ތެލުގެ އަގު އުފުލުމާއި ދަރަނީގެ ޕްރެޝަރު ބޮޑުވުން - ރާއްޖޭގެ ޑޮލަރުގެ ދަތިކަން ދަނީ އިތުރަށް ގޯސްވަމުން

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 28 އިންސައްތަ އުފުލިފައިވާތީ، އިންފްލޭޝަންގެ ބިރުވަނީ އުފެދިފައެވެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަން ހުއްޓުމަކަށް އައި ފަހުން، މިހާތަަނަށް ޑޮލަރުގެ ކަޅު ބާޒާރުގެ ރޭޓް އުފުލިފައިނުވާ މިންވަރަށް ޑޮލަރުގެ އަގު އުފުލިފައިވާތީ، ތަކެތީގެ އަގު އުފުލިގެންދާނެ ކަމުގެ ބިރުވެރިކަންވަނީ ކުރިމަތިވެފައެވެ. މިއީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ތެލުގެ އަގު އުފުލުމާއި، ދިވެހިރާއްޖެއަށް މިނިވަންކަން ލިބުމަށްފަހު މިގައުމަށް މިހާތަނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދަރަނީގެ ކާރިސާއާ އެކުއެކީގައި ދިމާވެފައިވާ ހާލަތެކެވެ.
މިދިޔަ ހޯމަ ދުވަހު ޑޮލަރުގެ މާކެޓް ރޭޓް 19.70 ރުފިޔާއަށް އުފުލުމާ އެކު، ރަސްމީ އެކްސްޗޭންޖް ރޭޓް ކަމަށްވާ 15.42 ރުފިޔާއަށް ވުރެ ގާތްގަނޑަކަށް 28 އިންސައްތަ އިތުރަށް ފައިސާ ދައްކަން ވިޔަފާރިތަކަށް މަޖުބޫރުވެ، އިމްޕޯޓު ކުރާ ފަރާތްތަކަށް ފައިސާ ދެއްކުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. "ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ޑޮލަރު ގަންނަމުން އައީ ބޮޑު އަގުގައި، އަދި މިހާރު ބޮޑުއަގުގައި ގަންނަންވެސް އަޅުގަނޑުމެންނަށް ބޭނުންވާ މިންވަރަށް ބޭރު ފައިސާ ނުލިބޭ،" ދިވެހިރާއްޖެއަށް ކާބޯތަކެތީގެ އުފެއްދުންތައް އެތެރެކުރާ އެންމެ ބޮޑު އެއް ކުންފުނީގެ ވެރިޔާ މޯލްޑިވްސް އިންޑިޕެންޑެންޓަށް މައުލޫމާތު ދެމުން ވިދާޅުވިއެވެ.
"މި މަހުގެ މިހާތަނަށް، އަޅުގަނޑުމެންނަށް ހޯދަން ބޭނުންވާ އަދަދާއި ގާތްކުރާ މިންވަރަކަށްވެސް ޑޮލަރު ލިބިފައިނުވޭ. އަދި މި މަހަށް ބޭނުންވާނެ އަދަދަށް ޑޮލަރު ލިބޭނެ ކަމުގެ ޔަގީންކަމެއްނެތް. ބޮޑު އަގުގައި ޑޮލަރު ގަންނަން ޖެހިއްޖެ ނަމަ، އޭގެ ސަބަބުން އެއާ އެއްވަރަށް ތަކެތީގެ އަގުތައް އުފުލޭނެ،" ކާބޯތަކެތި، ކަރަންޓު އަދި ގޭތެރޭ ގެންގުޅޭ ސާމާނު އެތެރެކުރާ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ. މި ކުންފުނީގެ އިމްޕޯޓުތަކަށް ކޮންމެ މަހަކު ދެ މިލިއަން ޑޮލަރު ހަރަދުވެއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެސް މިފަދަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާއިރު އޭގެ ތެރޭގައި އަންނައުނު އެތެރެކުރާ ފަރާތްތަކާއި ކާބޯތަކެތި ސަޕްލައިކުރާ ފަރާތްތައް ހިމެނެއެވެ. މީގެ ތެރެއިން ގިނަ ވިޔަފާރިތަކަށް އަސަރުކޮށްފައި ވަނީ ދާދި ފަހުން ބޭންކް އޮފް މޯލްޑިވްސް އިން މުދާ އެތެރެކުރުމަށް ޓެލެގްރަފިކް ޓްރާންސްފާއަށް ޑޮލަރު ސަޕޯޓް އެންމެ ފަސް އިންސައްތައަށް ދަށްކުރުމަށް ނިންމުމުންނެވެ.
"ބޭންކުތަކުން އެއްވެސް ފައިސާއެއް ބަދަލުކުރަން މަސައްކަތް ކުރުން ހުއްޓާލައިފިން މާ ކުރިން. ބޭންކުން އަމަލުކުރަނީ އެމީހުން ބޭނުންވާ ގޮތަކަށް. ހުރިހާ ކަމެއްވެސް ވަނީ ބޭންކްގެ އިޚްތިޔާރުގައި. ބައެއް ފަހަރު ފަސް އިންސައްތަ ނުވަތަ އެއަށް ވުރެ ވެސް ކުޑަ މިންވަރެއް ވެސް ކަވަރު ކޮށްފާނެ،" މުދާ އެތެރެކުރާ ފަރާތަކުން ދެންނެވިއެވެ.  
ފަތުރުވެރިކަމުގެ ދާއިރާއިން މިއަހަރު ސޭލްސް ޓެކްސްގެ ގޮތުގައި 361 މިލިއަން ޑޮލަރު ލިބުނު ނަމަވެސް ޑޮލަރުގެ ދަތިކަން އިތުރުވެ، ދަރަނި އަދާކުރަންޖެހޭ މިންވަރާއި، ކާބޯތަކެއްޗާއި ތެލާއި އެހެނިހެން ޒަރޫރީ މުދަލުގެ އިމްޕޯޓްކުރުމުގެ އަގު ދަނީ ބޮޑުވަމުންނެވެ. 361 މިލިއަން ޑޮލަރަކީ، 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10 އިންސައްތަ އިތުރު އާމްދަނީއެކެވެ.
މިދިޔަ ހަފުތާގައި ފިޗުން ވަނީ ރާއްޖޭގެ ސީސީ ކްރެޑިޓް ރޭޓިން "ޖަންކް" ސްޓޭޓަސްގައި ހިފަހައްޓައި، "ކޮންމެވެސް ބާވަތެއްގެ ޑިފޯލްޓް އިވެންޓެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ" ކަމަށް އަންދާޒާކޮށްފައެވެ.
ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ދަރަނި ދެއްކުމުގެ ގޮތުން އެއް ބިލިއަން ޑޮލަރަށްވާ ބޭރު ފައިސާ ރިޒާވް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން ޑޮލަރުގެ ދަތިކަން އިތުރަށް ބޮޑުވެފައިވާ ކަމަށް ބެލެވެ އެވެ.
"އޭޕްރީލް މަހު އަޅުގަނޑުމެން ޑޮލަރު ގަންނަމުން ދިޔައީ 18.50 ރުފިޔާ ނުވަތަ 18.60 ރުފިޔާއަށް. މެއި މަހުގެ ކުރީކޮޅުވެސް އެ ރޭޓް ހުރީ ގާތްގަނޑަކަށް އެއްވަރެއްގައި. ޖޫން މަހުގެ މެދުތެރޭގައި ޑޮލަރު ނެތުމުގެ ސަބަބުން 19 ރުފިޔާއަށް ޑޮލަރެއްގެ އަގު ކުއްލިއަކަށް އުފުލުނު. މިހާރު އެއީ ގާތްގަނޑަކަށް 19.30 ރުފިޔާ އާއި 19.40 ރުފިޔާއާ ދެމެދުގެ އަދަދެއް. އެހެންވީމަ ވިއްކާ ރޭޓަކީ މަދުވެގެން 19.45 ރުފިޔާ ނުވަތަ އެއަށް ވުރެ ބޮޑު އަދަދެއް،" މާލޭގައި ހުންނަ ކަރަންސީ އެކްސްޗޭންޖް އޮޕަރޭޓަރަކު ވިދާޅުވި އެވެ.
"ބޮޑު އަގުގައިވެސް، އަޅުގަނޑުމެން ފޯރުކޮށްދޭން ޖެހޭ ޑޮލަރުގެ ޑިމާންޑާއި ގާތަށްވެސް ޑޮލަރު ނުލިބޭ،" އޭނާ ވިދާޅުވިއެވެ. ފޮރިން އެކްސްޗޭންޖް ވިޔަފާރިވެރިއަކު ފާހަގަކުރެއްވި ގޮތުގައި މިހާރުގެ ޕެރެލަލް މާކެޓް ރޭޓަކީ، 2020 ވަނަ އަހަރުގެ މާރިޗު މަހު ކޮރޯނާވައިރަސް ފެތުރިގެން ބޯޑަރު ބަންދުކުރަން މަޖުބޫރުވި ފަހުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކި އެންމެ މަތީ ރޭޓެވެ.

ސަޕްލައި ދަތިވުން

ފިސްކަލް ޕޮލިސީގެ ތަޖުރިބާކާރަކު މައުލާުމާތު ދެއްވި ގޮތުގައި ޑޮލަރުގެ ދަތިކަން ކުރިމަތިވުމުގެ ބައެއް ސަބަބުތަކުގެ ތެރޭގައި، މެއި މަހުން ފެށިގެން އޮގަސްޓު މަހާ ހަމައަށް އޮންނަ މުއްދަތަކީ ރިސޯޓްތަކުގެ އޮފް ޕީކް ސީޒަނަށް ވުމާއި، ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ބައެއް ފައިސާ ލޯކަލް ބޭންކްތަކުން މާރުކުރުމަށް ލާޒިމްކުރާ އާ ފޮރިން އެކްސްޗޭންޖް ގަވާއިދު ހިމެނެއެވެ.
އައު ގަވައިދުގައި ވާގޮތުން ރިސޯޓްތަކުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު ނުވަތަ މަހަކު ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހެއެވެ. ކުދި ހޮޓާތަކާއި، މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ގެސްޓްހައުސްތަކުން ކޮންމެ ޓޫރިސްޓެއްގެ މައްޗަށް 25 ޑޮލަރު މާރުކުރަންޖެހެއެވެ.
"މިއީ ޓޫރިޒަމްގެ ލޯ ސީޒަން، އަދި މި ދުވަސްވަރަކީ ގިނަ އަދަދެއްގެ ބަޔަކު ހައްޖަށްދާ ދުވަސްވަރެއް. މިކަމުގެ ސަބަބުން އެއް ހާހަށްވުރެ ގިނަ މީހުން ބޭރު ފައިސާ ހޯދަން މަސައްކަތްކުރާނެ.  މީގެ އިތުރުން އާ އުސޫލުގެ ސަބަބުން ވެސް ވަނީ ވަރަށް ބޮޑު އަސަރުތަކެއް ކޮށްފައި. އެންމެ ބޮޑު ފޮރެކްސް ފޯރުކޮށްދޭ ފަތުރުވެރިކަމުގެ ސިނާއަތަށް މިހާރު ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު ނުވަތަ ލިބޭ  ޖުމްލަ އާމްދަނީގެ 20 އިންސައްތަ ބޭންކުތައް މެދުވެރިކޮށް މާރުކުރަން މަޖުބޫރުވުމުގެ ސަބަބުން، ކަޅު ބާޒާރަށް ލިބެން ހުންނަ ޑޮލަރުގެ ސަޕްލައި ވަނީ ދަށްވެފައި. އެކްސްޗޭންޖް ރޭޓްތައް މައްޗަށް ދާން ފެށުމުން، އެކްސްޗޭންޖް ރޭޓް ރަނގަޅުވާނެ ކަމަށް ލަފާކޮށް، ޑޮލަރު ގެންގުޅޭ މީހުން ޑޮލަރު ވިއްކުމުގެ ބަދަލުގައި ރައްކާކުރަން ފަށާނެ،" އޭނާ ވިދާޅުވިއެވެ.
"މިކަމުގެ ސަބަބުން، އާންމުކޮށް ފަތުރުވެރިކަން ދަށްވުމުން ކުރިމަތިވާ ނޭދެވޭ އަސަރުތައް، މި އަހަރު މިވަނީ ބޮޑުތަނުން އިތުރުވެފައި."
އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ރިޕޯޓުކޮށްފައިވަނީ، ފަތުރުވެރިކަމުގެ ސިނާއަތަކީ ޑޮލަރުގެ ކަޅު ބާޒާރަށް ވަރަށް ބޮޑު ނުފޫޒެއް ފޯރުވާ ސިނާއަތެއްކަމަށާއި، ޑޮލަރުގެ އަގު މަތިވުމުގެ ސަބަބުން ޕެރެލަލް ފޮރިން އެކްސްޗޭންޖް މާކެޓަށް ސަޕްލައި ބަދަލުކުރުމުގެ ގާބިލުކަން ލިބިފައިވަނީ ބޮޑެތި ބޭރު ފައިސާގެ ބަދަލުކުރާ ފަރާތްތަކުގެ ތެރެއިން މަދު އަދަދެއް ހިމެނޭ އޮލިގޯޕޮލީއަކަށް ކަމަށެވެ. މީގެ ކުރިން ހިފެހެއްޓިފައިހުރި، 10 އިންސައްތައާއި 15 އިންސައްތައާއި ދެމެދުގެ ޕްރީމިއަމް އަގުގެ ސަބަބުން، ގިނަ ރިސޯޓު ތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ ދިވެހި ރުފިއްޔާއަށް ބަދަލުކުރަނީ ރިސޯޓްތަކުގެ ހިންގުމުގެ ޚަރަދުތައް ހަމަޖެއްސުމަށެވެ.

ރުފިޔާއަށް ބަދަލުކުރުން

މިދިޔަ ޖަނަވަރީ މަހު ބޭރުފައިސާ މާރުކުރުމުގެ އުސޫލުތަކަށް ގެނެވުނު ބަދަލުތަކާއެކު، ކުރިން ޑޮލަރުން މުސާރަ ދިން ބައެއް ރިސޯޓުތައް ވަނީ ދިވެހި ރުފިޔާއިން މުސާރަ ދިނުމަށް ބަދަލުކޮށްފައެވެ. ބައެއް މަތީ ފެންވަރުތަކުގެ ރިސޯޓުތަކުން ސާވިސް ޗާޖު ދިނުންވެސް ރުފިޔާއަށް ބަދަލުކުރިއެވެ. އެހެންނަމަވެސް، ބައެއް ރިސޯޓުތަކުން މުސާރަ އާއި ސާވިސް ޗާޖު ވެސް ދެމުން ދިޔައީ ޑޮލަރުންނެވެ.
"ޕީކް ސީޒަންގައި މުސާރަ އާއި ސާވިސް ޗާޖުގެ ގޮތުގައި ގާތްގަނޑަކަށް 1،500 އެމެރިކާ ޑޮލަރު ލިބޭ. އޭގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނައިން އަޅުގަނޑު މާރުކުރަން. މިހާރު އަޅުގަނޑުމެންނަށް އަންގައިފި ދެން މުސާރަ ލިބޭނީ ރުފިޔާއިން ކަމަށް،" ކ. އަތޮޅުގެ ރިސޯޓެއްގެ މެދު ފަންތީގެ މަގާމެއްގައި ވަޒީފާ އަދާކުރާ މުވައްޒިފަކު މޯލްޑިވްސް އިންޑިޕެންޑެންޓަށް މައުލޫމާތު ދިނެވެ.  
މެއި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ލިބޭ އާމްދަނީގެ 90 އިންސައްތަ މަރުކަޒީ ބޭންކަށް ވިއްކުމަށް ބޭންކުތަކަށް ލާޒިމްކުރެއެވެ. މާރުކުރަންޖެހޭ އަދަދު 60 އިންސައްތައިން 90 އިންސައްތައަށް އިތުރުވެފައިވާކަން ފާހަގަކޮށް، ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމުގައިވާ، ޔުނިވަރސަލް ރިސޯޓްސް އިން އަންނަ މަހުން ފެށިގެން މުވައްޒަފުންނަށް ކޮންމެ މަހެއްގައި ދެވޭ ސަރވިސް އެލަވާންސް ދެވޭނީ ދިވެހި ރުފިޔާއިންކަމަށް، މިދިޔަ ހަފްތާގައި ވަނީ އަންގާފައެވެ. 
"މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދާދި ފަހުން ގެނައި ބަދަލުތަކުގެ ނަތީޖާްއަކީ، އަޅުގަނޑުމެންގެ ރިސޯޓްތައް ހަރުދަނާގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި މިބަދަލުތައް ތަންފީޒުކުރުން ނޫން ގޮތެއް ނެތުން،" މޯލްޑިވްސް އިންޑިޕެންޑެންޓް އަށް ލިބިފައިވާ ޔުނިވާސަލް ރިސޯޓުގެ އިންޓާނަލް މެމޯއެއްގައި ބުނެފައިވެއެވެ.
ފޮރިން އެކްސްޗޭންޖް ގަވާއިދުގައި ބޭރު ފައިސާއިން އަހަރަކު 15 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިތައް ވެސް ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން އެތެރޭގެ އެއާލައިންތަކާއި ޓްރެވަލް އެޖެންސީތަކާއި ޓުއާ އޮޕަރޭޓަރުން ހިމެނޭ ގޮތަށް ބޮޑެތި ގިނަ ކުންފުނިތަކެއް ވަނީ މުސާރައިން ބައެއް ނުވަތަ މުސާރަ އެއްކޮށް ދިވެހި ރުފިޔާއިން ދިނުމަށް ނިންމާފައެވެ. މިކަމުގެ ސަބަބުން، ބޮޑެތި އަދަދުން ޑޮލަރު ލިބެން ހުންނަ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.
"އަޅުގަނޑުމެން ގަންނަ ޑޮލަރުގެ ބޮޑު ބައެއް ގަންނަނީ، ލޯކަލް ވިޔަފާރިތަކަށާއި، ހިދުމަތްތަކަށް ފައިސާ ދެއްކުމަށްޓަކައި، ކަޅު ބާޒާރުގައި ޑޮލަރު މާރުކުރާ ބޮޑެތި ޓޫރިޒަމް ކުންފުނިތަކުން. މިދިޔަ މަހުން ފެށިގެން، މި އަދަދު ވަނީ ވަރަށް ބޮޑު ތަނުން ދަށްވެފައި،" ޓްރޭޑިން ކުންފުނީގެ ވެރިޔަކު ވިދާޅުވިއެވެ.
"ރިސޯޓްތަކުން މިހާރުވެސް ލިބޭ އާމްދަނީގެ 20 ޕަސެންޓް މާރުކުރާނަމަ، ހާއްސަކޮށް ލޯ ސީޒަންގައި މާ ބޮޑު އެއްޗެއް ބާކީ ނުވެދާނެ،" އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރު އިސްލާހު ކުރެވުނު ފޮރިން އެކްސްޗޭންޖް ގަވާއިދާ ގުޅޭ ގޮތުން ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުމާއި، ނުރުހުން އަމާޒުވުމުން، ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ޑޮލަރުގެ ދަތިކަމަށް އޮތް ދިގުމުއްދަތުގެ ހައްލުގެ ގޮތުގައި އައު ސިޔާސަތުތައް އިޝްތިހާރު ކުރައްވައި، ޒަމާނުއްސުރެ އޮތް ޑޮލަރުގެ ކަޅު ބާޒާރުގެ ނިމުން ގާތްވެފައިވާކަމަށް އިޝާރާތް ކުރައްވާފައެވެ.
"ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވެސް މަޖުބޫރުވީ ކަޅު ބާޒާރުން ގަންނަން. އަޅުގަނޑުމެންނަށް މިކަން ވަރަށް ބޮޑަށް ހުއްޓުވައިލެވިއްޖެ. މިއަހަރުގެ މެދުތެރެއިން، ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރެލަލް މާކެޓް ނުވަތަ ކަޅު ބާޒާރުން ޑޮލަރު ނުގަންނާނެ. މިކަމުގެ ސަބަބުން އެ ރޭޓް ވަރަށް ބޮޑަށް ދަށްވެގެންދާނެ. މުސްތަގުބަލުގައި ޑޮލަރު ވިއްކާ އަގު ދަށްވާނެ،" މާރިޗު މަހު ނެރުއްވާފައިވާ ޕޮޑްކާސްޓެއްގައި ރައީސް ވިދާޅުވި އެވެ.
އޭޕްރީލް މަހުގެ ތެރޭގައި މައްސަލަތައް ހައްލުކުރުމަށް އިތުރު ވަގުތު ބޭނުންވާނެ ކަން ފާހަގަކުރެއްވި ނަމަވެސް،  ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެ މައްސަލަ ހައްލުކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. "2027 ވަނަ އަހަރު އަންނަންވާއިރަށް އަސްލު ބޭންކް ރޭޓުން ޑޮލަރު ލިބޭނެ،" މުއިއްޒު ދައުލަތުގެ މީޑިއާއަށް ވިދާޅުވި އެވެ.
ކޮންވާޝަން މެންޑޭޓްގެ ސަބަބުން ދަށްވެފައިވާ ރިޒާވް އަލުން އިއާދަކުރެވިފައިވާ ކަމަށް ރައީސްވަނީ މިދިޔަ މެއި މަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވާފައެވެ. "ފަތުރުވެރިކަމުގެ ދާއިރާއިން މިހާތަނަށް 214 މިލިއަން ޑޮލަރު މިކަމަށް ލިބިފައިވޭ. މިކަން މިގޮތުގައި ދެމިއޮތްނަނަމަ އޭގެ ފައިދާ ރައްޔިތުންނަށް ލިބިގެންދާނެ." ރައީސް ވިދާޅުވިއެވެ.
ނަމަވެސް ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތް ތަފާތެވެ.  
"ސަރުކާރުގެ އާ ސިޔާސަތަކީ ބޭރު ފައިސާގެ ރިޒާވް ބިނާކުރުމަށް ފައިދާހުރި ސިޔާސަތެއް. ރިޒާވް ރަނގަޅުވި ނަމަވެސް ބޭންކުތަކުން ޕްރައިވެޓް ސެކްޓާއަށް އެކަށީގެންވާ މިންވަރަށް ޑޮލަރު ސަޕްލައި ނުކުރޭ،" ފިސްކަލް ޕޮލިސީގެ ތަޖުރިބާކާރަކު ވިދާޅުވިއެވެ.  
"ޕްރައިވެޓް ސެކްޓާ އަށް މަޖުބޫރުވަނީ ޕެރަލަލް މާކެޓަށް ބަރޯސާވާން، އާ އުސޫލާ އެކު ސަޕްލައިގެ މައްސަލަތައް ދިމާވަނީ. މައްސަލައިގެ ރޫޓް ކޯޒްއަށް ހައްލެއް ނުލިބޭނަމަ، މިހާރު ގެންގުޅޭ ސިޔާސަތުތަކުގެ ދަށުން ޑޮލަރުގެ ޕެރެލަލް މާކެޓް ނުވަތަ ކަޅު ބާޒާރުގެ ހާލަތު ރަނގަޅުވާނެ ކަމަކަށް އަޅުގަނޑު ނުދެކެން."

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ

ގުޅުންހުރި ޓެގްސް