ދީނީ ހަރުކަށި ވިސްނުންބާ ނުވަތަ ދީން ހަތިޔާރަކަށް ހަދަނީބާ؟
ރައީސް މުޢިއްޒު އުޅުއްވާތަން ފެންނަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން ދީނާއި ޘަޤާފަތު "ހިމާޔަތްކުރުމުގެ" ބުރެއްގައެވެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
18 ޖެނުއަރީ
ވޭތުވެދިޔަ ހަ ހަފްތާގެ ތެރޭގައި ސަރުކާރުން އެވަނީ އެތައް ދަހަރެއް ވެފައިވާ އަންހެން ކުދިންގެ ސްކޫލް ޔުނީފޯމަށް ބަދަލު ގެނެސްފައެވެ. މިހާރު އެކުދިން ސްކާޓްގެ ދަށުން ހަރުވާޅު ލުން މަޖުބޫރެވެ. މިއާއެކު ސިވިލް ސާވިސްގައި ޚިދުމަތްކުރާ އަންހެނުން ހެދުން އެޅުމުގެ އުޞޫލަށްވެސް އިތުރު ހަރުކަށިކަން ގެނެސްފައި ވެއެވެ. މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކެމްޕޭން ޙަރަކާތެއްގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ގެސްޓްހައުސް ހުންނަ ރަށްރަށުގައި ތިބޭ ފަތުރުވެރިންގެ ހެދުމާއި ސުލޫކު ހުންނާންޖެހޭ ގޮތުގެ އާ އުޞޫލުވެސް ތަޢާރަފުކުރައްވާނެ ކަމަށެވެ.
ޤަވާއިދާ ޚިލާފަށް ބަނގުރާ ވިއްކަމުންދާ ކަން ފާހަގަކުރައްވާ، ރައީސް ޑރ މުޢިއްޒު ހަމަ އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށާ ކިލޯމީޓަރެއްގެ ބޭރުން މެނުވީ ސަފާރީ އުޅަނދުތައް ބަނދަރު ނުކުރެވޭނެ ގޮތަށް ޤަވާއިދުތަކަށް އިޞްލާޙްގެންނަވާނެ ކަމަށާއި، ސެކިއުލާރ އެޖެންޑާތަކަށް ތަން ނުދެއްވާނެ ކަމަށެވެ.
"ދީނާ ޚިލާފު ކަންކަމަށް ހިތްވަރުދޭ ސިޔާސީ ފިކުރުތަކަށް" ދިވެހިރާއްޖޭގެ "ސައްތައިންސައްތަ އިސްލާމީ މުޖުތަމަޢު" ގައި "ޖާގައެއް" ދީގެން ނުވާނެ، އެމަނިކުފާނު ވިދާޅުވިއެވެ.
އާ ޤަވާއިދުތައް ތަންފީޛުކުރުން ސިޓީ އަދި ރަށު ކައުންސިލްތަކާ ޙަވާލުކުރެވޭނެ ކަން ހާމަކުރައްވާ، އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަންކުރާ ޕާޓީގެ ކެންޑިޑޭޓުންނަށް ތާޢީދު ކުރުމަށް ވޯޓުލާ މީހުންނަށް ރައީސް އިލްތިމާސް ކުރެއްވިއެވެ. އަދި އޮންލައިން ކޮށް ޖުވާކުޅުން ކުށަކަށް ހަދައި، މާލޭގައި ޤަވާއިދާ ޚިލާފަށް ހިންގާ 104 މަސާޖު ޕާލާ ބަންދުކޮށް، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދޭން ޤާނޫނަށް ބަދަލު ގެންނަވާފައިވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، 2009 ގެ ކުރިން ދެޖިންސު ވަކިކޮށް ކިޔަވައިދެމުން ދިޔަ ދިއުން އިޔާދަކޮށް، ރައީސް މުޙައްމަދު ނަޝީދުގެ "ސެކިއުލާރ" ފަލްސަފާގެ ދަށުން ގެނައި އިސްލާމްދީނާއި ދިވެހި ޘަޤާފަތާ "ބީރައްޓެހި" ސިޔާސަތުތައް ނައްތައިލުމަށް ޢިލްމުވެރިންގެ ޖަމްޢިއްޔާއެއް ކަމަށްވާ "ޢިލްމުވެރިންގެ ގުޅުން"ގެ ފަރާތުން ގޮވައިލިތާ ދެތިން ދުވަސް ފަހުންނެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ އިސްމާޢިލް ޝަފީޢު "ސަން" އަށް ވިދާޅުވީ ދެޖިންސު ވަކިވަކިން ކިޔަވައިދިނުމުގެ މޮޑެލް އަލުން ތަޢާރަފް ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށެވެ.
މީގެ އިތުރުން ބުރާސްފަތި ދުވަހު އެޖަމްޢިއްޔާ އިންވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޖަލްސާއެއްގައި ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ދެއްކެވި ވާހަކަތަކާއި ގުޅިގެން ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމު އަދާކުރައްވާފައިވާ މޫސާ މަނިކު ދެއްކެވި ވާހަކައިގައި ދީނީ ޢިލްމުވެރިންގެ ނަމުގައި ނުކުމެ ތިބެ ދީން ސިޔާސީ ހަތިޔާރަކަށް ބޭނުން ކުރަމުންދާ ކަމަށާއި، ގިނަ ދީނީ ޢިލްމުވެރިން ތިބީ މުރުތައްދުންގެ ފެންވަރުގައި ކަމަށް ވިދާޅުވިއެވެ. ފަތުވާ ކޮމިޓީ ހިމެނޭހެން ދީނީ ޢިމްލުވެރިންނަށް އޭނާ ގޮންޖެއްސެވިއެވެ.
ކައުންސިލް އިންތިޚާބުގެ ތިން މަސް ދުވަހަށް ވެފައި ވަނިކޮށް ރައީސް މުޢިއްޒުގެ ފަރާތްޕުޅުން ފެންނަމުންދަނީ އިސްލާމް ދީނާއި ދިވެހި ޘަޤާފަތުގެ ޙިމާޔަތުގައި ކަމަށް ވިދާޅުވެ، ތަންފީޛުކުރައްވަމުން ގެންދަވާ ސިޔާސަތު ތަކެކެވެ. ކަންމިހެން ހުރުމާއެކު، މިއީ ދީނީ ވަކި ފިކުރިއްޔާތެއްގެ ޕްރޮމޯޝަންގައި ކުރައްވާ ކަމެއްތޯ ނުވަތަ ދީން ހަތިޔާރަކަށް ހައްދަވައިގެން "ދީނީ ކާޑު ކުޅުއްވަނީ"ތޯ ޢާންމުންގެ މެދުގައި ސުވާލު އުފެދިފައި ވެއެވެ.
ފާޑުކިޔުންތެރިން ބުނާ ގޮތުގައި އެއީ އިހުވެސް ބޭނުންކުރި މަކަރާއި ޙީލަތުގެ އުކުޅެކެވެ؛ ދީނީ ޝިޢާރުތައް ފާޅުކޮށް، އިސްލާމްދީނުގެ ދިފާޢުގައި ކަމަށް ދަޢުވާކޮށް، އިދިކޮޅަކީ ލާދީނީ ބައެއްކަމުގައި ސިފަކޮށްގެން ވޯޓު ހޯދުމުގެ އުކުޅެވެ. މިއީ 2008 ވަނަ އަހަރުން ފެށިގެން ކޮންމެ އިންތިޚާބެއްގައި އެމްޑީޕީއާ ދެކޮޅަށް ބޭނުންކުރާ އުކުޅެއް މެއެވެ. ނަމަވެސް ސަރުކާރުން ބުނަނީ މިއީ ސިޔާސީ އުކުޅެއް ނޫންކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވަނީ ދާދިފަހުން މާލޭގެ އަވަށްތަކުގެ ރައްޔިތުންނާއެކު ބޭއްވި ޢާންމު ޚިޔާލު ފާޅުކުރުމުގެ ބައްދަލުވުންތަކުގައި ޢާންމުން ފާހަގަކޮށްފައި ހުރި ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައި ދެއްވާން ކަމަށެވެ.
ކަރޓިން ޔުނިވާސިޓީގެ ސެންޓަރ ފޯރ ހިއުމަން ރައިޓްސް އެޑިއުކޭޝަންގެ ލެކްޗަރާރ އަދި "އިސްލާމް އެންޑް ޑިމޮކްރަސީ އިން ދަ މޯލްޑިވްސް" ގެ މުޞައްނިފު ޑރ ޢާޒިމް ޒާހިރު ވަނީ ދީނީ އެޖެންޑާއާއި ދީން ހަތިޔާރަކަށް ބޭނުންކުރުމީ ދެކަމެއް ގޮތުގައި ދުށުމުގެ ނުރައްކާތަކަށް ޢިޝާރާތް ކުރައްވާފައެވެ.
މޯލްޑިވްސް އިންޑިޕެންޑެންޓަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ މިސިޔާސަތު ތަކުގެ ފަހަތުގައިވާ ސަބަބާއި ނިޔަތާމެދު ވާހަކަދެއްކުމުގެ ބަދަލުގައި، ބޭނުން ބޮޑީ އެސިޔާސަތުގެ ނަތީޖާއާމެދު ވިސްނުން ހިންގުން ކަމަށެވެ. "މުޢިއްޒުގެ އޮތީ ކޮންޒަވޭޓިވް އިޖުތިމާޢީ އެޖެންޑާއެއްކަން އެބަ އެނގޭ، މި ސިޔާސަތުތަކުގެ ސަބަބުން އިންތިޚާބުތަކުގައި އިތުރު ވޯޓު ލިބޭނެ ގޮތެއް އަޅުގަނޑަކަށް ޔަޤީނެއް ނުވޭ، އިންތިޚާބުތަކުގައި ވޯޓަށް އަސަރު ފޯރުވަނީ ލޯކަލް ލެވެލް ޑައިނަމިކްސް އާއި ޕާޓީ ސިސްޓަމް ލެވެލްގައި ހިންގާ ޙަރަކާތްތަކުން،" އޭނާ ވިދާޅުވިއެވެ.
އެ ސިޔާސަތުތައް
ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ސްކާޓް އިޚްތިޔާރުކުރާ ޢުމުރުން ނުވަ އަހަރުން މަތީގެ އަންހެން ކުދިން އަޑިން ހަރުވާޅު ލާންޖެހޭނެ ކަމަށް އިޢުލާން ކޮށްފައެވެ. އާ ޔުނިފޯމް ކޯޑު ބުނާގޮތުން މަތިން ލާ ގަމީސް ހުންނާންޖެހޭނީ ގަޔަށް ދޫކޮށް، ބުޑު ނިވައިވާހައި ދިގު ކޮށެވެ. ސްކާޓް ނުލާނަމަ ދަށަށް ޖެހުން މަނަލެވެ.
ގްރޭޑް ނުވައަކުން މަތީގެ ފިރިހެން ކުދިންގެ މަތިމަހާއި ތުނބުޅި އެއްވަރެއްގެ ދިގުމިނެއްގައި ކުރުކޮށް ބެހެއްޓުމުގެ ހުއްދަ އޮންނާނެއެވެ. ތުނބުޅި ބެހެއްޓުމަކީ އެންމެ ހަރުކަށި އިސްލާމީ ފިޤުޙުވެރިންގެ އަރިހުގައި ވާޖިބެކެވެ. ނުވަތަ އެމައްޗަށް ނުހަނު ބާރު އެޅިގެންވާ، ފިރިހެންވަންތަކަމުގެ ރަމްޒެކެވެ.
މީގެ އިތުރުން ޑިސެމްބަރު 30 ވަނަ ދުވަހު ސިވިލް ސާވަންޓުންނަށް ފާސްކުރި އާ ހެދުން އެޅުމުގެ އުޞޫލުގައި އަންހެނުންގެ ސްކާޓްގެ ދިގުމިނާއި މޭމައްޗާއި އުނަގަނޑު ނިވާވުމާއި އަތުކުރީގެ ދިގުމިނަށް ދާންދެން ކަނޑައަޅާފައިވެއެވެ. އެ އުޞޫލު ބުނާގޮތުން ބުރުގާ ނާޅައި އަންހެނުންނަށް ކަޅުކުލަ ނޫން އެހެން ކުލައެއް އިސްތަށިގަނޑުގައިޖެއްސުން މަނަލެވެ. އަންހެން މުވައްޒަފުން ފައިގެ ކަކުލުގެ ދިގުމިނަށްވުރެ ކުރު ހެދުމެއް ނުވަތަ ސްކާޓެއް ލައިގެން ނުވާނެއެވެ.
އެ ހެދުމުގެ ފޮއްޗަކީ "އޮފީސް މާޙައުލަށް އެކަށީގެންވާ ފޭރާމެއް" ކަމަށް ވުން ލާޒިމެވެ. އަތްކުރި ހެދުމެއް ނަމަވެސް، ކޮނޑާއި އުނަގަނޑާ މެދުވާ ހިސާބަށްވުރެ ކުރުވެގެން ނުވާނެއެވެ. ހެދުމެއް، ގަމީހެއް ނުވަތަ ސޫޓް ޖެކެޓެއްގެ މަތީބުރި، ގިރުވާން ހުޅުވިފައި ހުރިނަމަ، އަތްއުފުލާލީމާ ބަނޑުން ނުވަތަ ބުރިކަށިން ނުވަތަ އުނަގަނޑުވެސް ނަމަވެސް އެއްވެސް ތަންފުކެއް ފެންނަ ވަރަށް ހުރެގެން ނުވާނެއެވެ.
ރާއްޖޭގައި ގާތްގަނޑަކަށް 30،287 ސިވިލް ސާވަންޓުން އެބަތިއްބެވެ. އޭގެ ތެރެއިން 67.5 އިންސައްތައަކީ އަންހެން މުވައްޒަފުންނެވެ.
ހެދުން އެޅުމުގެ އާ އުޞޫލާ ދެކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެގެން އައީ ސޯޝަލް މީޑިޔާގައެވެ. އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ރައީސް ކުރީގެ މަޖިލިސް މެމްބަރު ރޮޒައިނާ އާދަމް ސުވާލު އުފެއްދެވީ ސިވިލް ސާވަންޓުންނަށް ރައްޔިތުންނަށް އެކަށީގެންވާ ގޮތަށް ޚިދުމަތް ނުދެވިގެން އުޅޭއިރު، ސިވިލް ސާވިސް ކޮމިޝަނުން އަންހެންވެރިންގެ ހެދުމާ "އަޅައިގަނެގެން" އުޅެނީ ކީއްވެގެންތޯއެވެ.
ބޮލުގައި ކުލަ ނުޖައްސާ، ދަށަށް ނުޖަހާ އަދި ކުރު ސްކާޓް ނުލާ އަންހެން މުވައްޒަފުން މާ ރަނގަޅަށް މަސައްކަތް ކުރާ ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ދިރާސާއަކުން ދެއްކީތޯވެސް އޭނާ ސުވާލު އުފެއްދެވިއެވެ.
މޯލްޑިވްސް އިންޑިޕެންޑެންޓްގައި ލިޔުއްވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ އާ ހެދުން އެޅުމުގެ އުޞޫލު ސިފަކުރެއްވީ "ދައުލަތުން ސްޕޮންސާރކޮށްގެން ހިންގާ ފުރައްސާރައެއް"ގެ ގޮތުގައެވެ. ކޮރަޕްޝަނާއި ރިޝްވަތާއި ފެންވަރު ދެރަ ޚިދުމަތްތަކުގެ ޝަކުވާ ދިގު ޒަމާންތަކެއް ވަންދެން ޢާންމުން ކުރަމުން އަންނަ ކަމަށާއި އެއިން އެއްވެސް ކަމަކަށް އިޞްލާޙީ ފިޔަވަޅު އެޅުމުގެ ވިސްނުން ނުގެންގުޅޭއިރު، އަންހެނުންގެ ހަށިގަނޑާއި ހެދުން އެޅުމާ ބެހިގަންނާން ކޮމިޝަނުން ހަލުވިކަމާއެކު ފިޔަވަޅު އަޅާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ހޯމަ ދުވަހުގެ ރޭ ދައުލަތުގެ ޓީވީގެ ޕްރޮގްރާމަކަށް ޙާޟިރުވެ ސިވިލް ސާވިސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ ސަޢީދު ވަނީ ހެދުން އެޅުމުގެ އާ އުޞޫލު ދިފާޢުކުރައްވައި، ޢާންމުންގެ ކަންބޮޑުވުމާއި ނުރުހުމުގެ ފަހަތުގައިވަނީ މީޑިޔާއިން ކުށްކޮށް މި އުޞޫލުގެ ޚަބަރު ރިޕޯޓުކޮށްފައިވުން ކަން ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ އާ އުޞޫލުން މަނާކުރީ ހަށިގަނޑުގެ ވަނާތައް ފާޅުވާފަދަ ބާރު ހެދުންލުން ކަމަށާއި، ރަތާއި، ދަނބުފަދަ ގަދަ، ތަބީޢީ ނޫން ކުލަ ބޮލުގައި ޖެއްސުން ކަމަށެވެ. އަދި ހަށިގަނޑުގެ ވަނާތައް ފާޅުކޮށް، ހާމަކުރުމަކީ "ދީނީ ނަޒަރަކުން ވެސް ރަނގަޅު ކަމެއް ނޫން" ކަމަށް ޢަބްދުﷲ ސަޢީދު ވިދާޅުވިއެވެ.
މި ބަދަލުތަކަކީ ސިވިލް ސާވަންޓުންގެ ހެދުން އެޅުމާއި "އިޖުތިމާޢީ ގޮތުން ބަލައިގަނެވޭ ސުލޫކީ މިންގަނޑުތަކާ" އެއްކީލި ކުރުމަށް އެޅި ފިޔަވަޅެއްކަމަށް އެކޮމިޝަންގެ ކައުންސެލް ޖެނެރަލް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ. ޖަމާޢީ ގޮތެއްގައި މުވައްޒަފުން މިބަދަލުތައް ބަލައިގަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެމްޕެއިން މެނޭޖަރަށް އަދި ރައީސްގެ ތަރުޖަމާނަށް ގުޅުމުންވެސް ފޯނަށް ޖަވާބެއް ނުދެއްވައެވެ.
އެމްޑީޕީގެ އިންތިޤާލީ ޗެއާޕާސަން ވަނީ މި މަޢުޟޫއުގައި އެއްޗެއް ވިދާޅުވާން ދެކޮޅު ހައްދަވާފައެވެ. "އަޅުގަނޑުމެން ދެކޮޅު ނަމަ ބަޔާނެއް ނެރޭނަން،" މޯލްޑިވްސް އިންޑިޕެންޑެންޓުގައި ޢަބްދުލް ޣަފޫރު މޫސާ ވިދާޅުވިއެވެ.
ޖެނުއަރީ 3 ވަނަ ދުވަހު އެމްޑީޕީގެ އަންހެނުންގެ ރޫޙުންވަނީ ހެދުން އެޅުމުގެ އާ އުޞޫލަކީ އަންހެން މުވައްޒަފުންގެ ޒާތީ މިނިވަންކަމަށް އަރައިގަތުން ކަމަށް ސިފަކޮށް، އެ ބަދަލުތައް ކުށްވެރި ކޮށްފައެވެ. އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ބަޔާނުގައި ވަނީ އަންހެނުންގެ ހެދުމުގެ ދިގުމިނާއި އިސްތަށިގަނޑުގެ ކުލަ ރެގިއުލޭޓް ކުރުމަކީ ޕްރޮފެޝަނަލިޒަމާ އެއްވެސް ގުޅުމެއް ހުރިކަމެއް ނޫންކަން ފާހަގަކިށް، އެ ޤަވާއިދު ސިޔާސީ ޢައްޔަނީންނަށާއި، މިނިވަން މުއައްސަސާތަކަށް ނުވަތަ ދައުލަތުގެ ކުންފުނިތަކަށް ނުހިނގާ ސަބަބާ މެދު ސުވާލު އުފައްދާފައެވެ.
ހުރިހާ ކަމެއްގޮސް ނިމޭ ހިސާބު
ދީނީ އަދި ޘަޤާފީ ހަރުކަށި އާދަތައް ރާއްޖެއަށް ތަޢާރަފުކުރަމުންދާ ކަމަށް ބުނާ ފަރާތްތަކުން ޢިޝާރާތްކުރައްވަނީ 2023 ގެ ރިޔާސީ އިންތިޚާބަށެވެ. ރައީސް މުޢިއްޒުގެ އަނބިކަނބަލުންގެ ބޭބެ އިސްކޮށް ހުންނަވާ ދީނީ ޖަމްޢިއްޔާއެއް ކަމަށްވާ "ޖަމްޢިއްޔަތުއް ސަލަފް" އިން ތާޢީދުކުރަނީ ރައީސް މުޢިއްޒަށް ކަން އިޢުލާން ކުރިއެވެ. އޭރު އެމަނިކުފާނު ވިދާޅުވީ، ދީނީ ހަރުކަށި އުޞޫލުތަކެއް ރާއްޖޭގައި ފަތުރުއްވާން އެޖަމްޢިއްޔާއާއެކު އެއްބަސްވެވަޑައި ނުގަންނަވާ ކަމަށެވެ.
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކްގެ ބާނީ އަދި މިހާރު އިންޓާރނޭޝަނަލް ފެޑެރޭޝަން ފޯ ހިއުމަން ރައިޓްސްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނެވި ޝާހިންދާ އިސްމާޢީލް ވިދާޅުވީ އަންހެނުންނަށް ޚާއްޞަކޮށް އަމާޒުކޮށްގެން ތަޢާރަފުކުރާ ސިޔާސަތުތަކާއި، ލޯކަލް ކައުންސިލް އިންތިޚާބަކީ ވަކި ދެ މައްސަލަކަމަށާއި، ނަމަވެސް އެދެ ކަންތަކުގައިވެސް ރައީސުލްޖުމްހޫރިއްޔާ މަސައްކަތްޕުޅު ކުރައްވަނީ ކޮންޓްރޯލް ނެންގުވުމަށް ކަމަށެވެ.
“އިސްލާމްދީނަށްވުރެ ބާރުގަދަ ވަޞީލަތެއް ކޮބައިތޯ ޢާންމުންގެ ކިޔަމަންތެރިކަމާއި ތަބަޢަވުން ޕްރެޝަރުކޮށްގެން ހޯދުމަށާއި ރައީސް މުޢިއްޒުގެ ރޭވުންތަކާއި ސިޔާސަތުތައް ޤަބޫލުކުރާކަން ކަށަވަރު ކުރުމަށް؟،" އޭނަ ވިދާޅުވިއެވެ.
ދީނީ ސަބަބުތައް މެދުވެރިކުރުވަނީ ބައެއް ކަންކަމުގައި އެކަނި ކަން ފާހަގަކުރައްވާ، ޝަހިންދާ އިތުރަށް ވިދާޅުވީ "އިސްލާމްދީން ވެސް ކޮރަޕްޝަން މަނާކުރޭ – ނަމަވެސް އެއިން ކަމެއް ހަމަ އެއްގޮތަކަށް ބެލޭ ކަމަކަށް ނުވޭ. ދީނަށް ޢަމަލުކުރަނީ ހަމައެކަނި އެކަމުން ސަރުކާރަށް ފައިދާވާ ޙާލަތްތަކުގައި." ކަމަށެވެ.
އަންހެނުންގެ ދިރިއުޅުމުގެ ޙަޤީޤަތްތަކާއި، ޚިޔާރުކުރުމުގެ ފުރުޞަތަށްހަނިކަން ލިބޭ ފަދައިން ސަރުކާރުން އިސްލާމްދީން ބޭނުންކުރަމުންދާ ކަމަށާއި، ބޭނުމަކީ ފިރިހެނުންގެ ބާރާއި ކިޔަމަންތެރިކަމުގެ ދަށުގައި އަންހެނުންގެ ހެދުން އެޅުމާއި، މަސައްކަތްތެރިކަމާއި، ޚިޔާލު ފާޅުކުރުމާއި، ބާރުވެރިކަން އޮބަހެއްޓުން ކަމަށް ތުހުމަތުކުރައްވާ، ޝަހިންދާ ވިދާޅުވީ "މިއީ ދީނީ މައްސަލައެއް ނޫން" ކަމަށެވެ.
"ސަރުކާރާ ސުވާލުކޮށްލައްވާ – މި ނިންމުންތައް ނިންމި މޭޒުދޮށުގައި ތިބީ ކިތައް އަންހެނުންނާއި ކިތައް ފިރިހެނުންތޯ؟" އޭނާ ސުވާލު އުފެއްދިއެވެ.

