ދިވެހި ރުފިޔާގެ ދުވަސް ދުއްވާލީ ކާކު؟ ދެބައިމީހުންގެ އިނގިލިދިއްކުރުމާއި ސިޔާސީ ރަނބަ

ބީއެމްއެލް އިން ދުވަހަކުވެސް ނުވިއްކާހާ ގިނައިން ޑޮލަރު ވިއްކައިފި. އެކަމަކު ކަޅު ބާޒާރުގެ އަގުތައްހުރީ މައްޗަށް.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

20 ޖުލައި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުކުރު ދުވަހު ޝާޢިއުކުރި އިންފޯގްރެފިކްސް ސެޓެއްގައި ދައްކާގޮތުން ދުވަހަކުވެސް ކަސްޓަމަރުންނަށް މިހާ ގިނަ ޢަދަދެއްގެ ބޭރު ފައިސާއެއް ފޯރުކޮށްދީފައެއް ނުވެއެވެ: ފާއިތުވި 30 މަސް ދުވަހުގެ ތެރޭގައި 1.7 ބިލިއަން އެމެރިކާ ޑޮލަރު ދޫކޮށްފައިވާ ކަމަށެވެ. އޭގެ ކުރީ 30 މަހާ އަޅާބަލާއިރު މިއީ 77 އިންސައްތައިގެ އިތުރުވުމެކެވެ. ނަމަވެސް، ހަމަ އެ ހަފްތާގައި ޑޮލަރެއްގެ އަގު ކަޅު ބާޒާރުގެ ފުރަތަމަ ފަހަރަށް 21 ރުފިޔާއަށް ވުރެ މައްޗަށް ދިޔައެވެ. މިއީ ޑޮލަރުގެ ރަސްމީ ރޭޓުކަމަށް ކަނޑައަޅާފައިވާ 15 ރުފިޔާ 42 ލާރިއަށްވުރެ ގާތްގަނޑަކަށް 36 އިންސައްތަ އިތުރު މިންވަރެކެވެ.
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ޖުލައި 12 ވީ އާދީއްތަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ޕެނަލް ޑިސްކަޝަނެއް ބާއްވައި، މިދަނޑިވަޅުގެ ބޭނުން ހިފައި، ސަރުކާރުގެ އިޤްތިޞާދީ އަދި މާލީ ސިޔާސަތުތައް ނާކާމިޔާބުވެފައިވާ ކަމަށް ބުނެފައިވެއެވެ. ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް ޢަމީރު ވިދާޅުވީ ”ކޯސްޓް އޮފް ލިވިންގް ކްރައިސިސް“ (ދިރިއުޅުމުގެ ޚަރަދު އަތްނުފޯރާ ފަށަށް ދިއުމުގެ ކާރިސާއެއްގެ) ތުންފަތްމަތީގައި ދިވެހިރާއްޖެ އޮތް ކަމަށާއި، އެކަމުގެ ސަބަބަކީ "ރައީސް [ޑރ މުޙައްމަދު] މުޢިއްޒުގެ ސަރުކާރުގެ ނާޤާބިލު" ކަން ކަމަށެވެ. އަދި ރިކަރަންޓް ޚަރަދުގެ މިންވަރު 2023 ވަނަ އަހަރު 32 ބިލިއަން ރުފިޔާގައި ހުރެފައި މިއަހަރު 39 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާކަމާއި، ޢާންމުން ބޭންކުގައި ޖަމާކޮށްފައިވާ ޑޮލަރު ހިމެނޭހެން، ޑޮމެސްޓިކް މާކެޓުގައި ހުރި ހުރިހާ ޑޮލަރެއް ސަރުކާރުގެ ބޭނުމަށް ނަގާފައިވާ ކަމަށެވެ.
ކުރީގައި ވިއްޔާ އިޤްތިޞާދީ ދަތިކަމާއި ފިއްތުން ކުރިމަތިވީ މާކެޓް ފެއިލުވެގެން ކަމަށާއި، ނަމަވެސް މިހާރު ފެންނަމުން މިދަނީ ކަޅު ބާޒާރުގެ ޑޮލަރުގެ އަގު، ސަރުކާރުގެ ސިޔާސަތުތަކުގެ ދޯހަޅިކަމުން ބޮޑުވަމުންދާ މަންޒަރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެ ފާޑުކިޔުންތަކުގެ ސަބަބުން ފާއިތުވި ފަސް އަހަރު ދުވަހު ކުރިއަށް ދިޔަ އިނގިލިދިއްކުރުމާއި އިލްޒާމުގެ ކުޅިގަނޑުގެ ޙަރަކާތްތެރިކަން ބޮޑުވެ، ސަރުކާރާއި އިދިކޮޅާ ދެމެދު ބަހުގެ ޙަމަލާތައް ރައްދު ކުރުން ވަރުގަދަވެގެން ދިޔައެވެ. ނިމދިޔަ ހަފްތާގެ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު މުޙައްމަދު ސަޢީދު ރައްދުދެއްވައި ވިދާޅުވީ "ދިވެހިރާއްޖޭގެ ދަރުވާލުމުގެ މޭސްތިރިއަކީ“ ކުރީގެ ފައިނޭންސް މިނިސްޓަރު ޢަމީރު ކަމަށެވެ. އަދި އަދުގެ ދަތިކަމުގެ އަޞްލަކީ ކޯވިޑް19 ގެ ދަތިކަމުގެ ތެރޭގައި ކުރީގެ ސަރުކާރުން ޗާޕުކުރި ފައިސާ ކަމަށެވެ. 
ޢަމިރާއެކު އެމްޑީޕީގެ ޕެނަލް ޑިސްކަޝަންގައި ކުރީގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްވެސް އިންނެވިއެވެ. އޭނާއަކީ އެމްޑީޕީގެ ނިމިދިޔަ ވެރިކަމުގައި މިނިސްޓަރު ޢަމީރުގެ މާލީ ސިޔާސަތުތަކަށް އަޑުހަރުކޮށް ފާޑުވިދާޅުވަމުން ގެންދެވި ބޭފުޅެކެވެ. އެކަމަށް ޢިޝާރާތް ކުރައްވާ މިނިސްޓަރު ސަޢީދު ވިދާޅުވީ އިލްޔާސް ލަބީބް އިހު ވިދާޅުވި ގޮތަށް އިޤްތިޞާދީ ޙާލަތު ގޯސްވީ ޢަމީރުގެ ފައިނޭންސް މިނިސްޓަރުކަމުގެ ދުވަސްވަރު ޢަމަލުކޮށްފައިވާ ޒިންމާދާރުކަން ކުޑަ، އެކްސްޕޭންޝަނަރީ ފިސްކަލް ޕޮލިސީގެ ސަބަބުން (އިޤްތިޞާދު ފުޅާކުރުމަށް ތަންފީޒުކުރާ ސިޔާސަތު) ކަމަށާއި، ފައިސާ ޗާޕުކުރުމުން ޑޮލަރުގެ ކުރިމަތީގައި ދިވެހި ރުފިޔާގެ އަގު ވެއްޓިގެން ދާނެ ކަމަށް އޭރުގައި ޢަމީރުއަށް އިލްޔާސް ލަބީބްފަދަ ބޭފުޅުން ދަންނަވަމުން ދިޔަ ކަމަށެވެ. އެކަމަށް އެދުވަހު ފަރުވާލެއް ނުބެހެއްޓެވިކަމާއި، މިއަދުވެސް އެކަށީގެންވާ ޖަވާބެއް އެމައްސަލައިގައި ޢަމީރަށް ނުދެއްވޭ ކަމަށްވެސް ވިދާޅުވިއެވެ. އެހެންވީމާ މިއަދު އެމްޑީޕީއިން ޢަމީރާއި އިލްޔާސް ލަބީބްފަދަ ދެބޭފުޅުން ނުކުމެވަޑައިގެން އިޤްތިޞާދުގެ ވާހަކަދެއްކެވުން ޢައިބު ކަމަށެވެ. 
އެމްޑީޕީއިން ޢަމަލުކުރިގޮތާ ޚިލާފަށް މިނިސްޓަރު ވިދާޅުވީ އޭނާގެ ވެރިކަމުގައި ދެ އަހަރު ތެރޭގައި 1.2 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި އަނބުރާ ދައްކާފައިވާ ކަމަށާއި "އެހެން އެއްވެސް ސަރުކާރަކަށް ގެންނަން ނުކުރެވުނު“ ބަދަލުތައް ބޭރުފައިސާގެ ޤާނޫނަށް ގެނައީ މިސަރުކާރުން ކަމަށެވެ. އަދި އިހުނަށްވުރެ ގިނަ ޑޮލަރު ޢާންމުންނާއި ވިޔަފާރިތަކަށް ފޯރުކޮށްދެމުން ދާކަމީ ނަންބަރުން ފެންނާން އޮތް ޙަޤީޤަތެއް ކަމަށެވެ.  
ޢަމީރުގެ ރައްދުޖަވާބު އެކްސްގައި އައީ ދާދި އަވަހަށެވެ: މުއިއްޒުގެ ވެރިކަމަށް ގާތްގަނޑަކަށް ތިން އަހަރު ވެގެން ދިޔައިރު، ޑޮލަރެއްގެ އަގު  21 ރުފިޔާއަށް އަރާ، އިންވެސްޓަރުންގެ އިތުބާރު ގެއްލިފައިވާ ކަމަށާއި، ދިވެހި ސަރުކާރަށް ލޯނެއް ދޭނެ މީހަކު އެއްވެސް ތާކު ނެތް ކަމަށެވެ. އެއްވެސް މީހަކު ލޯނު ނުދޭނެ، އަދި ”ބޭންކު އޮފް މޯލްޑިވްސް ފުނޑާލައި، ރައްޔިތުންގެ ފައިސާކޮޅުވެސް ސަރުކާރުން މިވަނީ ބޭނުންކޮށްފަ.“ ކަމަށް އޭނާ ލިޔުއްވިއެވެ.
ކޮންމެ ފަރާތަކުންވެސް ބުނަނީ މާލީ ތާށިކަމުގެ އަޞްލަކީ ވާދަވެރި، އަނެއް ފަރާތް ކަމަށެވެ. 

ބީއެމްއެލްގެ ތަފާސްހިސާބު ޗާޓުތަކުން ދައްކަނީ ކިހިނެއް؟

އެ ބޭންކުން ކޮންމެ މަހަކު ފޯރުކޮށްދޭ އެމެރިކާ ޑޮލަރުގެ މިންވަރު: 2021 ވަނަ އަހަރު ހުރީ 21.1 މިލިއަން ޑޮލަރުގައެވެ. 2025 ގައި 61.1 މިލިއަން ޑޮލަރުގައެވެ. އަދި 2026 ގެ ފުރަތަމަ ކުއާޓަރުގައި އެކަނި 79.8 މިލިއަން ޑޮލަރު ދޫކުރިއެވެ.
އަދި ނިމިދިޔަ އެމްޑީޕީގެ ވެރިކަމާއި މި ވެރިކަމުގެ 30 މަސް ދުވަހުގެ ދެ މުއްދަތެއް (ޖުލައި 2021 އިން ޑިސެމްބަރު 2023 އަށް އަދި ޖެނުއަރީ 2024 އިން ޖޫން 2026 އަށް) އަޅާކިޔާފައި ވެއެވެ. ތަޢުލީމާއި ޞިއްޙީ ޚަރަދުތައް 88 އިންސައްތަ އިތުރުވެ، ހުރީ 143 މިލިއަން އެމެރިކާ ޑޮލަރުގައެވެ؛ ދަތުރުވެރިންނަށް ވިއްކި ފައިސާގެ މިންވަރު 70 އިންސައްތައަށް އިތުރުވެ، ހުރީ 264 މިލިއަން އެމެރިކާ ޑޮލަރުގައެވެ؛ އަދި ޓެލެގްރަފިކް ޓްރާންސްފާރ (ޓީޓީ) 43 އިންސައްތަ އިތުރުވެ، ހުރީ 422 މިލިއަން އެމެރިކާ ޑޮލަރުގައެވެ. 

ޑޮލަރު ދަނީ ކޮންތާކަށް؟ 

ބީއެމްއެލްގެ ތަފާސްހިސާބު ޗާޓުތަކުން ދައްކަނީ ޑޮލަށް ބޭނުންޖެހިފައިވާ މިންވަރު ބޮޑުވަމުންދާ ކަމެވެ. ޑޮލަރު ލިބޭ މިންވަރު އިތުރުވެ، ގިނަވެފައިވާ ކަމެއް ނޫނެވެ. ޑޮލަރަށް އޮންނަ ޑިމާންޑު ބޮޑުވުމުގެ އަޞްލަކީ ރުފިޔާ އެކައުންޓުތަކާ ލިންކުކޮށްފައިވާ ކްރެޑިޓް އަދި ޑެބިޓް ކާޑުން ކުރާ ބޭރުގެ މުޢާމަލާތްތަކެވެ. ބޭންކް އިން ބޭނުންކުރި ޑޮލަރުގެ ދެބައިކުޅަ އެއްބަޔަކީ މިޚަރަދުތަކެވެ. ކުރީގެ ސަރުކާރުގައި މިނިސްބަތް ހުރީ 45 އިންސައްތައިގައެވެ. 2021 ވަނަ އަހަރު މިޚަރަދު މަހަށް ހުރީ 11 މިލިއަން ޑޮލަރުގައެވެ. މިއަދު 38 މިލިއަން އެމެރިކާ ޑޮލަރަށް އެޢަދަދު އިތުރުވެފައި ވެއެވެ. މިދިޔަ މަހު ބީއެމްއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޝަރީފް ވަނީ ބޯޑަރު ހުރަސްކޮށް އީ-ކޮމާސްގެ މުޢާމަލާތްތައް ކުރުމަކީ ޑިޖިޓަލް އިޤްތިޞާދަކަށް ނަގުލުވުމާއި، ޢާންމު ތަނަވަސްކަމާއި ވިޔަފާރި ކުރިއެރުމުގެ ނިޝާނެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. 
ޑޮލަރުގެ ބޭނުން ދެން އެންމެ ގިނައިން ކުރަނީ ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) – އިމްޕޯޓުތަކަށް މައިގަނޑުގޮތެއްގައި ފައިސާ ދައްކާ ގޮތް – އަށެވެ. އެއީ 25 ޕަސެންޓެވެ. އަޅާކިޔާ ކުރީގެ ސަރުކާރުގެ މުއްދަތުގައި އެނިސްބަތް ހުރީ 31 ގައެވެ. ނަމަވެސް ބީއެމްއެލް އިން ބުނާ ގޮތުގައި ޓީޓީއަށް ފޯރުކޮށްދޭ ޑޮލަރުގެ ޢަދަދު 2024 ވަނަ އަހަރާ އަޅާބަލާއިރު މިހާރު ހަތަރު ގުނަ އިތުރުވެފައި ވެއެވެ. އެހެންނަމަވެސް ފިހާތަކުގެ ހަރުގަނޑުތަކުން ފެންނާޞް ހުންނަ މުދާ ވިއްކާ ވިޔަފާރިތަކަށް އެޑޮލަރު ފޯރާ ނިސްބަތް ނުހަނުވަނީ މަދުވެފައެވެ. 

ސަޕްލައި ރެކޯޑެއްގައި އޮތްނަމަ މަގުމަތީގެ އަގު ވެސް އޮތީ ކީއްވެގެން ހެއްޔެވެ؟

ފޮރިން އެކްސްޗޭންޖް ޤާނޫނުގެ ދަށުން ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ބޭރު ފައިސާގެ އާމްދަނީގެ ޙިއްސާއެއް ދިވެހިރާއްޖޭގެ އެތެރޭގެ ބޭންކުތަކަށް މާރުކުރަން ޖެހެއެވެ. އެ ފައިސާގެ 90 އިންސައްތަ، އެ ބޭންކުތަކުން މަރުކަޒީ ބޭންކަށް ޙަވާލުކުރަން ޖެހެއެވެ. 15،42 ގެ ރަސްމީ ރޭޓުންނެވެ. ދެން އެމްއެމްއޭއިން އަނެއްކާ ބޭންކް އަށް، ވިޔަފާރިތަކަށާއި ޢާންމުންގެ ބޭނުންތަކަށް ޑޮލަރު ދެނީއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މަރުކަޒީ ބޭންކަށް ބޭންކްތަކުން މާރުކުރި ފައިސާ، އަލުން ބޭންކްތަކުގެ މެދުގައި ބަހާފައިވަނީ  "މުހިންމު އިމްޕޯޓްތަކަށް ފައިނޭންސް ކުރުމަށް އިސްކަންދީ، އެކަމުގެ ސަބަބުން ޢާންމު މުދަލުގެ އަގަށް އެކްސްޗޭންޖް ރޭޓްގެ ޕްރެޝަރުގެ އަސަރު ކުޑަވާނެ“ މަގުން ކަމަށެވެ. 
ބީއެމްއެލްގެ ތަފާސްހިސާބު ދައްކާ ގޮތުގައި 2025 ވަނަ އަހަރު ޑޮލަރު ފޯރުކޮށްދިނުން 51 ޕަސެންޓް ކުރިއަރާފައިވާއިރު، މިއަހަރު އެމިންވަރު 31 އިންސައްތައިން ކުރިއަރާފައި ވާކަމަށެވެ.
”އަދަދު“ ނޫހުން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން ކުރި ސުވާލެއްގެ ޖަވާބުގައި އެމްއެމްއޭއިން ބުނީ ޖެނުއަރީ 2025 އާއި މެއި 2026 އާ ދެމެދު ބޭންކުތަކަށް 959 މިލިއަން އެމެރިކާ ޑޮލަރު މާރުކޮށްފައިވާ ކަމަށާއި، މަހުން މަހަށް އެވްރެޖްކޮށް 56 މިލިއަން އެމެރިކާ ޑޮލަރު މާރުކޮށްފައިވާ ކަމަށެވެ. މިއީލަފާކުރި 40 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ މާ ބޮޑު ޢަދަދެކެވެ. ޖޫން މަހު މާރުކުރި މިމަގުން ބޭންކްތަކަށް ފަތުރުވެރިކަމުގެ ވިޔަފާރިތަކުން މާރުކުރި ޑޮލަރާއެކު ޖުމްލަ 1 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެއެވެ. މާރުނުކުރާން ބޭނުންނުވާ ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ޖެހެނީ ކޮންމެ ފަތުރުވެރިއެއްގެ ބޮލަށް 500 ޑޮލަރު މާރުކުރާށެވެ. 500 ޑޮލަރު މާރުކުރުމުގެ ގޮތް ޚިޔާރުކުރި ފަތުރުވެރިކަމުގެ ވިޔަފާރިތަކުގެ ޢަދަދަކީ ކޮބައިތޯ ސުވާލުކުރުމުން، އެމްއެމްއޭއިން ޖަވާބުދީފައެއް ނުވެއެވެ. ގަވާއިދާ ޚިލާފުވެގެން އެއްވެސް ފަރާތަކާ މެދު ފިޔަވަޅު އަޅާފައެއް ނުވެއެވެ.
އެމްޑީޕީގެ ޕެނަލްގައި ބުނެފައިވަނީ އޭޕްރީލް މަހު ސަރުކާރުން 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކް އަނބުރާ ދެއްކުމުން ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު ގާތްގަނޑަކަށް ހުސްވެފައިވާ ކަމަށެވެ. ރަސްމީ ރިޒާވް 718 މިލިއަން އެމެރިކާ ޑޮލަރަށް ދަށްވި ކަމަށާއި، މިއީ ގާތްގަނޑަކަށް ދޮޅުމަހުގެ ޟަރޫރީ އިމްޕޯޓަށްވާ މިންވަރު ކަމަށެވެ. އަދި 17 މަސް ދުވަހުގެ ތެރޭގައި ޑޮމެސްޓިކް މާކެޓުން އެއްކުރި ހުރިހާ ބޭރު ފައިސާ "އެއްފަހަރާ" ބޭރުވެގެން ދިޔަ ދިއުމަކީ ސަރުކާރުގެ ކުފޫ ހަމަނުވާކަމާއި، ރީފައިނޭންސް އަދި ރީސްޓްރަކްޗަރ ކުރުމުގެ ޤާބިލުކަން ނެތްކަމުގެ ހެއްކެއްގެ ގޮތުގައި އެމްޑީޕީއިން ފާހަގަކުރިއެވެ.
އެމްއެމްއޭއާ ޙަވާލާދީ ކުރީގެ އިކޮނޮމިކް މިނިސްޓަރ ޢަމީރު ވިދާޅުވީ 2023 ވަނަ އަހަރު ޑޮމެސްޓިކް ބޭންކިން ދާއިރާއަށް 52 ޕަސެންޓް ޓްރެވަލް ރިސީޓް ވަދެފައިވާ ކަމަށާއި އެއީ 2019 ވަނަ އަހަރު 75 އިންސައްތައިގައި ހުރި ނިސްބަތެއް ކަމަށެވެ. މިއީ އެމްއެމްއޭގެ ތަންފީޒީ ނުކުޅެދުންތެރިކަން ކަމަށެވެ.

ރުފިޔާ ޗާޕުކުރީ ކޮންބަޔަކުތަ؟

ސިޔާސީގޮތުން ކޯޅި، ދެބަސްވާ އެންމެ ބޮޑު މައްސަލައަކީ ފައިސާ ޗާޕުކުރުމުގެ މައްސަލައެވެ. އެއީ ކޮންބަޔަކު ކުރިކަމެއްތޯ ކުރެވޭ ބަޙުޘެވެ. މިކަން ފެންމަތިވީ ކޮވިޑް-19 ބަލިމަޑުކަމުގެ ދުވަސްވަރުގެ ޚަރަދުތައް ފޫބައްދާން އެޅި ފިޔަވަޅުތަކުގެ މައްޗަށެވެ. އެމްޑީޕީގެ ވެރިކަމުގައި މަރުކަޒީ ބޭންކްއިން ސަރުކާރަށް ފައިނޭންސް ކުރި މިންވަރު ދެގުނައިން ބޮޑުވެފައި ވެއެވެ.
ޕެނަލްގައި މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެމްޑީޕީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ޢަމަީރު ވިދާޅުވީ ފައިސާ ޗާޕުކުރުން ދުވަހަކުވެސް ނުހުއްޓޭ ކަމަށެވެ. އޭނާ އެ ޢިޝާރާތް ކުރެއްވީ ވިޔަފާރިވެރި ބޭންކުތަކުގައި އެމްއެމްއޭ އިން ބަހައްޓާފައި ހުންނަ 3.8 ބިލިއަން ރުފިޔާއަށެވެ. އެފައިސާއިން ސަރުކާރުގެ ޓީބިލް ގަނެ، ސަރުކާރުގެ ޚަރަދުތައް ފޫބައްދަނީ އެމަގުންނެވެ. އެމްއެމްއޭއަށް މިގޮތަށް ފައިސާ ފޯރުކޮށްދިނުމަކީ ކުއަންޓިޓޭޓިވް އީޒިންގްގެ އުޞޫލުން ފައިސާ އުފެއްދުމުގެ އަދި ފައިސާ ޗާޕްކުރުމުގެ ގޮތެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އިޤްތިޞާދުގައި ދައުރުވާ ދިވެހި ފައިސާގެ މިންވަރު މަދުކުރުމުގެ މޮޕްއަޕް އޮޕަރޭޝަންސްގެ ތެރެއިން 2.1 ބިލިޔަން ރުފިޔާ އިޤްތިޞާދުން ނަގާފައިވާ ކަމަށް ސަރުކާރުން ބުނާ ބުނުން ޢަމީރު ދޮގު ކުރެއްވިއެވެ. 
ޕެނަލްގައި އިލްޔާސް ލަބީބް އެމްއެމްއޭގެ ތަފާސްހިސާބުތަކާ ޙަވާލާދެއްވައި ވިދާޅުވީ ޖުލައި މަސް ފެށުނުއިރު ދިވެހި ރުފިޔާގެ ސަޕްލައި 78.4 ބިލިއަންގައި ހުރި ކަމަށާއި، މިއީ 2020 ވަނަ އަހަރު ނިމުނުއިރު އިޤްތިޞާދުގައި ދައުރުވަމުން ދިޔަ (ބްރޯޑް މަނީ)ގެ 41.4 ބިލިއަން ރުފިޔާގެ މިންވަރާ އަޅާކިޔާއިރު، ގާތްގަނޑަކަށް ދެގުނަ ކަމަށެވެ. ފާއިތުވި 17 މަސް ދުވަހުގެ ތެރޭގައި ބްރޯޑް މަނީ 32.5 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޢަމީރު ވިދާޅުވިއެވެ.
މިދިޔަ އޮގަސްޓް މަހު އެމްއެމްއޭއިން ނެރުނު 12 ޞަފްޙާގެ ބަޔާނެއްގައި ރުފިޔާގެ ޙާލަތު ގޯސްވެފައިވަނީ ކޯވިޑް-19 ގެ ދުވަސްވަރު ޗާޕުކުރި ފައިސާގެ ސަބަބުން ކަމަށް ބުނެފައި ވެއެވެ. 2020 ވަނަ އަހަރު އިޤްތިޞާދުގައި ދައުރުވާ ދިވެހި ރުފިޔާގެ މިންވަރު 178 ޕަސެންޓް އިތުރުވެފައި ވާކަމަށާއި އެހެންނަމަވެސް، ހުރިހާ ސަރުކާރެއްގައިވެސް ބަޖެޓް ޑެފިސިޓްތައް ފޫބައްދާން އެތެރޭގެ ދަރަނި ނަގާފައިވާ ކަމަށެވެ.  
ކޯވިޑް-19 ގެ ދުވަސްވަރު އެމްއެމްއޭގެ ގަވަރުނަރުކަމުގައި ހުންނެވި ޢަލީ ޙާޝިމް މިކަމާގުޅޭގޮތުން މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ ހުރިހާ މައްސަލައެއްގެ ވެސް އަޞްލަކީ ”ފިސްކަލް ޑިސިޕްލިން“ ނެތުން ކަމަށާއި، މިއީ އެކި ސަރުކާރުތަކުގައި ޢަމަލުކޮށްފައިވާ ގޮތުގެ ނަތީޖާ ކަމަށެވެ. މިއީ ވަކި ސަރުކާރަކުން ކުރި މިވެނި ކަމެއް ނަތީޖާ ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. 
އޭނާ އިތުރަށް ވިދާޅުވީ ކޯވިޑް ގެ ދުވަސްވަރު ދިން މާލީ އެހީތެރިކަމަށް ޚަރަދު ހިންގާން ނެގި ދަރަންޏަކީ ކޮންމެހެން އެހިނދަށް އަޅާން ބޭނުން އަދި ނާޅައި ފަރުނުޖެހޭނެ ފިޔަވަޅުތަކެއް ކަމަށާއި، އެކަމުގެ ސަބަބުން ”ވީ“ ބައްޓަމަށް އިޤްތިޞާދު ހަމަޔަކަށް އެޅެމުން ދިޔަ ކަމަށެވެ. އެހެންނަމަވެސް ދިގު މުއްދަތުގައި އެކަމުގެ ނޭދެވޭ އަސަރުތަކެއް ހުންނާނެ ކަމަށާއި، ނަމަވެސް އެހިނދަށް އެފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
އެހެންނަމަވެސް އިކޮނޮމިކް މިނިސްޓަރުކަމުގައި އިހު ހުންނެވި ޢަމީރަށްވެސް ފާޑުވިދާޅުވިއެވެ. ކޯވިޑް-19 ގެ އިޤްތިޞާދީ ދަތިކަމުން އަރައިގަންނާން ބޭނުންވާ މިންވަރަށްވުރެ އިތުރަށްވެސް އެދަނޑިވަޅު ޚަރަދު ހިންގެވިކަމަށް ޢަލީ ޙާޝިމް ވިދާޅުވިއެވެ. އެހެން ހެދީމާ ދިގު މުއްދަތުގައި ކުރިމަތިލާންޖެހޭ މައްސަލަތައް ހުންނާނެކަމަށް އޭރުވެސް އިންޒާރުކުރެއްވީމު ކަމަށް ވިދާޅުވިއެވެ. 

އަދިވެސް 15.42 ގައި ޑޮލަރު ނުލިބެނީ ކޮންބަޔަކަށް؟

ރަސްމީ ރޭޓު - 15 ރުފިޔާ 42 ގެ ރޭޓުގައި ބޭނުން މިންވަރަށް ޑޮލަރު ލިބޭ ހަމަ އެކަކުވެސް ނެތެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ ޢަބްދުالله އެމްޑީޕީގެ ޕެނަލްގައި ވާހަކަދައްކަވަމުން ވިދާޅުވީ ވިޔަފާރިވެރިން ޓީޓީ މެދުވެރިކޮށް ފޮނުވާ ފައިސާ ސަޕްލަޔަރަށް ފޯރަނީ ދެ ހަފުތާ ފަހުން ކަމަށާއި، ޓީޓީ އެއް ހަދާން ބޭންކް އިން ވިއްކަނީ ތިންބައިކުޅަ އެއްބަޔަށްވާ ވަރުގެ ޑޮލަރު ކަމަށެވެ. އަދި ބާކީ ޑޮލަރު ގަންނާން ޖެހެނީ ކަޅު ބާޒާރުގައި ކަމަށެވެ. އެހެންވީމާ 100،000 ޑޮލަރުގެ ޓީޓީއެއް ހަދާ ވިޔަފާރިއަކުންނަމަ، އިތުރު 400،000 ދިވެހި ރުފިޔާ ޚަރަދު ކުރާން ޖެހޭނެ ކަމަށެވެ. އެއީ އަހަރަކަށް 5 މިލިޔަން ރުފިޔާއެވެ. އެވަރުގެ ބުރައެއް އުފުލޭނީ ކިތައް ވިޔަފާރިއަށްތޯ އޭނާ ސުވާލު އުފެއްދެވިއެވެ.
21 ރުފިޔާއަށް ޑޮލަރެއް ގަންނާން ޖެހުނީމާ، ރަސްމީ ރޭޓާ އަޅާކިޔާއިރު، 5.58 ރުފިޔާ އިތުރަށް ޚަރަދު ކުރާން މަޖުބޫރުވެއެވެ. 
މިދިޔަ ހަފްތާގައި ޢާންމުކުރި އެސެންޝިއަލް ކޮމޮޑިޓީސް ޕްރައިސް އިންޑެކްސް (އީސީޕީއައި) އިން އެނގޭގޮތުގައި އަސާސީ ތަކެތީގެ އަގު 8 އިންސައްތައިން އުފުލިފައި ވެއެވެ. ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި ޢާންމު ޚިދުމަތާއި ތަކެތީގެ އަގު މަތިވާ މިންވަރު މިއަހަރު ނިމޭއިރު ހަ އިންސައްތައަށް އުފުލޭނެއެވެ. އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ދިރިއުޅެނީ ފަޤީރުކަމުގެ ރޮނގާ (ޕަވަޓީ ލައިން) ހަމައިގައި ކަމުން، ކާބޯތަކެތީގެ އަގު 10 އިންސައްތަ މައްޗަށް ޖެހުނަސް، ފަޤީރުކަމުގެ ނިސްބަތް 1.6 އިންސައްތައިން އުފުލޭނެ ކަމަށް ހަމަ އެ ރިޕޯޓުން ދައްކައެވެ.
އެމްޑީޕީގެ ޕެނަލިސްޓުން ޢިޝާރާތް ކުރެއްވީ ފިހާރާތަކުގެ ހުސްވަމުންދާ ހަރުގަނޑުތަކަށެވެ. ހުސްވަމުންދާ ތަކެތީގެ ތެރޭގައި އެސްޓީއޯ އިން ގެންނަ ކިރުޕެކެޓު ފަދަ ޟަރޫރީ ތަކެތި ހިމެނެއެވެ. އިލްޔާސް ލަބީބް ވިދާޅުވީ މިކަމުގެ ސަބަބަކީ ޑޮލަރުގެ ދަތިކަމާއި އެއްވަރަށް ޕޯޓްސް އަދި ކަސްޓަމްސް ކްލިޔަރަންސްގެ ލަސްވުންތަކެވެ.
ޢަމީރު ތުހުމަތު ކުރެއްވި ގޮތުގައި ބޭންކް އޮފް މޯލްޑިވްސްގެ ބެލެންސް ޝީޓް އޮތީ "ބަބްލް" އެއްގެ ތެރޭގައެވެ. ތަފްޞީލު ދެއްވަމުން ވިދާޅުވީ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުން ވިއްކު ޓީބިލުގެ ޢަދަދު ހުރީ 21.6 ބިލިއަން  ރުފިޔާގައި ކަމަށެވެ. ނިމިދިޔަ ސަރުކާރުގައި އެޢަދަދު ހުރީ 9.6 ބިލިޔަން ރުފިޔާގައި ކަމަށެވެ. މީގެއިތުރުން ސުކޫކް ދައްކީ ލޯނެއް ނުނަގާ ކަމަށް ސަރުކާރުން ބުނި ނަމަވެސް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)އިން 100 މިލިޔަން ޑޮލަރުގެ ފިއުލް ޕޭމަންޓް ފެސިލިޓީއެއް އޮމާނުން ނަގައި، ސަރުކާރަށް އެފައިސާ ދީފައިވާ ކަމަށް ޢަމީރު ވިދާޅުވިއެވެ. މީގެއިތުރުން ޑޮލަރުން ހުރި ޓްރެޜަރީ ބިލާއި ބޮންޑް ވިއްކައިގެން އިތުރު 1.5 ބިލިއަން ރުފިޔާ ހޯދާފައިވާ ކަމަށާއި، ސަރުކާރުން އެސްޓީއޯއަށް ސަބްސިޑީ ދިނުން ހުއްޓާލާފައިވާ ކަމަށެވެ. ޢަމީރު އިތުރަށް ވިދާޅުވީ ސުކޫކް ދައްކާ ޚަލާޞްކުރެވުނު ނަމަވެސް، އަހަރު ނިމޭއިރު ދިވެހި ދައުލަތުގެ ޖުމުލަ ދަރަނީގެ މިންވަރު 160 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ. 
މިއާއެކު،  ދުވާލެއްގެ މައްޗަށް ކޮންމެ ވެބްސައިޓަކަށްވެސް މުޅި ރާއްޖެއިން ވަކި ޢަދަދެއްގެ ފައިސާގެ ޖުމުލަ ހަމަވީމާ އިތުރު މުޢާމަލާތެއް ނުކުރެވޭ ގޮތް ބޭންކުން މޭ މަހު ހަދާފައި ވެއެވެ. އެލިމިޓުގެ މިންވަރުތަކެއް އަދި އެލިމިޓު ހަމަވާ ނުވަތަ އައު ވާ ވަގުތެއްވެސް ހާމަކޮށްފައެއް ނެތެވެ. ލިމިޓު ހަމަވީމާ ހަމަވިކަން އެނގެނީ ޕޭމަންޓް ޑިކްލައިން ކުރީމައެވެ. ބީއެމްއެލްއިން ބުނަނީ އެބޭންކުން ތަޢާރަފުކޮށްފައިވާ އައު ޑޮލަރު އިންވެސްޓްމަންޓް ޕްރޮގްރާމްގެ ތެރެއިން ލިބޭ އިތުރު ޑޮލަރުން އެލިމިޓުގެ މިންވަރު އިތުރު ކުރެވޭނެ ކަމަށެވެ. 
ހަމައެކަނި ފަތުރުވެރިކަމަށް އަހަރަކު 5.6 ބިލިއަން އެމެރިކާ ޑޮލަރު ލިބުނު ނަމަވެސް ޑޮލަރުގެ ދަތިކަން ދިވެހިރާއްޖެއަށް އިންތިހާއަށް ބޮޑެވެ. ފަތުރުވެރިން ދިވެހިރާއްޖެއަށް އައި ޢަދަދު މެދުއިރުމަތީގެ ހަމަނުޖެހުމުގެ ސަބަބުން 5 އިންސައްތަ ދަށްވި ނަމަވެސް ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ޑޮލަރުގެ އާމްދަނީގެ ގޮތުގައި 667 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި 609 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ.
މިދިޔަ މަހުގެ ފަހުކޮޅު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވަނީ 2026 ވަނަ އަހަރު ނިމުމުގެ ކުރިން ޑޮލަރުގެ އަގު 21 ރުފިޔާއަށް އަރައިދާނެ ކަމަށް ލަފާ ކުރައްވާފައެވެ. އަދި ޑޮލަރުގެ އަގު ހިފެހެެއްޓޭނެކަމަށް ކަމަށް ސަރުކާރުން ބުނާ ބުނުމަށް ގޮންޖައްސަވާފައި ވެއެވެ. ޖުލައި މަސް މެދު ޖެހުނުއިރު އެވިދާޅުވި ވާހަކަފުޅު ތެދުވެއްޖެއެވެ.

މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ

ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ

އެއްފަހަރު ދެއްވާ

ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން