ކޫއްޑޫގެ މިޔަރު ޙަމަލާއަށްފަހު ފިލިކުރުމާއި ކާންއެޅުމުގެ ބަޙުޘް އަލުން ފެންމަތިވެއްޖެ
ކޫއްޑޫ ބޭރުން މިޔަރު ޙަމަލާއެއްގައި ސްޕެއިން ފަތުރުވެރިއެއްގެ ފައި އޭޕްރީލް ކުރީކޮޅު ބުރިކޮށްލާން ޖެހިފައިވޭ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
28 އޭޕްރިލް
މަހު ކަށިފަތިފަދަ ފިލިކުރަން އަޅާ ކުނީގެ ސަބަބުން ސްނޯކަލް ނުވަތަ ޑައިވްކުރާ މީހުންނަކީވެސް ކާނާކަމުގައި މިޔަރަށް ފެންނާން ފަށައިފި ކަމުގެ އިންޒާރުކޮށް، މިޔަރުގެ ޙަމަލާތައް ގިނަވަމުންދާ ކަމުގެ ކަންބޮޑުވުން ފަންނީ ފަރާތްތަކާއި ތަޖުރިބާކާރުން ފައުޅުކުރަން ފަށައިފިއެވެ. މި މަހުގެ ކުރީކޮޅު ސްޕެއިންގެ ފަތުރުވެރިއެއް މިޔަރު ބަލަން ޑައިވްކުރަން އެރި އުޅެނިކޮށް، މިޔަރު ޙަމަލާއަކާ ކުރިމަތިވިއެވެ.
ޢުމުރުން ތިރީސް އަހަރުގެ ފަތުރުވެރިއެއް ކަމަށްވާ ބޮރްޖާ ގާސިއާ ސޫސާއަށް މިޔަރު ޙަމަލާއެއް އަމާޒުވެފައިވަނީ މިހިނގާ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު ގއ. ކޫއްޑޫ ކައިރިއަށް އެރި އުޅެނި ކޮށެވެ. އޭނާ ދިވެހިރާއްޖެ އައީ ހަނީމޫން އަށެވެ. އޭނާއަކީ ގައިނެކޮލޮޖިސްޓެއްގެ އިތުރުން، ހިސާބަކަށް ޕްރޮފެޝަނަލް ފެންވަރުގައި ފުޓްބޯޅަ ކުޅޭވެސް މީހެއް ކަމަށް ރިޕޯޓްތައް ބުނާ ސޫސާއަށް ރައްދުވި މިޔަރު ޙަމަލާގައި އޭނާގެ ކަނާތު ފައި ބުރިކޮށްލާން ޖެހިފައި ވެއެވެ.
މޯލްޑިވްސް އިންޑިޕެންޑެންޓް ގައި އެހިސާބުގަނޑުގެ މަސްވެރިޔަކު ބުނީ ޑައިޗް ގައިޑުން ޑައިވަރުން ގޮވައިގެން އެރެނީ ކަނޑަށް ކުނި އުކާ ވަގުތުތަކާ ދިމާކޮށް ކަމަށެވެ. ޑައިވް އޮޕަރޭޓަރަކު މިނޫހުގައި ބުނީ އެވަގުތުތަކުގައި ސީދާ އެސަރަޙައްދަށް ފުންމާލުމަކީ މިހާރު ރައްކާތެރި ކަމެއް ނޫން ކަމަށެވެ.
"މީގެ ދެތިން އަހަރު ކުރިން ދަރިފުޅު ގޮވައިގެން އަންނައިރު، ސީދާ އެރޭކަށް ކުޑަވެސް ޖެހިލުމެއް ނުވޭ. އެކަމަކު މިހާރު ތަފާތު،" ޑައިވް އޮޕަރޭޓަރު މުހައްމަދު ސީނީން ވިދާޅުވިއެވެ. “އޭރު އެހަދާހެން، ކޮއްޕާލަން މިހާރަކު ލާހިކެއް ނޫން. މިހާރު މިވާގޮތް އެބަފެނޭ. މިހާރު ފަރު ކައިރިއަށް ތިލަވާ މިޔަރަކީ ކުރިން ތިލަވާ ކަހަލަ މިޔަރެއް ނޫން،" އޭނާ އޮޅުންފިލުއްވައި ދެއްވިއެވެ.
ސްޕޭންގެ ފަތުރުވެރިޔާގެ ކޭސްގެ ސަބަބުން ފިލިކޮށް މިޔަރަށް ކާންދިނުމާ ގުޅޭ ބަޙުޘްތައް ފެށި، ޚިޔާލުތަފާތުވުން ބޮޑުވެފައި ވެއެވެ. މީގެ މަދު އަހަރުތަކެއް ކުރިން މިފަދަ ޙާދިސާތަކުގެ އަޑު މަދުން މެނުވީ ނުއިވެއެވެ. މީޑިޔާތަކުގައި މިބާވަތުގެ މިޔަރު ޙަމަލާތައް ކަވަރު ކުރަމުންދާއިރު، ކޮންޒަވޭޝަނިސްޓުންނާއި ޑައިވަރުންނާއި ދަތުރުވެރިން ގެންދަނީ މިޔަރު އިންސާނުންނާ ބައްދަލުވެ، މުޢާމަލާތް ކުރުމުގައި އިހާއި ތަފާތު ބިރުވެރި ގޮތްތަކެއް ފާހަގަވަމުންދާކަމުގެ ކަންބޮޑުވުން ފައުޅު ކުރަމުންނެވެ.
ސްޕޭންގެ ފަތުރުވެރިޔާ ވައިގެމަގުން މާލެ ގެންދިއުމުގެ ކުރިން ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދީފައިވާ ކަމަށާއި، އޭޑީކޭ ހޮސްޕިޓަލުގައި އޭނާގެ ފައި ބުރިކޮށްލާން ޖެހުނު ކަމަށް ފުލުހުން މަޢުލޫމާތު ދީފައި ވެއެވެ. އަތޮޅު ހޮސްޕިޓަލުގެ އޮފިޝަލް ޢަލީ ޝަމީމް ވިދާޅުވީ ސޫސާގެ ދެފައިވެސް ނުހަނު ބޮޑަށް ޒަޚަމުވެފައި ވާކަމަށާއި، އޭނާގެ ގައިން ވަރަށް ބައިވަރު ލޭ އޮހޮރިފައިވާ ކަމަށެވެ.
"ކަނާތު ފަލަމަސްގަނޑުގެ ބޮޑު ބައެއް ކާލާފައިވޭ. ލޭ ނާރުތަކަށް ވަރަށް ބޮޑު ގެއްލުން ހުރީ ވެފައި. ކަށިގަނޑުން ބައެއްވެސް އުތުވައިގެން ގޮސްފައިވޭ. ވަރަށް ގިނައިން ލޭ އޮހޮރެމުންދިޔަ. ލޭ އޮހޮރުން ހުއްޓުވަން ވަރަށް މަސައްކަތް ކުރަން ޖެހުނު،" މޯލްޑިވްސް އިންޑިޕެންޑެންޓްގައި ޝަމީމް ވިދާޅުވިއެވެ.
އޭޑީކޭ ހޮސްޕިޓަލުން އިތުރަށް ބުނެފައިވަނީ ސްޕޭންގެ ފަތުރުވެރިޔާ ވަނީ ޕްރައިވެސީ ދޭން އެދިފައި ކަމަށާއި، އޭނާގެ ޙާލަތާ ބެހޭ އިތުރު އަޕްޑޭޓު މިހިނދަށް ދެވޭން ނެތްކަމަށެވެ.
ދިވެހި އިޤްތިޞާދަށް އެތައް މިލިއަން ރުފިޔާއެއް ޙިއްޞާކުރި ނަމަވެސް، ފިލިކޮށް ކާންދިނުންފަދަ ޚިޔާލުތަފާތުވެފައިވާ މައްސަލަތަކުގައި މިޔަރުގެ ބަޙުޘް އޮތީ ހޫނުވެފައެވެ. އިންސާނުންނާ މިޔަރާ ދެމެދު ހިނގާ ނޭދެވޭ މުޢާމަލާތްތަކުގެ ޢަދަދު ދިވެހިރާއްޖޭގައި ވަނީ ދުވަހު ނުވާ މިންވަރަށް ގިނަ ވެފައެވެ. އެގޮތުން 2024 ވަނަ އަހަރު ލ އަތޮޅުގައި މިޔަރު ޙަމަލާއެއްގައި މީހަކު މަރުވެފައި ވެއެވެ. 2010 ވަނަ އަހަރު މިޔަރުގެ މަސްވެރިކަން މަނާކުރި ފަހުން މިޔަރުގެ އާބާދީ މާ ބޮޑަށް އިތުރުވެފައިވާ ކަމަށް ލަފާ ކުރެވެއެވެ. ނަމަވެސް ކޮންޒަވޭޝަނިސްޓުން ބުނާ ގޮތުގައި މިޔަރުގެ ޢަދަދުތައް ސްޓޭބަލް ކަމަށާއި އާ މަސްވެރިކަމުގެ އުޞޫލުތަކާއި ޒިންމާދާރުކަން ކުޑަ ފަތުރުވެރިކަމަކީ ޙަމަލާ ގިނަވުމުގެ ސަބަބެއް ކަމަށެވެ. ނަމަވެސް މަސްވެރިންގެ ޕްރެޝަރު ބޮޑުވުމަށްފަހު ސަރުކާރުން ވަނީ މިދިޔަ އަހަރު ކަށިމިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވައިލާފައެވެ.
ފިލިކުރުމާއި ކާންދިނުން
ނަން ހާމަނުކުރަން އެދޭ އަދި "މޯލްޑިވްސް ޝާކް އިންސިޑެންޓް ރެޖިސްޓްރީ" އިން 2021 ވަނަ އަހަރުން ފެށިގެން ބަލަހައްޓަމުންދާ ޑައިވަރަކު މިނޫހުގައި ބުނީ ކޫއްޑޫގެ މިޔަރު ޙަމަލާއަކީ "އެކްސްޕްލޮރޭޓަރީ ބައިޓް" (ކޯއްޗެއްކަން ހޯދަން ނުވަތަ އޮޅުންފިލުވަން ދަތްއެޅުން) އަށް ވުރެ "ފީޑިންގް އެސޯސިއޭޓެޑް ރެސްޕޮންސް" (ކާންދިނުމުން ނުވަތަ ކާ އިރު އެސޮރުމެން އުޅެގަންނަ ގޮތް) ބާވަތުގެ ޙަމަލާއެއް ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ.
މޯލްޑިވްސް އިންޑިޕެންޑެންޓަށް ފެނުނު ޙަމަލާގެ ފޮޓޯތަކަށް ރިޢާޔަތްކުރާއިރު، ސްޕޭން ފަތުރުވެރިޔާގެ ފައިގެ މަތީ އަދި ތިރީގައި ފުޅާކޮށް ހަމާއި، މަސްގަނޑު އުތުވިފައި ވެއެވެ. އެންމެ ފަހަރަކު ދަތްއަޅާފައި ހުރީއެއް ނޫނެވެ. އެތައް ފަހަރަކު ޙަމަލާދީފައިވާކަން ފެނެއެވެ. ޒަޚަމުތައް ފުންވެފައި، ކައްޓާއި ހަމައަށް އަސަރު ހުއްޓެވެ.
"މޯލްޑިވްސް ޝާކް އިންސިޑެންޓް ރެޖިސްޓްރީ" ގައި 2021، 2022 އަދި 2023 ވަނަ އަހަރުވެސް ޙަމަލާއެއް ރެކޯޑުކޮށްފައި ވެއެވެ. އޭގެ ފަހުން 8 ޙަމަލާއެއް އަދާއި ހަމައަށް ރެކޯޑުކޮށްފައި ވެއެވެ. ލ. ކައްދޫ ބޭރުން ސިފައިންގެ ޓްރެއިނިންގް އެއްގައި އުޅެނިކޮށް، މިޔަރު ޙަމަލާއެއްގައި މަރުވި ސިފައިންގެ މީހާގެ ކޭސްވެސް މީގައި ހިމެނެއެވެ.
މިމަހު ސްޕޭންގެ ފަތުރުވެރިޔާގެ ޙާދިސާ ހިނގާފައިވަނީ ކުއްޑޫ ކައިރީގައި އޮންނަ ކަނޑު އޮޅިއެއްގައެވެ. އެއީ މަސްކަނޑާފައި ކަރުގޮހޮރާއި ކުނި އުކާލާ ތަނެއްގެ ގޮތުގައި ދިވެހިންގެ މަޝްހޫރުވެފައިވާ، ކޫއްޑޫ އާއި ވިލިނގިލީއާ ދެމެދުގައި އޮންނަ ސަރަޙައްދެކެވެ. މިޙަމަލާ ދިނީ ކޮން ބާވަތެއްގެ މިޔަރެއްކަން ޔަޤީންވެފައި ނުވާ ނަމަވެސް، ގިނަ މަސްދަރުތަކުން މޯލްޑިވްސް އިންޑިޕެންޑެންޓް ގައި ބުނެފައި ބުނީ ޤަވާއިދުން ލޭފެނާއި ކަރުގޮހޮރު އުކާލާ ހިސާބުތަކަށް މިޔަރުގެ ސަމާލުކަން ލިބޭނެ ކަމަށާއި، އެހެންވީމާ އެފަދަ ސަރަޙައްދުތައް ސްނޯކަލް ނުވަތަ ޑައިވްކުރަން މަޝްހޫރު ވަނީ ކަމަށެވެ.
ގއ އަތޮޅުގެ ރަށަކަށް ނިސްބަތްވާ ޑައިވަރެއް އަދި މަސްވެރިއެއް ކަމަށްވާ ޢަލީ ބުނީ އެތަނުން ޢާންމުކޮށް ފެންނަނީ ސްޕިނަރ ޝާކް ކަމަށާއި ޤަވާއިދުން އެތަނަށް ކަރުގޮހޮރުފަދަ ކުނި އުކާތީ އެސޮރުމެން ހިސާބަކަށް އޮޅު ވެފައިވާ ކަމަށެވެ. "މި މިޔަރުތަކަކީ ޢާންމު ގްރޭރީފް މިޔަރުތަކަށް ވުރެ ބޮޑު މިޔަރެއް، ގާތްގަނޑަކަށް 1.5 އާއި 2.5 މީޓަރާއި ދެމެދު،" މަސްވެރިންނާއި ޑައިވަރުންގެ ރުޅިވެރިކަން އަމާޒުވެދާނެ ކަމުގެ ބިރަށް އަޞްލު ނަމާއި، ރަށް ހާމަނުކުރަން އެދެމުން، ޢަލީ ކިޔައިދިނެވެ.
“ކޫއްޑޫއިން އެހިސާބަށް ކާބޯތަކެތީގެ ކުނި އުކާކަން އެންމެންނަށްވެސް އެނގޭ. ސަފާރީ ދޯނިފަހަރުވެސް އެތަނަށް އަންނަނީ ކޫއްޑޫއަށް ފައިސާ ދީގެން ޑައިވް ޓައިމް ކޯޑިނޭޓްކޮށްގެން، އެހެންވީމަ، ކުނި އުކާއިރު ބައެއް ފަހަރު އަމިއްލަ މަސްވެސް އުކާލަނީ.” އޭނާ އޮޅުންފިލުވައި ދިނެވެ.
އޭނާ ވަނީ މަސްވެރިކަން ދަށްވުމުން، ކަރުގޮހޮރުފަދަ ކުނި އެޅުން މަދުވެ، މިޔަރުތަކަށް ކާންދިނުން ހުއްޓި، މިޔަރުތައް "ބަނޑުހައިވެފައި" ކަމަށް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވާ ވާހަކަތައް ދޮގުކޮށްފައެވެ. ޢަލީ ބުނީ އެސަރަޙައްދަށް އަދިވެސް އެފަދަ ކުނި އުކަމުންދާ ކަމަށާއި، "އެ ހަފްތާގައި މަސްވެރިކަން ދަށްވި ނަމަވެސް، މަހާއި އެހެނިހެން ކާބޯތަކެތީގެ ކުނި ހިމެނޭ ކެންޓީނުން ކާބޯތަކެތީގެ ކުނި އެ ދުވަހު ވެސް އެތަނަށް އުކާލި،" ކަމަށް، ކޫއްޑޫ ފެކްޓްރީގައި މަސައްކަތް ކުރާ ރައްޓެއްސަކު މަޢުލޫމާތު ދީފައިވާ ކަމަށެވެ.
ޢަލީ ބުނީ އެސަރައްޙަދަށް ފުރަތަމަ ޑައިވްކުރާން އެރިއުޅުނު މީހުންގެ ތެރޭގައި އޭނާ ހިމެނޭ ކަމަށާއި، އެ ޑައިވް ސައިޓަށް ‘ނެގެޓިވް އެންޓްރީ’ (ފުންމާލުމާއެކު ވަގުތުން އަޑިއަށް ދާގޮތަށް) ޑައިވް ފަށަމުން ދިޔަކަމަށާއި، މިހެން ކަންކުރުމުން މިޔަރުގެ ސަމާލުކަން ލިބޭކަމަށް ފާހަގަވެފައިވާ ކަމަށެވެ. "އެއްފަހަރަކު މިޔަރެއް ރައްޓެއްސެއްގެ އަތުގައި ދަތްއެޅިމާ. އަހަރެމެންނަށް ވިސްނުނީ އެއީ ރައްކާތެރި ކަމެއް ނޫންކަން. ދެން އަހަރެމެން އެތަނަށް ގޮސް ދޯނި ހުއްޓުވައި މަޑުކޮށްފައި، މަޑުމަޑުން ސިޑިން ފައިބަނީ، އަހަރެމެންނަށް ފާހަގަ ކުރެވުނީ ފުންމާލައިފިނަމަ އެއީ ޑަސްޓްބިން ކޮތަޅެއް ވެއްޓޭ އަޑާއި، ޙަރަކާތުގެ ގޮތުގައި މިޔަރު ނަގައިގެންފާނެ ކަން،" އޭނާ ތަފްޞީލު ކޮށްދިނެވެ.
އޭނާ ބުނީ ސްނޯކަލް ކުރުންވެސް ސަލާމަތްތެރި ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. ލޮނުގަނޑުގެ މަތީގައި ފިންސް ޖެހީމާވެސް ޑަސްބިން ކޮތަޅު ވައްޓާލީމާ ގޮވާ އަޑާއި، ޙަރަކާތް ހުންނަ ގޮތާ ވައްތަރު ވާނެ ތީއެވެ.
ކަންބޮޑުވާ އުޞޫލުތައް
ތަޖުރިބާކާރުން ކަންބޮޑުވުން ފައުޅުކުރަނީ މިޔަރުގެ ޙަމަލާތައް ޢާންމު ކަމަކަށް ވަމުންދާތީއެވެ. ތަޖުރިބާކާރު ޑައިވަރު ޙުސެއިން ރަޝީދު 'ސެންޑި' ވިދާޅުވަނީ މިކަމާމެދު މަޝްވަރާ ހިންގާންޖެހޭ ކަމަށާއި، މިޔަރު ބަލަން ޑައިވްކުރުމާބެހޭ މިންގަނޑުތަކާއި އުޞޫލުތައް ކަނޑައެޅިފައި ނެތުމަކީބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
"ޢާންމުކޮށް އަޅުގަނޑުމެންނަށް ފެނިފައިވަނީ މުޅި ރާއްޖޭގައި މަސް ފެކްޓްރީތަކުން މަސް ކަނޑާފައި ކަރުގޮހޮރާއި ކުނި އުކާލައި، ނޭނގި ނަމަވެސް މިޔަރު ޝައުގުވެރިވާ ތަންތަން އުފެއްދުމުގެ ޓްރެންޑެއް. މި ޕޮއިންޓްތައް ވެގެންދަނީ މަސް ޝައުޤުވެރިވާ ސަރަޙައްދުތަކަށް؛ މިޔަރުގެ ނަޒަރު އެދިމާއަށް އަނބުރާލާ ސަރަހައްދުތަކަށް،" އޭނާ ވިދާޅުވިއެވެ.
ސީނީން ވަނީ ޓޫރިޒަމް ޤަވާއިދުތަކުގެ ދަށުން ޑައިވް ސެންޓަރުތަކަށް މަނާކޮށްފައިވާ މިޔަރު ޑައިވްތަކާއި މިޔަރަށް ކާންދިނުމާ ގުޅޭގޮތުން އަޑުހަރުކޮށް ވާހަކަދައްކާފައެވެ. ޑައިވް ސެންޓަރުތަކަށް ކުނި އުކުން މަނަޔަސް، އެހެން ފަރާތްތަކަށް އެކަން މަނައެއް ނޫންކަމާއި، މިޔަރު ޙަމަލާތައް ޢާންމުވަމުންދާ ކަން އޭނާ ފާހަގަކުރެއްވިއެވެ. "2024 ވަނަ އަހަރުން ފެށިގެން މިޔަރު ޙަމަލާތައް އިތުރުވަމުން އަންނައިރު، ގާތްގަނޑަކަށް ހުރިހާ ކަމެއް ވެސް ގުޅިފައިވަނީ ކާންދިނުމާ،" މޯލްޑިވްސް އިންޑިޕެންޑެންޓުގައި ސީނީން ވިދާޅުވިއެވެ.
އޭނާ ބުނީ މިޔަރަކީ ޤުދުރަތީ ގޮތުން ވިސްނުން ތޫނު ޖަނަވާރެކެވެ. ދޯނިފަހަރު މަޑުކޮށް ކުނި އުކާލައިކަން އެސޮރުމެން ދެނެގަނެފައި ވެއެވެ. "ދޯނި ހުއްޓުމަކަށް އައިސް ރިވަރސް އަށް ލާ ކޮންމެ ފަހަރަކު ދޯނީގެ ވަކި އަޑުތަކާއި ތެޅުންތަކަކީ އެސޮރުމެންނަށް ސިގްނަލެއް،" އޭނާ ވިދާޅުވިއެވެ. “މިޔަރު އުޅޭތާ 450 މިލިއަން އަހަރު ވެއްޖެކަން ވިސްނަން ޖެހޭނެ، މިހާ ގިނަ ދުވަހު އެސޮރުމެން ސަރވައިވް ވެފައި އެވަނީ ވިސްނުންތޫނު ވީމާ،” އޭނާ ފާހަގަކުރެއްވިއެވެ.
މިޔަރަށް ކާންދިނުމުގެ އާދައިގެ ސަބަބުން ސްޕިނަރ ޝާކް، ބުލް ޝާކް އަދި ޓައިގަރ ޝާކް ފަދަ ޝިކާރަވެރި ބާވަތްތައް އަތޮޅުގެ އެތެރެވަރީގެ ސަރަޙައްދުތަކަށް ވަނުން ޢާންމުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ސީނީން އިތުރަށް ވިދާޅުވީ "މިކަމުގައި އަޅުގަނޑު ޑައިވަރުންގެ ކުށްވެރިކުރަން،" ކަމަށާއި، "މިޔަރަށް ކާންދިނުމަކީ ޑައިވަރުން އެކި ލޫޕްހޯލްތައް ބޭނުންކޮށްގެން މިދިޔަ އަހަރުތަކުގައި ކޮށްފައިވާ ކަމެއް،" ކަމަށް ސީނީ ވިދާޅުވިއެވެ.
މިޔަރު ކާންދިނުމާ ދެކޮޅު ވާހަކަދެއްކުމުން، ގިނަ ފަހަރަށް އޭނާ އެހެން ޑައިވަރުންގެ ނުރުހުން އަމާޒުވެ، ކުރިމަތިލާން ޖެހުނު ކަމަށް ސީނީން ވިދާޅުވިއެވެ. “އެއްކަމަކީ މަސް ފެކްޓްރީތަކަށް ސަރުކާރުން އަންގަން އެބަޖެހޭ އަތޮޅުތެރެއަށް މަސް އުކާނުލާށޭ އަދި ޑައިވް ސެންޓަރުތަކަށް ވަގުތު ވިއްކައިގެން ނުކުރާށޭ. ބޭރު ކަނޑަށް ގޮސް އުކާލަންވީ.”
ސީނީ ވިދާޅުވީ އެއް ހައްލަކީ އަތޮޅުން ބޭރުގައި މިޔަރު ކާންދިނުމެވެ. އިތުރަށް ފައިސާ ދައްކަން ތައްޔާރަށް ތިބި އަދި ނުރައްކާތެރިކަން ވިސްނޭ ޑައިވަރުންނަށް އެސަރަޙައްދުތަކަށް ޚާއްޞަ ހުއްދައެއް ދީގެން ޑައިވްކުރުމުގެ ފުރުޞަތު ދިނުމެވެ. އަދި ޝައުޤުވެރިވާ ވިޔަފާރިތަކަށް ޕައިލެޓް ޕްރޮޖެކްޓަކަށް އިންވެސްޓްކޮށްގެން ބޮޑެތި ޕްލެޓްފޯމްތަކާއި ބޮޑެތި ބާޖުތައް ބޭނުންކޮށްގެން ބޭރު ކަނޑުގައި ޑައިވް ޓޫރިޒަމަށް މިޔަރު ކާންދިނުން ޓެސްޓް ކުރެވިދާނެއެވެ. “އެތަނަށް ނުކުންނަ މީހުންނަށް އެނގޭނެ މިއީ އާދައިގެ ރިކްރިއޭޝަނަލް ޑައިވަރެއް ނޫންކަން” ސީނީ ޚިޔާލު ދެއްވިއެވެ.
މޯލްޑިވްސް ރެސިލިއަންޓް ރީފްސްގެ އެގްޒެކެޓިވް ޑިރެކްޓަރު ޝާހާ ހާޝިމް މިދިޔަ އަހަރު މޯލްޑިވްސް އިންޑިޕެންޑެންޓް ގައި ވިދާޅުވީ "ކަނޑަށް ކާބޯތަކެތީގެ ކުނި އެޅުމާއި، “މިޔަރަށް ކާންދިނުމުގެ ފަތުރުވެރިކަން” ފަދަ ޒިންމާދާރުކަން ކުޑަ ފަތުރުވެރިކަމުގެ އުޞޫލުތަކާ ގުޅިގެން މިޔަރުގެ ޤުދުރަތީ ސުލޫކަށް ބަދަލު އައިސް، ނެގެޓިވް އެންކައުންޓަރތައް އިތުރުވަމުންދާ ކަމަށެވެ.
މި ހަފްތާގައި ވާހަކަ ދައްކަވަމުން ސްމޯލް އައިލެންޑް ޖިއޮގްރަފިކް ސޮސައިޓީގެ ކޮންޒަވޭޝަނިސްޓެއް ކަމަށްވާ ޒާރާ ޢާޠިފް ވެސް ވަނީ "ރިސްކީ" ޑައިވިންގް ޕްރެކްޓިސްތަކުގެ މައްޗަށް ވާހަކަދައްކާފައެވެ. "މިޔަރުގެ އާބާދީތަކާ މެދު މީހުންގެ ތަޞައްވަރު ގޯސްވާ ގޮތަށް" ހިންގާ "ސެންސޭޝަނަލް މީޑިއާ ކަވަރޭޖް" އަށް ފާޑުވިދާޅުވެފައެވެ. ލޯކަލް އައުޓްލެޓް "މިހާރު" ގެ ރިޕޯޓަކާ ޙަވާލާދީ، މިޔަރުގެ ޢަދަދު އިތުރުވުމާއި ފަތުރުވެރިންނަށް ކުރިމަތިވާ ނުރައްކާތައް އިތުރުވެފައިވާ ކަމަށް ޒާރާ ވިދާޅުވީ މިއީ "މިޔަރު މަސްވެރިކަމަށް ރުހުން އުފައްދާ ޒިންމާދާރުކަން ކުޑަ ނޫސްވެރިކަމެއް" ކަމަށެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ
ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ
އެއްފަހަރު ދެއްވާ
$
ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން



