16 އަހަރުގެ ތެރޭގައި މަސްވެރިކަން އެންމެ ދަށްވި އަހަރު: ސަބަބެއް ނުއެނގޭ
އެންވެރިކަން ދަށްވުމާއި ލޮނުގަނޑުގެ މަތީ ފަށަލައިގެ ހޫނުމިން މަތިވުން ސަބަބުތަކުގެ ތެރޭގައި ހިމެނޭ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
01 ސެޕްޓެމްބަރު
2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިވެހިރާއްޖެއިން މަސް އެކްސްޕޯޓް ކުރި މިންވަރު 16،991 މެޓްރިކް ޓަނަށް ދަށްވެފައިވާއިރު، މިއީ 2010 ވަނަ އަހަރަށް ފަހު އެންމެ މަދުން އެކްސްޕޯޓުކުރި އަހަރެވެ. ދިރާސާވެރިންނާއި މަސްވެރިންނާއި ސިނާޢަތުގެ ތަފާސްހިސާބުތަކުން ދައްކަނީ ގިނަ ތަފާތު ސަބަބުތަކެއް އެކަމުގެ ފަހަތުގައިވާ ކަމަށެވެ. ސީދާ ސަބަބު ބުނާން އެނގޭނެ ފަރާތެއް ނެތެވެ.
މިއަހަރުގެ އެކްސްޕޯޓުގެ މިންވަރު ދަށްވެފައި މިވަނީ 2024 ވަނަ އަހަރު އަޑިއަޅާލުމަށްފަހު 2025 ގައި މަސްވެރިކަމާއި އެކްސްޕޯޓުގެ މިންވަރު ރަނގަޅުވާން ފެށި ފަހުންނެވެ.
ދިވެހި މަސްވެރިން ބާނާ ކަޅުބިލަމަހުގެ ބޮޑު ބައެއް ގަނެ އެކްސްޕޯޓްކުރަނީ ދައުލަތުގެ މިލްކުވެރިކަމުގެ ދަށުގައިވާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިންނެވެ. 2024 ވަނަ އަހަރު މަސްވެރިކަމާއި އެކްސްޕޯޓު ދަށްވި ސަބަބުތަކަކީ "ތިމާވެށީގެ ގޮންޖެހުންތަކެއް (ކަނޑުގެ ފިނިހޫނުމިން ހޫނުވުމާއި އެން ލިބޭ މިންވަރަށް ބުރޫއެރުން)" ކަމަށް އެ ކުންފުނިން ނެރުނު އަހަރީ ރިޕޯޓުގައި ބުނެފައި ވެއެވެ.
މިފްކޯއިން 2024 ވަނަ އަހަރު 26،643 މެޓްރިކް ޓަނުގެ ގަނޑުކުރި ރޯ މަސް އެކްސްޕޯޓް ކޮށްފައިވާއިރު، 2023 ވަނަ އަހަރު އެ ޢަދަދު ހުރީ 62،352 މެޓްރިކް ޓަނުގައެވެ.
2025 ވަނަ އަހަރު ޢަދަދުތައް ރަނގަޅުވިއެވެ. އެކަމަކު އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކުވައިދެނީ އަނދިރި މަންޒަރެކެވެ؛ 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެކްސްޕޯޓް ކުރި މިންވަރު 2024 ވަނަ އަހަރަށް ވުރެ ވެސް ދަށްކަމެވެ.
ސަބަބުތައް ބައިވަރެވެ؛ ބައެއް މީހުން އިޝާރާތް ކުރަނީ ޕެސިފިކް ކަނޑުގައި ވަރުގަދަ އެލް ނީނޯއެއް އުފެދުމާއި، ކަނޑުގެ މަތީ ފަށަކައިގެ ފެން ހޫނުވުމާއި، އެން ނޭރުމެވެ. އަނެއް ބަޔަކު ބުނަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ތެލުގެ ޚަރަދު ބޮޑުވުމާއި، 2024 ވަނަ އަހަރު މަސް ގަންނަ އަގު ފްލޯޓިން ޕާޗޭސް ރޭޓަށް ބަދަލު ކުރުމާއި، ދިވެހިން މަސްވެރިކަމާ ދުރަށްގޮސް ސަރުކާރު ކުންފުނިތަކުގެ ވަޒީފާއަށް އެނބުރެމެވެ.
2025 ވަނަ އަހަރު ރާއްޖޭގެ އެކްސްޕޯޓްގެ 93 އިންސައްތަ ޙިއްސާކުރީ އަޑިއަޅާލަމުންދާ މަސްވެރިކަމުގެ ސިނާޢަތެވެ. މަހާއި މަހުގެ އުފެއްދުންތަކުގެ އެކްސްޕޯޓުން ތަދުވެފައިވާ ބޭރު ފައިސާގެ ގޮތުގައި 144 މިލިޔަން ޑޮލަރު ލިބިފައި ވެއެވެ.
ތަފާސްހިސާބުތައް
މަސް އެކްސްޕޯޓުކުރާ މިންވަރު ޖަނަވަރީއިން ޖޫން 2026 އަށް ބަލާއިރު ހުރީ 17،000 މެޓްރިކް ޓަނުގައެވެ. މިއީ ކަަސްޓަމްސް އަދި މޯލްޑީވްސް މަނިޓަރި އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކާފައިވާ ޢަދަދުތަކެވެ.
ތަޖުރިބާކާރުންގެ ބަސް
މަސްވެރިކަމުގެ ދިރާސާވެރިޔާ ރިޔާޒް ޖައުހަރީ ލަފާދެއްވި ގޮތުގައި 2024 ވަނަ އަހަރު މަސްވެރިކަމާއި އެކްސްޕޯޓް ދަށްވީ އެސިނާޢަތުގެ ޙަރަކާތްތެރިކަން ކުޑަވެގެންކަމަށް ވުން އެކަށީގެންވާ ކަމަށެވެ.
އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ ސައިންޓިފިކް ކޮމިޓީއަށް 2025 ވަނަ އަހަރު ހުށަހެޅި ދިވެހިރާއްޖޭގެ ޤައުމީ ރިޕޯޓުގައިވާ ގޮތުން 2024 ވަނަ އަހަރު މަސްވެރިކަމުގެ ޙަރަކާތްތެރިކަން (މަހަށް ނުކުންނަ ދުވަހުގެ ޖުމުލައިން ހިސާބުކުރާ) ހުރީ 20،229 ގައެވެ. 2023 ވަނަ އަހަރު އެ މިންވަރު ހުރީ 25،817 ގައެވެ.
2024 ވަނަ އަހަރުގެ މެދުތެރޭގައި ފިކްސްޑް ޕާޗޭސް ރޭޓުން (ވަކި އަގެއް) ފްލޯޓިން ރޭޓަށް (ސަޕްލައިއާ ޑިމާންޑު އަދި ބޭރުގެ މާކެޓުތަކުގައި އަގުތައް ހުރި މިންވަރަށް ރިޢާޔަތްކޮށް ބަދަލުވާ އަގެއް) ބަދަލު ކުރަން ސަރުކާރުން ނިންމި ނިންމުމަކީ މަސްވެރިކަން ދަށްވާން ދިމާވި ސަބަބެއްކަމަށް ވުން އެކަށީގެންވާކަމަށް ރިޔާޒް ފާހަގަކުރެއްވިއެވެ.
މިއަހަރު މަސްވެރިކަން ދަށްވެފައިވާ ސީދާ ސަބަބަކާ މެދު އޭނާއަށްވެސް ޔަޤީންކަމާއެކު ވަކި އެއްޗެއް ބުނެވޭކަށް ނެތެވެ. އޭނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ އިތުރަށް، ހަނގުރާމަޔާއި ހަމަނުޖެހުމުގެ ސަބަބުން ތެލުގެ އަގު އުފުލުމަކީ ސަބަބުތައްކަމަށް ވުން އެކަށީގެންވާ ކަމަށެވެ.
މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓަންޓް އާޠިފް ޝަކޫރު ވެސް ސީދާ ސަބަބުތަކެއް ފާހަގަކުރައްވާން ފަސްޖެހިވަޑައިގަނެއެވެ. ”މިފްކޯއަށް މިފެނުނު ތަނުގައި މިދިޔަ އަހަރު ރިކަވަރީއަކަށް ފަހު މި އަހަރު އަނެއްކާވެސް މަސްވެރިކަން ދަށަށް ގޮއްސި،“ ކަމަށާއި، “މިހެން މިވަނީ ކީއްވެގެން ކަމެއް ކަނޑައެޅިގެން އެއްވެސް މީހަކަށް ބުނެދޭކަށް ނޭނގޭ،“ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަބަބުތަކުގެ ތެރޭގައި އެލް ނީނޯގެ އަސަރާހުރެ އިންޑިޔާ ކަނޑުގެ މަސްވެރިކަމަށް ދަށްވުން ހިމެނުން އެކަށީގެންވާކަމަށް އޭނާވެސް ވިދާޅުވިއެވެެ.
މީގެ ކުރިން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގައި މަސައްކަތް ކުރެއްވި މޫސުމާ ބެހޭ މާހިރެއް ކަމަށްވާ އަޙްމަދު ޝާބިން ވިދާޅުވީ ކަނޑުތައް ހޫނުވުމާއި މަސް ބާނާ މިންވަރު މަދުވުމާ ސީދާ ގުޅުމެއް އޮތްކަމަށް ކަނޑައެޅިގެން ބުނާން އަދި މާ އަވަސް ކަމަށެވެ. ”އެކަމުގައި ގުޅުންތަކެއް ވެސް ހުރެދާނެ. އެލް ނީނޯގެ އަސަރުތައް ދިވެހި ކަނޑުތަކަށް ފޯރަން ވަގުތު ނަގާ. ޢާންމުކޮށް މޫސުމަށް ނިސްބަތްވާ މިފަދަ ބަދަލުތައް ފާހަގަވަނީ ފަހުން ބަލައި، ކުރާ ދިރާސާތަކެއްގެ ތެރެއިން، ބަދަލުތައް އައިސްއައިސް ހުންނަ ހިނދުގައެއް ނޫން،" އޭނާ ވިދާޅުވިއެވެ.
"އެކަމަކު ސައިންސްގެ ރޮނގުން ބަލައިފީވިއްޔާ އެލް ނީނޯއެއްގެ ތެރޭގައި ކަނޑުގެ މަތީ ފަށަލައިގެ ހޫނުމިން މައްޗަށް ދޭ. އެއީ މަދުން މަސްބޭނުމާ ގުޅޭ ކަމެއް. ތިލަ ހިސާބުތަކުން މަސް ބާނަން އުނދަގޫވާނެ. އެއީ ކުދި މަހާއި އަދި ކަނޑުމަސްވެސް ކާނާގެ ގޮތުގައި ބޭނުންކުރާ ޕްލޭންކްޓަންގެ ފަށަލަ ހޫނާއެކު، ފުނަށް ފީނައިގަންނާތީ. ފްލޭންކްޓަންތައް ފުނަށް ދިޔައިމާ، އެސޮރުމެންގެ ފަހަތުން ދެން ހުރި ހުރިހާ ދިރުމެއްވެސް ދާނެ،“ ޝާބިން އޮޅުންފިލުއްވައި ދެއްވިއެވެ.
2024 ވަނަ އަހަރު ވޯލްޑް ބޭންކުން އިންޒާރު ދިން ގޮތުގައި މިހާރު މޫސުމަށް އިންސާނުން ދެމުންމިދާ ގެއްލުމުގެ މަގުގައި ކުރިއަށްދާނަމަ ޤަރުނު ނިމޭއިރު ގާތްގަނޑަކަށް ދިވެހިރާއްޖޭގެ މަސްވެރިކަން އެކީ އެކަށް ގެއްލިދާނެއެވެ. ގާތްގަނޑަކަށް 91 އިންސައްތަ ކަނޑުގެދިރުމަށް ހޫނުވުމާއި އެސިޑިފިކޭޝަންގެ ނުރައްކާ ނުހަނު ބޮޑުވާނެއެވެ. 2026 ވަނަ އަހަރަކީ މިއަސަރުތައް ޚާއްޞަކޮށް ބޮޑުކޮށް ފައުޅުވޭވޭ ހުރި އަހަރެއްތޯ ނުވަތަ އާދައިގެ ގޯސް އަހަރެއްތޯ އެއީ އަދި ފަހުން ޖަވާބު ލިބޭން އޮތް ސުވާލެކެވެ.
މަސްވެރިންގެ ބަސް
މޯލްޑިވްސް އިންޑިޕެންޑެންޓާ ވާހަކަދެއްކި މަސްވެރިންގެ ބަހާ ތަފާސްހިސާބުން ކުރަހައިދޭ މަންޒަރާ ދިމާވެއެވެ. މަސްވެރިކަން ދެކުނުގައި ދަށީއެވެ. އެހެންވީމާ ހުވަދޫއާއި ލ އަތޮޅުން މަސްވެރިކަމަށް ދުރު ދަތުރުކޮށްފައިވާ މެދު ރާއްޖެތެރެއަށް ދަތުރުކުރާން މަޖުބޫރު ކަމަށް މަސްވެރިން ކިޔައިދިނެވެ.
ލ ގަމު ފަހިމަގު ބޯޓުގެ ވެރިފަރާތް ބުނީ މިފަހުން އައިސް އެންދެމުން ދަތިކަމަކަށް ވެފައިވާ ކަމަށާއި، އަތޮޅާވާ ހިސާބުތަކުން އެން ނުލިބޭ ކަމަށެވެ. އެހެންވީމާ ތެޔޮ އަގުބޮޑަސް ދުރަށް ދަތުރުކޮށްފައި އެން ހޯދާން ދާންޖެހެނީ ކަމަށް އޭނާ ކިޔައިދިނެވެ.
އޭނާ އިތުރަށް ބުނީ ބިންހިއްކުމުގެ މަޝްރޫޢުތަކުގެ ސަބަބުން އިހުގައި އެންވެރިކަން ރަނގަޅު ހިސާބުތައްވެސް ކިލަނބުވެފައިވާ ކަމަށާއި، އެހެންކަމުން އެންމަސް އިހަށްވުރެ ފުނުގައި މެނުވީ ނޫޅޭ ކަމަށެވެ. ”މިއަހަރުވެސް ހަތަރު ބޯޓެއް މަހަށް ނުކުތުން ހުއްޓާލައިފި. އެތަނުން އެއް ބޯޓު މިހާރު މާލެ ދަތުރުކުރަނީ ސަޕްލައި،“ އޭނާ ކިޔައިދިނެވެ.
ގދ މަޑަވެއްޔަށް ނިސްބަތްވާ، އެވޯޑް ލިބިފައިވާ ”ކަމަނަ“ ބޯޓުގެ ކެޕްޓަނެއްކަމުގައިވާ ސަމްރަތު ޙަސަން ބުނަނީ މަސްވެރިކަން ދަށްވުމުގެ ސަބަބުތަކުގެ ތެރޭގައި ލޮނުގަނޑުގެ މަތީ ފަށަލައިގެ ހޫނުމިން މަތިވުމާއި، ދެމެހެއްޓެނިވިކަން ނެތްގޮތުގައި އެންވެރިކަން ކުރުމެވެ.
”އަޅުގަނޑަކީ ކަމާބެހޭ ބައިނަލްއަޤްވާމީ އަދި ބޭރުގެ ސެމިނަރތަކުގައި ބައިވެރިވާ މީހެއް. މަސްވެރިކަން ދަށްވާ ވާހަކަ އެތަންތަނުގައިވެސް އެންމެ ގަދަޔަށް ދެކެވެނީ. ޝްރީލަންކާ، އޮމާން އަދި ތައިލޭންޑުގައިވެސް ބޮޑުކަންނެލި އަދި ނޫއުރަހަ ކަންނެލީގެ މަސްވެރިކަން ދަނީ ދަށްވަމުން،“ އޭނާ މަޢުލޫމާތު ދިނެވެ.
”އެހެންވީމާ އިހުގައި ދިވެހިން ކުރިހެން ދޮށީގައި މަސްވެރިކަން ކުރުން ހުއްޓި، 40 އަކަށް މީޓަރު އަޑިއަށް ފައްތައިގެން އޮމާންގައިހެން މަސްވެރިކަން ކުރަން ފަށަން ޖެހިދާނެ ކަމަށް ލަފާކުރެވޭ،“ ކަމަށާއި ” ބޭ އޮފް ބެންގޯލްގެ ހުޅަނގުން އިންޑިޔާ ކަނޑުގައި އިންޑިޔާ، ޝްރީލަންކާ އަދި ތައިލެންޑުންވެސް ދާ ޖަހައިގެން މަސް ނަގާތީ ރާާއްޖޭގެ މަސްވެރިކަމަށް އަސަރުކުރާ“ ކަމަށް އޭނާ ފާހަގަކުރިއެވެ.
ސަމްރަތު ވިދާޅުވީ ލީޓޜަރެއްގެ ޑީސަލް 17 ރުފިޔާއަށް ހޯކްސް ޕްރައިވެޓް ލިމިޓެޑް އިން ހުވަދޫގައި ވިއްކަމުންދާތީ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ބޮޑުވުމުގެ އަަސަރު ހުވަދޫއަށް ނިސްބަތުން ކުރާ މިންވަރު ކުޑައެވެ. އެންމެ ގިނައިން ދިވެހިރާއްޖޭގައި މަސް ބާނަނީ ހުވަދޫ މަސްވެރިންނެވެ.
”ޖަޕާނު ކަހަލަ ޤައުމުތަކުގައި އެންވެރިކަން ޙިމާޔަތްކުރަން، އެން ތިލަވާ ސަރަޙައްދުތައް ފާހަގަކޮށް، ރައްކާތެރިކުރޭ. އެމަގުން އަހަރުމެންވެސް ފިޔަވަޅު އަޅަންޖެހޭ ކަން،“ ހާމަކޮށް، ސަމްރަތު ބުނީ ގަދަ އަލި ދޫކުރާ ލައިޓު ބޭނުންކޮށްގެން އެން ތިލަ ކުރުމަކީ 2000 ގެ އަހަރުތަކުގެ ކުރިން ފެށިގެން ޢާންމުކޮށް ކުރަމުން އަންނަ ކަމަށާއި، ދެ ހޮޅިބުރިން އަލިކޮށްގެން އެންތިލަކުރަން ފެށިގޮތަށް މާރކަރީ ބޮޑު ހަތަރު ލައިޓަށް ބަދަލުވެ، މިހާރު ކަނޑަށް ލައިޓު ފައްތައިގެންވެސް އެންނަގާ،“ ކަމަށެވެ.
މިއީ އެންވެރިކަމާއި، ފަރުތަކަށް ނުހަނު ގެއްލުން ލިއްބައިދޭ ކަމެއްކަމުގައި ސަމްރަތު ފާހަގަކޮށް، އޭނާ ގޮވައިލީ ދެމެހެއްޓެނިކަން އިސްކުރުމަށެވެ. ނުވަތަ ފުނުން މެނުވީ މަސް ބޭނުން ހުއްޓާލަން ޖެހި، ދިވެހިންގެ ޒަމާންވީ މަސްވެރިކަމުގެ ގޮތްފާޑު ނެތި ހިނގައިދާނެކަމަށް އޭނާ އިންޒާރު ކުރިއެވެ.
”ގދ ގައިވެސް މިހާރު ގިނަ މަސްބޯޓުގައި އުޅެނީ ބިދޭސީން. މަޑަވެލި ބޯޓުތަކުގައި އަދިވެސް ދިވެހިން އެބަ އުޅެ. އެކަމަކު މަހަކު މީހަކަށް 5000 ރުފިޔާވަރު މިޖެހެނީ ކިރިޔާ. ސަރުކާރުން އަނެއްކޮޅުން އެޔޮއް ވަޒީފާތައް ބަހަނީ،“ އޭނާ ބުންޏެވެ.
”ފެނަކަ“ ފަދަ ދައުލަތުގެ ވިޔަފާރި ކުންފުނިތަކަށް ސިޔާސީ ވަޒީފާގައި ގިނަ ބަޔަކު ދަނީ ޢައްޔަންކުރަމުންނެވެ. އެކަމުގެ ސަބަބުން މަސްވެރި އުޅަނދުތަކަށް ބޭނުންވާ ޢަދަދަަށް ދިވެހި ފަޅުވެރިން ލިބުން މުޅިންހެން ދަތިވެފައި ވެއެވެ. މިއީ މައްސަލައެއްގެ ގޮތުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ޖޫން މަހުގެ ތެރޭގައި ފާހަގަކުރައްވާފައި ވެއެވެ.
ނަމަވެސް އެމަނިކުފާނު މަސައްކަތް ކުރެއްވީ އެކަމުގެ ޒިންމާ ކުރީ ސަރުކާރުގެ ބޮލުގައި އެޅުއްވުމަށެވެ. ސަރުކާރު ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މަސައްކަތްތެރިންގެ އަދަދު 2018 ވަނަ އަހަރު ހުރީ 18،676 ގައެވެ. 2019 އާއި 2023 އާ ދެމެދު 36،729 - ދެގުނައަށް އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މަޖިލީހުގައި މިމަހުގެ ކުރީކޮޅު ވިދާޅުވެފައި ވެއެވެ.
ކަންމިހެން ހުރިއިރު މި ވެރިކަމުގައި ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި 4،938 މުވައްޒަފުން ވަނީ ސަރުކާރު ކުންފުނިތަކަށް ނަގާފައެވެ. ޑިސެމްބަރު މަހު މޯލްޑިވްސް އިންޑިޕެންޑެންޓާ ވާހަކަދެއްކި މަސްވެރިން ބުނެފައި ވަނީ 2024 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބާ ގުޅުވައި ވަޒީފާ ބެހި ބޮނޑީގައި ބޮޑުކަންނެލި ދޯނިތަކުގެ ފަޅުވެރިން ގިނަ ޢަދަދަކަށް ގެއްލިފައިވާ ކަމަށެވެ.
މަހަށް ނުކުތް އޮޑިދޯނިފަހަރުގެ ޢަދަދު:
މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ
ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ
އެއްފަހަރު ދެއްވާ
$
ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން
