ތިމާވެށި ފަނާކުރުމުގެ ޓައިމްލައިން 2020-2025 އަށް
ފަސް އަހަރުގެ ތެރޭގައި ކަވަރު ނުކުރެވި ހުރި ތިމާވެށީގެ ގެއްލުންތައް.

14 ގަޑިއިރު ކުރިން
ފާއިތުވި ފަސް އަހަރު ދުވަހު މިނޫސް މެދުކަނޑާލައިފައި އޮތްއިރު، ދިވެހިރާއްޖޭގެ އެކި ކަންކޮޅުގައި ހިންގާފައިވާ ތިމާވެއްޓަށް ގެއްލުން ހުރި، ފަނާކުރުވަނިވި ޢަމަލުތަކުގެ ޓައިމްލައިން ތިރީގައި އެވަނީއެވެ.
9 ފެބްރުއަރީ 2020
ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގެ ދަށުން ހދ. އަތޮޅުން (ތިލަދުންމަތީ އުތުރު ބުރި) ފެށިގެން ލ. އަތޮޅަށް (ހައްދުންމަތި) 26 ދުވަހުގެ ސައިންޓިފިކް ދަތުރެއް ސައިންސްވެރިން ކޮށްފައި ވެއެވެ. މި ދަތުރުގެ މަޤްޞަދަކީ މުރަކައިގެ ފަރުތަކާއި، މަސްމަހާމެއްސާއި ކަނޑުގެ ދިރުންތަކާއެކު، ކަނޑުގެ ލޮނުގަނޑުގެ ޙާލަތު ބަލައި، ވަޒަންކޮށް، ތަޙްލީލު ކުރުމެވެ. 20 އަތޮޅުގައި ހާހައެއްހާ ޑައިވް ކުރިއެވެ. ފަރުތަކުގެ އިންތަކާއި މިންތައް ނަގައި، އިމޭޖް ކޮށްފައިވެއެވެ. ޑީއެންއޭ އަދި ފެނުގެ ސާމްޕަލް ނަގާފައި ވެއެވެ. އަދި ކަނޑުގެ އަޑި ވީޑިއޯގެ ޒަރީއާއިން މޮނިޓަރކުރުމަށް އެން ހަރުކުރި އާލާތް ފައްތައިގެން ފުޓޭޖު ނަގާފައި ވެއެވެ.
12 ފެބްރުއަރީ 2020
ދިވެހިރާއްޖޭގެ ތިމާވެއްޓަށް ދިމާވެފައިވާ ހިރާސްތަކާއި ނުރައްކާތަކާމެދު ކަންބޮޑުވުން ފާޅުކުރަމުން، އަވަސް ފިޔަވަޅު އަޅަން ފަރުމާކޮށްފައިވާ "ކުއްލި ނުރައްކަލު މޫސުމީ ބިލު" ރައްުޔިތުންގެ މަޖިލީހުން ފާސްކުރިއެވެ. އިޔާދަކުރުވަނިވި ހަކަތައަށް އިންވެސްޓުކުރުމަށާއި، ގެދަބުޅި ބޭރުކުރާ މިންވަރު މަދުކުރުމަށާއި، ޕެރިސް އެގްރީމަންޓްގެ ރޫހާ ޚިލާފުވާ ޤައުމުތަކަށް ޕްރެޝަރކުރުމަށް ކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ގޮވާލަން މިޤާނޫނުން ބާރު އަޅައެވެ.
27 ފެބްރުއަރީ 2020
ހިންމަފުއްޓާއި ތުލުސްދޫގައި ނަރުދަމާގެ ޚިދުމަތް އޮޕަރޭޓިންގް ލައިސަންސްގައި ބަޔާންކުރާ މުހުލަތަށް ފޯރުކޮށްދޭން ފައްޓާފައި ނުވާތީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީއިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) 5,000 ރުފިޔާ އިން ޖޫރިމަނާ ކުރިއެވެ. ލަސްވީ މިނިސްޓްރީގެ "އިހުމާލު" ގެ ސަބަބުން ކަމަށް ސްޓެލްކޯއިން ބުނެއެވެ.
26 މޭ 2020
ނެދަރލޭންޑްގެ ބޮސްކާލިސް ކުންފުނިން 53 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއްގެ ދަށުން ގުޅިފަޅު ބިންހިއްކުމުގެ މަސައްކަތް ފެށިއެވެ. ބިންހިއްކުމުގެ މަސައްކަތުގެ ސަބަބުން ފޭދިގެންދިޔަ ކިސަޑާއި ވެލީގެ އަސަރު މާލެ ސިޓީގައި އޮތް ހަމައެކަނި ޤުދުރަތީ ގޮނޑުދޮށް ކަމަށްވާ ވިލިމާލެއަށް ކުރަމުން ދިޔައެވެ. ޑައިވަރުންނާއި ތިމާވެށީގެ ވަކާލާތު އުފުލާ ފަރާތްތަކުން މިކަމުގެ ކަންބޮޑުވުން ފައުޅުކުރަމުން ދިޔައެވެ.
30 މޭ 2020
ގުޅީފަޅު ބިންހިއްކުމުގެ މޮނިޓަރިންގްއާ ގުޅިގެން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް އަށް ސްޓޭޓް މިނިސްޓަރ ޑރ ޢަބްދުﷲ ނަޞީރުގެ އެންގެވި އެންގެވުންތަކަކަށް ތަބަޢަނުވެގެން، އިބްރާހިމް ނަޢީމަށް އިންޒާރު ކުރިއެވެ. ވުޒާރާގެ އެންމެ މަތީ ސިވިލް ސަރވަންޓް އަޖްވަދު މުޞްޠަފާ އިބްރާހިމް ނަޢީމަށް ފޮނުއްވި އިންޒާރުގެ ލިޔުމުގައިވަނީ ވެރިންގެ ޢަމުރަށް ނުކިޔަމަންތެރިވާނަމަ ނުވަތަ ފަރުވާލެއް ނުބަހައްޓަވާނަމަ ޑީމޯޓުކުރުން ނުވަތަ ސަސްޕެންޑުކުރުން ނުވަތަ މަޤާމުން ވަކިކުރުންފަދަ ފިޔަވަޅެއް އަޅާން ޖެހިދާނެ ކަމަށެވެ. އިބްރާހިމް ނަޢީމް ފަހުން ވިދާޅުވީ ބިންހިއްކާއިރު ފޭދިގެންދާ ވެއްޔާއި ކިސަޑުގެ މިންވަރު ހުރީ އެކަށީގެންވާ މިންގަނޑުގައި ކަމަށް، ޓެސްޓެއް ހެދުމެއް ނެތި ކަނޑައަޅާން ސްޓޭޓް މިނިސްޓަރ އެންގެވި ކަމަށެވެ.
31 މޭ 2020
ވިލިމާލެ ފަރުގެ ލޮނުގަނޑުގެ ކިލަނބުކަން ހުރީ ނޭކަށޭނަ މިންވަރަށްވުރެ ކުޑަކޮށްކަމަށް ކުރި ޓެސްޓުތަކުން އެނގިފައިވާކަމަށް ންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އިން ބުންޏެވެ. އަދި ލޮނުގަނޑު ކިލަނބުމެ ޣަރަމުވުމުގެ ސަބަބުން މަސްމަހާމެއްސާއި މުރަކައަށް ނޭދެވޭ އަސަރެއް ނުފޯރާ ކަމަށެވެ. އެ އޭޖެންސީއިން ވަޢުދުވީ ވައިގެ ތެރެއިން އެ ސަރަޙައްދު މިނީޓަރކުރަމުންދާނެ ކަމަށާއި، ޑޭޓާވެސް ހަމަކުރަމުންދާނެ ކަމަށެވެ.
6 ޖޫން 2020
ގުޅިފަޅު ބިންހިއްކުމުގެ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދި ތިމާވެށި ކޮންސަލްޓަންޓާއި، އެންވަޔަރަމަންޓް މިނިސްޓްރީ، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ - އީޕީއޭ އަދި ޕްލޭނިންގަ މިނިސްޓްރީގެ މަސްއޫލުވެރިންނާ ރައްޔިތުންގެ މަޖިލީހުގެ ކްލައިމެޓް ޗޭންޖް ކޮމިޓީން ސުވާލު ކުރިއެވެ. އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް ނަޢީމް ވިދާޅުވީ، ބިންހިއްކުމުން އުފެދި، ފޭދިގެންދާ ކިސަޑާއިވެލީގެ (ސެޑިމެންޓޭޝަންގެ) މިންވަރު ހުރީ އެ އޭޖެންސީއިން ކަނޑައަޅާފައިވާ މިންތަކަށް ވުރެ ދަށުގައި ކަމަށާއި، އިޔާދަނުކުރެވޭ ވަރުގެ ގެއްލުމެއް ވެފައިވާކަމަށް ކުރި ޓެސްޓުތަކުން ނުދައްކާ ކަމަށެވެ. އެހެންކަމުން ބިންހިއްކުން ހުއްޓުވާނެ ޙުއްޖަތެއް ނެތް ކަމަށް ނަޢީމް ވިދާޅުވިއެވެ. ޕްލޭނިންގް މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ، މާލޭ ބަނދަރު އެހެން ތަނަކަށް ބަދަލުކުރުމަށް މި ޕްރޮޖެކްޓް ކޮންމެހެން ހިންގާންޖެހޭ ކަމަށާއި، މިއީ ތިމާވެއްޓަށްކުރާ އަސަރު ބޮޑު؛ “ހައި އިމްޕެކްޓް” ޕްރޮޖެކްޓެއް ނަމަވެސް، އިޤްތިޞާދީ ކުރިއެރުމަށް މިއީ ކޮންމެހެން ހިންގުން ލާޒިމު މަޝްރޫޢެއް ކަމަށެވެ. އެންވަޔަރަމަންޓް މިނިސްޓަރ ޑރ ޙުސެއިން ރަޝީދު ޙަސަން ވަނީ އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް ނަޢީމްގެ މައްޗަށް ނުފޫޒު ފޯރުވާން އުޅެފައިވާކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި ނަޢީމަށް އިންޒާރުގެ ލިޔުން ދިނީ މިނިސްޓްރީގެ އެންމެ ސީނިއަރ ސިވިލް ސަރވަންޓް - ޕާމަނަންޓް ސެކްރެޓަރީ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
7 ޖޫން 2020
ހއ. ކެލާ، ހދ. ނޭކުރެންދޫ، އަދި ނ. ކެނދިކުޅުދޫ ހިމެނޭހެން އުތުރުގެ އެތައް ރަށެއްގެ ކަނޑޫފާތަކުގެ ބޮޑެތި ގަސްތައް ސަބަބެއް ނޭނގި މަރުވަމުން ދާކަމަށް ރިޕޯޓުތައް ޢާންމުވިއެވެ. ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ ހުރި ނޭކުރެންދޫ ކައުންސިލްގެ ރައީސް ޢަލީ އާދަމް ވިދާޅުވީ 10,000 އަށް ވުރެ ގިނަ ކަނޑޫ ގަސް މަރުވެ ގޮސްފައިވާ ކަމަށެވެ.
7 ޖުލައި 2020
ހއ. ކެލާ އަދި ހދ. ނޭކުރެންދޫގެ ކަނޑޫފަލުގެ ގަސްތައް މަރުވަމުން ދިއުމުގެ ސަބަބު ދެނެގަންނާން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އާއި އެގްރިކަލްޗަރު މިނިސްޓްރީއިން ތަހުގީޤު ފެށިއެވެ.
28 އޮކްޓޯބަރ 2020
އައްޑޫ ސިޓީ އަދި ފުވައްމުލަކުގެ ނޭޗަރ ޕާކްތައް ޔުނެސްކޯއިން އިން ބަޔޯސްފިއަރ ރިޒާވްތަކެއްގެ ގޮތުގައި ކަނޑައެޅިއެވެ.
22 ޑިސެމްބަރ 2020
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ބައެއް ޕްލާސްޓިކް މުދާ އިމްޕޯޓް ކުރުން މަނާކުރުމަށް، އިމްޕޯޓް އެކްސްޕޯޓް ޤާނޫނަށް ގެނައި އިޞްލާޙު ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ތަސްދީޤު ކުރެއްވިއެވެ. އެކި ދުވަސްވަރުވަރުން، އެކި މަރުޙަލާތަކުން މަނާކުރާނެ ކަމުގެ ނެރުމުގެ ބާރު ރައީސަށް ދިނެވެ.
3 ޖެނުއަރީ 2021
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން، “ލޮނު މަސް” ކަމަށް ލޭބަލްކޮށް 21 ފޮށިގަނޑުގައި އެކްސްޕޯޓު ކުރަން އުޅުނު 429 ކިލޯގްރާމް މިޔަރު އުރަކަ ކަސްޓަމްސް އިން އަތުލައިގަނެފިއެވެ.
11 ޖެނުއަރީ 2021
މިޔަރު އުރަހަ ނެގުމާއި، އެކްސްޕޯޓުގެ ހުއްދަ ދިނުމަށް ކުރީގެ ތިމަރަފުށި ދާއިރާގެ މަޖިލިސް މެމްބަރ މުޙައްމަދު މުޞްޠަފާ ސޯޝަލް މީޑިއާގައި ގޮވައިލުމާ ގުޅިގެން އިނގިރޭސިވިލާތުގައި ހިލޭސާބަހަށް ތިމާވެށީގެ ޙިމާޔަތުގައި މަސައްކަތްކުރާ “ޝާކް ގާޑިއަން” އިން އެކަމަށް ފާޑުކިޔުން އަމާޒުކުރިއެވެ.
12 ޖެނުއަރީ 2021
އޮޕަރޭޝަންތަކުގައި ފަޅަށް ކުނި އެޅުމާއި، އެކަން ތަކުރާރު ކުރުމުގެސަބަބުން، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އިން ވޭސްޓް މެނޭޖްމަންޓް ކޮމްޕެނީ (ވެމްކޯ) 1.1 މިލިއަން ރުފިޔާއިން ޖޫރިމަނާކުރިއެވެ.
18 ޖެނުއަރީ 2021
މޯލްޑިވްސް އެސޯސިއޭޝަން ފޯ ދަ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ މަސްއޫލުވެރިން ރައްޔިތުންގެ މަޖިލީހުގެ ކްލައިމެޓް ޗޭންޖް ކޮމިޓީގައި ވިދާޅުވީ ރިޒޯޓްތަކާއި ލިވްއެބޯޑް ތަކުން ކަނޑަށް ކުނި އުކާލުން މިހިނދުން މިހިނދަށް ހުއްޓާލުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ. މަޓީގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ނަޒީރު ވިދާޅުވީ ދެ ހަފްތާގެ ސަފާރީ ދަތުރެއްގައި އުފެދޭ ކުނި އުކާލަން ރަށަށް ދާން ސަފާރީ ބޯޓުތަކަށް މަޖުބޫރުކޮށްފިނަމަ ޚަރަދުތައް ދެކޮޅު ނުޖެހި، ބަނގުރޫޓު ވާނެ ކަމަށެވެ.
22 ޖެނުއަރީ 2021
ކ. ހިންމަފުށި ކައރީގައިވާ ފިނޮޅުގެ ފަޅުގައި، ގިލި ލަންކަންފުށި ރިޒޯޓުގެ މުވައްޒަފުންނާއި އޮފިޝަލުން ފަޅު ކޮނުނު މައްސަލައިގައި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އިން ތަޙްޤީޤު ފެއްޓިއެވެ.
4 ފެބްރުއަރީ 2021
61 ރަށެއްގައި ސޯލަރ ޕެނަލް ޤާއިމުކުރުމުގެ ޕްލޭން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އިޢުލާން ކުރެއްވިއެވެ.
12 ފެބްރުއަރީ 2021
1981 ގައި ހުޅުލޭ ފަރު ބޭރަށް ދިޔަވި “މޯލްޑިވްސް ވިކްޓަރީ” ހިމާޔަތްކުރާނެ ޕްލޭން ރައީސް އޮފީހުން އިޢުލާން ކުރިއެވެ.
23 މާޗް 2021
ޕެރަޓް، ބާޒު އަދި އައުލް ހިމެނޭހެން 104 ބާވަތެއްގެ ދޫނި، ތިމާވެށި ޤާނޫނުގެ ދަށުން ޙިމާޔަތްކުރެވި، ރައްކާތެރި ކުރެވިފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީއިން ކަނޑައެޅިއެވެ.
14 މޭ 2021
ހޯރަފުށި އެއަރޕޯޓުގެ ރަންވޭ ހިމެނޭހެން އުދައެރުމުގެ ސަބަބުން ލިބުނު ގެއްލުމާއެކު އޮޕަރޭޝަންތައް ހުއްޓާލަން ޖެހުނެވެ. ހދ. ކުޅުދުއްފުށި ސިޓީހެން އުތުރުގެ ގިނަ ރަށަކަށް އުދައެރުމުގެ އަސަރުތައް ކުރިމަތިވިއެވެ. އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އިން ފަހުން ބުނީ، އުދައިގެ ނުރައްކާ އެކުން ބޮޑުވެފައިވަނީ ބިންހިއްކި ގޮތުގެ ސަބަބުން ކަމަށެވެ.
22 މޭ 2021
ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވާ - އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އަކީ މުސްތަޤިއްލު އިދާރާއަކަށް ހަދާނެ ޕްލޭނެއް ސަރުކާރަށް ނެތް ކަމަށާއި، ސަރުކާރުގެ ޤަސްދަކީ އެ އޭޖެންސީ އަށް “އޮޕަރޭޝަނަލް” މުސްތަޤިއްލުކަން ދިނުމަށް ކަމަށާއި، އެ އިދާރާގެ ނިންމުންތަކަށް އިސްތިޢުނާފު ކުރުމުގެ އޮނިގަނޑެއް އެކުލަވަންވެސް ނިންމާފައިވާ ކަމަށެވެ. މޯލްޑިވްސް ޖަރނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހިންގި ޓްރެއިނިންގެއްގައި ރިޕޯޓަރަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ޝައުނާ ވިދާޅުވީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އަށް މުސްތަޤިއްލުކަން ދޭނެ ޤާނޫނީ އޮނިގަނޑާމެދު ރައީސް އޮފީހުގެ ޕޮލިސީ ޑިޕާޓްމަންޓުގައި މަސައްކަތް ކުރެއްވި އިރުވެސް ވިސްނުން ހިންގަވާ، މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި މިނިސްޓަރުކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު އެ އޭހެންސީގެ އިސް އޮފިޝަލުންނާވެސް އެކަމުގެ މަޝްވަރާ ހިންގެވި ކަމަށެވެ. އެހެންނަމަވެސް އެންމެ ބޮޑު ސަމާލުކަމަށް ދެއްވަނީ މިނިސްޓްރީގެ ނުފޫޒާއި ބާރުން ނެއްޓި، މުސްތަޤިއްލު އަދި ދެފުށް ފެންނަގޮތުގައި، ހެއްކާއި ޤަރީނާއަށް ބިނާވެގެން ނިންމުންތައް ނިންމާ ފަންނީ މުއައްސަސާއަކަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ ހެދުމަށް ކަމަށެވެ.
30 މޭ 2021
ކ. ހިންމަފުށި ކައިރީގައި އޮންނަ ފިނޮޅުގެ ފަޅު ކޮނުމުގެ ސަބަބުން ގިލިލަންކަންފުށި ރިޒޯޓު 562,980 ރުފިޔާއިން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އިން ޖޫރިމަނާ ކުރިއެވެ.
1 ޖޫން 2021
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން މަނާކުރުމުގެ ފުރަތަމަ ފިޔަވަހި ތަންފީޒުކުރާން ފެށިއެވެ. ޕްލާސްޓިކް ހޮޅި، ސުޕާރީ ޕެކެޓް، ޕްލާސްޓިކް ތަށި، އޫ، ސަމުސާ އަދި 30 ސެންޓިމީޓަރަށް ވުރެ ކުޑަ ޕްލާސްޓިކް ކޮތަޅު، 250 މިލިލީޓަރަށް ވުރެ ކުޑަ ޕްލާސްޓިކް ތަށި، ޕްލާސްޓިކް ކަފަބުރު، 500 މިލިލީޓަރަށް ވުރެ ކުޑަ ޕްލާސްޓިކް ފެން ފުޅި، އަދި ކުދި ޕްލާސްޓިކް ޝޭންޕޫއާއި ސައިބޯނި ފުޅި އިމްޕޯޓްކުރުން މަނާވިއެވެ. ފުޅިމަދު އަދި 500 މިލިލީޓަރަށް ވުރެ ކުޑަ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ސޮފްޓް ޑްރިންކްސް މަނާކުރުން 31 ޑިސެމްބަރ 2021 އަށް ލަސްކުރެވުނެވެ.
10 ޖޫން 2021
ކ. މާފުށި ފަޅުގައި ހިންގަމުންދާ ބިން ހިއްކުމާމެދު، އެރަށުގެ ފަޅުގައި ހިންގަމުންދާ ކޯމޯ ކޮކޯ އައިލެންޑް ރިޒޯޓު އޮޕަރޭޓްކުރާ އޯކިޑް ރިޒޯޓްސް އިން ހުށަހެޅި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމުގެ އިޙްތިޞާޞް ސިވިލް ކޯޓަށް ލިބިގެންނުވާ ކަމަށް އެކޯޓުން ނިންމި ނިންމުން ހައިކޯޓުން ބާޠިލުކުރިއެވެ.
24 ޖޫން 2021
މާލެއާއި ވިލިމާލެގައި ވޭސްޓް ޓްރާންސްފަރ ސްޓޭޝަނެއް ޑިޒައިންކޮށް އަދި ބިނާކުރުމުގެ މަސައްކަތް ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އެންޖިނިއަރިންގް ކޯޕަރޭޝަނަށް 11.7 މިލިޔަން ޑޮލަރުގެ ކޮންޓްރެކްޓެއް ޙަވާލުކުރިއެވެ.
27 ޖޫން 2021
2020 ގައި ނޭކުރެންދޫ، ވައިކަރަދޫ އަދި ކެލާ ހިމެނޭހެން އުތުރުގެ ރަށްތަކުގެ ކަނޑޫފާތައް މަރުވާން ފެށިކަމުގެ ރިޕޯޓްތަކަށް ފަހު، އަނެއްކާވެސް ހދ. ކޭލަކުނަށްވެސް މިމައްސަލަ ދިމާވުމުގެ ރިޕޯޓުތައް ޢާންމުވިއެވެ.
28 ޖޫން 2021
މޫދު ފެން އުފުލުމުން ރަށްތަކަށް ކިހިނެއް އަސަރުކުރާނެތޯ ދެނެގަން، ތިމާވެށި ވުޒާރާއިން ބޭރުގެ ޔުނިވަރސިޓީއެއްގެ އެއްބާރުލުމާއެކު ތަހުގީޤެއް ހިންގި.
31 ޖޫން 2021
2021 ޖެނުއަރީގައި މިޔަރު އުރަހަ ވަގަށް އެކްސްޕޯޓުކުރަން އުޅުނު ކޭހާ ގުޅުންހުރި މީހުންގެ މައްސަލައިގައި ދައުވާ އުފުލުން ލަސްވީ، މޯލްޑިވްސް ކަސްޓަމްސްއިން ތަހުގީޤު ނިންމުމުގައި ލަސްވުމުގެ ސަބަބުން ކަމަށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކުރިއެވެ. ކަސްޓަމްސް އިން ބުނީ، ތަހުގީޤު ލަސްވީ ކޮވިޑް-19 ގެ އެކަހެރިކުރުމުގެ (ކޮރަންޓީން) ފިޔަވަޅުތަކާއި، ސަރުކާރު އިދާރާތަކުން މަޢުލޫމާތު ހޯދުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ކަމަށެވެ.
19 އޮގަސްޓް 2021
ޕެނާމާއަށް ރަޖިސްޓަރ ކޮށްފައިވާ 600 ފޫޓްގެ ބަލްކް ކެރިއަރ ކާގޯ ބޯޓެއްކަމަށްވާ ’ނެވިއޮސް އެމަރިލިސް‘، މާލެ އަތޮޅު ރަސްފަރި ފަރަށް އުރުނެވެ.
2 ސެޕްޓެމްބަރ 2021
ގުޅީފަޅު ބިންހިއްކުމުގެ މަޝްރޫޢު ހުއްޓުވުމަށް ސޭވް މޯލްޑިވްސް ކެމްޕޭންގެ ވޮލަންޓިއަރ ހުމައިދާ ޢަބްދުލް ޣަފޫރު، ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ.
16 ސެޕްޓެމްބަރ 2021
ކަނޑަށް އެޅުނު ތެލުގެ އަސަރު ރަސްފަންނަށްވެސް ކުރުމާއެކު، އެ ބީޗް ޢާންމުންނަށް ބަންދު ކުރިއެވެ.
21 އޮކްޓޯބަރ 2021
ހިޖްރަކުރާ ދޫންޏެއްކަމަށްވާ ފްލެމިންގޯއެއް ހިފައި، 30,000 ރުފިޔާއަށް ވިއްކަން އިޢުލާން ކުރި މީހަކު އަތުލައިގަނެ، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އިން އެދޫންޏާ ޙަވާލުވިކަމަށް އެ އޭޖެންސީ އިން ހާމަކުރިއެވެ.
27 އޮކްޓޯބަރ 2021
ރަސްފަރި ފަރަށް އުރުނު ބަލްކް ކެރިއަރ ކާގޯ ބޯޓުގެ ވެރިފަރާތް 893 މިލިއަން ރުފިޔާއިން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އިން ޖޫރިމަނާ ކުރިއެވެ.
22 ނޮވެމްބަރ 2021
ރިޒޯޓުތަކަށް ކަނޑަށް ކުނި ދޫކުރެވޭ ގޮތަށް ހުއްދަދޭ ޤަވާއިދުތަކަށް ޓޫރިޒަމް މިނިސްޓްރީއިން އިސްލާޙު ގެނައެވެ.
12 ޖެނުއަރީ 2022
ކޮމަންޑޫ ބިންހިއްކުން ބައި-އިލެކްޝަންގެ ވޯޓުގެ ކުރިން ކޮންޓްރެކްޓް ކުރި؛ ށ. ކޮމަންޑޫ ފަޅުން 16.7 ހެކްޓަރގެ ބިން ހިއްކުމަށް ޕްލޭނިންގް މިނިސްޓްރީއިން ސަރުކާރު ކުންފުނި - މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ ޙަވާލުކުރިއެވެ.
1 ފެބްރުއަރީ 2022
އައްޑޫ ސިޓީ ހިތަދޫ، މަރަދޫ/މަރަދޫ ފޭދޫ، ހުޅުދޫ އަދި މީދޫގެ ބިމަށް 200 ހެކްޓަރ އިތުރުކުރާން ފެބްރުއަރީގައި ކޮންޓްރެކްޓަރެއް ހޯދާނެ ކަމަށް އެސިޓީގެ މޭޔަރ ޢަލީ ނިޒާރު އިޢުލާން ކުރެއްވިއެވެ.
27 ފެބްރުއަރީ 2022
މާލޭ ސިނަމާލޭ ބްރިޖް ދޮށުގައި އޮތް ކުޑަ ގޮނޑޮދޮށަކަށް ކިރިޔާ ފުދޭ ދޮންވެލިގަނޑަކަށް ވެލައެއް ބިސް އަޅާން އެރިއެވެ.
10 މާޗް 2022
އައްޑޫ ސިޓީ ލިންކް ރޯޑްގެ ދެފަރާތުގައި ހުންނަ “ރުއްފަށާ” ކިޔާ 55 ރުއް އައްޑޫ ސިޓީ ކައުންސިލުން ކަނޑާލިއެވެ. އެއީ ރުކުން ތަކެތި ފޭބުމުގެ ސަބަބުން އެކްސިޑެންޓްތައް ދިމާވާތީ ކަމަށް ކައުންސިލުން ހާމަކުރިއެވެ. އެރުށްތައް ކަނޑާލިކަމާމެދު ޢާންމުން ނުރުހުން ފައުޅުކުރިއެވެ.
15 މާޗް 2022
މާލޭގައި ސިނަމާލެ ބްރިޖް ދޮށަށް މަހެއްގެ ތެރޭ ދެވަނަ ފަހަރަށް، ވެލައެއް ބިސް އަޅާން އެރިއެވެ. ފުލުހުން އެ ސަރަހައްދު ބަންދުކުރިއެވެ. އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އިން ވެލައަށް ގޯނާ ނުކުރާން އެންގިއެވެ. އެވެލާ އެސަރަޙައްދަށް 96 ބިސް އެޅިއެވެ. އެ އޭޖެންސީ ބެލެހެއްޓުންތެރިކަމުގެ ދަށުން ޖެހިގެން އައި ދުވަހު އެބިސްތައް ފޯ ސީޒަންސް ކުޑަހުރާ ރިޒޯޓަށް ގެންދެވުނެވެ.
20 އޭޕްރީލް 2022
ސިކްސް ސެންސެސް ލާމު ރިޒޯޓުގެ މެރިން ބައޮލޮޖީ ޓީމަކުން، ލ. ކުނަހަންދޫ ކައިރީގައިވާ ފަޅު ރަށެއްގައި ނުފުށުން ޖެހިފައި ތިބި ވެލާކަހަނބުތަކެއް ސަލާމަތް ކުރިއެވެ.
26 ޖުލައި 2022
2015 ގައި ފުށިދިއްގަރު ފަޅުގެ ފަރަށް ބަނޑެއް އުރުނު މައްސަލައިގައި ވެރިކުންފުނި މެއިންލޭންޑް ޝިޕިންގްއިން ދައްކަން އަންގާފައިވާ 100 މިލިއަން ރުފިޔާގެ ޖޫރިމަނާ ނުދައްކާތީ، މެއިންލޭންޑް ޝިޕިންގްއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގައި އެދިފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީއިން ބުނެފިއެވެ.
7 އޮގަސްޓް 2022
އައްޑޫ ސިޓީ ހިތަދޫގެ ގޮނޑުދޮށުން، 8 ފޫޓުގެ ސީލްއެއް ފެނުނެވެ. ސީލް އޮތީ ގޮނޑުދޮށް ޙިމާޔަތްކުރަން ޖަހާފައިވާ ބޮޑުހިލަތަކުގެ މަތީގައެވެ.
15 އޮގަސްޓް 2022
2021 މެއި ގައި ވ. މާގުޅި ފަރަށް އުރުނު ބަނޑުގެ އޭޖެންޓު، މެއިންލޭންޑް ޝިޕިންގްއަށް، 100 މިލިއަން ރުފިޔާއިން ޖޫރިމަނާކުރިއެވެ.
16 އޮގަސްޓް 2022
ތިލަމާލެ ބްރިޖް ބިނާކުރުމުގެ މަސައްކަތުގައި ބޭނުންކުރަމުން ދިޔަ ޕްލެޓްފޯމެއް، ނަގިލި ކަނޑައިގެން ދިއުމުގެ ސަބަބުން ވިލިމާލެ ފަރަށް އުރުނެވެ. މި ޙާދިސާގައި ތިން މީހަކު ހިސާބަކަށް ޒަޚަމުވެގެން، ހޮސްޕިޓަލުގައި ފަރުވާ ދިނެވެ. އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އިން ބުނީ ފަރަށް ލިބުނު ގެއްލުން، ބަލައި ވަޒަންކުރާނެ ކަމަށެވެ.
26 ސެޕްޓެމްބަރ 2022
2017 އިން 2022 އަށް ތިމާވެށީގެ ގެއްލުންތަކާ ގުޅުވައި ކޮށްފައިވާ 203 މިލިއަން ރުފިޔާގެ ޖޫރިމަނާ ނުދައްކާ އޮތްކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އިން ޢާންމުކުރިއެވެ.
8 އޮކްޓޯބަރ 2022
ނެކްޓަން އާއި ދިވެހި ސަރުކާރު ގުޅިގެން ހިންގި ޑީޕް ސީ އެކްސްޕެޑިޝަންއަކުން، ރާއްޖޭގެ މުޅި ކަނޑުގެ ސަރަޙައްދު އެކީއެކަށް މެޕް ކުރިއެވެ. މި މިޝަންގައި މާލޭގެ ދެކުނު ފަރާތުން 300 ކިލޯމީޓަރ ގަނޑު ސާވޭކުރިއެވެ. ދެކުނުގެ މަސްވެރިންގެ ނުހަނު ގިނައިން ބޭނުންކުރާ ހުވަދޫ ކަނޑުގައިވާ ތިލަ - ސަތޯ ރަހާ ވެސް މެޕްކުރިއެވެ.
31 ޖެނުއަރީ 2023
ރުއްޖެހެރައިގައި ހުރި ރުށްތަކެއް ކަނޑައި، އެތަނުގައި ހިތެއްގެ ބައްޓަމަށް މަސްފެންގަނޑެއް އައްޑޫ ސިޓީ ކައުންސިލުން ކޮނެފައިވާތީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އިން އެކައުންސިލް 30 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރިއެވެ.
4 ފެބްރުއަރީ 2023
ބ. އަތޮޅުގެ ފަޅު ރަށެއްގައި ވެލާކަހަނބު ފަޅާފައިވާކަން އެނގިގެން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އިން ތަހުގީޤު ފެށިއެވެ.
18 އޭޕްރީލް 2023
ރީޓެއިލް ވިޔަފާރިތަކުގެ ކަސްޓަމަރުންނަށް ދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން 2 ރުފިޔާ ނަގާން ފެށިއެވެ.
30 ޖުލައި 2023
ބ. އަތޮޅުގެ ފަޅު ރަށެއްގައި ވެލާކަހަނބު ފެޅުމުގައި ބައިވެރިވިކަމަށް ބެލެވޭ 7 މީހަކު، ކޮންމެ މީހަކު 198,000 ރުފިޔާ އިން ޖޫރިމަނާކުރުމުން، ޖޫރިމަނާ ނުދައްކާ އޮތްކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އިން ހާމަކުރިއެވެ.
7 ސެޕްޓެމްބަރ 2023
ބ. އަތޮޅުގެ ފަޅު ރަށެއްގައި ވެލާކަހަނބު ފެޅުމުގައި ބައިވެރިވިކަމަށް ބެލެވޭ 7 މީހަކު، ކޮންމެ މީހަކަށް 198,000 ރުފިޔާއިން ކޮށްފައިވާ ޖޫރިމަނާގެ ޢަދަދު މީހަކަށް 33,000 ރުފިޔާއަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އިން ކުޑަކޮށްދިނެވެ.
11 އޮކްޓޯބަރ 2023
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން، ބ. އަތޮޅާއި ވ. އަތޮޅުގައި 12 އައު ސަރަޙައްދެއް ތިމާވެށީގެ ގޮތުން ރައްކާތެރިކޮށްފައިވާ ކަމަށް ކަނޑައެޅިއެވެ.
1 ޑިސެމްބަރ 2023
ކޮޕް28 ގައި ވާހަކަދައްކަމުން ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، އައު ސަރުކާރުގެ 5 އަހަރު ދުވަހުގެ މުއްދަތުގައި ދިވެހިރާއްޖެއަށް ބޭނުންވާ ހަކަތައިގެ 33 އިންސައްތަ އިޔާދަކުރުވަނިވި ވަޞީލަތްތަކުން ޖެނެރޭޓު ކުރުމަށް އަމާޒު ހިއްޕަވާ ކަމަށެވެ.
20 ޖެނުއަރީ 2024
ކުޅުދުއްފުށި ސިޓީގެ ފަރަށް އުރުނު ބަނޑެއް 6 މަސްދުވަހު ފަރުމަތީ އޮތްކަމާއި، ބަނޑުގައި ހުރި މުދަލާއި ސާމާނު އެއިން ބާލައިގެން ގެންގޮސްފައި ވީ ނަމަވެސް، ބަނޑު ނަގަން ދީފައިވާ ގިނަ މުހުލަތުތައް ފާއިތުވެފައިވާކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އިން ބުންޏެވެ.
14 ފެބްރުއަރީ 2024
ގުޅިީފަޅުގެ ބިންހިއްކުން ހުއްޓުވުމަށް ހުމައިދާ ޢަބްދުލް ޣަފޫރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ވަކިގޮތަކަށް ނިމޭންދެން، ގުޅީފަޅުގެ ބިންހިއްކުން ހުއްޓާލަން ހައިކޯޓުން ވަގުތީ ޢަމުރެއް ނެރުނެވެ.
15 ފެބްރުއަރީ 2024
ބިންހިއްކުމުގެ މަޝްރޫޢު ލަސްވާނަމަ ދައުލަތަށް މިލިއަނުން މާލީ ގެއްލުން ލިބޭނެ ކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި ބުނުމާއެކު، ގުޅީފަޅުގެ ބިން ހިއްކުން ހުއްޓުވާލަން ހައިކޯޓުން ކުރި ވަގުތީ ޢަމުރަށް ޢަމަލުކުރުން ފަސްކުރާން ސުޕްރީމް ކޯޓުން ޢަމުރުކުރިއެވެ.
2 މޭ 2024
ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން އުފުލި، ފަރުހުދުވުން ޢާންމުވެފައިވާތީ ބިން ހިއްކުއްމާއި، ފަޅު ފުންކުރުމުގެ ޕްރޮޖެކްޓްތައް ވަގުތީގޮތުން ހުއްޓާލުމަށް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްއިން ލަފާދިނެވެ.
9 މޭ 2024
ދިވެހިރާއްޖޭގައި ފަރު ހުދުވުމުގެ ނުރައްކަލުގެ އެލަރޓް ލެވެލް 1 ގައިވާކަމަށް ގްލޯބަލް ކޮރަލް ރީފް ވޮޗްއިން އިންޒާރު ދިނެވެ. އަދި ޖޫން 10 އާ ހަމައަށް ބިން ހިއްކިއްކުމާއި ފަޅުކޮނުމުގެ މަސައްކަތްތައް ވަގުތީގޮތުން ހުއްޓާލަން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އިން ޢަމުރުކުރިއެވެ.
15 މޭ 2024
ހައިކޯޓުގެ ވަގުތީ ޢަމުރު ސުޕްރީމް ކޯޓުން ބާޠިލުކުރިއެވެ.
15 އޮގަސްޓް 2024
ފިޝަރީޒް މިނިސްޓްރީއިން ލޭނުގެ މަސްވެރިކަން އަލުން ހުޅުވައި، އައު ޤަވާއިދުތަކެއް ޢާންމުކުރިއެވެ. މިކަމާމެދު ތިމާވެށީގެ ޙިމާޔަތުގެ ވަކާލާތު އުފުލާ ގްރޫޕްތަކާއި މަސްވެރިންގެ ޔޫނިއަންތަކުން ދެކޮޅުވެރިކަމާއި ނުރުހުން ފާޅުކުރިއެވެ
29 އޮގަސްޓް 2024
މިޔަރު ހިމެނޭހެން އަމާޒުނުކުރާ އެހެނިހެން ދިރުންތައްވެސް ބޭނުމުގެ ފުރުޞަތު ބޮޑު ލޭނުގެ މަސްވެރިކަމަށް އަލުން ހުޅުވައި، ހުއްދަކުރާން ނިންމި ނިންމުން އަނބުރާ ގެނައެވެ. އެފިޔަވަޅު އެޅީ ރީނދޫ އުރަހަ ކަންނެލި ޔޫނިއަންއާއި މަޝްވަރާކުރުމަށް ފަހުގައި ކަމަށް ސަރުކާރުން ބުންޏެވެ.
1 ޑިސެމްބަރ 2024
ތިމާވެއްޓަށް ދީފައިވާ ގެއްލުންތަކާ ގުޅުވައި ކޮށްފައިވާ ޖޫރިމަނާގެ ތެރެއިން 825 މިލިއަން ރުފިޔާގެ މިންވަރު ދައުލަށް ނުލިބިވާ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއިން ހާމަކުރިއެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ
ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ
އެއްފަހަރު ދެއްވާ
$
ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން

