ޑާވިންއަށް ވުރެ ފުނަށް: ހަގީގަތުގައި ރާއްޖޭގެ އަތޮޅުތައް އުފެދުނީ ކިހިނެއް؟

ޒަމާނީ ދިރާސާތަކުން އިޝާރާތްކުރަނީ ޕްލޭޓް ޓެކްޓޯނިކްސް އަށް.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ދިވެއްސަކާ އެމީހުންގެ ރަށްތައް އުފެދިގެން އައި ގޮތާ ބެހޭގޮތުން ސުވާލުކުރުމުން، ދައްކާނީ އަޑިއަށް ގޮސްފައިވާ ސެޑިމެންޓާއި ރާޅުގެ ވާހަކައެވެ. މި ސުވާލު ޒުވާން ޖީލުތަކާ ކުރުމުން ދައްކާނީ ޓެކްސްޓް ފޮތްތަކުގައިވާފަދައިން  ކަނޑުއަޑީގެ އަލިފާން ފަރުބަދަތަކުން ރާއްޖޭގެ އަތޮޅުތައް އުފެދުނު ވާހަކައެވެ. މިއީ މިޤައުމު އުފެދުނު ގޮތާއި މެދު ޢާންމުކޮށް މީހުން ދެކޭ ގޮތް ކަމުގައި ބެލެވެއެވެ.
ޖިއޮލޮޖިކަލް ތާރީޚީގޮތުން ދާދި ފަހުން އުފެދުނު އާކިޕެލަގޯއެއްގެ ހައިސިއްޔަތުން، މި ހިތްގައިމު އިކޯސިސްޓަމް އުފެދުނު ގޮތާ ބެހޭ ގިނަ މައުލޫމާތު އަދިވެސް އެނގިފައިނުވެއެވެ.
ރާއްޖޭގެ ތިރީގައި ވާ ކޮރަލް ރީފް ސްޓްރަކްޗަރތަކުގެ ސަބަބުން މި ސަރަހައްދުގެ ދަތުރުވެރިންނަށް ނުރައްކަލާ ކުރިމަތިވެފައިވާކަން ތާރީޚުން އެނގެންއޮވެއެވެ. މިއީ ފަރަންސޭސި ވިލާތުގެ ވިޔަފާރިވެރިޔާ ފްރާންސުވާ ޕިރާޑު އަށް 1602 ވަނަ އަހަރު ދަތުރުކުރަމުންދިޔަ އުޅަނދު ހަލާކުވެ، ރާއްޖެއަށް މީނާ ލެއްގުމަށް ދިމާވި ސަބަބެވެ.
ޕިރާޑް ރާއްޖޭގައި ބަންދުގައި ހުންނެވި ދުވަސްވަރު ދިވެހި ބަސް ދަސްކުރައްވައި، ފަހުން ދިވެހި ބަސްތައް މުޅި ދުނިޔެއަށް ފެންނާނެ ފަދައިން ޝާއިއު ކުރެއްވިއެވެ. އޭގެ ތެރޭގައި "އެޓޯލް" މި ބަސް ފާހަގަކޮށްލެވެއެވެ. އެޓޯލް ނުވަތަ އަތޮޅަކީ، މުރަކަ ތައް ވަށައިގެން އޮންނަ ފަޅުތަކެވެ. މި ފަޅުތަކުގެ ވަށައިގެން އާންމުކޮށް ރަށްތައް އުފެދިފައިވެއެވެ. މިއީ އެއިރު ޕިރާޑް ހުންނެވި ގޮއިދޫ އަތޮޅު އުފެދިފައިވާގޮތެވެ. 
"އެޓޯލް" އެންމެ ފުރަތަމަ އިނގިރޭސި ބަހަށް ވަދެފައިވަނީ އެޗްއެމްއެސް ބީގަލްގެ މަޝްހޫރު ދުނިޔެ ވަށައިކުރި ދަތުރުގައި، ދިމާވި ކޮރަލް ރީފް ސްޓްރަކްޗާތައް ސިފަކުރުމަށް ޗާލްސް ޑާވިން އެ ބަސް ބޭނުން ކޮށްގެންނެވެ. ޑާވިން ރާއްޖެ އައިސްފައި ނުވި ނަމަވެސް، އޭނާ ވަނީ ޕެސިފިކް ގެ ރަށްތައް ކައިރިން ދަތުރުކޮށް ދެކުނު އިރުމަތީ އިންޑިއާ ކަނޑުގެ ކޮކޯސް އަތޮޅާ ބެހޭގޮތުން މައުލޫމާތު އެއްކޮށްފައެވެ. ފަރުތަކުގެ ސަބަބުން މި ހިސާބުން ދަތުރުކުރާ އިތުރު އުޅަނދުފަހަރަށް ގެއްލުން ލިބުމުން ސަލާމަތްކުރުމަށް އެހީތެރިވުމުގެ ގޮތުން ޑާވިން ވަނީ މުރަކަ ފަރުތަކުގެ ތަފްސީލީ މެޕްތައް އެކުލަވައިލައިފައެވެ. އަތޮޅުތައް އުފެދިފައިވަނީ ކަނޑުގެ އަޑީގައިވާ އަލިފާން ފަރުބަދަތަކުންކަމަށް އަންދާޒާކުރެވުނީ މި މެޕްތަކުގެ މައްޗަށް ބިނާކޮށެވެ. ޕޮލިޕްސް ނަމަކަށް ކިޔާ ކުދި ކަނޑުގެ ދިރުންތައް އަލިފާން ފަރުބަދަތަކުގައި ތަތްވެ، ޕޮލިޕްސް އިން ބޭރުކުރާ ލައިމްސްޓޯން އެކްސޯސްކެލެޓަންތަކުން މުރަކައާއި ފަރުތައް އުފެދިފައިވާކަމަށް އޭނާ ދެކެވަޑައިގަތެވެ. އަލިފާން ފަރުބަދަތައް ކަނޑުގެ އަޑިއަށް ގެނބިގެން ދިޔައީ، މިހާރު މިފެންނަ ފޯމޭޝަންތައް ނުވަތަ ރަށްތައް މަތްޗަށް ދޫކޮށްލުމަށްފަހުގައިކަމަށް ޑާވިން ނިންމެވިއެވެ.
ޑާވިންގެ ތިއަރީގެ ސިމްޕްލިސިޓީ ނުވަތަ ސާދާކަމުގެ ސަބަބުން، މި ތިއަރީއަކީ ފުޅާ ދާއިރާއެއްގައި ބަލައިގަނެވުނު ތިއަރީއެކެވެ. އެގޮތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޓެކްސްޓް ފޮތްތަކުގައި މިއީ ރާއްޖެ އުފެދުނު ގޮތްކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް ޒަމާނީ ދިރާސާތަކުން ދައްކާ ގޮތުގައި ދިވެހި ރާއްޖެ އުފެދިފައިވަނީ ޕްލެޓް ޓެކްޓޯނިކްސް އާއި ކަނޑުގެ ލޮނުގަނޑުގެ އުސްމިނަށް އައިސްފައިވާ ބަދަލުތަކުންނެވެ.

ބަދަލުވަމުން އަންނަ ޚިޔާލުތައް

ޑާވިން އޭނާގެ ތިއަރީ ހުށަހެޅުއްވި އިރު، ސައިންސްވެރިންނަށް ޕްލޭޓް ޓެކްޓޯނިކްސް ގެ މައުލޫމާތު ހޯދިފައިނުވެއެވެ. އެގޮތުން، ދުނިޔޭގެ ސަރފެސް ޕެލޭޓްތައް މޮލްޓެން މަންޓަލްތަކުގެ މަތިން ދަތުރުކުރާ ކުރުމާއި، ކަނޑުގެ ލޮނުގަނޑު ދިގު މުއްދަތަކަށް އުފުލުމުގެ ސަބަބުން ބޮޑެތި ގްލޭސިއަރ ތަކަށް ކުރާ އަސަރާއި މޫސުމަށް އަންނަ ބަދަލުތައް ވެސް ދެނެގަނެވިފައެއް ނުވެއެވެ.
މީގެ ސަތޭކަ މިލިޔަން އަހަރު ކުރިން، އިންޑިޔާގެ ސަރފެސް ޕްލޭޓް އުތުރަށް ދަތުރުކުރަން ފެށުމުން، މިހާރުގެ މަޑަގަސްކަރައާ އިންޑިއަން ސަބްކޮންޓިނެންޓް ވަނީ ވަކިވެފައެވެ. އަދި މި ޕްލޭޓް ވަނީ ރީޔޫނިއަން ނަމަކަށްކިޔާ ރަށެއްގެ އަޑީގައިވާ ގިނަ އަދަދެއްގެ އަލިފާން ފަރުބަދަ މަތީން ދަތުރުކޮށްފައެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ އަޑީގައިވާ ބޯޔެންޓް މެންޓަލްއެއް ވަކިވެ، އަލިފާން ލާވާގެ ގޮތުގައި ކަނޑުގެ މައްޗަށް އުފުލި، އެލާވާ ހަރުވެ،  އިންޑިއާގެ ޑެކަން ޓްރެޕްސްއިން ފެށިގެން މޮރީޝަސްއާ ހަމައަށް ފެތުރިފައިވާ ބެޒަލްޓް ލާވާ ފަށަލައަކަށްވަނީ ބަދަލުވެފައެވެ.  
ފާއިތުވި ފަސް މިލިޔަން އަހަރުގެ ތެރޭގައި، ކަނޑުގެ ލޮނުގަނޑުގެ ފުންމިން ވަނީ ބަދަލުވެފައެވެ. އެގޮތުން، އުތުރު އެމެރިކާގައި ގަނޑުފެން ގަނޑުތައް އުފެދުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ވަނީ 120 މީޓަރަށް އުފުލިފައެވެ. ކޮންމެ 100،000 އަހަރަކުން އެއް ފަހަރު ހިނގާ ސައިކަލްއެގެ ސަބަބުން އަލިފާން ފަރުބަދަތަކުގެ ފްލެޓް ސަރަޙައްދުތައް ހާމަވެ، އެސިޑިކް ވާރޭގެ ސަބަބުން އޭގެ މެދުގައިވާ ސަރަހައްދު ގިރައިގެންދެއެވެ. މި ޕްރޮސެސް އަށް ނަންދެވިފައިވަނީ ކާސްޓިފިކޭޝަން ގެ ނަމުންނެވެ. ކަނޑުގެ ލޮނުގަނޑު އަނެއްކާވެސް އުފުލިގެން ދިއުމުން، ކޮރަލް ޕޮލިޕްސް އާއި އެހެނިހެން ކަނޑުގެ ދިރުންތައް، އަޑިއަށް ގޮސްފައިވާ މި ފަށަލަތަކުގެ އައްސޭރިފަށުގައި ވަޒަންވެރިވެ، އެތަންތަނުގެ އެކްސޯސްކެލެޓަންތަކުގެ އޮނިގަނޑަށް އެހީތެރިވެދެއެވެ.
ކަނޑުގެ ލޮނުގަނޑު އުފުލެމުން ދިޔަވަރަކަށް، މުރަކަޖަހާފައިވާ މި އައްސޭރިތައް ހިއްލުނެވެ. މިކަމުގެ ސަބަބުން، ގާތްގަނޑަކަށް 1،200 ރަށް ހިމެނޭ ދުނިޔޭގެ އެންމެ ބޮޑު އަތޮޅުތަކުގެ ޗެއިންކަމަށް ބެލެވޭ ދިވެހިރާއްޖެ އުފެދުނެވެ. މިއަދު ރާއްޖޭގެ މައި ފަޅުތަކުގައި އެވްރެޖްކޮށް 40 މީޓަރާއި 60 މީޓަރާއި ދެމެދުގެ ފުންމިނެއް ހުރެއެވެ. އަދި މެދުރާއްޖެތެރޭގެ ޑަބަލް ޗެއިނެއްގެ މައްޗަށް އުފެދިފައިވާ އަތޮޅުތަކުގެ އެތެރޭގެ ކަނޑުތަކުގެ ފުންމިނުގައި 600 މީޓަރު ހުރެއެވެ.
އަތޮޅުތައް އުފެދޭ ގޮތް ދެނެގަންނަން ޑާވިން މަސައްކަތް ކުރިތާ ގަރުނަކަށް ވުރެ ގިނަ ދުވަސް ފަހުން، ރާއްޖެ އުފެދިފައިވާ ގޮތާ މެދު މުޅިން އައު ތިއަރީއެއް މިވަނީ އުފަންވެފައެވެ.

ހޯދުންތަކުގެ ތަފްސީލް

 1970 ގެ އަހަރުތަކުގެ ކުރީކޮޅުގައި، ތެލުގެ ބާވާތްތައް ހޯދުމަށްޓަކައި ތެޔޮ ކުންފުނިތަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ އަޑި ވަނީ ތޮރުފާފައެވެ. މާލޭގެ އިރުއުތުރުގެ ކަނޑުގެ ސަރަޙައްދާއި،  އަރި، ޅ.، އަދި (ޕިރާޑްގެ) ގޮއިދޫ އަތޮޅުގެ އިރުދެކުނުން އެތެރޭގައިވާ ކަނޑުގެ ސަރަޙައްދަށް އަމާޒުކޮށްގެން މިކުންފުނިތަކުން ކުރިއަށް ގެންދިޔަ ކަނޑުގެ އަޑީ ފަށަލައާ ގުޅޭ (ސިސްމިކް) ސަރވޭތަކުގެ އަލީގައި، މެރިން ޖިއޮލޮޖިސްޓުން ވަނީ ޑާވިންއަށްވުރެ ފުނަށް ގޮސްފައިވާ އައު ތިއަރީއެއް އެކުލަވާލާފައެވެ.
މި ދެ ޑައިމެންޝަނަލް ސިސްމިކް ޕްރޮފައިލްތައް ދިރާސާކޮށްގެން ޑރ. އަންދްރޭ ޑްރޮކްސްލަރ އާއި ސްޓެފާން ޖޯރީ އަށް އެނގުނު ގޮތުގައި މިރަށްތަކަކީ އަލިފާން ފަރުބަދަތަކުގެ ޕްލެޓޫއާ ގުޅިފައިވާ ކާބޯނެޓްގެ ބޮޑު ފަށަލައެއްގެ ބައެކެވެ. މި ހޯދުންތައް އެންމެ ފުރަތަމަ ޝާއިއުކޮށްފައިވަނީ 2021 ވަނަ އަހަރުއެވެ.
"ރާއްޖޭގެ މުޅި ރީފަލް ލައިމްސްޓޯން ސްޓްރަކްޗަރ ތަރައްޤީވެފައިވާ ގޮތާއި، އެ އޮނިގަނޑަށް އެންމެ ފުރަތަމަ އުފެދުނު އަލިފާން ފަރުބަދައިގެ ޕްލެޓޫ ދިރާސާކުރުމަށްޓަކައި، ކަނޑުއަޑީގެ ސަރަޙައްދުތަކުގައި ހަދާފައިވާ ތަފާތު ސިސްމިކް ސަރވޭތައް ވަނީ ބޭނުންކޮށްފައި،" އަންދްރޭ ޑްރޮކްސްލަރ މޯލްޑިވްސް އިންޑިޕެންޑެންޓްއަށް ތަފްސީލުކޮށްދެއްވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، މި އަލިފާން ފަރުބަދަތަކުގެ އަޑީގެ ފަށަލަ އުފެދިފައިވަނީ ރާއްޖެ ރީޔޫނިއަން ރަށުގެ މަތިން ދަތުރުކުރި ދުވަސްވަރުގައެވެ. އަދި މީގައި ޖަމާވެފައިވާ ލައިމްސްޓޯންގެ ފަށަލަތަކުން، ކަނޑުގެ ލޮނުގަނޑު އުފުލިފައިވާ މިންވަރާއި ގުޅޭ ހެކިތައް ލިބިފައިވާކަމަށް އޭނާގެ ދިރާސާތަކުން ދައްކައެވެ. 
މި މުހިންމު ތާރީޚީ ބަދަލުތައް ދެނެގަނެވުނީ ކަނޑު އަޑީގައިވާ، ދިރުންތަކުގެ ކަށިތަކާއި، މި ކަށިތަކުގައި ރައްކާކުރެވިފައިވާ ތިމާވެއްޓާ ގުޅޭ މަޢުލޫމާތު ދިރާސާކޮށްގެންނެވެ. މިފަދަ މައިކްރޯ ކަށިތަކުގެ ސަބަބުން ކާނާ ދައުރުކުރެވުނު މިންވަރާއި، ކަނޑުގެ ފިނިހޫނުމިނާއި އަދި އޮކްސިޖަން ހުރި މިންވަރު ދެނެގަނެވެއެވެ. ޕްލެންކްޓަން އުފެދުމާއި ނެތިދިއުމުގެ ކަންކަން ދިރާސާކުރުމުން، ލައިމްސްޓޯން ކާބޯނޭޓް ފަށަލައިގެ އުމުރު ސެޑިމެންޓްގެ ޒަރީޔާއިން ދެނެގަނެވެއެވެ. އެގޮތުން، ރާއްޖޭގެ އަލިފާން ފަރުބަދަތަކުގެ ކާބޮނޭޓް ފަށަލައިން ދައްކުވައިދޭ ގޮތުގައި މި ފަށަލަ އުފެދިފައިވަނީ "އިއޯސީން" ޕީރިއަޑުގެ ކުރީކޮޅުގައެވެ.
"މި ހޯދުންތަކުން އަޅުގަނޑުމެންނަށް ސާބިތުކޮށްދެނީ، ރާއްޖޭގެ އަލިފާން ފަރުބަދައިގެ ފަށަލައަކީ 55 އާއި 57 މިލިއަން އަހަރާ ދެމެދުގެ އުމުރުގެ އެއްޗެއްކަން. އަދި މީގައި ހިމެނޭ 2 އަދި 3 ކިލޯމީޓާރ ފުޅާ ރީފް ލައިމްސްޓޯން ސްޓްރަކްޗަރ އުފެދިފައިވަނީ މީގެ 55 މިލިއަން އަހަރު ކުރިންކަން. ފަހުގެ ތާރީޚުގައި އުފެދިފައިވާ އަތޮޅުތައް އުފެދިފައިމިވަނީ މި ފަރުބަދަތަކުގެ 55 މިލިއަން އަހަރުވީ ދިގު ސައިކަލްގެ ފާއިތުވި 450،000 އަހަރު ތެރޭގައި،" ޑރ.ޑްރޮކްސްލަރ ވިދާޅުވިއެވެ.
ރާއްޖެ އުފެދިފައިވާ ގޮތް ދެނެގަތުމަކީ ވަރަށް އުދަނގޫކަމެއްކަމުގައިވީނަމަވެސް، އޭނާގެ ތިއަރީ އިން މިވަނީ ޑާވިންގެ  އަޑިއަށް ގޮސްފައިވާ އަލިފާން ފަރުބަދައާ ގުޅޭ ތިއަރީއަކީ ޞައްހަ ތިއަރީއެއްނޫންކަން ސާބިތުކޮށްދީފައެވެ. 
ޑާވިންގެ ތިއަރީއިން ރާއްޖެ އުފެދިފައިވާ ގޮތް ބުނެދެވިފައިނުވިނަމަވެސް، މި ތިއަރީ އަކީ ކޮންމެވެސް މިންވަރަކަށް ސައްހަ ތިއަރީއަކަށް ވެދާނެއެވެ. ޕެސިފިކް އައިލެންޑްސްއާ ބެހޭ ގޮތުން ކުރެވުނު ދިރާސާތަކުން އެނގެނީ އެ ރަށްތައް އުފެދިފައިވަނީ ޑާވިންގެ ތިއަރީގައި ބުނެފައިވާ ގޮތަށްކަމަށެވެ. އަދި ރަށްތައް އުފެދޭނެ އެކި ގޮތްގޮތް ހުންނަކަމަށް ޖިއޮލޮޖިސްޓުން ދެކެއެވެ.
ޑރ.ޑްރޮކްސްލަރ ދަނީ ތަޢުލީމީ މުއައްސަސާތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން، މި އައު ތިއަރީ އުނގަންނައިދޭ ފޮތެއް ޝާޢިއުކޮށްފައެވެ. މީގެ ބޭނުމަކީ، ކުރިއަށް އޮތް ޖީލުތައް  މި އާ ތިއަރީއަށް އަހުލުވެރިކުރުވުމެވެ.
"އަމިއްލަ ގައުމުގައި ހިމެނޭ ރަށްތައް އުފެދިފައިވާ ގޮތް އައު ޖީލްތަކަށް އަންގައިދިނުމަށްޓަކައި، މި މުހިންމު ޢިލްމު ރާއްޖޭގެ ސްކޫލްތަކުގެ ކަރިކިއުލަމްގައި ހިމެނުން މުހިއްމު،" އޭނާ ވިދާޅުވިއެވެ.

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ

ގުޅުންހުރި ޓެގްސް