އަމިއްލައަށް މަރުވާން އުޅުނު މީހުންގެ ޢަދަދު އޭޕްރީލާއި މޭ ގައި ތިން ގުނަވެއްޖެ
މާޗް ގައި 27 ގައި ހުރި ޢަދަދު މޭ ގައި 100 އަށް އެރި.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
21 ޖުލައި
ދަންނަ މީހަކު ނަފްސާނީ ބަލިމަޑުކަމެއް ތަޙައްމަލުކުރާނަމަ، އަދި އެހީ ބޭނުންވާނަމަ މެންޓަލް ހެލްޕް ހޮޓްލައިން 1677 އަށް ގުއްޅުވާށެވެ. mhsgmv.org/get-help އިންވެސް އެހީ ހޯއްދެވޭނެއެވެ.
މޭ މަހު 100 އަދި އޭޕްރީލް މަހުގެ 89 މީހުން އަމިއްލައަށް މަރުވާން އުޅުނުކަން ފުލުހުންގެ ރެކޯޑުތަކުން ދައްކައެވެ. މިއީ މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ރެކޯޑުކޮށްފައިވާ މިންވަރަށްވުރެ ތިން ގުނަ އިތުރު ޢަދަދުތަކެއްކަން މޯލްޑިވްސް އިންޑިޕެންޑެންޓުގެ ބެލި ތަފާސްހިސާބުތަކުން އެނގެއެވެ.
ޖަނަވަރީ އާއި މޭ 2026 އާ ދެމެދު ޖުމުލަ 273 މީހުން އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައި ވެއެވެ. 13 މީހުން އަމިއްލައަށް މިމުއްދަތުގައި މަރުވިއެވެ. ނިމިދިޔަ އަހަރުގެ 10 35 މީހުން އަމިއްލައަށް މަރުވިއެވެ. އޭގެ ކުރީ 10 އަހަރުގެ ތެރޭގައި އެންމެ ގިނައިން އަމިއްލައަށް މީހުން މަރުވި އަހަރެވެ. މިއަހަރުގެ އޭޕްރީލް ގައި އަމިއްލައަށް މަރުވުމުގެ ކޭސްތަކެއް އިތުރުވުމާއެކު، ޢާންމުންނާއި މީޑިޔާގެ ސަމާލުކަން މިމައްސަލައަށް އިތުރުވެފައި ވެއެވެ.
މިއަހަރު ޖަނަވަރީ މަހު އަމިއްލައަށް މަރުވާނ އުޅުނީ 28 މޫހުންެވެ. ފެބްރުއަރީގައި 29 މީހުންނެވެ. މާޗް މަހުގައި 27 މީހުންނެވެ. ކުއްލިއަށް 89 އަށް އޭޕްރީލްގައި އަދި 100 އަށް މޭ ގައި އިތުރުވީއެވެ. ފަސް މަސް ދުވަހުގެ ތެރޭގައި އަމިއްލައަށް މަރުވިކަމަށް ރެކޯޑުކުރެވިފައިވަނީ 13 މީހުންނެވެ. އެއީ ޖަނަވަރީ މަހު 3 މީހުން، ފެބްރުއަރީ މަހު 4 މީހުން، މާޗް މަހު 0، އޭޕްރީލް މަހު 4 މީހުން އަދި މޭ މަހު 2 މީހުންނެވެ.
އެންމެ ބޮޑުތަނުން ޢަދަދު އިތުރވެފައިވާ ހުޅުމާލޭގައެވެ. އެއީ ޖަނަވަރީ މަހު 2 އިން މޭ މަހު 36 އަށެވެ. އެއީ މުޅި ދިވެހިރާއްޖެއިން އަމިއްލައަށް މަރުވާން އުޅުނުކަމަށް ރެކޯޑުކުރެވުނު މީހުންގެ ތިންބައިކުޅަ އެއްބައެވެ. ދެން އެންމެ ގިނައިން ރެކޯޑުކުރެވިފައިވަނީ މާލެ އިންނެވެ. އެއީ މޭ މަހު 33 މީހުންނެވެ. ފުލުހުން ކުރިން ރެކޯޑު ބެލެހެއްޓި ގޮތުގައި މީހުންގެ ޖިންސު ވަކިން ނޯޓުކޮށްފައެއް ނެތެވެ.
ޢަދަދުތައް އިތުރުވުމުގެ އޮތީ ލަފާ ކުރެވޭ 2 ސަބަބެކެވެ. އެއް ސަބަބަކީ އިހުނަށްވުރެ މީސްތަކުންގެ މެދުގައި ނަފްސާނީ ޞިއްޙަތުގެ ޙާލަތު ދަށްވުމެވެ. އަނެއް ގޮތަކީ ޢާންމުންގެ ސަމާލުކަމާއި، މެންޓަލް ހެލްތު ހެލްޕްލައިނާއި، ފުލުހުން އިހުނަށްވުރެ ސަމާލުވުމާއި، އިޖުތިމާޢީ ރައްކާތެރިކަމާއި ވެލްފެއަރގެ ވަޞީލަތްތައް ގިނަވުމާއި، ހޮސްޕިޓަލުތަކުންވެސް ފަރުވާތެރިވެ ބަލާ މިންވަރު އިތުރުވުމާއި، ނިޒާމީގޮތެއްގައި ރެކޯޑު ބެލެހެއްޓޭ ގޮތަށް ހަރުދަނާކަން ލިބުމުން، އިހު ފާހަގަނުވާ ކޭސްތައް، މިހާރު ފާހަގަވަމުން ދިއުމެވެ.
މިއަހަރުގެ އޭޕްރީލްގައި ހިނގި މަރުތަކަށްފަހު، ޢާންމުންގެ ސަމާލުކަން އަމިއްލައަށް މަރުވުމުގެ މަޢުޟޫއަށް އަމާޒު ވެފައި ވަނިކޮށް، ނޫސްވެރިންގެ ބައްދަލުވުމުގެއްގައި ވާހަކަދައްކަވަމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ ޢަލީ އިޙްސާން ވަނީ އަމިއްލައަށް މަރުވިކަމަށް ބެލެވޭ 18 އަހަރުގެ ކުއްޖެއްގެ ޕްރައިވެޓް ފޯން މެސެޖުތަކެއް ހާމަ ކުރައްވާފައެވެ. މިއީ ޒާތީ މަޢުލޫމާތުގެ ޙައްޤަށް އަރައިގަތުމުގެ ޢަމަލެއްގެ ގޮތުގައި ބުނެ، 10 މަދަނީ ޖަމްޢިއްޔާއަކުން އެކުވެ ކުށްވެރިކުރުމުގެ ނޫސް ބަޔާނެއް ޢާންމުކޮށްފައި ވެއެވެ. އެފަރާތްތަކުން ބުނީ މިނިސްޓަރު ކަންކުރެއްވި ގޮތުން އެހީ ހޯދާން ބޭނުންވާ ފަރާތްތަކުން ފަސްޖެހޭނެ ކަމަށެވެ.
ރައީސް މުޢިއްޒުވަނީ މިނިސްޓަރ އިޙްސާން އެ މަޢުލޫމާތު ހާމަކުރެއްވުން ދިފާޢު ކުރައްވާފައެވެ. އަދި އެކަން ކުށްވެރިވެސް ކުރެއްވި މެއެވެ. އެއްވެސް އެފަދަ މަޢުލޫމާތެއް ހާމަކޮށްގެން ނުވާނެކަމަށް ކަމާބެހޭ އޮފިޝަލުންނަށް އަންގަވާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މިއަހަރުގެ ޖަނަވަރީ 1 އިން ފެށިގެން ނަފްސާނީ ފަރުވާގެ ޚަރަދު އާސަންދައިން ކަވަރު ކުރާ ގޮތަށް ހަމަޖައްސާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އޭޕްރީލް 24 އާ ހަމައަށް 10،953 މީހުންނަށް އާސަންދައިގެ ދަށުން ނަފްސާނީ ފަރުވާ ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުުވި މެއެވެ.
ރައީސް އޮފީހުން އޭޕްރީލް 27 ގައި ޢާންމުކުރި ލިޔުމެއްގައި ބުނެފައިވަނީ ”ބޭރުގެ ލޯން އެހީގެ ދަށުން ލ. ގަމުގައި ތަރައްޤީކުރާ މެންޓަލް ހެލްތު ހޮސްޕިޓަލުގެ އިޖުރާޢަތްތަކަށް ގިނަ ވަގުތު ހޭދަވާނެތީ، މި އަހަރުގެ ބަޖެޓުގެ ނިއު ޕޮލިސީ އިނީޝިއޭޓިވް ތެރޭ ހިމަނުއްވައިގެން، މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް ޤާއިމުކުރެއްވުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ކުރިއަށްގެންދަވާނޭ“ ކަމަށެވެ.
ޖޫން ފަހު ކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ ގީލާ ޢަލީ ވިދާޅުވީ 70،000 އަށް ވުރެ ގިނަ މީހުން 2023 އާއި 2025 އާ ދެމެދު ސައިކިއޭޓްރިކް ޑަކްޓަރުންނަށް ދައްކާފައިވާ ކަމަށާއި، އޭގެ ތެރެއިިން 45،000 މީހުން ނިސްބަތްވަނީ މާލެ ސަރަޙައްދަށް ކަމަށެވެ. 2024 ގައި ޤާއިމުކުރި މެންޓަލް ހެލްތު ހޮޓްލައިން އަށް 2025 ގައި އެކަނި 10،000 އަށްވުރެ ގިނަ ފޯންކޯލު ލިބިފައި ވެއެވެ.
ނޮވެންބަރުގައި ޝާޢިއުކުރި އޭޝިޔާ ފައުންޑޭޝަނާއި މޯލްޑިވްސް ނަރސަސް އެސޯސިއޭޝަންގެ ދިރާސާއަކުން ދައްކަނީ ދިވެހިރާއްޖޭގައި 13 އަހަރާއި 15 އަހަރުގެ ކުދިންގެ ކޮންމެ 6 ކުއްޖަކުން އެއް ކުއްޖަކު އަމިއްލައަށް މަރުވާން ސީރިއަސް ގޮތެއްގައި ވިސްނާފައިވާ ކަމަށެވެ. ކޮންމެ 7 ކުއްޖަކުން 1 ކުއްޖަކު އަމިއްލައަށް މަރުވާން އުޅެ، ސަލާމަތްވެފައި ވެއެވެ. އަދި ކޮންމެ 10 ދިވެއްސެއްގެ ތެރެއިން 3 މީހަކު ނަފްސާނީ ބަލިތައް ތަޙައްމަލު ކުރެއެވެ.
މޯލްޑިވްސް އިންޑިޕެންޑެންޓުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ހޯދާފައިވާ މަޢުލޫމާތުން އެނގެނީ ނަފްސާނީ ބަލިތައް ތަޙައްމަލުކުރާ 10 އަހަރާއި 19 އަހަރާ ދެމެދުގެ ކުދިންގެ ޢަދަދު 2015 އާއި 2014 އާ ދެމެދު ފަސްގުނަ އިތުރުވެފައިވާ ކަމަށެވެ. 692 އިން 3524 އަށެވެ.
ބެލި ހުރިހާ ގޮތަކުންވެސް އެނގެނީ މިހާރު މިހުރި ނިޒާމުތަކަށް ނުތަކާފައިވާ ކަމަށެވެ. މޯލްޑިވްސް އިންޑިޕެންޑެންޓް އިން އައިޖީއެމް ހޮސްޕިޓަލުގެ ޕޯޓަލް އޭޕްރީލް މަހު ބެލިއިރު، އަލަށް ރެޖިސްޓަރކުރާ މީހަކަށް ފުރުޞަތު ލިބޭން އޮތީ 1300 ވަނައަށެވެ. ޕްރައިވެޓް ކްލިނިކްތަކުގެ ކިޔުތައްވެސް އެފަދައެވެ.
ދިވެހިރާއްޖޭގައި ހުންނަ ޔުނިސެފްގެ ގޮފިން އޮފީހުން ޖޫން ފަހުކޮޅު ޝާޢިއުކުރި ލިޔުމެއްގައި ”ވެރްދަރ އިފެކްޓް“ އަށް ޢިޝާރާތް ކުރެއެވެ. ތަފްޞީލީ އަދި ޖަޒުބާތީ ގޮތެއްގައި އަމިއްލައަށް މަރުވުމުގެ ކޭސްތައް މީޑިޔާގައި ކަވަރު ކުރާ މިންވަރު އިތުރުވަނަމަ، އަމިއްލައަށް މަރުވުމުގެ ޢަމަލަތައް ގިނަވެއެވެ. ޚާއްޞަކޮށް އެ ކޭހެއްގައި ޝާމިލުވާ ފަރާތާ ދިރިއުޅުމުގެ ގޮތުން އެއްގޮތްކަން ބޮޑު ޒުވާނުންނެވެ.
ޔުނިސެފްގެ ލިޔުމުގައި ބުނަނީ ނޭދެވޭ އަސަރު ފޯރާލެއް ކުޑަވާ ގޮތަށްވެސް އަމިއްލައަށް މަރުވުމުގެ ކޭސްތަކުގެ ޚަބަރު ޢާންމު ކުރެވޭނެއެވެ. އެއަށް ކިޔަނީ ”ޕަޕަޖީނޯ އިފެކްޓް“ އެވެ. އެ ހަމައިން ބަލާއިރު، ނަފްސާނީ ބަލިމަޑުކަމުން އަރައިގަތުމުގައި ކާމިޔާބު ހޯދާފައިވާ އަދި ހޯދަމުންދާ ފަރާތްތަކުގެ ކޭސްތަކަށް ސަމާލުކަން ދީ، އެވާހަކަތައް ބޮޑަށް ފައުޅުކުރުން މުހިންމެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ
ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ
އެއްފަހަރު ދެއްވާ
$
ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން
