
ކުރެހުމާއި ޑިޒައިން: ޑޮސެއިން
21 އޮކްޓޯބަރު
ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބު ޢަބްދުލް ޣަފޫރުގެ ފޯނެއްގެ މައްޗަށް ތައްޔާރު ކޮށްފައިވާ 2973 ޞަފްޙާގެ ފޮރެންސިކް އެނަލަސިސް ރިޕޯޓު ޢާންމުވީ، އެފޯނުގައި ހުރި 81،167 މެސެޖާވެސް އެކުގައެވެ. އެއީ އޮންލައިން (ވައިބަރ އަދި ޑައިރެކްޓް މެސެޖު ހިމެނޭހެން) މެސެޖާއި، އެސްއެމްއެސް އެވެ. ވެރިކަމުގެ އާރާއި ބާރުގައި ތިބި މީހުން، ވެރިކަމުގެ ނިޒާމު ވައްކަމުގެ އާލާތަކަށް ބަދަލުކޮށްލި ގޮތް މި މިސެޖުތަކުން ކިތަންމެހާ ވެސް ސާފެވެ. މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާ ފަނޑިޔާރުންނާއި ވަޒީރުންނާއި މަޖިލިސް މެންބަރުންނާއި ސިފައިންނާއި ފުލުހުންނަށް ބެހިކަން ފެންނާން އޮތްއިރު، އެފައިސާ އެމީހުންގެ އަތްމައްޗަށް ގެންގޮސް ދިނީ (ޑެލިވަރކުރީ)، ކިހިނަކުން، ކޮން ބަޔަކު ބާވައެވެ.
އަދީބުފައިލްސްގެ މައްޗަށް މިނޫހުން ލިޔާން ޤަސްތު ކުރާ ސިލްސިލާ އިންވެސްޓިގޭޝަން ރިޕޯޓުތަކުގެ ތެރެއިން މިއީ ދެވަނަ ލިޔުމެވެ. ފުރަތަމަ ލިޔުމުގައި އަލިއަޅުވާލީ ފައިސާ ބެހީ ކިހިނެއް، ކޮން ބަޔަކު މެދުވެރިކޮށް ތޯއެވެ. މީގައި ބަލާނީ އެމްއެމްޕީއާރްސީގެ 90 މިލިޔަން ޑޮލަރަށް ވުރެ ގިނަ ފައިސާ އެކިގޮތްގޮތަށް ބަހައިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގަނެލިގޮތުގެ މައްޗަށެވެ.
2014 އިން 2019 އަށް އިންތިޚާބު ކޮށްފައި އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 85 މެންބަރުންގެ ތެރެއިން 18 މެންބަރުން ވަނީ ސީދާ އަދީބަށް މެސެޖުކޮށް، ފައިސާއާއި، ވަޒީފާއާއި، އެހެނިހެން ނަހަމަ އެހީތެރި ކަމަށް އެދިފައެވެ. 50 ހާސް ރުފިޔާ ސްކޫލް ފީ ދައްކާން ކަމަށް ބުނެ ހޯދާފައި ވެއެވެ. ވިޔަފާރީގެ ދަރަނި ދައްކާން 70 ހާސް ޑޮލަރު ނަގާފައި ވެއެވެ. އަނެއްކޮޅުން 2 ލައްކަ 50 ހާސް ރުފިޔާއަށް އެއް މެންބަރަކު އެދޭއިރު، ލަންޑަން ދަތުރަކަށް 2000 ޑޮލަރު ދިނުމަށް އަނެއް މެންބަރަކު އެދެއެވެ.
މި ފައިސާގެ މުޤާބިލުގައި މެންބަރުން ވިއްކާލީ މަޖިލީހުގައި ލާ ވޯޓެވެ. އަދި ކަރަޕްޝަންގެ ތަޙްޤީޤުތަކަށް ހުރަސް އެޅުމާއި، އެމްއެމްޕީއާރްސީގެ ޚިޔާނާތް ފަޅާއަރުވާލި އޭރުގެ އޮޑިޓަރ ޖެނެރަލް މަޤާމުން ވަކިކުރުން ފަދަ ވިޔާނުދާ ކަންކަން އަދީބު ދިން ފައިސާގެ ބަދަލުގައި ކޮށްދިނެވެ. އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވިޕްލައިނެއް ނޭޅުމަށާއި، އޮޑިޓަރ ޖެނެރަލް ކަމަށް "އަދީބުގެ ބޯއި" ގެންނާން މަޝްވަރާ ކޮށް، ފައިސާ ހުށަހަޅަމުން ދިޔައެވެ.
މީގެން ގިނަ މެންބަރުން އަދިވެސް ތިބީ ބާރުގައެވެ. އަދުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއް ރަޙީމް އަދީބު އަރިހުން އެދިވަޑައިގަތީ ބަންދުގައި ހުރި ކުށްވެރިޔަކު ދޫކޮށްލުމަށެވެ. ރައީސް އޮފީހުގެ މިނިސްޓަރަކު އެދެމުން ދިޔައީ ދާއިރާގެ މީހުންނަށް ވަޒީފާ ހަމަޖައްސައި ދިނުމަށެވެ. އެމްޑީޕީގެ މަޝްވަރާތައް އަދީބަށް ޙިއްސާކުރަމުން މިހާރު އައްޑޫ ސިޓީގެ މޭޔަރުކަމުގައި ހުރި ޢަލީ ނިޒާރު އާދޭސް ކުރަމުން ދިޔައީ ލޯނަކަށެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަމުގައްޔާއި ހިންނަވަރު ދާއިރާގެ މެންބަރު ކަމުގައި އޭރު ހުންނެވި އިބްރާހިމް މުޙައްމަދު ޞާލިޙް ޖުލައި 17، 2014 ގައި އަދީބަށް އިނގިރޭސި ބަހުން ކުރި މެސެޖުގެ ތަރުޖަމާއަކީ: "އާދެ، އަދީބު. މިރޭ 10 ޖަހާއިރު ބައްދަލުވުމެއް އެބައޮތް. ނިންމާފައި އަންގާލާނަން،" އެވެ.
ވެރިކަން ކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ މެންބަރުން
މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު
3 އެސްއެމްއެސް، 232 އޮންލައިން މެސެޖު
އޮގަސްޓް 24، 2024 ގައި "މުންދު މަމް" ގެ ގޮތުގައި ސޭވް ކޮށްފައިވާ ނަންބަރަކުން އަދީބަށް މެސެޖު ކުރެއެވެ. ޓެކްސްގެ ލުއިތަކާއި އެހެނިހެން ފަސޭހަތަކަށް ސްޕެޝަލް އިކޮނޮމިކް ޒޯން އިން ޝަރުޠު ހަމަވަނީ ކިހިނަކުންތޯ އޭނާ ސާފު ކުރެއެވެ. "މުންދު މަމް" ޖަހާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު ކަމުގައި އޭރު ހުންނެވި މުޙައްމަދު ޙުސެއިން ޝަރީފް (މުންދު) ގެ މަންމަ ކަމުގައި އަސްމާ ރަޝީދު ވާތީއެވެ. މުންދު މިހާރު ހުންނެވީ އެކުވެރި ޢަރަބި ޢިމާރާތަށް (ޔޫއޭއީއަށް) ދިވެހިރާއްޖެ އިން ކަނޑައަޅާފައި ހުންނަ ސަފީރުގެ މަޤާމުގައެވެ.
މޯލްޑިވްސް އިންޑިޕެންޑެންޓްގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުނު މައްސަލައާ ގުޅުވައި އަސްމާ ރަޝީދު އޮގަސްޓް 2014 ގައި ގްރޫޕް ޗެޓެއްގައި، ޕީޕީއެމް އިން އޭނާ ހޯދުމަށް ޢާއިލާއާއި ރައްޓެހިންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ގޮވާލެއްވިއެވެ. އޭނާ އިނގިރޭސިން ލިޔުއްވި މެސެޖުގެ ތަރުޖަމާއަކީ: "އަޅުގަނޑުމެން މިކަމާ ކަންބޮޑުވާން ޖެހޭ. މިއީ ހަމަ ދިވެހި ދަރިއެއް،" އެވެ.
ކެލާ ދާއިރާގެ މެންބަރު ޢަލީ ޢާރިފް
1 އެސްއެމްއެސް، 43 އޮންލައިން މެސެޖު
އޮގަސްޓް 12، 2014 ގައި ޢަލީ ޢާރިފު އަދީބު ގާތުގައި އެދުނީ ހއ. ވަށަފަރަށް ނިސްބަތްވާ އޭނާގެ ދާއިރާގެ މީހަކަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ވަޒީފާއެއް ހޯދައި ދިނުމަށެވެ.
މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް (ޓޮމް)
13 އެސްއެމްއެސް، 118 އޮންލައިން މެސެޖު
ޖޫން 14، 2014 ގައި އަޙްމަދު ޠާރިޤް އަދީބު ގާތުގައި 2000 ޑޮލަރަށް އެދުނެވެ. 6 ދުވަހުގެ ލަންޑަން ދަތުރަކަށް އެމިންވަރު ފުދޭނެތޯ އެހިއެވެ. ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި އަޙްމަދު ޠާރިޤް ޖެހިގެން އައި ދުވަހު އަދީބަށް ޝުކުރު އަދާކޮށް، މެސެޖުކޮށްފައި އޮތީ "ގޮޓް އިޓް" (ލިބެއްޖެ) ކަމަށެވެ.
މީގެއިތުރުން، އިލެކްޝަންސް ކޮމިޝަނުން ހުސްވެފައިވާ ދެ ގޮނޑިއެއްގެ ވާހަކައިންނާއި، ފަޅުރަށެއް ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ބޭނުންވާ ވާހަކައާއި، މަޖިލީހުގައި ޢަމަލު ކުރަންވީ ގޮތުގެ ވާހަކައިން އަދީބު ކުރެން އަޙްމަދު ޠާރިޤް ސުވާލުކުރެއެވެ.
އެއް ފަހަރަކު މަހިބަދޫ ސްޕޯޓްސް ކްލަބްގެ މުވައްޒަފުންގެ މުސާރަ ދޭން 200،000 ރުފިޔާއަށް އެދުނެވެ. އަދި މޯލްޑިވްސް އިންޑަސްޓޤރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) މެދުވެރިކޮށް ފުޓްބޯޅަ މުބާރާތަކަށް ސްޕޮންސަރ ހޯދާންވެސް އެދުނެވެ.
އޮގަސްޓް 20، 2014 ގައި އަދީބަށް އަޙްމަދު ޠާރިޤް އިންޒާރު ކުރެއެވެ. އެންގެވީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިންނަވާ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ ލާމަރުކަޒީ ޤާނޫނުގެ އިޞްލާޙުތަކުގެ ސަބަބުން ސަރުކާރަށް ގެއްލުންވާނެ ކަމަށެވެ. އަދި އެއިޞްލާޙުތައް ފާހަގަވުން ކުޑަ ވާނެހެން، އެހެނިހެން ބަދަލުތަކާއެކު ހުށަހެޅުން ބުއްދިވެރި ކަމަށް ލަފާ ދެއްވިއެވެ.
ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ)
14 އެސްއެމްއެސް
ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ނިންމުންތަކުގެ ޚަބަރު އައިބީ ގެންދެވީ ޤަވާޢިދުން އަދީބަށް ދެއްވަމުންނެވެ. އޮގަސްޓް 11، 2014 ގައި ލިޔުއްވިއެވެ: "ޕާލިމެންޓްރީ ގްރޫޕުން ނިންމީ ރަތް" (ޔަޢުނީ ރެޑްލައިން ވިޕް). ސެޕްޓެންބަރު 18، 2014 ގައި އަދީބަށް އޭނާ މެސެޖުކުރެއްވީ ޤައުމީ އެއަރލައިން މޯލްޑިވިއަން އިން ދިން އަގަކީ 207،400 ރުފިޔާ ކަމަށާއި، އެއީ އެންމެ ކުޑަ އަގު ކަމަށް "ހާރިސް" (މޯލްޑިވިއަންގެ އޭރުގެ މެނޭޖިންގް ޑިރެކްޓަރ) އަންގާފައިވާ ކަމަށެވެ. ޖުލައި 8، 2014 ގައި އައިބީ އަދީބަށް މެސެޖު މެދުވެރިކޮށް އެދުނީ އާމިނަތު އީނާ ކިޔާ އައްޑޫ ސިޓީގެ ގަން މޯލްޑިވިއަން އޮފީހުގެ ޓްރެއިނީ ޓިކެޓިންގް އޮފިސަރަކަށް ވަޒީފާ ދާއިމީ ކުރުމަށެވެ.
ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދް
18 އެސްއެމްއެސް، 40 އޮންލައިން މެސެޖު
ޖުލައި 23، 2014 ގައި ފަޒާދް އަދީޞަށް ޝުކުރު އަދާކުރިއެވެ. ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މެދުވެރިކޮށް ފޮނުއްވި "ހަދިޔާ" ލިބުމުންނެވެ.
އޮގަސްޓް 19 އިން ސެޕްޓެންބަރު 18، 2014 އަށް އަދީބަށް ތަކުރާރުކޮށް އޭނާ މެސެޖުކުރިއެވެ. ލޯޏަކަށް އެދިއެވެ. އަދީބު އެދޭގޮތެއްގެ މަތިން އަނބުރާ އަދާކުރަމުންދާނެ ކަމަށް ލިޔެފައިވެއެވެ "ޕްލީޒް އެހީވެދީ،" އޭނާ އިތުރަށް ލިޔެފައިވެއެވެ.
ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ
44 އެސްއެމްއެސް، 53 އޮންލައިން މެސެޖު
އަދީބު ފޯނުގައި ނަން ސޭވް ކޮށްފައި އޮތީ "އޭ އާރް ރަޙީމް"ގެ ގޮތުގައެވެ. ސެޕްޓެންބަރު 9، 2014 ގައި އޭނާ އެދުނީ ޖަލުގައި ހުރި މީހަކު ގޭބަންދަށް ބަދަލުކޮށް ދިނުމަށެވެ.
ޖުލައި 30، 2014 ގްރޫޕް ޗެޓެއްގައި ޢަބްދުއްރަޙީމް އެދުނީ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑުކޮށް ދިނުމަށެވެ. ނޫންނަމަ، ކުރިއަށް އޮތް 5 އަހަރުދުވަހު ހިލޭ ސާބަހަށް ރައްޔިތުންނަށް ޚިދުމަތް ކޮށްދޭންވީ ކަމަށާއި، "އަޅުގަނޑު ތައްޔާރު!" ކަމަށް ލިޔެފައިވެއެވެ.
ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު
19 އެސްއެމްއެސް، 12 އޮންލައިން މެސެޖު
ޖޫން 22، 2014 ގައި އަދީބަށް ރިޔާޒް ރަޝީދު ފޮނުވި މެސެޖުގައި ބުނަނީ "ޖޮބް ޑަން (ކުރަން އުޅުނުކަން ވެއްޖެ)، ލެޓްސް މީޓް (ހިނގާ ބައްދަލުވާން)" ކަމަށެވެ. ވަގުތުކޮޅެއް ފަހުން އަދީބު ރިޕްލައި ކޮށްފައި އޮތީ "އޯކޭ، މިރޭ ގުޅާނަން" ކަމަށެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް
24 އެސްއެމްއެސް، 62 އޮންލައިން މެސެޖު
އެމްޑީޕީގެ ވެރިކަމުގައި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސްޕޯޓްސް އެންޑް ޔޫތު މިނިސްޓަރަކަށް ހުންނެވި އަޙްމަދު މަޚްލޫފަށް އޮތީ 33،000 ޑޮލަރުގެ ރިޝްވަތު އަދީބުގެ އަތުން ނަގާ، ސްޕެޝަލް އިކޮނޮމިކް ޒޯން ގެ ބިލަށް އޮގަސްޓް 2014 ގައި ވޯޓު ދިންކަމުގެ މައްޗަށް ދައުވާ ކޮށްފައެވެ. އެދައުވާ އަނބުރާ ގެންދިޔައީ އޭޕްރީލް 2023 ގައެވެ.
މަޚްލޫފް ފޮނުވި މެސެޖުތަކުގައި ޖުލައި އަދި އޮގަސްޓް 2014 ގައި އަދީބާ ބައްދަލުކުރާން އެދިފައި ވެއެވެ. އޮގަސްޓް 30 ގައި ފޮނުވި މެސެޖެއްގައި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް މީހަކު ޢައްޔަން ކުރާން ލޮބީ ކުރިއެވެ. އެމީހާގެ ތަޖުރިބާއާއި ތަޢުލީމީ ފެންވަރު ޙިއްސާކުރިއެވެ.
ޖުލައި 30، 2014 ގައި މަޚްލޫފް އަދީބަށް އެންގީ ކ. ތުލުސްދޫގައި ތިބި އިޒްރޭލަށް ނިސްބަތްވާ ފަތުރުވެރިން އެރަށުން ސަލާމަތްތެރިކަމާއެކު ބާލަން ޖެހޭ ކަމަށެވެ. އިޒްރޭލަށް ނިސްބަތްވާ ފަތުރުވެރިޔަކު އެރޭ މަރުވި ނަމަ، ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެ ނޭދެވޭ އަސަރު ވަޒަން ކުރަން ނޭނގޭހާ ބޮޑުވާނެ ކަމަށް ބުނާ ކަހަލަ މޭރުމަކުން ވެސް މަޚްލޫފް އެރޭ އަދީބަށް މެސެޖު ކުރިއެވެ.
ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު
28 އެސްއެމްއެސް
ސަންސިޔާމްގެ މޯލްޑިވްސް ޑެވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އަށް ނިސްބަތްވާ ޢާމިރު އަދީބަށް ޖުލައި 11، 2014 ގައި ލިޔެފައިވަނީ 20 ހެކްޓަރު މަދުން ކުޑަހުވަދޫގެ ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދާނަމަ، އެކަމުން ރައްޔިތުންގެ ހިތްހަމަނުޖެހުން ސަރުކާރަށް ރައްދުވާނެ ކަމަށެވެ. ބޮސްކާލިސް އާ ޙަވާލުކޮށްގެން ހިންގާ މަޝްރޫޢު އަވަސްކަމާއި، ފުރިހަމަކަމާއެކު ނިންމާލާން ބާރު އެޅުމަށްވެސް ޢާމިރު އެދުނެވެ. އަދި އަންނަ ހަފްތާގައި އަޕްޑޭޓެއް ދިނުމަށްވެސް އެދުނު މެއެވެ.
ސެޕްޓެންބަރު 2014 ގެ ކުރީކޮޅު ޢާމިރު އަދީބު ގާތުގައި ޝަކުވާ އުފުލާފައިވެއެވެ. އެތައް ދުވަހަކު އެދިގެން "އާރޖަންޓް" ކަމެއްގައި ބައްދަލުކުރާން އެދުމުންވެސް ބައްދަލު ނުވެ ވާތީއެވެ.
ވިލިމާލެ މެންބަރު އަޙްމަދު ނިހާން ޙުސެއިން މަނިކު
83 އެސްއެމްއެސް، 336 އޮންލައިން މެސެޖު
ވެރިކަންކުރާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ނިހާން ޖޫން 8، 2014 ގައި އެދުނީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ސެކްރެޓޭރިއެޓެއް ޤާއިމު ކުރާން 2 ލައްކަ ރުފިޔާ އަށެވެ. މިއީ ކުއްޔާއި، އޮފީހުގެ ސެކްރެޓަރީގެ މުސާރަ ހިމަނައިގެންނެވެ.
ސެޕްޓެންބަރު 30، 2014 ގައި ނިހާން ޚިޔާލު ދިނީ "ކަރަޝީބް" ކިޔާ އޮންލައިން ނޫހެއްގައި "ޖަންގިޔާއަށް އެޓޭކް" ކުރުމަށެވެ. އެމެސެޖުގައި ޢިޝާރާތްކުރަނީ މަޖިލީހުގެ ނާއިބް ރައީސް އަޙްމަދު ނާޒިމް އަށެވެ. އެދުވަސްވަރުގެ ކުރިއްސުރެ ވެސް ނާޒިމްއަކީ ރައީސް ޔާމިންގެ އަރިހު ބޭކަލެކެވެ. އަދީބާ ނާޒިމާ ދެމެދު ޚިޔާލު ތަފާތުވުންތަކާއި އަރާރުން އޮވެއެވެ. ނިހާން އަދީބު ގާތު ބުނީ ވެބްސައިޓު (ކަރަޝީބް) އޮތީ ޑެވަލޮޕްމަންޓް މަރުޙަލާގައި ކަމަށާއި، ނާޒިމްގެ ހުރިހާ ކޮރަޕްޝަންގެ ޢަމަލެއްގެ ވާހަކަ އޭގައި ލިޔެ، ކަވަރު ކުރާނެ ކަމަށެވެ.
މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު (ބޮޗޭ)
113 އެސްއެމްއެސް، 2 އޮންލައިން މެސެޖު
ރިފާޢު އެދެނީ އަދީބުގެ އަތުން "ޓޮޕް އަޕް" އަށެވެ. ޖުލައި 15، 2014 ގައި ސައިކަލެއް ގަންނާން ބައިލައްކަ ރުފިޔާއަށް އެދުނެވެ. ފަސް ދުވަފަހުން އެދުނީ މެންދުރު 12 އާއި 1 އާ ދޭތެރޭގައި އެއް ލައްކަ ރުފިޔާ ހަމަޖައްސައި ދިނުމަށެވެ.
އޮގަސްޓް 2014 ގެ ފަހުކޮޅު، އަނެއްކާވެސް ބައި ލައްކަ ރުފިޔާގެ "ޓޮޕް އަޕް" އެއް. ބުރާސްފަތި ދުވަހު ބޭންކް ބަންދުކުރުމުގެ ކުރިން ހަމަޖައްސައި ދިނުމަށް އެދުނެވެ. ސެޕްޓެންބަރު 12 ގައި އަނެއްކާވެސް 50،000 ރުފިޔާއަށް ބޮޗޭ އަދީބު ގާތު އެދުނެވެ. މުޅި މުސާރަ ހުސްވެއްޖެ ކަމަށާއި، ކުއްޔާއި ކުދިންގެ ސްކޫލް ފީ ދެއްކޭނެ ފަދަވެސް ނެތްކަމަށް އޭނާ ބުނެއެވެ. މިމެސެޖު ތަކުރާރުކޮށް 13، 15 އަދި 16 ގައި ފޮނުވާފައި ވެއެވެ.
އަދި ބޮޗޭގެ މަޖިލިސް ކެމްޕޭނުގެ މެނޭޖަރަކަށް ހުރި މީހާ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ބޯޑު މެންބަރެއްގެ ގޮތުގައި ހަމަޖައްސާންވެސް އެދިފައި ވެއެވެ.
ހޯރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް
166 އެސްއެމްއެސް، 62 އޮންލައިން މެސެޖު
ޖޫން 9 އާއި 15، 2014 އާ ދެމެދު ފޮނުވާފައިވާ މެސެޖުތަކުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި، ލޯކަލް ގަވަރންމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް "އަޅުގަނޑުގެ މީހުން" ޢައްޔަންކޮށްދޭން އެދިފައވެއެވެ. ސީވީތައް ހޯދާފައިނުވަނީ އެއްކޮށްފައި ބަހައްޓަން އުނދަގޫވީމާ ކަމަށް ޖޫން 15 ގެ މެސެޖުގައި މުޙައްމަދު އިސްމާޢީލް ބުނެއެވެ.
އޮގަސްޓް 10 ގައި "5 އަހަރުގެ އޮޑިޓް ތަޖުރިބާހުރި، ގްރެޖުއޭޓު އެކައުންޓަންޓެއް" އޭސީސީއަށް ޢައްޔަންކުރަން އަދީބު ގާތު އެދެމުން، މުޙައްމަދު އިސްމާޢީލް ބުނީ މިމީހަކީ "އަޅުގަނޑުގެ ކެމްޕޭނުގައި" އަދި ރިޔާސީ އިންތިޚާބުގައި ވަރަށް ގަދައަށް މަސައްކަތްކޮށްފައިވާ މީހެއްކަމަށާއި، "މަނިކުފާނުގެ ސިޔާސަތުތަކަށް" ނުހަނު ތާޢީދުކުރާ، މަނިކުފާނުގެ ސަޕޯޓަރެއް ކަމަށެވެ. އަދީބު ޖަވާބުގައި ވިދާޅުވީ މާޔޫސް ނުވާ ގޮތަކަށް އެކަން ހަމަޖައްސަވާނެ ކަމަށެވެ.
ޖުލައި 10 ގެ ދަންވަރު މުޙައްމަދު އިސްމާޢީލް އަދީބަށް ނަޞޭޙަތް ދިނީ މެންބަރުން ގަނެގެން ފަރުނުޖެހޭނެ ކަމަށާއި، މެންބަރުން ހިތްހަމައްސާފައި ބޭތިއްބުން ބޭނުންތެރި ކަމަށެވެ. ތިން ދުވަސް ފަހުން އަދީބަށް އޭނާ ޚަބަރު ކުރީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން "ފްރީ ވިޕެއް" ނެރުނު ވާހަކައެވެ. މެންބަރު ޢަބްދުލް ޣަފޫރު މޫސާގެ ނަން ގަނެއެވެ.
ޖުލައި 18 ގައި އެބައިމީހުން ބައްދަލުކުރިކަންވެސް މެސެޖުތަކުން އެނގެން އެބައޮތެވެ.
ކޮންމެއަކަސް، ޖެހިގެން އަދި ދުވަހު އަދީބު ކުރެން މުޙައްމަދު އިސްމާޢީލް ބުނީ 5 ލައްކަ ރުފިޔާއެއްގެ ވާހަކައެވެ. ތަފްޞީލެއް ނެތެވެ. ކޮން ކަމަކާ އަޅުވާ، ކާކު ދޭ ފައިސާއެއް ކަމެއް ސާފެއް ނޫނެވެ.
ސެޕްޓެންބަރު 1 ގައި މުޙައްމަދު އިސްމާޢީލް އަދީބުގެ ގާތުން އެދުނީ ރ. މާމުނަގައު އަދި ރ. ހުރަވަޅި "އަޅުގަނޑުގެ ބޮސް، މިސްޓަރ އޭ (ޢާމިރު) މަންސޫރަށް" ހަމަޖައްސައި ދިނުމަށެވެ. އަދީބު ޖަވާބު ދިނީ އެދެރަށް މިހާރު ކުއްޔަށް ދީފައިވާ ކަމަށެވެ. އެހެންވިއްޔާ ކުއްޔަށް ނުދީ އޮތް ތަނެއް ހަމަޖައްސައި ދިނުމަށް މުޙައްމަދު އިސްމާޢީލް އެދުނެވެ.
އަދި ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލު މަޖިލީހުން ފާސްވުމުގެ އުފަލުގައި ޢާއިލާއަށް ހިލޭ ރިޒޯޓު ދަތުރެއް ހަމަޖައްސައި ދިނުމަށް މުޙައްމަދު އިސްމާޢީލް އަދީބު ކުރެން އާދޭސްކުރެއެވެ.
މާރިޗް 2016 ގައި ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން "ލާރި ގޯނި" ހިފައިގެން އިދިކޮޅު މެންބަރުންގެ ގާތަށް ހިނގިކަމަށް އޭނާ އެއްބަސްވިއެވެ. އެ ވާހަކައިން ބަރީޢަވާކަށް ފަހަގަކުންވެސް އޭނާ ނޫޅެތެވެ.
މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލް ޤާދިރު
110 އެސްއެމްއެސް، 99 އޮންލައިން މެސެޖު
ޖޫން 17، 2014 ގައި ޙަސަން މުފީދު އެދުނީ ހުޅުމާލޭގައި ބަންދުގައި ހުރި ބަންގްލަދޭޝް މީހަކު މިނިވަން ކުރުމަށެވެ. އަދި މިލަންދޫ ޕަވަރ ހައުސްގައި މަސައްކަތް ކުރާ އޭނާގެ ގާތްތިމާގެ މީހަކު މަޤާމުން ވަކިކުރާން އިންޒާރު ދިން ވާހަކައިން ވެސް އެދުވަހު އަދީބަށް އޭނާ ޚަބަރު ކުރެއެވެ. އެމީހާ ވަޒީފާއިން ވަކިކޮށްފީވިއްޔާ "ވަރަށް ދެރަވާނެ" ކަމަށްވެސް ލިޔުއްވާފައި ވެއެވެ.
ގަލޮޅު ޕޮލިސް ސްޓޭޝަންގައި ހުރި މީހަކު މިލަންދޫ ޕޮލިސް ސްޓޭޝަނަށް ބަދަލު ކޮށްދޭން އޮގަސްޓް 28 ގައި ޙަސަން މުފީދު އަދީބު ގާތުން އެދެއެވެ. އަދީބަށް ގިނަ ފަހަރު ޙަސަން މުފީދުގެ މެސެޖުތަކުގައި ނިސްބަތްކުރަނީ "ޑިއަރ" ގެ ގޮތުގައެވެ.
ޖުލައި 2014 ގެ މެސެޖުތަކުގައި ޙަސަން މުފީދު ލިޔެފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމަށް ދަރާއޮތް ފައިސާއެއް ދައްކާން ލާރި ބޭނުންވާ ކަމަށެވެ. ބޭނުންވަނީ ކިހާވަރެއް ތޯއާއި، އެވަރެއް ދޭނެ ކަމަށް އަދީބު މިނެޓެއްގެ ތެރޭގައި ރިޕްލައި ކޮށްފައި ވެއެވެ.
ޖުލައި 29 ގައި އަދީބަށް ޙަސަން މުފީދު ލިޔެފައިވަނީ މާލީގޮތުން ނުހަނު ދަތިވެގެން އުޅޭ ކަމަށެވެ. އޮގަސްޓް 2 ގައި ސިންގަޕޫރުން އެނބުރި މާލެ އައިސްފައި ހަމަޖައްސާނެކަމަށް އަދީބު ޖަވާބު ދިނެވެ.
ސެޕްޓެންބަރު 3 ގައި އަދީބު ގާތުން 2 ލައްކަ ރުފިޔާއަށް ޙަސަން މުފީދު އެދުނެވެ. އެ މެސެޖަށް ރިޕްލައި ނުކޮށްގެން އެމަހުގެ 7 ގައި "ޕްލީޒް ޑިއަރ އާންސަރ މީ، ވެރީ އަރޖަންޓް" ލިޔެފައި އަދީބަށް ޙަސަން މުފީދު މެސެޖު ކުރިއެވެ.
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރުން
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު
5 އެސްއެމްއެސް، 49 އޮންލައިން މެސެޖު
އައްޑޫ ސިޓީގެ މޭޔަރުގެ މަޤާމު މިހާރު ފުރަމުންދާ ޢަލީ ނިޒާރު ޖުލައި 7، 2014 ގައި އަދީބަށް ފޮނުވި މެސެޖުގައި ބުނަނީ ކެމްޕޭނުގައި ނެގި 450،000 ރުފިޔާގެ ދަރަނި ދައްކާން އެހީތެރި ކަމެއްގެ ގޮތުގައި 250،000 ރުފިޔާށް އެދޭ ކަމަށެވެ.
ޖެހިގެން އައި ދުވަހު ނިޒާރު ދިޔައީ ބައްދަލުވާން އެދި އާދޭސް ކުރަމުންނެވެ. ކުރިން ދުވަހު އެދުނު 250،000 ރުފިޔާގެ ދެބައިކުޅަ އެއްބައިވެސް އެންމެ ރަނގަޅު ކަމުގައި ލިޔުނެވެ. އަދި އެއެހީގެ ބަދަލުގައި ބޭނުން ޖެހޭ ކޮންމެ ހިނދެއްގައި އެހީތެރިކަން ދޭނެ ކަމަށާއި، އެފައިސާވެސް އެދެނީ ލޯނެއްގެ ގޮތުގައި ކަމަށް ޢަލީ ނިޒާރު އަދީބަށް ލިޔުނު އާދޭހުގެ މެސެޖުގައި ވެއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް ކަމުގައި ހުރި މުހުތާޒް މުޙްސިން ވަކިކުރުމާމެދު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ދެކެވޭ ވާހަކަތައް އޭނާ ގެންދިޔައީ އަދީބާ ޙިއްސާ ކުރަމުންނެވެ. މިކަމުގެ މަޝްވަރާ އަށް ޖުލައި 17 ގައި ޢަލީ ނިޒާރު އަދީބާ ބައްދަލުކޮށްފައިވާ ކަން މެސެޖުތަކުން އެނގެއެވެ.
ދެ ދުވަސް ފަހުން ޢަލީ ނިޒާރު އަދީބު ގާތު ބުނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ޕްރޮސެކިއުޓަރ ޖެނެރަލް ކަމަށް މުހުތާޒް މުޙްސިން ޢައްޔަންކުރުމުގެ ވޯޓުގައި ނެރޭނީ އޯޕަން ވިޕްލައިބެއް ކަމަށާއި، އައްޑޫ އަށް ނިސްބަތްވާ އެއް މެންބަރަކުގެ ވޯޓު ފިޔަވައި އެހެން ހުރިހާ ވޯޓެއް ޔަޤީންކޮށްފައި ވާކަމަށާއި، އެއް ވޯޓު ގެއްލުނީ ރައީސް މުޙައްމަދު ނަޝީދުގެ ނުފޫޒުން ކަމަށެވެ. އިނގިރޭސި ބަހުން ޢަލީ ނިޒާރު ލިޔުނު މެސެޖުގެ ތަރުޖަމާއަކީ: "ދާއިރާގެ ފަރާތުން ވަރަށް ޕްރެޝަރ ކުރި ރަތަށް އޮއްބަން. މުހުތާޒާ އެއްކޮޅަށް ވޯޓު ލަނީ ސިޔާސީ ދައުވާތަކުން ރެކެންކަމަށް އެމީހުންނަށް ވިސްނައި ދިނިން. ގަޑުބަޑުގަނޑަކަށް ނުވާގޮތަށް މިދައުވާތައް ނުކޮށްވޭތޯ ބަލައިދިނުމަށް ނުހަނު އެދެން،" އެވެ.
ޖުލައި 26 ގައި 50،000 ޑޮލަރުގެ ލޯނެއް ދައްކާން އެހީތެރިކަމަށް ޢަލީ ނިޒާރު އަދީބު ކުރެން އެދުނެވެ. އެއީ އިންޑިޔާގެ އެމްއެމް އެކްސްޕޯޓްސްއަށް ދައްކާން ޖެހި، ނުދައްކައިގެން، ފައިސާ ހޯދަން ކޯޓަށް ދާ ހިސާބުގައި އޮތް މައްސަލައެކެވެ. ފަހުން އަދީބު ކުރެން ޢަލީ ނިޒާރު އެދުނީ 70،000 ޑޮލަރަށެވެ.
ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު (ރީކޯ)
69 އޮންލައިން މެސެޖު
ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސްގެ މަޤާމުގައި އޭރު ހުންނެވި، ފަހުން އެމްޑީޕީ އިން ވަކިކުރުމުން، ޕީޕީއެމްއާ ގުޅުނު މުސާ މަނިކު ގެންދިޔައީ މުހުތާޒް ޕްރޮސެކިއުޓަރ ޖެނެރަކްގެ މަޤާމަށް ގެނައުމުގެ މައްސަލައިގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ކުރެވުނު މަޝްވަރާތައް އަދީބާ ޙިއްސާކޮށްފައެވެ.
ޖުލައި 20، 2014 ގައި އޭނާ އަދީބަށް ލިޔުނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ގެންނާން މައުމޫން ޙަމީދު އާ ދެކޮޅަށް "ރެޑް" ޖެހުމަށާއި، މުހުތާޒަށް "ފްރީ ވިޕްލައިނެއް" ނެރުމަށް އޭނާ ހުށަހެޅި ގޮތަށް ޕާލިމެންޓްރީ ގްރޫޕްގައި ފާސްވެފައިވާ ކަމަށެވެ.
ދެތިން ދުވަސް ފަހުން މޫސާ މަނިކު އަދީބު ކުރެން އެހީ "ތިލަފުށި ކަންތައް އަވަސްކުރެވޭތޯ" ބަލައި ދިނުމާށެވެ. މިއީ މޫސާ މަނިކުގެ ހެވީލޯޑް ކުންފުންޏަށް ދޭ ބިން ހިއްކުމުގެ މަޝްރޫޢެއް ކަމަށް ބެލެވެއެވެ. 152 ހެކްޓަރު ހިއްކާން ހެވީލޯޑަށް ޙަވާލުކޮށްގެން ތިލަފުށި ކޯޕަރޭޝަން ލިމިޓެޑަށް 650 މިލިޔަން ދިވެހި ރުފިޔާގެ ގެއްލުން ވިއެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ
އިތުރު ލިޔުންތައް

"ސަލާމަތުން ގޮސް، އަމިއްލަ ވަޒަނުގައި ދެން އަވަހަކަށް ނޫޅެވޭނެކަން އެނގުނު" ޝަހިންދާ އިސްމާޢީލް
27 ނޮވެމްބަރު

"ޕާޓީތަކާމެދު މާޔޫސްވެއްޖެ" - ވޯޓު ލާ ޢަދަދު މަދުވެ، އެފަރަގު ރަށްފުށާއި ސިޓީތަކުގެ ދެމެދު ބޮޑުވަނީ
02 ނޮވެމްބަރު

"ބާރުވެރިކުރުވާކަށް މީހަކަ ނާންނާނެ! އަހަރުމެން ބާރުވެރިވާންޖެހޭނީ އަމިއްލައަށް!" ހަތަރު ދައުރު ކައުންސިލަރަކަށް އިންތިޚާބުވި ސާމިޔާ
30 އޮކްޓޯބަރު

