ކުޅިއާއި ކަނޑޫފަލުގެ ރަށުގެ ޙިމާޔަތުގައި އިއްލި
ނުރައްކާ ދިމާވެފައިވާ ކަނޑޫފަލާއި ކުޅިއަކީ ކެނދިކުޅުދޫގެ ނަސީބެވެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
02 އޮކްޓޯބަރު
ރަށުގެ އެތައް މިތަނުގައި ފާރުގަނޑުތަކެއްހެން ހުރީ މަރުވެފައިވާ ކަނޑޫފަލުގެ ބައިބައެވެ. ދިވެހިރާއްޖޭގެ އުތުރުގެ ކަނޑޫފާތައް ހަލާކުވުމުގެ ބުރުގެ އަސަރު ތަކެވެ. ނަމަވެސް 41 އަހަރުގެ ޢަލީ އިލްހާމް ދުލެއް ނުދެއެވެ. އޭނާ ހުރިއްޔަކީ ރަށާއި ކަނޑޫފަލަށް ވާނެ ގޮތެއް ވާން ދޫކޮށްލާކަށް ނޫނެވެ.
އުތުރުގެ އެހެން ރަށްރަށާ އަޅާކިޔާއިރު، ކެނދިކުޅުދޫގެ ކަނޑޫފަލަށް ވީ ގެއްލުން ނިސްބަތުން ކުޑައެވެ. އެހެނެއްކަމަކު ތަންތަންގަނޑު މިލާ، ހިކިގެންގޮސް މަރުވެފައި އެބަހުއްޓެވެ. ކަންބޮޑުވަނިވި މަންޒަރެކެވެ. "ދިވެހިރާއްޖެ ކަހަލަ ތަންތަނަށް މޫސުމަށް އަންނަ ބަދަލުގެ އަސަރު ވަރަށް ބޮޑަށް ކުރޭ. އަހަރުމެން މިކަމަށް ސަމާލުވެ ތިބެންޖެހޭ،" އިއްލިގެ ނަމުން ގިނަ މީހުން ދަންނަ އިލްހާމް ބުންޏެވެ. ކެނދިކުޅުދޫ އަށް އުފަން އިއްލިގެ ހިތުގައި ރަށުގެ ކަނޑޫފަލަށް ޚާއްސަ ޤަދަރެއް ދެވިފައި ވެއެވެ.



ގޮނޑުދޮށުގައި ހިނގަމުން، އޭނާ ޢިޝާރާތް ކޮށްލިއެވެ. އެދިމާގައި ގަސްތައް މަރުވެ، ހުލިވެފައި ވެއެވެ. ދެން އަންނަ ހުޅަނގުގެ ބާންޏާއި ރާޅާއި ވަޔާއެކު ވެދާނެ ގޮތަކާ މެދުގައި ކަންބޮޑު ވެފައެވެ. "ކޮންމެ އަހަރަކުވެސް އުދަ އަރާ ދުވަސްވަރެއް އޮވޭ، ކަނޑޫފަލުގެ ތެރެއަށް ލޮނުގަނޑު ވަދެގެންދޭ. ގިނަ ކަނޑޫ ގަސްތަކެއް ދަނީ މަރުވަމުން،" އޭނާ ކިޔައިދިނެވެ.
ރަށުގެ ދުރު ފަރާތުގައި ކަނޑޫފާތަކުން ވަށާލެވިފައިވާ "ތޮޅިފަޅު" ކިޔާ ކުޅިއެއްގެ ކައިރިއަށް އިއްލި މަޑުކޮށްލިއެވެ. އެއް ފަރާތުން ވަޔާ ވިއްސާރަޔާއެކު ގޮނޑުދޮށުން ވެލިތައް އޮތީ ވިއްސާފައެވެ. މަޑުމަޑުން ކުޅިއަށް އެޅި، އެކުޅި ތިލަވެ، ނެތި ދަނީއެވެ.
"ކުރިއާ އަޅާ ކިޔާއިރު، މިސަރަޙައްދު މުޅިން މިއޮތީ ގެއްލިފައި. މިފަދަ ތަންތަން ޙިމާޔަތްކުރަން ޖެހޭނެކަމަށް އަހަރެން ދެކެން. މިޤުދުރަތީ އީކޯސިސްޓަމްތަކުން ރަށްފުށުގެ ދިރިއުޅުމަށް ސަޕޯޓުދޭނެ. ޚާއްސަކޮށް އީކޯ ޓުވަރިޒަމްގެ ރޮނގުން. މިތަންތަން ނެތިދިއުމަކީ ޙަޤީޤަތުގައިވެސް ބޮޑު ގެއްލުމެއް،" އިއްލި އިންޒާރު ކުރިއެވެ.


ގިނަ ކަނޑޫފަލަށް ލޮނުގެ އަސަރާއެކުގައިވެސް ހެދި ބޮޑު ވެވެއެވެ. ނަމަވެސް ވާރޭ މަދުވުމާއި، ހޫނު ގަދަވުމާއި، އުދަޔާ ހުރެ ކަނޑޫފަލުގެ ލޮނުގެ އަސަރު އިތުރުވެއެވެ. ދިރާސާތަކުން ދައްކަނީ ގަސްތައް މަރުވަނީ ފަތުގެ ކޮޅުން ފަށައިގެން އެތެރަށް ފެތުރިދާ ގޮތުގައެވެ.
އިލްހާމަށް ބަދަލުވަމުންދާ ކެނދިކުޅުދޫގެ ކަނޑޫފަލުގެ މަޢުލޫމާތު އެނގިފައިވަނީ ޒާތީ ފެންވަރެއްގައެވެ. އަދި އޭނާ ދަންނަ މިންވަރު އެންސައިކްލޮޕީޑިޔާ އެއްގައި ވާ ވާހަކަތައް ފަދައެވެ. ގަސްބޯވެ، ޖަންގަލި ވެފައިވާ އިރުވެސް ތުރާލެއް ނެތި، އޭނާ ވަލުގެ ތެރެއިން ފަސޭހަކަމާއެކު ހިނގާފައި ދެއެވެ. އެކި ބާވަތުގެ ގަސްގަހަށް ޢިޝާރާތްކޮށް، ބުނެދެއެވެ. މިހާރު ނުފެންނަ ބާވަތްތަކުގެ ވާހަކަ ފާހަގަކުރެއެވެ. އަދި އެގަސްގަހުން އިހުއްސުރެ ހިފަމުން އަންނަ ބޭނުންތައް ކިޔައިދެއެވެ.
ކެނދިކުޅުދޫގެ ކަނޑޫފަލަށް ގެއްލުން ވެފައިވިޔަސް، ބަލާލަން އަދިވެސް ލައްކަ ޗާލެވެ. ފުޅާ މަގުތަކާއި، ފެހިކަމާއި ބައިބޯކަން ގިނަ ގަސްރުކާއި، ބޯކިރު ކުލައިގެ ކޫރުމެއް ނެތް ސާފު ދޮންވެލި ގޮނޑުދޮށްތަކުން ހެދިފައިވާ ކެނދިކުޅުދޫގެ ޤުދުރަތީ ޢަޖައިބުގެ ހިތަކީ ކަނޑޫ ފަލާއި ކުޅިއެވެ. އެކަނޑޫފަލާއި ކުޅީގެ ރިވެތިކަން ބަލާން ދޭސީންނާއި ބިދޭސީން ފަތުރުވެރިންގެ ގޮތުގައި ރަށަށް ޒިޔާރަތްކުރެއެވެ.
"ބަލަން ޒިޔާރަތްކުރެވޭ ގޮތަށް މިތަން ހެދި ފަހުން މިރަށަށް އަންނަ ގިނަ މީހުންނަކީ.. 90 ޕަސަންޓު މީހުން އަންނަނީ ކަނޑޫފަލާއި ކުޅި ބަލާލަން،" އިއްލި ކިޔައިދިނެވެ.



ކެނޑިކުޅުދޫ ސިފަކުރަނީ 'މެންގްރޫވް އައިލެންޑް' (ކަނޑޫފަލުގެ ރަށުގެ) ގޮތުގައެވެ. އިލްހާމްގެ ބެލެނިވެރިކަމުގައި ފަތުރުވެރިންނަށް ރަށްދެއްކުމުގެ ޓުވަރ ތައް ހިންގައެވެ. މިއީ ދިވެހިރާއްޖޭގެ ނިސްބަތުން ބޮޑު ރަށެކެވެ. ވީމާ ކާރާއި ސައިކަލުގައެވެ. އިއްލި އޭނާގެ މަސައްކަތަށް ނުހަނު ލޯބި ހުރެއެވެ. އޭނާ ކަނޑޫފަލަށް ކުރާ ލޯބީގެ ސަބަބުން އަދާކުރާ މިވަޒީފާއަށް ޚާއްސަކަން ގެނެސްދެއެވެ.
"ވަޒީފާއެއް ނެތިގެން ރިޒޯޓުތަކުން އެނބުރި ރަށަށް ކޯވިޑްގައި ގިނަ ކުދިންތަކެއް އައި. ޖެޓީ ކައިރީގައިވާ 'ހިންނަ' އެޅީ އެދުވަސްވަރު، އެންމެންގެ ހިލޭ މަސައްކަތުގައި. އަހަރެންވެސް ވަރަށް ގިނައިން ގޮސް ބައިވެރިވިން. އެދުވަސްވަރު އަހަރުމެން ތަކަފަތި ހޯދިން. އެއީ ރަށުން މިހާރު އެއްގޮތަކަށް ނުފެންނަ ބާވަތެއްގެ ގަހެއް،" އޭނާ ބުންޏެވެ.
"އެދުވަސްވަރު އެކްސްޕްލޯރ ކޭކޭ ކިޔާ ފޭސްބުކް ޕޭޖެއް އަހަރެން ހެދިން. 'ދަ މެންގްރޫވް އައިލެންޑް' ސްލޯގަން އަކަށް ބޭނުންކުރީ. ދެ އަހަރު ފަހުން ރަށު ކައުންސިލުންވެސް މި ޕޭޖު ރަސްމީކޮށް އެންޑޯޒްކޮށްފި. ރަށުގެ މާކެޓިންގްއަށް ބޭނުން ކުރަން ފަށައިފި،" އިއްލި ކިޔައިދިނެވެ. "އަހަރެން ވަރަށް އުފާވި. މިއީ އަހަރުމެންގެ ރަށަށް ލިބޭ މޮޅެއް، ހެޔޮކަމެއް ވީމާ. އަދިވެސް އެ ޕޭޖު ހިންގަނީ އަހަރެން. އެކަން އިޝްތިހާރު ކުރަމުން ނުހިނގިޔަކަސް، މިއީ އަހަރެން ފަޚުރުވެރިވާ، އުފާކުރުވާ މަސައްކަތެއް،" އިއްލި ހިނިތުންވުމާއެކު ފާހަގަކުރިއެވެ.

ކެނދިކުޅުދޫއަކީ ކަނޑޫފަލަށް ބަރޯސާކޮށްގެން ރަށްވެހިކަން ބިނާކޮށްފައިވާ ރަށެކެވެ. އެތައް ސަތޭކަ އަހަރެއް ވެއްޖެއެވެ. ފަތުރުވެރިކަމުގެ އިތުރުން ހިކި ރުކު ފަނާއި، ކާއްޓާއި ކުރުނބާ އަދި ކަނަމަދު ގިނަ ޢަދަދަކަށް އުފައްދާ، ރަށުން ބޭރަށް ވިއްކައެވެ. އިއްލި ބުނާގޮތުގައި ކަނަމަދު އެންމެ ގިނައިން އުފައްދާ ރާއްޖޭގެ ރަށަކީ ކެނދިކުޅުދޫ އެވެ. "އަބަދުވެސް ކަނޑޫފަލާއި ކުޅިއާއި ޖަންގައްޔަށް މިރަށުގެ މީހުން ޑިޕެންޑުވޭ، ކަނަމަދު ހޮވާ، ފަޅައި، ހިއްކައި، ވިއްކައިގެން މީހުން ދިރިއުޅުން ބިނާކުރޭ، މާލެއަށް އަދި ދުބާއީއަށްވެސް ފޮނުވާ. އަދި ފުޅަފި ވިޔުންފަދަ މަސައްކަތް ފުޅާކޮށް، އުތުރުގައި އެންމެ ފުޅާކޮށް ކުރަނީ މިރަށުގައި،" އިއްލި ބުންޏެވެ.


ޚާއްސަކޮށް އަންހެނުން އެތައް ޤަރުނެއް ވާންދެން މިފަދަ ކަނޑޫފަލާއި ކުޅި ހުރި ރަށްރަށުގައި ރަނގަޅު އާމްދަނީ ލިބޭ މަސައްކަތުގައު ރާއްޖޭގެ އެކި ކަންކޮޅުގައި ނަގާކިޔާ އުޅެތެވެ. ކުޅީގައި ބޮނބި ފެނު އަޅާ ބަހައްޓައިގެން، މަޑުކޮށް، ރޯނު ވެށުން ޢާންމެވެ. "މިހިރީ ބޮނބިއަޅާ ބަރުކޮށްފައި، ބަރޯސީ ލައިގެން ފައްތާފައި ހުރި ގޯނި،" އިއްލި ދައްކާލިއެވެ.
ކެނދިކުޅުދޫގެ ޤުދުރަތީ ވެއްޓަކީ ހަމައެކަނި ބަލާލަން ރީތި ތަނެއް ނޫނެވެ. އެއީ ދިރިއުޅުމަށް ކުރާ މަސައްކަތެވެ. ސަލާމަތެކެވެ. މިރަށް މިރަށަށް ވުމުގެ އަސާސީ ސިފައެކެވެ. މައިގަނޑެކެވެ. އެ ކަނޑޫފަލާއި ކުޅީގައި އެވަނީ އިހާއި އަދާއި މާދާމާގެވެސް ވާހަކައެވެ. އުންމީދެވެ. މުސްތަޤްބަލަށްޓަކައި ޙިމާޔަތްކުރުން ލާޒިމެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ
ގުޅުންހުރި ޓެގްސް
އިތުރު ލިޔުންތައް

"ސަލާމަތުން ގޮސް، އަމިއްލަ ވަޒަނުގައި ދެން އަވަހަކަށް ނޫޅެވޭނެކަން އެނގުނު" ޝަހިންދާ އިސްމާޢީލް
27 ނޮވެމްބަރު

އައްޑޫ ހިއްކަން ހުއްދަދިނީ މިނިސްޓަރުގެ ޢަމުރަށް އީއައިއޭ ކުރުގަޅުވާލައިގެން
13 ނޮވެމްބަރު

"ޕާޓީތަކާމެދު މާޔޫސްވެއްޖެ" - ވޯޓު ލާ ޢަދަދު މަދުވެ، އެފަރަގު ރަށްފުށާއި ސިޓީތަކުގެ ދެމެދު ބޮޑުވަނީ
02 ނޮވެމްބަރު

