ރާއްޖޭގައި މިޔަރުގެ މައްސަލައެއް އެބައޮތްތަ؟
މިޔަރުގެ ހާދިސާތައް އިތުރުވުމަކީ މިޔަރަށް ކާންދިނުން ފަދަ އާދަތަކާމެދު ސުވާލު އުފައްދާކަމެއް.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
07 މެއި
އޭޕްރީލް މަހުގެ 19 ވަނަ ދުވަހު ކުޅުދުއްފުއްޓަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނަކަށް މިޔަރެއް ދިން ހަމަލާއަކާ ގުޅިގެން ވަނީ އަނިޔާތަކެއްލިބިފައެވެ. މިކަމާއި، ގުޅިގެން ދިވެހި މަސްވެރިންނާއި އާންމުންގެ ކަންބޮޑުވުންތައްދަނީ އިތުރުވަމުންނެވެ. މި ފަރާތްތަކުން ފާހަގަކުރާ ގޮތުގައި 2010 ވަނަ އަހަރު މިޔަރު ބޭނުން މަނާކުރި ފަހުން ރާއްޖޭގެ ކަނޑުތަކުގައި މިޔަރުގެ އާބާދީ ވަނީ އިތުރުވެފައެވެ. ފާއިތުވި ދެ ހަފުތާގެ ތެރޭގައި ކުޅުދުއްފުށީ ފްރީޑައިވިން އާއި މުނިފޫހިފިލުވުމަށް މަސްވެރިކަންކުރާ މީހުންގެ ތެރޭގައި ދެކެވެމުން އައީ ހައިރާންކަމާއި ނުތަނަވަސްކަމުގެ ވާހަކަތަކެވެ. މި ހަމަލާ ހަގީގަތުގައި ހިނގި ގޮތާ މެދު އެ ރަށުގައި ގިނަ ބަޔަކު ވާހަކަ ދައްކަމުން އަންނައިރު، ބައެއް މީހުން ބުނަމުން ދަނީ ހާދިސާ ހިނގާފައިވަނީ މަސް ހިފުމަށްޓަކައި، ކަނޑަށް މަހުގެ ކާނާ އެޅުމުންކަމަށެވެ. ނަމަވެސް، އަނެއް ބައި މީހުން ބުނަމުން ދަނީ ހާދިސާ ހިނގާފައިވަނީ ބޯޓެއްގެ ޕްރޮޕެލާރ އެއްގެ ސަބަބުން ކަމަށާއި، މިއީ މިޔަރަކާ ގުޅުންހުރި ކަމެއް ނޫންކަމަށެވެ.
"ރަށުގެ މީހުންނާއި މިރަށުގެ ޑައިވަރުން މިތިބީ މި ހަމަލާ ހިނގާފައިވާ ގޮތުގެ ސަބަބުން ވަރަށް ބޮޑު ހައިރާންކަމެއްގެ ތެރޭގައި،" ކުޅުދުއްފުށީގެ މަޝްހޫރު ފްރީޑައިވަރު އަދި ސްޕޯޓްސް މަސްވެރިކަންކުރާ މީހެއްކަމަށްވާ މާރިއޯ މުހައްމަދު މޯލްޑިވްސް އިންޑިޕެންޑެންޓަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ. "މިޔަރު އެފަދައިން އަމަލުކުރާނެކަމަށް އަޅުގަނޑުމެން ހިއެއް ނުކުރަން،" އޭނާ ބުންޏެވެ.
އޭޕްރީލް މަހުގެ 19 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ފްރީޑައިވަރުންގެ މަދު ބަޔަކު ނިކުތީ ނެރު ކައިރީގައި އޮންނަ ރަށުގެ ބޭރު ހުޅަނގު ދެކުނު ކަނޑުގެ ސަރަހައްދުން ކުރުމަސް ހިފުމަށެވެ. އެމީހުން އާންމުންނަށް މައުލޫމާތު ދިން ގޮތުގައި އެ މީހުން ސްޕީޑް ބޯޓުން ފުންމާލާފައި، ޑައިވް ކުރަން ތައްޔާރުވަމުން ދަނިކޮށް މިޔަރެއް އައިސް އޭގެ ތެރެއިން އެކަކުގެ ކޮނޑުގައި ދަތްއެޅީއެވެ. ހަމަލާގެ ތަފްސީލުތަކުން ބެލެވެނީ މިހަމަލާ ދީފައިވަނީ ވޮށް މިޔަރެއްކަމަށެވެ. އަނިޔާ ލިބުނު މީހާ ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމަށްފަހު އިތުރު ފަރުވާދިނުމަށް މާލެ ގެނެވިފައެވެ. އޭނާއަށް ލިބިފައިވާ ޒަހަމްތަކަކީ ފުރާނައަށް ނުރައްކާވާ ވަރުގެ އަނިޔާތަކެއް ނޫނެވެ. ފުލުހުން މައުލޫމާތުދެއްވާފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ތަހްގީގެއްވަނީ ފަށާފައެވެ. އެހެންނަމަވެސް، މިހާތަނަށް މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ލިބިފައިނުވެއެވެ.
ހާދިސާ ހިނގަން ދިމާވި ސަބަބު ސާފުވެފައިނުވިނަމަވެސް، 2010 ވަނަ އަހަރު ރާއްޖޭގެ ކަނޑުތަކުން މިޔަރު ބޭނުން މަނާކުރުމުގެ ސަބަބުން މިޔަރުގެ އާބަދީ މާބޮޑަށް އިތުރުވެފައިވާކަމަށް ގަބޫލުރުކުރާ މަސްވެރިންނާއި އާންމުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
2010 ވަނަ އަހަރު ރާއްޖޭގައި މިޔަރާ ގުޅޭ ވިޔަފާރިކުރުމާއި، މިޔަރު ބޭރުކުރުން މަނާކުރުމާ ގުޅިގެން، ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ މިޔަރަށް ރައްކާތެރި ތަނެއްކަމަށް މިވަނީ ވެފައެވެ. މިއީ ދުނިޔޭގައި މިވަގުތު ހުރި މިފަދަ 17 ސަރަހައްދުތަކުގެ ތެރެއިން އެއް ސަރަހައްދެކެވެ. ރާއްޖޭގެ ކަނޑުތަކުގައި 31 ބާވަތެއްގެ މިޔަރު އުޅޭއިރު، އޭގެ ތެރެއިން 29 ބާވަތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނެތިގެންދިއުމުގެ ބިރު ހީވެފައިވާ ބާވަތްތަކުގެ މިޔަރެވެ.
ނަމަވެސް، މިހާރަކަށް އައިސް، މިޔަރާއި އިންސާނުންނާ ދެމެދު، ހާއްސަކޮށް މަސްވެރިންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގެ ސަބަބުން، މިޔަރު ބޭނުން މަނާކޮށްފައި އޮތް އޮތުމާމެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ. މިދިޔަ ޖޫން މަހުގެ ތެރޭގައި ލ. އަތޮޅު މާވަށު ނެރު ކައިރީގައި ކުރިއަށް ގެންދިޔަ ތަމްރީނުތަކުގެ ތެރެއިން ސިފައިންގެ އޮފިސަރަކަށް މިޔަރެއް ދިން ހަމަލާއަކާ ގުޅިގެން، އެ އޮފިސަރު ވަނީ ނިޔާވެފައެވެ. މިކަމުގެ ސަބަބުން އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
މީގެ އިތުރުން، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުން ވަނީ ލޭނުގެ މަސްވެރިކަންކުރުމަށް އަލުން ހުޅުވާލުމާ މެދު މަޝްވަރާކޮށްފައެވެ. ލޭނުގެ މަސްވެރިކަމުގެ ސަބަބުން މިޔަރު ބޭނުމުގެ ފުރުސަތު އިތުރުވެގެންދެއެވެ. މިކަމާ ގުޅިގެން ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކާއި، މަސްމަހާމެހި ހިމާޔާތްކުރަން މަސައްކަތްކުރާ ޖަމާޢާތްތަކުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެހެންކަމުން، ސަރުކާރުން ވަނީ މި ހުއްދަ އަލުން ދިނުމާ ގުޅިގެން ގޮތެއް ނިންމުން ފަސްކޮށްފައެވެ.
ހަގީގަތުގައިވެސް ރާއްޖޭގެ ކަނޑުތަކުގައިވާ މިޔަރުގެ އާބާދީ މިވަނީ ގިނަވެފައިތޯއެވެ؟
ކަނޑުގެ ތިމާވެށީގެ ނިޒާމު ދިރާސާކުރާ މެރިން ބަޔޮލޮޖިސްޓުންނާއި ސައިންސްވެރިން ދެކޭގޮތުގައި، އެންމެ މަތީ ފަންތީގެ ޝިކާރަކުރާ މި މަސް ގިނަވުމަކީ ކަނޑުގެ އިކޯ ސިސްޓަމްގެ ދުޅަހެޔޮކަން ހާމަވާކަމެކެވެ. މިދިޔަ އަހަރު ދައުރަށް ދެއްވި އިންޓަވިއުއެއްގައި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރުއައި)ގެ ކުރީގެ ޑިރެކްޓާ ޖެނެރަލް ޝާފިއާ ނައީމް ވިދާޅުވީ ކަނޑުއަޑީގެ ކެމެރާ ބަހައްޓައިގެންނާއި، ޑައިވިން ސާވޭތައް ބޭނުންކޮށްގެން އެމްއެމްއާރުއައި އިން ހަދާފައިވާ ދިރާސާތަކުން ދައްކާގޮތުގައި މިޔަރުގެ އާބާދީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައިނުވެއެވެ.
"މިޔަރުގެ އާބާދީ ގުދުރަތީ ގޮތުން ކޮންމެވެސް މިންވަރަކަށް އިތުރުވާނެ. މިޔަރުގެ އާބާދީ ބޮޑުނުވިކަމުގައި ވީނަމަވެސް، އެއް ތަނަކަށް މިޔަރަށް ކާންދޭ ބާވަތްތައް ތަކުރާރުކޮށް އަޅާކަމުގައިވާނަމަ އެ ސަރަހައްދަށް އެއްވާ މިޔަރުގެ އަދަދު ގިނަވެ، އެ ސަރަހައްދުން ފެންނަ މިޔަރުގެ އަދަދު ގިނަވާނެ،" އޭނާ ސާފުކޮށްދެއްވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިޔަރަކީ ލަހުންދަރިމައިވާ، މާބަނޑު ދުވަސްވަރު ދިގުލައިގެންދާ ބާވަތުގެ މަހެކެވެ.
އެމްއެމްއާރުއައިއިން ކުރިއަށް ގެންދާ ޑާވިން ރީފް ފިޝް ޕްރޮޖެކްޓްގެ ދަށުން ހިންގާ ޝާކްވޮޗް ޕްރޮގްރާމުން އާންމުކޮށް ޝާޢިއުކޮށްފައިވާ އެންމެ ފަހުގެ ރިޕޯޓަކީ 2014 ވަނަ އަހަރު ނެރެފައިވާ ރިޕޯޓެކެވެ. ހަތަރު އަހަރު ދުވަހުގެ ތެރޭގައި 540 ތަނެއްގައި ކުރިއަށް ގެންދިޔަ 11،704 ސާވޭ ހިމެނޭ މި ޕްރޮގްރާމުން ދައްކާގޮތުގައި، މިޔަރުގެ އާބާދީ ވަކި މިންވަރަކަށް އިތުރުވެފައި ނުވަތަ ފާހަގަކުރެވޭ މިންވަރަށް ދަށްވެފައިވެސް ނުވެއެވެ. މީގެ އިތުރުން 2022 ވަނަ އަހަރު ޝާއިއުކުރި ތިމާވެއްޓާއި ބެހޭ ދިރާސާއެއްގައި ފާހަގަކޮށްފައިވަނީ ފަރު މިޔަރުގެ އާބާދީ 2016 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް އެއް މިންވަރެއްގައި ހިފެހެއްޓިފައިވާކަމަށެވެ. އެހެންނަމަވެސް، މިކަމާ ގުޅިގެން މަސްވެރިން ގެންގުޅޭ ވިސްނުން ވަރަށް ތަފާތެވެ.
މޯލްޑިވްސް އިންޑިޕެންޑެންޓުން އެމްއެމްއާރުއައިއަށް ފޮނުވާފައިވާ ސުވާލުތަކަށް މިހާތަނަށް ޖަވާބެއް ލިބިފައިނުވެއެވެ.
މިޔަރުގެ އަދަދު އިތުރުވީބާއެވެ؟ ނުވަތަ މިޔަރުގެ އުޅުން ބަދަލުވީ ބާވައެވެ؟
ފަރު މަސްވެރިކަމާއި ސްޕޯޓްސް ފިޝިން ކުރާ މީހުންނަށް ދިމާވާ މިޔަރުގެ ހަމަލާތައް މިދަނީ އިތުރުވަމުންނެވެ. މި އެންމެ މަތީ ފަންތީގެ ޝިކާރަވެރިޔާ ނުވަތަ އޭޕެކްސް ޕްރެޑޭޓަރ އަކީ އާންމު ގޮތެއްގައި ޝިކާރަ ކުރާ އެއްޗެއްގައި ދަތް އެޅުމަށްފަހު ކާ ބާވަތުގެ މަހެކެވެ. މިކަމަށް ދެވިފައިވާ ނަމަކީ ޑިޕްރެޑޭޝަންއެވެ. މިޔަރުގެ މި އަމަލުތަކުގެ ސަބަބުން މަސްވެރިން ދިރިއުޅުމަށް ކުރާ މަސައްކަތުން ލިބޭ އާމްދަނީއަށް ނޭދެވޭ އަސަރުތަކެއްކުރެއެވެ.
"ހަގީގަތަށް ބުނާކަމުގައިވާނަމަ މިޔަރުގެ އާބާދީ މިވަނީ އިތުރުވެފައި. މިޔަރު ހިމާޔާތްކުރުމުގެ މަސައްކަތްކުރާ މީހުން އެހެނެއް ނުބުނާނެކަން އެނގޭ. އެމީހުން ބުނާނީ މިޔަރުގެ އާބާދީ ދަށްވާކަމަށް. އެހެންނަމަވެސް، މިހާރު މިޔަރު އުޅޭ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެއްޖެ. މިކަމުގެ ސަބަބުން މަސްވެރިންނަށް ވަރަށް ބޮޑަށް އުނދަގޫވާނެ. ފްރީޑައިވް ކުރުމަކީ މިހާރު ކުރެވޭނެ ކަމެއްނޫން. އާމްދަނީ ހޯދުމަށްޓަކައި މީހުން އަދިވެސް ފްރީޑައިވްކުރޭ، އެހެންނަމަވެސް މިއީ މިހާރު ވަރަށް އުނދަގޫ ކަމެއް،" މޯލްޑިވްސް އިންޑިޕެންޑެންޓަށް ދިން އިންޓަވިއުއެއްގައި ލ. ދަނބިދޫގެ މަސްވެރިއެއް ކަމަށްވާ އަލީ ފާއިޒް ބުންޏެވެ.
ފާއިޒު އަކީ މީގެ ކުރިން ހުއިފިލަނޑާ އާއި ފާނަ ނެގުމަށްޓަކައި ފްރީޑައިވްކުރި މީހެކެވެ. އޭނާ ބުނާ ގޮތުގައި، މިހާރު ފްރީޑައިވްކުރާ ކޮންމެ ފަހަރަކު 6 ނުވަތަ 7 މިޔަރާ ދިމާވެއެވެ. މިއީ ކުރީގައި މިޔަރު ފާހަގަކުރެވިފައިނުވާ ސަރަހައްދުތަކުންވެސް މިހާރު ފެންނަމުން އަންނަ ކަމެކެވެ.
"އަޅުގަނޑުމެންގެ ރަށުގެ ބަނދަރު ވަށައިގެންވާ ފަރުންވެސް މަސް ބޭނުމަކީ މިހާރު ކުރެވޭ ކަމެއްނޫން. އެތަނުން ދިގު މިނުގައި ގާތްގަނޑަކަށް 6 ފޫޓޫ ހުންނަ މިޔަރު ފެނޭ. އެތަނަށް ކަންވާރު އެއްލުމުން ކަންވާރު ކަނޑާލާނެ. ނުވަތަ ގަނެފައިވާ މަސް މިޔަރު ކާލާނެ. ގޮނޑުދޮށް ކައިރިންވެސް ބޮޑެތި މިޔަރު މިހާރު ފެނޭ،" އޭނާ ބުންޏެވެ.
ލ. ގަމުގެ މެދު އުމުރުގެ ފްރީޑައިވަރެއް ކަމަށްވާ އަހުމަދު ޒާހިރު ވަނީ މިޔަރުގެ އާބާދީ އިތުރުވަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"އަތޮޅުގެ ބައެއް ސަރަހައްދުތަކުގައި މިޔަރުގެ އަދަދު ގިނަކަމުން، އެ ތަންތަނުގައި ޑައިވްކުރުމަކީ ބިރުވެރި ކަމެއް. މިޔަރުތައް ހިފައި، އޭގެ އަދަދު މަދުކުރަން މިހާރު އެބަޖެހޭ،" އޭނާ ބުންޏެވެ.
މީގެ 12 އަހަރު ކުރިން އަހްމަދު ފްރީ ޑައިވްކުރަން ފެށި އިރާ އަޅާ ބަލާއިރު، މިހާރު ފެންނަ މިޔަރުގެ އަދަދު 100 އިންސައްތަ އިތުރުވެފައިވާކަމަށް އަހްމަދު ބުނެފައިވެއެވެ.
"ދޯނީގައި މަސްވެރިކަންކުރާއިރު، ބުޅީގައި ގަންނަ މަސްތައް މިޔަރު ކެއުމުގެ ސަބަބުން އެއްވެސް މަހެއް ނުބޭނޭ. ހާއްސަކޮށް ނެރެއް ކައިރިއަށް ދާނަމަ މަހެއް ނުބޭނޭ. ބައެއް ފަހަރު އަނބުރާ އަންނަންޖެހެނީ އެއްވެސް މަހެއް ނުބޭނި. އަނެއްބައި ފަހަރު ލިބެނީ ބޭނުމަށް އުންމީދުކުރި މަހުގެ ދެބައިކުޅަ އެއްބައި. ކުރީގައި ފުށި ކަނޑަކީ ވަރަށް ގިނަ އަދަދަކަށް ގިއުޅު ބޭނުނު ހިސާބެއް. މިހާރު އެތަނަށް މަސްވެރިކަންކުރަން މީހުން ނުދަނީ، ބޭނޭ މަހުގެ ދެބައިކުޅަ އެއްބައި މިޔަރު ޖަހައިގަންނާތީ،" އޭނާ ބުންޏެވެ.
ކުޅުދުއްފުށީގެ ފްރީޑައިވަރު މާރިއޯ ބުނެފައިވަނީ މިޔަރުގެ އާބާދީ ގިނަ ނުވާކަމަށް ބުނަމުންދާ މީހުންނަކީ މިޔަރުގެ ފަތުރުވެރިކަމުން މަންފާ ލިބެމުން އަންނަ މީހުންކަމަށެވެ.
"މިޔަރުގެ އަދަދު ގިނަވެފައިވާކަން ހާމަކުރަން ބޭނުންނުވަނީ އެމީހުންގެ މާލީ މަސްލަހަތު އެކަމުގައި އޮތުމުން. ހދ. އަތޮޅަކީ ފަތުރުވެރިކަން އޮންނަ އަތޮޅެއްނޫން. އެހެންކަމުން، މިޔަރު ބޭނުން މަނާކުރުމުން އަޅުގަނޑުމެންނަށް ލިބުނީ ހަމައެކަނި ގެއްލުން،" އޭނާ ބުންޏެވެ.
މަސްވެރިން ރިޕޯޓު ކުރަމުން އައިސްފައިވާ ފަދައިން، 2022 ވަނަ އަހަރު ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި މެދުރާއްޖެތެރޭގެ 73 އިންސައްތަ މަސްވެރިންވަނީ މިޔަރު ބޭނުން މަނާކުރި ފަހުން މިޔަރުގެ އާބާދީ އިތުރުވެފައިވާކަމަށް ރިޕޯޓުކޮށްފައެވެ.
މި ދިރާސާގައި ބައިވެރިވި ފަރު މަސްވެރިންގެ ތެރެއިން ގިނަ މީހުންނަށް (97 އިންސައްތަ) ވަނީ މިޔަރުގެ ހާދިސާތަކާ ކުރިމަރިލާންޖެހިފައެވެ. މިކަމުގެ ސަބަބުން ބާނާ މަހުގެ 43 އިންސައްތަ ގެއްލިގެންދާކަމަށާއި، މަސްވެރިކަންކުރަން ބޭނުންކުރާ އާލާތްތަކުގެ 35 އިންސައްތަ ގެއްލި ނުވަތަ ހަލާކުވެފައިވާކަންވެސް މަސްވެރިން ވަނީ ފާހަގަކޮށްފައެވެ. އަދި މިކަމުގެ ސަބަބުން މަސްވެރިކަމުން ލިބޭ އާމްދަނީ 21 އިންސައްތަ ދަށްވެފައިވާކަމަށް އަންދާޒާކުރެވިފައިވެއެވެ. އަދި މިދިރާސާގައި ބައިވެރި މަސްވެރިންގެ ތެރެއިން 12 އިންސައްތަ މަސްވެރިންވަނީ މި ސަބަބުތަކާހުރެ މިޔަރަށް ހަމަލާދީ މަރާލާފައިވާނެކަމަށް އެއްބަސްވެފައެވެ.
ރާއްޖޭގެ ކަނޑުތަކުގައި ދޮށީގެ މަސްވެރިކަންކުރާ ފަރާތްތަކަށްވުރެ، ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް މިޔަރުގެ ފަރާތުން ލިބޭ ގެއްލުން އިތުރުވެފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ. މި ދިރާސާގައި ފަރުމަސްވެރިކަންކުރުމަށް ބޭނުންކުރާ އާލާތްތަކާއި އާދަތަކަށް އަލިއަޅުވައިލެވިފައިނުވެއެވެ.
ސްޕޯޓް މަސްވެރިންނަށް މިޔަރުގެ ސަބަބުން ދިމާވާ ހާދިސާތައް ރިޕޯޓުކުރެވެމުންދެއެވެ. އެގޮތުން، މި ފަރާތްތަކުން މަސްބާނަން ގެންގުޅޭ އަގުބޮޑު ޖިގްތައް ކަނޑާލައިގެން މިޔަރު ގެންދެއެވެ.
"އަޅުގަނޑު މިކަން ކުރަނީ މުނިފޫހިފިލުވުމަށް، ނަމަވެސް، އާމްދަނީ ހޯދުމަށް މި މަސައްކަތްކުރާ މީހުން އުޅޭ. އެންމެ ޖިގެއްގެ އަގަކީ 60 ރުފިޔާއާއި، 300 ރުފިޔާގެ އަދަދެއް. ބޮޑެތި ޖިގް ލިބޭނީ 300 ރުފިޔާއަށް. ޖިގްތައް ބޭނުންކޮށްގެން މަސްބާނަން މަސައްކަތްކުރުމުން، 300 ރުފިޔާގެ އަގުހުރި ޖިގް ކޮންމެފަހަރަކު މިޔަރު ކަނޑާލުމުން އެލިބެނީ ކިހާބޮޑު ގެއްލުމެއް. މިއީ ވޯތް ކަމެއްނޫން،" މާރިއޯ ބުންޏެވެ.
މޯލްޑިވްސް ރެސިލިއަންޓް ރީފްސްގެ އެގްޒެކެޓިވް ޑިރެކްޓަރު ޝާހާ ހާޝިމް ވިދާޅުވީ މަސްވެރިކަމަށް ބޭނުންކުރާ އައު ވަސީލާތްތަކާއި އުކުޅުތަކުގެ ތެރެއިން، ކަނޑުގެ އަޑިއަށް މަސްކާނާ އަޅާފައިވާ ކޮތަޅުތައް ފެއްތުމާއި، ބަޑި ޖަހައިގެން މަސް ހިފުމާއި، ޖިގިން (ޒަހަމްވެފައިވާ މަހެއް އޮތްކަމަށް ދައްކާ ބަރު ބޭނުންކޮށްގެން މަސް ބޭނުން) އަކީ މިޔަރުގެ ހަމަލާތައް އިތުރުވާން ދިމާވާ ސަބަބުތަކެވެ.
ޝާހާ ވިދާޅުވި ގޮތުގައި މިފަދަ މަސްވެރިކަމުގެ އައު އުކުޅުތަކުގެ އިތުރުން، މިޔަރަށް ކާންދިނުމާއި، ކާބޯތަކެތީގެ ކުނި ކަނޑަށް އެޅުންފަދަ ފަތުރުވެރިކަމުގެ ދާއިރާގައި ފެނިގެންދާ ޒިންމާދާރުކަން ކުޑަ އަމަލުތަކުގެ ސަބަބުން މިޔަރުގެ ގުދުރަތީ އުޅުމަށް ބަދަލު އައިސް، މިޔަރުގެ ފަރާތުން ލިބޭ އަނިޔާތައް އިތުރުވެއެވެ.
މިޔަރުގެ ބޭނުން ނަހަމަގޮތުގައި ހިފައި، މިޔަރު އެކްސްޕްލޮއިޓް ކުރުމުގެ ސަބަބުން މިޔަރުގެ އަބާދީ ދަށްވެފައިވާކަމަކީ ތާރީޚުން ފެންނަން ހުރި ކަމެއްކަމަށާއި، މިއީ ވެސް ވިސްނާލުން މުހިއްމުކަމެއް ކަމަށް ޝާހާ ފާހަގަކުރެއްވިއެވެ.
ފަރު މިޔަރާއި ކަށި މިޔަރުގެ އާބާދީ 1980 އާއި 1990 ގެ އަހަރުތަކުގައި މަދުވެފައިވާއިރު، ކަނޑުމިޔަރުގެ އާބާދީ ދަށަށްގޮފައިވަނީ 2000 ގެ އަހަރުތަކުގެ ތެރޭގައެވެ. 1998 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ 8 އަތޮޅަކުން މިޔަރު ބޭނުން މަނާކޮށް، 2010 ވަނަ އަހަރު މުޅި ރާއްޖެއިން މިޔަރު ބޭނުން މަނާކޮށްފައިވީނަމަވެސް، 2019 ވަނަ އަހަރާ ހަމައަށްވެސް ލޭން އަޅައިގެން މިޔަރުގެ މަސްވެރިކަން ރާއްޖޭގައި ކޮށްފައިވާކަމަށް ޝާހާ ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން، މިހާރު މަސްވެރިކަންކުރާ ގިނަ ފަރުމަސްވެރިންގެ އުމުރުގެ ބޮޑުބައި ހޭދަކޮށްފައިވަނީ މިޔަރުގެ ދުޅަހެޔޮ އާބާދީއެއް އޮތް ނިޒާމެއްގެ ތެރޭގައި ނޫންކަމަށް އޭނާ ދެކެއެވެ.
ޝަހާ ފާހަގަކުރެއްވި ގޮތުގައި މަސްމަހާމެހި ހިމާޔަތްކުރުމުގައި މަސައްކަތްކުރާ މީހުންނާއި ޑައިވަރުންނަށް މިޔަރާއެކު ކުރެވިފައިވާ ތަޖުރިބާތައް، މަސްވެރިންނަށް ކުރެވިފައިވާ ތަޖުރިބާއާ ވަރަށް ތަފާތެވެ.
"މަސްމަހާމެހި ހިމާޔާތްކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކަކީ ގިނަ ފަހަރު މިޔަރު އެ އެއްޗެހީގެ ގުދުރަތީ މާހައުލުގައި އުޅޭގޮތް ދެނެގަނެ އެކަން ބެލުމަށްޓަކައި ވަރަށް ގިނަ ވަގުތު ހޭދަކުރާ މީހުން. މިކަމުގެ ސަބަބުން، އެއްވެސް ސަބަބެއްނެތި މިޔަރު އިންސާނުންނަށް ހަމަލާދިނުމަކީ ވަރަށް މަދުންނޫނީ ނުފެންނާނެކަމެއްކަން އެމީހުންނަށް އެނގޭނެ. މީގެ ބަދަލުގައި މަސްވެރިންނަކީ މިޔަރުގެ އުޅުން ގާތުން ބެލުމުގެ ފުރުސަތު އަދި ވަގުތު ލިބިފައިވާ ބަޔަކަށް ނުވެދާނެ. މަސްވެރިން ގިނަ ފަހަރު މަސް ހިފުމަށްޓަކައި އެން ކަނޑަށް އެޅުމުން، އެތަންތަނަށް މިޔަރު އައުން އެކަށީގެންވޭ،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އާންމުންގެ ތެރޭގައި މިޔަރާ މެދު އޮންނަ ބިރުވެރިކަން އިތުރުވެފައިވަނީ، އާންމުކޮށް ފިލްމުތަކުންނާއި ޓީވީއިން މިޔަރަކީ ބިރުވެރި އެއްޗެއްގެ ގޮތުގައި ސިފަކޮށްފައިވާތީކަމަށްވެސް ޝާހާ ވިދާޅުވިއެވެ.
"މަސްވެރިކަމުގެ އުފެއްދުންތެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި ވެސް މިޔަރަކީ މުހިންމު ދައުރެއް އަދާކުރާ މަހެއްކަން ގަބޫލުކުރަންޖެހޭ. އެޕެކްސް ޕްރީޑޭޓަރުންގެ ހައިސިއްޔަތުން، ކަނޑުގެ ތިމާވެށީގެ ނިޒާމުތަކުގެ ހަމަހަމަކަން ދެމެހެއްޓުމަށް މިޔަރު އެހީވެދޭ. އެހެންނަމަވެސް، މިޔަރު ދިރިއުޅޭ ސަރަހައްދު ތަކުގައި ސަމާލުވާންޖެހޭނެ. އެއީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މިޔަރާއި އެކީގައި ދިރިއުޅުމަށް ވަރަށް މުހިއްމު ކަމެއް،" އޭނާ ވިދާޅުވިއެވެ.
މިޔަރު ބަލަން ޑައިވްކުރުމާއި ފަތުރުވެރިކަން
މިޔަރު ބެލުމަށް ޑައިވްކުރުމަކީ ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިތުރަށް މަގްބޫލުވެފައިވާ ސަބަބެކެވެ. ހާއްސަގޮތެއްގައި ޑައިވަރުންގެ މެދުގައި ރާއްޖެއަށް އުފެދިފައިވާ ޝައުގު އިތުރުވެފައިވެއެވެ. އެހެންކަމުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑައިވިން އިންޑަސްޓްރީ ވަނީ އިތުރަށް ފުޅާވެފައެވެ.
2012 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މިޔަރު ޑައިވަރުންގެ ސަބަބުން ވިޔަފާރިތަކަށް ސީދާ އާމްދަނީގެ ގޮތުގައި 14.4 މިލިއަން ޑޮލަރު ލިބިފައިވެއެވެ. މީގެ އިތުރުން، ޑައިވިންއާއި ގުޅުން ހުރި ވިޔަފާރިތަކަށް 51.4 މިލިއަން ޑޮލަރުގެ އާމްދަނީ ލިބިފައިވެއެވެ. އަދި މި މަސައްކަތުގެ ސަބަބުން ޓެކްސް އާމްދަނީގެ ގޮތުގައި 7.2 މިލިއަން ޑޮލަރު ލިބިފައިވެއެވެ. މި ސިނާއަތުން އެކަނި 239 ވަޒީފާ އުފައްދާފައިވާއިރު، މި ވަޒީފާތަކުގެ މުސާރައިގެ ގޮތުގައި 4.1 މިލިއަން ޑޮލަރު ދެވިފައިވެއެވެ.
ރާއްޖޭގެ ދެކުނުގައިވާ އަތޮޅެއްކަމަށްވާ ފުވައްމުލަކަކީ ދުނިޔޭގެ އެންމެ ގިނަ ފެމުނު މިޔަރުގެ އާބާދީ އޮތްތަނުގެ ގޮތުގައި މުޅި ދުނިޔެއަށް މަޝްހޫރުވެފައިވާ ރަށެކެވެ. އެހެންކަމުން، މިރަށުގައި ޑައިވްކުރުމުގެ ސިނާޢާތްވަނީ ކުރިއަރައިގެންގޮސްފައެވެ. އެހެންނަމަވެސް، ފަތުރުވެރިން މުނިފޫހިފިލުވުމަށްޓަކައި، އެއްވެސް ބެލުމެއްނެތި މިޔަރުތަކަށް ކާންދެމުންގެންދާތީ މިރަށުގެ ޑައިވަރުންނަށްވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
"ދަ ޓައިމްސް" އިން މިދިޔަ ހަފުތާގައި ރިޕޯޓްކުރި އާ ދިރާސާއަކުން ދައްކާ ގޮތުގައި މިޔަރާއެކީ ސެލްފީ ނެގުމަށް މަސައްކަތްކުރާ އިންފްލުއެންސަރުންގެ ސަބަބުން މިޔަރުގެ ހަމަލާތައް ވަނީ އިތުރުވެފައެވެ. މިގޮތުން، ހަވާއީގެ މަސްމަހާމެހި ހިމާޔާތްކުރުމުގެ މަސައްކަތްކުރަމުން އަންނަ ފަރާތެއްކަމަށްވާ، އޯޝަން ރަމްސޭ ގެ ޕޯސްޓުތައް ދަ ޓައިމްސް އިން ވަނީ ފާހަގަކޮށްފައެވެ. ރަމްސޭ އަކީ އާންމުކޮށް ނުރަނގަޅުކޮށް ގާތުން މިޔަރާއި މުއާމަލާތްކުރާތަން ރިކޯޑުކުރުމަށްފަހު ހިއްސާ ކުރާ ފަރާތެކެވެ.
ރަމްސޭ އަކީ ވަރަށް ގިނައިން ރާއްޖެއަށް ދަތުރުކޮށް ރާއްޖޭގެ ކަނޑުތަކުގެ ވީޑިއޯ ހިއްސާކުރާ ފަރާތެކެވެ. އެގޮތުން، މީނާ ރާއްޖޭގައި ފްރީޑައިވްކޮށް، މިޔަރު ދަތުރުކުރާ ރާސްތާ ބަދަލުކޮށް، "ރީޑައިރެކްޓް" ކުރުމަށްކަމަށް ބުނެ މިޔަރުގެ ބޮލުގައި އަތްޖައްސާލާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އޭނާ ހިއްސާކޮށްފައިވެއެވެ.
"18 ފޫޓު ބޮޑު ޝިކާރަކުރާ މަހެއްގައިގަ އަތްނުލާށޭ ބުނަންވެސް ޖެހޭތީ އަޅުގަނޑު ހަމަ ހައިރާންވޭ. އެކަމަކު މިހާރު މިވަނީ މިހެންވެސް ބުނަން ޖެހިފައި،" މެރިން ބަޔޮލޮޖިސްޓް ޑޭވިޑް ޝިފްމަން ވޮޝިންޓަން ޕޯސްޓަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެއެވެ.
މިޔަރަށް ކާންދިނުމުގެ ނުރައްކާ
ޑައިވް ސެންޓަރެއް ހިންގަމުން އަންނަ ތަޖުރިބާކާރު ޑައިވަރު އަބްދުالله ހަސްރަތު "ހައްތު" ބުނެފައިވާ ގޮތުގައި، ހާއްސަކޮށް މިޔަރު ބެލުމަށްޓަކައި ޑައިވްކުރުމުގެ އާދަތައް އޭނާ މިދާއިރާގައި އުޅެފައިވާ 30 އަހަރާ އަޅާ ބަލާއިރު، މިހާރު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ޑައިވް ސެންޓަރުތަކުން ދަނީ މިޔަރުގެ ޝައުގުވެރިކަން ހޯދުމަށްޓަކައި މަހުގެ ކަރުގޮހޮރު ފަދަ ބާވަތްތައް ބަރާބަރަށް މޫދަށް އަޅަމުންނެވެ. އެއަށްފަހު ޑްރޯން އަދި ކަނޑު އަޑީގެ ކެމެރާތައް ބޭނުންކޮށްގެން ފަތުރުވެރިންނަށް މި މަންޒަރުތަކުގެ ފޮޓޯތަކާއި ވީޑިއޯ ނަގައިދެއެވެ. މިކަމުގެ ސަބަބުން، މިޔަރުގެ ގުދުރަތީ އުޅުން ބަދަލުވެ، އިންސާނުންނާއި މިޔަރުގެ ކާނާއާއި ގުޅުވާލެވެއެވެ.
"ޑައިވިންއަށް އަންނަ މީހުންގެ ތެރެއިން ގާތްގަނޑަކަށް 70 އިންސައްތަ މީހުންނަކީ އަސްލު ޑައިވަރުންނެއް ނޫން. އެމީހުންނަކީ ވަކި ތަޖުރިބާއެއްކުރުމަށް ޑައިވްކުރާ ބައެއް،" ހައްތު ކިޔައިދިނެވެ. "ޑައިވަރުންނަކީ ހަގީގަތުގައި ކަނޑާއި މޫދަށް ވަރަށް ލޯބިކުރާ ބައެއް. ޑައިވްކުރާ އިރު ހަމައެކަނި ކުދި މަސް ފެނުނަސް އެމީހުން އެކަމަށް އުފާކުރާނެ. ނަމަވެސް، މިހާރު ޑައިވްކުރަން އަންނަ ގިނަ މީހުން ބޭނުންވާނީ ވަކި ކަމެއްގެ ފޮޓޯއެއް ނަގަން. އެހެންކަމުން، އެމީހުންނަކީ ކަނޑަށް ލޯބިކުރާ ބައެއްކަމަށް ނުބެލެވޭ. އާމްދަނީ ހޯދުމަށްޓަކައި ޑައިވް ސްކޫލްތަކަށް ޖެހެނީ "ޝޯއެއް" ބާއްވަން. މިޔަރަށް ކާންދިނުމާއި، ފޮޓޯ ނެގުން ފަދަ ކަންކަން އާންމުވެފައިވަނީ މިސަބަބަށްޓަކައި. މިކަންތައްތައް ގުތުން ހުއްޓާނުލެވޭނަމަ، މުސްތަގުބަލް ފެންނަނީ އަނދިރިކޮށް،" އޭނާ ބުންޏެވެ.
"އެމްބޫޑޫ އެކްސްޕްރެސް ނުވަތަ މާޔާ ތިލަ ފަދަ ޑައިވް ސައިޓްތަކަށް އަޅުގަނޑުމެން ކުރިން ޑައިވްކުރަނީ މިޔަރުގެ "ޝޯތައް" ބެލުމަށް. އެހެންނަމަވެސް، މިހާރު މި ޝޯ ހިންގަނީ ޑައިވަރުންނެވެ. އަޅުގަނޑުމެންނަކީ މިހާރު ހަމައެކަނި ބެލުންތެރިންނެއް ނޫން، އަޅުގަނޑުމެން މިހާރު މިވަނީ މި ޝޯގެ ޕާފޯމަންސް އިންތިޒާމްކުރާ މީހުންނަށްވެފައި." އޭނާ ބުންޏެވެ.
މިޔަރުތަކަށް ކާންދީ އެކަމަށް މިޔަރު ޝައުގުވެރިކުރުވުމުގެ ސަބަބުން ދުވާލެއްގެ މައްޗަށް އެތަކެއް މިޔަރުގެ ހާދިސާ ހިނގަމުންދާކަމަށް ހައްތު ބުންޏެވެ. އަދި ރިޕޯޓު ނުކުރާ އެތައް ހާދިސާއެއް ގާތްގަނޑަކަށް ކޮންމެ ދުވަހަކު ހިނގާކަމަށް އޭނާ ފާހަގަކުރިއެވެ.
"ހުޅުމާލޭގައި އެކަނިވެސް 7 އަށް ވުރެ ގިނަ ހާދިސާ ރިޕޯޓް ކޮށްފައިނުވޭ. ހާދިސާތައް ރިޕޯޓު ކުރަނީ އެކަމުގެ ފޮޓޯތައް ލީކުވުމުން އެކަނި. ދަތް އެޅުމުގެ ހާދިސާ ނޫނަސް، ފުދޭވަރަކަށް ބިރުވެރި ހާދިސާ ގާތްގަނޑަކަށް ކޮންމެ ދުވަހަކު ވެސް ހިނގާ،" އޭނާ ބުންޏެވެ.
ހުޅުމާލޭގެ ޑައިވް އިންޑަސްޓްރީގެ ތެރޭގައި ގަވާއިދުތައް ގާއިމްކުރުމަށް ކުރާ މަސައްކަތްތަކަށް ޒުވާން ޑައިވަރުން ވަނީ ދެކޮޅު ހަދާފައި. މިއީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ހަރަކާތްތެރިވާ އަދި، ކޮންމެ ގޮތެއްހަދައިގެންވެސް ކަސްޓަމަރުން މުނިފޫހިފިލުވަން ބޭނުންވާ ބައެއް،" ހައްތު ކިޔައިދިނެވެ.
މާފުއްޓަކީ މިކަމުގެ ވަރަށް ބޮޑު މިސާލެއް. އެމީހުން މިޔަރަށް ކާން އަޅައި މިޔަރު ކައިރިއަށް އައުމުން، އެ މަންޒަރު ޑްރޯނުންނާއި ކަނޑު އަޑިން ނެގުމަށްފަހު އެ ފޮޓޯތައް ވިއްކާލަނީ،" އޭނާ ބުންޏެވެ.
ހަރުދަނާ ގަވައިދުތައް ތަންފީޒު ކޮށްގެން މެނުވީ މި ދާއިރާއަށް ކުރިމަތިވެފައިވާ "އަނދިރި މުސްތަގުބަލުން" ސަލާމާތްނުވެވޭނެކަމަށް ހައްތު ލަފާކުރެއެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މިޔަރު ބެލުމަށް ފަތުރުވެރިން އައުމަކީ ރަނގަޅު ކަމެއް. އެކަމަކު އެކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ހަރުދަނާ ގަވާއިދުތައް ގާއިމުކުރަންޖެހޭ. އަޅުގަނޑުމެ މިކަމާ ދެކޮޅު ހަދަނީ ނޫންކަން މީހުންނަށް ވިސްނައިދޭން ޖެހޭ. އަޅުގަނޑުމެން މި މަސައްކަތްކުރަނީ މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް،" އޭނާ ބުންޏެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ
ގުޅުންހުރި ޓެގްސް
އިތުރު ލިޔުންތައް

"ސަލާމަތުން ގޮސް، އަމިއްލަ ވަޒަނުގައި ދެން އަވަހަކަށް ނޫޅެވޭނެކަން އެނގުނު" ޝަހިންދާ އިސްމާޢީލް
27 ނޮވެމްބަރު

"ޕާޓީތަކާމެދު މާޔޫސްވެއްޖެ" - ވޯޓު ލާ ޢަދަދު މަދުވެ، އެފަރަގު ރަށްފުށާއި ސިޓީތަކުގެ ދެމެދު ބޮޑުވަނީ
02 ނޮވެމްބަރު

"ބާރުވެރިކުރުވާކަށް މީހަކަ ނާންނާނެ! އަހަރުމެން ބާރުވެރިވާންޖެހޭނީ އަމިއްލައަށް!" ހަތަރު ދައުރު ކައުންސިލަރަކަށް އިންތިޚާބުވި ސާމިޔާ
30 އޮކްޓޯބަރު

