ކާށީގެ ކާރިސާ: ރާއްޖޭގައި ފަސޭހަކަމާއެކު ލިބެންހުރި ކާށި ލިބުން މިހާރު ދަތިވެއްޖެ
ޒަމާނުއްސުރެ ގެންގުޅުނު ނިޒާމުގެ މައްޗަށް ޒަމާނީ ބަދަލުތައް ވަނީ ކުރި ހޯދާފައި.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
12 މާޗް
ޢަރަބި ހަރުބަހެއްގައި ވާފަދައިން ބަސަރާގައި ކަދުރު ވިއްކަން އުޅުމަކީ ބޭކާރު މަސައްކަތެކެވެ. ހަމައެފަދައިން، އިރާގުގެ މަޝްހޫރު ވެޔޮތައް ފަދައިން، ރާއްޖޭގައި ގިނަ އަދަދަކަށް ހެދިފައިވާ ރުއްތަކުން ލިބެން ހުންނަ ކާށި ރާއްޖޭގައި ވިއްކަން އުޅުމަކީވެސް މާބޮޑު ކާމިޔާބީއެއް ލިބޭނެ ކަމެއް ނޫނެވެ.
ނަމަވެސް، މިއަހަރު ރަމަޟާން މަހުގެ މެދުތެރެއަށް އާދެވުނު އިރު، މުޅި ރާއްޖޭގައި ކާށި ލިބުން މިވަނީ ދަތިވެފައެވެ.
ކާށީގެ އަގު ވަނީ ހީވެސް ނުކުރާ މިންވަރަކަށް ބޮޑުވެގެންގޮސްފައެވެ. ފާއިތުވި ހަފުތާ ތެރޭގައި، ކާށްޓެއްގެ އަގު ވަނީ 75 ރުފިޔާ (ފަސް ޑޮލަރު) އަށް އުފުލިފައެވެ. މިއީ ރަމަޟާން މަސް ފެށުމުގެ ކުރިން ކާށި ލިބެންހުރި އަގު ކަމަށްވާ 12 ރުފިޔާއާއި 15 ރުފިޔާއާ ދެމެދުގެ އަގާ އަޅާބަލާއިރު، ހަ ގުނަ އިތުރު އަދަދެކެވެ.
ކާށި ލިބުން ދަތިވެފައިމިވަނީ 2023 ވަނަ އަހަރު، ސޫޓީ މޯލްޑް ކިޔާ ކަޅު ފަންގަސްއެއްގެ ސަބަބުން ރާއްޖޭގެ އުތުރުގެ ރަށްތަކުގެ ރުއްދަނޑުތައް ހަލާކުވުމާ ގުޅިގެންނެވެ. ނަމަވެސް ތަޖުރިބާކާރުން ދެކޭގޮތުގައި، ރާއްޖޭގެ ރުއްތަކުން ލިބޭ ކާށީގެ އަދަދު އަހަރަކަށްވުރެ އަހަރެއް މަދުވަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.
2023 ވަނަ އަހަރުގެ ރަމަޟާން މަހު ކާށްޓެއްގެ އަގު 40 ރުފިޔާގެ ރެކޯޑް މިންވަރަކަށް އުފުލުމުން، މިއްލަ ވިޔަފާރިތަކާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން މިހާތަނަށް ރާއްޖެއަށް އެތެރެކޮށްފައިނުވާ މަތީ މިންވަރަކަށް ކާށިވަނީ އެތެރެކޮށްފައެވެ. މިއީ ރާއްޖެފަދަ ޒަމާނުއްސުރެ ގިނަޢަދަދެއްގެ ރުއް ހެދެމުން އަންނަ ޖަޒީރާ ޤައުމެއްގައި ފެންނާނެކަމަށް އަންދާޒާވެސް ކުރެވިފައިނުވާ މަންޒަރެކެވެ.
"މިއަދު މިފެންނަ ކާށި އެތެރެކުރުމުގެ ވައްޓަފާޅިއަކީ، އަޅުގަނޑުމެންގެ ރަށްރަށުގެ ތަފާތު އަމިއްލަވަންތަކަމަށް ނުރައްކާވާ، ހިތާމަވެރިކަމެއް. މިކަމުގެ ސަބަބުން ރަށްތަކުގެ ޖަޒީރާވަންތަކަމުގެ އަސްލު ނެތިގެންދާނެ،" ތިމާވެށީގެ އެންޖީއޯ އީކޯކެއާ މޯލްޑިވްސްގެ އެޑްވޮކޭސީ ޑިރެކްޓަރު މައީދު މުހައްމަދު ޒާހިރު ވިދާޅުވިއެވެ.
"ރަށްރަށުގައި އިންދާ ރުއްތަކުގެ އަދަދު އިތުރުކުރުމަށް، ގައުމީ ރުއް އިންދުމުގެ ޕްރޮގްރާމް ފުޅާކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭން އެބަޖެހޭ. އެގޮތުން، މިކަމަށްޓަކައި ސަރުކާރުން ކައުންސިލްތަކަށްދޭ އެއްބާރުލުންވެސް ހަރުދަނާކުރަން ޖެހޭ،" އޭނާ ވިދާޅުވިއެވެ.
2017 ވަނަ އަހަރު މިސިނާއަތް ހިމާޔަތް ކުރުމަށްޓަކައި ކާށި އެތެރެކުރުން މަނާކޮށްފައި އޮތް އޮތުމަށް ލުޔެއްދީފައިވަނީ، ރާއްޖޭއިން ކާށި ލިބުން ދަތިވެގެންނެވެ. ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2022 ވަނަ އަހަރާ ހަމައަށް ރާއްޖެއަށް ވަނީ 23 ޓަނަށްވުރެ ގިނަ ކާށީ އެތެރެކޮށްފައެވެ. ނަމަވެސް 2023 ވަނަ އަހަރު އެ އަދަދު 662 ޓަނަށް އިތުރުވެފައިވެއެވެ. މިދިޔަ އަހަރު މި އަދަދު ވަނީ 274 ޓަނަށް ދަށްވެފައެވެ.
މިހާރު ކުރިމަތިވެފައިވާ ދަތިކަމުގެ ސަބަބުން، ޒަމާނުއްސުރެ ރާއްޖޭގައި އޮތް ކާށީގެ ތަނަވަސްކަމާއި މިހާރު ބޭނުންކުރާ ޒަމާނީ އުކުޅުތަކުގެ މެދުގައި އޮތް ފަރަގު ހާމަވެގެންދެއެވެ. މި ދަތިކަން ކުރިމަތިވެފައިމިވަނީ، މުސްކުޅިވެފައިވާ ރުއްތަކުގެ އާބާދީއާއި، ބިން ބޭނުންކުރުމަށް އަންނަ ބަދަލުތަކާއި އަދި އިޤްތިޞާދީ ގޮތުން އިސްކަންދޭ ކަންކަން ބަދަލުވުމުގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމާއި، ޒަމާންވީ ސަގާފީ ތަރިކަ ހިމާޔަތްކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނުރައްކަލަށް ހުށަހެޅިފައިވާ މި ޖަޒީރާ ގައުމުގައި ދެމެހެއްޓެނިވި ގޮތެއްގައި ވަސީލަތްތައް ބެލެހެއްޓުމާ ގުޅުންހުރި ބޮޑެތި މައްސަލަތައް ހާމަވެގެންދެއެވެ.
ގައުމީ ނިޝާން
ކާށްޓަކީ ދިވެހި ކެއުމުގައި ބޭނުންކުރާ ވަރަށް މުހިއްމު ބާވަތެކެވެ. ކުރީ ޒަމާނުގެ ވިޔަފާރީގެ މުހިއްމު ރޫޓެއްމަތީގައި އޮތް މި ގައުމުގެ ކެއުމުގައި ބޭނުންކުރާ އެންމެ އަސާސީ އެއް ކާނާއަކީ ކާށްޓެވެ.
"މި ރަށްރަށުގައި ގިނައިން ހުރީ ރުއް. މަހާއި އެކު ކާން ރަށްތަކުގެ މީހުން ބޭނުންކުރާ އެއްޗަކީ ކާށި. ކާށްޓަކީ ގުދުރަތީ ގޮތުން އާދަޔާޚިލާފު އެއްޗެއް. ކޮންމެ އަހަރަކު ރުކަކުން ފަޅާނީ 12 އެތް. އެެއީ މަހަކު އެތެއްގެ މަގުން. ބައެއް ރުއް އެތް ކުޑަވެފައި އަނެއްބައި ބޮޑުވާނެ،" 14 ވަނަ ގަރުނުގައި މޮރޮކޯގެ ދަތުރުވެރިޔާ އިބްނު ބަތޫތާ ލިޔުއްވާފައިވެއެވެ.
ދިވެހި ބަހުގައި ކާށި ހެދިބޮޑުވަމުން އަންނަ މަރުހަލާތަކަށް ނިސްބަތްކޮށް ގިނަ ލަފުޒުތަކެއް ހުރެއެވެ. މީގެ ތެރޭގައި ކާށި ޅައިރު ފެނިގެންދާ ރުކުމާ، ގޮބޮޅި، ޒުވާންއިރު ފެނިގެންދާ ކުރުނބާ އަދި އެންމެ ފަހުން ފެންނަ ކާށި ހިމެނެއެވެ.
ކާށްޓަކީ ރާއްޖެއިން ބޭރަށް އެކްސްޕޯޓްކޮށްފައިވާ އެއްޗެއްކަން ތާރީޚީ ލިޔުންތަކުން އެނގެން އޮވެއެވެ. އިހު ޒަމާނުގައި، އަރަބި ގަލްފުން އިރުމަތީ ސަރަހައްދުތަކަށް ދަތުރުކުރާ އުޅަނދުތަކުގެ ތެރެއިން ރާއްޖެއަށް މަޑުކުރާ ގިނަ އުނޅަދުތަކުން ދާނީ ވަޅޯ މަހާއި ކާށި ހިފައިގެންނެވެ.
ރުކުގެ މޭވާއިން ފެށިގެން މުލާ ހަމައަށް، ރުކުގައި ހިމެނޭ ހުރިހާ ބައިތަކެއް ދިވެހިން ބޭނުންކުރެއެވެ. މީގެ ތެރޭގައި ދިޔާ ހަކުރާއި، ރުކު ރާ ހިމެނެއެވެ. ކާށީގެ ބޭރުބައި ބޭނުންކުރަނީ ރުކުރާ އަޅުމަށްޓަކައި ރާބަނދި ހެދުމަށެވެ. ކުރީ ޒަމާނުގައި ކަނޑުމަތީގައި މަސައްކަތްކުރާ މީހުން ބޭނުންކުރި ރޯނަކީ ކާށީގެ ބޮނބިން ހަދާފައިވާ ވަރުގަދަ އެއްޗެކެވެ.
ކުރުނބަލުން ސިއްޙަތަށް ރަނގަޅު އިލްކްޓްރޮަލައިޓް ހިމެނޭ ފެނާއި ފޮނި ހެވާ ލިބެއެވެ. ކާށްޓަކީ ވަރަށް ގިނަ ދިވެހި ކެއުުގެ ބާވަތްތަކުގައި ބޭނުންކުރާ މޭވާއެކެވެ. ހެނދުނުގެ ނާސްތާއަށް މަގުބޫލު ބާވަތެއްކަމުގައިވާ މަސްހުނި ތައްޔާރުކުރަނީ ކަންނެލި މަހާއި، ކާށި ގާނައިގެން ލިބޭ ހުނި އަދި މިރުސް އަޅައިގެންނެވެ. ކާށިން ލިބޭ ތާޒާ ކިރު ބޭނުންކޮށްގެން ދިވެހި ރިހަތައް އޮލަ ކޮށްދީ، ރިހައަށް އަޅާ ގިތެޔޮ މިރުހުގެ ކުޅިކަން ކުޑަކޮށްދެއެވެ. ދިވެހީން ކައިއުޅޭ ހެދިކާއަށް ވެސް ހުނި އަޅައެވެ. ހުނި އަކީ، ދިވެހީން ގަޔާވާ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ލޮނުމިރުސް އައި މަސްކުރޮޅި ހަދަންވެސް ބޭނުންކުރާ އެއްޗެކެވެ.
ހިމާޔަތް ކުރުމުގެ ވިސްނުން
ކުރީގައި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ޤުދުރަތީ ވަސީލަތްތައް ބަލަހައްޓަނީ މައިގަނޑު ގޮތެއްގައި އެ ރަށެއްގެ އަމިއްލަ ނިޒާމުގެ ތެރެއިންނެވެ. މި ވަސީލާތްތަކުގެ ތެރެއިން ރުއްތަކަކީ ކޮންމެ ރަށެއްގައިވެސް ފާހަގަކުރެވޭ އެއްޗެކެވެ. އާންމުކޮށް ރުއްގަސްތައް ހައްދާނީ ރުއްގަނޑުގައެވެ.
"އަޅުގަނޑުމެންގެ ކަނޑުދަތުރުކުރި ކާބަފައިން ހަނޑުލާއި އެހެނިހެން ކާޑުގެ ބާވަތްތަކުގެ ވިޔަފާރީގައި ބައިވެރިވި ނަމަވެސް، ރާއްޖޭގެ ރައްޔިތުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދިނީ ކާށީގެ ބާވަތްތައް ބެލެހެއްޓުމާއި ރައްކާތެރިކުރުމަށް،" އީކޯކެއާގެ މައީދު ތަފްސީލްކޮށްދެއްވިއެވެ.
"މި ގަސްތައް ބެލެހެއްޓުމަށް މުޖުތަމައު ގުޅިގެން މަސައްކަތް ކުރިއިރު، މިކަމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމާއި ފުދުންތެރިކަން ކަށަވަރުކޮށްދިން. އަދި އައު ރުއްތައް އިންދުމަށް ހާއްސަ ސަމާލުކަމެއް ދެވުނު. ވާރުތަވެފައިވާ ރުއް ގަސްތައް ބެލެހެއްޓުމަކީ ވަރަށް މުހިއްމު ޒިންމާއެއްކަމަށް ދެކެވުނު ކަމެއް. މިގޮތަށް، އެއް ޖީލުން އަނެއް ޖީލަށް ރުއް ބެލެހެއްޓުމުގެ ޒިންމާ ބަދަލުވަމުންދިޔަ،" އޭނާ ވިދާޅުވިއެވެ.
އަމިއްލަ ގެތަކުގެ ގޯތިތެރޭގައި ހައްދާ ގަސްތަކުގެ ތެރޭގައިވެސް ރުއް ހިމެނުނެވެ.
"ރުއްތަކަކީ ކޮންމެ މުޖުތަމައުއެއްގެ މުހިންމު ވަސީލަތްތަކެއް ކަމަށް ދެކިގެން ބަލަހައްޓާފައިވާ އެއްޗެއް. ކޮންމެ ރަށެއްގައި ވެސް ސަރުކާރުން ބަލަހައްޓާ ބަންޑާރަ ރުއްގަނޑުގެ އިތުރުން، އާއިލާތަކަށް ދޫކުރެވޭ ރުއްގަނޑު ހުންނާނެ. މިފަދަ ރުއްގަނޑުތަކުގައި ކޮންމެ މީހަކަށްވެސް ރުއް އިންދައިގެން އެކަމުގެ މަންފާ ހޯދޭނެ،" ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު މޯލްޑިވްސް އިންޑިޕެންޑެންޓްއަށް މަޢުލޫމާތު ދެެއްވަމުން ވިދާޅުވިއެވެ.
ރަށްރަށުގައި އަމަލުކުރަމުންދިޔަ މި ހާއްސަ އުސޫލުތަކަކީ ރަސްމީކޮށް ގާއިމުކުރެވިފައިވާ އުސޫލުތަކެއް ނޫނެވެ. އެހެންނަމަވެސް، މި އުސޫލުތަކަކީ ރަށު އޮފީހުގެ ފަރާތުން އަންގައިގެން ރަށުގެ ރައްޔިތުން އަމަލުކުރާ އުސޫލުތަކެވެ. ރަށްތަކުގައި ކޮންމެ މީހަކަށްވެސް އާންމު ބިންތަކުގައި ރުއް އިންދައި ބެލެހެއްޓުމުގެ ހުއްދަ އޮވެއެވެ. ބައެއް ރަށްތަކުގައި ހުރިހާ ރުއްތަކެއް ބަލަހައްޓާނީ ސަރުކާރުންނެވެ.
ބިންމައްޗަށް ވެއްޓިފައިވާ ކާށްޓާއި ފަނުގެ މިލްކުވެރިކަން ސާބިތުކުރުމާ ގުޅޭ ހާއްސަ އުސޫލުތަކެއް ގާއިމްކުރެވިފައިވެއެވެ. މިތަކެއްޗަކީ ފަން ވިޔުން ފަދަ މަސައްކަތްތަކުގައި ބޭނުންކުރާ މުހިއްމު ވަސީލާތްތަކެވެ. ކަށިކެޔޮ އާއި މަދު ފަދަ އެހެނިހެން ވަސީލަތްތަކަށް ވެސް މިފަދަ ގަވައިދުތަކެއް ހެދިފައިވެއެވެ.
މި އުޞޫލުތަކަކީ ރާއްޖޭގެ ރަށްރަށުގެ އަންހެނުން އިސްނަގައިގެން ހިންގާ ނުރަސްމީ އިޤްތިޞާދީ ނިޒާމުގެ މައިގަނޑު އަސާސްތަކެވެ. ގޭބިސީތަކުން އެމީހުންގެ އާމްދަނީ އިތުރުކުރަނީ ފަން ވިޔެގެންނާއި، މަދު އަދި ކާށި ފަދަ ބާވަތްތައް ވިއްކައިގެންނެވެ.
އިސްކަންދޭން ޖެހޭ ކަންކަމަށް އިސްކަން ނުދެވުމުގެ ނަތީޖާ
މިފަދަ ޙަރަކާތްތަކުގެ ސަބަބުން ރަށްތަކުގެ އިޤްތިޞާދުތަކަށް ލިބިގެން ގޮސްފައިވާ ކުރިއެރުމަކީ މިހާތަނަށް ބެލިފައިވާ ނުވަތަ އަންދާޒާ ކުރެވިފައިވާކަމަކަށް ނުވާތީ، ރަށްތަކުގެ ބިން ބޭނުންކުރުމާ ގުޅޭ ނިންމުންތައް ނިންމާއިރު މިފަދަ ކަންކަމަށް ބެލިފައިނުވާކަަަމަށް ނ. އަތޮޅު ކައުންސިލްގެ ރައީސް ބަޝީރު ފާހަގަކުރެއްވިއެވެ.
"ނ. އަތޮޅުގައި ވެސް ފަތުރުވެރިކަން ތަރައްގީ ކުރުމަށް މިހާރުވެސް ހައިރާންކުރުވަނިވި މިންވަރެއްގެ ބިން ވަނީ ދޫކުރެވިފައި. ގުދުރަތީ ވަސީލަތްތަކުން ލިބޭ އާމްދަނީ ނުސީދާ ގޮތުންނާއި ހަމަހަމަކަމެއްނެތި ބަހައިލެވެނީ ތަރައްގީގެ ބައެއް މަޝްރޫއުތަކަށާއި ދައުލަތުގެ ޚަރަދުތަކަށް. މި ވަސީލަތްތަކުން ރަށު ކައުންސިލްތަކަށް އެއްވެސް އާމްދަނީއެއް ނުލިބޭތީ، ފަތުރުވެރިކަން ތަރައްގީ ކުރުމަށް ރަށްރަށުން އިތުރު ބިންތަކެއް ދޫކުރުމަށް މަޖުބޫރުވޭ،" އޭނާ ތަފްސީލުކޮށްދެއްވިއެވެ.
"މީހުން ދިރިއުޅޭ ރަށަކުން ފަތުރުވެރިކަން ތަރައްގީ ކުރުމަށް ހެކްޓަރެއްގެ ބިމެއް ކަނޑައެޅިއްޖެ ނަމަ، ކައުންސިލަކަށް އެ ބިން ކުއްޔަށް ދީގެން މަހަކު ގާތްގަނޑަކަށް 60،000 ރުފިޔާ ލިބޭނެ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ވިސްނައިނުލެވެނީ މީގެ ކުރިން، ހަމަ އެ ހެކްޓަރުން ރަށުގެ އިޤްތިޞާދަށް އާމްދަނީ ހޯދިފައިވާ މިންވަރު. އެއީ މިސާލަކަށް ރުއްތަކާއި، ކަށިކެޔޮ އަދި މަދު ގަސްތަކުން ލިބޭނެ މަންފާ،" އޭނާ ވިދާޅުވިއެވެ.
ރުއްތަކުން ލިބޭ މަންފާއަށް އަސަރުކުރާނެ ވަރަށް ގިނަ ކަންތައްތައް ބަޝީރު ފާހަގަކުރެއްވިއެވެ. 2013 ވަނަ އަހަރުން ފެށިގެން ރިސޯޓް ތަރައްގީ ކުރުމަށް ބިން ހިއްކުމުގެ މަސައްކަތް އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން، ރިސޯޓު އޮޕަރޭޓަރުން ވަނީ ހިއްކާފައިވާ ރަށްތައް ފެހިކުރުމަށްޓަކައި ގިނަ އަދަދެއްގެ ބޮޑެތި ރުއްތައް ގަނެފައެވެ.
"ގަންނަ ކޮންމެ ރުކަކަށް ކުޑަ އަގެއް ދޭނެ (500 ރުފިޔާ). އެހެންނަމަވެސް، އަޅުގަނޑުމެންގެ ބޮޑެތިވެފައިވާ ރުއްތައް ނަގައި އެހެން ބައެއްގެ އަމިއްލަ ރަށެއްގައި އިންދުމުން އެރުކުން ލިބޭ ކާށްޓެއް އަޅުގަނޑުމެންނަކަށް ދެނެއް ނުލިބޭނެ،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ތޮއްޖެހުމާއި، ބިން ބޭނުންކުރާ ގޮތާ ގުޅިގެން ހެދިފައިވާ އުސޫލުތަކާއި، ޒަމާންވީ އާދަކާދަތައް ދެމެހެއްޓުމަށްޓަކައި ބޯހިޔާވަހިކަމުގެ ބޭނުމުގައި ގޯތިތައް ދޫކުރުން ފަދަ ކަންތައްތަކަކީ ރަށްތަކުގައި ހުރި ރުއްގަނޑުތައް ނެތިގެންދިއުމަށް ދިމާވެފައިވާ އެންމެ ބޮޑެތި ސަބަބުތައްކަމަށް ބަޝީރު ފާހަގަކުރެއްވިއެވެ.
"މީހުން ދިރިއުޅޭ ރަށްރަށުގައި ރުއްތައް އިންދާނެ ޖާގައެއް ނެތް. ލޭންޑް ޔޫސް ޕްލޭންތައް ބިނާކޮށްފައިވަނީ ގަސްގަހާގެހި ހިމާޔަތް ކުރުމުގެ ބަދަލުގައި ބޯހިޔާވަހިކަމަށް ގޯތި ދިނުމަށާއި، މަގުތައް ފަރުމާކުރެވިފައިވާ ގޮތަށް އަމާޒުކޮށްގެން،" އޭނާ ވިދާޅުވި އެވެ.
"ގަސްގަހާގެހި ރައްކާތެރިކުރުމާ ގުޅޭ ގަވާއިދުތައް ހެދިވފައިވީނަމަވެސް މި ގަވާއިދުތައް އެހާ ސާފެއްނޫން. އެގޮތުން މި ގަވާއިދުތަކުގައި ހިމާޔަތްކޮށްފައިވާ ގަސްތައް ސާފުކޮށް ބަޔާންކޮށްފައި ނުވޭ. މިސާލަކަށް، ރުއްގަނޑުތަކަކީ ހާއްސަކޮށް ފާހަގަކޮށްފައިވާ ބާވަތެއްނޫން، އެހެންކުމުން، ގެތަކާއި މަގުތައް ހެދުމަށް މި ގަސްތައް ފަސޭހަކަމާެެއެކު ކަނޑާލެވޭނެ،" އޭނާ ވިދާޅުވިއެވެ.
1947 ވަނަ އަހަރު ލަކުޑި ހޯދުމަށްޓަކައި ރުއް އިންދުމާ ގުޅޭ ގޮތުން ހަދާފައިވާ ގާނޫނެއްގައި ގަސްގަހާ ގެހި ހިމާޔާތްކުރުމާ ގުޅޭ މާއްދާތައް ހިމެނިފައިވެއެވެ. އެގޮތުން، ރުކެއް ކަނޑާލުމުގެ ހުއްދަ ލިބޭނީ، އޭގެ ބަދަލުގައި 5 ރުއް އިންދުމުންކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މިހާރުގެ ޤަވާއިދުގެ ދަށުންވެސް، ކަނޑާލާ ކޮންމެ ރުކަކަށް 2 ރުއްގަސް އިންދަން ޖެހެއެވެ. އެހެންނަަމަވެސް، މި ގަވާއިދުތައް ތަންފީޒުކުރުމުގައި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. އެގޮތުން، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ގަސްގަހާގެހި ބެލެހެއްޓުމަށް ބޭނުންވާ ވަސީލާތްތައް މިވަގުތު އެންވައިރަމަންޓް ޕްރޮޓެކްޝަން އޭޖެންސީގައި ނެތެވެ.
ހދ.ކުޅުދުއްފުއްޓަށް ނިސްބަތްވާ މީހަކު މޯލްޑިވްސް އިންޑިޕެންޑެންޓްއާ ވާހަކަ ދައްކަމުން ބުނެފައިވަނީ، އެރަށުގެ ރައްޔިތުންނަށް އާއިލާތަކުގެ ފަރާތުން ވާރުތަވެފައިވާ ރުއްގަސްތައް ކަނޑާލާފައިވާކަމަށެވެ. "ދޮންކެޔޮ ގަސްތައް ކަނޑާއިރު، 6 މަސް ދުވަސް ކުރިން އެކަން އަންގާނެ. މިއީ ދަނޑުތަކުގައި ހުރި ދޮންކެޔޮތައް ނެގުމަށާއި، އިތުރު ދޮންކެޔޮ ގަސް އިތުރަށް ނުހެއްދުމަށް ދެވޭ މުއްދަތެއް،" އޭނާ ބުންޏެވެ.
އެހެންނަމަވެސް، އަވަށްޓެރިއެއްގެ ރުއްގަނޑު، މަގެއް އެޅުމަށްޓަކައި ކަނޑައިލިއިރު މިފަދަ އެއްވެސް އިޝާރާތެއް ލިބިފައިނުވެއެވެ. " އެއް ދުވަހު އައިސް ރުއްގަސްތައް ކަނޑާލީ. އަވަށްޓެރިން ބުނެފައިވަނީ ކުރިން މިކަން އެނގުނުނަމަ، އެންމެ ކުޑަ މިނުން ރުއްތަކުގައި ހުރި ކާށްޓާއި، އޭގައިވާ ލަކުޑި ވިއްކައިގެން ކޮންމެވެސް މަންފާއެއް ހޯދުނީސްކަމަށް. އެހެންނަމަވެސް، އެފަދަ ފުރުސަތެއް އެމީހުންނަށް ލިބިފައިނުވޭ. މިއީ އަސްލު ވަރަށް ބޮޑު މައްސަލައެއް. ގާނޫނީ ގޮތުން އެކަނިއެއް ނޫން، މިއީ ކޮންމެ މީހަކަށްވެސް ލިބެންޖެހޭނެ އަސާސީ ހައްގެއް،" ސިޓީ ކައުންސިލަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އޭނާ ބުންޏެވެ.
"މި ބޭފުޅުން މި މަގާމުތަކުގައި މި ތިއްބަވަނީ 2008 ވަނަ އަހަރުގެ ފަހުން ހެދި ލާމަރުކަޒީ ނިޒާމާ ގުޅޭ ގާނޫނުގެ ސަބަބުން. ސަރުކާރުން ބަލަހައްޓާ ބަންޑާރާ ބިމުގައި ރުއް އިންދުމުގެ ނިޒާމަކީ 2008 ވަނަ އަހަރު ފާސްކުރެވުނު ގާނޫނުއަސާސީގެ މާ ކުރިން ވުޖޫދުގައި އޮތް ނިޒާމެއް. މިކަން މިބޭފުޅުންނަށް ނޭނގޭތީ މައްސަލަ އަކީ،" އޭނާ ބުންޏެވެ.
ރަށްތަކުގެ ބޭރުން
2010 ވަނަ އަހަރުގެ ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށްރަށުގެ ދާއިރާތައް އުފެދުނު ނަމަވެސް، އަތޮޅުތަކުގައި ހިއްސާވާ ވަސީލަތްތައް ލިބުމަށް ވަނީ ހުރަސްތަކެއް އެޅިފައެވެ. ނަތީޖާއެއްގެ ގޮތުން، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްވުރެ، ވަކިވަކި ރަށްރަށުގައި ބޯހިޔާވަހިކަމާއި، ވިޔަފާރި ނުވަތަ އަސާސީ އުމްރާނީ ވަސީލަތްތަކަށް ބިން ދޫކުރުމަށް އިސްކަންދެވުނެވެ.
ވޭތުވެދިޔަ ފަންސާސް އަހަރުގެ ތެރޭގައި ބަވަނަ ވުމުގެ ސަބަބުން ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް ޒަމާނުއްސުރެ ދިމާވެފައިވާ މައްސަލައަށް ވަނީ ވަރަށް ބޮޑު ހައްލެއް ލިބިފައެވެ. ފަތުރުވެރިކަމުގެ ޞިނާޢަތުގެ ސަބަބުން، ކުރިން މަސްވެރިކަން ކުރާ މިޤައުމު، މެދު ފަންތީގެ މަތީ ފަންތީގައި އާމްދަނީ ލިބޭ ޤައުމަކަށް ބަދަލުވެފައިވެއެވެ. ދިވެހިން މައިގަނޑު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ބާވަތްތައް މަޑުމަޑުން ތަފާތުވެ، ޖަނަވާރާއި ތަފާތު ވަތްތަރުގެ ތާޒާ މޭވާއާއި ތަރުކާރީއަށް ބަދަލުވިއެވެ.
މިހާރު މައިގަނޑުގޮތެއްގައި ބޭނުންކުރާ ހުރިހާ ބާވަތެއްގެ ކާބޯތަކެއްޗަކީ ރާއްޖެއިން ބޭރުން އެތެރެކުރާ ތަކެއްޗެވެ. މިކަމުގެ ސަބަބުން، ޝިޕިން އާއި ލޮޖިސްޓިކްސްގެ މައްސަލަތަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކާނާ އުފައްދާ ގައުމުތަކަށް ކުރާ ނޭދެވޭ އަސަރުތަކާއި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކަކީ، މި ގައުމުގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް އަސަރު ފޯރުވާނެ ކަންތައްތަކެވެ.
މިފަދަ ބޭރު ގައުމުތަކަށް ކުރިމަތިވާ ހާލަތްތަކާ ގުޅިގެން ބައެއް ބާވަތްތަކުގެ ކާނާގެ އަގު ވަނީ ބޮޑުވެފައެވެ. އެގޮތުން، ދިވެހި ކެއުމުގައި އާންމުކޮށް ބޭނުންކުރާ ފިޔާ އަދި ލޮނުމެދުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
"އަޅުގަނޑުމެންގެ ޖިއޮގްރަފީއާއި ސަޤާފަތާއި، އަޅުގަނޑުމެންގެ ޤާނޫނުއަސާސީވެސް ބިނާވެފައި ވަނީ، އަތޮޅުތަކުގެ މައްޗަށް ބިނާވެފައިވާ އިދާރީ ޔުނިޓްތަކުގެ މައްޗަށް. ނަމަވެސް ކާބޯތަކެތީގެ ރައްކާތެރިކަމާއި، ބޯހިޔާވަހިކަމާއި، ވިޔަފާރީގެ ޙަރަކާތްތަކާއި، ޔުޓިލިޓީތަކާއި، އުމްރާނީ ވަސީލަތްތަކާއި، އިޖްތިމާޢީ ނުވަތަ ކޮމިއުނިޓީ ތަންތަން ތަރައްގީކުރުން ފަދަ އިޤްތިޞާދީ އަދި އަސާސީ ހުރިހާ ބޭނުންތަކެއް މިނިވަންކަމާއެކު ފުއްދައިދެވޭ ވަރަށްވުރެ ވަކިވަކި ރަށްތަކަކީ މާ ކުޑަ އަދި ވަސީލާތް މަދު ރަށްތަކެއް،" ބަޝީރު ތަފްޞީލުކޮށްދެއްވިއެވެ.
"އެހެންނަމަވެސް، މުޅި އަތޮޅުގެ ވަސީލާތްތަކަށް ބަލާލުމުން، މިފަދަ ބޭނުންތައް ފުއްދުމަށް ބޭނުންވާ ވަރަށް ވަސީލަތްތަކާއި ބާރު އެބަހުރިކަން ފާހަގަކުރެވޭ. އަތޮޅު ފެންވަރުގައި ޕްލޭން ނުކުރެވިއްޖެނަމަ، އަޅުގަނޑުމެންނަށް މިކަންކަން ހަރުދަނާ ގޮތެއްގައި ޙައްލެއް ނުކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމު އިސްލާހުކުރުމަށާއި އަތޮޅުތަކަށް ވަސީލަތްތައް ކަނޑައެޅުމަށް ގޮވާލުމުގެ މަސައްކަތުގައި ބަޝީރާއި ނ. އަތޮޅު ކައުންސިލުން އިސްކޮށް ހަރަކާތްތެރިވެއެވެ. އަދި ނ. އަތޮޅުގައި މިހާރަށްވުރެ ހަމަހަމަކަމާއި ދެމެހެއްޓެނިވި ގޮތެއްގައި ވަސީލަތްތައް ބެހުމުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އެހެންނަމަވެސް، ވަސީލަތްތައް ރަށްތަކުގެ ތެރޭގައި ބެހުމަށާއި، އެވަސީލަތްތައް ކަނޑައެޅުމަށް ފަރުމާކޮށްފައިވާ ނިޒާމެއް ބަދަލުކުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެއެވެ.
"ތިޔަ ބޭފުޅުން ދިރިއުޅުއްވާ ރަށަކީ ތިޔަބޭފުޅުންގެ ރަށެއް ކަމަށް އެބޭފުޅުން ވިދާޅުވާ ކަހަލަ، އެކަމަކު އޭގެ ބޭރުގައި ހުރި ހުރިހާ ތަކެއްޗަކީ، އެއީ ތިޔަބޭފުޅުންގެ ލޯ މަތިން ސާފުކޮށް ފެންނަން ހުރި އެއްޗެއް ކަމުގައިވިޔަސް، އެއީ ތިޔަބޭފުޅުންގެ އެއްޗެއް ނޫން،" އޭނާ ވިދާޅުވި އެވެ.
"އެ ވަސީލަތްތައް ހުންނަނީ ތިޔަބޭފުޅުންގެ ނުފޫޒުން ބޭރުގައި، ތިޔަބޭފުޅުންގެ ލޮލަށް ފެނުނުކަމުގައިވިއަސް، ބޭނުންނުކުރެވޭ ގޮތަށް ފޮރުވިފައި. ލާމަރުކަޒީ ނިޒާމުގެ ސަބަބުން ކޮންމެވެސް ގޮތަކުން މީހުންނަށް އިތުރު ކޮންޓްރޯލެއް ލިއްބައިދޭކަމަށް ވަނީ ރައްޔިތުންނަށް ގަބޫލުކޮށްދެވިފައި،" އޭނާ ވިދާޅުވިއެވެ.
ކާށީގެ އަގުތައް އުފުލުމާ ގުޅިގެން، ސަރުކާރުން ދާދި ފަހުން ވަނީ އެ ދަތިކަން ހައްލުކުރުމަށް އައު ފިޔަވަޅެއް އިއުލާނުކޮށްފައެވެ. މިދިޔަ އާދީއްތަ ދުވަހު ވަޒީރުންގެ މަޖިލީހުން ވަނީ ރުއް އިންދުމުގެ ގައުމީ ޕްރޮގްރާމެއްގެ ދަށުން ކާށި އުފެއްދުމުގެ ސެންޓަރެއް ތަރައްގީ ކުރުމަށް ފަޅު ރަށެއްކަމުގައިވާ އދ. އަރިޔަދޫ ކަނޑައަޅާފައެވެ.
އެގްރިކަލްޗަރ މިނިސްޓްރީން މަޢުލޫމާތުދެއްވާފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން މަތީ ފެންވަރުގެ ނުވަތަ ޖެނެޓިކަލީ މޮޑިފައިޑް ރުއް ހެއްދުމަށް ބޭނުންވާ ނާސަރީތައް ޤާއިމުކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށަށް ތަފާތު ސެޓިފައިޑް ރުއްތައް ފޯރުކޮށްދިނުމުގެ މަސައްކަތްކުރެވޭނެއެވެ.
ރުއް ގަސްތަކަށް އަސަރުކުރާ ބަލިތައް ދެނެގަނެ އެކަމަށް ހައްލު ހޯދުމުގެ އިތުރުން މި ބަލިތަކުން އަރައިގަތުމަށް ބަޔޮލޮޖިކަލް ކޮންޓްރޯލް (ފައިދާހުރި ޖަރާސީމު ފަދަ މާއްދާތައް) އުފެއްދުމަށްޓަކައި "އެޑެޕްޓިވް ރިސާޗް" ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
"ރާއްޖޭގައި މިހާރު މިފެންނަ ރުއްތަކަކީ ވަރަށް ދުވަސްވީ ރުއްތަކެއް. މި ޕްރޮޖެކްޓްގެ އަމާޒަކީ ކާށީގެ ބާވަތްތައް ހޯދުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ ކާބޯތަކެތީގެ ރައްކާތެރިކަން ހަރުދަނާ ކުރުން،" އެގްރިކަލްޗާ މިނިސްޓްރީން ވިދާޅުވިއެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ
ގުޅުންހުރި ޓެގްސް
އިތުރު ލިޔުންތައް

"ސަލާމަތުން ގޮސް، އަމިއްލަ ވަޒަނުގައި ދެން އަވަހަކަށް ނޫޅެވޭނެކަން އެނގުނު" ޝަހިންދާ އިސްމާޢީލް
27 ނޮވެމްބަރު

"ޕާޓީތަކާމެދު މާޔޫސްވެއްޖެ" - ވޯޓު ލާ ޢަދަދު މަދުވެ، އެފަރަގު ރަށްފުށާއި ސިޓީތަކުގެ ދެމެދު ބޮޑުވަނީ
02 ނޮވެމްބަރު

"ބާރުވެރިކުރުވާކަށް މީހަކަ ނާންނާނެ! އަހަރުމެން ބާރުވެރިވާންޖެހޭނީ އަމިއްލައަށް!" ހަތަރު ދައުރު ކައުންސިލަރަކަށް އިންތިޚާބުވި ސާމިޔާ
30 އޮކްޓޯބަރު

