ބަޖެޓް ސަރޕްލަސް: ބޯ މަތިވެފައިވާ ދަރަނީގެ ކާރިސާއާއި ގޯސްވަމުންދާ އިގްތިސާދީ ހާލަތު ފޮރުވިފައި
ފިސްކަލް ޕޮލިސީތަކަށް ވަރަށް ބޮޑެތި އިސްލާހު ބޭނުންވެފައިވީނަމަވެސް، މި ކަމަށް އަދިވެސް ކުރިއެރުމެއް ލިބިފައިނުވެއެވެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
06 މާޗް
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން ނެރުނު ރިޕޯޓުތަކުގައި ބަޖެޓް ސާޕްލަސްގެ ގޮތުގައި ބޮޑު އަދަދެއް އިއުލާނު ކުރިއިރު، މިކަމާއި ގުޅިގެން މީޑިއާތަކުގައި ޝާއިއުކޮށްފައިވާ ސުރުހީތަކުގައި ވަނީ ސަރުކާރުގެ ފިސްކަލް ޑިސިޕްލިންއާ މެދު ސުވާލުތަކެއް އުފައްދާފައެވެ.
"ރާއްޖެއިން ކުރާ ޚަރަދު 21 އިންސައްތަ ކުޑަކުރެވިއްޖެ" ކަމަށް ދައުލަތުގެ މީޑިއާއިން ވަނީ ހާމަކޮށްފައެވެ. "ރާއްޖޭގެ ބަޖެޓް ސާޕްލަސް ވަރަށް ބޮޑުތަނުން އިތުރުވެއްޖެ" ކަމަށް ސަރުކާރަށް ތާއީދުކުރާ ޕަބްލިކޭޝަނެއްގައި ބުނެފައިވެއެވެ. އާމްދަނީ ދަށަށް ދިޔަ ނަމަވެސް "ޚަރަދު ކުޑަކުރެވިއްޖެ" ކަމަށް މަޝްހޫރު ނޫހަކުން ވަނީ ފާހަގަކޮށްފައެވެ.
އެހެންނަމަވެސް، އޮޅުވާލެވިފައިވާ ނަންބަރުތަކުގެ އަޑީގައި ވަނީ ފޮރުވިފައިވާ ކަންބޮޑުވާފަދަ ހަގީގަތެކެވެ. ދެ މަސް ދުވަހުގެ ޒަރޫރީ އިމްޕޯޓްތަކަށް ނުފުދޭ ވަރުގެ ބޭރު ފައިސާގެ ރިޒާވްއާއި، ފައިސާ ނުދައްކާ ބިލިއަނުންހުރި ބިލް ތަކުގެ ސަބަބުން ބަނގުރޫޓުވަމުންދާ ކުދި ވިޔަފާރިތަކާއި، ހަތްސަތޭކަ މިލިއަން ޑޮލަރާއި ގާތްކުރާ އަދަދަކަށް މި އަހަރު އެކަނި ދިވެހިރާއްޖެއިން ދައްކަން ޖެހިފައިވާ ލޯނުތަކެވެ.
ދަރަނި އަނބުރާ ދެއްކުމުގެ ޒިންމާ 2026 ވަނަ އަހަރު 1.07 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާކޮށްފައިވާއިރު، މި އަދަދަކީ ޖަނަވަރީ މަހާ ހަމައަށް އިންޓާރނޭޝަނަލް ރިޒާވްގައިވާ 708 މިލިއަން ޑޮލަރަށްވުރެ އިތުރު އަދަދެކެވެ. 1.4 ބިލިއަން ރުފިޔާ (90 މިލިއަން ޑޮލަރު) ގެ ސާޕްލަސްއެއް ރިޕޯޓް ކޮށްފައި މިވަނީ، ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ދަރަޖަ ޖަންކަށް ދަށްކުރުމާ ގުޅިގެން، ޑެފިސިޓް ޚަރަދު ކޮންޓްރޯލްކުރުމަށާއި ދައުލަތުގެ 9 ބިލިއަން ޑޮލަރު ނުވަތަ މިދިޔަ އަހަރު 133 އިންސައްތަ ޖީޑީޕީއަށް އަރާފައިވާ ދަރަނި ބޮޑުވުން ކޮންޓްރޯލް ކުރުމަށް "ވަގުތުން ޕޮލިސީ އެޑްޖަސްޓްމަންޓެއް" ހަދަން ޖެހޭ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ބާރުއަޅައި ބަޔާނެއް ނެރުމުގެ ދެ ދުވަސް ފަހުންނެވެ.
"މެކްރޮއިކޮނޮމިކް ހަމަޖެއްސުމާއި ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭފަދަ ނާޒުކު ހާލަތެއް" ރާއްޖެއަށް މިހާރު ވަނީ ކުރިމަތިވެފައިކަމަށް އައިއެމްއެފް ސްޓާފް މިޝަންއިން ވަނީ ފާހަގަކޮށްފައެވެ. މިއީ މިދިޔަ ފެބްރުއަރީ މަހު ބޭއްވުނު އަހަރީ މަޝްވަރާތަކަށް ފަހު އައިއެމްއެފްގެ ސްޓާފް މިޝަނުން ކުރި އޮބްޒަވޭޝަންތަކުން ދައްކާ ގޮތެވެ. އަދި މިމިޝަން އިންވަނީ މަޖިލީސް މެމްބަރުންނަށް ކުރީގައިވެސް ދެވިފައިވާ ސީރިއަސް އިންޒާރުތައް ތަކުރާރުކޮށް، 2025 ވަނަ އަހަރުގެ ބަޖެޓުގެ ތެރޭގައި އެކުލަވާލާފައިވާ ފިސްކަލް ރިފޯމް އެޖެންޑާ އަވަހަށް ތަންފީޒު ކުރުމަށް ލަފާ ދެއްވާފަ އެވެ.
މި އިސްލާހުގެ ދަށުން މިދިޔަ ޑިސެންބަރު މަހު ސަރުކާރުން ވަނީ ޓޫރިޒަމާ ގުޅުންހުރި ޓެކްސްތައް އިތުރުކޮށް،ފަތުރުވެރިން އަތުން ނަގާ ގްރީން ޓެކުހާއި އެއާޕޯޓް ފީ ދެ ގުނަ އަށް އިތުރުކޮށްފައެވެ. މިކަމުގެ ސަބަބުން ރިސޯޓު ތަކުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ އިތުރުން، ޓޫރިޒަމް ސޭލްސް ޓެކްސްގެ ގޮތުގައި ނަގާ ފައިސާ އިތުރު އެއް ޕަސެންޓުން ބޮޑުކުރުމުގެ އުސޫލަށް ޖޫން މަހު އަމަލުކުރަން ފަށާނެއެވެ. އެހެންނަމަވެސް، އުނދަގޫ ނިންމުންތަކާ ކުރިމަތިލާން ޖެހުމުން މި ސަރުކާރުން ފަސްޖެހިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އާސަންދަ ހެލްތް އިންޝުއަރެންސް ސްކީމް އަލުން ތަރުތީބުކުރުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާގައި ތިބޭ މީހުންގެ އަދަދު މަދުކުރުމާއި، ކާބޯތަކެއްޗާއި، ކަރަންޓާއި، ތެލަށްދޭ ބްލޭންކެޓް ސަބްސިޑީ ކަނޑާލައި، ވަކި ފަންތިއެއްގެ މީހުންނަށް އަމާޒުކޮށްގެން އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ރައްޔިތުންނާ ގުޅޭ، ސިޔާސީ ގޮތުން ނާޒުކު ނިންމުންތައް ނިންމުމަށް މި ސަރުކާރުން ވަނީ ނުކެރިފައެވެ.
ރަޢީސުލް ޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ މުސާރައިން ދިހަ އިންސައްތަ އުނިކުރުމުގެ އިސްލާހަށް، އަމަލުނުކުރުމަށް މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕާޓީއިން ވަނީ މިދިޔަ މަހު ލަފާދެއްވާފައެވެ. އެހެންނަމަވެސް، ބަޖެޓްގެ ޚަރަދުތައް ކުޑަކުރުމުގެ ބަދަލުގައި ރައްޔިތުންގެ މެދުގައި ސަރުކާރުގެ މަޤުބޫލުކަން އިތުރުކުރުމަށްޓަކައި، ބޭކާރު ހަރަދުތައް ކުރަމުންގެންދެއެވެ. އެގޮތުން ރަމަޟާންމަހަށް ހާއްސަކޮށް، ޖުމްލަ 160 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ކަރަންޓު އަދި ފެން ބިލްތަކުން ދިނުމާއި، އީދު ޑެކޮރޭޝަން ބޮކިތަކަށް 28 މިލިއަން ރުފިޔާ ޚަރަދުކުރުމާއި، 40،000 މަސްދަޅު ކޭސް ހިލޭ ބެހުން ހިމެނެއެވެ.
ރަޢީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިދިޔަ އަހަރުގެ ޖޫން މަހު އިއުލާނުކުރެއްވި ޚަރަދުކުޑަކުރާ ފިޔަވަޅުތަކުގެ ތެރެއިން މިނިވަން ދުވަހުގެ ހަރަކާތްތައް ކެންސަލް ކުރެއްވި ނަމަވެސް، ސަރުކާރުގެ އޮފީސްތަކުން މުވައްޒަފުންނަށް ޙާއްސަކޮށް ކުލަގަދަ ސްޓާފްނައިޓްތައް ވަނީ ބޭއްވިފައެވެ. ބޭނުންނުވާ ވަރަށްވުރެ ގިނަ މީހުންގެ ވަފްދުތައް ވަނީ ސަރުކާރުގެ ފަރާތުން ބައިނަލް އަގްވާމީ ދަތުރުތަކުގައި ބައިވެރިވެފައެވެ. ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުން ކުރިއަށްދެއެވެ.
މޯލްޑިވްސް އިންޑިޕެންޑެންޓްއަށް މިކަމާ ގުޅޭގޮތުން މިހާތަނަށް ރައީސް އޮފީހުގެ ބަހެއް ލިބިފައިނުވެއެވެ.
ފެބުރުއަރީ މަހުގެ 13 ވަނަ ދުވަހާ ހަމައަށް، މި އަހަރުގެ ބަޖެޓް ސާޕްލަސް އަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރެކޯޑް ކުރި 600 މިލިއަން ރުފިޔާއަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ އިތުރު އަދަދެކެވެ. ނަމަވެސް މި ޕޮޒިޓިވް ބެލެންސް ދެމިގެން ދިޔައީ ކުރު މުއްދަތަކަށެވެ. 2024 ވަނަ އަހަރުގެ މެއި މަހާ ހަމައަށް ބަޖެޓް ޑެފިސިޓް އޮތީ 700 މިލިއަން ރުފިޔާއަށް އުފުލިފައެވެ. ނަތީޖާއެއްގެ ގޮތުން، އަހަރު ނިމުނުއިރު މި އަދަދު 15.3 ބިލިއަން ރުފިޔާއަށް އުފުލި، ޕެންޑެމިކް އަހަރުތަކުގައި ފެނުނު ޑެފިސިޓްތަކަށް ވުރެ މައްޗަށް މި އަހަރުގެ ބަޖެޓް ވަނީ އުފުލިފައެވެ.
"މިއީ މި އަހަރުގެ ދެވަނަ މަސް. މިވަގުތު ސާޕްލަސްއެއް ފެނުމަކީ ހައިރާންވާންޖެހޭ ކަމެއްނޫން. މި އަދަދުތައް އިތުރުވަނީ ކެޕިޓަލް ޚަރަދުތައް ވަރަށް ބޮޑަށް ކުޑަކުރެވިފައިވާތީ. ބަނގުރޫޓުވަމުންދާ ކުދި ވިޔަފާރިތަކަށާއި ކޮންޓްރެކްޓަރުންނަށް ދައްކަން ޖެހޭ ފައިސާ ނުދައްކަނީ މި ސަބަބަށްޓަކައި،" ކުރީގެ ފައިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު މޯލްޑިވްސް އިންޑިޕެންޑެންޓަށް ވިދާޅުވިއެވެ. "ހަގީގަތުގައި ވެސް ބިލިއަނުން ސާޕްލަސް އެއް އޮތް ނަމަ، މި ބިލްތައް ނުދެއްކެންވީ ކީއްވެ؟ ޕޭމެންޓުތައް ހިފެހެއްޓުމުގެ ބޭނުމަކީ ކޮބާ؟ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސަރުކާރުން މިފައިސާ ނުދައްކާ ހިފަހައްޓަނީ، ލޯނުތަކަށް ފައިސާ ދައްކަން ޖެހޭކަން އެނގޭތީ،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކަށް އަމިއްލަ ވިޔަފާރިތަކަށާއި، ކޮންސްޓްރަކްޝަން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުދެއްކުމަކީ ކުރީގެ ސަރުކާރުތަކުން ފެށިގެން މިއަދާ ހަމައަށް ފާހަގަކުރެވިފައިވާ މައްސަލައެކެވެ.
ފިސްކަލް އަޕްޑޭޓްގައިވާ ގޮތުން އޮފީސް ސަޕްލައި، މަރާމާތު އަދި މެއިންޓެނެންސްގެ ބަޖެޓް ކުޑަކޮށްގެން ބައެއް ހަރަދުތައް ކުޑަކުރެވިފައިވެއެވެ. ނަމަވެސް ސަރުކާރު މުވައްޒަފުންގެ މުސާރަ ދިނުމަށް ހިނގާ ހަރަދު 450 މިލިއަން ރުފިޔާ އިން 519 މިލިއަސް ރުފިޔާއަށް ވަނީ އިތުރުވެފައެވެ.
އެންމެ ގިނަ އަދަދެއްގެ ފައިސާ ސޭވްކުރެވިފައިވަނީ ކެޕިޓަލް އެކްސްޕެންޑިޗާއިންނެވެ. މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 686 މިލިއަން ރުފިޔާ ކެޕިޓަލް އެކްސްޕެންޑިޗަރއިން ދަށްވެފައިވުމަކީ، ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޑުޖައްސާލާފައިވާކަން އެނގޭ ކަމެކެވެ.
އިގްތިސާދީ މާހިރެއްކަމުގައިވާ އާތިފް ޝުކޫރު މައުލޫމާތު ދެއްވިގޮތުގައި، އިމާރާތް ކުރުމުގެ ސިނާއަތަށް ދައްކަން ޖެހޭ ދެ ބިލިއަން ރުފިޔާގެ ބިލްތައް ނުދެއްކުމާއި، އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ހޭދަ ކުޑަވުމަކީ އެކަމުގެ ސަބަބުން މުޅި އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. "ސަރުކާރުގެ ކޮންޓްރެކްޓްތަކާއި ޕްރޮޖެކްޓްތައް ފަދަ ކެޕިޓަލް އިންވެސްޓްމަންޓަކީ އިގްތިސާދު ހިންގުމުގެ ވަރަށް ބޮޑު ރޯލެއް އަދާކުރާ އެއްޗެއް. މީގެ ސަބަބުން މަލްޓިޕްލަޔަރ އިފެކްޓެއް އުފައްދާނެ. މިފަދަ ކަންކަން މިހާރު މިވަނީ ވަރަށް ބޮޑަށް ކުޑަކުރެވިފައި،" އޭނާ ވިދާޅުވި އެވެ.
"ސަރުކާރުގެ މަޝްރޫއުތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން އިމްޕޯޓުކުރާ މީހުންގެ އަތުން އެގްރިގޭޓާއި ވެލި ގަނެ، ޑެލިވަރީ އަށް ބޯޓުތައް ކުއްޔަށް ހިފައިގެން، ރަށްރަށުގެ ލޮޖިސްޓިކްސް މެނޭޖް ކުރާނެ. މިއީ ކުދި ވިޔަފާރިތަކުން އިގްތިސާދު ފުޅާކުރާގޮތް. މިފަދަ ޕްރޮޖެކްޓްތައް ހުއްޓާލައި އޮޕަރޭޝަންތައް ހުއްޓާލުމުން ކުދި ގިނަ ކުންފުނިތައް ފުނޑުފުނޑުވެ، އިގްތިސާދީ ހަރަކާތްތަކަށް މަޑުޖެހުމެއް އަންނާނެ."
މިދިޔަ އަހަރާ އަޅާބަލާއިރު އުޖޫރައަށް ދައްކަންޖެހޭ ފައިސާގެ އިތުރުން، ސަބްސިޑީ އާއި ޔުނިވާސަލް ހެލްތް އިންޝުއަރެންސް ސްކީމަށް ކުރާ ހަރަދުތައް ވަނީ އިތުރުވެފަ އެވެ. ސަބްސިޑީ އަދި އިންޝުއަރެންސް އަކީ، ސިސްޓަމެޓިކް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ދެކަމެވެ. އާސަންދައިން ކުރި ހަރަދުތައް ވަނީ 173 މިލިއަން ރުފިޔާއިން އިތުރުވެފައެވެ. ހަމަ އެއާއެކު، އާސަންދައިން ލިބޭ އާމްދަނީ ވަނީ 359 މިލިއަން ރުފިޔާއިން ދަށްވެފައެވެ. މިދިޔަ އަހަރުގެ ޖަނަވަރީ އަދި ފެބުރުއަރީ މަހާ އަޅާ ބަލާއިރު ޓޫރިސްޓުން އައި މިންވަރު ފަސް ޕަސެންޓް އިތުރުވި ނަމަވެސް ޓެކްސް އާއި ޓެކްސް ނުލައި ލިބޭ އާމްދަނީގެ އަދަދުވެސް ވަނީ ދަށަށް ގޮސްފައެވެ. މުދަލާއި ހިދުމަތުގެ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އާއި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ ދަށަށް ގޮސްފައެވެ.
"މި ދެ ކަންތަކާއި، އާމްދަނީ ދަށްވުމުގެ ސަބަބުން އަޅުގަނޑުމެން މިއަދު މިތިބީ ވަރަށް ބިރުވެރި ފަތްތަރެއްގައި " އާތިފް ވިދާޅުވިއެވެ.
އާމްދަނީ މިހާ ބޮޑަށް ދަށްވެގެން ދިއުމަކީ ސުވާލު އުފެދޭ އަދި ކަންބޮޑުވާންޖެހޭ ކަމެކެވެ.
"ބައެއް ފަރާތްތަކުން ޖީއެސްޓީ ނުދައްކަނީތަ؟ ސަރުކާރުން ބިލްތަކަށް ފައިސާ ނުދައްކާތީ، ސަރުކާރަށް ދައްކަންޖެހޭ ޖީއެސްޓީގެ ފައިސާ ނުދައްކާ ހިފަހައްޓަނީތަ؟ ނުވަތަ ވިޔަފާރީތައް ހަގީގަތުގައި ވެސް މަޑުޖެހުނީތަ؟ އެހެންކަމަށްވާނަމަ، މިއީ އަދި މާ ކަންބޮޑުވާންޖެހޭ ކަމެއް،" އާތިފް ވިދާޅުވިއެވެ. "ޖީއެސްޓީގެ އަދަދުތައް ދަށަށް ދިއުމަކީ އިގްތިސާދު މަޑުޖެހިފައިވާކަން އަންގައިދޭ ކަމެއް. ހަގީގަތުގައި ވެސް މަޑުޖެހިއްޖެ ނަމަ، މިކަމުގެ ސަބަބުން މުޅި އިގްތިސާދަށް ނުރައްކާ ވާނެ. މިކަން އަޅުގަނޑުމެން ބަލައި ދިރާސާ ކުރަންޖެހޭ."
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި މިދިޔަ މަހު ބޭއްވި ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވެސް ވަނީ އެފަދަ ކަންބޮޑުވުންތަކެއް ފާޅުކުރައްވާފައެވެ. "މިއީ ކަންބޮޑުވާން ޖެހޭކަމެއް. އަޅުގަނޑުމެންގެ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ. މިކަމުގެ ފަހަތުގައިވާ ސަބަބުތައް ސާފުކޮށް އަދި ރައްޔިތުންނަށް އެނގޭނެ ފަދަ ގޮތަކަށް ބުނެދެވިފައިނުވޭ،" ނާޒިމް ވިދާޅުވިއެވެ.
ކަސްޓަމްސްގެ އާމްދަނީ ދަށަށް ދިއުމަށް މެދުވެރިވި ސަބަބެއް ނާޒިމް ވަނީ ހުށަހަޅުއްވާފައެވެ. "އަޅުގަނޑުމެންނަށް ލިބޭ އާމްދަނީގެ މައިގަނޑު ވަސީލަތަކީ ސިނގިރޭޓު އިމްޕޯޓްކޮށްގެން ލިބޭ އާމްދަނީ. މިހާރު މިވަނީ ސިނގިރޭޓް އެތެރެކުރުން މުޅިން ހުއްޓިފައި." އޭނާ ވިދާޅުވިއެވެ. އޭނާ ލަފާ ދެއްވި ގޮތުގައި އާމްދަނީ ދަށްވެފައިވަނީ ނޮވެންބަރު މަހުން ފެށިގެން ޓެރިފް އިތުރުކުރުމަށް ކަނޑައެޅިފައިވާތީ، މި މުއްދަތުގެ ކުރިން އިމްޕޯޓްކުރާ ފަރާތްތަކުން ސިނގިރޭޓް ސްޓޮކް ކޮށްފައިވާތީއެވެ. މިގޮތުން، މިފަދަ ވިޔަފާރިތަކުން އަދިވެސް ސިނގިރޭޓު އާންމުކޮށް އެތެރެކުރާ މިންވަރަށް އެތެރެކުރަން ފަށާފައިނުވެއެވެ. މިއީ ކުރީގެ ޓެރިފްތަކުގެ ދަށުން އެތެރެކޮށް ބޮޑެތި އަދަދުތަކުން ސްޓޮކްކޮށްފައިވާ ޝިޕްމެންޓްތައް އަދިވެސް ހުސްނުވާތީކަމަށް ނާޒިމް ލަފާކުރެއްވިއެވެ. ސިނގިރޭޓު އެތެރެކުރުމުގެ ޓެރިފްތަކަށް ގެނެވުނު ބަދަލާއެކު، 110 ރުފިޔާއަށް ވިއްކި ސިނގިރޭޓު ފޮށި މިހާރު ލިބެނީ 250 ރުފިޔާއަށެވެ.
ނާޒިމް ވިދާޅުވީ މިއަހަރު އާސަންދައަށް ކުރާ ޚަރަދު ތިން ބިލިއަން ރުފިޔާއަށްވުރެ މައްޗަށް ދިއުމުގެ ފުރުސަތު އޮތްކަމަށާއި، މިއީ 2024 ވަނަ އަހަރު ލިބުނު އާމްދަނީގެ 10 އިންސައްތަ ކަމަށެވެ.
"މައްސަލައަކީ އިޞްލާޙީ ފިޔަވަޅުތައް އެޅުމަށް ފަސްޖެހި މިކަން ލަސްވަމުން ދިޔުން. އިޤްތިޞާދީ މައްސަލަތަކަށް ޙައްލެއް ލިބޭތަން އަޅުގަނޑުމެންނަކަށް ނުފެނޭ. އަޅުގަނޑުމެންނަށް މިކަމުގައި ރަނގަޅު ކުރިއެރުމެއް ފެނިފައިނުވާއިރު، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއްވެސް އެޅިފައިނުވޭ،" އޭނާ ވިދާޅުވިއެވެ.
އިންޑިއާއިން ބެއިލްއައުޓް ލިބި، ބޭރު ފައިސާއާ ގުޅޭ އައު ގަވައިދުތަކެއް އެކުލަވާލެވިފައިވީނަމަވެސް، ޑިސެންބަރު މަހު ރޭޓިން އެޖެންސީ މޫޑީސް އިން ވަނީ ދިވެހިރާއްޖެއާ މެދު އޮތް ނެގެޓިވް އައުޓްލުކް ދަމަހައްޓާފައެވެ. މިކަމުގެ ސަބަބުން ދިވެހިރާއްޖެއިން ނަގާފައިވާ ބޭރުގެ ބޮޑެތި ދަރަނިތައް އަދާކުރުމުގެ ގާބިލުކަމާ މެދު ކަންބޮޑުވުން ވަނީ އުފެދިފައެވެ.
"ތަފްސީލީ ފައިނޭންސިން ޕެކޭޖެއް ނުވަތަ ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަކާ ނުލައި، ވައިޑް ޓްވިން ޑެފިސިޓްތަކާއި އެފްއެކްސް އިމްބެލެންސްތަކުން ދޭހަވަނީ ޑިފޯލްޓްވުމުގެ ފުރުސަތު ބޮޑުވުމާއެކު ވަރަށް ބޮޑު ނުރައްކާތަކެއް އޮތްކަން،" އެ އެޖެންސީން ބުންޏެވެ.
އެހެން ނަމަވެސް، އަމީރާއި އާތިފް ވެސް ދެކެވަޑައިގަންނަވަނީ، ޑެބްޓް ޑިފޯލްޓްވުމުން އަދިވެސް ސަލާމާތްކުރެވޭނެކަމަށެވެ.
"މި ކަން ކުރުމުގެ ހިތްވަރު ހުރިނަމަ، އަދިވެސް މިކަން ރަނގަޅު ކުރުމުގެ ފިޔަވަޅުތަކެއް އެޅިދާނެ. އަޅުގަނޑުމެން ޑެބްޓް ޑިފޯލްޓްކުރާކަށް ނުޖެހޭނެ، މިކަން ހައްލު ކުރުމުގެ މަގުތައް އެބަހުރި"، ކުރީގެ ފައިނޭންސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. "އެކަމަކު އޭގެ މާނައަކީ ސަރުކާރުން އިސްކަން ދީގެން ޕީއެސްއައިޕީ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭނެ. އަދި އަޅުގަނޑުމެން މަޝްވަރާ ކުރަމުން އަންނަފަދަ އިސްލާހުތައް ތަންފީޒު ކުރަންޖެހޭނެ. ސަރުކާރަށް މިހާރު ކުރިމަތިވެފައިވާ ބުރައަށް ބަލާއިރު އެއީ ފަސޭހަ ކަމަކަށް ނުވާނެ."
މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ
ގުޅުންހުރި ޓެގްސް
އިތުރު ލިޔުންތައް

"ސަލާމަތުން ގޮސް، އަމިއްލަ ވަޒަނުގައި ދެން އަވަހަކަށް ނޫޅެވޭނެކަން އެނގުނު" ޝަހިންދާ އިސްމާޢީލް
27 ނޮވެމްބަރު

"ޕާޓީތަކާމެދު މާޔޫސްވެއްޖެ" - ވޯޓު ލާ ޢަދަދު މަދުވެ، އެފަރަގު ރަށްފުށާއި ސިޓީތަކުގެ ދެމެދު ބޮޑުވަނީ
02 ނޮވެމްބަރު

"ބާރުވެރިކުރުވާކަށް މީހަކަ ނާންނާނެ! އަހަރުމެން ބާރުވެރިވާންޖެހޭނީ އަމިއްލައަށް!" ހަތަރު ދައުރު ކައުންސިލަރަކަށް އިންތިޚާބުވި ސާމިޔާ
30 އޮކްޓޯބަރު

