ދިވެހިރާއްޖޭގައި ކަނޑާއި ކަނޑުގެ ދިރުންތަކާބެހޭ 52 "ޑިސްކަވަރީ" އެކަމަކު އެންމެ ދިވެއްސަކުގެ ނަން ނެތް

40 އަހަރުގެ މުއްދަތުގައި ދިވެހިރާއްޖޭގައި ހިންގި ދިރާސާތަކުން ދިވެހިންގެ ބައިވެރިވުން އޮތީ އެންމެ 7 އިންސައްތައިގައި.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

18 އޮގަސްޓް
ހަތަރު ދަހަރުގެ ތެރޭގައި ތެރޭގައި ސައިންސްވެރިން ވަނީ ދިވެހިރާއްޖޭގެ ކަނޑުގެ މާޙައުލުން އާދިރުންތަކާއި، ދިރުންތަކުގެ އައު އުޅުންތަކާއި، އެހެނިހެން އައު ހޯދުންތައް ޕިއަރ ރިވިއުކޮށްފައިވާ 60 ދިރާސާއެއްގައި ޝާޢިއުކޮށްފައެވެ. އޭގެތެރެއިން 52 ޝާޢިއުކުރުމުގައި އެންމެ ދިވެހި ލިޔުންތެރިއަކުގެ ނަންވެސް ހިމެނިފައި ނެތެވެ.
ޢާންމުކޮށް ދިވެހިންނަށް މެނުވީ އޮޅުންފިލައި އެނގިފައިހުރުން އެކަށީގެންނުވާނެފަދަ ދިރާސާތަކުގައި އަމުދުން ދިވެހިންގެ ބައިވެރިވުން ނެތްކަން ފާހަގަވެއެވެ. މިއީ ހަނާ ޢާމިރު އާއި ސާރާ ޙާޝިމް އެކުވެގެން ކުރި ދިރާސާއަކުން ފައުޅުުވި ޙަޤީޤަތްތަކެވެ. އެދިރާސާގެ މައިގަނޑަކީ ދިވެހިރާއްޖޭގެ ކަނޑުފަޅާއިބެހޭ ޢިލްމީ ދިރާސާތަކާއި ލިިޔެކިޔުމުގައި ”ދިވެހިން ކޮބާ؟“ ތޯ ކުރެވޭ ސުވާލެވެ. 
ހަނާ އާއި ސާރާ މުރާޖަޢާކުރީ 1985 އާއި 2025 އާ ދެމެދު ދިވެހިރާއްޖެއާ ގުޅޭގޮތުން ޝާޢިއު ކޮށްފައިހުރި ސައިންޓިފިކް ލިޔެކިޔުމެވެ. ސިޔާސަތަށް ބަދަލު ގެންނާން އެކުލަވާފައިވާ އެކިބާވަތުގެ ކަރުދާހާއި ލިޔެކިޔުމެއް ހަނާ އާއި ސާރާގެ ދިރާސާގައެއް ނުބަލައެވެ. ކޮންމެ ގޮތެއްގައި ނަމަވެސް، މިއީ މިމަޢުޟޫއާ ގުޅޭ ސާފު ހިސާބު ނަންބަރުތައް ވަޒަންކޮށްފައިވާ ފުރަތަމަ ދިރާސާއެވެ.
ދިވެހިރާއްޖެއާ ގުޅޭގޮތުން ވޭތިވެދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި ޝާޢިއުކޮށްފައިވާ ޕިއަރ ރިވިއު 460 ދިރާސާ ކަރުދާހުގެ ތެރެއިން ދިވެހިން އެދިރާސާއެއްގެ އިސްދައުރެއް އަދާކުރީ އެންމެ ހަތް އިންސައްތަ ދިރާސާގައެވެ.
ކޮރަލް އިކޮލޮޖިސްޓެއްކަމަށްވާ ހަނާ މި ހޯދުންތައް މިދިޔަ އަންގާރަ ދުވަހު ހަވަނަ މޯލްޑިވްސް މެރިން ސައިންސްސިމްޕޯޒިއަމްގައި ހުށަހަޅައިދިނެވެ. ސާރާ މަސައްކަތް ކުރަނީ މިސިންޕޯޒިއަމް އިންތިޒާމުކުރި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ރިސާޗަރެއްގެ ގޮތުގައެވެ. މިއީ ސިމްޕޯޒިއަމް އަކީ ދިވެހި އަދި ބޭރުގެ ދިރާސާވެރިންނާއި ކޮންޒަވޭޝަނިސްޓުން އެއްތަންވެ، ކޮންމެ ދެއަހަރުން އެއް އަހަރު، ދެދުވަހުގެ މުއްދަތަށް މިހާރު ފުރިހަމަކޮށް ނިންމާފައިވާ އަދި ކުރިއަށްދާ ދިރާސާތައް ޙިއްސާކޮށް، ހުށަހަޅާން އިންތިޒާމުކުރާ ސިންޕޯޒިއަމެކެވެ. 
މި ސިންޕޯޒިއަމް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މަސްވެރިކަމުގެ ތަޖުރިބާކާރު ޑރ ޝިހާމް އާދަމް ވިދާޅުވީ ކަނޑުލޮނުގަނޑުގެ މަތީ ފަށަލައިގެ ފިނިހޫނުމިން 0.25 ޑިގްރީއިން ކޮންމެ ދަހަރަކުން އުފުލެމުންދާ ކަމަށާއި، 10 އަހަރުގެ ތެރޭގައި ފަރުތަކަށް ނުކުޅަދާނަ މިންވަރަށް ހޫނުކަން ދާނެ ކަމަށެވެ. ދިވެހިރާއްޖޭގެ މާޙައުލާއި ދިރުންތަކުގެ މައްޗަށް އެކުލަވަމުންދާ ގިނަ ދިރާސާތަކެއްގެ ސަބަބުން ބައިނަލްއަޤްވާމީ ފެންވަރުގައި އަޅާކިޔާ ރިފަރަންސް ޕޮއިންޓެއްގެ ގޮތުގައި ދިވެހިރާއްޖެ ޤާއިމުވަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިސިމްޕޯސިއަމްގެ ހުށަހެޅުންތައް މުރާޖަޢާކުރި ސައިންޓިފިކް ކޮމިޓީގެ މެންބަރަކުކަންވެސް ޑރ ޝިހާމްވަނީ އަދާކުރައްވާފައެވެ.
ހަނާ އާއި ސާރާގެ ދިރާސާގައި ކުރި ސުވާލު ޑރ ޝިހާމްވެސް ޙާޟިރީންކުރެން އެއްސެވިއެވެ: ސައިންސްގެ މިމަސައްކަތްތައް ހިންގަނީ ކޮންބަޔަކު؟ ކާކު ހެެއްޔެވެ؟
ޑރ ޝިހާމް ވިދާޅުވީ އެތައް ދަހަރެއް ވާންދެން ބޭރުން ބަޔަކު އައިސް ސާމްޕަލް ނަގާފައި، ބަލާފައި، ދެން ރާއްޖެ ދޫކޮށްގޮސް މެރިން ރިސަރޗްގެ ރޮނގުން ދިރާސާތައް އެކުލަވައި، ޝާޢިއުކުރަމުން ގޮސްފައިވާއިރު، މިއީ އެހުން ޙައްޤު އަދި ކޮންމެހެން ބޭނުން ސުވާލެއް ކަމަށެވެ. 

ރަސްމީ ރިޕޯޓު

2023 ގައި ފ. މަގޫދޫގައި ހުންނަ މެރިން ރިސާރޗް އެންޑް ހަޔަރ އެޑިއުކޭޝަން ސެންޓަރުންވަނީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ސައިންޓިފިކް ރޮނގުން ގެރި މިޔަރު (ބުލް ޝާކް) ފެނިފައިވާކަން ފާހަގަކޮށް، އެކަން ޝާޢިއުކޮށްފައެވެ. މި ސެންޓަރަކީ އިޓަލީވިލާތުގެ ޔުނިވަރސިޓީ އޮފް މިލާނޯ ބިކޯކާއިން ހިންގާ ރިސަރޗް ފެސިލިޓީއެކެވެ.
އެހެންނަމަވެސް މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް އިން އަދި ނޭޝަނަލް ޝާކް މެނޭޖްމަންޓް ޕްލޭންގައިވެސް ގެރި މިޔަރަކީ ރާއްޖޭގައި އުޅޭ ބާވަތެއްކަން ފާހަގަކޮށްފައި ވެއެވެ. 
މޯލްޑިވްސް އިންޑިޕެންޑެންޓް އިން ޖޫން މަހު ބިކޯކާ ޔުނިވަރސިޓިގެ ރިސަރޗް ސެންޓަރުގައި މިކަމުގެ ވާހަކައިން ސުވާލު ކުރުމުން ރިސާރޗަރ ޑެވީޑް ސެވެސޯ ވިދާޅުވީ ދިވެހިރާއްޖެއިން ގެރި މިޔަރު ފެނިފައިވީ ނަމަވެސް، ބައިނަލްއަޤްވާމީ ގޮތުން ސެޓިފައިކޮށްފައިވާ ސައިންޓިފިކް ޖަރނަލެއްގައި އެކަން ފާހަގަ ނުކުރާނަމަ، އެކަން ފާހަގަވެފައި ނޯންނާނެ ކަމަށެވެ. 
ޕެރެޝޫޓް ސައިންސް“ ގެ ގޮތްބާވަތަށް އެސެންޓަރުން ޢަމަލުކުރާކަމަށް  ސިފަކުރުމަކީ އެންމެ އިންޞާފުވެރި ގޮތް ނޫންކަމަށް އެސެންޓަރުން ބުނެފައި ވެއެވެ. މި ސިފަކުރުން ޢާންމުކޮށް ނިސްބަތް ކުރަނީ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ފުރތަމަ ދުނިޔޭގެ ޤައުމުތަކުގެ ދިރާސާވެރިން އައިސް، ދޭސީންނަށް ފުރުޞަތު ނުދީ އަދި ބައިވެރިވުން ނެތި ނުވަތަ ދޭސީންނަށް ޙައްޤު ޝުކުރާއި ޙިއްޞާނުދީ ހިންގާ ސައިންސްގެ މަސައްކަތް ތަކަށެވެ. ކޮންމެއަކަސް، އެސެންޓަރު ޤާއިމުވިފަހުން ވޭތިވެ މިދިޔަ 16 އަހަރުގެ ތެރޭގައި ދިވެހިންނާއެކު މަސައްކަތްތަކެއް ހިންގާން އެކަށީގެންވާ ވަރަށް ހިންމަތް ކުރެވިފައި ނެތްކަން ޤަބޫލުކުރާކަމަށް ބުނެފައެވެ. 100 ސައިންޓިފިކް ކަރުދާސް އެ ސެންޓަރުން ޝާޢިއުކުރިއިރު، ލިޔުންތެރިންގެ ތެރޭގައި ދިވެހިން ހިމެނެނީ އެންމެ 5 ކަރުދާހުގައެވެ. 
ބިކޯކާ ޔުނިވަރސިޓީގެ ޖޮއިންޓް މާސްޓަރޒް ޕްރޮގްރާމު ފުރިހަމަކޮށް އެންމެ ދިވެއްސަކުވެސް ދަސްވެނިވެފައެއް މި 16 އަހަރުގެ މުއްދަތުގެ ތެރޭގައެއް ނެތެވެ. މާސްޓާރޒް ފުރިހަމަ ކުރުމުގެ ޝަރުޠެއްގެ ގޮތުގައި އިންޓަމީޑިއަރީ ފެންވަރުގެ އިޓަލީ ބަހުގެ ކޯހެއް ހަދާން ޖެހޭ ކަމަށާއި، އެހެނިހެން އިދާރީ އުނދަގުލާވެސް ކުރިމަތިލާން ޖެހިފައިވާ ކަމަށް މިނޫހާ ވާހަކަދެއްކި ދަރިވަރުން ކިޔައިދީފައި ވެއެެވެ. އެސެންޓަރުގެ ޑިރެކްޓަރ ޖޫން މަހު ވިދާޅުވީ މާސްޓާރޒް ޕްރޮގްރާމާ އެސެންޓަރުގެ މަސައްކަތަކީ މުޅިން ވަކި ދެ ކަންތައް ކަމަށެވެ. 

ނެތް މިންވަރު

ހަނާ އާއި ސާރާ ކުރަނީ ސާދާ ސުވާލެކެވެ: ”ޕިއަރ ރިވިއުޑް ޢިލްމީ ޖަރނަލްތަކުގައި ދިވެހިރާއްޖޭގެ މެރިން ސައިންސްގެ ދާއިރާގައި ޝާމިލުވާ ދިވެހިންގެ ޙިއްސާއަކީ ކޮބާ؟“ ހެއްޔެވެ. 
މިދިރާސާގެ ބޭނުމަށް އެކެޑެމިކް ޑޭޓާބޭސްތަކުން ފިލްޓަރކޮށްގެން ނެގީ 6425 ޕިއަރ ރިވިއުޑް އާޓިކަލެވެ. އޭގެތެރެއިން ރަނގަޅަށް ބަލައިގެން މެރިން ސައިންސް ދާއިރާގެ، ދިވެހިރާއްޖެއާބެހޭ ޕޭޕަރުތައް ހޮވުމުން ޝަރުޠުތަކަށް ފެތޭ އޮތީ 1985 އާއި 2025 އާ ދެމެދު ޝާޢިއުކޮށްފައިވާ 460 ކަރުދާހެވެ. 
ޕިއަރ ރިވިއުޑް ކަރުދާސްތަކަށް އެކަނި ބަލާން ޚިޔާރުކުރީ ޤަސްދުގައެވެ. އެއީ ޕިއަރ ރިވިއުޑް ކަރުދާސްތައް ޝާޢިއުކުރުމަށާއި، ޕިއަރ ރިވިއުޑް ޕޭޕަރުތައް ކިޔުމަށް ދިވެހިންގެ މައްޗަށް ބޮޑެތި އޮބަހެއްޓުންތަކެއް ހުރުމާއެކުގައި ކަމަށް ހަނާ ވިދާޅުވިއެވެ.
460 ދިރާސާ ކަރުދާހުގެ ތެރެއިން ދިވެހިރާއްޖެއާ އެއްވެސް ގުޅުމެއް ސީދާގޮތުން ހުރީ 39.5 އިންސައްތައިގައެވެ. ”އެހެންވީމާ އަޅުގަނޑުމެންނަށް އެނގުނު އެއްޗަކީ ދިވެހިރާއްޖެއާ ގުޅޭ ދިރާސާއަކަސް، ދިވެއްސަކާ ގުޅުމެއް ނުހުރެދާނެކަން،“ ހަނާ ވިދާޅުވިއެވެެ.
ދިވެހިރާއްޖެއާ ސީދާގޮތުން ގުޅުންހުރި 182 ދިރާސާ ކަރުދާހުގެ ތެރެއިން ދިވެއްސަކު މުޞައްނިފުންގެ ލިސްޓުގައި ހިމެނެނީ އެންމެ 110 ކަރުދާހުގައެވެ. 72 ކަރުދާހުގައި ދިވެއްސެއްގެ ނަންވެސް ނެތެވެ. ޕްރައިމެރީ އޯތަރ - މައި މުޞައްނިފުންގެ ލިސްޓުގައި ދިވެއްސެއްގެ ނަން އޮތީ އެންމެ 34 ކަރުދާހުގައެވެ. އެއީ 7.4 އިންސައްތައެވެ. 
އޭގެތެރެއިން ގިނަ ކަރުދާސް ފޯކަސް ކުރަނީ މަސްވެރިކަމަށާއި ނަމަވެސް ”މިއީ ހިތާމަކުރަންޖެހޭ ނަންބަރުތަކެއް،“ ކަމަށް ހަނާ ވިދާޅުވިއެވެ. 
34 ކަރުދާހުގެ ތެރެއިން 13 ކަރުދާސް ބިނާވަނީ މަސްވެރި ކަމަށެވެ. 9 ކަރުދާސް ބިނާވަނީ ކޯސްޓަލް އީކޯސިސްޓަމްސް އަށެވެ. 6 ކަރުދާސް ބިނާވަނީ ފަރުތަކަށެވެ. 3 ކަރުދާސް ބިނާވަނީ ކުޅި، ފަލާއި ޗަސްބިން ފަދަ މާޙައުލުތަކަށެވެ. 2 ކަރުދާސް ބިނާވަނީ އޯޝިއޮނޮގްރެފީއަށެވެ. އަދި 1 ކަރުދާސް ބިނާވަނީ މެސޮފޮޓިކް އަދި ފުންކަނޑުގެ އިކޯސިސްޓަމްތަކުގެ މައްޗަށެވެ.
ގިނަ ކަރުދާހުގައި ދިވެހިން އަދާކޮށްފައިވާ ލިޔުންތެރިކަމުގެ ރޯލަކީ ސައިންޓިފިކް ލިޔުމެއް މުރާޖަޢާކުރުމާއި އެޑިޓުކުރުމެވެ. ދެވަނައީ ޑޭޓާ އެއްކުރުންފަދަ ތަޙްޤީޤީ އަދި ތަޙްލީލީ މަރުޙަލާތަކުގައި އަދާކުރާ ދައުރުތަކެވެ. ”މީގައި އެންމެ ކަންބޮޑުވަނީ ޕެރަޝޫޓް ސަައިންސްގައި - ދޭސީ މީހަކު ބައިވެރިކުރިކަމުގެ ޝަރުޠުފުރިހަމަ ކޮށްލާން ވަރަށް ގިނައިން ކޮށް އުޅޭ ކަމެއް އެޑިޓިންގް ނޫނީ ރިވިއުކުރުން ދޭސީއަކާ ޙަވާލުކުރުން މިއީ،“ ޙަނާ ވިދާޅުވިއެވެ.
ހަނާ ވިދާޅުވީ ދިވެހިރާއްޖޭގެ ކަމެއް ހޯދައި، އަލަށް ”ޑިސްކަވަރ“ ކުރާއިރު އެންމެ އައުލާކަން ބޮޑީ ދިވެހިންގެ ނަމާއި މަސައްކަތާއި ހިންމަތް އެކަމުގައި އެކުލެވި، ދިވެހިންގެ ފުރިހަމަ ޝާމިލުވުން އޮތުން ކަމަށެވެ.
އައު ހޯދުންތަކުގެ ކަރުދާސްތަކުގައި ދިވެހިންގެ ނަން ހިމެނިފައި އޮތީ އެންމެ 8 ފަހަރުއެވެ. ބާކީ އޮތް 52 ކަރުދާހުގައި ދިވެެއްސެއްގެ ކުޑަވެސް ޙިއްސާއެއް އޮތްކަމަށް ލިޔެފައެއް ނެތެވެ. 

ދިރާސާ ހިނގަނީ ކޮންކޮންތާކު؟

ޖިއޮގްރަފީއަކީ މިމައްސަލައިގެ އެއް ބަހާކަން ހަނާ އާއި ސާރާގެ ދިރާސާއިން އެނގެއެވެ. އެންމެ ގިނަ ޢިލްމީ ކަރުދާސް ބިނާވެފައި ހުރީ މާލެއަތޮޅާއި އަތޮޅުގެ ވަށައިގެން ކައިރީގައިހުރި ތަންތަނަށެވެ. އަދި ބަޔޯޑައިވަރސިޓީގެ ގޮތުން މަޝްހޫރު އދ އާއި ބ ފަދަ އަތޮޅުތަކުގައެވެ. އަދި ފ އާއި ލ ފަދަ މިހާރުވެސް ރިސަރޗް ފެސިލިޓީއެއް ހުރި އަތޮޅު ތަކުގައެވެ. 
އެންމެ އުތުރާއި އެންމެ ދެކުނުގައިވާ އަތޮޅުތަކަށް ނިސްބަތްވާ ކަރުދާސް ނުހަނު މަދެވެ. ރ އަދި މ އަތޮޅަށް ނިސްބަތްވާ އެންމެ ކަރުދާހެއްމެ ނެތެވެ.
ބިކޯކާ ޔުނިވަރސިޓީގެ ރިސަރޗް ސެންޓަރު ހުންނަ ފ އަތޮޅަށް ބިނާވާ ކަރުދާހުގެ ޢަދަދުން ބަލާއިރު، ފ އަތޮޅު ހިމެނެނީ ތިން ވަނައިގައެވެ. އެހެންމަވެސް އެންމެ ދިވެހިންގެ ނަން ނެތީ އެއަތޮޅަށް ނިސްބަތްވާ ކަރުދާސްތަކުގައެވެ.
އެހެންނަމަވެސް ހަނާ ވިދާޅުވީ ދުރު އަތޮޅުތަކުގައި ދިވެހިން ސައިންސްވެރިންގެ ތެރެއިން ބަޔަކު ދިރާސާތަކެއް ހިންގަމުން މިހާރު ދާ ކަމަށެވެ. ފަރު މޮނިޓަރކުރުމާއި އަލުން ހެއްދުމުގެ މަސައްކަތުގައި އެމްއެމްއާރްއައި ގައި ކުރިން ޙަރަކާތްތެރިވެ ވަޑައިގެންނެވި ހަނާ އިތުރަށް ވިދާޅުވީ ”ބެލިބެލުމުން އެނގޭން އޮތީ ދިވެހިރާއްޖޭގައި ވެސް މިފެންނަނީ މިހާރު ދުނިޔޭގެ ފެންވަރުގައިވެސް މައްސަލައެއްކަމުގައި ފާހަގަވެގެން ވާހަކަދައްކަމުންދާ (ދޭސީންގެ ބައިވެރިވުން ނެތުން) މައްސަލަ،“ ކަމަށެވެ. 

ޝާޢިއުކުރުމަށް ދައްކަންޖެހޭ އަގު

ސައިންޓިފިކް ޢިލްމީ ދިރާސާތަކުގައި ދިވެހިންގެ ނަން މަދުވާ ސަބަބުތަކަށް އަލިކުރަމުން މަގޫދޫގައި ހުންނަ ބިކޯކާ ޔުނިވަރސިޓިގެ ރިސަރޗް ސެންޓަރުން ބުނީ އެކުގައި ކޯ-އޯތަރ ކުރާނެ އެކަށީގެންވާ މީހުން ނެތުން ފާހަގަވާ ކަމަށެވެ. ސެވޭސޯ ޖޫން ގައި ވިދާޅުވީ ސައިންޓިސްޓުން ދިވެހިރާއްޖޭގައި ތިއްބަސް ޢިލްމީ ދިރާސާތައް ޝާޢިއުކުރަނީ ވަރަށް މަދު ބަޔަކު ކަމަށެވެ. އެކަމުގެ ސަބަބު ހަނާގެ ޕްރެޒެންޓޭޝަންގައި ކިޔައިދެއެވެ.
އެންވަޔަރަމަންޓް ރެގިއުލޭޓަރީ އޮތޯރިޓީގައި މަސައްކަތްކުރާ އީނާސް މުޙައްމަދު ރިޔާޒް (ޓޮންޓި) ހަނާގެ ގާތުން ސުވާލުކުރީ ޕީއެޗްޑީ ޕްރޮގްރާމެއް ހޯދާން ކުރަންޖެހެނީ ކިހާ މަސައްކަތެއް ތޯއެވެ. ޓޮންޓި އަކީ ޝެވެނިންގް ސްކޮލަރޝިޕް ކާމިޔާބުކޮށް، އިނގިރޭސިވިލާތުން މާސްޓަރސް ޙާޞިލުކޮށްފައިވާ ކޮންޒަރވޭޝަން ބަޔޮލޮޖިސްޓެކެވެ. 
ވޭލްސްގެ ބެންގޮރ ޔުނިވަރސިޓީގައި ޕީއެޗްޑީ ފުރިހަމަ ކުރަމުންދާ ހަނާ ޓޮންޓިގެ ސުވާލަށް ޖަވާބުދެއްވަމުން ވިދާޅުވީ ޕީއެޗްޑީ ޕްރޮގްރާމަކަށް ނަގާއިރު ފުރަތަމަވެސް ބަލާ އެއްކަމަކީ ޕިއަރ ރިވިއުޑް ދިރާސާއެއްގައި ނަން އޮތްތޯ ކަމަށާއި، ”އެހެންވީމާ ދިވެއްސަކު މި ބުނަން ޖެހެނީ، އުޕްސް: ނޯ އޭ!“ ކަމަށެވެ.
ހަނާ ވިދާޅުވީ ސައިންޓިފިކް ޖަރނަލެއްގައި ޝާޢިއުކުރަން ބޭނުންނަމަ މަދުވެގެން 2000 ޔޫއެސް ޑޮލަރު ޚަރަދުކުރަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ސައިންޓިފިކް ރޮނގުން ކުފޫހަމަވާ މިންގަނޑުތަކުން އެކުލަވާފައިވާ ސަރުކާރުގެ ރިޕޯޓުތަކާއި ސިޔާސަތު ކަރުދާސްތަކާއި ދިރާސާތަކުގައި ތިމާގެ ނަން އޮތަސް، ޕިއަރ ރިވިއުޑް ޖަރނަލެއްގައި ޝާޢިއުވެފައި ނެތިއްޔާ އެކަމުން ވާ ފައިދާއެއް ނެތް ކަމަށެވެ.
މިއާއެކު އަމިއްލަ ތަޖުރިބާގެ މައްޗަށް ރިވެލިކުރަމުން، ބޭރުގެ ދިރާސާވެރިން ފަހަތުން ނުދުވެ، ދިވެހިންނަށްވެސް ޢިލްމީ ދިރާސާތަކަށް ކަންފަހިވެފައި، މަޢުލޫމާތުތައް އަތްފޯރާ ފަށުގައި ހުރުން ކޮންމެހެން ބޭނުންތެރިކަމަށާއި، އެހެންކަމުން ދިވެހިންނާ ގުޅިގެން މަސައްކަތްކުރުމުގައި އިޚްލާޞްތެރިކަމާއި ޙަޤީޤީ ޝައުޤުވެރިކަމެއް ބޭރުގެ ފަރާތްތަކުން ކިބައިން ފެންނާން ޖެހޭ ކަމަށްވެސް ހަނާ ވިދާޅުވިއެވެ.
އަދި މިދާއިރާގެ ވަޒީފާތަކުން އެކަށީގެންވާ މިންވަރުގެ މުސާރައެއް ނުލިބޭކަމަށްޓަކައި، ޢާއިލާ ބަލަހައްޓަމުން މިދާއިރާގައި ދެމި ތިބުން އުނދަގޫ ކަމަކަށް ވެފައިވާ ކަމަށް ހަނާ ވިދާޅުވިއެވެ. 
”އަޅުގަނޑަށް އިރާދަކުރެއްވިއްޔާ ވަރަށް ނަސީބުގަދަކޮށް ދިމާވީ، ހައިސްކޫލް، ފުރަތަމަ ޑިގްރީ، މާސްޓަރސް އަދި މިހާރު ޕީއެޗްޑީއަށްވެސް ސްކޮލަރޝިޕް ލިބުނު. އެހެންނަމަވެސް އަޅުގަނޑު ނިސްބަތްވަނީ ގާތްގަނޑަކަށް 1 އިންސައްތަ މީހުންނަށް،“ ކަމަށާއި، ”އަޅުގަނޑުވެސް ޕީއެޗްޑީ ފުރިހަމަކޮށްފައި ދެން އައިސް ރާއްޖޭގައި މަސައްކަތްކުރަމުން ބަލާއިރު މާ ބޮޑު ފުރުޞަތުތަކެއް ނެތް،“ ކަމަށް ހަނާ އިތުރަށް ކިޔައިދެއްވިއެވެ.

ދެކެވުނު ވާހަކަ

މިއަހަރުގެ ސިމްޕޯސިއަމްގައި 47 ދިރާސާއެއް ހުށަހެޅިއެވެ. އެއީ 5 މައިގަނޑު ދާއިރާއަކުން 32 ޕްރެޒެންޓޭޝަނާއި 15 ޕޯސްޓަރެވެ. ޙާޟިރީންގެ ތެރޭގައި ތިބީ ދިރާސާކުރާ ޖަމާޢަތްތަކާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ރިޒޯޓުތަކާއި، މެރިން ބަޔޮލޮޖިސްޓުންގެ ޓީމުތަކުން ޢާންމުކޮށް ފެންނަ މޫނުތަކެވެ. ދެކެފަރިތަ ރަޙްމަތްތެރިންނާއި އެކުގައި މަސައްކަތް ކޮށްފައި ތިބި މީހުންގެ އަޑުތަކުން ސިމްޕޯސިއަމް ފެށުމުގެ ކުރިންވެސް ހޯލު ފުރިފައި ވެއެވެ. 
ހަނާގެ ޕްޒެންޓޭޝަން މެންދުރު ފަހު ނިންމާލިއިރު، އެންމެންގެ މޫނުމަތިންވެސް ޝުކުރުގެ ޝުޢޫރުތައް ފައުޅުވޭވޭ ހުއްޓެވެ.
ހަނާގެ ކުރިން ހުށަހެޅި ޕްރެޒެންޓޭޝަންތަކުގައި ހިމެނުނީ ބޮޑެތި ސައިންޓިފިކް މަފްހޫމުތަކާއި ހޯދުންތަކާއި ފަލްސަފާތަކުގެ މައްޗަށް އަލިކުރާ އެކްސްޕެރިމެންޓުތަކެވެ. ހަނާވެސް މިބާވަތުގެ ޕްރެޒެންޓޭޝަނެއްް ހުށަހެޅިއެވެ. އެހެންނަމަވެސް އިޖުތިމާޢީ ނަޒަރަކުން ޢިލްމީ ދިރާސާތަކުގެ މައްޗަށް އަލިއަޅުވާ ހަނާ ހިމެނޭހެން އެކުލެވި ދިރާސާއަށް ސަމާލުކަން ލިބުނުލެއް މާ ބޮޑެވެ.
އެންވަޔަރަމަންޓް އެނަލިސްޓެއް ކަމަށްވާ ޓޮންޓީ ހަނާއަށް ޝުކުރު އަދާކުރަމުން ބުނަނީ ”މިތާ ހުރި ކޮންމެ ދިވެއްސެއްގެ ހިތާ ކުޅެލައިފި،“ ކަމަށެވެ. 
އެމްއެމްއާރްއައިގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޝިމާލްވެސް މިރާގުގައި ދެއްކެވި ވާހަކައިގައި ވިދާޅުވީ ”އަޅުގަނޑުގެ އެބައޮތް 2000 ނުވަތަ 3000 ޑޮލަރުގެ ސުވާލެއް: ބޭނުންތޯ މި ދިރާސާ ޝާޢިއުކުރަން؟ އެހެން ނޫންނަމަ، މި ޕްރެޒެންޓޭޝަންގައި ހުށަހެޅުނު މަޢުލޫމާތާއި އަޅުގަނޑުމެން މިތާ މިދައްކާ ވާހަކަ ގެއްލި، މުސްތަޤްބަލުގައި ހޯދަން އުނދަގޫވެދާނެ،“ ކަމަށެވެ. މި މަޢުޟޫއުގައި ދައްކާން ހުރި ވާހަކަތަކަށް ކަންފަހި ކުރުމަށްޓަކައި މި ދިރާސާ ޝާޢިއުކުރުން ކޮންމެހެން ބޭނުންތެރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 
މި ޑިސްކަޝަން މޮޑަރޭޓުކުރި ޑރ ޝިހާމްވަނީ ހަނާގެ މި ހޯދުންތައް ޝާޢިއުކުރަން ހިތްވަރު ދެއްވާފައެވެ. އަދި މިއަހަރުގެ ސިމްޕޯސިއަމްގައި ޕްރެޒެންޓޭޝަންތައް ހުށަހެޅި މީހުންކުރެން ދެބައިކުޅަ އެއްބަޔަށްވުރެ ގިނައީ ދިވެހިންކަން ފާހަގަކުރިއެވެ. ޕޯސްޓަރ ޕްރެޒެންޓޭޝަން ގައިވެސް މިފަދައެވެ.
ހަނާ ވިދާޅުވެދެއްވިގޮތުގައި މި ދިރާސާކުރާން ޚިޔާލު އައީ ޕީއެޗްޑީ ހަދަމުން ދިޔައިރު، ދިވެހިން ލިޔެފައި ހުރި ކަރުދާސްތަކާ ޙަވާލާދޭން ފުރުޞަތު ނެތީމާ ”އެކަމާ ޙަޤީޤަތުގައިވެސް ދެރަވެގެން“ ކަމަށާއި، މިއީ ”ޖަޒުބާތާއި ދެރައިން އުފަންވެގެން“ އައި ދިރާސާއެއް ކަމަށެވެ. އަދި އެތައް ދިވެހިންނަކީ ޚާއްޞަ ވިސްނުންތެރިކަމާއި މަސައްކަތްތެރިކަމުގެ ބައެއް ނަމަވެސް، ދިވެހިންނަށް ދިރާސާ ކަރުދާސްތައް ބައިނަލްއަޤްވާމީ ފެންވަރުގައި ޝާޢިއުނުކުރެވޭކަމުން، އެކަން ސަމާލުކަމަށް ގެނެސް، ހިތްވަރުދިނުމަކީ ދިރާސާގެ ބޭނުމެއްކަމުގައި ހަނާ ފާހަގަކުރެއްވިއެވެ. 
މިދިރާސާ އެކުލެވުމުގައި ހަނާގެ ޕާޓްނަރަކަށްވީ ސާރާއާ މަޝްވަރާކޮށް، ހަނާގެ ޔުނިވަރސިޓީގެ އެކެޑެމިކް ޖަރނަލްގައި ދިރާސާ ޝާޢިއުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ހަނާ ވިދާޅުވިއެވެ.
ހަނާގެ ވާހަކަ ނިންމާލީ މިދިރާސާ ކުރިއަށް ގެންދެވުނީ މިހާރު ކިޔަވަމުންދާ ޔުނިވަރސިޓީއިން ޖަރނަލްތަކަށް އެކްސެސް ފޯރުކޮށްދޭތީކަން ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކޮށްފައެވެ. ”އަޅުގަނޑަށް އެކްސެސް ވެވުނަސް، ރާއްޖޭގައި ހުރިއްޔަތީ ސާރާއަކަށް ނުވެވުނު،“ ކަމަށް ހަނާ ވިދާޅުވިއެވެ. 

މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ

ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ

އެއްފަހަރު ދެއްވާ

ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން