ރާއްޖެއިން ސަބްސިޑީއަށް އިސްލާހު ގެނައުން ދޫކޮށްލައި، ބަޖެޓް ހަރަދުކުޑަކުރުމަށް އެސްއޯއީތަކުގެ މަސައްކަތްތެރިކަމަށް ބަރޯސާވެއްޖެ

ޚަރަދު ކުޑަކުރުމުގެ މިއާ ސްޓްރެޓެޖީއާ މެދު އިގްތިސާދީ މާހިރުން ޝައްކު އުފައްދައެވެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އިޢުލާނުކުރެއްވިތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ ވިސްނުމަށް ވަރަށް ބޮޑު ބަދަލުތަކެއް އަތުވެއްޖެއެވެ. ސަރުކާރުންދޭ ސަބްސިޑީތައް ކަނޑާލުމުގެ ބަދަލުގައި، ރައީސް މިހާރު ނިންމަވާފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިތުރު އިންފްރާސްޓަރަކްޗަރ ފޯރުކޮށްދިނުމަށެވެ.  
މި ސިޔާސަތަށް ގެނައި ބަދަލު މިމަހުގެ 3 ވަނަ ދުވަހު ހާމަކުރައްވަމުން ރައީސް ވިދާޅުވީ، މިކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ އިނާޔަތްތައް ކުޑަނުކޮށް އެއް މިންވަރަކަށް ޙަރަދު ކުޑަކުރެވޭނެ ކަމަށެވެ.
"ޚަރަދު ކުޑަކުރުމަށްޓަކައި ރައްޔިތުންނަށް އެހީތެރިވެދޭ ޕްރޮގްރާމްތައް ކަނޑާލުމުގެ ބަދަލުގައި މި އާ މޮޑެލް މެދުވެރިކޮށް ޕްރޮޖެކްޓްތައް މެނޭޖްކޮށްގެން ސޭވް ކުރަން ވިސްނަނީ. އެއީ އަޅުގަނޑުމެންގެ ސްޓްރެޓެޖީ،" ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ބާއްވާފައިވާ ރެކޯޑް ބްރޭކިން ޕްރެސް ކޮންފަރެންސްގައި ޑރ. މުއިއްޒު ވިދާޅުވި އެވެ.
ކާބޯތަކެއްޗާއި ތެލާއި ކަރަންޓަށް ދޭ ނުސީދާ ސަބްސިޑީ ތައް ހުއްޓާލުމާއި، މީގެ ބަދަލުގަި އާމްދަނީ މަދުން ލިބޭ އާއިލާތަކަށް އަމާޒުކޮށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން  ހުށަހަޅާފައިވާ ޑެބްޓް ޑިފޯލްޓްވުމުން ރައްކާތެރިކޮށްދޭ "ހޯމްގްރޯން ފިސްކަލް ރިފޯމް އެޖެންޑާ"ގެ މުހިއްމު ބައެކެވެ.
އާސަންދަ ހެލްތު އިންޝުއަރެންސް ޕްރޮގްރާމުގައި ހުރި ބޭކާރު ޚަރަދުތައް ކުޑަކުރުމަކީ ސްޓްރެޓެޖީގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، އެހެން ނަމަވެސް އެހެން ކަންކަން ކުރިއަށް ނުގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އާ ސްޓްރެޓެޖީގެ މަގްސަދަކީ އިގްތިސާދީ މަޝްރޫއުތައް ވީހާވެސް ޚަރަދުކުޑަކޮށް ހިންގުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައިތިބި ގިނަ އަދަދެއްގެ މުވައްޒަފުންގެ ބޭނުން ހަރުދަނާ ގޮތެއްގައި ހިފުމެވެ. "އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހެޔޮއަގުގައި ހިންގައިގެން، އިޞްލާޙީ ޕްރޮގްރާމްގެ ތެރެއިން އަޅުގަނޑުމެންނަށް ބޭނުންވާ މިންވަރަށް ޚަރަދު ކުޑަކުރެވޭނެ،" ޑރ. މުއިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

އައު އިސްލާހުތައް ހިންގުން، ނުވަތަ ކާމިޔާބުވުމުގެ އިންސައްތަ

މިކަމާ ގުޅޭ އިތުރު ތަފްސީލެއް ސަރުކާރުން އަދި ހާމަކޮށްފައި ނުވާއިރު، މިކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
މޯލްޑިވްސް އިންޑިޕެންޑެންޓްއާ ވާހަކަ ދެއްކި ތަޖުރިބާކާރުން ވަނީ މި ޕްލޭންއާ ގުޅިގެން ޝައްކު އުފައްދައިފައެވެ. އަދި މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ޕްރޮޖެކްޝަންތަކެއް ލިބެން ނެތުމުން މި ޕްލޭންގެ ކާމިޔާބީއާ ދޭތެރޭގައި އެއްޗެއް ބުނަން ދަތިކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް ކޮންސްޓްރަކްޝަން މަސައްކަތްތަކުގައި ތަޖުރިބާ ނެތް ރިޑަންޑެންޓް ވޯކްފޯސް ބޭނުންކުރުމުގެ ވިސްނުމާ މެދު އެ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
"އެންމެ ބޮޑު ސުވާލަކީ ކޮން ބާވަތެއްގެ ޕްރޮޖެކްޓްތަކެއްގެ ވާހަކަ ތޯ އަޅުގަނޑުމެން މި ދައްކަނީ އަދި މި ޕްރޮޖެކްޓުތަކުގައި ކުރަން ޖެހޭނީ ކޮން ކަހަލަ މަސައްކަތެއްތޯ؟ ރިޑަންޑަންޓް ވޯކްފޯސް މަސައްކަތުގައި ބައިވެރިވިނަމަވެސް، މަސައްކަތްކުރުމަށް ބޭނުންވާ ހުނަރުއެމީހުންގެ ކިބައިގައި އެބަހުރިތޯ؟ ހަމައެކަނި މަސައްކަތްތެރިން ގިނަވުމަކީ މަސައްކަތް ކާމިޔާބުވާނެ ކަމެއްނޫން، ޓެކްނިކަލް ތަޖުރިބާކާރުންނަކީވެސް ވަރަށް މުހިންމު އެއްޗެއް،" އިންވެސްޓްމަންޓް ޕްލޭނިންގެ އިސް މާހިރަކު މޯލްޑިވްސް އިންޑިޕެންޑެންޓަށް ވިދާޅުވިއެވެ.
ޕްރޮޖެކްޓެއް ކޯސްޓް ޕްރައިޒްގައި ކުރެވިއްޖެނަމަ، 50 މިލިއަން ރުފިޔާގެ ބަނދަރުގެ މަޝްރޫއަކުން 20 މިލިއަން ރުފިޔާ (1.2 މިލިއަން ޑޮލަރު) އާ ހަމައަށް ޚަރަދު ކުޑަކުރެވިދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު އަހުމަދު މުޙައްމަދު ވިދާޅުވީ ޚަރަދުތައް އެ މިންވަރަށް ކުޑަކުރެވޭނެ ކަމާމެދު ޝައްކު އުފެދޭ ކަމަށެވެ. 
"މިދެކެވެނީ ކޮން ކަހަލަ ޕްރޮޖެކްޓް ތަކެއްގެ ވާހަކަކަން ސާފުކޮށް އަޅުގަނޑުމެންނަށް އެނގުން މުހިއްމު. ހަގީގަތުގައި މިފަދަ މަސައްކަތްތަކަށް ބޭނުންވަނީ ކޮން ހާއްސަ ހުނަރުތަކެއް؟ ހަމައެކަނި ސަރުކާރު ހިއްސާވާ ވިޔަފާރިއަކުން މީހަކު ޓްރާންސްފަރކޮށްގެން، އެ މީހާއަށް ފާރެއް އަޅައި، ޓައިލްސް ޖަހައި، ނުވަތަ ކަރަންޓް ސިސްޓަމެއް ވަޔަރކުރެވޭނެ ކަމަށް އުއްމީދު ކޮށްގެންނުވާނެ،" މޯލްޑިވްސް އިންޑިޕެންޑެންޓަށް އޭނާ ތަފްސީލުކޮށްދެއްވި އެވެ. "މިއީ ހުނަރުވެރި ވަޒީފާތަކެއް. ކޮންމެ މީހަކީ މޭސަންއަކަށް، ޓައިލް މަސައްކަތްކުރާ މީހަކަށް ނުވަތަ އިލެކްޓްރިޝަނަކަށް ނުވެދާނެ. މި މަސައްކަތްތައް ކުރުމަށް ތަމްރީނާއި އަމަލީ ތަޖުރިބާ ބޭނުންވާނެ. އަޅުގަނޑަކަށް ހަގީގަތުގައި ނުވިސްނޭ، އެސްއޯއީގެ މުވައްޒަފުންނާ މި ޕްރޮޖެކްޓްތައް ހަވާލުކޮށް ކުރިއަށްގެންދެވޭނީ ކިހިނެތްކަމެއް."
ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ސަރުކާރުގެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދާނީ ހަތަރު ނުވަތަ ފަސް އެސްއޯއީއަށް، ފިނޭންސް މިނިސްޓްރީއިން ކޮންމެ ހަފުތާއަކު ފައިސާ ދޫކުރާ ގޮތުގެ މަތީން ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. އަދި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަނުން ކޮންސްޓްރަކްޝަން ސާމާނު ގަންނަނީ ބަލްކްކޮށް ކަމަށް ރައީސް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ބައެއް މަޝްރޫއުތައް އަދިވެސް ހަވާލުކުރާނީ ސަރުކާރުގެ މަސައްކަތްތަކަށް ބަރޯސާވާ އަމިއްލަ ކޮންޓްރެކްޓަރުންނާ ކަމަށެވެ. އެހެން ނަމަވެސް، މި ބަދަލްތަކާއެކު ސަރުކާރުން މިހާރުވެސް ދަރަނީގެ ގޮތުގައި، ދެ ބިލިއަން ރުފިޔާ ދައްކަން ޖެހޭ ޕްރައިވެޓް ކޮންސްޓްރަކްޝަން ސެކްޓާއަށް ކުރާނެ ނޭދެވޭ އަސަރުތަކާ މެދު ތަޖުރިބާކާރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
"ޕްރައިވެޓް ސެކްޓާ އޮތީ ޕްރެޝަރުގައި. ގިނަ ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުން އަދިވެސް ތިބީ ފައިސާގެ އިންތިޒާރުގައި. ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިތުރު މަސައްކަތްތަކެއް ކަނޑައެޅުމަކީ އެ މައްސަލައަށް ހައްލެއް ނުލިބޭނެ ކަމެއް ނޫން. ޙަޤީޤީ ވަޒީފާއުފައްދައި، އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދެނީ ޕްރައިވެޓް ސެކްޓަރއިންނާއި އަމިއްލަ ވިޔަފާރިތަކުން. މިކަމަށް ސަޕޯޓް ވަރަށް މުހިންމު،" އެސްއޯއީގެ ގިނަ ބޯޑުތަކެއްގައި ހުންނަވާފައިވާ އަހުމަދު ވިދާޅުވި އެވެ.
"ސަރުކާރުގެ ކޮންޓްރެކްޓްތަކާއި ޕްރޮޖެކްޓްތަކަކީ އިގްތިސާދު ރޯލްކޮށްދިނުމަށް ބޭނުންވާ އެންމެ މުހިއްމު އެއް ކެޕިޓަލް އިންވެސްޓްމަންޓް. މިކަމުގެ ސަބަބުން މަލްޓިޕްލަޔަރ އިފެކްޓެއް އުފެދޭ. މިކަން މިހާރު މިވަނީ ވަރަށް ބޮޑުތަނުން ދަށްވެފައި،" މާރިޗް މަހު މޯލްޑިވްސް އިންޑިޕެންޑެންޓް ނޫހަށް ދެއްވި އިންޓަވިއުއެއްގައި އިކޮނޮމިސްޓް އާތިފް ޝަކޫރު ވިދާޅުވި އެވެ.
މުޅި އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ މެއި މަހުގެ ނިޔަލަށް ބަޖެޓް ސާޕްލަސްގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ހިފަހައްޓާފައެވެ. މިކަން ހާސިލްކުރެވިފައިވަނީ މައިގަނޑު ގޮތެއްގައި ކެޕިޓަލް އިންވެސްޓްމަންޓް ވަރަށް ބޮޑަށް ދަށްކޮށްގެންނެވެ. ކެޕިޓަލް އެކްސްޕެންޑިޗަރ ވަނީ ބަޖެޓުގެ 8 އިންސައްތައަށް ދަށްކުރެވިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި 21 އިންސައްތާގައި ހިފަހައްޓާފައިވާ ކެޕިޓަލް އެކްސްޕެންޑިޗަރއާ ބަލާ ވަރަށް ދަށް އަދަދެކެވެ.
އަނެއްކޮޅުން ބަލާއިރު، މިހާރުވެސް ހިނގަމުންދާ ޚަރަދުތައް ކުޑަކުރާނެކަމުގެ އިޝާރާތެއް ނުލިބެއެވެ. މުސާރައިގެ ގޮތުގައި ޚަރަދުކުރާ އަދަދު ވަނީ 352 މިލިއަން ރުފިޔާއަށް އިތުރުކޮށްފަ އެވެ. ބޭސްފަރުވާގެ ޚަރަދުތައް މަދުކުރުމަށް އިއުލާނުކުރި ނަމަވެސް، އާސަންދައިގެ ހަރަދުތައް ވަނީ 78 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. ދަރަނި އަދާކުރުމުގެ އަގަކީ 2.5 ބިލިއަން ރުފިޔާ އެވެ.
މިދިޔަ މާރިޗު މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކަށްވަނީ ގިނަ ޕްރޮޖެކްޓުތަކެއް ޙަވާލުކުރެވިފައެވެ. މިގޮތުން، ފެނަކަ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ ގިނަ މަޝްރޫއުތަކެއް ހަވާލުކޮށްފައިވެއެވެ.
"އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ބަޖެޓުގައި މިހާރުވެސް ހިމަނާފައިވާ ހިންގުމާއި އަދި އިދާރީ ޚަރަދުތަކުގެ ބޭރުން އެއްވެސް ފައިސާއެއް ފެނަކައަކަށް ނުލިބޭނެ. އަޅުގަނޑުމެންނަށް ކޮންސްޓްރަކްޝަން މެޓީރިއަލް ލިބޭނީ އެސްޓީއޯ މެދުވެރިކޮށް. އަދި އިރުޝާދުދެވިފައިވަނީ ކޮންސްޓްރަކްޝަން ޕްރޮޖެކްޓްތަކަށް އަމިއްލަ މުވައްޒަފުން ބޭނުންކުރުމަށް،" ފެނަކައިގެ ސީނިއާ މެނޭޖަރަކު މޯލްޑިވްސް އިންޑިޕެންޑެންޓަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.
ސަރުކާރު ހިއްސާވާ ޔުޓިލިޓީ ކުންފުނި ފެނަކައަކީ ބަނގުރޫޓުވުމާ ގާތްވެފައިވާ ކުންފުންޏެކެވެ. 2022 ވަނަ އަހަރާ ހަމައަށް ފެނަކައިގެެ ދަރަނި 2.2 ބިލިއަން ރުފިޔާއަށް އަރާއިރު، އެ ކުންފުނީގެ އެސެޓްތަކުގެ އަގަކީ 780 މިލިއަން ރުފިޔާއެވެ. މުއިއްޒުގެ ސަރުކާރުން ކުރި އިއުލާނުގައިވާ ގޮތުން 2024 ވަނަ އަހަރު ފެނަކައިގެ ދަރަނި ވަނީ 4.3 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން 1،501 މުވައްޒަފުން ވަޒީފާއަށް ނެގިއިރު، 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކުރިން 1،468 މުވައްޒަފުން އިތުރުކުރެވިފައިވާކަމަށް، ދާދި ފަހުން ކުރި އޮޑިޓެއްގައި ވަނީ ހާމަކޮށްފައެވެ. އޮޑިޓްގައި ބުނެފައިވާ ގޮތުން މި ވަޒީފާތަކަކީ އޮޕަރޭޝަނަލް ބޭނުންތަކަށް ހައްލު ހޯދައިދިނުމުގެ ބަދަލުގައި ވަޒީފާގެ އާ ފުރުސަތުތައް ތަނަވަސް ކުރުމަށް ހަދާފައިވާ ވަޒީފާތަކެކެވެ.
ފެނަކައަށް އައު ޕްރޮޖެކްޓްތައް ހަވާލުކުރުމަކީ، ކުރީގެ އުސޫލު ބަދަލުވެފައިވާކަން އަންގައިދޭ ކަމެކެވެ. 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސަރުކާރުން ވަނީ ފެނަކައާއި ހަވާލުކުރެވިފައިވާ 19 ރަށެއްގެ ފެނާއި ނަރުދަމާގެ މަޝްރޫއުތައް އުވާލާފައެވެ. ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުالله މުއްތަލިބު 2024 ވަނަ އަހަރުގެ އޮގަސްޓް މަހު މަޖިލީހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފެނަކައަކީ "ހިދުމަތް ދޭ ކުންފުންޏެއް ކަމަށާއި ކޮންޓްރެކްޓް މަސައްކަތް ކުރުމުގެ ގާބިލްކަން ހުރި ކޮންޓްރެކްޓަރެއް ނޫން" ކަމަށެވެ.
އަހްމަދު މުހައްމަދު ފާހަގަކުރެއްވި ގޮތުގައި ޕޮލިސީ ބަދަލުކުރުމުގެ ވައްޓަފާޅިއިން ދޭހަވަނީ ސަރުކާރުން މަޢުލޫމާތު ހިއްސާކުރުމަށް ފެއިލްވެފައިވާ ކަމެވެ.
"ކޮންމެ ނިންމުމަކަށް ނަތީޖާއެއް ފެންނާނެ. ނިންމުންތަކުގެ ނަތީޖާ އެންމެ ފުރަތަމަ ރަނގަޅު ނުވެދާނެ. އޭގެ ސަބަބުން ސިޔާސީ ޕްރެޝަރު ވެސް އުފެދިދާނެ. ސަރުކާރުން ދެފުށް ފެންނަ ގޮތަށް މުޢާމަލާތް ކުރުމަށް އިސްކަންދޭން ޖެހޭ ސަބަބަކީ މިއީ. ކަމެއް ނިންމާފައިވާ ގޮތުގެ ތަފްސީލް އެނގުމުގެ ހައްގު ރައްޔިތުންނަށް އޮންނާނެ،" އޭނާ ވިދާޅުވިއެވެ. "އަދި މިކަމުން ދުރު މުސްތަގުބަލެއްގައި ފައިދާވާނެތޯ؟ މުސްތަގުބަލުގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ލިބޭނެތޯ؟ މިކަންކަމަކީ ވަރަށް ސާފުކޮށް ބަޔާންކުރަންޖެހޭނެ ކަންކަން. މިފަދަ އިޚްލާޞްތެރި ތެދުވެރި ގޮތަކަށް ސަރުކާރުން ރައްޔިތުންނާއި މުޢާމަލާތް ނުކުރާތާ ވަރަށް ގިނަ ދުވަސްތަކެއްވަނީ ވެފައި.  ޚަރަދު ތައް ކުޑަކުރުމާ ގުޅޭގޮތުން ސާފުކޮށް މުޢާމަލާތްކުރުމަށް އެއް ސަރުކާރަތްފަހު އަނެއް ސަރުކާރަށް ވަނީ ނުކުޅެދިފައި."
އަދި އެކި ސަރުކާރުތަކުން ބޮޑެތި ވައުދުވެފައި ވަނީ ޚަރަދުތައް ކޮންޓްރޯލް ނުކުރެވޭ މިންވަރަށްކަމަށް އޭނާ ވިދާޅުވި އެވެ. "ހަގީގީ މައްސަލައަކީ ބަދަލުތައް ތަންފީޒު ކުރަން ހިތްވަރު ނެތުން. އަބަދުވެސް ސަރުކާރުން ނިންމާ ނިންމުންތަކަށް އާންމުން ރިއެކްޓްކުރާނެ. އެއީ އެކަން ހިނގާނެ ގޮތް. ގިނަ ފަހަރު، ރައްޔިތުން ކުރާ ޕްރެޝަރ ކުޑަވުމުން، ސަރުކާރުން ނަގަނީ ކަންތައްތަކުގައި ޔޫ-ޓާރން އެއް. އާސަންދައަށާއި، ޕެންޝަނާއި، އެހެނިހެން މާލީ އިސްލާހުތަކާ ގުޅިގެން އަޅުގަނޑުމެންނަށް މިކަންވަނީ ފެނިފައި،" އަހުމަދު ވިދާޅުވި އެވެ. "ހަގީގީ ބަދަލެއް ބޭނުންނަމަ ސަރުކާރުން ސާބިތުކަންމަތީ ދެމިތިބެން ޖެހޭ. މީގެ އިތުރުން ބަދަލުތައް މުހިއްމުވާ ސަބަބު ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ. އެއާ ނުލައި އިތުބާރު ގާއިމު ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ