ރައީސް ވިދާޅުވީ ހަމަޖެހުމުގެ ދެ އަހަރޭ، އިދިކޮޅުން ބުނަނީ އަނދިރިކަމުގެ ދެ އަހަރޭ
ސަރުކާރަށް ދެ އަހަރު ފުރިގެން ބޭއްވި ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުތަކުގެ އުސްއަލިތައް.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
19 ނޮވެމްބަރު
ރައީސް ޑރ މުޙައްމަދު މުޢިއްޒު މީގެ ދެ އަހަރު ކުރިން މިއަދު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވައި ކުރައްވީ އެމަނިކުފާނު ކުރެއްވި ވަޠަނީ ކެމްޕޭނުގެ ބަހާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ދެއްވި ވަރުގަދަ ތަޤްރީރަކުންނެވެ. ސިޔާދަތުގެ "ރަތް ރޮނގު"ގެ ވާހަކަފުޅު ދެއްކެވިއެވެ. މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރާން ބޮޑެތި ސަރަޙައްދުތަކެއް ހިއްކަވާނެ ވާހަކަފުޅު ދެއްކެވިއެވެ. އަދި އިސްލާމްދީނާއި ދިވެހިވަންތަކަމުގެ މައްޗަށް ބިނާވެގެންވާ އައު ޤައުމިއްޔަތެއްގެ ވާހަކަފުޅު ދެއްކެވި މެއެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރާން ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް މުޢިއްޒު އެނބުރި ވަޑައިގެންނެވީ އެމަޢުޟޫއުތަކަށެވެ. މަސްތުވާތަކެތީގެ ވަބާއިން ބިދޭސީ މަސައްކަތްތެރިންނާ ހަމައަށް، އަދި ސިއްޙީ ފަރުވާއިން ރަށްރަށުގެ ތަރައްޤީއާ ހަމައަށް، އެކި ރޮނގުން ސިޔާސަތުތަކާއި، އުޞޫލުތަކުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ.
މި ސަރުކާރުގެ ހުރިހާ ސިޔާސަތުތަކެއް އަދި ވެވަޑައިގެންނެވި ހުރިހާ ވަޢުދުފުޅެއްގެ ޚުލާޞާ، ތިން ބަޔަކަށް ބަހާނަމަ، އެއީ ހަމަޖެހުމާއި، ތަރައްޤީއާއި، ސަލާމަތް ކަމަށް ވިދާޅުވިއެވެ.
އިސްލާމްދީނަކީ އެމަނިކުފާނުގެ ސިޔާސަތުގެ "އެންމެ މުހިންމު ތަނބު" ކަމަށް ސިފަކުރައްވައި، މިސްކިތްތަކާއި ޤުރުއާން މަރުކަޒުތަކާއި ވަޤުފު ޢިމާރާތްތަކުގެ އިތުރުން ފޯރުންތެރިކަން ނެތް ފަރާތްތަކަށް ޙައްޖުގެ އަޅުކަމުގެ ޚަރަދު ސަރުކާރުން ހަމަޖެއްސުމަކީ އިސްލާމީ އުޞޫލުތައް ދަމަހައްޓައި "ފަޚުރުވެރި އިސްލާމީ ދައުލަތެއްގެ" ގޮތުގައި ދިވެހިރާއްޖެ ބިނާކުރުމުގެ، ފިޔަވަޅުތަކުގެ ގޮތުގައި ސިފަކުރެއްވިއެވެ.
ވޭޕިން މަނާކުރުމަށާއި ދުންފަތުގެ އަގު ބޮޑުކުރުމަށް ނިންމި ނިންމުންތަކަށް އިޝާރާތްކުރައްވައި، ސިޔާސީ ފައިދާގެ މައްޗަށް އުޞޫލާއި ހަމަ ކުރިއަށް ނެރުއްވާކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައެވެ.
ކުރީގެ ސަރުކާރުތަކަށް މިގައުމުގެ މައްސަލަތައް އެނގުނު ނަމަވެސް، އެސަރުކާރުތަކުން އިޚްތިޔާރުކުރީ ފަސޭހަ ގޮތްކަމަށާއި، އެމަނިކުފާނު އެގޮތް އެދިވަޑައިނުގަންނަވާ ކަން ހާމަކުރައްވަމުން ވިދާޅުވީ "އަޅުގަނޑު ބޭނުންވަނީ ރަނގަޅު ނިންމުންތަކެއް ނިންމަން،" ކަމަށާއި، ނުޤަބޫލަސް ރަނގަޅު ނިންމެވުންތައް ނިންމެވުމަށް އިސްކަންދެއްވާ ކަމަށް ވިދާޅުވިއެވެ.
53 މިނެޓުގެ ތަޤްރީރު ނިންމަވާލެއްވީ މާރިޗް 2026 އަށް ތާވަލުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓު ދިނުމާ ދެކޮޅަށް އިލްތިމާސް ކުރައްވައި އެއީ ރަށްރަށުގައި ސަރުކާރުން ހިންގަމުންދާ ތަރައްޤީގެ މަސައްކަތްތަކަށް ހުރަސް އެޅޭނެ ކަމެއް ކަމަށް ވިދާޅުވަމުންނެވެ. އެމަނިކުފާނުގެ ވަޢުުދުފުޅުތައް ފުއްދުމުގައި "ހިތާއި ރޫޙުން އެއްބާރުލުން ދޭނެ" ކައުންސިލް މެންބަރުން އިންތިޚާބު ކުރުމަށްވެސް އިލްތިމާސް ކުރެއްވި މެއެވެ.
އިދިކޮޅު ފަރާތްތަކުގެ ބަސް
މިސަރުކާރުގެ ދެވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު "އަދަދު" ނޫހަށް ލިޔުއްވި ލިޔުއްވުމުގައި ވިދާޅުވެފައި ވަނީ ކެމްޕެއިންގެ ކޮންމެ ބޮޑު ވަޢުދެއް ފުއްދައިދިނުމުގައި މުޢިއްޒު ނާކާމިޔާބުވެފައިވާ ކަމަށެވެ.
"އެއްވެސް ޝައްކެއް ނެތް ގޮތުގައި، ރައީސް މުއިއްޒުގެ ވެރިކަމުގެ ފާއިތުވި ދެ އަހަރަކީ ދިވެހި ގައުމަށް އަނދިރިކަން ގެނުވި ދެ އަހަރު" ކަމަށް ލިޔުއްވާ ޢަބްދުﷲ ޝާހިދު ވިދާޅުވީ އެ ދެ އަހަރަކީ "އެތައް ގުނައަކުން ގައުމު ފަހަތަށް ސޮއްސާލި ދެ އަހަރެވެ. ރައްޔިތުންނަށް ނިކަމެތިކަމާއި މާޔޫސްކަން ގެނުވި ދެ އަހަރެވެ. މި ދިވެހި ގައުމުގެ މާލިއްޔަތު ލޫޓުވާލި ދެ އަހަރު" ކަމަށެވެ.
ތުރުކީއިން ކާބޯތަކެއްޗާއި ކާޑު އެތެރެ ކުރުމާއި ޔޫރަޕްގެ ބޭސް އެތެރެކުރުން ފަދަ ވަޢުދުފުޅުތަކަށް ފާޑުވިދާޅުވެ، ޢަބްދުﷲ ޝާހިދު ވަނީ "ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ދިވެހިރާއްޖެ އަޅުވެތިވެ، މި ޤައުމުގެ މިނިވަންކަން ގެއްލިފައިވާ ކަމަށް ވިދާޅުވެ، މި ދިވެހިރާއްޖެ މިނިވަން ކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގަންނަވަމުން" ކަން ފާހަގަކުރެއްވިއެވެ. އަދި ލިޔުއްވާފައިވަނީ ވެރިކަމަށް ދެ އަހަރު ފުރުނުއިރު، "އުތުރު ތިލަފަޅުގައި އޭރު ވެސް ތިބި އިންޑިއާ މީހުން" މިއަދުވެސް ތިބިކަމަށާއި، އުތުރު ތިލަފަޅުގެ އެއްބަސްވުން އަދިވެސް އޮތީ "ތިޖޫރީގައި ރައްކާކޮށްފައި" ކަމަށެވެ.
"ހަމައެކަނި ވެރިކަން ހޯއްދެވުމުގެ ބޭނުމުގައި، އައްޑޫ ޕޮލިސް ޓްރެއިން ސެންޓަރަކީ އިންޑިއާ ސިފައިންގެ މަރުކަޒެއް ކަމަށް ވިދާޅުވެ ދެއްކެވިހާ ވާހަކަތަކުގެ އަސްލު ހަގީގަތް މިއަދު މިއޮތީ މާ ސާފުކޮށް ފެންނާށެވެ" ޢަބްދުﷲ ޝާހިދުގެ ލިޔުއްވުމުގައި ވެއެވެ.
ދާދި ފަހުން ވާދަވެރި ބިޑަކާ ނުލައި 2.7 ބިލިއަން ރުފިޔާ (175 މިލިއަން އެމެރިކާ ޑޮލަރު) ގެ އަގުހުރި 200 އަށް ވުރެ ގިނަ މަޝްރޫޢު ޙަވާލުކުރި ކުރުމަށް އަލިއަޅުއްވާލައްވާ، މައި އިދިކޮޅު ޕާޓީގެ ރައީސް ވިދާޅުވީ މިއަދު ޑޮލަރުގެ ކަޅު ބާޒާރުގެ ރޭޓް ދުވަހަކު ނާރާހައި މައްޗަށް އަރާފައިވާ ކަމަށާއި، ރަސްމާލޭ ހިއްކުންފަދަ، ރައީސް މުޢިއްޒުގެ މައިގަނޑު ވަޢުދުފުޅުތައް ވަނީ ހުއްޓިފައި ނުވަތަ ތާވަލުން ކައްސާލައިފާ ކަމަށެވެ. އަދި ދައުލަތުގެ މުއައްސަސާތަކަށް ސިޔާސީ އެކްޓިވިސްޓުން ލައްވާ، ޝަރުޢީ ދާއިރާއަށް ހުރަސް އަޅުއްވާ، މީޑިޔާގެ މިނިވަންކަން ހަނިކުރައްވާ، ޤައުމު ޚުދުމުޚުތާރު ވެރިކަމާ ދިމާއަށް މިސްރާބު ޖަހާފައިވާކަމުގެ އިންޒާރު ޢަބްދުﷲ ޝާހިދު ދެއްވިއެވެ.
ސަން އިން ޝާޢިއުކުރި އެޑިޓޯރިއަލެއްގައި ރައީސް މުޢިއްޒުގެ ވެރިކަމުގެ ދެ އަހަރު ސިފަކޮށްފައި ވަނީ ޚާރިޖީ ގުޅުންތަކުގެ ރޮނގުގައި އަދިވެސް "ޓްރޭނިންގ ވީލްސް" އިން ނެއްޓޭން ނޭނގިފައިވާ ސަރުކާރެއްގެ ގޮތުގައެވެ. ސިޔާސީ މަޤާމުތަކަށް ޢައްޔަންކުރާ މީހުން ތިބި އެމްބަސީތަކުގައި އޮލަވެފައިވާ ކަމުގެ އިތުރަށް، ޚާރިޖީ ސިޔާސަތުގައި އެޅި ކަތިފިޔަވަޅުތައް މިލިޔުމުގައި ފާހަގަކޮށްފައި ވެއެވެ.
މިއެޑިޓޯރިއަލްގައި ފާހަގަކޮށްފައި ވަނީ 2025 ވަނަ އަހަރަށް ހިލޭ އެހީގެ ގޮތުގައި ލަފާކުރި 2.6 ބިލިއަން ރުފިޔާގެ ތެރެއިން 90 އިންސައްތަ ނުލިބޭ ކަމަށާއި، ސިޔާސީ ގޮތުން ޢައްޔަންކުރާ މީހުންގެ ޢަދަދު ތަމްރީނު ލިބިފައިވާ ފޮރިން ސާރވިސް އޮފިސަރުންނަށް ވުރެ ދިވެހިރާއްޖޭގެ އެމްބަސީތަކުގައި ގިނަ ކަމަށެވެ. 21 ޑިޕްލޮމެޓިކް މިޝަންގައި 78 ސިޔާސީ މަޤާމު އުފައްދާފައިވާ ކަމަށާއި، އެމިޝަންތަކުގައި ތިބި ކެރިއަރ ޑިޕްލޮމެޓުންގެ ޢަދަދަކީ 48 ކަމަށެވެ. މެލޭޝިޔާގެ ކުއަލަލަމްޕޫރު އެމްބަސީގައި އެކަނި ވެސް 19 ސިޔާސީ މަޤާމު އުފައްދާފައިވާ ކަމަށާއި، އެ އެމްބަސީގައި އެންމެ ދެ ފޮރިން ސާރވިސް އޮފިސަރުން ތިބިއިރު، ހަތަރު މަސް ދުވަހުގެ މުސާރަ އާއި ޚަރަދުތަކަށް، މި މިޝަންތަކަށް ޖުމްލަ 95.94 މިލިއަން ރުފިޔާ ޚަރަދުވާ ކަމަށެވެ.
ތަޞައްވަރާއި، ސިޔާސީ އެޖެންޑާ ދިފާޢުކުރެއްވުން
2026 ވަނަ އަހަރު އެއް ބިލިއަން އެމެރިކާ ޑޮލަރު ބޭރުގެ ދަރަނި އަދާކުރާން ދައްކާން ޖެހި، ޑޮލަރަށް ޖެހިފައިވާ ނަމަވެސް، ރައީސް މުޢިއްޒުގެ ތަޤްރީރުގެ ރާގުގައި ހުރީ ޔަޤީންކަމާއި، އުންމީދެވެ. ތިރީގައި އެވަނީ އެކި ކަންކަމުގެ މައްޗަށް އެމަނިކުފާނު ދެެއްކެވި ވާހަކަފުޅުތަކެވެ.
ޚާރިޖީ ސިޔާސަތާއި އިސްރާއީލުގެ ޕާސްޕޯޓް މަނާކުރުން
"މޯލްޑިވްސް ފަސްޓް" ސިޔާސަތުގައި އަލީގައި، މިސަރުކާރުން "ކައިރި އާއި ދުރު، ބޮޑު އަދި ކުދި" ހުރިހާ ޤައުމަކާ އެކު އެކުވެރިކަމުގެ ގުޅުން ބަހައްޓާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.
"އިސްރާއީލު ފިޔަވައި އެހެން ހުރިހާ ޤައުމަކާ ގާތް ގުޅުމެއް އޮންނާނެ" ކަމަށާއި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރިކަން ދެމިއޮތްހާ ހިނދަކު ރާއްޖެއިން އިސްރާއީލުގެ ރައްޔިތުންނަށް "މަރުޙަބާ ނުކިޔާނެ" ކަމަށާއި، އިސްރާއީލުގެ ޕާސްޕޯޓް މަނާކުރީ ދިވެހި ރައްޔިތުން އެކަމަށް އެދި އެދި ތިބީމާ ކަމަށެވެ.
އިސްރާއީލު ޕާސްޕޯޓް މަނާ ކުރަން އުޅުނު އިރު ނުހަނު ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވި ކަން ހާމަކުރައްވާ، ފަތުރުވެރިކަން ހަލާކުވެ، އެހެނިހެން ގެއްލުމާ ކުރިމަތިލާން ޖެހޭނެކަމަށް އިންޒާރު ކުރިކަމަށާއި، ނަމަވެސް ޑިމޮކްރެޓިކް ހަމައަކީ ރައްޔިތުން އެދޭގޮތަށް، ކަންކަން ހަމަޖެހިފައި އޮތުންކަމަށްވާތީ، އެވާހަކަތަކަށް ފަރުވާލެއް ނުބަހައްޓަވާ އިސްރާއީލުގެ ޕާސްޕޯޓު މަނާކުރެއްވީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހަމަޖެހުން
ދިވެހިރާއްޖޭގައި މިހާރު ސިޔާސީ ކުށްވެރިން ނުވަތަ ޤައިދީން ނެތީ މިސަރުކާރަކީ ބަދަލު ހިފުމުގެ ރޫޙް ނެތް، އިދިކޮޅު ފަރާތްތައް ޖަލަށް ނުލެވިގެން އުޅޭ ސަރުކާރަކަށް ނުވާތީ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. އަދި ސިޔާސީ ބޭފުޅުންނަށް ޚާއްޞަކޮށްގެން، ކުރީގެ ސަރުކާރުން ޢިމާރާތްކުރި ގޮޅިތައް ހުރީ ހުހަށްކަމަށް ވިދާޅުވިއެވެ.
"ހަމަ ޔަގީނުން ވެސް ދެ އަހަރު ފަހުން އެންމެން ޖަލުގައި ތިބޭނެ،" ކަމަށް ބުނަމުން ދިޔަ ކަމަށާއި، ހަމަޖެހުން ލިބޭނީ ސިޔާސީ ބަދަލުހިފުމުގެ ވިޔާނުދާ ވިހައާއި ނުބައިން ނެއްޓެވިގެންކަމަށް ވިދާޅުވިއެވެ.
ނަމަވެސް ދިވެހިރާއްޖޭގައި "ޤާނޫނުގެ ވެރިކަން" ނަގަހައްޓަވާނެ ކަމަށާއި، "އެއްވެސް މީހަކާ މެދު ތަފާތު ގޮތަކަށް އަމަލު ނުކުރާނެ، އެންމެން ހަމަހަމަވާނެ." ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޝަރުއީ ދާއިރާގެ މިނިވަންކަން
އެއްވެސް މިނިސްޓްރީއެއްގެ ބާރުގެ ދަށަށް ނާންނަގޮތަށް، ރެކޯޑް އަދަދެއްގެ ބަޖެޓެއް ޝަރުޢީ ދާއިރާއާ ސީދާ ޙަވާލުކުރައްވާފައިވާ ކަމަށާއި، ޝަރުޢީ ދާއިރާގެ ބްލޮކް ގްރާންޓް ޖަމާކުރުމަށް މަރުކަޒީ ބޭންކުގައި ވަކި އެކައުންޓެއް ހުޅުވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"މުވައްޒަފުން ހޯދުމުގައި ވިޔަސް، މަރާމާތު ކުރުމުގައި ވިޔަސް، ދަތުރެއް ވިޔަސް،" ސަރުކާރަށް ބަރޯސާނުވެ، އަމިއްލަ އިޚްތިޔާރާއި ބާރުގައި ޚަރަދު ހިންގޭނެކަން ފާހަގަކުރައްވާ، މިސަރުކާރުންވާނީ "ޝަރުޢީ ދާއިރާ މިނިވަން ކޮށްފައި" ކަމަށް ރައީސް މުޢިއްޒު އިޢުލާން ކުރެއްވިއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ތަޙައްމަލުކުރަމުން ދިޔަ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ހުޅުމާލޭގައި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް އާ ކޮމްޕްލެކްސެއް ޢިމާރާތް ކުރައްވާފައިވާ ކަން ފާހަގަކުރައްވާ، ރައީސް މުޢިއްޒު ވިދާޅުވީ "މި ސަރުކާރުން ނުފޫޒު ފޯރުވި ކަމަށް" ބުނެވޭނެ ފަނޑިޔާރަކު ނުހުންނާނެ ކަމަށެވެ.
މަސްތުވާތަކެއްޗާއި ގޭންގް ކުށް
ރާއްޖޭގެ ތާރީޚުގައިވެސް މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އެންމެ ބޮޑު އޮޕަރޭޝަން މިދިޔަ ބުރާސްފަތި ދުވަހު ހިންގިއިރު 500 އަށް ވުރެ ގިނަ ފުލުހުން އެ އޮޕަރޭޝަންގައި ބައިވެރިކަން ފާހަގަކުރައްވާ ރައީސް މުޢިއްޒު ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ޝައްކު ކުރެވޭ 100 އަށް ވުރެ ގިނަ މީހުން މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވާކަމަށެވެ.
މަސްތުވާތަކެތީގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙުތައް ފާސްވާއިރު، މަސްތުވާތަކެތި އެތެރެކޮށް ވިއްކާ މީހުންނަށް އިސްލާމްދީނުގައި ކަނޑައަޅާފައިވާ އެންމެ މަތީ އަދަބު ކަނޑައެޅޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ ކުރީގެ ވެރިކަމާ އަޅާބަލާއިރު ގޭންގް ކުށްތައް ނިސްބަތުން 49 ޕަސެންޓް ދަށްވެފައިވާ ކަމަށާއި، ގޭންގް ކުށުގެ އައު ޤާނޫނަކީ ފާލުން ނެއްޓިފައިވާ ޒުވާނުން ކުށުގެ ވެށިން ސަލާމަތްކޮށް، މުޖުތަމަޢާ އަލުން ގުޅުވުން ކަމަށެވެ.
ލިޔެކިޔުންތައް ނެތް ބިދޭސީން
"އޮޕަރޭޝަން ކުރަނގި" 2024 ވަނަ އަހަރުގެ މެއި މަހު ފެށި ފަހުން 191،723 ބިދޭސީ މަސައްކަތްތެރިންގެ ބަޔޮމެޓްރިކް ޑޭޓާ އެއްކޮށްފައިވާއިރު، އެ މަސައްކަތްތެރިން ދިރިއުޅޭ ތަންތަން ދެނެގަނެވިފައިވާ ކަން ފާހަގަކުރައްވަމުން، ރައީސް މުޢިއްޒު ވިދާޅުވީ ނޮވެމްބަރު 15 ވަނަ ދުވަހުގެ ރެގިއުލައިޒޭޝަންގެ ސުންގަޑިއަށް ފަހު ރަޖިސްޓްރީ ނުކުރާ ބިދޭސީން "ވަގުތުން ޑިޕޯޓް" ކުރާނެ ކަމަށެވެ. ފާއިތުވި ދެ އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 9،021 ބިދޭސީ މަސައްކަތްތެރިން ޑީޕޯޓްކޮށްފައިވާއިރު، މިއީ ކުރީގެ ވެރިކަމާ އަޅާބަލާއިރު 143 ޕަސެންޓް އިތުރު ޢަދަދެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަން
އިސްލާމްދީން ހުއްދަކުރާ އިމުގެ ތެރެއިން، ހައްދެއްނެތި، ޚިޔާލު ފައުޅުކުރުމުގެ މިނިވަންކަން އެންމެ ފުޅާ މިނެއްގައި ލިބިދެވޭނެ ކަން ހާމަކުރައްވާ، ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އިސްލާމްދީނާއި، އިސްލާމީ ޝަރީޢަތާ ޚިލާފު ޚިޔާލުތައް ފައުޅުކުރުމަށް ދިވެހިން ނޭދޭކަމަށާއި، ޑިމޮކްރެޓިކް ހަމަތަކުން ބަލާއިރު، އެކަމަށް ތަންދެވެން ނޯންނާނެ ކަމަށެވެ.
"އެ ޙައްދުތަކުން ބޭރުގައި ޚިޔާލު ފާޅުކުރަން ބޭނުންނަމަ އެހެން ގައުމަކަށް ދާންޖެހޭނީ" އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަބުރު ރައްކާތެރިވެގެން ވުމުގެ ޙައްޤަކީ އިސްލާމްދީނުން ލިބިދޭ އެންމެ މުހިއްމު އެއް ޙައްޤުކަން ފާހަގަކުރެއްވިއެވެ.
އެއްވެ އުޅުމުގެ މިނިވަންކަން
މާލޭގައި މަގުމަތީގެ މުޒާހަރާތައް 2016 ވަނަ އަހަރުން ފެށިގެން އަލިމަސް ކާނިވަލް ސަރަހައްދަށް ހަނިކޮށްފައިވީ ނަމަވެސް މިސަރުކާރުން ވާނީ މާލޭގައި އެއްވެ، މުޒާހަރާ ކުރެވޭނެ އިތުރު ހަތަރު ތަނެއް ކަނޑައަޅާފައި ކަން ފާހަގަކުރައްވާ، ރައީސް މުޢިއްޒު ވިދާޅުވަނީ އެއްވާން ކަންފަހި ކޮށްދީފައި އޮތް ނަމަވެސް، އެއްވުން ނުހުއްޓުވާ ނަމަވެސް، މީހަކު އެއްވާން އުޅޭ ތަން ނުފެންނަ ކަމަށާއި، "ކޮންމެ ރެޔަކުވެސް އެއްވެވޭނެ،" ކަމަށެވެ.
ސިއްޙީ ފަރުވާއާއި ދުންފަތް ކޮންޓްރޯލްކުރުން
ރަނގަޅަށް ވަށައިޖެހޭ ސިއްޙަތާބެހޭ ސިޔާސަތެއްގައި ޕްރިވެންޓިވް ކެއާރ (ބަލިޖެހުމުން ދުރުކުރުން) އާއި ކިއުރެޓިވް ކެއާ (ބަލިން ފަސޭހަކުރާ ފަރުވާ) ހަމަހަމަ ގޮތެއްގައި ތަންފީޛު ކުރަންޖެހޭ ކަމަށާއި، ވޭޕް މަނާކުރުމާއި، އައު ޒުވާނުން ޖީލުތަކަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމަކީ މި ސިޔާސަތުގެ ބައެއް ކަމަށާއި، މިފިޔަވަޅުތަކުގެ ސަބަބުން ގިނަ ބަލިތަކަކުން ސަލާމަތްތެރިކަން ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ވޭޕް މަނާކުރަން ޢާންމުންނާއި، ޚާއްޞަކޮށް ބެލެނިވެރިން ބޭނުންވާ ކަން ހާމަކުރައްވާ، ރައީސް މުޢިއްޒު ވިދާޅުވީ ކުދިން ސްކޫލްތަކަށް މަސްތުވާތަކެތި ވޭޕް މެދުވެރިކޮށް ގެންދާން ފެށި ކަމަށެވެ. މިކަމަށް "ލޯމަރާލައިގެން" ތިބުމަކީ ގޮތެއް ނޫންކަމަށާއި، އެގޮތް ފަސޭހަ ނަމަވެސް، ޚިޔާރު ކުރެއްވީ ރަނގަޅު ނަމަވެސް، އުނދަގޫ ގޮތް ކަމަށް ވޭޕް މަނާކުރުމަށް ޢިޝާރާތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވިއެވެ.
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ރާއްޖޭގެ އެކި ކަންކޮޅުގައި ޓާރޝަރީ ހޮސްޕިޓަލްތަކާއި ލެބޯޓްރީތައް ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ ފައިސާ ހިމަނުއްވާފައިވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ތަޢުލީމު
ތަޢުލީމީ ނިޒާމުން ސިކުނޑިތައް ތަރައްޤީ ކުރެވެން ވާނެ ކަމަށާއި، ތަރައްޤީ ކުރާން ބޭނުންވަނީ ވަރުގަދަ "ޤައުމީ ލޯބި" ހުރި، ޒުވާނުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެގޮތުން އިސްލާމްދީނާއި، ކާބަފައިންގެ ޤުރުބާނީތަކާއި، މިނިވަންކަމާއި، ދިވެހިވަންތަކަން ދެނެގަނެ، ތިބި، މުސްތަޤްބަލަށް ބޭނުންވާ ނިންމުންތައް ނިންމުމުގެ ޤާބިލުކަން ހުރި ޒުވާނުން ކަމަށެވެ.
ހަމަހަމަ ތަރައްޤީ
ޢުމްރާނީ ތަރައްޤީ ހަމައެކަނި ވެރި ރަށް މާލެ، އެހެން ސިޓީތަކަށް ނުވަތަ އަތޮޅުގެ ވެރިރަށްތަކަށް ޚާއްޞަކޮށްގެން ނުވާނެ ކަން ފާހަގަކުރައްވާ، ރައީސް މުޢިއްޒު ވިދާޅުވީ މިދިޔަ 45 އަހަރަކު ނުވަތަ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ވެރިކަމަށްފަހު އެއްވެސް ރައީސަކު ޒިޔާރަތް ނުކުރައްވާ ރަށްރަށަށް ވަޑައިގެންނެވި ކަމަށާއި، އެރަށްރަށާމެދު ޙައިރާންވާ މިންވަރަށް އިހުމާލުވެފައިވާ ކަމަށެވެ.
ދިވެހި ރައްޔިތުންގެ މެދުގައި ތަފާތު ކަމެއް ނުގެންގުޅުއްވާނެ ކަމަށް އަހުދު ވެވަޑައިގަންނަވަމުން، ރަށްރަށުގައި އޭޓީއެމް ހުޅުއްވަވާ، ކޮންމެ މީހުން ދިރިއުޅޭ ރަށެއްގައި ޕޮލިސް ސްޓޭޝަން ޤާއިމުކުރައްވާ، އަތޮޅު ތެރޭގައި ވެސް އައިޑީ ކާޑާއި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފައްޓަވާފައިވަނީ އެހަމަ ޤަބޫލުފުޅުކުރައްވާތީ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އަދި ވިދާޅުވީ ކުޑަކުދިންގެ ޕާކްތަކާއި ފިޓްނަސް ސެންޓަރުތައް ތަރައްޤީ ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ކަނޑައަޅުއްވާފައިވާ ކަމަށާއި، މިވަގުތުވެސް ރާއްޖޭގައި "1،875 މަޝްރޫޢު ހިނގަމުން އެބަދޭ،" ކަމަށާއި، އޭގެތެރެއިން 1،356 މަޝްރޫޢު ކޮންޓްރެކްޓް ކުރީ މި ސަރުކާރުން ކަމަށެވެ.
ބޯހިޔާވަހިކަން
ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުގައި ޖުމުލަ 825 ހައުސިން ޔުނިޓް ތަރައްޤީ ކުރުމުގެ އެއްބަސްވުންތަކުގައި ކޮންޓްރެކްޓަރުންނާ އެކު ސޮއިކޮށްފައިވާ ކަމަށެވެ. 2026 ވަނަ އަހަރުގެ ބަޖެޓުގައި 16 ރަށެއްގައި، 1،100 ހައުސިން ޔުނިޓް އެޅުމުގެ ޕްލޭންތައް ހިމަނާފައިވާ ކަމަށެވެ. ވެރި ރަށް މާލެ (ހުޅުމާލެ އާއި ވިލިމާލެ ހިމެނޭހެން) 3000 ހައުސިންގް ޔުނިޓް ބޭންކް އޮފް މޯލްޑިވްސް އިން ތަރައްޤީ ކުރާން ނިންމާފައިވާ ކަމަށެވެ. ގްރޭޓާރ މާލޭ ސަރަޙައްދުގައި އިތުރު 4،000 ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމެއްގައި ކައިރި މުސްތަގުބަލެއްގައި ސޮއި ކުރާނެ ކަމަށެވެ.
ކުރީގެ ވެރިކަމުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅީފަޅުން ދިން ހުރިހާ ގޯއްޗެއް ޙަވާލުކުރާނެ ކަން ފާހަގަކުރައްވާ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި ހަދާފައިވާ 4،000 ފްލެޓަށް މީހުން ވެއްދުމުގެ މަސައްކަތްދަނީ ހިނގަމުންކަމަށް ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ނެރުނު ގޯތި ލިސްޓަށް ބަދަލު ގެންނަވާފައި ނުވާނެކަމަށާއި، ހުއްޓިފައިވާ ގިރާވަރު ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް އަލުން ފަށާނެ ކަމަށާއި، ނޮވެމްބަރު 23 ގައި ޑްރެޖަރެއް އައުމުން، ހިއްކުމުގެ މަސައްކަތް ނިންމާން ފަށާނެ ކަމަށް ވިދާޅުވިއެވެ.
ރަސްމާލެ ތަރައްޤީ ކުރުމަށް ފުށިދިއްގަރު ހިއްކުމުގެ މަސައްކަތް، މި މަހު އިތުރު ތިން ޑްރެޖަރު އައުމުން ބާރު ސްޕީޑެއްގައި އަލުން ފަށައިގަނެ، ކުރިއަށްދާނެ ކަމަށާއި، އެބިމުން 15،000 ގޯތި ދޭން ނިންމަވާފައި ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. "މާތްالله އިރާދަކުރެއްވިއްޔާ ގާތްގަނޑަކަށް ފަސް މަސް ދުވަހުގެ ތެރޭގައި މުޅިން ހިއްކާ ނިންމޭނެ،" ކަމަށާއި އެއީ 1،100 ހެކްޓަރކަމަށާއި، ސައިޒުން ބަލާއިރު އެއީ ހުޅުމާލޭގެ ދެ ފޭސް އެއްކޮށްލުމުން ވާ ވަރަށްވުރެ ވެސް ބޮޑު ސަރަޙައްދެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އަމިއްލަ ކޮންޓްރެކްޓަރުންނަށް ނުދައްކާ ބިލްތައް
މީގެ ދެ އަހަރަށްވުރެ ގިނަ ދުވަސް ކުރިން ނިމިފައިވާ ސަރުކާރުގެ މަސައްކަތްތަކަށް ޖުމްލަ 444 މިލިއަން ރުފިޔާ 1،040 ފަރާތަކަށް ދޫކޮށްފައިވާނެ ކަމަށާއި، އަދި މިމަގުންގޮސް ހުރިހާ ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުންނަށް ދައްކާން ހުރި ފައިސާ ޚަލާޞްކުރައްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ނަމަވެސް "ފައިސާ ޗާޕެއް ނުކުރާނަން" ކަމަށް ބާރު ލައްވާ، ރައީސް ވިދާޅުވިއެވެ.
އިޖުތިމާއީ ރައްކާތެރިކަން
ތެލަސީމިއާ ބަލިމީހުންނަށް 2026 ވަނަ އަހަރު މަހަކު 2،000 ރުފިޔާގެ އެލަވަންސެއް ތަޢާރަފު ކުރައްވާނެކަމަށް ވިދާޅުވެ، ރޯދަމަހަށް ކޮންމެ ގޭބިސީއަކަށް މަސް ދަޅު ކޭހެއްގެ ދިނުމުގެ އިތުރަށް، ރޯދަ މަހު ކަރަންޓް ބިލް 400 ރުފިޔާއަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
"ބާކީ ބަޔަކީ ޑިސްކައުންޓް!" އެމަނިކުފާނު އިޢުލާން ކުރެއްވިއެވެ.


