ރާއްޖޭގެ ކަނޑޫފާތައް ގިނަ އަދަދަކަށް މަރުވުންދަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެންކަމަށް އާ ދިރާސާތަކުން ދައްކައިފި
ލޮނުގެ މިންވަރު އިތުރުވުމުގެ ސަބަބުން ކަނޑޫފާ ގަސްތައްދަނީ މަރުވަމުންނެވެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
03 އޭޕްރިލް
ރާއްޖޭގެ ކުޅިތައް ހަލާކުވުމުން ދިއުމަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކޯސްޓަލް އިކޯސިސްޓަމްގެ ނިޒާމަށް އޮތް ނުރައްކާ ހާމަވެގެންދާކަމެއްކަމަށް ކަމާބެހޭ ތަޖުރިބާކާރުންވަނީ ބުނެފައެވެ. މި އިންޒާރުތައް ދީފައިވަނީ ރާއްޖޭގެ ގިނަ އަދަދެއްގެ ކަނޑޫފާތައް މަރުވުމަށް ދިމާވާ ސަބަބުތައް ހޯދުމަށްޓަކައި ހަދާފައިވާ އާ ދިރާސާތަކާ ގުޅިގެންނެވެ.
2020 ވަނަ އަހަރާއި 2021 ވަނަ އަހަރާ ދެމެދު ފެނިގެންދިޔަ ކަނޑޫފާ ގަސްތަކުގެ ކޮޅުން ފެށިގެން ތިރިއަށް މަރުވެގެންދިއުމުގެ ހާދިސާތަކަކީ މޫސުމަށް އަންނަ ބަދަލުތަކާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅިފައިވާކަމެއްކަމަށް ދުނިޔޭގެ މަޝްހޫރު ޕިއަރ ރިވިއުޑް ޖާނަލްއެއްކަމަށްވާ "ސްޕްރިންގަރ ނޭޗަރ" ގައި ޝާޢިއުކޮށްފައިވާ ދިރާސާއަކުން ބުނެފައިވެއެވެ.
މީގެ ތެރޭގައި 33 ފުޓުބޯޅަ ދަނޑާ އެއްވަރުގެ ސަރަހައްދެއްގައި އުފެދިފައިވާ ކަނޑޫފާތައް ވަނީ މަރުވެގެންގޮސްފައެވެ. ގާތްގަނޑަކަށް މިލިއަނެއްހާ ގަސް މަރުވެފައިވާއިރު، މައިގަނޑު ގޮތެއްގައި މިކަމުގެ އަސަރުކޮށްފައިވަނީ "ބްރޫގުއިރާ ސިލިންޑްރިކާ" ނުވަތަ ކަނޑޫ ގަހަށެވެ.
މި ހޯދުންތަކުން ރާއްޖޭގެ ޖަޒީރާ ތިމާވެށީގެ ނިޒާމަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނުރައްކާ ވަރަށް ބޮޑަށް ކުރިމަތިވެފައިވާކަން ފާހަގަކުރެވިފައިވާކަމަށް މި ދިރާސާ ލިޔުއްވި އެއް ފަރާތްކަމުގައިވާ ވެޓްލޭންޑްސް އެންޑް ބްލޫ ކާބަން ރިސާޗާރ އައިޝަތު ފަރުހަތު އަލީ ފާހަގަކުރެއްވިއެވެ.
"މި ގެއްލުން ކުރިމަތިވާން ދިމާވި މޫސުމީ ބަދަލުތައް ކަމަށްވާ ލާ ނީނާ އާއި އިންޑިއަން އޯޝަން ޑިޕޯލް އިވެންޓްސް ފަދަ ބަދަލުތައް ދުނިޔެ ހޫނުވުމާ ގުޅިގެން އިތުރުވާނެ. އެހެންކަމުން، މި ފަދަ ގެއްލުންތައް ތަކުރާރުވާނެ ކަމަށް ބެލެވޭ،" މޯލްޑިވްސް އިންޑިޕެންޑެންޓަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވިއެވެ. "ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މެންގްރޫވް އިކޯސިސްޓަމް (މިސާލަކަށް އޮސްޓްރޭލިއާ އަދި އިންޑޮނޭޝިއާގައި)ތައް ނެތިގެން ގޮސްފައިވުމަކި މޫސުމީ ބަދަލުތަކާ ގުޅިފައިވާކަމެއް. ލޯކަލް ކޮންޒަވޭޝަން އިނީޝިއޭޓިވްސް ފަދަ، ހަލުވިކޮށްއެޅޭނެ ފިޔަވަޅުތަކާއި ނުލައި، މުސްތަގުބަލުގައި މިފަދަ ގެއްލުންތައް ބައެއް މެންގްރޫވް އިކޯސިސްޓަމްތަކަށް ކުރިމަތިވެދާނެ."
ރާއްޖޭގައި ކަނޑޫފާ ގެއްލެމުންދާކަމަށް އެންމެ ފުރަތަމަ ރިޕޯޓު ކުރެވިފައިވަނީ 2020 ވަނަ އަހަރުގެ މާރިޗު މަހުގައި، ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުތަކުގެ ރަށްތަކުގެ ތެރެއިން ކެލާ، އުލިގަމު، ނޭކުރެންދޫ އަދި ވައިކަރަދޫންނެވެ. އޭގެ ފަހުން 2021 ވަނަ އަހަރު، ދެކުނުގެ އަތޮޅުތަކުގެ ރަށްތައް ހިމެނޭ ގޮތުން އިތުރު 11 ރަށަކުން މިކަން ވަނީ ފެނިފައެވެ. އެހެންކަމުން، މިކަމާ ގުޅިގެން ދިރާސާ ކުރުމަށް، 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ ކޮޗިން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ރިސާޗް ޓީމަކަށް ދިވެހި ސަރުކާރުން ވަނީ ދައުވަތު ދީފައެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިފަދަ ކަންކަމަށް މަގުފަހިވާ ގޮތް މި ދިރާސާއިން ފުރަތަމަ ފަހަރަށް ސާފުކޮށް ފެނިގެންގޮސްފައިވާކަމަށް ކޮޗިން ޔުނިވާސިޓީގެ މެރިން ސައިންސްގެ ކޯ އޯތަރ އަދި ޑީން ޑރ. އެސް ބިޖޯއި ނަންދަން މޯލްޑިވްސް އިންޑިޕެންޑެންޓްއާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނެގި ހުރިހާ ސާމްޕަލްތަކެއް ބެލުމަށްފަހު، އަޅުގަނޑުމެންނަށް ފެނުނު މައިގަނޑު ހޯދުމަކީ ލޮނުގެ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަން. އަޅުގަނޑުމެންނަށް ފެނުނީ، ހާއްސަކޮށް ކަނޑޫފާތައް މަރުވެފައިވާ ތަންތަނުގައި ލޮނުގެ އަސަރު ވަރަށް ބޮޑަށް އިތުރުވެފައިވާތަން. އޭގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ބްރޫގިއެރާ ސިލިންޑްރިކާއަށް. މިއީ ލޮނުގެ ސަބަބުން ނޭދެވޭ އަސަރުކުރުމާ ގާތް ބާވަތެއް،" އޭނާ ތަފްސީލްކޮށްދިނެވެ.
"ބްރޫގިއެރާ ސިލިންޑްރިކާގެ ބޮޑެތި ގަސްތައް ގިނަ އަދަދަކަށް މަރުވެފައިވާ ސަރަހައްދުތަކުގައި، ކުޅީގެ އެހެން ބާވަތްތައް ކުރިއަރަމުންދާތަންވެސް އަޅުގަނޑުމެންނަށް ފެނުނު،" އޭނާ ވިދާޅުވިއެވެ.
ދިރާސާ ޓީމުން ފާހަގަކުރި ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ވާރޭ ނުވެހުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ބިންގަނޑުގެ ލޮނުކަން އިތުރުވުމަކީ ފުޅާ ދާއިރާއެއްގައި ކަނޑޫފާތައް ނެތިގެންދިއުމަށް ދިމާވާ މައިގަނޑު ސަބަބުތަކެވެ.
އަދި ހޫނުމިން އިތުރުވުމާއި، ވާރޭ ވެހޭ މިންވަރު މަދުވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ބިންގަނޑަށްދާ ލޮނުފެން އިތުރުވުމަކީ، ކަނޑޫފާގެ ތިމާވެށީގެ ނިޒާމުތަކުގެ ބިންގަނޑުގެ ލޮނުގެ މިންވަރު އިތުރުވެ، މި ގަސްތައް މަރުވުމަށް ދިވާމާ ސަބަބުތައްކަމަށް މިދިރާސާއިން ވަނީ ނިންމާފައެވެ.
ނުރައްކާ އިތުރުވުން
މި މައްސަލަތައް އިތުރަށް ގޯސްވެގެން ދިޔައީ ލާ ނީނާގެ ތިން ހާދިސާއާއި އިންޑިއަން އޯޝަން ޑިޕޯލްގެ ސަބަބުންނެވެ.
ލާ ނީނާ އަކީ އެލްނީނޯ-ސަދަން އޮސިލޭޝަން ސައިކަލްގެ ކަނޑުތައް އާދަޔާ ޚިލާފަށް ފިނިވާ މަރުހަލާއެވެ. 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ކުރިއަށްދިޔަ ލާ ނީނާ ސައިކަލްއަކީ، އާދަޔާ ޚިލާފަށް ދިގު ތިން އަހަރު ދުވަހަށް ދެމިގެންދިޔަ ސައިކަލްއެކެވެ. އާންމުގޮތެއްގައި، ލަ ނީނާ ސައިކަލް ދެމިގެންދަނީ ނުވަ މަހާއި ބާރަ މަހާ ދެމެދުގެ މުއްދަތަކަށެވެ.
ޕޮސިޓިވް އިންޑިއަން އޯޝަން ޑައިޕޯލް އަކީ ހުޅަނގު އިންޑިއާ ކަނޑުގެ މަތީ ފަށަލައިގެ ފިނިހޫނުމިން މަތިވެ އިރުމަތީ ސަރަޙައްދުގެ ކަނޑުގެ މަތީ ފަށަލަ އާދަޔާ ޚިލާފަށް ފިނިވާން ދިމާވާ ސަރަހައްދީ މޫސުމީ ބަދަލެކެވެ.
އޭގެ ސަބަބުން ވާރޭވެހުމާއި ފިނިހޫނުމިނަށް ވަރަށް ބޮޑު އަސަރެއް ކުރެއެވެ. އެގޮތުން، ވިއްސާރަވުން މަދުވެ ފިނިހޫނުމިން އިތުރުވެއެވެ.
ފާއިތުވި 30 އަހަރުގެ ތެރޭގައި ރާއްޖޭގެ އެވްރެޖް ފިނިހޫނުމިން ވަނީ 0.8 ޑިގްރީ ސެލްސިއަސް އަށް އުފުލިފައެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތުދީފައިވާ ގޮތުގައި 1990 ގެ އަހަރުތަކުން ފެށިގެން ކަނޑުގެ ލޮނުގަނޑު އެވްރެޖްކޮށް 3.8 އިންޗި އާއި 4.6 އިންޗިއާ ދެމެދުގެ މިންވަރަކަށް އުފުލިފައިވެއެވެ. މި ދުވަސްވަރުގެ ތެރޭގައި ވިއްސާރަކޮށްފައިވާ މިންވަރު އެއްވަރެއްގައި ހިފެހެއްޓިފައިވީނަމަވެސް، މީގެ ތެރެއިން ވިއްސާރަ ކުރާ ދުވަސްތައް މަދުވެފައިވާއިރު، އާދަޔާ ހިލާފަށް ގިނަ މިންވަރަކަށް ވިއްސާރަ ކޮށްފައިވާ ދުވަސްތައް ގިނައެވެ. 2050 ވަނަ އަހަރާ ހަމައަށް ކަނޑުގެ ލޮނުގަނޑު 0.15 މީޓަރާއި 0.31 މީޓަރާއި ދެމެދުގެ މިންވަރަކަށް އުފުލޭނެ ކަމަށް ލަފާކުރެވެއެވެ. މިއީ އައިޕީސީސީން ހުށަހަޅާފައިވާ މެދުމިނުގެ ސިނާރިއޯއަށް ބިނާކޮށް، މޫސުމާ ބެހޭ ފިޔަވަޅުތައް މަޑުމަޑުން ކުރިއަށްދާނެ ކަމަށާއި ގަރުނު ނިމޭއިރު ފިނިހޫނުމިން އިތުރުވާނީ 2.7 ޑިގްރީ ސެލްސިއަސް އަށްކަމަށް ބަލައިގެން އަންދާޒާކޮށްފައިވާ އަދަދެކެވެ.
މެޓް އޮފީހުގެ ކްލައިމެޓޮލޮޖިސްޓް އަހުމަދު ޝަބީން ވިދާޅުވީ ކަނޑުގެ ލޮނުގަނޑު އުފުލުމުން ލޮނުފެނުގެ އަސަރު އިތުރަށް ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އޭގެ ސަބަބުން ދަނޑުވެރިކަމަށް އަސަރުކުރާނެ ކަމަށެވެ.
"މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ރަނގަޅު ސިނާރިއޯގައި ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނޑުގެ ލޮނުގަނޑު އުފުލޭނެ ކަމަށް ލަފާކުރެވޭ. ނަތީޖާއެއްގެ ގޮތުން އުދަ އެރުންފަދަ ހާދިސާތައް ގިނަވެ، އެތެރޭގެ ސަރަހައްދުތަކުގައި ފެންބޮޑުވުން އިތުރުވާނެ. އަދި މީރުފެން ފަށަލައަށް ލޮނުފެން ވަނުމުގެ ސަބަބުން ދަނޑުވެރިކަމަށް ކޮންމެވެސް ވަރެއްގެ އަސަރެއް ކުރާނެ،" އޭނާ ވިދާޅުވިއެވެ.
ކޮޗިން ޔުނިވާސިޓީގެ ހޯދުންތަކާއި އެއްފަދައިން އިނގިރޭސިވިލާތުގެ ނޯތުމްބްރިއާ ޔުނިވާސިޓީން ކުރި ދިރާސާއަކުންވެސް ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި އިންޑިއަން އޯޝަން ޑިޕޯލްގެ ނުފޫޒުގެ ސަބަބުން ކަނޑޫފާތައް ގިނަ އަދަދަކަށް ނެތިގެންދާކަމަށް ނިންމާފައެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތައް އަންނަ މޫސުމީ ބަދަލުތައް އިތުރުވަމުންދިއުމުގެ ސަބަބުން، މިފަދަ ހާދިސާތައް ގިނަވުމުގެ ފުރުސަތު ބޮޑުވާނެކަމަށް ދިރާސާކުރާ ފަރާތްތަކުންވަނީ އިންޒާރުދީފައެވެ.
"މި ހޯދުންތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ހަލުވިކަމާއެކު މައްޗަށް ދިއުމުން ކަނޑޫފާގެ ތިމާވެށީގެ ނިޒާމަށް ކުރާ ނުރައްކާ ވަރަށް ބޮޑަށް ހާމަވެގެންދޭ. އަދި މިކަމުގެ ސަބަބުން އެޑަޕްޓިވް ކޮންޒަވޭޝަންއާ ގުޅޭ އަވަސް ފިޔަވަޅުތައް އެޅުމަށް ކުރިއަރަމުން އަންނަ ކުޑަ ޖަޒީރާ ގައުމުތަކަށް އޮތް މުހިއްމުކަން ހާމަވެގެންދޭ،" ސައިންޓިފިކް ރިޕޯރޓްސް ޖާނަލްގެ 2024 ވަނަ އަހަރުގެ އަދަދުގައި ލިޔެފައިވެއެވެ.

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ
ގުޅުންހުރި ޓެގްސް
އިތުރު ލިޔުންތައް

"ސަލާމަތުން ގޮސް، އަމިއްލަ ވަޒަނުގައި ދެން އަވަހަކަށް ނޫޅެވޭނެކަން އެނގުނު" ޝަހިންދާ އިސްމާޢީލް
27 ނޮވެމްބަރު

"ޕާޓީތަކާމެދު މާޔޫސްވެއްޖެ" - ވޯޓު ލާ ޢަދަދު މަދުވެ، އެފަރަގު ރަށްފުށާއި ސިޓީތަކުގެ ދެމެދު ބޮޑުވަނީ
02 ނޮވެމްބަރު

"ބާރުވެރިކުރުވާކަށް މީހަކަ ނާންނާނެ! އަހަރުމެން ބާރުވެރިވާންޖެހޭނީ އަމިއްލައަށް!" ހަތަރު ދައުރު ކައުންސިލަރަކަށް އިންތިޚާބުވި ސާމިޔާ
30 އޮކްޓޯބަރު

