"ސަލާމަތުން ގޮސް، އަމިއްލަ ވަޒަނުގައި ދެން އަވަހަކަށް ނޫޅެވޭނެކަން އެނގުނު" ޝަހިންދާ އިސްމާޢީލް
އަރުވާލެވިގެން 6 ވަނަ އަހަރުގައި ޖަރުމަނުގައި ގުނަމުންދާ ޝާހިންދާގެ އިންޓަވިއު.

ކުރެހުމާއި ޑިޒައިން: ޑޮސެއިން. ފޮޓޯ: ނެލްސަން ކާރޑޭނަޒް.
27 ނޮވެމްބަރު
2019 އިގެ އޭޕްރީލް މަހުން ފެށިގެން ރާއްޖޭގެ ފަސްގަނޑުގައި ޝާހިންދާ އިސްމާޢީލްގެ ފައެއް ނުޖައްސައެވެ. މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ބާނީ އަދި އެގްޒެކެޓިވް ޑިރެކްޓަރު އެ އަހަރު ސްކޮލަޝިޕެއްގައި ފުރައިގެން ދިޔައީ 12 މަސް ދުވަހުގެ ތެރޭގައި އެނބުރި އައުމަށް ގަސްތުކޮށްގެންނެވެ. ނަމަވެސް އެއަހަރުގެ ޑިސެމްބަރުގައި އެމްޑީއެންގެ ރަޖިސްޓްރީ އުވައިލިއެވެ. އަގުވައްޓާލުމާއި ނަފުރަތުގެ ކެމްޕޭނެއްގެ އަމާޒަށް އެމްޑީއެން އާއެކު އޭނާވެސް އެރީއެވެ. މަރުގެ އިންޒާރުތައްވެސް ދޭން ފެށީއެވެ. ސަލާމަތުން ގޮސް، އަމިއްލަ ވަޒަނުގައި ދެން އަވަހަކަށް ނޫޅެވޭނެކަން އޭނާއަށް ސާފުވެއްޖެއެވެ.
އޭގެ ހަ އަހަރު ފަހުން ޝަހިންދާ އަދިވެސް ހުރީ އަރުވާލެވިގެން ޖަރުމަނުގައެވެ. އެމްޑީއެންގެ މަސައްކަތް އެތަނުގައި ކުރިއަށް ގެންދެއެވެ. ރާއްޖެ ބަލައިނުގަތަސް ހެވެވެ. މިއޮކްޓޯބަރު މަހު ފއެފްއައިޑީއެޗް (އިންޓަނޭޝަނަލް ފެޑެރޭޝަން ފޯ ހިއުމަން ރައިޓްސް) ގެ ހަތަރު ސެކްރެޓަރީ ޖެނެރަލުން ކުރެ އެކެއް ކަމަށް އޭނާ އިންތިހާބުވެ ވަޑައިގެންނެވިއެވެ. މިއީ ގާތްގަނޑަކަށް އިންސާނީ ޙައްޤުތަކާ ބެހޭ 200 އެއްހާ ޖަމްޢިއްޔާ/ޖަމާޢަތް ނިސްބަތްވާ ބައިނަލްއަޤްވާމީ ޙަރަކާތެކެވެ.
މި އިންޓަވިއު ކޮށްފައިވަނީ އިނގިރޭސި ބަހުންނެވެ. މިއީ އިންޓަވިއުގެ ދިވެހި ތަރުޖަމާއެކެވެ.
ޝަހިންދާގެ ވާހަކައިގައި އަލިއަޅުވާލަނީ 2004 ގެ އޮގަސްޓް 12، 13 އިން ފެށިގެން، އިންސާނީ ޙައްޤުތަކުގެ ވަކާލާތުގައި ކުރެއްވި ދަތުރާއި، އަރުވާލެވިގެން ޖަމްޢިއްޔާގެ ހިންގުމުގެ ގޮންޖެހުންތަކާއި، ދެން ދުވަހަކު އައިސް ނޫޅެވިދާނެ ވަޒަނަކަށްޓަކައި ކުރާ މަސައްކަތާއި، އުފުލާ ބުރައިގެ ވާހަކައިގެ މައްޗަށެވެ.
މޯލްޑިވްސް އިންޑިޕެންޑެންޓް: އޮގަސްޓް 12، 13 ގައި 300 އަށް ވުރެ ގިނަ މީހުން ހައްޔަރު ކުރުމުން އެމްޑީއެން ފެށީ މޯލްޑިވިއަން ޑިޓެއިނީ ނެޓްވޯކްގެ ގޮތުގަ އެވެ. އެ 22 ގަޑިއިރުގެ މުޒާހަރާއާއި އޭގެ ފަހުން ކުރިމަތިވި ކަންތައްތަކުގެ ތެރެއިން ޝަހިންދާގެ ޙަޔާތުގެ ކުރިއަށް އޮތް ވިހި އަހަރުގެ މަސައްކަތް ބައްޓަންވި ގޮތަކީ ކޮބާ ހެއްޔެވެ؟
ޝަހިންދާ އިސްމާޢީލް: ކަޅު ހުކުރު އެއީ އަޅުގަނޑުހެ ޙަޔާތުގައި ދުށް އެންމެ ބޮޑު އަނިޔާވެރި އަދި ޚުދުމުޚުތާރު އެއް ޙާދިސާއެވެ. އެފަދަ މައި ފުރަތަމަ ޙާދިސާއެވެ. އެކަމަކު އަޅުގަނޑުގެ މަސައްކަތް ފެށުމަށް ދިމާވީ ސީދާ ކޮންމެހެން އެ 22 ގަޑިއިރުގެ ނުވަތަ ކަޅުހުކުރުގެ ކަންތަކަކުން ނޫޏެވެ.
އަޅުގަނޑަށް އެންމެ ފުރަތަމަ ފުރުޞަތު ލިބުނީ، ބޭބެ އިބްރާ، އިބްރާހިމް އިސްމާޢީލް އަށް ވޮލަންޓިއަރ ކޮށް މަސައްކަތްތަކެއް ކުރާން އެ އަހަރުގެ ޖޫން މަހު – އެއީ 2004 ވަނަ އަހަރު – މާލެ މެންބަރުގެ އޮފީސް ކިޔާ ތަނެއްގައެވެ. އެއީ ވަރަށް ގިނަ ޕްލޭނިންގް އާއި ސިޔާސަތާއި ޙައްޤުތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިޔަ، އެންމެން އެތަނަށް އެއްވެ އުޅުނު އޮފީހެކެވެ. އަދި ދިވެހިރާއްޖޭގެ އަނދިރިފުށުގެ ކަންކަން ފުރަތަމަ ފަހަރަށް ރަނގަޅަށް ވިސްނި، ފެނިދެނިވާން ފެށީ އެތަނުންނެވެ.
އެ އޮފީހުގައި ވަރަށް ގިނަ އެކްޓިވިސްޓުންނާ، މިއަދުގެ ސިޔާސީ ގިނަ ބޭފުޅުންނާ އަޅުގަނޑު ބައްދަލުވިއެވެ. އެހީއަށް އެދި މީހުން އާދޭ މެއެވެ. އެހެންވީމާ، މިހުރިހާ ބޭފުޅުންގެ ތެރެއިން އަޅުގަނޑަށް އަޑު އިވުނީ، ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް މި ޤައުމަށް އަދި ރައްޔިތުންނަށް ދެމުން ދިޔަ އަނިޔާތަކުގެ ވާހަކައެވެ. އިތުރު ވާހަކަތަކާއި ތަފްޞީލުތައް އެދުވަސްވަރު އަޅުގަނޑުމެން އިންތިޒާމު ކުރި މިނިވަން ބަޙުޘްތަކުން އިވުނެވެ.
އެކުރު މުއްދަތު ވީ ގިނަ، ބޮޑު އެއްޗެއް ދަސްވި އަގުހުރި ދުވަސްތަކަކަށެވެ. ކަޅު ހުކުރުގައި ގާތްގަނޑަކަށް މިމަސައްކަތުގައި ޝާމިލުވާ އެންމެން ހެން ޖަލަށްލީ ވަގުތު ރާއްޖޭގައި އެމައިދާނުގައި ނުހުރެ ފުރައިގެން ދެވުނުކަން އެއީ އަޅުގަނޑުގެ ނަސީބެކެވެ.
އެންމެން ހައްޔަރުކުރުމަށް ފަހު ބާކީ މިތިބީ ރާއްޖެއިން ބޭރުގައި ތިބި މާކަށް އަތުގައި ފައިސާއެއް ވަޞީލަތެއް ނެތް މަދު ބައެކެވެ. ބަންދުކޮށްފައި ތިބި މީހުންނަށާއި ޢާއިލާތަކަށް ކޮންމެވެސް ކަމެއް ކޮށްދޭން ޖެހޭކަމަށް އަޅުގަނޑުމެން ނިންމީމެވެ. އެހެންވީމާ ފެށުމަކީ އެއީއެވެ. ފެށީކީ ފަށާކަށް ނޫނެވެ. ތަބީޢީގޮތުން އެމަސައްކަތުގެ ތެރެއަށް ވަދެ ހުސްވެ، ނިމިއްޖެއެވެ.
ދިވެހިރާއްޖެ ދޫކޮށް ދިޔައީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހު ސްކޮލަޝިޕެއްގައެވެ. އެނބުރި ރާއްޖެ ނާދެވޭނެކަން އެނގުނީ ކޮން އިރަކު ހެއްޔެވެ؟
ފުރައިގެން ދިޔައީ އަނބުރާ އައުމުގެ ފުރިހަމަ އެދުމާއި ނިޔަތުގައެވެ. ދެން އެމްޑީއެން މަނާކުރީ އެ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އެއީ އަޅުގަނޑަށް މަރުގެ އިންޒާރު ލިބުނު ނުވަތަ ގޯނާ ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. ނަމަވެސް، ރައީސް އާއި ފުލުހުންގެ ކޮމިޝަނަރު ތަކުރާރުކޮށް، އެތައް ދުވަހެއް، މަސްތަކެއް ވާންދެން އަޅުގަނޑުމެން އަތްދަށު ލައްވާނެ ކަމަށް، އަދި އަޅުގަނޑުމެންނަކީ ދައުލަތުގެ ދުޝްމަނުން ކަމަށް އިޢުލާން ކުރަމުން ދިއުމުން، އެއްވެސް ކަމެއްގެ މައްޗަށް އެމީހުންގެ ކޮންޓްރޯލެއް ނެތްކަން ސާފުވި ވަގުތެވެ. އެމީހުން ކޮންޓްރޯލް ކުރަމުން ދިޔައީ އަޅުގަނޑުމެންގެ ބޯ ބުރިކުރާން ގޮވައި، ވަޢުދުވެފައި ތިބި ދީނީ ހަރުކަށި ފިކުރުގެ ބައެކެވެ. އެހެންވީމާ، ނާޤާބިލު ލީޑަރަކު ހޮވި، އަޅުގަނޑުމެންނަށް ވަރަށް ބޮޑު ގޯހެއް ހެދިއްޖެކަން އެހިނދު ވިސްނިއްޖެއެވެ. ވަރަށް ގިނަ ދުވަސްތަކެއް ވާންދެން އެނބުރި ގެއަށް ނުދެވޭނެކަންވެސް އަޅުގަނޑަށް އެނގި، ފަހުމު ވެއްޖެއެވެ.
އެމްޑީއެންގެ ރެޖިސްޓްރީ އިޔާދަކުރާން އދގެ އިންސާނީ ޙައްޤުތަކާބެހޭ ކޮމިޓީއިން ސާފުކޮށް އަންގާފައިވެއެވެ. އޭގެ 6 އަހަރު ފަހުން މިހާރުގެ ވިސްނުމަކީ ކޮބައި ހެއްޔެވެ؟ ރާއްޖޭގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުން ޤަބޫލުކުރައްވަންތޯ އެވެ؟ ސްޓްރެޓެޖީއަށް އަސާސީ ބަދަލުތަކެއް އައިސްފައިވޭތޯއެވެ؟
ނޫން، އެކަމުގެ ސަބަބުން އަދި އަޅުގަނޑުމެންގެ ސްޓްރެޓެޖީއަށް ބަދަލެއް ނާދެއެވެ. އަޅުގަނޑުމެންގެ އިސްތިޢުނާފުތަކުގެ އަމާޒަކީ އެންމެ ކަމެކެވެ. އެއީ އިންޞާފެވެ. އެމްޑީއެން އުވައިލީ ޢިޖުރާޢަތުތައް ޢަދުލުވެރިކަމާއެކު ފުރިހަމަކުރުން ނެތިއެވެ. އިންޞާފު ލިބި، ޒިންމާވާންޖެހޭ މީހުން ޖަވާބުދާރީ ކުރެވޭހާ ދުވަހަކު މަސައްކަތުގައި ފަހަތެއް ޖެހުމެއް ނެތެވެ. ކޯޓުން ނުވަތަ ސަރުކާރުގެ ނިންމުމަކުން އަޅުގަނޑުމެންގެ މަސައްކަތަށް އެއްވެސް އަސަރެއް ނުކުރެއެވެ.
އަޅުގަނޑުމެންގެ މަސައްކަތް 2004 ވަނަ އަހަރު ފެށި ފަހުން އެންމެ ދުވަހެއްވެސް ހުއްޓިފައެއް ނެތެވެ. ދެންވެސް ދާނީ ކުރިއަށެވެ. އިސްތިޢުނާފުގެ ހުރިހާ މަރުޙަލާއެއް ފުރިހަމަ ކުރާނަމެވެ. އިންޞާފު ލިބެންދެން ދާނީ ކުރިއަށެވެ.
ނޫސްވެރިޔާ އަޙްމަދު ރިޟްވާން ގެއްލުވާލުމާ ބެހޭ ގޮތުން "ގެއްލުވަލީ މައުސޫމް ދިވެހި ދަރިއެއް" ލިޔުއްވިއިރު، އަނިޔާ ހުއްޓުވުމާއި، ޖަލު އިސްލާޙު ކުރުމާއި، ގަދަކަމުން ގެއްލުވާލުމުގެ ކަންކަމުގައި އެމްޑީއެން އިން ވަނީ ވަރަށް ބޮޑަށް މަސައްކަތްކޮށްފައެވެ. އެހާ ގިނަ އަނިޔާވެރިކަމުގެ ކުރިމަތީގައި ސަމާލުކަންދީ ފޯކަސްކުރާނީ ކޮންކޮން ކަންކަމަކަށްތޯ ނިންމަވަނީ ކިހިނެއް ހެއްޔެވެ؟
ރިލްވާންގެ ބަޔޮގްރަފީ، އެއީ މަސައްކަތެއް ކަމަކަށް އަޅުގަނޑު ނުދެކެމެވެ. އެއީ އަޅުގަނޑުގެ ހިތު ލޯބިން ކުރި ކަމެކެވެ. އެއީ ކޮންމެވެސް މީހަކު ކުރަން ޖެހޭ ކަމެކެވެ. އެމީހަކަށް އަޅުގަނޑު ވީއެވެ. ރިޟްވާންގެ އަޑު ކަނޑުވާލަން، ނުވަތަ އޭނާގެ ނަން ނުވަތަ މަސައްކަތް ހަނދާން ނައްތާލަން އަހަރެން ދެކޮޅު ހަދަމެވެ. އެހެންވީމާ އެފޮތަކީ ރަސްމީ މަސައްކަތުގެ ރޮނގުން އަޅުގަނޑު ކުރިކަމެކޭ ދެންނެވޭކަށް ނެތެވެ.
އެކަމަކު ކުރާންޖެހޭ މަސައްކަތާ އަޅާކިޔާއިރު، އަޅުގަނޑަށް ކުރެވެނީ ބައިކުޅަ ބައެކެވެ. އަދި މިހާރު މިކުރެވޭ މިންވަރަށްވެސް އެމަސައްކަތެއް ނުހަނު އަގުހުރި، ކަމެއް ކަމޭހިތާ، ހެޔޮލަފާ އެކުވެރިންނާ ނުލައެއް ނުކުރެވޭނެއެވެ.
އޭގެ ތެރެއިން ބައެއް މީހުން މަރުގެ އިންޒާރުތަކާއި އަރުވާލުން ވެސް ތަހައްމަލުކޮށްފައި ވެއެވެ. އަޅުގަނޑުމެންގެ ވަޞީލަތް ހުރިނެތް މިންވަރުން ކުރެވޭ މަސައްކަތެއް ކުރަނީއެވެ. ހިތާމައަކީ މިމަސައްކަތްތަކަށް އަޅުގަނޑުމެންނަށް އެކަށީގެންވާ ވަޞީލަތް ނެތްކަމެވެ. ވަކިން ޚާއްޞަކޮށް މަދަނީ އަދި ސިޔާސީ ޙައްޤުތަކުގެ ވަކާލާތު އުފުލާ، އެމަސައްކަތުގައި ޝާމިލުވާ ފަރާތްތަކަށް އެހީ ފޯރުކޮށްދޭން ލޯކަލް ވިޔަފާރިތަކާއި ސަރުކާރުގެ ކުންފުނިތަކުން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ މަގު ޚިޔާރު ނުކުރާ ކަމެވެ. އެހެންނަމަ، ހާދަހާ މަސައްކަތެއް ހިންގޭން އެބަހުއްޓެވެ.
އެއީ ސުވާލު އުފެދޭ ކަމެއް ނޫންހެއްޔެވެ. އެމީހުން އެހީ ނުވަނީ ކީއްވެގެން ހެއްޔެވެ.
ކޮންމެއަކަސް، އަޅުގަނޑު ކުރިމަތިލާ ހަނގުރާމަތައް ނިންމަނީ އަޅުގަނޑެއް ނޫނެވެ. ގިނަ ފަހަރު އެއިއްޔަކީ ޒާތީ ގޮތުން އަޅުގަނޑާ ގުޅުންހުރި ނުވަތަ އަސަރުކުރާ ކަންކަމެއް ނޫނެވެ. އެއީ އެހެން ބައެއްގެ ހަނގުރާމައެކެވެ. އަނިޔާ ލިބޭ ނުވަތަ އުނދަގުލުގައި ހުރި މީހާގެ ފަރާތުންނެވެ. އެއީ އަޅުގަނޑު ބޮޑުވެ، ތަރުބިއްޔަތު ވެފައިވާ ގޮތެވެ. އަޅުގަނޑުގެ މައިންބަފައިންނަކީ އަޅުގަނޑު ދަންނަ އެންމެ ދީލަތި މީހުންނެވެ. އަޅުގަނޑު އަބަދުވެސް އިންސްޕަޔަރ ވަނީ އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމީހުންގެ ދިރިއުޅުން ޚާއްޞަކުރި ގޮތުންނެވެ. އެހެންވީމާ މީހަކަށް ކަމެއް ކޮށްދީ، އެހީތެރިވެވޭނެ ނަމަ، އެކަން އަޅުގަނޑު ކުރާނަމެވެ.
ރާއްޖޭގައި އަނިޔާވެރި ހަރުކަށި ފިކުރު ދިރާސާކޮށް ރީގަން-ފާސެލް ފެލޯޝިޕް ޝަހިންދާ ތިހުންނެވީ ފުރިހަމަ ކުރައްވާފައެވެ. އެ ދިރާސާއިން ސަރުކާރުގެ ފިއްތުންތަކާއި ހަރުކަށި ދީނީ ފިކުރާ އޮންނަ ގުޅުމާ ބެހޭގޮތުން ހާމަވީ ކޮން އެއްޗެއް ހެއްޔެވެ؟
އާދެ، އަޅުގަނޑުގެ ދިރާސާއިން ހަމަ ކަށަވަރުވީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް މިހާރުވެސް އެނގޭ ޙަޤީޤަތެކެވެ. އެއީ ދީނަކީ އަބަދުވެސް ދިވެހިރާއްޖޭގައި ސިޔާސީ ވަޞީލަތެއް ކަމެވެ. މައުމޫނުން ފެށިގެން ރައީސް ޑރ މުޢިއްޒާ ހަމައަށް ދީނީ ހަރުކަށި ފިކުރިއްޔާތާއި ޚިޔާލު ނުވަތަ އަނިޔާވެރި ހަރުކަށި ފިކުރު ހުއްޓުވުމަށް ޙަޤީޤީ މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.
އެއީ ދީން ބޭނުންކޮށްގެން ދީނީ ހަރުކަށި ފިކުރުގެ މީހުންގެ، ސިޔާސީ މީހުންނާއި ބޮޑެތި ވިޔަފާރިވެރިންގެ މެދުގައި ކިންގް މޭކަރެއްގެ ރޯލު އަދާކުރާތީ އެވެ. އަޅުގަނޑު މިސާލަކަށް ނަގާނީ ޑިސެމްބަރު 23 އިއްތިޙާދެވެ. ކޮންމެ ގޮތަކަށް އެ އިއްތިޙާދު ސިފަކުރިޔަސް، އެއީ ފުރިހަމަ އަދަބު ނުލިބި ހިންގި އަނިޔާވެރި ޖަމާޢަތެކެވެ. އެމްޑީޕީ - މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމާ ދެކޮޅު ހެދި އެވެ. އެމީހުން ޑިމާންޑް ކުރީ ލޯކަލް ޓޫރިޒަމްގެ ޕްލޭންތައް ބާޠިލްކުރުމަށެވެ. ބަނގުރާ މަނާކުރުމުގެ މަޤްޞަދު މޫނުމައްޗެއް ކަމުގައި ނެރުނެވެ. އިސްލާމްދީނުގެ ޝިޢާރުތައް ޕްރޮމޯޓުކުރަނީ ކަމަށް ހެދި ތިބެ، އެ ނަން ބޭނުންކޮށްގެން މީހުން މަރާލުމަށް ގޮވާލީ، އެއީ އާދައިގެ ކަމެއް ކަމުގައި ބަލައިގެންނެވެ.
ފުރަތަމަ ކަމަކީ ލޯކަލް ޓޫރިޒަމް ހުއްޓުވާއިރު ފައިދާ ލިބެނީ ކާކަށް ހެއްޔެވެ؟ ދެވަނަ ކަމަކީ، ޢިމްރާން ޢަބްދުﷲ ހޯމް މިނިސްޓަރަކަށް ވެވަޑައިގަތީ 2018 ވަނަ އަހަރެވެ. ރާއްޖޭގައި ބަނގުރާ ވިއްކުން މަނާ ކުރުމަށް އޭނާ ކުރެއްވީ ކޮންކަމެއް ހެއްޔެވެ؟ ބައެއް ތަންތަނުގައި ހުއްދަވެ، އަނެއް ބައި ތަންތަނުގައި ވިއްކާއިރު އިސްލާމް ދީނާ ޚިލާފުވަނީ ކިހިނެއް، ކިހާ ވަރަކަށް ހެއްޔެވެ؟ ބޭރުގެ ހަނގުރާމަތަކުގައި ބައިވެރިވާން ޒުވާނުން ރެކްރޫޓް ކުރުން ހުއްޓުވުމަށް އޭނާ ކުރެއްވީ ކޮންކަމެއް ހެއްޔެވެ؟
މީގެ އިތުރުން މިހާރުގެ ސަރުކާރުން މިމަހުގެ ކުރީކޮޅު ޖެނީވާގައި ބުނެފައިވަނީ އެފްޖީއެމްސީ (އަންހެނުން ޚިތާނުކުރުން) ހިނގާކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އެމީހުން މި ނިންމުމާ ހަމައަށް އައީ ކިހިނެއް ހެއްޔެވެ؟ އެކަން ހުއްޓިފައިވާ ކަމުގެ ހެކި އެމީހުންގެ އަތުގައި އެބަހުރި ހެއްޔެވެ؟ އެކަން ހުއްޓުވުމަށް އެމީހުން ކުރި ކަމަކީ ކޮބައިތޯއެވެ؟ ހިތުހުރި އެއްޗެއް ބުނެވިދާނެއެވެ. ނަމަވެސް އެއީ ކޮންމެހެން ތެދެއް ނޫނެވެ.
ޙަޤީޤަތަކީ އަނިޔާވެރި ހަރުކަށި ފިކުރުގެ މީހުން ރެކްރޫޓްކޮށް، ތަމްރީނުކޮށް، ކުރިއެކޭވެސް އެއްފަދައިން ދިވެހިރާއްޖޭގައި އެވިޔަފާރި ހިންގުމުގައި ކުރިއަށް އޮވެ އެބަ ދެއެވެ. އެކަން ފަސޭހަވެގެން ދަނީ ގްރޭޑް އެކެއް އިން ފެށިގެން 12 އަށް ކުދިންނަށް އިސްލާމްދީނުގެ ނަމުގައި، ރަސްމީ ތަޢުލީމުގައި އަނިޔާވެރިކަން ދަސްކޮށް ދިނުމުންނެވެ. ރާއްޖޭގައި ދީނީ ހައްދުފަހަނައެޅުމާއި އަނިޔާވެރި ހަރުކަށި ފިކުރުތަކާ ދެކޮޅަށް އެއްވެސް ސަރުކާރަކުން ތަޢުލީމުގެ ބޭނުން ނުވަތަ ޢާންމުންގެ ހޭލުންތެރިކަން އުފެއްދުމުގެ މަސައްކަތެއް ނުކުރެއެވެ.
ތިޔައީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިންތިޚާބުވި ހަތަރު ސެކްރެޓަރީ ޖެނެރަލުން ކުރެ އެކަކު - ކޮލަމްބިއާ، އަލްޖީރިއާ، އަދި ކޯޓް ޑިވޯރުގެ ބޭފުޅުންނާއެކު ގައެވެ. އެހެންވީމާ މި ހަތަރު ސެކްރެޓަރީ ޖެނެރަލުން ވެސް މިއަންނަނީ ދެކުނުގެ ބައްރުތަކުންނެވެ. އަނިޔާވެރިކަމުގެ ސީދާ ތަޖުރިބާ ލިބިފައިވާ މީހުން އެފްއައިޑީއެޗް ހިންގާން ތިބުމުގެ ލިބޭ ހެވަކީ ކޮބާ ހެއްޔެވެ؟ އެފްއައިޑީއެޗް ހިންގުމުގައި އިސްކަންދޭނެ ކަންކަމަށް މިތަޖުރިބާއިން ކުރާނީ ކޮން ކަހަލަ އަސަރެއް ހެއްޔެވެ؟
އާދެ، އަޅުގަނޑު ކުޑަކޮށް ހައިރާންވޭ، އަޅުގަނޑު އެފްއައިޑީއެޗް އަށް އިންތިޚާބު ވީމާ – ރާއްޖެއަށް ނިސްބަތްވާ ފަރާތަކުން ހޭވެސް އަހައިލާ ތީއެވެ. އަޅުގަނޑު އަރުވާލެވުނީއްސުރެ އިންސާނީ ޙައްޤުތަކާ ބެހޭ އެހެން ޖަމްޢިއްޔާތަކުގެ ބޯޑުތަކުގައިވެސް އަޅުގަނޑު މަސައްކަތް ކޮށްފައިވާނެއެވެ.
އެކަމަކު ތިޔަބޭފުޅުންގެ ސުވާލަށް ޖަވާބު އަރުވަންޏާ، އެފްއައިޑީއެޗްގެ އިންޓަނޭޝަނަލް ބޯޑް (އައިބީ) ގައި ދެކުނު ބައްރުތަކަށް ނިސްބަތްވާ މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ރައީސް އާއި ބައެއް ނައިބު ރައީސް ވެސް ހިމެނެ އެވެ.
އެކަމަކު، އުތުރުގެ ބައްރުތަކުގެ ތަމްސީލުކުރުން އެފްއައިޑީއެޗްގައި ގަދައެވެ. މުހިންމު ކަމަކީ، އެންމެން އެކުގައި، އެއްބައިވަންތަ ޙަރަކާތެއްގެ ގޮތުގައި ކުރިއަށް ދިއުމެވެ. އަދި ޚާއްޞަކޮށް ދުނިޔޭގެ އިންސާނީ ޙައްޤުތަކާއި ހަމަހަމަކަމާ މެދު ޢަދާވާތްތެރިކަން އުފެދިފައިވާ މި ދުވަސްވަރު، އަލަށް އިންތިޚާބުވި އައިބީ އިން އަޅުގަނޑުމެންގެ ޙަރަކާތް ވަރުގަދަކޮށްދޭން، ހިތްވަރުދޭން، އެހީވާނެކަމަށް އަޅުގަނޑު ނުހަނު އުންމީދު ކުރަމެވެ.
އަދި އަނިޔާވެރިކަމާ ދެކޮޅަށް ކުރާ ހަނގުރާމަ – ދައުލަތުގެ ފަރާތުން ވިޔަސް ނުވަތަ ދައުލަތުން ނޫން ފަރާތްތަކުން ކުރިޔަސް – އެއީ އެފްއައިޑީއެޗްގެ ވިންދެވެ. އަދި އެހެންވެސް އިންސާނީ ޙައްޤުތަކާ ބެހޭ ކޮންމެ ޙަރަކާތެއްގެ މައިގަނޑެވެ. އަދި އެފްއައިޑީއެޗް އަކީ އެމްޑީއެންގެ ބައިވެރިއެއްގެ ގޮތުގައި އެތައް އަހަރަކުވި ޙަރަކާތެކެވެ. ދަތި އުނދަގުލުގައެވެ. އުފަލާއި ކާމިޔާބީގައެވެ. އެހެންވީމާ، އަޅުގަނޑުމެންގެ މަސައްކަތް ދެންވެސް ވަރުގަދަވަމުން ދާނެ ކަމާމެދު ޝައްކެއް ނެތެވެ.
އަޅުގަނޑުމެންގެ އެންމެ ފަހުގެ ކޮންގްރެސްގައި، އަޅުގަނޑު ހަނދާންވަނީ، އެފްއައިޑީއެޗް އިން ޑިކޮލޮނިއަލް (އިސްތިޢުމާރީ ޒަމާނުގެ އަސަރުތައް ފޮހެލުމާއި، ތަސައްލީ ހޯދުމުގެ) މަސައްކަތްތަކާއި، ކްރޮސް ރީޖަނަލް (އެއް ސަރަޙައްދުން އަނެއް ސަރަޙައްދާ) އެއްބާރުލުމާއި، ދުނިޔޭގެ ފެންވަރުގައި އިންސާނީ ޙައްޤުތަކުގެ ވަކާލާތާއި މަސައްކަތް ހަރުދަނާކޮށް، ވަރުގަދަކުރާން ގޮވާލިއެވެ. އަޅުގަނޑުމެންގެ އީމާނާއި ޢަޒުމަކީ އެއީއެވެ. ބޯޑުން މަސައްކަތްކުރާނީ އެމަގަށެވެ.
ރާއްޖޭގައި ޑިމޮކްރަސީ ބަލިކަށިވަމުންދާއިރު، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާތައްވެސް ރާއްޖެއަށް އިންތިހާއަށް ބޮޑެވެ. މިދެ ދައްޗާ ކުރިމަތިލާން މަޖުބޫރުވެފައިވާ ޖަޒީރާ ޤައުމުތަކުގެ ޒުވާން އެކްޓިވިސްޓުންނަށް ބުނާން އޮތީ ކީކޭ ހެއްޔެވެ؟
ޙަޤީޤަތުގައި، މި ދެފަށްލީ ބުރައާ ކުރިމަތިވަނީ ހަމައެކަނި ކުދި ޖަޒީރާ ޤައުމުތަކަށް ކަމަށް ހީކުރުމަކީ ގޯހެއް ކަމަށް އަޅުގަނޑު ދެކެމެވެ. އަޅުގަނޑަށް ހީވަނީ މިކަންކަމާމެދު ބަލާންވީ ދުނިޔޭގެ ފެންވަރުގެ މައްސަލަތަކުގެ ގޮތުގައި ކަމަށެވެ. މިސާލަކަށް މިދިޔަ އަހަރަކީ ރެކޯޑް ކުރެވުނު އެންމެ ހޫނު އަހަރެވެ؛ ޔޫރަޕް، އީރާން، މާލީ އަދި ޖަޕާނުގައި އިންތިހާއަށް ހޫނާ ކުރިމަތިވިއެވެ. އެމެރިކާގައި ތޫފާންތައް އިތުރުވެ، ޗައިނާއާއި ޕާކިސްތާނުގައި ފެންބޮޑުވީ ވެސް އިންތިހާއަށެވެ. އަދި އިންޑޮނޭޝިޔާއިން ފެށިގެން ހޭޓީއާއި އޮސްޓްރޭލިއާއާ ހަމައަށް މުރަކަ ފަރުތައް ހޫނާއި ގިލަނުގައި ހުދުވެ ހަލާކުވަމުން ދަނީއެވެ. އެހެންވީމާ މިއީ މުޅި ދުނިޔެ އަދު ތަޙައްމަލުކުރާ ވޭން ތަކެވެ.
މީގެ އިތުރުން އެންމެ ކަނާތު ފިޔައިގެ ފިކުރިއްޔާތާއި ޕޮޕިއުލިޒަމް އާއި ފޭޝިޒަމް ދަނީ ހަލުވިކަމާއެކު ދުނިޔެއަށް ވެރިވަމުންނެވެ. ކޮންމެ ތަނަކުންވެސް މިމަންޒަރެވެ. އަޅުގަނޑުމެން ދުށް ދުނިޔެ ބަދަލުވެ، ގެއްލި ދަނީއެވެ. އަދި އެންމެންނަށް އެކަމާ ކުރިމަތިލާން ޖެހިއްޖެއެވެ. ކުދި ޖަޒީރާ ޤައުމުތަކުގެ ޒުވާން އެކްޓިވިސްޓުންނަށް، އަދި އެހެން ކޮންމެ ތަނެއްގެވެސް އެކްޓިވިސްޓުންނަށް ދަންނަވާން އޮތީ އެކަނި މާ އެކަނި ވަކިވަކިވެ ތިބި މަސައްކަތް ނުކުރުމަށެވެ. ގުޅިލާމެހޭށެވެ. ޚުދުމުޚުތާރު ސަރުކާރުތަކުން އެކަކު އަނެކަކުގެ ކިބައިން ދަސްވެ، އެކަކު އަނެކަކު ކޮޕީކޮށް، އެމީހުންގެ އުކުޅުތައް އެކަކު އަނެކަކާ ޙިއްސާކުރާކަން ޔަޤީނެވެ. އެބައިމީހުންނަށް ވަރުގަދަ ވަރުގަދަ ރައްދެއް ދޭން ބޭނުންނަމަ އަހުރުމެންވެސް ވީ އެއްބައިވަންތަވާށެވެ. އެއްބައިވަންތަކަމަކީ އެންމެ ވަރުގަދަ ވަޞީލަތެވެ. އެހެންކަމުން ދުނިޔޭގެ ފެންވަރުގެ ޙަރަކާތެއްގެ ބައެއްގެ ގޮތުގައި ތިބެ، އެކުގައި އެހަނގުރާމަ ކުރާށެވެ. އެންމެންވެސް ތިބީ އެއް ޙާލެއްގައިކަން ދަންނާށެވެ.
ރާއްޖޭގެ ޑިމޮކްރެޓިކް ހަރަކާތުން (ކަޅު ހުކުރުން ފެށިގެން އަދާ ހަމައަށް) ބައިނަލްއަޤްވާމީ ދަނޑުގައި ލިބޭ ސަމާލުކަން ކުޑަ އެހެން ކުދި ދައުލަތްތަކަށް ދަސްކުރެވޭނީ ކޮންކޮން ފިލާވަޅުތަކެއް ހެއްޔެވެ؟
އަޅުގަނޑުމެންގެ އަބަދުގެވެސް ބާރަކީ ރައްޔިތުންނެވެ. އަޅުގަނޑުމެން ނެންގުވި ކޮންމެ ރާޅެއް ބަދަލެއް ގެނެސްދިނެވެ. އެއީ އަޅުގަނޑުމެންގެ ޚިޔާލުތަފާތުވުންތައް އެއް ފަރާތްކޮށް، ހެޔޮ މަޤްޞަދެއްގައި އެއްބައިވަންތަ ކަމުގައި ކުރިއަށް ދިޔަމައެވެ. ކަމަކާ ދެކޮޅަށް ތެދުވުމުގައި އެއްބައިވަންތަ ވުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެކަތިގަނޑަކަށްވެ، ޖަމާޢަތުގެ އަޑު ހަރުކުރީމާ ވަރުގަދަ ވާނެއެވެ.
އެހެންވިމާ އޭރުގައި އެމީހަކަށް ވެވުނު އެންމެ މަތިވެރި ދަރަޖައަކަށް އެހީވެ، ބައިވެރިވަމުން ދިޔައެވެ. އަޅުގަނޑުމެން އެންމެން އެކުގައި މުޒާހަރާ ކުރީމެވެ. އަޅުގަނޑުމެންނަށް ލިޔުންތެރިން، މިއުޒީޝަނުން، ވަކީލުން، ސިޔާސީ މީހުން، ގްރެފިޓީ އާޓިސްޓުން، ބިލްޑަރުން، ޕްރިންޓަރުން އެހީވިއެވެ. އެކުގައި މަސައްކަތް ކުރިއެވެ. ކޮންމެ މީހަކުވެސް އެ މަސައްކަތަށް ހަދިޔާ ކުރިއެވެ. އެހެންވީމާ ބުނާން އޮތީ އެއްބައިވެ، އެކަތިގަނޑަކަށްވެ، އެކުވެރިކަމުގައި ކުރަށް ދާށެވެ. މޮޅު ލިބުނީ އޭރުންނެވެ. ދަސްވި ފިލާވަޅަކީ އެއީއެވެ.
"ކުޑަކުއްޖެއް ފަދައިން ހުރިހާ ކަމެއް އަލުން ދަސްކުރަން" ޖަރުމަނުގައި ޖެހުނު ކަމަށް ވިދާޅުވީމުއެވެ. ޖަރުމަނުގައި ބޭރު މީހަކަށް ވުމުން ރާއްޖެއާ މެދު ވިސްނާ ގޮތައް އައި ބަދަލަކީ ކޮބާ ހެއްޔެވެ؟
މިއީ މަޖުބޫރުކޮށްގެން އަރުވާލެވިފައިވާ ކޮންމެ މީހަކަށްވެސް ޖަވާބު ދޭން އުނދަގޫވާނެ ސުވާލެކެވެ. އަޅުގަނޑަށް ހުރިހާ ކަމެއް ދަސްކުރަން ޖެހުނު މަރުޙަލާ ފާއިތުވެއްޖެއެވެ. ނުހަނު އުފާ ކުރަމެވެ. އަދި ބައެއް ފަހަރު އމިއީ އަޅުގަނޑުގެ ގެޔޭ ކުޑަކޮށް ނަމަވެސް ހީވާ، އެއިޙްސާސް ކުރެވޭ ދަނޑިވަޅު އެބަ އާދެއެވެ. އެކަމަކު މުޅިން އެހެންނަކުން ނޫނެވެ. ޖަރުމަނުގައި އަޅުގަނޑަކީ ބޭރު މީހާއެވެ. އަޅުގަނޑު ފުރިހަމައަށް އިންޓަގްރޭޓް (މުޖުތަމަޢަށް ހޭނި، އެމުނިއެކުލެވިފައި ވުން) ވެފައި ހުރި ކަމުގައި ވިޔަސް، އަޅުގަނޑު ސެޓްލް ވެފައި ހުރި ކަމުގައި ވިޔަސް، ދެނެވަޑައިންނަވާށެވެ. ނަމަވެސް ހީވަނީ ދެބަދޭތެރޭގައި ހުރެވޭހެންނެވެ. އެއްބައި ރާއްޖޭގައެވެ. އަނެއް ބައި މިތާނގައެވެ. ދެތަނުން ކުރެ ތަނެއްގައި ލައްވައި ނުލައެވެ. އިޙްސާސް ކުރެވެނީ މިފަދަ ގޮތަކަށެވެ.
މިމައްސަކަތުގައި ދައްކާން ޖެހުނު ޒާތީ އަގާއި ޤުރުބާނީއާއި މަސައްކަތަށް ހުރި އިމާނާއި ޢަޒުމު އެއްތަން ކުރަނީ ކިހިނެއް ހެއްޔެވެ؟
އަޅުގަނޑުގެ މަސައްކަތުގައި ޒާތީގޮތުން ދައްކާން ޖެހުނު އަގެއް އޮތް ކަމަކަށް ނުދެކެމުއެވެ. އަޅުގަނޑުގެ މުޅި ޙަޔާތް ވަގަށް ނަގާ، ބަރުބާދުކޮށްލާން ހިފި ކޮރަޕްޓް ސިޔާސީ މީހުންނާއި އަނިޔާވެރިންގެ ޢަމަލުތަކަށް ކޮންމެވެސް ދުވަހަކުން އެބައިމީހުން ޖަވާބުދާރީ ކުރެވޭނެ ކަމާމެދު އަޅުގަނޑަކަށް ޝައްކެއް ނެތެވެ.
އަހަރެންގެ މަސައްކަތުން މީހަކަށް އެހީތެރިވެދެވޭކަން އެނގުމަކީ ފުދޭވަރަކަށް ވުރެ ބޮޑު މޮޓިވޭޝަނެކެވެ. އުފަލެކެވެ. ނަމަވެސް އަނިޔާވެރިކަމާ ދެކޮޅަށް ހަނގުރާމަ ކުރަނީ އަޅުގަނޑުގެ އަންހެން ދަރިފުޅަށް އަޅުގަނޑު ދަރާފައިވާ ދަރަންޏެއް އަދާކުރުމުގެ ގޮތުންނެވެ. އަދި އަޅުގަނޑުގެ ރަޙްމަތްތެރިން ކަމަށްވާ ރިޟްވާން އާއި މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދަށް ދަރާފައިވާ ދަރަންޏެއް އަދާކުރާށެވއިންސާފު ލިބި، އެބޭފުޅުންގެ އަޑު ކަނޑުވާ ނުލުމަކީ އެދަރަނި އަދާކުރުމުގެ ބައެކެވެ. އެހެންވީމާ މިމަސައްކަތް ކުރިއަށްދާން ޖެހޭނެއެވެ.
އިތުރު ވިދާޅުވާން، ފާހަގަކުރާން ބޭނުންވާ ކަމެއް އެބައޮތް ހެއްޔެވެ؟
އަސްލު އަޅުގަނޑު އިތުރުކުރަން ބޭނުންވާ ކަމެއް އެބައޮތެވެ. ރާއްޖެ މިއޮތީ ދެނުބައި ކަމުގެ ތެރެއިން ކުޑަ ނުބައިކަން ޚިޔާރުކުރާން މަޖުބޫރުވުމުގެ ބުރެއްގައި ތާށިވެފައެވެ. މިއީ އަޅުގަނޑުމެން ޙަގީގަތުގައިވެސް ފުންކޮށް އެކަމުގެ މައްޗަށް ވިސްނާ ފިކުރު ކުރާން ޖެހިފައިވާ ކަމެކެވެ. އަދަކީ އަޅުގަނޑަށް ފެންނަ ގޮތުގައި މމިއީ އެންމެ ރަނގަޅު ނުވަތަ ފައިދާހުރި ގޮތެއްތޯ ވިސްނާންވީ ތަންވަޅެވެ.
އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ސިޔާސީ މީހުން ހޮވަން ފަށަން ޖެހޭނީ އެމީހުންގެ ޤާބިލުކަމަށް، ނަޒާހަތްތެރިކަމަށް ބަލައިގެންނެވެ. ބަލާންވީ ޕާޓީއަށް ނުވަތަ ކެމްޕޭން ތެރޭގައި ދައްކާ ވާހަކަތަކަކަށް ނޫނެވެ. ރާއްޖެ ފިސާރި ކުޑައެވެ. އެކަކު އަނެކަކު ކޮށްފައިވާ ކަންކަމާއި، ޒާތް ނުލާހިކު ސާފުކޮށް އޮޅުންފިލައެވެ. އަޅުގަނޑުމެންނަށް ވަރަށް ފަސޭހައިން މީހެއްގެ ނަޒާހަތްތެރިކަން ވަޒަންކުރެވޭނެއެވެ. ނަޒާހަތްތެރި ބަޔަކު އިޚްތިޔާރު ނުކޮށް، ކުރިއަށް ދެވޭނެކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެއެވެ. އަދި ރައްޔިތުންނަށް ޚިޔާލުތަފާތުވުންތަކުން އަރައިގަނެ، ރާއްޖެ ހެޔޮކަމާއި ރަނގަޅުގޮތުގައި ކުރިއަށްގެންދިއުމުގެ އަމާޒުގައި އެއްބައި ވެވޭނެ ކަމަށް އަޅުގަނޑު ނުހަނު އުންމީދު ކުރަމެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ
ގުޅުންހުރި ޓެގްސް
އިތުރު ލިޔުންތައް

"ޕާޓީތަކާމެދު މާޔޫސްވެއްޖެ" - ވޯޓު ލާ ޢަދަދު މަދުވެ، އެފަރަގު ރަށްފުށާއި ސިޓީތަކުގެ ދެމެދު ބޮޑުވަނީ
02 ނޮވެމްބަރު

"ބާރުވެރިކުރުވާކަށް މީހަކަ ނާންނާނެ! އަހަރުމެން ބާރުވެރިވާންޖެހޭނީ އަމިއްލައަށް!" ހަތަރު ދައުރު ކައުންސިލަރަކަށް އިންތިޚާބުވި ސާމިޔާ
30 އޮކްޓޯބަރު

އަދީބު ފައިލްސް: ފައިސާއިން މަޖިލިސް ގަނެލިގޮތް
21 އޮކްޓޯބަރު

