ޖަލު ނޯޓުތައް އަތުލިޔަ ނުދީ ނޫސްވެރިޔަކު ހިފަހައްޓާލިގޮތް: އޭގައި އޮތީ ކޮންކޮން ވާހަކައެއް؟

"އަދަދު"ގެ ނޫސްވެރިޔާ މުޙައްމަދު ޝަހުޒާންގެ ޖަލު ނޯޓުތައް އަތުލިޔަ ނުދޭން އޭނާ ކުރި މަސައްކަތާއި އޭގައިވާ ވާހަކަތައް.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

"އަދަދު"ގެ ނޫސްވެރިޔާ މުޙައްމަދު ޝަހުޒާން މިނިވަން ކުރި ދުވަހު، މާފުށީ ޖަލުގެ ގޭޓް ކައިރިއަށް ނުކުންނާން އައިއިރު، 15 ދުވަހުގެ ޖަލު ޙުކުމުގެ ތަޖުރިބާގެ މައްޗަށް އޭނާގެ އަތުން ލިޔުނު ނޯޓުތައް އަތުލައި، ޖަލު އޮފިސަރަކު އެ ކިޔަން ފަށައިފިއެވެ. ޝަހުޒާން ގާތުގައި ޖަލު އޮފިސަރު ބުނީ އެތަކެތި ޗެކު ކުރަނީ ކަމަށާއި، ޖަލުން ނުކުމެވޭނީ ޖަލުން ދިން ރަސްމީ ލިޔެކުން ހިފައިގެން ކަމަށެވެ. އޭގެ ބޭރުން އެއްވެސް ލިޔެކިޔުމެއް ހިފައިގެން ނުނިކުމެވޭނެ ކަމަށެވެ.
ޝަހުޒާން ދެކޮޅު ހެދިއެވެ. އެހިސާބުން މާފުށީ ޖަލުގައި އަރައިރުންވާން ޖެހިއްޖެއެވެ. މާލެއަށް ދެން އަނެއްކާ ހުޅުމާލެއަށް ގެންގޮސްފިއެވެ. އަދި ހުޅުމާލޭ ޖަލު ދޮށުގައިވެސް ޖަލު އޮފިސަރުންނާ ޒުވާބުކުރާން ޖެހިއްޖެއެވެ. ޝަހުޒާން ބުނަނީ ޖަލުގެ ޙާލަތާއި ކަންހުރި ނެތްގޮތް ފޮރުވާން ސަރުކާރުން އެދޭ މިންވަރަށް މިކަމުން ކިތަންމެ ބޮޑަކަށްވެސް ދަލީލު ކުރެއެވެ. 
ޝަހުޒާން ކިޔައިދިން ގޮތުގައި އޭނާގެ ގޮޅި ދަންވަރު ބަލައި ފާސްކުރި އޮފިސަރުންނަށް އޭނާގެ ނިޔަތް ސާފުކޮށް ކިޔައިދީފައި ވާނެއެވެ. ބިރުދެއްކިޔަސް އަދި ޖަލަށްލިޔަސް، ދުށް މަންޒަރުތަކާއި، އިވުނު އަޑުތަކާއި، ތަޖުރިބާކުރި ކަންކަމުގެ ވާހަކަ ލިޔާނެ ކަމަށެވެ. އަދި އެކަންކަމުގެ ވާހަކައިން ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ޖަލު ހިންގާން ޙަވާލުކޮށްފައި ތިބި މީހުންނާ ސުވާލު ކުރާނެ ކަމަށެވެ.
”ކޮންމެ ގޮތެއްގެ ހެދިޔަ، މިމަސައްކަތް ކުރަންޖެހޭ… ބާރުގައި ތިބި މީހުންނަށް މިސާލުން ފެންނަން ޖެހޭ ނޫސްވެރިންގެ އަނގަ ބަންދު ނުކުރެވޭނެ ކަން،“ ޝަހުޒާން މޯލްޑިވްސް އިންޑިޕެންޑެންޓުގައި ބުންޏެވެ. 

ނޯޓުތަކުގައި ވަނީ ކޮން ވާހަކަތަކެއް؟

ޖަލުން ދިމާވި ޤައިދީންގެ ތެރެއިން އެންމެ ފާހަގަވި އެކަކީ ނަފްސާނީ ބަލިކަމެއްގައި ހުރި ފިރިހެނެކެވެ. އޭނާއަށް ޙުކުމް ކޮށްފައިހުރީ މީގެ 10 ވަރަކަށް އަހަރު ކުރިން މީހަކު ޤަތުލުކޮށްގެންނެވެ. އޭނާއަށް މީހުން ވަތްކެއް ނުވެއެވެ. ޙަޤީޤަތާ ޚިޔާލަކާ ވަތްކެއް ނުވެއެވެ. ކޮސް ގޮވައެވެ. ޝަހުޒާން ބުނާގޮތުގައި އޭނާ ބަހައްޓާފައި ހުރީ ކޮންމެ އިންސާނަކަށް ނަމަވެސް ތަޙައްމަލުކުރަން އުނދަގުވާނެ ފަދަ ޙާލަތެއްގައި، އެކަހެރި ކޮށެވެ. އެތަނުގެ ފެން މާގަނޑު ހުރީ ހަލާކުވެފައެވެ. ފަންކަލެއް ބޮތްކެއް ނެތެވެ. އެގޮޅިއަށް ޖަލު އޮފިސަރުން ވަންނާން ބޭނުން ނުވާތީ، ކާއެއްޗެތި ގެެނެސް އަށިމަތީގައި ބަހައްޓާފައި ހުރެގެން ކުނިވެ ދެއެވެ. އޭނާއަށް ބޭސް ގެނެސްދެއެވެ. ކައިތޯއެއް ނުބަލައެވެ. އޭނާ ހަމަޖައްސަނީ ޖަލު އޮފިސަރުންނެއް ނޫނެވެ. އެހެން ޤައިދީންނެވެ. 
އެއް ދުވަހަކު ކަސްރަތު ކުރާން ނެރުނީމާ ޝަހުޒާން އެޤައިދީގެ ގޮޅި ދޮށަށް ގޮސް ބެލިއެވެ. އެ ޤައިދީ ނިދަނީ ސިމެންތި އައްޓެއްގައި، ބާލީހެއް، ކުނައެއް، ބެޑުޝީޓެއް ނެތިއެވެ. ލައިގެން އޮތީ ޑަސްބިން ކޮތަޅެކެވެ. ފުޅައަޅާ ކުނިވެފައި ހުރި ކާތަކެތި އެ އަށިމަތީގައި ހުއްޓެވެ.
”އެމަންޒަރު ބަލަން ވަރަށް އުނދަގޫވި، އޭނާއަކީވެސް ގައިމު އިންސާނެކޭ، އަހަރެންގެ ހިތަށް އެރި،“ ޝަހުޒާން ކިޔައިދެއްވިއެވެ.
ޝަހުޒާންގެ ގޮޅުން ހާޅެއްލަވައި، އެޤައިދީގެ ވާހަކައިން އެހެން މީހުން ކުރެން ސުވާކލު ކުރިއެވެ. ޖެހިގެން އޮތް ގޮޅިން އޭނާއަށް ނޯޓެއް ފޮނުވައިފިއެވެ. އޭގައި ބުނަނީ އެޤައިދީ ނުރުހުނީމާ އެއްޗެރި ހަލާކު ކުރަނީ ކަމަށާއި، އެގޮޅީގައި ހުރި ބޮތްކާއި ފަންކާ ފާރުގައި ތަޅައި ފިސްކުރާ ކަމަށެވެ. ފެން މާގަނޑަށްވެސް ހެދީ އެހެން ކަމަށެވެ. އެގޮޅީގައި ބާލިދީއެއް ޖަގެއްގެ މިންވަރުވެސް ނުހުންނަ ކަމަށެވެ. ކާއެއްޗެތި ކުނިވެފައި އަށިމަތީގައި ހުންނަނީ އެގޮޅިއަށް ވަންނާނެ ޖަލު އޮފިސަރަކު ނުވެގެން ކަމަށާއި، ވަނީމާ ގަޔާ ދިމާލަށް އައިސް އަނިޔާކޮށް ތަޅާން އެޤައިދީ އުޅެގަންނަކަމަށްވެސް އެނޯޓުގައި ވެއެވެ.  އަދި އެނޯޓުގައި ބުނަނީ އެޤައިދީ ރުޅިއައިމާ ކުނިވެފައި ހުންނަ ކާތަކެތި ގޮޅިން ބޭރަށް އުކާ ކަމަށާއި، ބޭސް ގެނެސްދިނަސް، އެކައިތޯ ބަލާނެ މީހަކު ނެތް ކަމަށެވެ.
އެ ޤައިދީއަަކީ ހަކުރު ބަލި ހުންނަ މީހެކެވެ. އެކަމަކު ހަކުރު ބަލީގެ މީހުންގެ ކޮއްތު އޭނާއަށް ކަމަކު ނުދެއެވެ. އެހެންވީމާ ކާއެއްޗެތި ގެންގޮސްދޭ ޤައިދީން، އޭނާއަށް ދެނީ އާދައިގެ އެހެން ޤައިދީންނަށްވެސް ދޭ ކާނާ ކަމަށާއި، އޭރުން އޭނާ މައިތިރިކޮށް ބަހައްޓަން ފަސޭހަވާ ކަމަށް ނޯޓުގައި ލިޔެފައި އޮތް ކަމަށް ޝަހުޒާން ތަފްޞީލު ދެއްވިއެވެ. ޝަހުޒާން ދުށް މިންވަރުންނަމަ، އޭނާ ވަކިން އެކަހެރިކޮށްފައި ބެހެއްޓުން ރަނގަޅެއް ނޫނެވެ. އޭނާއަށް ސައިކިއޭޓްރިކް ފަރުވާ ބޭނުންވެއެވެ.
ޝަހުޒާން ބުނަނީ ޑަކްޓަރަކަށް ދައްކާން ބުންޏަސް އެކަމަށް ޖަލުގެ ފަރާތުން މާކަ ބޮޑު ސަމާލުކަމެއް، ފަރުވާލެއް ނުބަހައްޓާ ކަމަށެވެ. ކާއެއްޗެތި ގެންގޮސްދޭ ޤައިދީންކުރެ އެކަކުގެ ފައި ހުރީ ނުހަނު ބޮޑަށް ދުޅަ ވެފައެވެ. އެފަޔައިގެން ފަރުވާލެއް ނުލިބި އުޅޭތާ 3 މަސްވެފައިވާ ކަމަށް އޭނާ ޝަހުޒާނަށް ކިޔައިދިނެވެ. ޑަކްޓަރަށް ދައްކައިދިނުމަށް އޭނާ ތަކުރާރުކޮށް ޖަލު އޮފިސަރުން ގާތު އެދުނު އަޑު އިވިފައިވާކަމަށް ޝަހުޒާން ކިޔައިދެއްވިއެވެ. އެންމެ ތަދުބޮޑުވި 3 ދުވަހެއްގައި، ކާއެއްޗެތި ބެހުމުގެ ޑިއުޓީއަށް ނުނިކުމެވުނު ކަމަށްވެސް އޭނާ ޝަހުޒާނަށް ކިޔައިދިނެވެ. އޭނާ ޑަކްޓަރަށް ދެއްކީ ޝަހުޒާންގެ ބަންދުގެ 14 ވަނަ ދުވަހުގެއެވެ.
މާފުށީ ޖަލުގެ މީޑިޔާ އޮފިސަރ އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސްގެ ޑައިރެކްޓަރ އާމިނަތު ޔުސްރީން އަޙްމަދު މި ނޫހުގައި ވިދާޅުވީ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރުގައި އޯޕީޑީގެ ޚިދުމަތް ކޮންމެ ދުވަހަކުވެސް ޤައިދީންނަށް ދޭ ކަމަށާއި، މެޑިކަލް އޮފިސަރ ބަލާފައި، ސްޕެޝަލިސްޓުންނަށް ދައްކާން ޖެހޭ ޤައިދީންނަށް އެފުރުޞަތު ފަހިކޮށްދޭ ކަމަށެވެ. ސްޕެޝަލިސްޓުންނަށް ޤައިދީން ދައްކާން މާލޭ ސަރަޙައްދުގެ ހޮސްޕިޓަލުތަކުން އެޕޮއިންޓުމަންޓަށް އެސަރވިސްއިން އެދުމުން، އައިޖީއެމް ނުވަތަ ހުޅުމާލެ ހޮސްޕިޓަލުން ނަންބަރެއް ލިބުނީމާ، ޤައިދީން ގެންގޮސް ޑަކްޓަރަށް ދައްކައިދޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 
އެގޮތުން 2025 ގައި އެކަނި ޤައިދީން 12،887 ޢާންމު ޑަކްޓަރީ ކޮންސަލްޓޭޝަން އަދި 21609 ސްޕެޝަލިސްޓް ކޮންސަލްޓޭޝަން ކުރިއަށްދިޔަ ކަމަށް ޔުސްރީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ވަކިވަކި ޤައިދީންގެ ޞިއްޙީ މަޢުލޫމާތު ޢާއިލާއަށާއި، ވަކީލުންނަށާއި، ކަމާބެހޭ އެހެން ފަރާތްތަކަށް މެނުވީ ހާމަކުރުމަކީ ކަރެކްޝަންސްއަށް އިޚްތިޔާރު ލިބިގެންވާ ކަމެއް ނޫންކަމަށާއި، އަދި އެއްވެސް ތުހުމަތަކާ ގުޅޭ އޮފިސަރެއްގެ މަޢުލޫމާތު މީޑިޔާއަށްވެސް އަދި ވަކި ފަރުދަކަށްވެސް ދޫކުރުމަކީ ޢަމަލުކުރާ އުޞޫލު ނޫންކަމަށެވެ. އެހެންނަމަވެސް ޖަވާބުދާރީވާންޖެހޭ މުވައްސަސާތަކަށާއި ކަމާބެހޭ އެހެނިހެން ފަރާތްތަކަށުގެ ތަޙްޤީޤުތަކަށް ފުރިހަމަ އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ. ޤައިދީންނާއި ބަންދުގައިވާ މީހުން ރިޕޯޓުކުރާ ޝަކުވާތައް ބަލަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އަދި ނޭަޝަނަލް އިންޓެގްރިޓީ ކޮމިޝަން ހިމޭނޭހެން ޖަވާބުދާރީކުރުވާ މުވައްސަސާތަކުން ކަމަށް އޭނާ މަޢުލޫމާތު ދެއްވިއެވެ.

ކާބޯތަކެތީގެ ސާފުތާހިރުކަން

މާފުށީގައި އޭނާ ހޭދަކުރި 15 ދުވަހުގެ ތެރޭގައި ކާން އެކަށީގެން ނުވާ ވަރުގެ އެތައް ބާވަތެއްގެ ކާނާގެ ތަޖުރިބާ ޝަހުޒާން ކޮށްފައިވެއެވެ. 
އެކި ވަގުތުތަކުގައި ޤައިދީންނަށް ކާން ލިބެނީ އެކި ބާވަތުގެ ކާނާއެވެ. ހެނދުނަށް ތަރުކާރީ ރިހައެވެ. މެންދުރަށް މުގު ރިހައެވެ. ސަޔާއި ހެދިކާ ހަވީރަށެވެ. ރޭގަނޑަށް މަސް ރިހަ އާއި ރޮއްޓެވެ. ފެންވަރު ދެރަވެފައި ރަހަ ނުބައެވެ. މިސާލަކަށް މުގުރިހަ ހުންނަނީ ވަރަށް ފެންކޮށެވެ. އެހެންވީމާ ހަށިގަނޑަށް ލިބޭ އެތިކޮޅު މަދެވެ. މަސް ރިހަ ކައްކާފައި ހުންނަނީ ޒަމާންގަނޑަކަށް ގަނޑުކޮށްފައި ހުންނަ މަހުންނެވެ. އަތް ޖެހުނީމާވެސް ކަހައެވެ. ކައްކާން ބޭނުންކޮށްފައި ހުންނަނީ ކުނިވެފައި ހުންނަ ތަކެއްޗެވެ. ހަމަ ރީތިކޮށް އަނދާފައި އޮތް އަލުއްވެއް ރިހަ އެތީގެ ތެރެއިން ފެނުނެވެ. ޤައިދީންނަށް ހެނދުނުގެ ނާސްތާއަށް ގެންނަ މަސްހުނި ކެއުން ހުއްޓާލިތާ ދެތިން މަސް ވެއްޖެއެވެ. އޭގެން ފުޅަ ފެނިގެންނެވެ. ރޮއްޓާއި ބަތް މެނުވީ ދިރޭ ފަދައަކުން ހުރި އެއްވެސް އެއްޗެއް ނެތެވެ.
ގޮޅިތަކުގެ ކައިރިއަށް ރިހަ ތެލި ގެންނަނީ މަތި ނާޅައި ހުންނަ ބާލިދީތަކެއްގައި، ވީލްބަރޯގައެވެ. މަތި ނާޅައި ހުންނާތީ މެހިގަނޑު ކާއެއްޗެތީގެ މަތީގައި އޮލަވެފައި އޮވެއެވެ. މުޅި ޔުނިޓުގައި މަދިރިއާއި މީދަލާއި ހޯނާއި ކުރައްޕެވެ. އެއް ފަހަރު ބޭނުންކޮށްފައި އަނެއް ފަހަރު ރިހަ އަޅައިގެން ގެންނަނީ ދޮވެފައި ކަމެއް ޤައިދީންނަކަށް ޔަޤީނެއް ނޫނެވެ.
މީގެއިތުރުން، ޝަހުޒާން ކިޔައިދެއްވި ގޮތުގައި ޤައިދީންގެ ސާފުތާހިރުކަމުގެ ޙާލަތު ހުރީ ދަށު ދަރަޖައެއްގައެވެ. ޖަލުން ދޭ ސައިބޯނި ބުރީގެ ފެންވަރު ދެރަކަމުން، ދެތިން ފަހަރު ފެންވަރާ އިރުވެސް ގައިވަހާއި ދާ ވަސް ނުފިލައެވެ. ދީފައި އޮންނަނީ ކިރިޔާ ބާރުލާ އިރަށް ބިންދައިގެންދާހާ ދެރަ ދަތްއުނގުޅާ ބުރުހެކެވެ. ދޭ ރޭޒަރުގެ ތުނިކަމާއި މޮއްކަމުން އިސްތަށި ބޭލެނީ ނަހަމަކޮށް، ތަންތަން ގަނޑުންނެވެ.
އުޞޫލެއްގެ ގޮތުން ޙުކުމް ތަންފީޒުކުރާ ޤައިދީންނަށް މިއަށްވުރެ ފެންވަރު ރަނގަޅު ތަކެތި އަގުދީފައި ގަނެވޭނެއެވެ. ޖަލުގެ ސްޓޯރަށް އޯޑަރު ދީގެންނެވެ. ޢާއިލާއިން އެޤައިދީއެއްގެ އެކައުންޓަށް ފައިސާ ޖަމާކުރުމުން، ޤައިދީންނަށް ގަނެވޭނެ ތަކެތީގެ 7 ގަނޑުގެ ލިސްޓެއް އޮވެއެވެ. މާތުރަ، އެލިސްޓުގައިވާ އެހެނަސް، ސްޓޮކްގައި ނެތް ތަކެތީގެ ލިސްޓު ތިންހަތަރު ގަނޑަށް ދެމެއެވެ. އޭގެ ތެރޭގައި ޝޭންޕޫ، ޝަވަރ ޖެލް އަދި ޑިއޯޑަރަންޓް ހިމެނެއެވެ. އެތަކެތި ނެތްތާ ހަތެއްކަ މަސް ވެއްޖެއެވެ. ހަމަ ޔަޤީނުންވެސް ސްޓޮކްގައި ހުންނަ އެއްޗަކީ ދުންފަތެވެ. އެންބަރ ލީފް ބޮނޑިތަކާއި ސިނގރޭޓު ފޮށިތަކާއި ރަށު ބިޑި ކޮންމެ ހަފުތާއަުވެސް މުޖައްރިބުކަމާއެކު ސްޓޮކްގައި ހުރެއެވެ. މާފުއްޓަކީ މާދުރުން ވަކިން އޮންނަ ރަށެއްކަމަށް ނުވުމާއެކު، ސާފުތާހިރުވުމުގެ ސާމާނު ނުލިބެނީ ސަޕްލައި ކުރެވޭނެ ގޮތެއް ނެތިގެން ނުވަތަ ނުވެގެން ކަމަށް ޤައިދީން ޤަބޫލެއް ނުކުރެއެވެ. އަދި ކިއެއްތަ، އެމީހުން ދެކެނީ އެއީ ޤަސްދުގައި ރާވާފައި އޮންނަ ގޮތެއް ކަމަށެވެ.
ޔުސްރީން ވިދާޅުވަނީ އަސާސީ ސާފުތާހިރުކަމުގެ ސާމާނު ޤަވާޢިދުގައި ބަޔާންކުރާ ހަމައިން ޤައިދީންނަށް ފޯރުކޮށްދޭ ކަމަށާއި، ޤައިދީންނާއި ބަންދުގައި ތިބޭ މީހުން ބޭނުން ނަމަ ސްޓޯރުން ތަކެތި ގަނެވޭނެ ކަމަށެވެ. އަދި ޢާންމުގޮތެއްގައި ސްޓޯރުގައި އެކަށީގެންވާ ސްޓޮކެއް ހުންނަ ކަމަށާއި، ބައެއް ފަހަރު ވަގުތީގޮތުން އެއްޗެއް ނުލިބި ހިނގައިދާނެ ކަމަށެވެ. ކާބޯތަކެތީގެ ފެންވަރާމެދު ކަރެކްޝަންސް އަށް ޝަކުވާ ލިބިފައިނުވާކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

އެނޯޓުތައް އަތުނުލެވިގެން އުޅުނީ ކީއްވެ؟

ޝަހުޒާން ދޫކޮށްލީ އަޟްޙާ ޢީދު ދުވަހުގައެވެ. ޖަލުގައި ލިޔުނު ތަކެތިން ގަނޑުތައް ވީދާލައި ވަކިކޮށްލައިގެން އެ ހިފައިގެން ނުކުންނާން ޝަހުޒާން ހުރީ ތައްޔާރަށެވެ. ގޭޓު ދޮށުން އާދަމް ޝަރީފް ކިޔުނު އޮފިސަރަކު ޝަހުޒާން ހުއްޓުވައިފިއެވެ. ނޯޓުތައް ޗެކުކުރަން ބޭނުންކަމުގައި ބުނެ، އަތުލައި، ކިޔާން ފަށައިފިއެވެ. އެވަގުތުވެސް ޝަހުޒާން އެކަމާ އިޢުތިރާޟް ކުރިއެވެ. އެ ގަނޑުތަކުގެ ތެރޭގައި އޭނާގެ އަނބިމީހާއަށާއި ކުދިންނަށް ލިޔެފައިވާ ޒާތީ ތަކެތި ހިމެނެއެވެ. އޭގެ އިތުރުން ނޫސްވެރިއެއްގެ ޙައިޘިއްޔަތުން އޭނާގެ އެލިޔެކިޔުމުގައި ޙައްސާސް މަޢުލޫމާތު ހުއްޓެވެ. އެ ނޯޓުތައް ހިފައިގެ ޖަލުން ނުނިކުމެވޭނެ ކަމަށާއި، ގެންދެވޭނީ ޖަލުން ދީފައިވާ ރަސްމީ ލިޔެކިޔުން އެކަނި ކަމަށް އާދަމް ޝަރީފު އެންގިއެވެ.
ޝަހުޒާންގެ އިޢުތިރާޟް ވަރުގަދަ ކުރިއެވެ. އޭނާގެ ނޯޓުތައް އަތުލުމުގެ ބާރާއި އިޚްތިޔާރު ލިބިދެވެނީ ކޮން ޤަވާޢިދެއް، ޤާނޫނެއްގެ ދަށުންތޯ އޮފިސަރު އާދަމް ޝަރީފު ކުރެން ޝަހުޒާން އަހައިފިއެވެ. އޭނާއަށް ޖަވާބެއް ނުދެވުނެވެ. ޒުވާބު ގަދަވުމުން ވެރިޔަކަށް ހުރި ބޭފުޅަކާ ވާހަކަ ދައްކާން ބޭނުންކަމުގައި ބުނެ ޝަހުޒާން ރައްދު ދިނީމާ، ވެރިޔަކަށް މިހުރީ ތިމަންނާކަމުގައި އާދަމް ޝަރީފު ބުންޏެވެ. ނަމަވެސް ޝަހުޒާން އަޑުގަދަ ކުރަން ފެށީމާ ގޭޓު ދޮށަށް އެހެން އޮފިސަރުންވެސް އެއްވެއްޖެއެވެ. ޝަހުޒާން ބޭނުންވީ ވެރިޔަކަށް ހުންނަ އަމީން ކިޔާ އޮފިސަރާ ބައްދަލުވާށެވެ. އަމީންގެ އެންގުމަށް ޝަހުޒާން އެނޯޓުތަކާއެކު ގޭޓުން ނެރުނެވެ.
އެހިސާބަކުން ނިމުނީއެއް ނޫނެވެ. ދެން ޝަހުޒާންގެ އަތުގައި ބިޑިއަޅުވައި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ލޯންޗެއްގައި މާލެ ގެނެސްފިއެވެ. މިއީ ޤާނޫނާ ޚިލާފު ކަމެއްކަމުގައި ޝަހުޒާން ބުނެއެވެ. އެގޮތީ ދޫކޮށްލަން ދާ މީހާ އެހެރީ ޙުކުމް ތަންފީޒުކޮށް ނިމިފައެވެ. އޭނާ އެހިނދު އެހެރީ މިނިވަނެއްގެ ގޮތުގައެވެ. މިއީ ބަންދެއްގައި ހުރި މީހަކު ތަނަކަށް ގެންދަނީއެއް ނޫނެވެ.
މާލލެއިން ކަރެކްޝަނަލް ސަރވިސްގެ އުޅަނދެއްގައި، ފުލުސް އުޅަނދެއް ފަހަތު ލައިގެން ދެން ގެންދިޔައީ ހުޅުމާލެ ޖަލަށެވެ. އެތަނުގައިވެސް އޮފިސަރުން ޝަހުޒާންގެ ނޯޓުތައް އަތުލައި ބެލިއެވެ. އެޖަލުގެ ވެރިއަކަށް ހުރީ ޝިފާޢު ކިޔާ ބޭފުޅެއްކަމަށް ޝަހުޒާން ބުނެއެވެ. ނޯޓުތަކާ ނުލައި ނުނިކުންނާނެ ކަމަށް ޝަހުޒާން އޮފިސަރުން ގާތު ބުންޏެވެ. އޮފިސަރުން ބުނަނީ ނޯޓުތައް ހިފައިގެން ނުދޭވެ ކަމަށެވެ. ތިޔަ އުޅުއްވަމީ އޮޅުމެއް އަރައިގެން ކަމަށާއި، 15 ދުވަހުގެ މުއްދަތު ހަމަވުމުން ދޫކޮށްލައި، މިނިވަން ކުރުމަކީ ކަރެކްޝަނަލް ސަރވިސްގެ ޒިންމާއެއްކަމަށް ޝަހުޒާން ބުންޏެވެ. ވަކި ހިސާބަކުން ނޯޓުތަކާއެކު ދޫކޮށްލާން އެއްބަސްވެއްޖެއެވެ.
ކަރެކްޝަނަލް ސަރވިސްގެ އިންފޮމޭޝަން އޮފިސަރ ޔުސްރީމް ވިދާޅުވީ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބަންދުކުރި މީހެއްގެ ލިޔެކިޔުން އޮފިސަރުންނަށް ބެލިދާނެ ކަމަށެވެ. ގޮޅިތަކުގައި ހުރި އެޤައިދީއެއްގެ އެއްޗެއް މިނިވަންވާއިރު ނުގެންދެވެނީތޯއާމެދު ކުރި ސުވާލަކަށް އޭނާ ކޮމެންޓެއް ނުކުރައްވައެވެ.
ކަންމިހެން އޮތްއިރު، މޭ 28 ގައި ހޯމްލޭންޑް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވީ ޝަހުޒާންގެ ތަޖުރިބާކަމަށް އޭނާ އެބުނާ ވާހަކަތަކަކީ ”100 ޕަސަންޓް ދޮގު“ ކަމަށާއި، ޝަހުޒާން އާއި ލީވާން ތިބި ގޮޅި ދަންވަރުގެ ވަގުތެއްގައި ބަލައި ފާސްކުރީ މޯބައިލް ފޯނެއް އެގޮޅިން ފެނިގެން ކަމަށެވެ. ޝަހުޒާން ނިދަން އޮއްވާ ނިދާ އައްޓާއި ގޮލީގެ ފާރަކުން ބައެއް ތެޅިކަމަށް ޝަހުޒާން ބުނާ ބުނުން މިނިސްޓަރ ދޮގެއް ނުކުރައްވައެވެ. 

މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ

ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ

އެއްފަހަރު ދެއްވާ

ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން