއި ކޮރަޕްޝަންގެ އަމަލުތަކުގައި ޝާމިލުވާ މީހުން އިންސާފުގެ ކުރިމައްޗަށް ނުގެނިވި އޮތުމުގެ ޒިންމާ ރައްޔތުންގެ މަޖިލީހުން ނަގާން ޖެހޭނެކަމަށް އޭޕްރީލް މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް) ވިދާޅުވިއެވެ. އޭނާއަކީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސީނިއަރ މަޖިލިސް މެންބަރެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތާބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިންނަވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ (ގަބޯ) ވިދާޅުވީ މައްސަލަތައް ނުބެލެނީ "ކެރުންތެރިކަން ނެތިގެން" ކަމަށާއި، "މުޅި ނިޒާމު ބައްޓަންކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިކުރަން" ކަމަށެވެ. 
މަޖިލީހުގެ ނާއިބް ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމްވެސް ވަނީ މިނިވަން މުއައްސަސާތަކުގެ ވެރިން، ނަހަމައިން މުއްސަނދިކަން ހޯދަމުންދާ ކަމަށް ވިދާޅުވެފައެވެ. ހިޔާނާތުގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ކުރިން އިއްވާފައި ހުރި، ނާޒިމް އިސްވެ ހުންނަވާ މިހާރު ގެންދަވަނީ ފުލުހުންގެ ފްލެޓްތައް ބިނާކުރުމުގައި 23 މިލިޔަން ޔޫއެސް ޑޮލަރުގެ ހިޔާނާތްވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ބަލަން ފަށާފައެވެ. 
މިމައްސަލަ ބަލާއިރު، މިފަހުންވެސް ކޮރަޕްޝަންގެ އެތައް މަައްސަލައެއް ފެންމަތި ވެއްޖެއެވެ. އޭގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތު ތައްޔާރުކުރުމުގެ ކޮންޓްރެކްޓާ ގުޅޭ ހިޔާނާތަކާއި، މަޖިލިސް މެންބަރުންނަށް މިލިޔަނުން "ހަދިޔާ"ގެ ގޮތުގައި މުދަލާއި ފައިސާ ލިބިފައިވާކަމަށް މާލީ ބަޔާންތަކުގައި ހިމަނާފައިވާ މައްސަލައާއި، 1.7 މިލިޔަން ރުފިޔާގެ ދަރަންޏެއް ނަގުދު ފައިސާއިން (ހޯދި ތަނެއް، އަސްލެއް ނޭނގޭ) މަޖިލިސް މެންބަރަކު ދެއްކެވި މައްސަލަ ހިމެނެއެވެ.

ވައްކަމުގެ ނެޓްވޯރކްގައި ނުޖެހޭ މީހަކު ނެތް

ރައީސް އަބްދުﷲ ޔާމިންގެ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)އިން އޮގަސްޓް މަހުގެ ފަހުކޮޅު ބޭއްވި ޖަލްސާއެއްގައި އެމަނިކުފާނު ވިދާޅުވީ 2028 ގެ ރިޔާސީ އިންތިހާބަށް ފައިނަންގަވައިގެން ތިއްބެވި ހުރިހާ ސިޔާސީ ލީޑަރުންވެސް ތިއްބެވީ "ކޮމްޕްރޮމައިޒް"ވެ، ވައްކަމުގެ ނެޓްވޯރކްގެ ތެރޭގައި ތާށިވެފައި ކަމަށެވެ.
އެގޮތުން ކާޑެއްދޫ އެއަރޕޯޓް އަތުލައި، ބަދަލުގެ ގޮތުގައި 18 މިލިޔަން ޔޫއެސް ޑޮލަރު އަދި 30 މިލިޔަން ޔޫއެސް ޑޮލަރުގެ ޓެކްސް މައާފު ޖުމްހޫރީ ޕާޓީގެ ލީޑަރު މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ހަމަޖައްސާދީފައިވާކަން ޔާމިން ހާމަކުރެއްވިއެވެ. 
މިއާއެކު މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީީ)ގެ ލީޑަރު މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)އަށް ބިޑަކާ ނުލާ، 55 ރަށެއްގެ ކައުންސިލު އިމާރާތް އަޅަން 631 މިލިޔަން ރުފިޔާގެ ކޮންޓްރެކްޓް ދީފައިވާކަންވެސް ޔާމިން ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ މިކޮންޓްރެކްޓްގެ ހަމައަގަކީ 225 މިލިޔަން ރުފިޔާ ކަމަށެވެ. އަދުގެ އެޓަރނީ ޖެނެރަލް އަހްމަދު އުޝާމަކީ މުހައްމަދު ނާޒިމަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ.
އަދި އެމްޑީޕީގެ ވެރިކަމުގައި ދުބާއީގެ "ކަރުދާސް ކުންފުންޏަކަށް" 75 ވެންޓިލޭޓަރު ގެންނާން ކުރި މުއާމަލާތުގައި 32 މިލިޔަން ރުފިޔާގެ ގެއްލުން ދައުލަތަށް ލިބިފައިވާކަންވެސް ކުރީގެ ރައީސް ޔާމިން ފާހަގަކުރެއްވިއެވެ. އެ މުއާމަލާތުން 810،000 ޔޫއެސް ޑޮލަރުގެ "ކަޓެއް" ނަގާފައިވާކަމަށާއި، ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ އެމްޑީޕީގެ އިސް ވެރިއެއްގެ ފިރިހެން ދަރިއެއްގެ ބޭންކް އެކައުންޓުގައި އެފައިސާ ހުރިކަމަށް ޔާމިން ވިދާޅުވިއެވެ. 
މީގެ އިތުރުން އެރޭގެ ޖަލްސާގައި ޔާމިން ވިދާޅުވީ އަހްމަދު އަދީބު ހުންނަވާ ދުބާއީގެ އެޕާޓްމަންޓުގެ ކުލި ދައްކަނީ އަދުގެ ސަރުކާރުގެ އިސް އޮފިޝަލެއް ކަމަށެވެ. އެއީ ކީއްވެތޯ ޔާމިން ސުވާލު އުފެއްދެވިއެވެ. 
އަދަދު ނޫހަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ދާދިފަހުން ޔާމިން ވިދާޅުވީ އެމަނިކުފާނަށް ހެޔޮ އެދޭ ފަރާތްތަކުން ކެމްޕޭނާއި ސިޔާސީ ހަރަކާތް ހިންގާން ދީފައިހުރި 5 މިލިޔަން ޔޫއެސް ޑޮލަރު އަދީބު ވަގަށް ނަގާ، އަނބުރާ ދޭން ދެކޮޅު ހަދާފައިވާ ކަމަށެވެ. 

ހޯދާންޖެހޭ ފަރުވާ

ދިވެހިރާއްޖެއަކީ މިހާރު ކްލެޕްޓޯކްރަސީއެއް ތޯ ސުވާލު ދެންނެވުމުން، ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ގަވަރނަންސް މެނޭޖަރ އައްޒާ މުހައްމަދު ވިދާޅުވީ ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސްގައި ދިވެހިރާއްޖެ 2020 ގައި އޮތީ 100 އިން 43 ވަނަ ދަރަޖައިގައި ކަމަށެވެ. 2024 ގައި 100 އިން 38 ވަނަ ދަރަޖައަށް ވެއްޓިފައި ވެއެވެ. "އިންޑެކްސްގައި ވެއްޓެނީ ފުޅާ ދާއިރާއެއްގައި ހިންގާ މާސިންގާ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން، އޭގައި މަގާމުގެ އާރާއި ބާރު ނަހަމައިން، ވަކި، މަދު ބަޔަކަށް ފައިދާ ވާގޮތަށް ހިންގުން ހިމެނޭ،" އޭނާ ވިދާޅުވިއެވެ. އައްޒާ ވިދާޅުވީ ކޮރަޕްޝަންގެ ކަންކަން އަތްނުފޯރާ ދަރަޖައަށް ވާސިލުވެފައިވަނީ ތަހުގީގާއި، ދައުވާ ކުރުމާއި، ގާނޫނު ތަންފީޒުކުރުމާއި، ވެރިކަމުގެ ބާރުތައް ނަހަމައިން ބޭނުންކުރުމާއި، ދެފުށްފެނުން ނެތުންފަދަ ގިނަ ސަބަބުތަކެއް އެކުލެވިގެން ކަމަށެވެ.
އެމްޑީޕީއަށް ނިސްބަތްވެވަޑައިންނަވާ މަޖިލިސް މެންބަރު މައުރޫފް ޒާކިރް ވިދާޅުވީ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ނުބެލި، ފުނިޖެހިފައި ހުރުމަކީ ކޮރަޕްޝަނަށް ހުޅުވޭ މައި އެއް ދޮރުކަމަށެވެ. "ކޮންމެ މީހަކު ވައްކަން ކޮށްފައި ދަނީ. ފަހަކުން ބެލޭނެ ގޮތެއް ނޯވޭ. ފެށުނީއްސުރެ، އަޅުގަނޑަށް ފެންނަނީ ކަންކަން މިހެން ވާތަން. މިއަދު އެކަންޏަކު ނޫން،" އޭނާ މޯލްޑިވްސް އިންޑިޕެންޑެންޓުގައި ވިދާޅުވިއެވެ. 
ޕީއެންސީއަށް ނިސްބަތްވެވަޑައިންނަވާ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވީ މިނިވަން ކޮމިޝަންތަކާއި މަޖިލީހުގެ މަސައްކަތުގައި  މިނިވަން މެންބަރުން (ވަކި ޕާޓީއަކަށް ނިސްބަތްނުވާ) އިތުރަށް ޝާމިލުވެ، ތިބެންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ "އެކަކު ދިނީމާ އަނެކަކު ހިފާނެ" ކަމަށެވެ. އަމުދުން މިހާ ކުޑަކުޑަ މުޖުތަމައެއްގައެވެ. "ކުޑަ ގައުމަކަށް ވީމާ އެކަކު އަނެކަކު މިތިބެނީ ގުޅި ލާމެހިފައި، އެހެންވީމާ ވަރަށް ފަސޭހަވޭ ގާތްތިމާގެ މީހަކު ބުނީމާ ކޮށްލަދޭން،" އޭނާ އިތުރަށް އޮޅުންފިލުއްވައި ދެއްވިއެވެ. މިއާއެކު މަޖިލިސް މެންބަރުގެ ދައުރަކީ ބައްޕައެއްގެ ދައުރު ކަމަށް އާންމު ރައްޔިތުން ދެކޭ ކަމަށާއި، އެހެންވީމާ ބޭސްފަރުވާވެސް، ވަޒީފާވެސް ހޯދައިދޭން މަޖިލިސް މެންބަރުން ގާތުން ރައްޔިތުން އެދޭ ކަމަށް ވިދާޅުވިއެވެ. 
މެންބަރު ރިފާއު ވިދާޅުވީ މިކަން ބަދަލުކުރާނެ ނަމަ، ނިޒާމަށް އަދި އާދައުޅުންތަކަށް ބޮޑެތި ބަދަލު ގެންނާން ޖެހޭކަމަށާއި، ދިވެހިންގެ ތެރެއިން މިނިވަންކަމާއެކު ވިސްނުން ހިންގަނީ ތިންބައިކުޅަ އެއްބައި މީހުންކަމަށާއި، އެހެން މީހުންނަކީ އާއިލާ، ސިޔާސީ ޕާޓީ ނުވަތަ ފައިސާގެ ނުފޫޒުތަކުން ބަނދެވި ތިބި މީހުންކަމަށެވެ. "ގާނޫނު އަސާސީއާއި ގާނޫނުތައް ރާއްޖޭގައި ހުރީ ނުހަނު ފުރިހަމަކޮށް، މައްސަލައަކީ ތަންފީޒުކުރުން،" ކަމަށާއި "ތަންފީޒުކުރުން ދޯދިޔާވެފައި، ކުރާ ކުށަށް އަދަބު ނުލިބޭނެކަމުގެ ޔަގީންކަން ބޮޑުކަމުން" "ހުއްޓާލަން ޖެހޭ ކަމަށް އެއަމަލުތައް ހިންގާ ފަރާތްތަކަށް ފެނިފައެއް ނޯވޭ،" ރިފާއު ވިދާޅުވިއެވެ. 
އެހެންވީމާ ޅަފަތުއްސުރެ ސިވިކް އެޑިއުކޭޝަނަށް ކުދިން އަހުލުވެރި ކުރުވުމާއި، ކޮރަޕްޝަނާއި ވައްކަމުގެ ގެއްލުމާއި ހަލާކު މުޅި މުޖުތަމައާއި ގައުމަށް ކުރާ މިންވަރުގެ މައްޗަށް ހޭލުންތެރިކަން އުފައްދާން ޖެހޭ ކަމަށްވެސް ވެރިކަންކުރާ ޕާޓީގެ މެންބަރު ރިފާއު އިތުރަށް ވިދާޅުވިއެވެ. 
އިދިކޮޅު އެމްޑީޕީގެ މެންބަރު މައުރޫފް، ހައްލެއްގެ ގޮތުން ހުށަހަޅުއްވަނީ މާ އިންގިލާބީ ހިޔާލުފުޅެކެވެ: "ޔޫނިއަންތައް ގާއިމުކުރަންވީ. އޭރުން ބާރު ރައްޔިތު މީހާގެ އަތްމައްޗަށް، މަސައްކަތްތެރިންގެ އަތްމައްޗަށް ނެގޭނެ، އަރާނެ. ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެވޭނީ ކެޕިޓަލިސްޓުންނާ ދެކޮޅަށް، ބޮޑެތި ވިޔަފާރިތަކާއި މަހުޖަނުންނާ ދެކޮޅަށް މަސައްކަތްކޮށްގެން. އެމީހުން މިހާރު މާ ވަރުގަދަވެފައި ނުފޫޒު ގަދަވެއްޖެ." އޭނާ ވިދާޅުވިއެވެ. 

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ