އަތޮޅު ކައުންސިލް އުވާލުން: ދިވެހިރާއްޖޭގެ ޖަމާޢީ ވަކާލާތުގެ އަޑު ކަނޑުވާލުން

ގެއްލިދަނީ ލޯކަލް ބާރެވެ. ގަދަވަނީ މާލޭ ސަރުކާރެވެ. ވިއްސިވިހާލި އެކޮށްލަނީ ޖަމާޢީ އަޑެވެ. އެންމެންގެ ވަކާލާތެވެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

އަތޮޅު ކައުންސިލުތައް އުވާލަން މިފަހުން ސަރުކާރުން ދައްކަމުންދާ ވާހަކައަކީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ރާވައިގެންދޭ އެންމެ ވަރުގަދަ އެއް ސީދާ ޙަމަލާއެވެ. މިއީ ޖަމާޢީ އަޑުތަކާއި ވަކާލާތު އަދި ގޮވުންތައް ފަނޑުކުރުމަށާއި، ބައިބައިކޮށްގެން މައިސަރުކާރުގެ މަރުކަޒީ ބާރުތައް ފުޅާ ކުރުމުގެ މަސައްކަތުން ބައެކެވެ.
އެތައް ހާސް އަހަރެއް ވާންދެން މިރާއްޖޭގެ ވެރިކަމުގެ އިންތިޒާމާއި ތަރުތީބު ބިނާވެގެންވީ އަތޮޅުތަކުގެ މައްޗަށެވެ. އަތޮޅު ތަކަކީ ހަމައެކަނި ޖިއޮގްރަފީގެ ނަޒަރިއްޔާތެއް ނޫނެވެ. އެއީ އެމުނި އެކުލެވިގެންވާ ސިޔާސީ، މަދަނީ އަދި އިޤްތިޞާދީ މުޖުތަމަޢުތަކެކެވެ. އަތޮޅު ކައުންސިލުތައް އަތޮޅުގެ މަޞްލަޙަތުތަކާއި، ތަރައްޤީއާއި، ޚިދުމަތްތަކާއި، ވަޞީލަތްތަކުގެ ޙައްޤުގައި އިސްތިރާޖީ ރޭވުންތަކާއި، ބުގިސްވެފައިވާ ވިސްނުމާއި، ތަޞައްވަރުތައް އެކުލަވައެވެ. އަތޮޅު ކައުންސިލު އުވާލުމަކީ މިޖަމާޢީ ވަކާލާތު އުވުމެވެ. ޤައުމީ މައްސަލަތަކާއި ޙާލަތްތައް އެކަށޭނަ ގޮތުގައި ކުރިމަތިލުމުގެ ޤާބިލުކަން ނެތް ވަކި، ކުދި، ރަށްތަކަކަށް އަތޮޅު ހާވިޔާ ކޮށްލުމެވެ.
ލޯކަލް ކައުންސިލްތަކުގެ އެސޯސިއޭޝަންގެ ޗެއަރޕާސަން މުޙައްމަދު ބަޝީރު ފާހަގަކުރައްވާ ގޮތުގައި "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގާންވާނީ ލާމަރުކަޒީ އުޞޫލުންކަމަށް ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގައި ބަޔާންވެފައިވާއިރު، އަތޮޅު ފިޔަވާ އިތުރު އިދާރީ ބައިކުރުމެއް ދިވެހިރާއްޖޭގެ ތާރީޚުންވެސް ފެންނާން ނެތް އިރު، އަތޮޅު ކައުންސިލުތައް އުވާ ނުލެވޭނެ" ކަމަށެވެ. ނ. އަތޮޅު ކައުންސިލްގެ ރައީސްކަމުގައިވެސް ހުންނެވި ބަޝީރު އެކަން ސިފަކުރައްވަނީ "ޣައިރު ޤާނޫނީ ޢަމަލެއް"ގެ ގޮތުގައެވެ.

ބައިބައިކޮށް ފަޅިކޮށްގެން

އަތޮޅު ކައުންސިލު އުވާލީމާ ފަސޭހަވަނީ މައި ސަރުކާރަށެވެ. އިދާރީގޮތުން ރަށްރަށް ވަކިވެ، އެކަނި ވީމާ ބޭނުން ގޮތަކަށް އަނބުރާލަން ފަސޭހައެވެ. ބަސްއަހާނަމަ ހަދިޔާއަކަށް ސަރުކާރުން ބޭނުންނަމަ ކޮންމެފަދަ ބޭކާރު، ބޮޑު ޚަރަދެއް ހިންގާފައިވެސް ޕްރޮޖެކްޓެއް އިޢުލާން ކުރަންވީއެވެ. އަނެއް ބައެއް ރަށްރަށް ބަސްނާހާތީ އަޅާނުލާ ބާއްވަން ވީއެވެ. މިބާވަތަށް މުއްފަތުން ކާންބޯންދީ، ރަށްރަށް ފައިދަށަށް ގުދުކުރުމަކީ އެންމެން އެކުވެ، އުފައްދާފައިވާ ޕްލެޓްފޯމެއް ނެތީވިއްޔާ، މައި ސަރުކާރަށް ދާދި ފަސޭހަ ކަމެކެވެ.
ޒަމާނުއްސުރެ އަތޮޅު އެންމެންގެ މަޞްލަޙަތާއި ޖަމާޢީ ވަޞީލަތްތައް ޙިމާޔަތްކުރަނީ އަތޮޅު ކައުންސިލުންނެވެ. މިސާލަކަށް ނ. އަތޮޅެވެ. އެއަތޮޅުގެ މީހުންކުރެން ހޭވެސް އަހާ ނުލައި ތޮޅެންދޫ ފަދަ އެތައް ރަށެއް ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް މައިސަރުކާރުން ކުއްޔަށް ދިނީއެވެ. އަތޮޅު މީހުން ދަރު، ކާށި، ފަން ހޮވާނެ، ދަތުރުގޮސްލާނެ ރަށެއް ނުބާއްވާ ހުރިހާ ރަށެއް މިހެން ބަހާ ހުސްކުރަނީއެވެ. އެކަން ހުއްޓުވާން ކޯޓަށް ދިޔައީ އަތޮޅު ކައުންސިލެވެ. އަތޮޅު އެންމެންގެ ޙައްޤުގައެވެ. އަތޮޅު ކައުންސިލެއް ނެތީވިއްޔާ، މިވަކާލާތެއް ނުހިނގާނެއެވެ. މައިސަރުކާރުން ހިތުހުރި ގޮތެއް ހަދާން ވީއެވެ.  
ބަޝީރު ވިދާޅުވީ ފަޅު ރަށްރަށް ނުވަތަ ރިޒޯޓުތަކަކީ އަތޮޅުގެ ނިސްބަތުން ބަލާ، ސިޓީއަކާ އަޅުވާނަމަ، ސިޓީގައި ބޭނުންނުކޮށް، ގޮވަތިގެދޮރާއި ޢިމާރާތްތައް ނާޅާ އޮންނަ ހިސާބެވެ. "އަތޮޅު ކައުންސިލް އުވާލީމާ އެޖާގަތަކާއި ވަޞީލަތްތަކުގެ މައްޗަށް – އެއީ ވިޔަފާރިވެރި، ސިނާޢީ އަދި ދަނޑުވެރި ނަމަވެސް – ޖަމާޢީ ކޮންޓްރޯލް ގެއްލެނީ" އޭނާ އޮޅުންފިލުއްވައި ދެއްވިއެވެ.
ފަޅުރަށްރަށް އިހުއްސުރެ ބަލަހައްޓަނީ އަތޮޅު ވެރިންނެވެ. ނުވަތަ އަތޮޅު ވެރިކަމުގެ ފަރާތުންނެވެ. އަތޮޅު ކައުންސިލު އުވާލީމާ މައިސަރުކާރުން އެދުނު ގޮތެއްގެ މައްޗަށް، ޖަވާބުދާރީވުމެއްވެސް ނެތި، އަތޮޅުގެ މުދަލާއި ރައުސުލްމާލު ބޭނުން ކުރަމުން، ކުއްޔަށް ދެމުން، ވިއްކަމުން ދާންވީތާއެވެ.
ސަރުކާރުގެ ނިޔަތާއި ޢަމަލު ހުރި ގޮތުގެ އަޞްލަށް ދަލީލުކުރާ އަނެއް މިސާލަކީ މިމަހުގެ ފަހުކޮޅު އައްޑޫ ސިޓީގައި ނަގާން އުޅޭ ޚިޔާލު ހޯދުމުގެ ވޯޓެވެ. އައްޑޫ ސިޓީ އުވައިލާފައި، ވަކި ވަކި ރަށްރަށެއްގެ ގޮތުގައި އޮންނާން ފެނޯތޯ އަހަނީ ޔޯލައެވެ. ވަކިވަކިވީމާ އެންމެން އެކުގައި ޑިމާންޑުކުރެވޭ މިންވަރާއި، އެޑިމާންޑުގައި އާރުލާ މިންވަރަށް އުނިކަން ލިބެއެވެ. ސިޓީ ކައުންސިލަކުން ހުރިހާ މަޞްލަޙަތުތަކެއްގެ މައްޗަށް ފިކުރު ހިންގާފައި، ވަށާޖެހޭ ޙައްލުތަކެއް ހުށަހަޅާ ގޮތަކަށް ވަކިވަކި ރަށްރަށަށް އެކަން ކުރެވޭނެ ބާވައެވެ. ކުދި، ވަކި ރަށްރަށުން އުފައްދަނީ ހަނި، ދޭސީ މަޞްލަޙަތުތަކާއި ވިސްނުންތަކެވެ. ދުރު ރާސްތާގެ، ފުޅާ ވިސްނުންތަކެއް ނޫނެވެ. މައިސަރުކާރު އެދެނީ މިގޮތެވެ.

ވިއްސިވިހާލި ވެފައިވާ ތަމްސީލުކުރުމެއް

ރައްޔިތުންގެ މަޖިލީހުންވެސް ފެންނަނީ މިފަދަ މަންޒަރެކެވެ. ވަކި، ކުދި އިދާރީ ދާއިރާތަކަކުން މަޖިލިސް މެންބަރުން ހޮވީމާ އަތޮޅާއި، ސަރަޙައްދާއި، ޤައުމުގެ މަޞްލަޙަތަށް ވުރެ ކޮންމެ މެންބަރަކަށްވެސް މުހިންމުވަނީ ދާއިރާގެ މަޞްލަޙަތެވެ. އެހެންވީމާ މެންބަރުން ދުވަނީ ހަނި، ކުޑަ، އެކަނި ވަކާލާތެއް ހިފައިގެންނެވެ. މަޖިލީހުގެ ގިނަ މަސައްކަތް ބިނާވެގެންވަނީ ޤައުމީ ފަންތިއަށް ނަމަވެސް، އަތޮޅާއި، ސަރަޙައްދާއި، ޤައުމާމެދު ވިސްނާނެ ތަންވަޅެއް ނެތެވެ. ދާއިރާ، ދާއިރާ، ދާއިރާއޭ ގޮވާނޭ މެންބަރުން އޮލަވެފައެވެ. ޤައުމޭ ބުނާނެ މީހަކު ނެތެވެ. އެހެންވީމާ ޤައުމީ މައްސަލަތަކާއި، މަޞްލަޙަތުތަކާއި، ޙައްލުތަކުގެ ވާހަކަދައްކާ ފޯރަމެއްގެ ބަދަލުގައި މަޖިލީހަކީ ވަކިވަކިވެފައިވާ އެކުލެވޭ މިސްރާބެއް ނެތް 93 ލޮބީއިސްޓުންތަކެއް ހަޅޭއްޖަހާ ތަނެކެވެ.
މާލެ ސިޓީ ކައުންސިލުވެސް އެފަދައެވެ. މާލޭގެ ހުރިހާ ވޯޓަރުންވެގެން 16 މެންބަރުން މީހުން އިންތިޚާބުކުރާނަމަ ސިޓީ ފެންވަރުގެ ހަރުދަނާ ވަކާލާތުތަކެއްގެ އަޑު އިވުނީހެވެ. ނަމަވެސް ކުދި، ވަކި ދާއިރާތަކަށް މާލެ ބަހާލީމާ ވާގޮތް ބައްލަވާށެވެ. 5000 މީހުންގެ މައްޗަށް އެކުލެވޭ 16 ވަކި ދާއިރާއެވެ. އެއަތނުގައި 2000 އެއްހާ މީހުން ވޯޓު ޙައްޤުވާނެއެވެ. 1500 އެއްހާ މީހުން މެނުވީ ވޯޓެއް ނުލާނެއެވެ. ތިންހަތަރު ކެންޑިޑޭޓޫން ކުރިމަތިލިއްޔާ 500 އެއްހާ ވޯޓު ގަނެލި ކެންޑިޑޭޓު މޮޅުވީއެވެ. މިއީ ޤަބީލާވަންތަކާއި މަށަށްމަށަށް ގޮވުމުގެ ނިޒާމެވެ. ދަހި ވިސްނުންތަކާއި، ބައިބައި ފިކުރުތަކަށް ބާރުދޭ ނިޒާމެވެ. އެންމެން އެކުލަވާ، އެންމެން ބައިވެރި ކުރުވާ، އެންމެން ތަމްސީލު ކުރުވާ ނިޒާމުގެ ނުވަތެވެ!
އަތޮޅު ކައުންސިލު އުވާލުމުން މި ނަންގަތް ހަމައަށް އަތޮޅުތަކާއި، ލާމަރުކަޒީ ނިޒާމުވެސް ފެތި ނިމުނީއެވެ. ކޮންމެ ރަށެއްގައި ޔުނިވަރސިޓީއެއް ނުވަތަ ހޮސްޕިޓަލެއް އަޅާން ގޮވަގޮވާ ތިބޭންވީއެވެ. އެއީ ދެކޮޅު ޖެހޭ ކަމަކަށް ނުވާނެއެވެ. ޙަޤީޤަތުގައި ޙާޞިލުކުރެވޭނެ ނަތީޖާއަކަށްވެސް ނުވާނެއެވެ. އަތޮޅެއްގެ ސިފައިގައި އިއްވާންޖެހޭ އަޑު ނުއިއްވި، އަތޮޅެއް ފުދުންތރި ޔުނިޓެއްކަމުގައި ދެކި، އެއަމާޒަށް ކުރެވޭ މަސައްކަތް ހުއްޓޭނެއެވެ. ކްރިޓިކަލް މާސް އާއި އިކޮނޮމީޒް އޮފް ސްކޭލް މުޅިން ގެއްލުނީއެވެ. ނަތީޖާއަކީ މާލެއަށް ވާބަރޯސާ ބޮޑުވުމެވެ.
ނ. އަތޮޅުގެ ރައީސް ބަޝީރު ވިދާޅުވީ ލާމަރުކަޒު ކުރުމަކީ ވަކި ވަކިކޮށްލުމާއި، އެކަނިއެކަނިން އުޅުން ނޫންކަމެވެ. ނަމަވެސް ވަކިވަކި ޔުނިޓުތަކެއް އެއްކީލިކޮށްގެން ހިންގުމުގެ ތަރުތީބެކެވެ. "ސިޔާސީ، އިޤްތިޞާދީ އަދި އިޖުތިމާޢީގޮތުން އެކަށީގެންވާ ސައިޒެއްގެ ޔުނިޓުތަކަށް ރަށްތައް ގްރޫޕް ކުރެވިގެން މެނުވީ، ވަޔަބަލް ގޮތަކަށް، ރަނގަޅު ފެންވަރެއްގެ ޚިދުމަތްތައް ފޯރުކޮށްދިނުން ދަތިވާނެ،" ކަމަށް އޭނާ ވިދާޅުވިއެވެ.
އަތޮޅު ކައުންސިލުތައް އުވާލުމަކީ ދިވެހިރާއްޖޭގެ ޠަބީޢީ ސިފައެއްކަމުގައިވާ އަތޮޅުތައް އުވާލުމެވެ. ދިވެހި ދައުލަތް ބިނާވެގެންވީ މައިގަނޑެއް ނައްތާލުމެވެ. 2008 ގެ ޤާނޫނު އަސާސީ ތަޞައްވަރުކުރި ލާމަރުކަޒީ އުޞޫލުތަކާއި ހަމައާ ދެކޮޅު ހެދުމެވެ. ގެއްލިދަނީ ލޯކަލް ބާރެވެ. ގަދަވަނީ މާލޭ ސަރުކާރެވެ. އެކުވެރިކަމަކީ ގަދަފަދަ ބާރެކެވެ. ވަކިވެގަތުމަކީ ދެރަވަރުކަމެވެ.

ބައި ސައިފް ފާތިޙް ކޮލަމް

މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރުގެ ގޮނޑި ފުރުއްވާ މުޙައްމަދު ސައިފް ފާތިޙްއަކީ މޯލްޑިވްސް އިންޑިޕެންޑެންޓްގެ ކޮލަމިސްޓެކެވެ. އޭނާ މަތީ ތަޢުލީމު ޙާސިލުކުރީ ކޮމިއުނިކޭޝަން، އިންޓަރނޭޝަނަލް ސްޓަޑީޒް އަދި ޕަބްލިކް ޕޮލިސީގެ ދާއިރާއިންނެވެ. ނޫސްވެރިއެއްގެ ގޮތުގައްޔާއި، އެޑިޓަރެއްގެ ގޮތުގައްޔާއި، ނޭޝަނަލް ޕްލޭނިންގް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑައިރެކްޓަރެއްގެ މަޤާމު ފުރާފައި ވެއެވެ. 
މީޑިޔާގައި މަސައްކަތް ފުރަތަމަ ކުރީ މިނިވަން ރޭޑިއޯގެ ޕްރެޒެންޓަރެއްގެ ގޮތުގައްޔާއި، މިނިވަން ޑެއިލީގެ ލިޔުންތެރިއެއްގެ ގޮތުގައެވެ. ކޮޅުނބުގައި ހުންނަ އިނގިރޭސި ހައިކޮމިޝަން އަދި ޔޫރަޕިއަން ޔޫނިއަންގެ މިޝަންއަށް ތަރުޖަމާގެ ގިނަ މަސައްކަތެއް ކޮށްފައިވެއެވެ. އޭނާ އިތުރުވާހަކަ ކިޔާ ޕޮޑްކާސްޓެއްވެސް މިހާރު ހުށަހަޅައިދެއެވެ. 

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ