ހިއްކި ގިނަ ބިންތައް ބޭނުންނުކޮށް، އެކަމަކު ބިންހިއްކުން ފަތުއަޑުކިޔާފައި ކުރިއަށް!
ސެޓަލައިޓް ފޮޓޯތަކުން ދައްކާގޮތުގައި ފަރުނުޖެހިގެން ހިއްކި ބިންތަކުގެ ބޮޑުބައި އޮތީ ބޭނުން ނުކޮށް ކަމެވެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
12 އޮކްޓޯބަރު
ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ވަޢުދުވެވަޑައި ގަންނަވަމުންނެވެ. ޢާންމުން ދަނީ ވަޢުދުވެވަޑައިގަތުމަށް ޑިމާންޑު ކުރަމުންނެވެ. ނަމަވެސް، ދިވެހިރާއްޖެއަށް އިތުރު ހިއްކި ބޭނުން ބޭނުންވޭ ބާވައެވެ. ނޫނީ ހިއްކާފައި ހުރި ބިމުގެ ބޭނުން ހިފޭތޯ އުޅޭންވީ ނޫން ބާވައެވެ.
2007 އިން ފެށިގެން ދިވެހިރާއްޖޭގައި 52 ބިން ހިއްކުމުގެ މަޝްރޫޢެއް ހިންގާފައިވާ ކަމަށް މި ނޫހުން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު މެދުވެރިކޮށް ސުވާލު ކުރުމުން އެނގުނެވެ. ސެޓަލައިޓު ފޮޓޯ ތަކުން ފެންނަނީ ހިއްކި ގިނަ ބިން ހުރީ ބޭނުން ނުކޮށް ފަޅަށެވެ. ވިނަ ފަޅާ، ބޯމެ، ޖަންގަލި ވެފައެވެ. އެހެންނަމަވެސް ކޮންމެ ސަރުކާރަކުން އައިސް ވެސް ފެންނަނީ ބިން ހިއްކާ ތަނެވެ.
"ހިއްކި ހުރިހާ ތަނެއްގެ ބޭނުން އެކަށީގެންވާ މިންވަރާ ގާތަށްވެސް ނުކޮށް ހުރީ، ނުއެއް ކުރެވޭ. އެހެން ހުއްޓަ އެތާ ކާރިން ހަމަ ހިއްކާ އިރު ބޮޑު ޕްލޭނެއް ހަދާފައި އޭގަ މިއޮންނަނީ އެސަރަޙައްދުގައި އޮތް ބިންކޮޅުން ނުވެގެން އެތަނާ އެއްކޮށްލާފައި ދެން އިންނަ ތަންކޮޅު ލައިގެން އެއަށްވުރެ މާބޮޑު މަޝްރޫޢެއް ކުރިއަށް ގެންދަން ހިއްކަން،" އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ކުރީގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނަޢީމް (ނައީމްބެ) 2022 ގައި މޫސުމަށް އަންނަ ބަދަލާއި ތިމާވެއްޓާބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވިދާޅުވިއެވެ. މިހާރު އީޕީއޭ ގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް މިސަރުކާރުން ގެނެސްފައި ވެއެވެ.
"މީގެ ވިހި އަހަރު ކުރިން ފެށިގެން ހިއްކާފަ ހުރި ބިންތައް އަދިވެސް އެބަހުރި ވިނަ ފަޅާލާފައި، އެއްވެސް ކަމަކަށް ދޫނުކުރެވި. އެހެންވީމަ އަޅުގަނޑުމެން ތަންތަން ހިއްކާ އިރު އެއިރެއްގަ ބޭނުން އޮތް މިންވަރަކަށް، އެ ޒަރޫރަތް އޮތް މިންވަރަކަށް، ކޮންމެހެން ހިއްކަން ޖެހޭ ތަނެއް ނޫނީ ނުހިއްކުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑު ފާހަގަކުރަން،" އޭނާ އިތުރަށް ވިދާޅުވިއެވެ.
މިއިންޒާރުތަކަށް ކުޑަވެސް ބެލުމެއް ނެތެވެ.
ކަނޑުގެ ދިރުމާއި ވޯޓުފޮށިތައް
އީޕީއޭ ހިންގަވާން ހުންނެވި ނައީމްބެ މަޖިލީހުގައި މިވާހަކަތައް ދެއްކެވިތާ އަހަރު ދުވަސްފަހުން ވެރިކަމަށް ވަޑައިގެންނެވި ޑރ. މުޙައްމަދު މުޢިއްޒު އެވަނީ ބ. ދޮންފަނު ހިއްކާން މަޝްރޫޢެއް އިޢުލާން ކުރައްވާފައެވެ. ދޮންފަނު އޮންނަނީ ބ. އަތޮޅުގެ ބަޔޮސްފިޔަރ ރިޒާރވް ބުޑުގައެވެ. އެއީ އެންމެ 400 މީހުން ދިރިއުޅޭ ރަށެކެވެ. 13.8 މިލިޔަން ޑޮލަރު ޚަރަދު ކޮށްގެން ހިންގާން ވަޢުދުވީ މިމަޝްރޫޢު ކެންސަލުކުރީ ތިމާވެއްޓާބެހޭ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ކަންބޮޑުވުން ބަންޑުން ކޮށްލުމުންނެވެ. މަޝްރޫޢު ކެންސަލު ކުރަމުން ރައީސް މުޢިއްޒު ވިދާޅުވީ މަޝްރޫޢު އިޢުލާން ކުރީ ދޮންފަނު ރައްޔިތުން އެދުނީމާ ކަމަށާއި، ކެންސަލު ކުރައްވަނީ ވެސް އެބައިމީހުން އެދިގެން ކަމަށެވެ. މިއީ ދޮގެއް ކަމަށް ދޮންފަނު ކައުންސިލުން ބުނެ، އެރަށުގައި ނުރުހުން ފައުޅުކޮށް، މުޒާހަރާވެސް ކުރިއެވެ.
ތިމާވެއްޓާބެހޭ ތަޖުރިބާކާރުން ބުނަމުންދަނީ ދޮންފަނު ހިއްކުމުގެ ތެރޭގައި ވެއްޔާއި ކިސަޑު ހަނިފަރުގެ ތެރެއަށް ފެތުރިގެން ދާނެ ކަމަށާއި، މުރަކައިގެ ފަރުތައް އެކިލަނބުގަނޑުގެ ދަށުވެ، ދިރުންތައް މަރުވާނެ ކަމަށެވެ.
ކަންމިހެން އޮތްއިރު، ކުދި ރަށްރަށުގެ ވޯޓު ހޯދާން އެންމެ ގަދައަށް ވާ ވަޢުދުކަމުގައި ބިން ހިއްކުން ވެފައިވެއެވެ.
ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މުޢިއްޒު ދެތިންހަތަރު ރަށުގެ ބިންހިއްކާން ވަޢުދުވެ ވަޑައިގަތެވެ. އދ. އަތޮޅަށް ވަޑައިގެން މަހިބަދޫ ބުޑުގައި އޮންނަ މާފަރު ފަޅު ހިއްކުމުގެ މަޝްރޫޢު އިފްތިތާޙް ކުރެއްވިއެވެ. "އާރބަން ސެންޓަރަށް" އދ. މަހިބަދޫ ބަދަލުވުމުގެ އަޞްލަކަށް ހިއްކާ މިބިން ވާނެކަމަށް ވިދާޅުވިއެވެ. އެއަތޮޅު ކުނބުރުދޫގައި ވިދާޅުވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) މެދުވެރިކޮށް 9.8 ހެކްޓަރުގެ ބިން ހިއްކާން ވަޢުދުވެ ވަޑައިގަތެވެ. އޭގެކުރިން 27.32 ހެކްޓަރު ހިއްކާން އދ. ދަނގެތީގައި ވަޢުދުވެ ވަޑައިގަތެވެ. އެމްޓީސީސީ އިން ހިއްކާ މިބިމުގެ ބޮޑުމިން ދަނގެތީގެ ދެގުނަހާ ވެއެވެ.
އެހެން ފަރުވާއެއް
ނ. ކުޑަފަރީ ކަހަލަ ކުޑަ ރަށަކަށް އިތުރަށް ބިން ބޭނުންވާކަން އަބަދުވެސް އިޙްސާސް ކުރެވެއެވެ. އެރަށު ކައުންސިލްގެ ރައީސް ޢަލީ ޝަމީމް ވިދާޅުވީ ބިން ނުހިއްކާވެސް ޙައްލު ހޯދޭން އެބައޮތް ކަމަށެވެ.
"މިރަށުގަ އަހަރެމެން ބެލިއިރު ފާއިތުވި 20 އަހަރު، 21 އަހަރު ތެރޭ 11 ޕަސެންޓު މީހުންނަށް ޑިވެލޮޕް ކުރެވުނީ، ދެން ބާކީ އޮތް 89 ޕަސެންޓް މީހުންނަށް ޑިވެލޮޕް ނުކުރެވޭ. އެއީ 4 ހެކްޓަރުގެ ބިން 21 އަހަރު ތެރޭ ދޫކޮށްފައި. އެހުރިހާ ތަނެއްގަ ވެޖެޓޭޝަން ކްލިއަރ ކޮށްފައި އޮތީ. އެތަނަކީ ކުރީގަ މީހުން އެކި މަސައްކަތްކޮށް، ކޮންމެވެސް ގޮތަކަށް ބޭނުންކުރި ތަންތަން، މުނިފޫހިފިލުވުމަށް ވެސް، އާމްދަނީ ހޯދުމަށް ރުއްގަސް ހެއްދުމަށާއި ކަނަމަދު ހޮވުމަށާއި، ޖަންގަލި ވިއްޔާ މިއީ." އޭނާ ކިޔައި ދެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ "މިރަށުގަވެސް ހެކްޓަރަކަށް 15 މީހުންވެސް ނުޖެހޭ، ދިރުއުޅޭ އާބާދީ ތެރެއިން. އެހެންވިޔަސް މިހާރު ގާތްގަނޑަކަށް ބިން ދަތިވެގެން މިއުޅެނީ... މިއުޅެނީ ބިން ދަތިވެގެނެއް ނޫން، ބިން ބޭނުންކުރާ ގޮތާއި ބިމުގެ މުއާމަލާތް ކުރާގޮތުގައި ހުރި މައްސަލައެއް މީ." ކަމަށެވެ.
އިތުރަށް ބިން ހިއްކުމުގެ ވަޢުދުވުމުގެ ބަދަލުގައި ގިނަ ބޭނުންތަކަށް އެއް ބިމެއް ހިފޭނެ ގޮތްތަކެއް ސަރުކާރުން ވިސްނާ، ކައުންސިލުތަކަށް އެމަގަށް ކަންފަހިކޮށްދިނުން މުހިންމުކަމަށް ކުޑަފަރީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. " އެންމެ ބޮޑު
ބްލޮކެއް އެއް ޕާރުސަލް އަށް ދީފަ އޮންނަނީ ފުޓްބޯޅައަށާ ސްކޫލަށާ. 600 މީހުން
ތިބެނީ، އެހެންވީމަ 300 ފިރިހެނުން ތިބޭނީ، އޭގެ ތެރެއިން ކިތައް މީހުން އަދި
ފުޓުބޯޅަ ކުޅޭނީ. ވިހި މީހުން ވާހަކަ މިދައްކަނީ ގާތްގަނޑަކަށް، އެންމެ ބޮޑު
ބިމުގެ ޕާރްސަލް މީނީ އެކްސްކްލޫސިވްލީ ރިޒާވްޑް މި މީހުންނަށް." އޭނާ ވިދާޅުވިއެވެ.
”ކޮންމެ ރަށެއްގަ މިހާރު ޓައިޕޯލޮޖީ އެއްހެން އިންނާނެ މީތި… އޭގެ އިންސާފާއި ދޭތެރޭ ސުވާލު ކުރަންޖެހޭ ކަމެއް މީ. އެކަމު ކުރިޔަސް އެއީ.. މިދައްކަނީ އުނދަގޫ ވާހަކައެއް އަސްލު، ރަށްރަށުގަ ދައްކަން ވަރަށް އަންޕޮޕިޔުލަރ ވާހަކައަކަށްވެސް ވެދާނެ ކަންނޭނގެ. އެކަމު މުހިންމު ވާހަކައެއްނު؟" ޢަލީ ޝަމީމް ސުވާލު އުފެއްދެވިއެވެ.
މި ނޫހުން ސެޓަލައިޓް ފޮޓޯއާއި ސަރުކާރުން ކޮށްފައިވާ އިޢުލާނާއި، ޢާންމުކުރި މަޢުލޫމާތުތައް އަޅާ ކިޔާ، ހިއްކި ބިންތައް ބޭނުންކޮށްފައިވާ މިންވަރު ވަޒަންކުރީމެވެ. މިސާލަކަށް ތ. ވިލުފުއްޓަށް ބަލައިފީވިއްޔާ ބިން ބޭނުން ކޮށްފައި އޮތީ ހަމައެކަނި އިންޑަސްޓްރިއަލް ވިލެޖެއް އަޅާށެވެ. ބޭނުންކޮށްފައި އޮތީ ހިއްކި ބިމުގެ ދެބައިކޮށްފައި އެއްބަޔަށްވުރެ ކުޑަ ކޮށެވެ. ތިޔަ ފެނިވަޑައިންނަވަނީ ބައެއް ހިއްކި ބިމުގެ ސެޓަލައިޓް ފޮޓޯއެވެ.
ތ. ވިލުފުށި، 2007، 40.5 ހެކްޓަރު
2004 ގައި ވިލުފުއްޓަށް ސުނާމީއިން ކުރި އަސަރުގައި މުޅި ރަށްހެން ހަލާކުވެ ދިޔައެވެ. 18 މީހުން މަރުވިއެވެ. ރަށުގެ ވަށައިގެން ތޮށިލާ ޙިމާޔަތްކުރުމާއި، އަލުން ބިނާކޮށް، ރަށް އާބާދުކުރީ ނެދަރލެންޑްސް ސަރުކާރުގެ އެހީގައެވެ. ބޮސްކާލިސް ކުންފުނި މެދުވެރިކޮށެވެ. ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައި އެމަސައްކަތް ފެށީ 2006 ގައެވެ. 16 ހެކްޓަރުގެ އެރަށް 61 ހެކްޓަރަށް ބޮޑުކުރައްވާނެ ކަމަށް އެމަނިކުފާނު އިޢުލާންކުރެއްވިއެވެ.
ގޮވަތިގެދޮރު ބިނާކުރީ އިނގިރޭސި ރެޑް ކްރޮސް އިންނެވެ. ހެލްސެންޓަރު ޖަރުމަނު ރެޑް ކްރޮސް އިންނެވެ. އެހެނިހެން ބައެއް ޢުމްރާނީ ވަޞީލަތް އޮސްޓްރޭލިޔާގެ އެހީގައެވެ.
ވިލުފުށީގެ މިސާލުން އެނގެނީ ބިން ހިއްކާންވާނީ ބޭނުމެއް އޮވެމެ، އެބޭނުން ކުރާނެ ގޮތުގެ އެކަށީގެންވާ ތަޞައްވަރަކާއި، ޕްލޭނެއްވެސް އޮވެގެން ކަމެވެ.
ބޭނުންކޮށްފައި އޮތީ 80 އިންސައްތަ.
ގދ. ގައްދޫ، 2007، 0.9 ހެކްޓަރު
ބޭނުންކޮށްފައި އޮތީ 30 އިންސައްތަ.
ގއ. ވިލިނގިލި، 2009، 15 ހެކްޓަރު
ބޭނުންކޮށްފައި އޮތީ 20 އިންސައްތަ.
މ. މަޑިވަރު، ޖަނަވަރީ 2010، 8.9 ހެކްޓަރު
ބޭނުންކޮށްފައި އޮތީ 10 އިންސައްތަ.
މ. ދިއްގަރު، ޖުލައި 2010، 4.2 ހެކްޓަރު
ބޭނުންކޮށްފައި އޮތީ 10 އިންސައްތަ.

ހދ. ކުޅުދުއްފުށި، އޮކްޓޫބަރު 2010، 28 ހެކްޓަރު
ސެޕްޓެންބަރު 2010 ގައި މަސައްކަތް ފެށިގޮތަށް ބޮސްކާލިސް އިން މަސް ދުވަހުން ބިން ހިއްކާ ނިންމައިފިއެވެ. އެކަމަކު ބިމުގައި އަޅާފައި ހުރީ ދެބައިކޮށްފައި އެއްބައި ނިމިފައިހުރި ރޯ ހައުސް ތަކެކެވެ.
ބޭނުންކޮށްފައި އޮތީ 30 އިންސައްތަ.
ގދ. ތިނަދޫ، 2017، 53 ހެކްޓަރު
14.3 ހެކްޓަރު އިތުރަށް ހިއްކާން ރާވާފައިވެއެވެ.
ބޭނުންކޮށްފައިވާ އޮތީ 0 އިންސައްތަ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ
ގުޅުންހުރި ޓެގްސް
އިތުރު ލިޔުންތައް

"ސަލާމަތުން ގޮސް، އަމިއްލަ ވަޒަނުގައި ދެން އަވަހަކަށް ނޫޅެވޭނެކަން އެނގުނު" ޝަހިންދާ އިސްމާޢީލް
27 ނޮވެމްބަރު

އައްޑޫ ހިއްކަން ހުއްދަދިނީ މިނިސްޓަރުގެ ޢަމުރަށް އީއައިއޭ ކުރުގަޅުވާލައިގެން
13 ނޮވެމްބަރު

"ޕާޓީތަކާމެދު މާޔޫސްވެއްޖެ" - ވޯޓު ލާ ޢަދަދު މަދުވެ، އެފަރަގު ރަށްފުށާއި ސިޓީތަކުގެ ދެމެދު ބޮޑުވަނީ
02 ނޮވެމްބަރު













