އައްޑޫ ހިއްކަން ހުއްދަދިނީ މިނިސްޓަރުގެ ޢަމުރަށް އީއައިއޭ ކުރުގަޅުވާލައިގެން

މިނިސްޓަރ އެންގެވީ ރައީސް މުޢިއްޒު އައްޑޫއަށް ވަޑައިގަންނަވާން ވާއިރަށް، ކޮންމެހެން ހުއްދައިގެ ކަންކަން ނިންމާންޖެހޭނެ ކަމަށް.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

13 ނޮވެމްބަރު
ޢާންމު ސާވޭއެއްގައި ބައިވެރިވި މީހުންގެ ތެރެއިން 60 އިންސައްތައަށް ވުރެ ގިނަ މީހުން ވަނީ އައްޑޫ ސިޓީގައި ޙިމާޔަތްކޮށްފައިވާ ކުޅި ހިއްކުމާ ދެކޮޅު ހަދާފައެވެ. ނަމަވެސް އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤް އިބްރާހިމް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީޕީއޭ)އަށް ޢަމުރުކުރެއްވީ ކޮންމެ ގޮތެއްވިޔަސް އެކަމަށް ހުއްދަ ދިނުމަށެވެ. 
ވަކި ނެތް ސިންގާއެއްގެ ސިފައިގައި މިހާރުވާ އީޕީއޭ އަށް އެންގީ ކަމާބެހޭ ފަރާތްތަކާއެކު ބާއްވާންޖެހޭ ބައްދަލުވުންތަކާއި، ލެބޯޓްރީ ޓެސްޓް ކުރުމުގެ ޝަރުޠުތައް އުނިކުރުމަށެވެ. ތިން ދުވަހުގެ ތެރޭގައި ރަސްމީ ހުއްދަ ޕްރޮސެސްކޮށް، ނިންމުމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ވަޑައިންނަވާއިރު، މަޝްރޫޢު އިފްތިތާޙްކުރެވޭނެ ކަން ކަށަވަރުވާނެ ގޮތަށެވެ. 
ހިތަދޫގެ އިރު އުތުރުގައި އޮންނަ ޙިމާޔަތްކޮށްފައިވާ އީދިގިލި ކިޅި ސަރަޙައްދާއި ޖެހިގެން އޮންނަ ފިޝިމަތި މޫލެކެޑެ ހިއްކުމުގެ މަސައްކަތް ހިންގަނީ ލިންކު ރޯޑަށް އިތުރު ކުރާށެވެ. އެއީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ސިނާން ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން ވެވަޑައިގެންނެވި ކެމްޕޭން ވަޢުދެއް ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރަކު މޯލްޑިވްސް އިންޑިޕެންޑެންޓަށް ވިދާޅުވި އެވެ. "މި މަޝްރޫޢަކީ އެ ސަރަޙައްދުގެ ދެތިން ގޭބިސީއެއްގެ ޑިމާންޑުގެ މައްޗަށް ކުރިއަށް ގެންދާ މަޝްރޫޢެއް. އެ ސަރަޙައްދުގެ ޓްރެފިކް ފްލޯރގެ މައްސަލަތައް ޙައްލުކުރުމަށް އަޅުގަނޑުމެން ކުރިން ބަދަލުތަކެއް ގެނެސްފައި އޮތީ،" ކައުންސިލަރު ވިދާޅުވި އެވެ.
ކޮމެންޓަކަށް އެދި ގުޅުމުން މެމްބަރު ސިނާން ވިދާޅުވީ ފަހުން ގުޅުއްވާނެ ކަމަށެވެ. ފަހަކުން ނުގުޅުއްވައެވެ. ފޯނަށް ޖަވާބެއް ނުދެއްވައެވެ. 
2.4 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ވަންނަނީ ޙިމާޔަތްކޮށްފައިވާ އީދަގިލި ކިޅީގެ 200 މީޓަރުގެ ބަފަރ ޒޯންގެ ތެރެއަށެވެ. ކުޅި ސަރަޙައްދަކީ ވެސް އައްޑޫ ބަޔޮސްފިޔާރ ރިޒާވްގެ ބައެކެވެ. ޙިމާޔަތްކޮށްފައިވާ ސަރަޙައްދާއި އެހާ ކައިރިން ހިއްކާތީ، ބިން ހިއްކުމުގެ ޤަވާޢިދުގެ ދަށުން މި މަޝްރޫޢަށް ޚާއްޞަ ހުއްދައެއް ހޯދަން ޖެހެއެވެ.

ތިން ދުވަހުން ދިން ހުއްދަ

އައްޑޫ ސިޓީ ލިންކް ރޯޑް އަލުން ތަރައްޤީކުރުމާއި ހިތަދޫ މަގު ހެދުމުގެ މަސައްކަތް ރައީސް މުޢިއްޒު މިދިޔަ ބުދަ ދުވަހު (ނޮވެމްބަރު 5) އައްޑޫއަށް ކުރެއްވ ދަތުރުފުޅުގައި ފެއްޓެވިއެވެ.
އޮކްޓޯބަރު 28 ވަނަ ދުވަހު އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤް ވަނީ އީޕީއޭގެ ޗީފް އެގްޒެކެޓިވްޙަސަން މުޙައްމަދަށް ނޯޓެއް ފޮނުއްވައި، މަޝްރޫޢަށް ހުއްދަ ދިނުމަށް ބޭނުންވާ ސްޓޭކްހޯލްޑަރުންގެ މަޝްވަރާތައް ބޭއްވުމަށާއި، ޓެސްޓްތައް ހެދުމަށާއި، ތިމާވެށީގެ އަސަރު ވަޒަންކުރުމުގެ މަސައްކަތް ހިންގާން އަންގަވާފައެވެ. ވަޒީރުންގެ މަޖިލީހުގެ އިޤްތިޞާދީ ކައުންސިލުން ކަނޑައަޅާ "އިސްކަންދޭ މަޝްރޫޢުތަކަށް" ހުއްދަ ދިނުމުގައި ލުއިތަކެއް ދެވޭގޮތަށް، އީއައިއޭގެ ޤަވާޢިދަށް ބަދަލުގެނެސްފައިވާ ކަން މިނިސްޓަރގެ ނޯޓުގައި ފާހަގަކުރެއްވިއެވެ.
ޠާރިޤް ވަނީ ޑޭޓާ އެއްކުރާ ވަގުތު، ސްޓޭކްހޯލްޑަރުންގެ މަޝްވަރާ ހޯދުމުގެ ބައްދަލުވުންތައް ބާއްވަން އީޕީއޭ އަށް ލަފާ ދެއްވާފައެވެ. ސީދާ ބާއްވާ ބައްދަލުވުންތައް ލާޒިމު ނުވާނެ ކަމަށާއި ލިޔުމުން އެދި ހުށަހެޅުމުން ފުދޭނެ ކަމަށާއި، އީއައިއޭ ހުށަހެޅުމާއި ރިވިއު ކުރާއިރު ލެބޯޓްރީ ޓެސްޓްގެ ނަތީޖާ ލިބޭންދެން މަޑުކުރާން ނުޖެހޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ތިމާވެށީގެ ކޮންސަލްޓަންޓް ތައްޔާރުކުރާ އީއައިއޭ ރިޕޯޓް ހުށަހެޅުމުން، ވަގުތުގެ ދަތިކަން ހުރިގޮތުން، ބޭރުގެ، ތިންވަނަ ފަރާތެއް މެދުވެރިކޮށް، އެ ރިޕޯޓު މުރާޖަޢާ ކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށާއި، ދެ ދުވަހުގެ ތެރޭގައި އެރިޕޯޓުގެ މުރާޖަޢާ ޚުދް އީޕީއޭގެ މުވައްޒަފުން ހިންގުމަށްވެސް މިނިސްޓަރ ޠާރިޤް އެންގެވިއެވެ. ވަކިގޮތެއް ނިންމާން އިތުރު މަޢުލޫމާތު ބޭނުންވާ ކަމަށް މުރާޖަޢާ ކުރާ މުވައްޒަފުން ނިންމައިފި ނަމަ އެ މައްސަލަ ޚުދް އެމަނިކުފާނަށް ފޮނުވުމަށް، މިނިސްޓަރ އެންގެވިމެއެވެ.
ޠާރިޤް އިތުރަށް އެންގެވީ ރިޕޯޓު މުރާޖަޢާ ކޮށް، ނިންމުމަށްފަހު އެއް ދުވަހުގެ ތެރޭގައި ހުއްދަ ދިނުމަށެވެ. 
މިނިސްޓަރ އެންގެވި މަގުން އީޕީއޭއިން ހުއްދަ ދީފައިވަނީ ރައީސް މުޢިއްޒު ހިތަދޫއަށް ވަޑައިގަތުމުގެ އެއް ދުވަސް ކުރިން، ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އީޕީއޭ އިން ފާހަގަކުރި ގޮތުގައި މިނިސްޓަރު ވަނީ ހަމަ އެ ދުވަހު އެހުއްދަ ދިނުމަށް ސިޓީ އަކުން އަންގާފައެވެ. 
ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫޢު އިފްތިތާޙް ކުރެއްވިތާ އެއްދުވަސް ފަހުން ބިން ހިއްކުމުގެ މަސައްކަތް ފެށިއެވެ.
މޯލްޑިވްސް އިންޑިޕެންޑެންޓުން ނަގާފައިވާ ޑްރޯން ފޮޓޯތަކުން ދައްކާ ގޮތުގައި ކޮންޓްރެކްޓަރު މަސައްކަތް ފެށީ އީއައިއޭގެ ނިންމުން ބަޔާނުގައި ޝަރުޠުކޮށްފައިވާ މިޓިގޭޝަން (ވާގެއްލުން ފޫބެއްދޭނެ) ފިޔަވަޅެއްގެ ގޮތުގައި ބަންޑް ވޯލް  ނުޖަހައެވެ.
އީއައިއޭ ރިޕޯޓުގައިވާ ގޮތުން 2.6 ހެކްޓަރުގެ ފަޅުގެ ސަރަޙައްދު މޫދުވިނައާއެކު ދާއިމީކޮށް ހިއްކާނެއެވެ. ފިޑްލަރ އަދި މެންގްރޯވް ކަކުނީގެ އިތުރުން، ފިނިހަކައާއި އެހެނިހެން ދިރުންތައް، ވަޅުލެވި، މަރުވެ، ފަނާވާނެއެވެ. އަދި މި ބިން ހިއްކުމުގެ މަޝްރޫޢުގެ ސަބަބުން ވަށައިގެންވާ ކުޅިގެ ސަރަޙައްދުތަކުގެ ގަސްގަހާގެއްސާއި ދޫނިސޫފާސޫތްޕަށްވެސް އަސަރުކުރާނެ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެންމެ އިދިކޮޅު ހަދަނީ

އިމްޕެކްޓް އެސެސްމަންޓް ރިޕޯޓު ތައްޔާރު ކުރާން އީއައިއޭގެ މިނިވަން ކޮންސަލްޓަންޓްގެ ޙައިޘިއްޔަތުން ސީޑީއީ އިން ވަނީ ސަރުކާރުގެ ސްޓޭކްހޯލްޑަރުންނާއި ހިތަދޫ ރައްޔިތުންނާ މަޝްވަރާކޮށްފަ އެވެ. އެންވަޔަރަންމަންޓް މިނިސްޓްރީ، އީޕީއޭ އަދި އައްޑޫ ނޭޗާރ ޕާކް ފަދަ ދައުލަތުގެ މުއައްސަސާތަކުން ވަނީ ތިމާވެށީގެ ސަބަބުތަކަށްޓަކައި މިމަޝްރޫޢަށް ނުހަނު ބޮޑަށް އިޢުތިރާޟްކޮށް، ޙިމާޔަތްކޮށްފައިވާ ސަރަޙައްދާ ހިއްކާ ސަރަޙައްދުގެ ކައިރިކަމުގެ ކަންބޮޑުވިން ފައުޅުކޮށްފައެވެ. 
މަޝްރޫއު ހިންގާ ތަނާއި 300 މީޓަރު ދުރުގައި ދިރިއުޅޭ 51 ގޭބިސީގެ ސާތވޭއަކުން ދައްކާ ގޮތުގައި 68 އިންސައްތަ މީހުން ދެކެނީ އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އޮންލައިން ފޯމްތަކުން ކުރިއަށް ގެންދިޔަ އެހެން ސާރވޭއެއްގައި (މައިގަނޑު ގޮތެއްގައި ހިތަދޫގެ ޒުވާން ރައްޔިތުންގެ ފަރާތުން 1،000 ޖަވާބު ލިބިފައިވާއިރު،) ތިމާވެށީގެ ކަންބޮޑުވުންތަކާއި، ކުޅިއަށް ގެއްލުމާއި، ފެންބޮޑުވުމުގެ ނުރައްކަލާއި، މަޝްރޫޢުގެ ބޭނުންތެރިކަމާއި އިންޞާފުވެރިކަމާމެދު ޝައްކު އުފެދިފައިވާ ކަމަށް ބުނެ 62 ޕަސެންޓުން ވަރުގަދައަށް ދެކޮޅު ހަދާފައި އެވެ.
މި މަޝްރޫޢުގެ ހިންގާން އެދި ރައީސް އޮފީހަށް ހުށަހަޅާފައި ވަނީ 2024 ވަނަ އަހަރުގެ މާޗް މަހުގެ 21 ވަނަ ދުވަހު މޫލެކެޑެ ސަރަޙައްދުގެ 122 ވަޒަންވެރިއެކެވެ. އަދި އިރުވައި މޫސުމުގައި ކުޅި ސަރަޙައްދުން ނުބައި ވަސް ދުވުމާއި ދިޔަވަރު ބޮޑުވާއިރު ބިމުން ނަގާ ފެނުގައި ލިނުގެ އަސަރު ހުންނަ މިންވަރު އިތުރުވުމުގެ އުނދަގޫ އެފަރާތްތަކުން ފާހަގަކުރެއެވެ.
ރާއްޖޭގެ ބިމުގެ ގޮތުން އެންމެ ބޮޑު އެއް ރަށްކަމަށް ހިތަދޫ ވިޔަސް ބިމުގެ ދަތިކަން ފިލުވާން ބިން ހިއްކުން ވެސް މިމަޝްރޫޢަށް އެދުމުގެ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވެއެވެ.

ޒުވާނުންގެ އެކްޓިވިސްޓުން ރައީސްއާ ކުރިމަތިލަނީ

އައްޑޫ ޒުވާނުން އިސްވެ ހިންގާ ތިމާވެށީގެ ޖަމްޢިއްޔާއެއް ކަމަށްވާ ޕްރޮޖެކްޓް ތިމާ ވެށި އިން ވަނީ ފާއިތުވި ހަފްތާތަކުގައި އެ މަޝްރޫޢާ ގުޅިގެން ކަންބޮޑުވުން ފައުޅުކޮށްފައެވެ. އޮކްޓޯބަރު މަހުގެ ފަހުކޮޅު އެކްޓިވިސްޓުން ވަނީ "ރިކްލޭމް ރިސްޕެކްޓް، ނޮޓް ލޭންޑް" (ހޯދާންވީ އިޙްތިރާމް، ހިއްކާންވީ ބިމެއް ނޫން) އަދި "ލެޓް އައްޑޫ ބްރީތު" (އައްޑޫއަށް ނޭވާލިޔަކަ ދީ) ފަދަ ޝިޢާރުތައް ހިފައިގެން ކުޅީގެ ފެންގަނޑުގައި ކެނޯ ދުއްވައިގެން މުޒާހަރާކޮށްފަ އެވެ.
މިދިޔަ ހަފްތާގައި ރައީސް މުޢިއްޒު އައްޑޫއަށް ވަޑައިގަތުމުން މަރަދޫ ބަނދަރުގައި އެ ޖަމްޢިއްޔާގެ ބައެއް މެންބަރުން އެމަނިކުފާނާ ބައްދަލުކޮށް، މަޝްރޫޢާ ގުޅޭ ކަންބޮޑުވުންތައް ފާހަގަކޮށް، ސިޓީއެއް ހުށަހަޅައި، އެ މަޝްރޫއު އަލުން މުރާޖަޢާކުރުމަށް ރައީސް އަރިހުން އެދިފައި ވެއެވެ.
ރައީސް މުޢިއްޒަށް ހުށަހެޅި އެ ސިޓީގައި މަޝްރޫޢުގެ ބޭނުންތެރިކަމާ މެދު ސުވާލު އުފައްދާ، ބުނެފައިވަނީ ތަޣައްޔަރުވުމާއި، ޤަވާޢިދާ ޚިލާފަށް ކުނި އުކާލުން ހުއްޓުވީމާ، ވަހުގެ އުނދަގުލުން ސަލާމަތް ވާނެ ކަމަށެވެ.  އަދި ހިއްކުމުގެ ސަބަބުން ރަށުގެ ތާޒާ ފެނުގެ ލެންސް ނުބައވެ، ފެންބޮޑުވުމުގެ ނުރައްކާލާއި ހިރާސް (ރިސްކު) އިތުރުވާނެ ކަމަށް އިންޒާރު ކުރިއެވެ. ތިމާ ވެށި އިން އިތުރަށް ބުނީ ލިންކް ރޯޑާއި މޫލެކެޑެ ސަރަޙައްދާ މިހާރުވެސް ނުހަދާ މަގަކުން ގުޅިފައިވާ ކަމަށެވެ. 
އަދި ކަރަންޓް ކެނޑުމާއި، ފެން ފޯރުކޮށްދިނުމުގެ މައްސަލަތަކާއި، އެކަށީގެންވާ ޢާންމު ދަތުރުފަތުރުގެ ނިޒާމެއް ނެތްއިރު، އެކަންކަމަށް އަޅާނުލާ، މާލީ ވަސީލަތްތައް ބޭނުންކުރަނީ ބޭކާރު ގޮތުގައި ކަމަށެވެ.
ޕްރޮޖެކްޓް ތިމާ ވެށި ގެ މެންބަރެއް ކަމަށްވާ ޢަލީ އަމީލް މުޙައްމަދު ވަނީއިސްކަންދޭ މަޝްރޫޢެއްގެ ގޮތުގައި ބިން ހިއްކުމުގެ މަސައްކަތް މަރުކަޒީ ސަރުކާރެުން ކަނޑައެޅުމާ ދެކޮޅަށް ވާހަކަދައްކާފައެވެ. "ގްރައުންޑްވޯޓާ ސެލިނޭޝަން (ބިމުގެ ފެން ލޮނުވުމުގެ) މައްސަލަތަކާއި ފާހަގަކޮށްފައިވާ އެހެން މައްސަލަތައް ހަޤީޤަތުގައި ޙައްލު ވާނެތޯ ބެލުމެއް ނެތި، ޕްރޮޖެކްޓެއް ފަށައިގަތުމަކީ ސުވާލު އުފެދޭ ކަމެއް،" އޭނާ ބުންޏެވެ. 

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ