ފަޅުވެފައިވާ އުޑު، ގެއްލިފައިވާ ލަވަތައް: ރާއްޖެއަށް ކުރިމަތިވެފައިވާ އައިންމަތީ ދޫނިތައް ނެތިދިއުމުގެ ކާރިސާ
އެއްޒަމާނެއްގައި އުޑުމަތި އާބާދުކުރި މިދޫނިތައް ދުވަހަކުވެސް ނުދެކޭ ޖީލެއް ބޮޑުވެއްޖެއެވެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
29 މެއި
ޒަމާނުއްސުރެ ރާއްޖޭގެ މަސްވެރިންނަށް މަސް އައިނުތަކަށް މަގުދައްކައިދިން ދޫނިތައް ނެތިގެން ގޮސް، ސަގާފީ ތަރިކައެއް ގެއްލިގެންދިއުމާއި ވަނީ ގާތްވެފައެވެ. 1990 ގެ އަހަރުތަކުގައި މަގުބޫލުވެގެންދިޔަ ލަވަ "ތޭރަވާ" އަކީ، އެތައް ޖީލުތަކެއް ވަންދެން އުޑުމަތީގައި ކުރިއަރަމުން އައި ބާވަތެއް ކަމަށްވާ ކްރެބް-ޕްލޯވާގެ ހަމައެކަނި ހަނދާންކަމުގައި ވެގެންދިއުމަކީ ވަަރަށް ގާތްކަމެކެވެ. އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީގެ އާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ކުރިން އާންމުކޮށް ފެންނަ މި ވޭޑާގެ ބާވަތް ފެނުން ފާއިތުވި 20 އަދި 30 އަހަރުގެ ތެރޭގައި ގާތްގަނޑަކަށް މުޅިން ހުއްޓިއްޖެއެވެ.
"ކްރެބް-ޕްލޯވާއަކީ ދިވެހި ފުލޯކު ވާހަކައާއި، މިއުޒިކްގައި (މަގުބޫލު ލަވައެއްކަމުގައިވާ "ތޭރަވާ" ފަދައިން) ވެސް މަގުބޫލު ދޫންޏެއް. މީގެން ދައްކުވައިދެނީ މި ދޫނިތަކަކީ ރާއްޖޭގައި ވަރަށް އާންމުކޮށް ފެންނަ ދޫނިތަކެއްކަމާއި، މި ފަދަ ދޫނިތައް ނެތިގެނަދިއުމަކީ ހަމައެކަނި ތިމާވެއްޓަށް ލިބޭ ހީނަރުކަމެއްގެ ބަދަލުގައި މިކަމުގެ ސަބަބުން ރާއްޖޭގެ ސަގާފީ ތަރިކައަށްވެސް ނޭދެވޭ އަސަރެއް ކުރާކަން. ޒަމާނުއްސުރެ ރާއްޖޭގެ ވާހަކަތަކާއި، މިއުޒިކް، ފުލޯކު ވާހަކަ އަދި ހަރުބަސްތަކަކީވެސް ރާއްޖޭގައި އާލާވެފައިވާ ދޫނިތަކާއި ގުޅިލާމެހިފައިވާ އެއްޗެއް،" މި ރިޕޯޓުގައި ލިޔެފައިވެއެވެ.
މީގެ އިތުރުން އައިންމަތީ ދޫނިތަކުގެ އާބާދީ ވަރަށް ބޮޑަށް ދަށަށް ދިއުމަށް މަގުފަހިވާ ސަބަބުތަކުގެ ގޮތުގައި އިންސާނީ ހަރަކާތްތައް ކަމަށްވާ ފަޅު ކޮނުން، ބިން ހިއްކުމާއި، ޓޫރިޒަމް އަދި ރިސޯޓް ތަރައްގީ ކުރުން ފަދަ ކަންކަން ފާހަގަކުރެވިފައިވާ ކަމަށް މި ރިޕޯޓުގައި ހާމަކޮށްފައިވެއެވެ. މިއީ މީގެ މާ ކުރީއްސުރެ، ދިވެހި މަސްވެރިން ބުނަމުން އައި ފަދައިން އެމީހުންނަށް މަގު ދައްކުވައިދޭ ދޫނިތަކުގެ އާބާދީ ނެތިގެންދާކަން ދައްކުވައިދޭ ކަމެކެވެ.
ތޭރަވާގެ އާބާދީ ނެތިގެންދިއުމުން ދައްކުވައިދެނީ މި ސަރަހައްދުގެ އައިންމަތީ ދޫނިތަކަށް ކުރިމަތިވެފައިވާ ކާރިސާގެ ހާލަތެވެ. އީޕީއޭއިން ވަނީ އަތޮޅުތަކުގެ ތެރޭގައި ދޫނިތަކުގެ ބިސް އަޅާ މިންވަރާއި، ހިޖުރަކުރާ މިންވަރު ދެނެގަތުމަށްޓަކައި، ރާއްޖޭގެ ހުރިހާ އަތޮޅަކުން އެއް މަންދޫބަކު ހިމެނޭ ގޮތަށް 42 އަށް ވުރެ ގިނަ ޢިލްމީ އަދި ތަޖުރިބާކާރު މީހުންނާއި އިންޓަވިއު ކޮށްފައެވެ. މި ދިރާސާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދޫނީގެ ބިސްއަޅާ މިންވަރާއި އަދި ދޫނިތައް އާލާވެފައިވާ މިންވަރަށް ބިނާކޮށް ޝޯޓްލިސްޓް ކޮށްފައިވާ 29 ބާވަތެއްގެ ދޫންޏަކަށެވެ. މި ލިސްޓުގައި ހިމެނެނީ 13 އައިންމަތީ ދޫނީގެ ބާވަތްތަކާއި، 10 ވަތްތަރެއްގެ މާކަނާއާއި، 3 ވަތްތަރެއްގެ ކަނބިލިއާއި، އެއް ވައްތަތްރުގެ ވޭޑާރ އަދި ރާއްޖޭގެ އެއްގަމުގައި އުޅޭ ދޫނީގެ ދެ ބާވަތެކެވެ.
މީގެ ކުރިން މާރަންގާ އާއި ކުރަނގި ފަދަ އައިންމަތީ ދޫނި ރާއްޖޭގައި އާލާވެފައިވީނަމަވެސް، މިހާރު މި ފަދަ ދޫނިތަކަކީ އާންމުކޮށް ރާއްޖެއަށް ހިޖުރަކުރާ ބާވަތްތަކުގެ ދޫނިތައްކަމަށް މި ރިޕޯޓުގައި ހިމަނާފައިވެއެވެ.
އައިންމަތީ ދޫނި
ކަނޑުގެ މަސް އައިން މަތިން އާންމުކޮށް ފެންނަ ދޫނިތަކަކީ ސީބާޑްސް ނުވަތަ އައިންމަތީ ދޫންޏެވެ. އައިންމަތީ ދޫނި މައިގަނޑު ގޮތެއްގައި ކަނޑުމަތީގައި ކާބޯތަކެތި ހޯދުމުގެ މަސައްކަތް ކުރާއިރު، މި ދޫނިތައް އެނބުރި އެއްގަމަށް އަންނަނީ ބިސްއެޅުމަށެވެ. ޒަމާނުއްސުރެ، ކަންނެލި މަހުގެ އައިން ހޯދުމަށް ދިވެހި މަސްވެރިން އައިންމަތީ ދޫންޏަށް ބަރޯސާވެއެވެ.
އައިންމަތީ ދޫނި ރާއްޖެއަށް ޝައުގުވެރިވަނީ، ރާއްޖޭގެ އަތޮޅުތަކުގެ ތެރޭގައި ބޮޑެތި ކަނޑުގެ އޮއިގަނޑުތައް ދަތުރުކުރުމާއި، ރާއްޖޭއަށް އަންނަ މޫސުމީ ބަދަލުތަކުގެ ސަބަބުން، ދިޔަވަރު އުފުލިގެންދިއުމަށް މަގުފަހިވާތީއެވެ. މިފަދައިން ދިޔަވަރު އުފުލުމުގެ ސަބަބުން، ކަނޑު އަޑީގެ ތަފާތު ދިރުންތަކަށް އިތުރު ތިޔާގިކަމެއް އައިސް، މި ސަރަހައްދުތަކުގެ މަސްވެރިކަން ރަނގަޅު ކޮށްދެއެވެ.
ނަތީޖާއެއްގެ ގޮތުން ސީޝެލްސް، ޗާގޯސް، ވެސްޓަން އޮސްޓްރޭލިއާ، އަރަބި ކަނޑު އަދި އެންޓާޓިކާ ފަދަ ސަރަހައްދުތަކުގައި އުފެދޭ މަސްއައިން ދޫނި ބިސްއަޅާ މޫސުމް ނޫން އެހެން މޫސުމުގައި ރާއްޖެއަށް ހިޖުރަކުރެއެވެ. 2012 ވަނަ އަހަރާ ހަމައަށް ކުރި ދިރާސާތަކުން ދައްކާ ގޮތުގައި މަސްއައިން ދޫންޏަކީ އަދިވެސް މަސްވެރިންނަށް މަސްވެރިކަން ކުރާ ސަރަހައްދުތައް ދެނެގަތުމުގައި ވަރަށް މުހިންމު ވަސީލަތެކެވެ.
މަސްއައިން ދޫނިތަކަށް އެއްގަމާއި ކަނޑުގައި ވެސް ނުރައްކާތައް ކުރިމަތިވެއެވެ. މީގެ ތެރޭގައި، މީދާ، އަދި ބޭރުތެރޭގައި އުޅޭ ބުޅާ ހިމެނެއެވެ.
މަސްއައިން ދޫނި އާލާވާ ތިމާވެށި ނެތިގެންދިއުމާއި، އިންސާނުންގެ ފަރާތުން ކުރިމަތިވާ އުނދަގޫތަކަކީވެސް މި ދޫނިތައް މަދުވެގެން ދިއުމުގެ ސަބަބެކެވެ. އެގޮތުން، ފަތުރުވެރިކަމުގެ ސިނާޢާތް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކާއި، ވެލި ނެގުމާއި، އެސޮރުމެން އަޅާފައި ހުންނަ ބިސް ނެގުންފަދަ ކަންކަމުގެ ސަބަބުން މަސްއައިން ދޫނި އާލާވުމަށް ނޭދެވޭ އަސަރު ފޯރައެވެ.
މަސްއައިން ދޫނި ބިސްއަޅާ ރަށްތައް ނުވަތަ ފިނޮޅުތަކުގެ ބިން ހިއްކައި، އެތަންތަނުގައި ރިސޯޓުތައް ހެދުމާއި، ވެލި ނެގުމުގެ ސަބަބުން މިފަދަ ފިނޮޅުތައް ހަލާކުވެފައިވާކަން އިންޓަވިއު ދިން ގިނަ ފަރާތްތަކުން ތަކުރާރުކޮށް ފާހަގަކޮށްފައިވާ ކަމަަށް ރިޕޯޓުގައި ހިމަނާފައިވެއެވެ.
ފިނޮޅުތަކަށް އާންމުންނާއި ފަތުރުވެރިން އެއްވެސް އުސޫލެއްނެތި ގިނަ ގިނައިން ދަތުރުކުރުމުގެ ސަބަބުން، މަސްއައިން ދޫނީ އާންމުކޮށް ބިސްއަޅާ ރަށްތައް ދޫކޮށްލައެވެ. މީގެ އިތުރުން މީހުން ދިރިއުޅޭ ރަށްތައް ތަރައްގީ ކުރުމަށްޓަކައި ގަސް ކެނޑުމާއި، ގަސްގަހާގެހި ނައްތާލުމުގެ ސަބަބުން، ރަށްތަކުން ފެންނަ ދޫނީގެ އަދަދު މަދުވެފައިވާކަމަށް ވެސް ރިޕޯޓުގައިވެއެވެ.
ރާއްޖޭގައި އާންމުކޮށް އާލާވާ ދޫނި ސޫފާސޫފި ނެތިގެންދިއުމަކީ ހަމައެކަނި ތިމާވެއްޓަށް ލިބޭ ގެއްލުމެއްނޫންކަމަށާއި، މި ކަމުގެ ސަބަބުން ރާއްޖޭގެ ސަގާފަތަށްވެސް އުނިކަން ލިބޭނެކަމަށް މި ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މަސްއައިން ދޫނި އާލާވުމާއި ބިސް އެޅުމުގެ ވައްޓަފާޅިއަކީ ނަކަތުގެ މައްޗަށް ބިނާވެފައިވާ އެއްޗެކެވެ. ނަކަތަކީ، ދެ ހަފުތާގެ މުއްދަތެއް ހިމެނޭ، މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ދިވެހީން ބޭނުންކުރާ ނިޒާމެކެވެ. ޒަމާނުއްސުރެ ދިވެހީން ކުރަމުން އަންނަ ކަމެއްކަމުގައިވާ ވިޔަފާރިކުރުމަށްޓަކައި މަސްއައިން ދޫންޏާއި އޭގެ ބިސް ނެގުމަކީ ރަށްރަށުގެ މުޖުތަމައުތަކުގެ ތެރޭގައި އޮންނަ ދޫނިސޫފާސޫފީގެ އިލްމު އަންގައިދޭކަމެކެވެ. "ރާއްޖޭގައި ދިރިއުޅޭ ދޫނިސޫފާސޫފި ގެއްލިގެންދިއުމުގެ ސަބަބުން، މިދޫނިތަކާ ގުޅޭ އިލްމުވެސް ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްނުދެވި ނެތިގެން ހިނގައިދާނެކަމުގެ ބިރު ހީވެފައިވާކަމަށް މި ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، މި ރިޕޯޓު ތައްޔާރުކުރުމަށް އިންޓަރވިއުދީފައިވާ އުމުރުން 39 އަހަރުގެ ދެ މީހަކަށް މިހާތަނަށް ރާއްޖޭގެ ރަށަކުން ތޭރަވާއެއް ފެނިފައިނުވާކަން، މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މި ދެމީހުންނަކީ ލ. މާބައިދޫއަށާއި ގދ.މަޑަވެލިއަށް ނިސްބަތްވާ ދެމީހުންނެވެ. އެހެންނަމަވެސް، މި މީހުންގެ މައިންބަފައިންނާއި ކާފަމެން ކިޔާދޭ ގޮތުގައި، ކުރީގައި ތޭރަވާއަކީ ވަރަށް އާންމުކޮށް ފެންނަ ދޫންޏެއްކަމަށް އެމީހުން ބުނެފައިވާކަމަށް ރިޕޯޓުގައިވެއެވެ.
ހާލަތް ބަދަލުކުރުން
ދޫނިތަކުގެ އާބާދީ އަލުން އިއާދަކުރުމަށް ހުށަހަޅާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ރަށްތަކުން މީދާ ނަތްތާލުން ހިމެނެއެވެ. މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން މިކަމަކީ، ރާއްޖޭގެ ކުދި ރަށްތަކުގައި މިހާރުވެސް ބޭނުންކުރަމުން އަންނަ އަދި ކުރިއަށް އޮތްތަނުގައި ދޫނިސޫފާސޫފި އާލާކުރުމަށްޓަކައި ކާމިޔާބުކަމާއެކު އެޅޭނެ ފިޔަވަޅެކެވެ. މިގޮތުން، ތިމާވެށީގެ ރިސްޓޯރޭޝަން މެތަޑެއްގެ ގޮތުގައި މީދާ ނައްތާލުމުގެ އޮޕަރޭޝަންތައް ހިންގުމަށް ރަށްރަށުގެ މުޖުތަމައުތަކުން އިސްވެ، ރަށްތަކުގެ އެތެރޭގެ ގާބިލުކަން އުފެއްދުމަކީ އެންމެ މުހިންމު އެއް ކަމެއް ކަމަށް އީޕީއޭއިން ލަފާ ދެއްވިއެވެ.
މީގެ އިތުރުން މަސްއައިން ދޫނިތައް ބިސް އަޅާ މުހިންމު ފިނޮޅުތަކާއި ރަށްތައް ވަކި މޫސުމްތަކުގައި ފަތުރުވެރިންނަށް ބަންދުކުރުމަށް މިރިޕޯޓުގައި ވަނީ ލަފާދީފައެވެ. ބިސް އަޅާ މޫސުމް އާންމުގޮތެއްގައި ދެމިގެންދާނީ 10 ހަފުތާއާއި 12 ހަފުތާގެ މުއްދަތަކަށެވެ. އެހެން ނަމަވެސް، މިފަދަ ފިޔަވަޅުތައް ހަރުދަނާ ގޮތެއްގައި އެޅުމަށްޓަކައި ބޭނުންވާ މަސްއައިން ދޫނީގެ ބިސްއެޅުމުގެ ވަށްޓަފާޅިއާ ގުޅޭ އެމްޕެރިކަލް ޑޭޓާ މިވަގުތު ނެތްކަން މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ފަތުރުވެރިކަމަށް ތަރައްޤީކޮށްފައިވާ ރަށްރަށުގައިވެސް، ދިވެހި ގަސްގަހާގެހީގެ ވަކި އިންސައްތައެއް ހިމާޔަތްކުރަން ޖެހޭ ގޮތަށް ރަށްރަށުގެ ތަރައްޤީކުރުމުގެ އުސޫލު ގާއިމްކުރުމަކީވެސް، މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ފިޔަވަޅެކެވެ.
އީޕީއޭއިން ހުށަހަޅާފައިވާ ޒަމާނީ ހައްލުތަކުގެ ތެރޭގައި އާޓިފިޝަލް ހާލި ހަދާފައިވާ ރާފްޓްސް ނުވަތަ ފްލޯޓިން ނެސްޓް ޕްލެޓްފޯމްތައް ބިސްއެޅުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުމަށް ޓެސްޓުކުރުން ހިމެނެއެވެ.
ރިސޯޓުތައް ހެދުމުގެ މަރުހަލާތަކުގައި އާޓިފިޝަލްކޮށް ހިއްކާފައިވާ ބިންތައް ވަގުތީ ގޮތުން ރާއްޖޭގެ ރާބޮދު ބިސްއެޅުމަށް ބޭނުންކޮށްފައިވުމަކީ، މި އާޓިފިޝަލް ހާލިތައް ކާމިޔާބުވެދާނެކަން އަންގައިދޭ ކަމެއްކަމަށް މި ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ
ގުޅުންހުރި ޓެގްސް
އިތުރު ލިޔުންތައް

"ސަލާމަތުން ގޮސް، އަމިއްލަ ވަޒަނުގައި ދެން އަވަހަކަށް ނޫޅެވޭނެކަން އެނގުނު" ޝަހިންދާ އިސްމާޢީލް
27 ނޮވެމްބަރު

"ޕާޓީތަކާމެދު މާޔޫސްވެއްޖެ" - ވޯޓު ލާ ޢަދަދު މަދުވެ، އެފަރަގު ރަށްފުށާއި ސިޓީތަކުގެ ދެމެދު ބޮޑުވަނީ
02 ނޮވެމްބަރު

"ބާރުވެރިކުރުވާކަށް މީހަކަ ނާންނާނެ! އަހަރުމެން ބާރުވެރިވާންޖެހޭނީ އަމިއްލައަށް!" ހަތަރު ދައުރު ކައުންސިލަރަކަށް އިންތިޚާބުވި ސާމިޔާ
30 އޮކްޓޯބަރު

