މޫސުން ބަދަލުގެ އާދަޔާ ޚިލާފަށް ގޯސްވުމުގެ ސަބަބުން، ރާއްޖެއަށް ދަނީ އަސަރު ކުރަމުން
3 ޖަނަވަރީގައި މާލެއަށް ވަނީ ރިކޯޑު އަދަދަކަށް ވާރޭ ވެހިފައެވެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
11 ފެބްރުއަރީ
ކުރިމަތިވި މަޖުބޫރީ ހާލުގެ ސަބަބުން، މާލޭގެ ވަށައިގެންވާ ތޮށިގަނޑުން ބައެއް ވަނީ އެތެރޭގައި އުފެދިފައިވާ ފެންގަނޑު ހިންދުމަށްޓަކައި ތަޅާލާފައެވެ. މިކަމުގެ ސަބަބުން، އުފެދިފައިވާ ފެންގަނޑު މާލޭގެ ހުޅަނގުގައިވާ އާޓިފިޝަލް ބީޗް މެދުވެރިކޮށް ވަނީ ހިންދާލެވިފައެވެ.
ޖަނަވަރީ މަހުގެ 3 ވަނަ ދުވަހު ވަގުތީ ގޮތުން ފެން ހިންދާނެ ޗެނަލް އެއް ކަނޑާފައިވަނީ، މާލޭގެ މަގުމަތީގައި ކަކުލާ ހަމައަށް އަރާވަރަށް ފެން ބޮޑުވެ، ފެންބޮޑުވުމުގެ ސަބަބުން މާލޭގެ ގެތަކުންނާއި ވިޔަފާރިތަކުން ކޮށްފައިވާ 800 އަށްވުރެ ގިނަ ރިޕޯޓުތަކަށް ހައްލު ހޯދައިދިނުމަށް މާލޭގެ އޮފިޝަލުންނާއި ކުއްލި އިމަރޖެންސީ ރިސްޕޯންޑަރސް މަސައްކަތްކުރާތާ، އެތައް ގަޑިއިރެއްވި ފަހުންނެވެ.
އެންމެ ދެ އަކަ ކިލޯމީޓަރު ބޮޑު މާލެއަކީ މަދުން ވާރޭ ވެހުނު ނަމަވެސް ފެންބޮޑުވުމުގެ ފުރުސަތު ބޮޑު ރަށެކެވެ. މި ސިޓީއަކީ މަގުމަތީގައި ފެންބޮޑުވުމާއި ނަރުދަމާގެ މައްސަލަތައް ކުރީއްސުރެ އޮންނަ، މިކަމާ ގުޅިގެން މަޖާ އެތައް މީމްތަކެއް ހެދިފައިވާ ސިޓީއެކެވެ. އެހެންނަމަވެސް، މި ފަހަރު ވާރޭ ވެހިފައިވަނީ އާދަޔާ ޚިލާފު މިންވަރަކަށެވެ. އެގޮތުން، އެންމެ ތިން ގަޑިއިރުގެ ތެރޭގައި 110 މިލިމީޓަރުގެ ވާރޭ މާލެއަށް ވަނީ ވެހިފައެވެ.
"މިއީ އާދަޔާ ޚިލާފަށް މޫސުމް ގޯސްވުމުގެ ހާދިސާއެއް،" ރާއްޖޭގެ މޫސުމާބެހޭ އިދާރާގެ ސީނިއަރ ކްލައިމެޓޮލޮޖިސްޓް އަޙްމަދު ޝަބީން ވިދާޅުވިއެވެ. " ދިގު މުއްދަތުގެ މޫސުމާ ބެހޭ ތަފާސް ހިސާބުތަކުން މިކަން ދައްކުވައި ނުދެވުނު ކަމުގައި ވިޔަސް، މޫސުމަށް އަންނަ ބަދަލުތަކުން އަންދާޒާކުރެވިފައިވާ ކަންކަން އަޅުގަނޑުމެންނަށް މިހާރު މިދަނީ ފެންނަމުން،" އޭނާ ތަފްސީލްކޮށްދެއްވިއެވެ.
ފިނިހޫނުމިން މައްޗަށް ދާވަރަކަށް އިތުރަށް އާންމުވާނެ ކަމަށް ބެލެވޭ "ހައި އިންޓެންސިޓީ، ހައި ފްރިކުއެންސީ" އިވެންޓްގެ ގޮތުގައި އޭނާ ސިފަކުރާ ހާދިސާތައް މިހާރު މޫސުމާ ބެހޭ މާހިރުންނަށް މިދަނީ ފެންނަމުންނެވެ. "މިހާރު އަޅުގަނޑުމެން ތަޖުރިބާ ކުރަމުން މިދަނީ މޫސުމާ ބެހޭ މާހިރުން އަންދާޒާ ކޮށްފައިވާ ކަންކަން،" އޭނާ ވިދާޅުވި އެވެ. 2024
ވަނަ އަހަރުގެ އޭޕްރީލް މަހު މާލޭގެ "ފީލްސް ލައިކް" ފިނިހޫނުމިން ވަނީ 46 ޑިގްރީ ސެލްސިއަސްގެ ރެކޯޑް އަދަދަކަށް އަރާފައެވެ. މިދިޔަ އަހަރު ދުނިޔޭގެ ފިނިހޫނުމިން ފުރަތަމަ ފަހަރަށް އިންޑަސްޓްރިއަލް ރެވަލިއުޝަންގެ ކުރިން ހުރި މިންވަރަށްވުރެ 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ގޮސްފައިވެއެވެ. މިކަމުގެ ސަބަބުން، ފިނިހޫނުމުންވަނީ 2015 ވަނަ އަހަރުގެ ކްލައިމެޓް އެކޯޑްސްގައި ކަނޑައަޅާފައިވާ އަމާޒަށް ވުރެ މައްޗަށް ގޮސް، ދުނިޔޭގެ މޫސުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް އައިސް، ދިވެހިރާއްޖޭގެ ކުރިމަގާ ދޭތެރޭގައި މިވަނީ ސުވާލު އުފެދިފައެވެ.
ޝަބީން ވިދާޅުވީ ފިނިހޫނުމިން އިތުރުވުމުގެ ސަބަބުން ވާރޭވެހުމުގެ ވައްޓަފާޅިއަށް ބަދަލު އަންނާނެ ކަމަށެވެ. އެހެން ނަމަވެސް، ދުނިޔޭގެ އެހެން ހިސާބުތަކަށް ކުރިމަތިވާ ނުރައްކަލުގެ އަސަރުތަކުން ރާއްޖެ ސަލާމަތްވުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތުން، އީކުއޭޓަރގެ މަތީގައި ރާއްޖެ އޮންނާތީ، މިގައުމަށް ސައިކްލޯނެއް އައުމުގެ ފުރުސަތު ވަރަށް ކުޑައެވެ. "މި ސަރަހައްދު ކައިރީގައި އުފެދޭ ސިސްޓަމްތަކުގެ އަސަރު އަޅުގަނޑުމެންނަށް ކުރުމަކީ ވުން މާ ގާތްކަމެއް،" އޭނާ ވިދާޅުވިއެވެ.
މި ސަރަހައްދުގައި އުފެދޭ ސައިކްލޯންތައް އާންމުގޮތެއްގައި ކޮމޮރިން ކަނޑުގެ ތެރެއަށް ނުވަދެއެވެ. ސައިކްލޯންތަކަކީ ސްރީލަންކާގެ ހުޅަނގުން އުފެދި، ބޭ އޮފް ބެންގާލްއާ ދިމާލަށް ދަތުރުކޮށް، އޮޑިޝާ ނުވަތަ ބަންގްލަދޭޝްއާ ދިމާލަށް ދަތުރުކުރާ އެއްޗެކެވެ. އަރަބި ކަނޑުގައި އުފެދޭ ސައިކްލޯން އާންމުގޮތެއްގައި ދަތުރުކުރަނީ އޮމާން ނުވަތަ ޕާކިސްތާނާ ދިމާއަށެވެ. "އެކަމަކު ދާދި ފަހުން، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި، ސްރީލަންކާގެ ދެކުނުގައި އުފެދޭ ސައިކްލޯނިކް ސިސްޓަމްތައް އިތުރުވެ، އަރަބި ކަނޑާ ދިމާލަށް ދަތުރުކުރާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވޭ. އެ ސިސްޓަމްތައް ބަދަލުވެގެންދަނީ ބޮޑެތި ސައިކްލޯންތަކަށް. މިކަމުން ދޭހަވަނީ މި ނިޒާމުތައް ރާއްޖެއާ ވަރަށް ކައިރީގައި އުފެދެމުންދާކަން. އެހެންވީމާ، ސައިކްލޯންއެއްގެ މިސްރާބަށް ކުޑަ ބަދަލެއް އައިސްފިނަމަވެސް، އޭގެ އަސަރު ރާއްޖެއަށް، ވަކިން ޚާއްޞަކޮށް އުތުރުގެ ސަރަޙައްދަށް ކުރާނެ،" ޝަބީން ތަފްސީލުކޮށް ދެއްވިއެވެ.
"އަދި މިފަދަ ކަމެއް ހިނގާފައިނުވޭ. އެކަމަކު މިކަންތައް ތަކުރާރުވަމުންދާތީ، މިފަދަ ކަމެއް ހިނގުމުގެ ފުރުސަތު އެބައޮތް،" އޭނާ ވިދާޅުވިއެވެ.
މިހާރު އާންމުވެފައިވާ އާދަޔާ ހިލާފު ކަންކަން
ޖަނަވަރީ 3 ގައި ރިޕޯޓު ކޮށްފައިވާ ރިކޯޑު އަދަދުގެ ވިއްސާރައަކީ، މިހާރަކަށް އައިސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދާ ކަމެކެވެ. އެތައް ދުވަހެއްގެ ވާރޭ މިހާރު ވެހެނީ މަދު ގަޑިއިރެއް ތެރޭގައެވެ.
"އޮބްޒަވޭޝަންތަކާއި ދިރިއުޅުމުގެ ތަޖުރިބާތަކަކީ ވެސް މޫސުމާ ގުޅޭ ރެކޯޑްތަކެއް،" ޝަބީން ވިދާޅުވި އެވެ. މާލޭގެ ގޭބިސީތަކަށް 2.2 މިލިއަން ރުފިޔާ (142،670 އެމެރިކާ ޑޮލަރު) ގެ ގެއްލުން ވެފައިވެއެވެ. މިއީ ރާއްޖޭގެ ވެރިރަށުގެ ތާރީހުގައި ވެސް އެންމެ ބޮޑު ގެއްލުމެއްލިބުނު ފަހަރު ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން، މި އޮތޯރިޓީއިން ވަނީ 36 ގޭބިސީއަކުން 226 މީހަކަށް ވެލިބަސްތާ ފޯރުކޮށްދީ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައެވެ. މިއީ ފެންބޮޑުވުމާ ގުޅިގެން މިހާތަނަށް ހިންގި އެންމެ ބޮޑު އޮޕަރޭޝަނެވެ. މާލެ ފިޔަވައި، އިތުރު 8 ރަށަކަށްވެސް ވަނީ ގެއްލުންވެފައެވެ. އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ފ.ނިލަންދޫއަށެވެ. އެގޮތުން، އެ ރަށުގެ 80 އަންސައްތައިގައި ވަނީ ފެން ބޮޑުވެފައެވެ. މާލެއާ ކައިރީގައި އޮތް ކ. ހިންމަފުށިން ވަނީ 60 އިންސައްތަ ގޭބިސީއަށް ގެއްލުންވެފައިވާކަމަށް ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން އުތުރުގައިވާ ރ. އިނގުރައިދޫ އާއި ށ. މަރޮށީއަށް އުދަ އެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ޖަނަވަރީ މަހުގެ 2 ވަނަ ދުވަހު، ވެހެމުންދިޔަ ވިއްސާރައަށް ލުޔެއް ލިބުމާއެކު މެޓް އޮފީހުން ވަނީ އިރުއުތުރު މޫސުން ފެށިފައިވާކަމަށް ރަސްމީކޮށް އިއުލާނުކޮށްފައެވެ. ދިވެހި ބަހުގައި އިރުވައިގެ ނަމުން ނަން ދީފައިވާ ހޫނު މޫސުން އާންމުކޮށް ފެށެނީ ޑިސެމްބަރު މަހުގެ މެދުތެރޭގައެވެ. ނަމަވެސް މިއަހަރުގެ އިރުވައި މޫސުމުގެ ފެށުމަކީ، މީގެ ހަތް އަހަރު ކުރިން މެޓް އޮފީހުން މޫސުމާ ގުޅޭ މައުލޫމާތު އެއްކުރަން ފެށީއްސުރެ ރިކޯޑު ކުރެވުނު އެންމެ ފަހުން ފެށުނު އިރުވައި މޫސުމެވެ.
ހުނޅަގުގެ ނަމުން ނަންދެވިފައިވާ ހުޅަނގުގެ ވިއްސާރަ މޫސުމް އާންމުގޮތެއްގައި މެއި މަހުގެ މެދުތެރެއިން ފެށިގެން ނޮވެމްބަރު މަހާ ހަމައަށް ދެމިގެންދެއެވެ. ޑިސެންބަރު މަހާއި އޭޕްރީލް މަހަކީ މޫސުމް ބަދަލުވަމުން އަންނަ މަހެވެ.
ލ.ފޮނަދޫގެ ދަނޑުވެރިއެއް ކަމަށްވާ އަބްދުލް އަޒީޒް އަކީ 150 ދަނޑުގައި ގާތްގަނޑަކަށް 2،000 ކަރާ ވެޔޮ ހައްދަމުންދިޔަ މީހެކެވެ. އެރަށަށް ބޯކޮށް ވާރޭ ވެހި، ދަނޑުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، މީނާގެ ކަރާ ވެޔޮތައް ވަނީ މަރުވެފައެވެ.
"އާ އަހަރުގެ ވިއްސާރައިގެ އަސަރު މިރަށުގެ އެންމެންނަށް ކޮށްފައިވޭ. އަޅުގަނޑަށް ފެންނަ ގޮތުގައި މި އަހަރު ރަމަޟާން މަހު ކަރާގެ އަގު މައްޗަށްދާނެ،" މޯލްޑިވްސް އިންޑިޕެންޑެންޓަށް މައުލޫމާތު ދެމުން އޭނާ ބުނެފައިވެއެވެ.
ކަރާ ހެއްދުމަށް އެންމެ މަޝްހޫރު ރަށްކަމުގައިވާ ތޮއްޑޫގެ އިތުރުން ލ. އަތޮޅަކީވެސް ރާއްޖެއަށް ގިނައަދަދެއްގެ ކަރާ ފޯރުކޮށްދޭ އަތޮޅެއްކަމުގައި އޭނާ ބުނެފައިވެއެވެ. ރޯދަ މަހު ރޯދަ ވީއްލުމަށް އެންމެ މަގުބޫލު ބުއިމަކީ ކަރާ ފަންޏެވެ.
އެހެން މީހުންނާ ބަލައި، ފެންބޮޑުވުމުގެ ސަބަބުން އަޒީޒަށް ލިބިފައިވާ ގެއްލުން ކުޑައެވެ. އޭނާގެ ދަނޑުތަކުން ލިބިފައވާ ގެއްލުން، މީނާގެ 6 ކުޑަ ގްރީންހައުސްގައި ހައްދާފައިވާ އުފެއްދުންތައް ވިއްކައިގެން ފޫބެއްދިފައިވެއެވެ. މި ގްރީން ހައުސްތަކަކީ މީނާއަށް ލިބިފައިވާ ހިލޭ އެހީގައި އަޅާފައިވާ ތަންތަނެވެ. ވާޓިކަލް ދަނޑުވެރިކަމުގެ އުކުޅުތައް ބޭނުންކޮށްގެން މީނާ ދަނީ މި ގްރީންހައުސް ތަކުގައި 260 ކަރާ ވެޔޮ، ލެޓިއުސް، ކިއުކަމްބަރ އަދި މެލަން ހައްދަމުންނެވެ.
"އަޅުގަނޑަށް ހީވަނީ މިއީ މިހާރު ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރެވޭނެ ގޮތްހެން. މިހާރު މުޅި އަހަރުގެ ތެރޭގައި ބޯކޮށް ވާރޭ ވެހެމުން މިދަނީ، ހަމައެކަނި ހުޅުނގު މޫސުމުގައެއް ނޫން. އެހެންކަމުން، ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރަން ބޭނުންނަމަ މިކަން ކުރަންޖެހޭނީ ވިސްނުންތެރިކަމާ އެއްކޮށް،" އޭނާ ބުންޏެވެ.
ކުރީގައި ގެންގުޅުނު ބުއްދިވެރި ވިސްނުން
ލ. ހިތަދޫގެ މަސްވެރިއެއް ކަމަށްވާ އަބުދުލް މާޖިދު ހުސައިން ވަނީ މީގެ 38 އަހަރު ކުރިން މީނާ މަސްވެރިކަން ކުރަން ފެށި އިރާ އަޅާ ބަލާއިރު، މިހާރު މޫސުން ބަދަލުވެފައިވާ ގޮތް ފާހަގަކޮށްފައެވެ. "ހުޅަގުގައި އަޅުގަނޑުމެންނަށް ފެންނަ ގަދަ ވަޔާއި ބޯ ވާރޭ، މިހާރު އިރުވައި މޫސުމުގައިވެސް ފެނޭ،" އޭނާ ބުންޏެވެ.
ނަމަވެސް މިފަހުން މަސްވެރިކަން ވަރަށް ރަނގަޅު ވެފައިވާކަމަށް މާޖިދު ބުންޏެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ކަންނެލި ދޯނިން މިދިޔަ ހަފުތާގައި މ. އަތޮޅުގެ އިރުމަތީގައި އޮތް ބޮއިއެއް ކައިރިން ވަރަށް ގިނަ އަދަދަކަށް މަސް ބާނާފައިވެއެވެ. ފަޅުވެރިންނާއި މަސްވެރިންގެ ހައިސިއްޔަތުން ދިވެހީންގެ ދިރިއުޅުމުގެ އާދަކާދަ ވަރަށް ބޮޑަށް ގުޅިފައި އޮތީ މޫސުމާއެވެ. ހާއްސަކޮށް އުތުރުގެ އަތޮޅުތަކުގައި އިރުވައި މޫސުމް ތެރޭގައި މުޅި ސަރަހައްދުގައި ވައިޖެހޭ މިންވަރު ރަނގަޅުވެ، މަސްވެރިކަން ތިޔާގިވެއެވެ. ހުޅުނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން މަސްވެރިންނަށް ރަށްތަކާ ކައިރީގައި އުޅެން މަޖުބޫރުވެއެވެ. ހުޅަނގު މޫސުމުގެ ވިއްސާރަ އައުމަކީ ކުރީގައި، ހޫނު މޫސުމަށް ބޭނުންވާ ވާރޭ ފެން އެއްކޮށް ރައްކާކުރަން ފެށުމަށް ލިބޭ އިޝާރާތެކެވެ.
ނަކަތްތައް އުފައްދާފައިވަނީ މިފަދަ ކުރީގެ އިލްމު ބޭނުންކޮށްގެންނެވެ. ނަކަތްތަކަކީ، ދެ ހަފްތާއަށް ދެމިގެންދާ ސައިކަލްތަކެއް ހިމެނޭ، ދިވެހީންނަށް މޫސުމާ ގުޅޭ މައުލޫމާތު ލިބޭ ގޮތަށް އެކުލަވާލާފައިވާ ކަލަންޑަރ ސިސްޓަމެކެވެ. ކޮންމެ ސާދަ ދުވަހެއްގެ ސައިކަލްގައިވެސް ހާއްސަ ސިފަތަކެއް އެކުލެވިގެންވެއެވެ. އެގޮތުން، ކޮންމެ ނަކަތެއްގައިވެސް ވަކި ވަތްތަރެއްގެ މަސް ގިނަވާކަން ފާހަގަކުރެވޭނެއެވެ. މިގޮތުން، އިރުވައި މޫސުމުގެ ފުރަތަމަ ނަކަތްކަމުގައިވާ މުލާގައި، ކަންނެލި މަސް ތިޔާގިވެ، ލައްޓި ބެނޭ މިންވަރު މަދުވާނެއެވެ. އުތުރުގެ އަތޮޅުތަކުގައި އެން ތިޔާގިވާނެއެވެ.
ގްރެގޯރިއަން ކަލަންޑަރުގައި މި ދުވަސްތައް ހިމެނެނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހާ ދެމެދުއެވެ. ނަމަވެސް ނަކަތްތައް މައިގަނޑު ގޮތެއްގައި ބިނާވެފައި ވަނީ ހަލުވިކޮށް ބަދަލުވަމުން އަންނަ ޓްރޮޕިކަލް މޫސުމުގެ މައްޗަށެވެ. އެއީ މިޒަމާނުގެ ކަލަންޑަރު ފަދައިން އަންދާޒާކުރެވޭ އަދި ވަކި ގޮތަކަށް ކަނޑައެޅި ނިމިފައިވާ އެއްޗެއް ނޫނެވެ. "މިކަމުގެ ސަބަބުން، މޫސުމަށް އަންނަ ބަދަލުތަކަށް ބިނާކޮށް ބަދަލުކުރުމުގެ ފުރުސަތެއް ނުލިބޭ. މާ ބޮޑު އެލައިންމެންޓެއް ނުލިބެނީ މި ސަބަބާހުރެ،" ކްލައިމެޓޮލޮޖިސްޓް ޝަބީން ވިދާޅުވިއެވެ.
ސްރީލަންކާ އާއި ދެކުނު އިންޑިޔާއިން އުފެދިފައިވާ ނަކަތްތަކަކީ އުތުރުގެ އަތޮޅުތަކަށް މާ އިތުބާރުކުރެވޭ ސިސްޓަމެއްކަމަށް ބައެއް މީހުންދެކެއެވެ. ޝަބީން ވިދާޅުވީ އުތުރާއި މެދުރާއްޖެތެރެ އާއި ދެކުނުގެ ސަރަޙައްދުތަކަށް ކުރާ ވިއްސާރައިގެ ވައްޓަފާޅި ތަފާތުވާނެ ކަމަށެވެ.
ޖަޒީރާވަންތަކަމުގެ ސަބަބުން ރައްކާތެރިކަން ކަށަވަރުކުރަން ދަތިވުން
ވައި ނުވަތަ ފިނިހޫނުމިނާ ޚިލާފަށް، ވިއްސާރަކުރާނެ އަދަދަކީ އަންދާޒާކުރުމަށް އުނދަގޫ އެއްޗެކެވެ. އަދި ރާއްޖޭގައި މޫސުމާ ބެހޭ ގިނަ އަހަރުތަކެއްގެ ތަފްސީލް ރައްކާކުރެވިފައިނެތެވެ. މިކަމުގެ ސަބަބުން، ތަފާސް ހިސާބުތައް ބޭނުންކޮށްގެން މުހިއްމު ނިންމުންތައް ނިންމަން އުނދަގޫވާކަމަށް ޝަބީން ވިދާޅުވިއެވެ. މޫސުމާ ބެހޭ މިހާރުގެ ތަފާސް ހިސާބުތައް އެއްކުރަނީ، އަޔަލޭންޑް، ޕޯޗުގަލް ނުވަތަ ޔޫއޭއީއަށް ވުރެ ބޮޑު އިންޑިއާ ކަނޑުގެ 90،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ހިމެނޭ މި އާކިޕެލަގޯގައި ގާއިމްކޮށްފައިވާ އެންމެ ފަސް މޮނިޓަރިން ސްޓޭޝަނުންނެވެ.
އެހެންނަމަވެސް، ފާހަގަކުރެވޭ ބައެއް މޫސުމާ ގުޅޭ ވައްޓަފާޅިތައް އެބަހުއްޓެވެ. އެގޮތުން، ދެކުނުގެ ރަށްތަކަށް އެންމެ ގިނައިން ވާރޭ ވެހުނު ނަމަވެސް މި ރަށްތަކަށް ޖެހޭ ވައިގެ މިންވަރު އެވްރެޖް ގޮތެއްގައި ކުޑައެވެ. އުތުރުގެ އަތޮޅުތަކަށް ވައިގަދަވާނެއެވެ. މެދުރާއްޖެތެރެއާއި ދެކުނުގެ ސަރަޙައްދުތަކަށް މެއި އަދި އޮކްޓޯބަރު ނުވަތަ ނޮވެމްބަރު މަހުގެ ތެރޭގައި ވިއްސާރަ އިތުރުވެއެވެ. އުތުރުގެ ސަރަހައްދުތަކަށް ހުޅަނގު ދެކުނު މޫސުމުގެ ވިއްސާރަ މެއި މަހު ފަށައި، ދިގު މުއްދަތަކަށް ދެމިގެންދެއެވެ. އަދި އެންމެ ގިނައިން ވިއްސާރަ ކުރާނީ އޮގަސްޓު މަހުގައެވެ.
ޝަބީން ފާހަގަކުރެއްވި ގޮތުގައި، މިދިޔަ އަހަރު ކަނޑުގެ ސަރަޙައްދުގެ ފިނިހޫނުމިން މައްޗަށް ދިއުމަށް މެދުވެރިވި އެލްނީނޯ އިވެންޓަކީ އިރުއުތުރު މޫސުމުގެ ވިއްސާރަ ފެށުން ލަސްވުމަށް ދިމާވި ސަބަބުތަކުގެ ތެރެއިން ސަބަބަކަށްވުން އެކަށީގެންވެއެވެ. 2024 ވަނަ އަހަރުގެ ފަހުކޮޅު، ރާއްޖެ ކައިރީގައި ޖެހިޖެހިގެން ސަރކިއުލޭޝަންސް އުފެދި، އިރުވައިގެ ވަޔަށް ހުރަސް އަޅާފައިވާކަމަށް ލަފާކުރެވެއެވެ. މޫސުމް ބަދަލުވާކަމަށް ކަނޑައެޅޭނީ، މި ވައިޖެހުން ދެ ދުވަސް ވަންދެން ކުރިއަށް ދިއުމުންނެވެ.
ނަމަވެސް އިރުވައި މޫސުމް ފެށުން ލަސްވިކަމުގައިވީނަމަވެސް، ހުޅަނގު މޫސުމް ލަސްނުވެދާނެއެވެ. ވިއްސާރަ މޫސުމް ފެށެން މެދުވެރިވަނީ ޕެސިފިކް ކަނޑުގެ ފިނި މޫސުމެވެ.
"މިހާރު މިއޮތީ ލާ ނީނާ މަރުހަލާގައި، މިކަން މާރިޗު މަހުން އޭޕްރީލް މަހަށް ކުރިއަށް ދާނެ ކަމަށް ލަފާކުރެވޭ. މިކަމުގެ ސަބަބުން، ހުޅަނގު މޫސުމުގެ ވިއްސާރަ ލަސްވެދާނެ،" ޝަބީން ތަފްސީލުކޮށްދިނެވެ. "އެހެންނަމަވެސް، ހަގީގަތުގައި ކަންވާނެ ގޮތް ބަލަން ޖެހޭނީ އިންތިޒާރުކުރަން،" އޭނާ ވިދާޅުވިއެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ
ގުޅުންހުރި ޓެގްސް
އިތުރު ލިޔުންތައް

"ސަލާމަތުން ގޮސް، އަމިއްލަ ވަޒަނުގައި ދެން އަވަހަކަށް ނޫޅެވޭނެކަން އެނގުނު" ޝަހިންދާ އިސްމާޢީލް
27 ނޮވެމްބަރު

"ޕާޓީތަކާމެދު މާޔޫސްވެއްޖެ" - ވޯޓު ލާ ޢަދަދު މަދުވެ، އެފަރަގު ރަށްފުށާއި ސިޓީތަކުގެ ދެމެދު ބޮޑުވަނީ
02 ނޮވެމްބަރު

"ބާރުވެރިކުރުވާކަށް މީހަކަ ނާންނާނެ! އަހަރުމެން ބާރުވެރިވާންޖެހޭނީ އަމިއްލައަށް!" ހަތަރު ދައުރު ކައުންސިލަރަކަށް އިންތިޚާބުވި ސާމިޔާ
30 އޮކްޓޯބަރު

