އޮޕަރޭޝަން ކުރަނގި އަކީ ކޮބާ؟

ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު އެއްކުރުމުން ނުކުންނަ ނަތީޖާއާމެދު ކަންބޮޑުވުންތަކެއް ފެންމަތިވެފައިވެއެވެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

15 ފެބްރުއަރީ

އޮޕަރޭޝަން ކުރަނގި އަކީ ކޮބާ؟

މޯލްޑިވްސް ޕޮލިސް ސާރވިސް، މޯލްޑިވްސް އިމިގްރޭޝަން އަދި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ އެކުވެގެން އިސްވެ 2024 ވަނަ އަހަރުގެ މެއި މަހުގެ 2 ދުވަހު ފެށި އިންޓަރ އެޖެންސީ މަސައްކަތެކެވެ.
މި އޮޕަރޭޝަންގެ ބޭނުމަކީ ދިވެހިރާއްޖޭގައި އުޅޭ "ހިޖުރަވެރި ބިދޭސީ މަސައްކަތްތެރިންގެ އާބާދީ ހިސާބުކުރުން" ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މެއި މަހުގެ 12 ވަނަ ދުވަހު ނޫސްވެރިން ގާތު ވިދާޅުވިއެވެ.
އެއްކުރާ ބަޔޮމެޓްރިކް މައުލޫމާތު ޑޭޓާބޭސްއަކަށް އަޅާނީ، މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށްކަމަށާއި، ކޮންމެ މީހުން ދިރިއުޅޭ ރަށެއްގެގެ ކައުންސިލަކަށް އެއެޕްލިކޭޝަނަށް އެކްސެސް ދޭނެ ކަމަށާއި، އެ ޑޭޓާބޭސް ބޭނުންކޮށްގެން ހިޖުރަވެރި މަސައްކަތްތެރިން ދެނެގަނެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މެއި މަހުގެ 2 ދުވަހު މި އޮޕަރޭޝަން ފެށީ ކ. އަތޮޅު ހިންމަފުށިންނެވެ. އާދައިގެ ހެދުމުގައި ހަރަކާތްތެރިވާ މިޓީމުތަކުން އަންނަނީ އަތޮޅުތެރޭގެ ރަށްރަށަށް ޒިޔާރަތްކޮށް، ބިދޭސީންގެ މޫނުގެ ފޮޓޯއާއި، އިނގިލީގެ ނިޝާން އެއްކުރަމުންނެވެ. 
މި މަހުގެ ކުރީކޮޅު ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް 43،294 ހިޖުރަވެރި މަސައްކަތްތެރިންގެ ޑޭޓާ އެއްކުރުމުގެ މަސައްކަތް 59 ރަށެއްގައި ހިންގާ، ނިންމާފައިވާ ކަމަށެވެ.

ސަރުކާރުން އަޅާ އިތުރު ފިޔަވަޅުތަކަކީ ކޮބާ؟

އޮޕަރޭޝަން ކުރަނގިއަކީ ލިޔެކިޔުން ނެތް ބިދޭސީ މަސައްކަތްތެރިންނާ ދެކޮޅަށް ހިންގާ ބޮޑު އޮޕަރޭޝަނެއްގެ ބައެކެވެ.
އެތައް ދުވަހެއް ވަންދެން އިމިގްރޭޝަން ޑިޕާޓްމަންޓުން ކޮންމެ ދުވަހަކުހެން އާންމު ވިޔަފާރިތަކަށް ވަދެ، ކެފޭތަކާއި ރެސްޓޯރެންޓްތަކާއި ފިހާރަތަކާއި ބިއުޓީ ސެލޫންތަކުން ލިޔެކިޔުން ނެތް މަސައްކަތްތެރިން ހައްޔަރުކުރެއެވެ. ރޭޑް އޮޕަރޭޝަންތަކުގެ ޑްރާމާ، އެކްޝަން މޫވީ ސްޓައިލްގެ ފޫޓޭޖު އިމިގްރޭޝަނުން އާންމުކުރަމުން ދެއެވެ. އެވީޑިއޯތަކުގައި ބަންގްލަދޭޝް މަސައްކަތްތެރިން ފަހާ ދުވާ މަންޒަރު ދައްކައެވެ.
"ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިން" އާއި "އިމިގްރޭޝަނާ ގުޅުން ހުރި އެހެނިހެން ކުށްތައް"، ކާކުކަން ނޭނގޭގޮތަށް ރިޕޯޓް ކުރުމަށް "އިމިގްރޭޝަން ވޮޗް" ގެ ނަމުގައި ވެބްސައިޓެއް މިދިޔަ ޖުލައި މަހު ސަރުކާރުން ލޯންޗުކޮށްފައިވެއެވެ.
މިވެބްސައިޓް މެދުވެރިކޮށް ސަރުކާރަށް ގާތްގަނޑަކަށް 1،300 ރިޕޯޓް ލިބިފައިވާ ކަމަށް ރައީސް މުއިއްޒު މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އައު ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން 6،000 އަށް ވުރެ ގިނަ ލިޔުންނެތް ބިދޭސީ މަސައްކަތްތެރިން ފޮނުވާލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިއޮޕަރޭޝަން ހަމައެކަނި އަމާޒުވަނީ ލިޔެކިޔުން ނެތް ބިދޭސީ މަސައްކަތްތެރިންނަށްތަ؟ އެމީހުންނަށް ވަޒީފާދޭ ފަރާތްތަކާ މެދުގައި ފިޔަވަޅު އަޅާނެތަ؟

ބިދޭސީ މަސައްކަތްތެރިން ވަޒީފާ އަދާކުރާ ކުންފުނިތަކާ ގުޅޭ ސިޔާސަތުތަކަށް އަންނަ ބަދަލުތައް މައިގަނޑު ގޮތެއްގައި ގުޅިފައިވަނީ ނުދައްކާ ފީތަކާއި ޖޫރިމަނާތަކާއެވެ.
100،000 ރުފިޔާ (6،485 އެމެރިކާ ޑޮލަރު) އަށް ވުރެ ބޮޑު އަދަދަކުން ވޯކް ޕާރމިޓް ފީ އަދި ކޯޓާ ފީ ދައްކަން ޖެހޭ 1،000 އަށް ވުރެ ގިނަ ކުންފުނީގެ ނަން އެކުލެވޭ ލިސްޓެއް އިމިގްރޭޝަނުން އާންމުކޮށްފައިވެއެވެ. އޮފީގެ ގޮތުގައި ލިބޭންޖެހޭ ޖުމްލަ 1.7 ބިލިއަން ރުފިޔާގެ ތެރެއިން އޮކްޓޯބަރު މަހުގެ ނިޔަލަށް ސަރުކާރުން އެއް ބިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ވިދާޅުވި އެވެ.
މަޖިލީހުގައި ސަރުކާރު ހިންގާ ޕާޓީގެ ސުޕަރ މެޖޯރިޓީން ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް، ބިދޭސީ މަސައްކަތްތެރިންނާ މެދު އިހުމާލުވާ ކަމަށް ފެންނަ ވަޒީފާދޭ ފަރާތްތައް 50،000 ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމާފައިވެއެވެ.
ގާނޫނުގައި އިހުމާލު މާނަކޮށްފައި ވަނީ މުސާރަ ހިފެހެއްޓުމާއި، އަސާސީ ހިދުމަތްތައް ފޯރުކޮށްނުދިނުމާއި، މަސައްކަތްތެރިން ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ގަވާއިދާ ހިލާފަށް ވަޒީފާ އަދާކުރުމުގެ ކަންތައްތަކެވެ.
މިބަދަލާއެކު މިއަހަރުގެ ނޮވެންބަރުން ފެށިގެން ވަޒީފާދޭ ފަރާތްތަކުން ބިދޭސީ މަސައްކަތްތެރިއަކު ގެއްލިފައިވާ ކަމަށް ރިޕޯޓް ކުރާނަމަ 1،000 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެއެވެ. އެކްސްޕެޓް ސިސްޓަމުން އެފަދަ ރިކުއެސްޓެއް އަނބުރާ ގެންދާން 10،000 ރުފިޔާ ދައްކަން ޖެހޭނެއެވެ. 

ސަރުކާރުގެ ބަސްމަގު ހުރީ ކިހިނެއް؟

ލިޔެކިޔުން ނެތް މަސައްކަތްތެރިން ސިފަކުރުމަށް ރައީސް އާއި ސަރުކާރުގެ އިސް އޮފިޝަލުން ތަކުރާރުކޮށް ބޭނުންކުރައްވަނީ “ގަވައިދާ ހިލާފަށް އުޅޭބިދޭސީން” މި ލަފުޒެވެ.
މިދިޔަ އަހަރު އޮޕަރޭޝަން ކުރަނގި އިއުލާން ކުރައްވަމުން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސިއްދީގު ވިދާޅުވީ ލިޔެކިޔުން ނެތް ހިޖުރަވެރި މަސައްކަތްތެރިންނަކީ "ގަވާއިދާ ހިލާފަށް މަސައްކަތްކުރާ" މީހުންނެވެ. "ގަވާއިދާ ހިލާފަށް ދިރިއުޅޭ...އަޅުގަނޑު ނުބުނާނަން [އެފަދަ] މީހަކީ ލިޔެކިޔުން ނެތް މީހެއް ނުވަތަ ލޭބަރެއް ކަމަށް، އަޅުގަނޑު ދަންނަވާނީ އެއީ ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ މީހެއް ކަމަށް. ސަބަބަކީ ގަވާއިދާ ހިލާފަށް ދިރިއުޅޭ މީހުންނަކީ ލިޔެކިޔުން ނެތް ބައެއްގެ ގޮތުގައި ނުދެކޭތީ،" އޭނާ ވިދާޅުވިއެވެ. 
"އެނގިވަޑައިގަންނަވާނެ ފަދައިން މިއީ ވަރަށް ސީރިއަސް މައްސަލައެއް. ދިވެހިންނަށް ވަރަށް ގިނަ ފުރުސަތުތައް ގެއްލި، ބިދޭސީން އެކަން ކޮންޓްރޯލް ކުރަނީ. މިއީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ގިނަ ބިދޭސީ މަސައްކަތްތެރިން ދިރިއުޅެމުންދާތީ. އެހެންވީމަ މިއީ ގައުމީ މައްސަލައެއްގެ ގޮތުގައި ސަރުކާރުން ބަލަމުންދާ މައްސަލައެއް."

މައްސަލައިގެ ސަބަބަކީ، ފެށޭ ހިސާބަކީ ކޮބާ؟

ދިވެހިރާއްޖޭގެ ބޯޑަރަކީ ކަނޑުގެ ސަރަހައްދުތަކެކެވެ. އެތެރެވެވޭނެ ދޮރޯށިތަކަކީ ބައިނަލްއަގުވާމީ އެއާޕޯޓްތަކާއި ބަނދަރުތަކެވެ. ގިނަ ބިދޭސީ މަސައްކަތްތެރިން ރާއްޖެ އަންނަނީ ގާނޫނީ ގޮތުން ބޭނުންވާ ލިޔެކިޔުންތަކާއެކުގައެވެ.
ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރުން 2024 އަހަރު އެކުލެވި ރިސާޗް ޕޭޕަރެއްގައި ބުނަނީ ރާއްޖެއަށް ވަތް ބަންގްލަދޭޝްގެ 70 އިންސައްތައަށް ވުރެ ގިނަ މަސައްކަތްތެރިން އައީ ގާނޫނީ ސައްހަ މަގުތަކުންނެވެ. އެކަމަކު ރާއްޖެ އައުމަށް ފަހު ގަވާއިދާ ހިލާފު ހާލަތަކަށް އެމީހުން ބަދަލުވެއެވެ.
ވަޒީފާދޭ ފަރާތްތަކުން ދައްކަންޖެހޭ ފައިސާ ނުދެއްކުމާއި، ވޯކް ވިސާ އާ ނުކުރުމާއި، ވަޒީފާދޭ ފަރާތްތަކުން މުވައްޒަފުން ފިލައިގެން ނުވަތަ ފިލައިގެން އުޅޭ ކަމަށް ރިޕޯޓް ކުރުމަކީ ހިޖުރަވެރި ބިދޭސީ މަސައްކަތްތެރިން ގަވާއިދާ ހިލާފަށް ނުވަތަ ލިޔެކިޔުންތައް ނެތިވާ ސަބަބުތަކެވެ. 
މިދިރާސާ ކަރުދާހުގައި ރާއްޖޭގައި ވަޒީފާދޭ ފަރާތްތަކުން ހިޖުރަވެރި ބިދޭސީ މަސައްކަތްތެރިން ނަހަމަ ގޮތުގައި ބޭނުންކުރާ ގޮތްތައް ތަފްސީލުކޮށްދީފައި ވެއެވެ. 
ފާހަގަކުރެވޭ ނުކުތާތައް: 

ބަންގްލަދޭޝްގެ ހިޖުރަވެރި މަސައްކަތްތެރިންގެ ތެރެއިން 70 އިންސައްތަ މީހުންގެ އަތުން ޕާސްޕޯޓް އޮންނަނީ އަތުލާފައެވެ. 

94 ޕަސެންޓް މީހުންނަށް 2،200 އެމެރިކާ ޑޮލަރާ ހަމައަށް ރިކްރޫޓްމަންޓް ފީ ދައްކަން ޖެހުނެވެ. އެފައިސާ ދައްކާން ދެބައިކުޅަ އެއްބައި މީހުން ލޯނު ނެގިއެވެ. ނަމަވެސް މި ހަރަދުތައް ދައްކަން ގާނޫނުން ލާޒިމުކުރަނީ ރިކްރޫޓަރުންނަށެވެ. 

70 އިންސައްތަ އަށްވުރެ ގިނަ މީހުން ހަފްތާއަކު 54 ގަޑިއިރަށް ވުރެ ގިނައިރު މަސައްކަތް ކުރާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އެވްރެޖު މުސާރަޔަކީ 6760 ރުފިޔާއެވެ. 

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ

ގުޅުންހުރި ޓެގްސް