100 އަހަރުގެ ނިކަގަސް ނަގާފައި ޖަހަނީ ދެތިން އިންޗި ހުރި އޮފިބުރިތަކެއް

ޚުދް އެންވަޔަރަންމަންޓް މިނިސްޓްރީ އިން ޢާންމުކޮށްފައިވާ މިންގަނޑު ބުނަނީ ބަދަލުގައި ޖަހާ ގަހުގައި މަދުވެގެން ހަތަރު ފޫޓު ހުންނާން ޖެހޭނެ ކަމަށް.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

11 ޑިސެމްބަރު
މިދިޔަ ހަފްތާގައި ވިލިމާލެއަށް  ދައުލަތުގެ ވަޒީރުންގެ ފައުޖެއް އަރާ 500 ގަސް އިންދައިފިއެވެ. ޖެހި ބައެއް "ގަހުގެ" އުސްމިނުގައި ހުރީ ދެތިން އިންޗިއެވެ. މިއީ ޤަރުނަކަށްވުރެ ގިނަ ދުވަސްވެފައިވާ، ކަނޑާލާން ނިންމާފައިވާ ނިކަ ގަހުގެ ބަދަލުގައި އިންދި ގަހެވެ. ނަމަވެސް، ޚުދް އެންވަޔަރަންމަންޓް މިނިސްޓްރީ އިން އެކުލަވާ، ޢާންމުކޮށްފައިވާ ގަސް އިންދުމުގެ މިންގަނޑުގައި ބުނަނީ ބަދަލުގައި ޖަހާ ގަހުގައި މަދުވެގެން ހަތަރު ފޫޓު ހުންނާން ޖެހޭނެ ކަމަށެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި ބިމުން ކަކުލާ ހަމައަށް ކިރިޔާ އަރާވަރުގެ އޮފިކޮޅުކޮޅު ޖަހަމުން، ބޯ ވާރޭގައި، ޖޫނިއަރ ސްޓާފުން ލައްވާ ކުޑަ ނަންގުވައިގެން، ވަޒީރުން ގެންދެވީ އެޖެހި އޮފިކޮޅުތަކަށް ފެންދެމުންނެވެ. ފިލުނދު ވެފައި ހުރި އޮފިތަކަކަށް ވާރޭގައި ފެންދެމުންދާ ފޮޓޯ މިހާރުވަނީ ސޯޝަލް މީޑިޔާގައި މީމް އަކަށް ވެފައެވެ.
ވިލިމާލޭ ރައްޔިތުންނާއެކު ބޭއްވި ޓައުން ހޯލް ބައްދަލުވުމެއްގައި ނިކަ ގަސްތައް ކަނޑަން ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަނީ ވޯޓަކަށް އައްސަވާފައެވެ. މާލެއިން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދިޔަ މީހުންނާއެކު އެތަނުގައި ތިބި އެންމެންހެން އަތް އުފުލާ ގަސް ކަނޑާން އާނބަސް ދިނެވެ. ވިލިމާލޭގައި ހިންގާ ގަސް އިންދުމުގެ މި ޙަރަކާތަކީ އެނިންމެވުމާ ދެކޮޅަށް އަޑު އުފުލާ މީހުންނަށް ދޭ ރައްދެކެވެ.
"އެއީ ބޮޑު އޮޅުވާލުމެއް،" ތިމާވެށީގެ ވަކާލާތު އުފުލާ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ ސޭވް މޯލްޑިވްސްގެ ހުމައިދާ ޢަބްދުލް ޣަފޫރު ވިދާޅުވިއެވެ. "އަޅުގަނޑުމެން މިދައްކަނީ ޤުދުރަތީ ތަރިކައެއްގެ ވާހަކަ. ތިދައްކަނީ 100 އަހަރަށް ވުރެ ގިނަ ދުވަސްވީ ގަހެއް ނަގާފައި، އެތައް މިތާނގައި އޮފިބުރިތަކެއް އިންދާ ވާހަކަ،" ނުރުހުމާއެކު އޭނާ ވިދާޅުވިއެވެ.
ޙުމައިދާ ވިދާޅުވީ އެފަދަ ޒަމާންވީ ގަހެއް ބަދަލުގައި 800،000 ކުދި ގަސް އިންދި ނަމަވެސް، މުސްކުޅި ބޮޑު ގަހުގެ ބަދަލު ނުވަތަ އަގު ނުލިބޭނެ ކަމަށާއި، އެގޮތަށް ވިސްނައިދޭން ސަރުކާރުން އުޅެނީ ޢާންމުންނަކީ މޮޔައިންކަމަށް ދެކިގެންކަމަށްތޯ ސުވާލު އުފެދޭ ކަމަށެވެ.

ޓައުން ހޯލް ބައްދަލުވުން

ވިލިމާލޭ ޓައުން ހޯލް ބައްދަލުވުމުގައި ނިކަ ގަސް ނެގުމާބެހޭ ވޯޓަކާ ހަމައަށް ރައީސް މުޢިއްޒު ވަޑައިގަތީ އެ ބައްދަލުވުމުގައި ޚިޔާލު ފައުޅުކުރި ޢާންމުންގެ ދެތިން މީހަކު އެގަސްތަކުން ވާ އުނދަގުލުގެ ޝަކުވާ އުފުލީމައެވެ. ޝަކުވާ އުފުލި މީހުންގެ ބަހަކީ ގަހުގެ މޫތައް ފާރުތަކާއި ބިތްގަނޑުތަކާއި ތަޅުންގަނޑުތައް ފޫ އަޅުވައި، ގޯތިގެދޮރާއި، ޢިމާރާތްތަކަށް ގެއްލުންވަމުން ދާ ކަމަށެވެ.
"ހުރިހާ ބޭފުޅުން ވިދާޅުވިހެން އެ ނިކަ ގަސް އެއީ.. ވަރަށް ޙާލުގައި އިނގޭތޯ އެމީހުން (ގަހުގެ ދޮށުގައި ހުރި ގޭގޭގެ މީހުން) އެއުޅެނީ. އަޅުގަނޑުމެން އެގޭގެޔަށް – ކޮންމެ ފަހަރަކު ވޯޓު ކަންތައްތަކާ އަދި އެހެނިހެން ކަންތައްތަކާ ވާހަކަދައްކަން ދިޔަސް، ފުރަތަމަ ދައްކާލާނީ ފާޚާނާ ތެރެ. މުލުން ފުރިފައި އެހެރީ،" ވިލިމާލޭގައި 30 އަށްވުރެ ގިނަ އަހަރު ދިރިއުޅެފައިވާ އާމިނަތު މުޙައްމަދު އެ ބައްދަލުވުމުގައި ބުންޏެވެ.  
"އިންސާނުންނަށްވުރެ މުހިންމު އެއްވެސް އެއްޗެއް ނޯންނާނެ،" ކަން ފާހަގަކޮށް، އާމިނަތު މުޙައްމަދު ވިދާޅުވީ އެހެން ތަނަކަށް ގަސް ގެންގޮސް، އިންދީމުމަކީ އެދޭ ގޮތް ކަމަށާއި، ރައީސް މުޢިއްޒަކީ "މިޤައުމަށް ލިބުނު ޖަވާހިރެއް" ކަމަށާއި "އެހެންވީމާ މިކަން އަޅުގަނޑުމެންނަށް ކޮށްދެއްވާނެ ކަމަށް އަޅުގަނޑުމެން ޔަޤީން ކުރަން،" ކަމަށެވެ.
ބޮޑުވެގެން މުލާ ހުރެ އުނދަގޫވާ ކަމަށް ބުނާ އެއް ނިކަ ގަސް ހުރީ ވިލިމާލޭގެ ވޯޓާރ ސްޕޯޓްސް ބީޗް ކައިރީގައި ހުންނަ ކުޑަ ޕާކެއް ފަދަ ހުސް ޖާގައެއްގެ އަރިމަތީގަ އެވެ. އަނެއް ނިކަ ގަސް ހުރީ ހުސްކޮށް ހުރި ސަރުކާރުގެ ގޯއްޗެއްގެ ތެރޭގައެވެ.
"ރައްޔިތުން ވަރަށް އާދޭހާއެކު އެކި ރައީސުން ކައިރީގައި މިވާހަކަ ދަންނަވައިފިން. ކޮންމެ ފަހަރަކުވެސް ބައްލަވާނެ ކަމަށް ވިދާޅުވަނީ. ސިޓީ ކައުންސިލް  -- މިދިޔަ ސިޓީ ކައުންސިލުންވެސް ހަމަ ބައްލަވާފައި ވިދާޅުވަނީ، ގަސް ކަނޑަނީއޭ، ގަސް ކަނޑަނީއޭ،" އެހެން މީހަކު ބުންޏެވެ. ނަމަވެސް ދުވަހަކުވެސް ގަސް ކަނޑާ ހިސާބަށް ނުދާކަމަށް އޭނާ ނުރުހުމާއެކު ފާހަގަކުރިއެވެ.
އެވާހަކަތައް އަޑުއައްސަވާފައި ރައީސް މުޢިއްޒު އެދިވަޑައިގަތީ ގަސް ކަނޑާލަން ތާޢީދުކުރާ ކިތައް މީހުންތޯ ބެލުމަށް އަތް އުފުލާ، ވޯޓު ދިނުމަށެވެ.
ނިކަ ގަސް ކަނޑާން ޤާނޫނީ ހުރަހެއް ނެތްކަމަށާއި، މޭޔަރަކަށް ހުންނެވި ދުވަސްވަރު ވެސް ނިކަ ގަސް ކަނޑާލަން އެރައް ރައްޔިތުންނެއް އެދިފައިވާ ކަން ހާމަކުރައްވާ ރައީސް މުޢިއްޒު އެދިވަޑައިގަތީ "އެ ގަސް އެތަނުން ނަގަން ބޭނުންވާ މީހުން އަތްޕުޅު ހިއްލަވާލައްވާ،" ށެވެ.
ވޯޓަށް ފަހު މުޢިއްޒު އިޢުލާން ކުރެއްވީ "އެހެންވީމަ ގާތްގަނޑަކަށް އިއްތިފާގުން ފާސްމިވީ، އެހެންވީމަ އިރާދަކުރެއްވިއްޔާ އެކަން ކުރިއަށްދާނެ،" ކަމަށެވެ.

ތަރިކަ

ގަސް ކަނޑާން ވޯޓަށް އެއްސެވުމާއި ގަސް ކަނޑާން ނިންމެވުމާ ގުޅިގެން ސޯޝަލް މީޑިޔާގައި ރައީސް މުޢިއްޒަށް ގިނަ، އަވަސް ފާޑުކިޔުންތަކެއް އަމާޒުވިއެވެ.
އެންވަޔަރަންމަންޓް ރެގިއުލޭޓަރީ އޮތޯރިޓީ (އީޕީއޭ) އިން މިފަހުން ޝާޢިއުކުރި ޙިމާޔަތްކޮށްފައިވާ ގަސްތަކުގެ ލިސްޓުގައި އެ ގަސް ނުހިމެނުނު ނަމަވެސް، މިނިސްޓްރީގެ އޮފިޝަލަކާއި ސޭވް މޯލްޑިވްސް އިން ބުނާ ގޮތުގައި ވިލިމާލޭގައި ކަނޑާން ވާހަކަދައްކާ ނިކަގަސްތަކުގެ ތެރެއިން އެއް ގަހަކީ ޙިމާޔަތްކޮށްފައިވާ ގަހެކެވެ.
"ވިލިމާލެ ނިކަ ގަހަކީ ޝަމްސުއްދީން ރަދުން ފުވައްމުލަކަށް ފަހު ގެންނަވާފައި އެ ރަށުގައި (ވިލިމާލޭގައި) ބަހައްޓަވާފަ ހުންނެވި އިރުވެސް ބިޔަކޮށް ހުރި ގަހެއް،" ކަމަށާއި "ވިލިނގިލި ޖަލު ހުރި ދުވަސްވަރު ސިޔާސީ ކުށްވެރިން ލައްވާ ބުރަ މަސައްކަތް ކުރުވާފައި ގެނެސް މެންދުރު މަޑުޖެހިލަން ތަންވަޅެއް ދޭން ބައިތިއްބާފައި ތިބޭ ތަން" ކަމަށް ބަޔާންކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ގޮވައިލެއްވީ "100 އަހަރަށް ދާ ތަރިކައެއް" ކަމަށް ފުދޭ މި ގަސް ކަނޑާ ނުލުމަށެވެ.
އޭގެ ދެ ދުވަސް ފަހުން މުއިއްޒު ވަނީ މާފަންނު ރައްޔިތުންނާއެކު ޓައުން ހޯލްގައި ބޭއްވި ބައްދަލުވުމެއްގައި ފާޑުކިޔުންތަކަށް ރައްދު ދެއްވާފައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ގަސް ކެނޑުމަކީ މިސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި، ނަމަވެސް ޟަރޫރަތްތަކާއި، ޢާންމު ދިރިއުޅުމަށް ދަތިވާނަމަ، ޤާނޫނީ މަރުޙަލާތައް ކަނޑައްތު ކުރުމަށްފަހު، ގަހެއް ނަމަވެސް ކެނޑޭން ވާނެ ކަމަށެވެ. އަދި ކަނޑާ ކޮންމެ ގަހަކަށް ދިހަބާރަ ގަސް އިންދުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި، އެއް ގަސް ނެގިއްޔާ މަދުވެގެން ތިން ގަސް އިންދާން ޖެހޭނެ ކަމަށާއި، ވިލިމާލެއިން ނަގާ ދެ ނިކަގަހުގެ ބަދަލުގައި 300 ގަސް ވިލިމާލޭގައި އިންދުމުގެ މަސައްކަތް ފަށާފައި ވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފަސް މިލިޔަން ގަސް

އޭގެ ފަސް ދުވަސް ފަހުން އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ސަރުކާރުގެ އިސް އޮފިޝަލުން ވަނީ ވިލިމާލޭގައި ހަރަކާތެއް ބާއްވައި މަގުތަކުގެ އެއްފަރާތުގައި 500 އޮފިބުރި އިންދާފައެވެ. އެއީ ފަސް އަހަރު ދުވަހުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދުމަށް މިސަރުކާރުން އިޢުލާންކޮށްފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ބޮޑު މަޝްރޫއުގެ ބައެކެވެ.
ނަމަވެސް ވިލިމާލޭގައި އިންދި ގަސްތަކަކީ ފަސް މިލިއަން ގަސް ޕްރޮގްރާމަށް މިނިސްޓްރީއިން އަމިއްލައަށް އެކުލެވި މިންގަނޑުތަކާ ޚިލާފު ގަސްތަކެކެވެ. އެގޮތީ އެމިންގަނޑުގައި ބުނަނީ ރަށްރަށުގެ އެއްގަމުގައި އިންދާ ގަހުގައި މަދުވެގެން 4 ފޫޓު ހުންނާން ޖެހޭނެ ކަމަށެވެ.
އެ ގައިޑްލައިން މިހާރު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ނެތެވެ. އެއީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ. މޯލްޑިވްސް އިންޑިޕެންޑެންޓުން އެ ކޮޕީއެއް ހޯދާފައިވަނީ ވެބްސައިޓުން ނެގުމުގެ ކުރިންނެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން އިޢުލާން ކުރި ގޮތުގައި 2024 ވަނަ އަހަރުގެ ޖޫން މަހު ދުނިޔޭގެ ތިމާވެށީގެ ދުވަހު މި ޕްރޮގްރާމް ފެށި ފަހުން 827،329 ގަސް ރާއްޖޭގެ އެކި ކަންކޮޅުގައި އިންދާފައި ވެއެވެ.
ފެނަކަ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފަދަ ދައުލަތް ޙިއްސާވާ ކުންފުނިތަކުން ދަނީ ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އިންދާ ގަހުގެ ތަފާސްހިސާބު ޢާންމުކުރަމުންނެވެ.
ވިލިމާލޭގައި ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރަކީ ތިމާވެށީގެ މައްސަލަތަކަށް އެންމެ ބޮޑަށް ލޯހުޅުވިފައިވާ ސަރުކާރު ކަމަށާއި، ފަސް މިލިއަން ގަހަކީ "އަޅުގަނޑުގެ ވަޢުދެއް" ކަމަށާއި، ފަސް އަހަރުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދުމަކީ މީގެ ކުރިން ކުރެވުނު ކަމެއް ނޫންކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި އެޕްރޮގްރާމްގެ ދަށުން މިހާރު 800،000 އަށް ވުރެ ގިނަ ގަސް އިންދާފައިވާ ކަމަށާއި. ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ފަސް މިލިޔަންގެ އަމާޒަށް ވާޞިލުވާނެ ކަމަށްވެސް ވިދާޅުވި މެއެވެ.
ތިމާވެށީގެ ވަކާލާތުގައި އިސްކޮށް ޙަރަކާތްތެރިވާ އީކޯކެއާރ ގެ ފަރާތުން މިނޫހާ ވާހަކަދެއްކެވި މަޢީދު ޒާހިރު ރައީސްގެ މިވާހަކަފުޅުތަކާމެދު ދެކެވަޑައިގަތީ ޝައްކުގެ ނަޒަރަކުންނެވެ. އޭނާ ވިދާޅުވީ ޤަރުނަކަށްވުރެ ގިނަ ދުވަސްވީ ގަސް ކަނޑާފައި  ކުދި ގަސް އިންދުމަކީ "ބުއްދިވެރި ކަމެއް ނޫން" ކަމަށެވެ.
ތިމާވެށި ޙިމާޔަތްކުރުމުގެ މަސައްކަތްތަކަށް ލޯބިކުރާ މީހެއްގެ ޙައިޘިއްޔަތުން ބަލާއިރު، ބަޔޯޑައިވާރސިޓީ ރިސްޓޯރޭޝަން (ދިރުންތައް އާލާކުރުމާއީ) އަދި އިކޯސިސްޓަމް ރިކަވަރީގެ (މާޙައުލުތައް ވީ ގެއްލުންތަކުން އަރައިގަނެ، ފަސާހަކުރުމުގެ) ބޭނުމުގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ތާޢީދުކުރެވޭ، ބޭނުންތެރި ޙަރަކާތެއް ނަމަވެސް، ފެންނަނީ ކަންދެއްކުމާއި، ސީރިއަސްކަމެއް ރޭވުމެއް ނެތި، ނަމަކަށް ކަމެއް ކުރާ ތަން ކަމަށް މަޢީދު ވިދާޅުވިއެވެ.
"ގިނަ ފަހަރު އެންމެ ބުއްދިވެރި ގޮތަކީ ގަސްގަހާއި އިންސާނުން ވަޒަންވެރިވެ ދިރިއުޅޭ މާޙައުލުތައް އެކުއެކީގައި އުޅެވޭނެ ގޮތެއް ހޯދުން،" ކަން ފާހަގަކުރައްވާ މަޢީދު ވިދާޅުވިއެވެ. 

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ