އީރާނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް އައުން - އިގްތިސާދީ ކާރިސާއިން ސަލާމަތްވެ، ރާއްޖެ ހަމަޖެހުމުގެ ނޭވާއެއް ލައިފި

ތެލުގެ އަގު އުފުލުމަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ އިގްތިސާދަށް ވަރަށް ބޮޑަށް އަސަރުކޮށްފާނެ ކަމެކެވެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

އީރާނާއި އިސްރާއީލާ ދެމެދު ހިނގަމުންދިޔަ ހަނގުރާމަ ހުއްޓާލުމުން ދިވެހިރާއްޖެއަށް ވަނީ ހިތްހަމަޖެހުމެއް ލިބިފައެވެ. މިގޮތުން، މި ހަނގުރާމަ ކުރިއަށް ދިޔަނަމަ، ތެލުގެ އަގުތައް މައްޗަށް ގޮސް ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވެފައިވާ ރާއްޖޭގެ އިގްތިސާދަށް ވަރަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. މިވަގުތުވެސް ރާއްޖެއަށް މިވަނީ ޑޮލަރުގެ ދަތިކަންކުރިމަތިވެ، ބޭރުގެ ބޮޑެތި ދަރަނިތަކެއް އަނބުރައިދައްކަން ޖެހިފައެވެ.  
ގަލްފުގެ އެކި ސަރަހައްދުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން އިގްތިސާދު ހީނަރުވެދާނެ ކަމުގެ ބިރު އޮތީ ހީވެފައެވެ. އެގޮތުން، ޔޫރަޕްގެ ފަތުރުވެރިން ރާއްޖެ ގެނައުމުގެ މުހިންމު ރޯލެއް އަދާކުރާ ގަތަރު އެއާވޭސް އިން ރާއްޖެއަށް ކުރާ ހެނދުނުގެ ދަތުރު ވަނީ ކެންސަލްކޮށްފައެވެ. އަންގާރަ ދުވަހުގެ ހެނދުނު، މިކަމަށް ރިޢާޔާތްކޮށް ސަރުކާރުން ވަނީ އެއްޗެއް ވިދާޅުވެފައެވެ.
"މެދުއިރުމަތީގެ ހާލަތުގެ ސަބަބުން ހަކަތައިގެ ބާޒާރާއި ކާބޯތަކެތީގެ ރައްކާތެރިކަމާއި މުޅި މާލީ ހަމަޖެހުން ހިމެނޭ ގޮތަށް އަޅުގަނޑުމެންގެ އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުތައް ރައީސް ޑރ.މުހައްމަދު މުޢިއްޒު އިސްވެ ހުންނަވައިގެން ސަރުކާރުން ދަނީ އަމަލީ ގޮތުން އިވެލުއޭޓް ކުރަމުން،" ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ. އަދި ބާޒާރުގެ އަގުތަކާއި އިންފްލޭޝަން ޓްރެންޑްތަކާއި ވިޔަފާރީގެ ފްލޯއަށް އަންނަ ހުރަސްތައް ގާތުން ބެލުމަށް ކަމާބެހޭ މުއައްސަސާތަކާއެކު މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 
"އަޅުގަނޑުމެން މިތިބީ ހުރިހާ ދިވެހިންގެ މަސްލަހަތު ހިމާޔަތްކުރުމަށް ތައްޔާރުވެގެން."
ސަރުކާރުގެ ފަރާތުން މި ޔަގީންކަން ދެއްވާފައިމިވަނީ، 12 ދުވަސް ވަންދެން ހިނގަމުންދިޔަ ހަމަނުޖެހުންތަކަށް ފަހު، ތެލުގެ އަގު އުފުލުމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކޮށްފާނެކަމުގެ ކަންބޮޑުވުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެއީ ދިވެހިރާއްޖެއަކީ ތެލާއި، ކާބޯތަކެތީގެ ބާވަތްތަކާއި، އަދި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ތަކެތި އިމްޕޯޓް ކުރުމަށް ބަރޯސާވެފައިވަ ގައުމަކަށްވާތީއެވެ. މިގޮތުން، 1991 ވަނަ އަހަރުގެ ފުރަތަމަ ގަލްފް ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ކަރަންޓު ހިދުމަތްތައް ކެނޑިގެން ދިޔަކަން ބައެއް އުމުރުން ދުވަސްވީ މީހުން އަދިވެސް ހަދާން ހުންނާނެއެވެ.
އާދީއްތަ ދުވަހު ރައްޔިތުންގެ މަޖިލީހަށް، އިދިކޮޅު ޕާޓީގެ މެމްބަރަކު ގަރާރެއް ހުށަހެޅުއްވީ ސަރުކާރުން ކޮންޓިންޖެންސީ ޕްލޭންތައް އެކުލަވާލަވާލުމަށް ބާރު އެޅުމުގެ ގޮތުންނެވެ.
ހޯމަ ދުވަހުގެ ރޭގެ ބިރުވެރިކަމުން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ނުރައްކާ ވަނީ ފާހަގަކުރެވިފައެވެ. އެންމެ ދޮޅު މަސް ދުވަހުގެ އިމްޕޯޓް ކަވަރުކުރެވޭ ވަރަށް ބޭރު ފައިސާގެ ރިޒާވް ދަށްވެ، މި އަހަރު ދައްކަން ޖެހޭ ދަރަނި އަނބުރާ ދެއްކުމަށް ގާތްގަނޑަކަށް 700 މިލިއަން ޑޮލަރު ލިބެން ޖެހޭއިރު، ތެލުގެ އަގު ކުޑަތަންކޮޅެއް ވެސް އުފުލުމުން ކުރާނެ އަސަރުތަކާ މެދު އިގްތިސާދީ މާހިރުން ކަންބޮޑުވެ އެވެ. އާންމުންގެ ހިޔާލު ހިމެނޭ ލިޔުންތަކުން ގޮވާލާފައި ވަނީ ކުރިމަތިވެދާނެ ކާރިސާއަކާ މެދު އަމަލުކުރާނެ ގޮތާމެދު ރާވާފައިވާ ޕްލޭންތަށް އާންމުންނަށް ހާމަކުރާ މިންވަރު އިތުރުކުރުމަށެވެ.

ޓްވިން ތްރެޓްސް

"މިވަގުތު އިހުސާސް ކުރެވެނީ އެއް ލޫޕެއްގެ ތެރޭގައި ތާށިވެފައިތިބިހެން. އެއްކޮޅުން ސޮވެރިން ޑިފޯލްޓަކުން ސަލާމަތްވުމަށް ވަރަށް ބޮޑަށް ބޭނުންވެފަައިވޭ. އޭގެ މާނައަކީ 2026 ވަނަ އަހަރު ދައްކަން ޖެހޭ ބޮޑު ސުކޫކް، 500 މިލިއަން އެމެރިކާ ޑޮލަރުގެ އިސްލާމިކް ބޮންޑް އަނބުރާ ދެއްކޭނެ ގޮތެއް ހޯދުން،" ކުރީގެ އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު މޯލްޑިވްސް އިންޑިޕެންޑެންޓަށް ވިދާޅުވި އެވެ.
"އަނެއްކޮޅުން މިއޮތީ ތެލުގެ އަގު އުފުލިގެން ދިއުން. އަޅުގަނޑުމެން ތެޔޮ އެތެރެކުރުމަށް ޑޮލަރުން ފައިސާ ދައްކާތީ، ހަމައެކަނި ގައުމު ދެމެހެއްޓުމަށްޓަކައި އިތުރަށް ޚަރަދުކުރުން ނޫން ގޮތެއް ސަރުކާރަށް ނޯންނާނެ. މިކަމަށް ކިޔަނީ އިމްޕޯޓް އިންފްލޭޝަން. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެންދާއިރު، ތެލާއި ގުޅިފައިވާ ގާތްގަނޑަކަށް ހުރިހާ އެއްޗެއްގެ އަގު އެއާ އެކު އުފުލިގެންދޭ. އޭގެ ތެރޭގައި މުދާ އުފުލުމާއި ދަތުރުފަތުރުން ފެށިގެން އަޅުގަނޑުމެން ކޮންމެ ދުވަހަކު ބަރޯސާވާ ގިނަ މުދާ ހިމެނޭ،" އޭނާ ތަފްސީލުކޮށްދެއްވިއެވެ.
"އެކަން ހުއްޓުވަން އަޅުގަނޑުމެންނަށް ކުރެވެން އޮތީ ވަރަށް މަދު ކަމެއް. ނަމަވެސް އޭގެ އަސަރު އެންމެންނަށް ވެސް އިހުސާސް ކުރެވޭނެ. އަގުތައް ބޮޑުވެ، ގޭބިސީތަކުގެ ބަޖެޓު އިތުރަށް ދަތިވާނެ. އިމްޕޯޓް ޑިއުޓީ ކުޑަކޮށްގެން ނުވަތަ ސަބްސިޑީ ބޮޑުކޮށްގެން ބުރަ ކުޑަކުރުމަށް ސަރުކާރަށް މަސައްކަތް ކުރެވިދާނެ. ނަމަވެސް މިދަނޑިވަޅުގައި މިފަދަ ފިޔަވަޅުތައް ތަންފީޒުކުރުމަކީ އަޅުގަނޑުމެންގެ މާލީ ގާބިލުކަމަށް ބަލައި، ވަރަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ ކަމެއް."
ޓޫރިސްޓުންގެ އަދަދު ދަށަށް ގޮސްފި ނަމަ އަޅުގަނޑުމެން ބަރޯސާވާ ޑޮލަރު މަދުވާނެ ކަމަށާއި އިމްޕޯޓްކުރުމުގެ ހަރަދު ބޮޑުވުމުން ބޭރު ފައިސާއަށް އޮންނަ ޑިމާންޑް ބޮޑުވުމުން ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކަން މިހެން އޮތް ނަމަވެސް، ފުލް ސްކޭލް ކްރައިސިސްއަކުން މިވަގުތަށް ސަލާމަތްވެފައިވާކަމަށް ބެލެވެއެވެ. ގަތަރާއި ޔޫއޭއީގެ ވައިގެ ސަރަހައްދު ރޭ އަލުން ހުޅުވާލާފައިވާއިރު، އެމިރޭޓްސް އިން ވަނީ ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރިއަށް ގެންގޮސްފައެވެ. ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިރޭ ދަންވަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭ އެއާޕޯޓުގައި މެދުއިރުމަތީގެ ބައެއް އެއާލައިންތަކަށް ލަސްތަކެއް ދިމާވި ނަމަވެސް މިހާރު ދަތުރުތައް އަލުން ފަށާފައިވާ ކަމަށެވެ.
ހަނގުރާމައިގެ އެއްބަސްވުން އިއުލާނު ކުރުމާ އެކު ތެޔޮ ފީފާއެއްގެ އަގު އަލުން 68 ޑޮލަރަށް ވެއްޓި، އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް އިޒްރޭލާއި އެމެރިކާ އިން ދިން ހަމަލާތަކުގެ ކުރިން އޮތް އަގަށް ތެލުގެ އަގު ވަނީ ތިރިވެެފައެވެ. އެހެން ނަމަވެސް ބައިނަލްއަގްވާމީ ބެންޗްމާކް ކަމަށްވާ ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު 70 ޑޮލަރަށް އުފުލިގެން ދިޔައީ އީރާނުން ހަނގުރާމަ ހުއްޓާލުމަށް ހަދާފައިވާ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް އިޒްރޭލުން ތުހުމަތު ކުރުމާ ގުޅިގެން ނެވެ.
ހަމަނުޖެހުންތައް އިތުރުވެއްޖެނަމަ މުސްތަގުބަލުގައި ރާއްޖެއަށް ތެލުގެ ގޮންޖެހުންތައް ކުރިމަތިވެދާނެ ކަމުގެ ބިރު އެބައޮތެވެ. 2024 ވަނަ އަހަރު ތެޔޮ އެތެރެކުރުމަށް ރާއްޖެއިން ގާތްގަނޑަކަށް 700 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާއިރު، މިއީ ސަރުކާރަށް ލިބޭ އާމްދަނީގެ 60 އިންސައްތައެވެ. ރަޝިޔާއިން 2022 ވަނަ އަހަރު ޔޫކްރޭނަށް ހަމަލާ ދިނުމުގެ ސަބަބުން ތެޔޮ ފީފާއެއްގެ އަގު 100 އެމެރިކާ ޑޮލަރަށް ވުރެ މައްޗަށް ދިޔައިރު، ކަރަންޓުގެ އަގު ހަމައަކަށް އެޅުމުގެ ބޭނުމުގައި ސަރުކާރުން ތެލުގެ ސަބްސިޑީއަށް ކުރާ ހޭދަ ހަ ގުނަ އިތުރުވެ، 3.2 ބިލިއަން ރުފިޔާ (207 މިލިއަން ޑޮލަރު) އަށް މަތިވެގެންދިޔައެވެ.
އެންމެ ފަހުގެ ފިސްކަލް އަޕްޑޭޓްގައިވާ ގޮތުން ޖޫން މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ދަރަނި އަނބުރާ ދެއްކުމަށް ސަރުކާރުން 123 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާއިރު ބަޖެޓް ސާޕްލަސްގެ ގޮތުގައި 84 މިލިއަން ޑޮލަރު ހިފަހައްޓާފައިވެއެވެ.
އެހެންނަމަވެސް ސާޕްލަސް މެނޭޖް ކުރެވިފައިވަނީ އާމްދަނީ އިތުރުވެގެން ނޫންކަމަށާއި، މިއީ މައިގަނޑު ގޮތެއްގައި ކެޕިޓަލް ހަރަދުތައް ކުޑަކުރުމުގެ ނަތީޖާ ކަމަށް ކުރީގެ މިނިސްޓަރު އަދި އިގްތިސާދީ ސިޔާސަތުގެ ތަޖުރިބާކާރު އަހުމަދު މުހައްމަދު ވިދާޅުވި އެވެ.
"މި ފިޔަވަޅަކީ ކައިރިވަމުން އަންނަ 500 މިލިއަން ޑޮލަރުގެ ސުކޫކް އަނބުރާ ދެއްކުމަށް ތައްޔާރުވުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ފެނޭ،" އޭނާ ހުށަހެޅުއްވި އެވެ. "އެހެންނަމަވެސް ތެލުގެ އަގު އުފުލުމާއެކު ތެލަށް ދޭ ސަބްސިޑީވެސް އިތުރުވެގެންދާނެ. މިއީ އިޚްތިޔާރީ ޚަރަދެއް ނުވަތަ ނުކޮށް ދޫކޮށްލެވޭނެ ޙަރަދެއްނޫން. އެއީ ވަގުތުން ވަގުތައް ކުރަން ޖެހޭ ޙަރަދުތަކެއް."

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ