މީޑިޔާ ކޮންޓްރޯލް ގާނޫނުގައި އަސްލު އޮތީ ކީކޭތަ؟
ޕްރިންޓް، އޮންލައިން އަދި ބްރޯޑްކާސްޓިންގް މީޑިޔާ ރެގިއުލޭޓު ކުރުމުގެ ފުރިހަމަ ބާރާއި އިހުތިޔާރު މިބިލުން އައު ކޮމިޝަނަށް ލިބިދެއެވެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
21 ސެޕްޓެމްބަރު
އަލަށް ފާސްކޮށް، ތަސްދީގުކުރި މީޑިޔާ ކޮންޓެންޓް ރެގިއުލޭޓުކުރުމާބެހޭ ބިލުގެ މައިގަނޑަކީ މޯލްޑިވްސް މީޑިޔާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަން އެވެ. އެއީ ޕްރިންޓް، ބްރޯޑްކާސްޓް އަދި އޮންލައިން މީޑިޔާގެ "ސުޕަރ ރެގިއުލޭޓަރ" އެވެ.
ކޮމިޝަނުން އެކުލަވާ ސުލޫކީ މިންގަނޑު އަދި މިގާނޫނާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާން ތިބޭނީ 7 މެންބަރުންނެވެ، 3 މެންބަރުން އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ. 4 މެންބަރުން އިންތިހާބުކުރާނީ މީޑިޔާތަކުގެ ފަރާތުންނެވެ. މުޅި ގާނޫނުވެސް އަދި ސުލޫކީ މިންގަނޑުގައި ހިމަނާންވީ ކަންކަމުގެ ލިސްޓުގައިވެސް އޮތީ އެކަށީގެންވާ މިންވަރަށް ޑިފައިން ކުރެވިފައި ނެތް، މާނަ ކޮންމެ ގޮތަކަށް ކުރެވޭނެ ލަފުޒުތަކާއި ބަސްތަކެވެ. އަދި އަދަބު ލިބޭނީ ކޮންބާވަތެއްގެ ކޮން ކަހަލަ ކޮންޓެންޓަކަށް ކަން ސާފުކޮށް ބުނާކަށް ނޭނގެއެވެ.
ގާނޫނު ބުނާގޮތުން، ފޭކް ނިއުސް ނުވަތަ "ދޮގު ހަބަރު"، "އަބުރާއި އިއްޒަތަށް" ބުރޫ އަރާފަދަ ހަބަރު، "އިޖުތިމާއީ މިންގަނޑާއި ހިލާފު ބަސްތަކާއި، ނިޝާންތަކާއި، ހަރަކާތާއި، އަމަލު" ފެތުރުމުގެ ކޮންޓެންޓް ގެނެސްދިނުން މަނަލެވެ. ދޮގު ހަބަރަކީ ކޮބައިކަމާއި، އަބުރާއި އިއްޒަތް ނަގާލުމަކީ ކޮބައިކަމާއި، އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފު ކަންކަމަކީ ކޮބައިކަން ކަނޑައަޅަނީ ކޮމިޝަނުންނެވެ.
ކުރިން އިންތިޒާމުތައް ހަމަޖެހިފައި އޮތީ ކިހިނެއް؟
އައު ގާނޫނުން މޯލްޑިވްސް މީޑިޔާ ކައުންސިލް އުވާލައެވެ. އެއީ މީޑިޔާގެ އައުޓްލެޓުތަކާއި އާންމުންގެ ތެރެއިން ހޮވާ ނެގޭ 15 މެންބަރުންގެ މައްޗަށް އެކުލެވޭ ރެގިއުލޭޓަރެކެވެ. އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް) ވެސް އުވުނީއެވެ. ބްރޯޑްކޮމް އަކީ ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވައިގެން ޓީވީއާއި ރޭޑިއޯ ރެގިއުލޭޓުކުރަން ގާއިމުކުރާ ކޮމިޝަނެކެވެ. އެކޮމިޝަން އެކުލެވުނީ 7 މެންބަރުންގެ މައްޗަށެވެ.
މީގެއިތުރުން، 1978 ގެ ނޫސްމަޖައްލާއާބެހޭ ގާނޫނާއި 2008 ގެ މޯލްޑިވްސް މީޑިޔާ ކައުންސިލްގެ ގާނޫނުވެސް އުވުނީއެވެ. އަދި 2010 ގެ ބްރޯޑްކާސްޓިންގް ކޮމިޝަންގެ ބައެއް ބައިވެސް އުވުނީއެވެ.
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ބަލަހައްޓަމުންދާ މީޑިޔާތަކުގެ ދަފްތަރު އައު ކޮމިޝަނަށް ބަދަލުވީއެވެ. ގާނޫނު ތަސްދީގުކުރާތާ 45 ދުވަހުން އެދަފްތަރު އައު ކޮމިޝަނުން އާންމުކުރާނެއެވެ. އައު ގާނޫނު ބުނާގޮތުންނަމަ ރެޖިސްޓަރނުކޮށް މީޑިޔާއެއް ހިންގުމަކީ މަނާކަމެކެވެ.
ދެންވާނީ ކިހިނެއް؟
ގާނޫނަށް އަމަލުކުރަން ފެށުމާއެކު ރައީސުލްޖުމްހޫރިއްޔާ އެވަނީ މޯލްޑިވްސް މީޑިޔާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަން އުފައްދަވާފައެވެ. ސިވިލް ސަރވިސްގެ ގާނޫނުގެ ހަމަތަކުގެ މަތިން، މީޑިޔާ ކައުންސިލް އަދި ބްރޯޑްކާސްޓިންގް ކޮމިޝަންގެ މުވައްޒަފުން، މި އައު ކޮމިޝަނަށް ބަދަލުވާނެއެވެ. ކޮމިޝަނަށް އައު މެންބަރުން ނަގާނީ 30 ދުވަހުންނެވެ.
އިހަށް ކޮމިޝަންގެ ކަންކަން ބަލަހައްޓަމުންދާނީ 5 ސީނިއަރ ސިވިލް ސަރވަންޓުންގެ މައްޗަށް އެކުލެވޭ އިންތިގާލީ އިންތިޒާމެއްގެ ތެރެއިންނެވެ.
އިންތިގާލީ މެންބަރުންގެ ކިބައިގައި ފުރިހަމަ ބާރުތަކެއް ނުހުންނާނެއެވެ. އިންތިގާލީ ކޮމިޝަން މެންބަރުންގެ ބާރާއި އިހުތިޔާރު ވަނީ އިދާރީ ކަންކަމާއި ޝަކުވާ ބަލައިގަތުމާއި މީޑިޔާ ރެޖިސްޓްރޭޝަން އެޕްލިކޭޝަން ބަލައިގަތުމުގެ މައްޗަށް ކުރުވެގެންނެވެ. ތަހުގީގު ހިންގުމާއި، ރެޖިސްޓްރޭޝަން ބާތިލުކުރުންފަދަ ބާރެއް ނޯންނާނެއެވެ.
ކޮމިޝަން އެކުލެވުމުގެ ކަންކަން އޮތީ ކިހިނެއް؟
އޮކްޓޫބަރު 3، 2025 ވާ އިރަށް، މަޖިލީހުން އައްޔަންކުރަންޖެހޭ 3 ގޮނޑިއަށް ކުރިމަތިލާން ހުޅުވައިލާނެއެވެ. އޮކްޓޫބަރު 13 ގެ ނިޔަލަށް މަޖިލީހުން އައްޔަންކުރާ ބަޔަކު އޮންނާންވާނީ އިހުތިޔާރު ކޮށްފައެވެ. މަޖިލީހުން ހޮވުމުން، އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. މީޑިޔާތަކުގެ ފަރާތުން އިންތިހާބުކުރާ މެންބަރުން ހޮވުމުގެ ކަންކަން ހިންގާންވީގޮތުގެ ގަވާއިދު ސެޕްޓެންބަރު 25 ގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން އެކުލަވާންޖެހޭނެއެވެ. އޮކްޓޫބަރު 18 ގެ ކުރިން އިންތިހާބު ބާއްވަން ޖެހޭނެއެވެ.
ރެޖިސްޓަރކޮށްގެން ހިންގާ ހުރިހާ ބްރޯޑްކާސްޓަރަކާއި މީޑިޔާއަކަށް ވޯޓު ލެވޭނެއެވެ. ކޮންމެ އައުޓްލެޓަކަށް ވޯޓެކެވެ. މީޑިޔާގެ ފުށުން ނަގާ ޖުމުލަ 4 މެންބަރުން ކުރެ 2 މެންބަރުންނަކީ ޕްރިންޓް/އޮންލައިން މީޑިޔާއިން އަދި އަނެއް 2 މެންބަރުންނަކީ ބްރޯޑްކާސްޓިންގް މީޑިޔާއިން ނަގާ ބައެކެވެ. އިންތިހާބުވާތާ 4 ދުވަހުން ކޮމިޝަންގެ މެންބަރުންގެ ގޮތުގައި އެބައިމީހުން އައްޔަންކުރާން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމެވެ.
ކޮމިޝަނަށް އެޅޭނެ ފިޔަވަޅުތަކަކީ ކޮބާ؟
ޝަކުވާ ހުށަނޭޅިއަސް، އަމިއްލަ އިސްނެގުމަށްވެސް އައު ކޮމިޝަނަށް މީޑިޔާ އައުޓްލެޓެއްގެ މައްޗަށް ތަހުގީގު ހިންގިދާނެއެވެ.
ތަހުގީގުގެ ބޭނުމަށް ހެކިން ހާޒިރުކުރުމާއި ބަޔާން ނެގުމާއި ލިޔެކިޔުން ހުށަހަޅާން އެންގުމާއި ފުލުހުންނާއި އެހެނިހެން ތަންފީޒީ އިދާރާތަކުގެ އެހީތެރިކަން ހޯދިދާނެއެވެ.
ޝާއިއުކުރާ ނުވަތަ ބްރޯޑްކާސްޓުކުރާ ހަބަރަކާއި ގުޅިގެން، އިންޒާރުދިނުމާއި އިސްލާހުކުރުމަށް ނުވަތަ އާންމުކޮށް މައާފަށް އެދުމަށް އައު ކޮމިޝަނަށް އެންގިދާނެއެވެ. އަދި ޖޫރިމަނާވެސް ކުރެވިދާނެއެވެ.
ބްރޯޑްކާސްޓަރުންގެ މައްޗަށް، ވަގުތީ ގޮތުން ބްރޯޑްކާސްޓް މެދުކަނޑާލަން އެންގިދާނެއެވެ. ނުވަތަ 50،000 ރުފިޔާއާއި 250،000 އާ ދެމެދުގެ ޖޫރިމަނާއެއް ކުރެވިދާނެއެވެ. 50،000 ރުފިޔާއާއި 100،000 އާ ދެމެދަށް ޕްރިންޓް އަދި އޮންލައިން މީޑިޔާ ޖޫރިމަނާ ކުރެވިދާނެއެވެ.
އިސްލާމްދީނާ ދެކޮޅު ނުވަތަ ގައުމީ ސަލާމަތް، އާންމު ނިޒާމު ނުވަތަ ސިއްހަތަށް ނުރައްކަލެއް ކަމަށް ބެލެވިދާނެ ކޮންޓެންޓް ދައްކައިފިނަމަ އެބްރޯޑްކާސްޓަރެއް ނުވަތަ ޝާއިއުކުރި ޕަބްލިކޭޝަނެއް ވަގުތުން ބަންދުކުރާން ތަންފީޒީ އިދާރާތަކުގައި އެދެވިދާނެއެވެ.
އިސްލާހުކުރަން ނުވަތަ މައާފަށް އެދެން ނުވަތަ އަނބުރާ ގެންދާން ވަކިވަކި ނޫސްވެރިންގެ މައްޗަށްވެސް އައު ކޮމިޝަނަށް އަމުރު ހިންގޭނެއެވެ.
މިގާނޫނުގެ ބާރު އިންޓަރނެޓަށް ހިނގާތަ؟
މިގާނޫނު އިންޓަރނެޓަށް ނުހިނގާނެ ކަމަށާއި ސޯޝަލް މީޑިޔާއަށް އަސަރު ނުކުރާނެކަމަށް ސަރުކާރުން ބުނި ނަމަވެސް، ގާނޫނުގައި ލިޔެފައި އޮތީ އެހެންނަކުން ނޫނެވެ. މީޑިޔާގެ މައްޗަށް ބާރު ހިނގާ މިންވަރަށް "އިލެކްޓްރޯނިކް މީޑިޔާ"ގެ މައްޗަށްވެސް ބާރު ހިންގެއެވެ. އިލެކްޓްރޯނިކް މީޑިޔާ ކަމުގައި ބަލަނީ "އޯޑިޔޯ އަދި ވީޑިޔޯ ޓޭޕާއިި، އިންޓަނެޓް ހިމެނޭގޮތުން، ޑިޖިޓަލް ނުވަތަ އިލެކްޓޮރޯނިކް ވަސީލަތެއް މެދުވެރިކޮށްގެން ހަބަރާއި، މައުލޫމާތު ފަތުރާ" ވަސީލަތްތަކެވެ. ސޯޝަލް މިޑިޔާ ނުހިމެނޭނެ ކަމަށް މާނުކުރާނެ ޖާގަ ނެތްކަމަށް، ގާނޫނީ ތަޖުރިބާކާރުން ބުނެއެވެ.
ނޫސްވެރިން ބުނަނީ ކީކޭ؟
ތެދު ހަގީގަތަކީ ނުވަތަ ދޮގަކީ ނުވަތަ އަބުރަށް އަރައިގަތުމަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ލިބިގެންވާ ކޮމިޝަނެއް އުފެއްދުމަކީ މިނިވަން ނޫސްވެރިކަމަށް އޮތް ބޮޑު ބިރެއްކަމަށާއި، ނޫސްވެރިކަން ރެގިއުލޭޓު ކުރަންޖެހޭނީ ވެރިކަން ހިންގާ ފަރާތުގެ ބައިވެރިވުމާއި ނުފޫޒު ނެތި، ނޫސްވެރިންގެ ތެރެއިން ނަގާ މަންދޫބުންގެ މައްޗަށް، ސެލްފް ރެގިއުލޭޝަން ނިޒާމެއްގެ ތެރެއިންކަމަށް ނޫސްވެރިން އަންނަނީ ބުނަމުންނެވެ.
މި އައު ގާނޫނު ތަސްދީގުކުރުމާއެކު، މޯލްޑިވްސް ޖަރނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނީ މި ގާނޫނަށް ތަބައަނުވާނެ ކަމަށެވެ. އަދި އިހުތިޖާޖުކުރާނެ ކަމަށެވެ. ބިލު ތަސްދީގުކުރުމާއެކު އެމްޖޭއޭ އިން ބޭއްވި ކުއްލި ބައްދަލުވުމުގައި ސެލްފް ރެގިއުލޭޓުކުރާނެ ނޫސްވެރިންގެ މައްޗަށް އެކުލެވޭ ގުނަވަނެއް އުފައްދާން ނިންމިއެވެ. އަދި އައު ކޮމިޝަންގެ އިންތިހާބުގައި ބައިވެރިނުވާން ގިނަ ނޫސްމަޖައްލާ އަދި ބްރޯޑްކާސްޓަރުން އެއްބަސްވިއެވެ. އިންތިހާބުގައި ބައިވެރިވުމާއި ނުވުމުގެ ނިންމުމުގައި ފަހުބަސް އޮންނާނީ އައުޓްލެޓްތަކުގެ މެނޭޖުމަންޓާއި އޯނަރުންނެވެ.
މި އައު ގާނޫނާއި ކޮމިޝަނަށް ތާއީދުކުރަނީ "ތީރު" އަދި "މެންދުރު ޓީވީ"ފަދަ ސަރުކާރުގެ ސިޔާސީން ހިންގާ ދެތިންހަތަރު އައުޓްލެޓެކެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަނީ ކީކޭ؟
ހުކުރު ދުވަހުގެ ރޭ ވ. ފެލިދޫއަށް ވަޑައިގެން، ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނުސީދާ ރައްދު ދެއްވިއެވެ. ގާނޫނާއި ގަވާއިދާ ހިލާފުވާނަމޭ އެކަކަށްވެސް ނުބުނެވޭނެ ކަމަށާއި، ގާނޫނުގެ ވެރިކަން ނަގަހައްޓަވާނެ ކަމަށާއި، އެކަމުގައި އެކަކު އަނެކަކުގެ މެދުގައި ތަފާތުކުރުމެއް އޮތަ ނުދެއްވާނެ ކަމަށް ވިދާޅުވެ، އިންޒާރު ދެއްވިއެވެ. އަދި ގާނޫނަށް ތަބައަނުވާން ބުނާއިރު، އެކަމަށް ވަރިހަމަވެގެން ހުންނެވުމުގެ އިހްތިޔާރު އެމަނިކުފާނު ކުރައްވާފައިވާ މަގާމުގެ ހުވައިގެ ފުށުން ނެތްކަމަށް ވިދާޅުވިއެވެ.
މިއާއެކު ބައިނަލްއަގުވާމީ ޕްރެޝަނަށް އިޝާރާތްކުރައްވާ ވިދާޅުވީ "ކޮންމެ ތަނަކުން ކޮންމެ ބަޔަކު ބަޔާން ނެރެގެން އަޔަސް" ފަރުވާލެއް ނެތްކަމަށެވެ.
ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ވާނީ ކިހިނެއް؟
ކުރިއަށް އޮތީ އަނދިރި ދުވަސްތަކެއްކަމަށް ވުން އެކަށީގެންވެއެވެ. ކުރިއަށް އޮތް ހަފްތާތަކާއި މަސްތަކުގައި ސަރުކާރާ ދެކޮޅު ނުވަތަ ހިޔާލު ތަފާތުވާ މީޑިޔާތަކާ ހަނގުރާމައަށް ސަރުކާރުން ނުކުންނާނެ ކަމަށް ބެލެވެއެވެ.
އައު ކޮމިޝަންގެ އިންތިހާބުގައި ބައިވެރިވިޔަސް، މާނަހުރި ގޮތެއްގައި ކޮމިޝަންގައި ނޫސްވެރިންގެ ދައުރެއް އޮންނާނެކަމަށް ގިނަ ނޫސްވެރިން ގަބޫލެއް ނުކުރެއެވެ. އެގޮތީ އިންތިހާބު ކުރިޔަސް، މަޖިލީހަށް ފެންނަ ނަމަ އެމެންބަރަކު ވަކި ކުރެވެއެވެ. މިއާއެކު ހޮއެ ޕްރޮޕަގަންޑާ ނޫސްތައް ބޭނުންކޮށްގެން ސަރުކާރުން މި އިންތިހާބުގެ އޮއެވަރު މުޅިން ކޮންޓްރޯލްކުރާނެ ކަމަށް ގަބޫލުކުރެވެއެވެ.
ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި 2016 ގައި އެކުލެވި އަބުރުގެ ގާނޫނު މެދުވެރިކޮށް ހެދިހެން، އަދަދު ނޫހާއި ރާއްޖެ ޓީވީ އަށް އަމާޒުކޮށް ފިޔަވަޅު އަޅާނެކަމުގެ ބިރު ބޮޑެވެ. ނޫސްވެރިކަމާއި ނޫސްވެރިންނަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް، އަދަދު ގެ އެޑިޓަރ ހުސެއިން ފިޔާޒު މޫސާއަށް ގުޅުއްވާ ދެއްވި އިންޒާރުންނާއި 500 ދުވަހު ނޫސްވެރިންނާ ބައްދަލުނުކޮށް ހުންނަވާފައި، 15 ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުންފަދަ އަމަލުތަކުން، އެވާހަކަފުޅު ހިސާބަކަށް ނަފީވެއެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ
ގުޅުންހުރި ޓެގްސް
އިތުރު ލިޔުންތައް

"ސަލާމަތުން ގޮސް، އަމިއްލަ ވަޒަނުގައި ދެން އަވަހަކަށް ނޫޅެވޭނެކަން އެނގުނު" ޝަހިންދާ އިސްމާޢީލް
27 ނޮވެމްބަރު

"ޕާޓީތަކާމެދު މާޔޫސްވެއްޖެ" - ވޯޓު ލާ ޢަދަދު މަދުވެ، އެފަރަގު ރަށްފުށާއި ސިޓީތަކުގެ ދެމެދު ބޮޑުވަނީ
02 ނޮވެމްބަރު

"ބާރުވެރިކުރުވާކަށް މީހަކަ ނާންނާނެ! އަހަރުމެން ބާރުވެރިވާންޖެހޭނީ އަމިއްލައަށް!" ހަތަރު ދައުރު ކައުންސިލަރަކަށް އިންތިޚާބުވި ސާމިޔާ
30 އޮކްޓޯބަރު

